ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުޅުދުއްފުށި ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަޙްމަދު، ކުޅުދުއްފުށި ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލް އޮފީހުގައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ކުޅުދުއްފުށި ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެބޭކަނބަލުންގެ ކަންބޮޑުވުންތަކާއި، ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ޙިއްޞާކުރައްވާފައެވެ. އެގޮތުން ކުޅުދުއްފުށީގެ ކަނބަލުން ތައްޔާރުކުރާ ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ފަސޭހަކަމާއެކު ވިއްކޭނެ މަގެއް ފަހިކޮށްދިނުމަށާއި، ކުޅިވަރުގެ ދާއިރާގައި އަންހެނުންނަށް ކުރިއަށް ދެވެން އޮތް ހަނި ދާއިރާ އިތުރަށް ފުޅާކޮށްދިނުމަށާއި، މަތީ ތަޢުލީމު ހާޞިލުކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް އެކަނބަލުން ވަނީ ފާހަގަކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކުޅުދުއްފުށި ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ފާހަގަކޮށްފައިވާ ކަންތައްތަކަށް އަލިމަގެއް ހޯދޭނެމަގުތައް ވިދާޅުވެދެއްވާފައެވެ. އެގޮތުން ލާމަރުކަޒީ ޤާނޫނުގެ ދަށުން ލިބިފައިވާ ބާރުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ވަކި ސިޔާސީ ކުލައަކަށް ބެލުމެއް ނެތި ރަށުގެ ހުރިހާ އަންހެނުންގެ ޚިޔާލުތައް އެއްކޮށް އެޔާއެއްގޮތް ވާގޮތުގެ މަތީން ޕްލޭންއެއް އެކުލަވާލައި އެ ޕްލޭންގައި ހުރިކަންކަން ހަޤީޤަތަކަށް ހެދުމަށް ވަކި ވަކި މުވައްސަސާތަކާއި ގުޅިގެން ކުރިއަށް ދިއުމަށް ބާރުއެޅުއްވެވިއެވެ. މީގެ އިތުރުންވެސް އަންހެނުން ބާރުވެރިކުރުވުމަށާއި އަންހެނުންގެ ޙިއްޞާ ރަށުގެ ކަންކަމުގައި ފުޅާކުރުމަށް ކުރެވެންހުރި މުހިންމު ކަންކަން އެކަމަނާ ވަނީ ކުޅުދުއްފުށި ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ޙިއްޞާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ކުޅުދުއްފުށްޓަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ހދ. އަތޮޅުގެ 3 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ. މި ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީގެ އިތުރުން ހދ. ކުމުންދޫ އަދި ހދ. ހަނިމާދޫއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.