ރާއްޖޭގެ މުޖުތަމަޢުގައި ހުރި ނޭދެވޭ އާދަކާދަތައް ނައްތާލައި، މުޖުތަމަޢުގައި ހުރި ކަންތައްތައް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބަލައި، އިޖްތިމާޢީ ފޭރާން ރަނގަޅުކުރުމަށް ހިންގޭނެ ޕްރޮގްރާމްތަކާ ބެހޭގޮތުން ސޯޝަލް އެތިކްސް ކޮމިޓީއާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިއަދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ސްކޫލް ތެރޭގައި ކުދިންނަށް ޚާއްޞަކޮށްގެން ހިންގޭނެ ޕްރޮގްރާމްތަކާއި ސްކޫލުން ބޭރުގައި ހިންގޭނެ ޕްރޮގްރާމްތަކަކީ ކޮބައިތޯ ބަލައި، ޤައުމުގެ އިޖްތިމާޢީ ފޭރާން ރަނގަޅުކުރުމަށް އެންމެން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން އެއީ އެންމެންވެސް ޤަބޫލުކުރާނެ ޙަޤީޤަތެއްކަމުގައި ވިދާޅުވިއެވެ. އަދި، އެމަނިކުފާނުގެ ވާހަކަފުޅުގައި ސަރުކާރުގެ ހުރިހާ ދިމާލަކުންވެސް ޤައުމުގެ އިޖްތިމާޢީ ކަންކަން ރަނގަޅުކުރުމަށް އެއްބާރުލުންދީ މަސައްކަތްކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ އެދިލެއްވުމެއްކަމުގައި ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ބައިވެރިން މައިގަނޑުގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ ސްކޫލްތައް މެދުވެރިކޮށް، ކުދިންނަށާއި، ބެލެނިވެރިންނަށް އަމާޒުކޮށްގެން ރިވެތި އަދަބު އަޚްލާޤާއި، ހަމަތަކާއި އުޞޫލުތައް ކުދިންގައިގައި އަށަގެންނެވުމަށް ކުރެވިދާނެ ކަންކަމާއި ހިންގިދާނެ ޙަރަކާތްތަކާ މެދުގައެވެ.