ފުލުހުންނަށް ބޭނުންވާ ވަޞީލަތަކާއި އެހީތެރިކަން ކުރިޔަށްވުރެ ރަނގަޅަށް ސަރުކާރުން ފޯރުކޮށްދެއްވާނެކަމަށާއި، ފުލުންގެ ޤާނޫނު ތަންފީޒުކުރުމުގައި ފަސްނުޖެހި ކުރިޔަށް ދިޔުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފުލުހުންނަށް އިލްތިމާސްކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސްކުރެއްވީ މިއަދު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައި ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ފުލުހުންގެ އައު ޤާނޫނާއެކު ލާމަރުކަޒުކޮށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށާއި އަދި، އެކަމަށް ބޭނުންވާ ވަޞީލަތްތައް ސަރުކާރުން ހަމަޖައްސަވައިދެއްވާނެކަމުގައި ވިދާޅުވެފައެވެ. އެގޮތުން މިހާރު ފުލުންގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން 61 ޕޮލިސް ސްޓޭޝަނެއް އިމާރާތްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މި ޕްރޮޖެކްޓްގެ ދަށުން ކުޅުދުއްފުށީ ރީޖަނަލް ޕޮލިސް ހެޑްކުރާޓަރޒްގެ އެކްސްޓެންޝަން އިމާރާތެއް ބިނާކުރުންވެސް ހިމެނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މުޖުތަމަޢަށް އެންމެ ބޮޑަށް ބޭނުންވަނީ ޤާނޫނުތައް ހިންގުންކަމަށާއި، އެކަމުގެ އެންމެ ބޮޑު ޒިންމާއެއް އޮތީ ފުލުހުންގެ އަތްމަތީގައި ކަމުގައި ވިދާޅުވިއެވެ. ހަމަ އެހެންމެ ފާއިތުވި 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ފުލުހުން ޚިދުމަތަށް ރަނގަޅު ބަދަލުތަކެއް ގެނެވި ޢާންމުން ފުލުހުންނަށް ކުރާ އިތުބާރު އިތުރުވެފައިވާކަން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ބައްދަކުރެއްވުމުގައި ޕޮލިސް ސްޓޭޝަނުގެ ފަރާތުން ވަނީ އެ ސްޓޭޝަނުގެ ޚިދުމަތް އިތުރަށް ފުޅާކޮށް ފުރިހަމަކުރުމަށް ބޭނުންވާ ކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ވަޞީލަތާއި ޢުމްރާނީގޮތުން ބޭނުންވާ ކަންކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފުލުހުންގެ މަސައްކަތްކުރިޔަށްގެންދިއުމުގައި ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުންވެސް ޕޮލިސް ސްޓޭޝަނުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ މަޢުލޫމާތު ހިއްސާ ކުރެއްވިއެވެ. އެގޮތުން ޚާއްޞަކޮށް ފުލުހުންގެ މަސައްކަތާއި ގުޅިފައިވާ އެހެން މުއައްސަސާތަކުންވެސް ފުލުހުންނާ ގުޅިގެން ބާރު ސްޕީޑުގައި ކަންކަން ކުރިޔަށް ގެންދެވޭނެގޮތަށް ކަންކަން އިންތިޒާމުވެފައި އޮތުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފުލުހުންގެ އައު ޤާނޫނުގެ ދަށުން ގެނެވޭ ބަދަލުތަކާއި އަދި މީހުން ބިނާކުރުންފަދަ ފުލުހުންގެ ޚިދުމަތުގެ ތަރައްޤީއަށް މިހާރު ކުރަމުންގެންދާ ބައެއް މަސައްކަތްތައް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ޕޮލިސް ސްޓޭޝަން ބައްލަވާލައްވާފައެވެ. އަދި އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޅުދުއްފުށި ސިޓީގެ ކުނި މެނޭޖުކުރާ ސަރަޙައްދަށް ޒިޔާރަތް ކުރައްވައި އެ ސަރަޙައްދު ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ކުޅުދުއްފުށްޓަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ހދ. އަތޮޅުގެ 3 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ. މި ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީގެ އިތުރުން ހދ. ކުމުންދޫ އަދި ހދ. ހަނިމާދޫއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.