ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު އަލްއުސްތާޛު މުޙަންމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމުގެ ބިލަކީ، ވަރަށް މުހިންމު ބިލެއް ކަމަށާއި، މި ބިލުގެ މަސައްކަތް ސަރުކާރުން ވަރަށް ބާރަށް ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އަލްއުސްތާޛު މުޙަންމަދު ނަޝީދާ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކަމަށްޓަކައި އަލްއުސްތާޛު މުޙަންމަދު ނަޝީދަށް ޝުކުރު އަދާކުރައްވަމުން، މި ބިލުގައި ސަރުކާރުން މިހާރުވެސް ޢަމަލު ކުރައްވަމުން ގެންދަވާ މައިގަނޑު ނުކުތާތައް ހިމަނުއްވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މިބިލަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވުމަށް އެމް.ޑީ.ޕީ ޕާލަމެންޓްރީ ގްރޫޕްގައި އެދިވަޑައިގަންނަވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.