ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުޅުދުއްފުށި ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަޙްމަދު ކުޅުދުއްފުށީ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރ (އެފް.ސީ.އެސް.ސީ) އަށް މިރޭ ޒިޔާރަތްކުރައްވައި، އެ މުއައްސަސާގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ. އެކަމަނާގެ އަރިހުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ ވަނީ މި ޒިޔާރަތުގައި ބައިވެރިވެވަޑައިގެންފައެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެ ސެންޓަރުގައި ތިބި ބައެއް ކުދިންނާއެކު ވަގުތު ހޭދަކުރައްވާފައެވެ. އަދި، އެކަމަނާ އެ ސެންޓަރުގެ ޙާލަތު ބައްލަވާލައްވައި އެ ސެންޓަރު ހިންގުމުގައި ދިމާވާ ދަތިތައް އޮޅުންފިލުއްވާފައިވެއެވެ. މިގޮތުން، ސެންޓަރުގެ އިސްވެރިންނާއި އެކު ބޭއްވުނު ބައްދަލުކުރެއްވުމުގައި ކަމާގުޅޭ ހުރިހާ މުއައްސަސާއަކުން ގުޅިގެން ލަނޑުދަނޑިތައް ހާސިލްކުރަން މަސައްކަތްކުރާނެ ގޮތްތަކާއި، ސެންޓަރު ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާއި، އެ ކަންކަން ޙައްލުކުރުމާ ބެހޭގޮތުން މި ބައްދަލުކުރެއްވުމުގައި ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެންމެން އެކީގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުންވެސް އެކަމަނާ ވަނީ އެތަނުގައި މަސައްކަތްކުރާ ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމަށް ކުރެވެންހުރި މަސައްކަތްތައް ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެތަނުގައި ދިރިއުޅޭ ކުއްޖަކާއެކު އެ ސެންޓަރުގައި ގަހެއް އިންދަވާދެއްވާފައެވެ.

ހދ. ކުޅުދުއްފުށީ ފެމެލީ އެންޑް ޗިލްރަންސް ސަރވިސް ސެންޓަރަކީ 2007 ވަނަ އަހަރު ކުރިއަށް ގެންދިޔަ މަޝްރޫޢުތަކުގެ ތެރެއިން، ލާމަރުކަޒީ އުޞޫލުން އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި ޔުނިސެފާއި، ސަރުކާރު ހިއްސާވާގޮތަށް ފެށި މަސައްކަތުން ހުޅުވާފައިވާ ސެންޓަރެކެވެ.

ހދ. އެފް.ސީ.އެސް.ސީ އިން ފޯރުކޮށްދޭ ޚިދުމަތްތަކު ތެރޭގައި ގެވެށި އަނިޔާ ލިބިފަިއވާ ފަރާތްތަކަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމާ، ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމާއި، ޢާާއިލާއާއި ރީއިންޓަގްރޭޓް ކުރެވެންދެން އެފަރާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ސެންޓަރުގައި ރައްކާތެރިކަން ހޯދާ ފަރާތްތަކުން އަނބުރާ މުޖުތަމަޢަށް ދާން ތައްޔާރުވުމުން، އެފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ކަންކަން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ކުޅުދުއްފުށްޓަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ހދ. އަތޮޅުގެ 3 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ. މި ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީގެ އިތުރުން ހދ. ކުމުންދޫ އަދި ހދ. ހަނިމާދޫއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާ ދެކަނބަލުންގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދައުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.