ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ހދ. ހަނިމާދޫ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ސަރުކާރުން ހަނިމާދޫގައި ކުރިޔަށްގެންދާ މަޝްރޫޢުތަކާއެކު އެރަށަށް ތަރައްޤީގެ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނަކަން އެރަށުގެ ކައުންސިލުން ފާހަގަކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ މިއަދު ހެނދުނު، ހަނިމާދޫގައި ހުންނަ ބެއަރފޫޓް ހޮޓެލްގައެވެ.

މި ބައްދަލުކުރެއްވުމުގައި ހަނިމާދޫ ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް ކުރަމުންގެންދާ މުހިންމު މަސައްކަތްތަކާއި، ރައްޔިތުންނަށް އެންމެ ދަތިވެފައިވާ ކަންކަމާގުޅޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން، އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކައުންސިލުން ވަނީ ހަނިމާދޫގައި ތަރައްޤީކުރަން ހަމަޖެހިފައިވާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް އަވަސްކުރަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އަދި، އެއަރޕޯޓާ ގުޅިގެން އެކި ގޮތްގޮތުން ރަށަށް ލިބޭނެ ކުރިއެރުންތައް ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިހާރުވެސް ހަނިމާދޫގައި ކުރިޔަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކާއެކު އެރަށަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިފައިވާކަން ފާހަގަކުރައްވައި ކައުންސިލަރުން ވަނީ ބޯހިޔާވަހިކަމާއި ބޭހޭގޮތުނާއި، ޞިއްޙީ ޚިދުމަތާއި، މަގުހެދުމާއި، ދަތުރުފަތުރުގެ ދާއިރާ އަދި، ޔޫޓިލިޓީޒްގެ އިތުރުން ތަޢުލީމީ ދާއިރާއިންނާއި އިޖްތިމާޢީ ކުރިއެރުމުގެ ދާއިރާއިން އިތުރަށް ބޭނުންވާ ކަންކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އެރަށުގައި އަންހެނުންގެ ޚާއްޞަ ޑޮކްޓަރެއްގެ އިތުރުން ސްކޭންގެ ޚިދުމަތް ބޭނުންވާކަމަށާއި އަދި، އަންހެނުންނާއި ޒުވާނުންނަށް ވޮލީ ކޯޓެއް ހުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އެކޮމިޓީއިން ކުރިޔަށްގެންދާ މަސައްކަތްތަކާ ޕްރޮގްރާމްތަކުގެ މަޢުލޫމާތުވެސް އެ ކޮމިޓީއިން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ހަނިމާދޫގައި ތަރައްޤީކުރާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ޚާއްޞަކޮށް މުޅި ބޮޑު ތިލަދުންމަތީގެ ތަރައްޤީއަށާއި، ފަތުރުވެރިކަމުގެ ތަރައްޤީއަށް ވަރަށް މުހިންމު މަޝްރޫޢެއްކަން ފާހަގަކުރެއްވިއެވެ. އެ ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ކުރިޔަށްގެންދިއުމުގައި ކައުންސިލާއި އަދި ރައްޔިތުންގެ އެއްބާރުލުން ލިބިގެންދިއުމަކީ ވަރަށް މުހިންމުކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަ ކުރެއްވި ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭ ފަހުގެ މަޢޫލޫމާތުތައް ކައުންސިލަރުންނާއި ޙިއްޞާކުރައްވައި އެކަންކަމާ ގުޅޭގޮތުން ކައުންސިލަރުންނާ މަޝްވަރާކުރައްވާފައެވެ. އެގޮތުން ހައުސިންގެ މައްސަލަތަކަށް ޙައްލު ހޯދުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ހިމެނުމަށް ޕްލޭންކުރެވިފައިވާކަމާއި ޞިއްޙީ ދާއިރާއިން 30އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ޓެންޑަރ ކުރުމަށް މަސައްކަތް ކުރައްވާނެކަމަށާއި އަދި މި ނޫންވެސް ހަނިމާދޫގައި ސަރުކާރުން ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު ބައެއް ޕްރޮޖެކްޓްތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ހަނިމާދުއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ހދ. އަތޮޅުގެ 3 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފަހު މަންޒިލެވެ. މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލަކީ ކުޅުދުއްފުށި ސިޓީއެވެ. އަދި، އެއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވީ ހދ. ކުމުންދޫ އަށެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.