ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ކުޅުދުއްފުށީ ސިޓީ ކައުންސިލާއެކު ބޭއްވެވި އޮންލައިން ބައްދަލުކުރެއްވުމުގައި، ސަރުކާރުން މިހާރު ތަޢާރަފުކޮށްފައިވާ ގެދޮރުވެރިޔާ ލޯނު ސްކީމުގެ ސަބަބުން ކުޅުދުއްފުށީ ސިޓީގެ ގެދޮރުވެރިކަމުގެ މައްސަލަތަކަށްވެސް ލުއިތަކެއް ލިބިގެންދާނެކަމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ މޭޔަރ މުޙައްމަދު އާޠިފް ވަނީ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރައްވައި ޚާއްޞަކޮށް މިހާރު ކުރިޔަށްގެންދާ ގެދޮރުވެރިޔާ ލޯނަކީ އޭގެ ސަބަބުން އެސިޓީއަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި މޭޔަރ ވަނީ އެސިޓީގައި ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެއް ހިންގުމުގެ މުހިންމުކަން ވެސް ފާހަގަކުރައްވާފައެވެ.

ކުޅުދުއްފުށީ ސިޓީގައި މީގެ ކުރިން މަސައްކަތް ހުއްޓިފައި ހުރި 105 ހައުސިންގ އެއްގެ މަސައްކަތް އަލުން މިސަރުކާރުން ފަށައިގެން މިހާރު ދަނީ ކުރިޔަށްގެންދަމުންނެވެ. މީގެ އިތުރުން ކުރިން ނުނިމި ހުރި 40 ހައުސިންގެ އެއްގެ ފިނިޝިންގެ މަސައްކަތްތައް މި ސަރުކާރުން ނިންމަވާ ކުޅުދުއްފުށީގެ ބޯހިޔާވަހިކަމަށް ލުއިކަމެއް ގެނެސްދީފައިވެއެވެ. މިއަދު ކުޅުދުއްފުށީ ސިޓީ ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން ހިންގަވަން ހަމަޖެހިފައިވާ 1.5 ބިލިޔަން ރުފިޔާގެ ހައުސިންގ މަޝްރޫޢުގެ ތެރެއިން ވެސް ކުޅުދުއްފުށި ސިޓީފަދަ ބޯހިޔާވަހިކަމަށް ބޮޑަށް ބޭނުން ޖެހިފައިވާ ރަށްތަކަށް އިސްކަން ދެއްވާނެކަމުގައި ވިދާޅުވެފައެވެ. ހަމަ އެހެންމެ ގެދޮރުވެރިޔާ ލޯނު ސްކީމަށް މިހާރު ކަނޑައަޅާފައިވާ ޢަދަދު އިތުރުކުރުމާއި މިހާރު އެންމެ ބޮޑުކޮށް ޕްރޮޖެކްޓަކަށް ދޫކުރާ ޢަދަދު 700,000 އަށްވުރެ އިތުރު ކުރެއްވުމަށް ވިސްނަވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ މޭޔަރ ވަނީ މިހާރުވެސް އެސިޓީގައި ގެދޮރުގެ ދަތިކަން ކުރިމަތިވެ 1200 އެއްހާ މީހުން ބޯހިޔާވަހަކަމަށް ބޭނުންވެފައި ތިބިކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގައި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އައު ޚިދުމަތްތައް ތަޢާރަފްކުރުމާއި ޚިދުމަތްތަކުގެ ފެންވަރުގެ މަތިކުރުމުގެ ގޮތުން މިހާރު ކުރިޔަށްދާ އެކްސްޕޭންޝަންގެ މަސައްކަތްތަކާއެކު ޞިއްޙީ ދާއިރާއަށް އަންނަމުންދާ ހެޔޮ ބަދަލުތައް ސިޓީ ކައުންސިލުން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތާބެހޭ ގޮތުންވެސް ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޅުދުއްފުށީ ޓާޝަރީ ހޮސްޕިޓަލުގެ ޕްރޮޖެކްޓާ ގުޅޭ ފަހުގެ މައުލޫމާތުތައް ޙިއްޞާކުރައްވާފައެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އެކްސްޕޭންޝަންގެ ގިނަ ޕްރޮޖެކްޓްތަކެއް މިހާރު ކުރިޔަށްދާއިރު ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް މިހާރު އޮތީ ޓެންޑަރ އަށް ހުޅުވާލުމުގެ މަރުޙަލާގައެވެ.

މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ވަނީ އެ ސިޓީގެ މަގުތައް ހެދުމުގެ މަސައްކަތްތައް ކުރިޔަށްދާތީ އެކަން ފާހަގަ ކުރައްވާފައެވެ. އަދި މަގުހެދުމުގެ ޕްރޮޖެކްޓްގެ ތެރޭގައި ފަޔަރ ހައިޑްރަންޓް އަދި ޑީވޯޓަރިން ހިމަނައިދިނުމަށާއި ބައެއް މަގުތައް ގުޅުވާލުމަށް ސިޓީ ކައުންސިލުން އެދުނެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ސިޓީ ކައުންސިލުން އެދޭ ބަދަލުތައް ގެންނެވުމަށް ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރައްވާނެކަމުގައި ވިދާޅުވެފައެވެ. ސަރުކާރުން މިހާރު މަގުހެދުމުގެ މަޝްރޫޢުތައް ކުރިޔަށްގެންދަވަނީ މަގުތަކަށް އަވަސްއަވަހަށް ބަދަލު ގެންނަން ނުޖެހޭގޮތަށް ޑްރެއިނޭޖް ސިސްޓަމާއި އެނޫންވެސް މަގާ ގުޅިފައިވާ ކަންކަން ހިމެނޭގޮތަށެވެ.

މި ކަންކަމުގެ އިތުރުންވެސް ސިޓީ ކައުންސިލުން ވަނީ އެސިޓީގައި ގިނަދުވަސްވެ ޖަމާވެފައިވާ ކުނިފުނިތައް ސަރުކާރުގެ އެހީތެރިކަމާއެކު ނަގައި ކުނީގެ މައްސަލައަށް މިހާރު ހެޔޮ ބަދަލެއް ގެނެވިފައިވާތީ އެކަން ފާހަގަކުރައްވާފައެވެ. އަދި ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި އިންތިޒާމެއް ހަމަޖެއްސުމާ ބެހޭގޮތުންނާއި ސިޓީ ކައުންސިލަށް ބޭނުންވާވަރަށް މުވައްޒަފުން ނެތުމުގެ މައްސަލައާއި އަދި އެއާޕޯޓު ހިމެނޭ ސަރަޙައްދުގެ ސީވޯލްގެ މަސައްކަތާ، ލައިޓް ހަރުކުރުމާއި އަދިވެސް އެއާޕޯޓާއި ގުޅިގެން ބޭނުންވާ ބައެއް އިންތިޒާމުތައް ހަމަޖެއްސުމާއި އަދި ކުޅުދުއްފުށީ ޕޯޓަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިކަންކަމުގެ އެންމެފަހުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. އެގޮތުން ސިޓީ ކައުންސިލަށް މުވައްޒަފުންގެ ދަތިކަމަށް އަވަސް ޙައްލެއް ގެނެސްދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި ޚާއްޞަގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުތަކަށް ލާމަރުކަޒީ ޤާނޫނުން ގިނަ ބާރުތަކެއް ލިބި، ބައެއް ޕްރޮޖެކްޓްތައް ވެސް ކައުންސިލުތަކުން އަމިއްލައަށް ހިންގޭގޮތަށް އޮތްނަމަވެސް ކައުންސިލުތަކުން ބޭނުންވާ އެހީތެރިކަން ދިނުމަށް މައި ސަރުކާރުގެ އިދާރާތަކުން އަބަދުވެސް ތައްޔާރަށް އޮންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ޚާއްޞަ ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ކައުންސިލުތަކަށް ދިނުމުގައި ދެމި އޮންނާނެކަމަށާއި ބޭނުންވަނީ މުޅި ނިޒާމު ކާމިޔާބުކަމާއެކު ހިނގައި ކުރިޔަށްދިއުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.