ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު މިރޭ ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ސަރުކާރުން ކުޅުދުއްފުށީ ސިޓީގައި މިހާރު ކުރިޔަށްގެންދާ މަޝްރޫޢުތަކާއެކު އެ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމުގައި ސިޓީ ކައުންސިލުން ފާހަގަކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ އެންމެފަހުން ރައީސުލްޖުމްހޫރިއްޔާއާއެކު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ފާހަގަކުރެއްވި ގިނަ މައްސަލަތަކަށް ސަރުކާރުން މިހާރުވެސް ޙައްލު ހޯދައިދެއްވާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން، މަގުހެދުމުގެ މަޝްރޫޢު ކުރިޔަށްގެންދިޔުމުގައި ކައުންސިލުން އެދުނު ފަދައިން ކުރީގެ މަގުތަކާއި ގުޅުވާލެވޭގޮތަށް ބަދަލުކުރުމާއި، ޑީވޯޓަރިން ހިމެނޭގޮތް އެ މަޝްރޫޢު ސަރުކާރުން ހަމަޖައްސަވައިދެއްވާފައިވާކަން ސިޓީ ކައުންސިލުން ފާހަގަކުރެއްވިއެވެ.
އަދި، ސިޓީ ކައުންސިލުން ބޭނުންވާ ތަރައްޤީގެ އިތުރު ކަންކަމާ ގުޅޭގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައެވެ. އޭގެތެރޭގައި، ސިޓީ ކައުންސިލުން ވަނީ އައު ޓާޝަރީ ހޮސްޕިޓަލުގެ ޕްރޮޖެކްޓް އަވަހަށް ފެށުމާބެހޭގޮތުންނާއި، މިހާރު ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ ފަރާތްތަކަށް ޙައްލެއް ހޯދައިދިނުމާ ގުޅޭގޮތުންނާއި، އެއަރޕޯޓް ސަރަޙައްދުގެ އުތުރުން އޮންނަ ބިން ބޭނުންކުރެވޭގޮތް ހެދުމާއި ބެހޭގޮތުނާއި ޒުވާނުންނާއި އިޖްތިމާޢީ ތަރައްޤީއަށް ބޭނުނވާ މުހިންމު ގިނަ ކަންތައްތަަކަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން މި ބައްދަލުކުރެއްވުމުގައި ވަނީ އެ ކޮމެޓީގެ މެންބަރުންގެ ހުރި ކަންބޮޑުވުންތައް ވެސް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފާހަގަކުރެއްވި މަޝްރޫޢުތައް ކުރިޔަށްދާގޮތާ ބެހޭ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙައްލެއް ހޯދުމަށް ސަރުކާރުން ހިންގުމަށް ރާވަމުން އަންނަ ބޮޑު ހައުސިންގ ޕްރޮޖެކްޓްގެ ތެރެއިން ކުޅުދުއްފުށި ފަދަ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ރަށްތަކަށް އިސްކަންދެއްވާނެކަމަށާއި، އަދި ސިޓީ ކައުންސިލުން ހުށަހެޅުއްވި ކަންކަން ޙައްލުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކޮށް ދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.
ސިޓީ ކައުންސިލުގެ އިދާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގެ ޝަރަފުގައި ކުޅުދުއްފުށީ ސިޓީގެ ރައްޔިތުން ދެއްވި ރޭނގަޑުގެ ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ކުޅުދުއްފުށްޓަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ހދ. އަތޮޅުގެ 3 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ. މި ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީގެ އިތުރުން ހދ. ކުމުންދޫ އަދި ހދ. ހަނިމާދޫއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާ ދެކަނބަލުންގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.