ވަޒީރުންގެ މަޖިލީހުން ނިންމަވާ ކަންތައްތައް، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާ ގޮތަށް ހަމަޖައްސަވައިފިއެވެ. މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، މިއަދު ނެރުއްވި ދިވެހި ސަރުކާރުގެ ގެޒެޓްގައި، މި އޯގަސްޓް މަހުގެ 18 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން ނިންމެވި ކަންތައްތައްވަނީ ޝާއިޢު ކުރައްވާފައެވެ.
ވަޒީރުންގެ މަޖިލީހުގެ ޖަލްސާތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވާ ޚަބަރުގައިވާ ކަންތައްތަކުގެ އިތުރު މަޢްލޫމާތު ގެޒެޓްގައި ޝާއިޢު ކުރައްވާނެއެވެ. މިކަން މިގޮތަށް ހަމަޖެއްސެވުމުގެ އެންމެބޮޑު ބޭނުންފުޅަކީ، ވަޒީރުންގެ މަޖިލީހުން ނިންމަވާ ކަންތައްތައްވެސް ވީހާވެސް ބޮޑަކަށް ހާމަކުރައްވައި، ރައްޔިތުންނަށް އެކަންކަމުގެ މަޢްލޫމާތު ވީހާވެސް ފުޅާ ދާއިރާއެއްގައި ދެއްވުމެވެ.