ރައްޔިތުންނަށް ޚިދްމަތްކޮށްދޭ، ރަނގަޅަށް މަސައްކަތްކުރާ، ރަނގަޅަށް މުސާރަ ދެވިފައި ތިބި ޤާބިލު، ކަމަށް އެކަށީގެންވާ، އަށާރަހާސް މުވައްޒަފުން ތިބެގެން، ދިވެހި ސަރުކާރު ކިތަންމެ ފުރިހަމައަކަށްވެސް ހިންގެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި، މިއަދު ހެނދުނު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިއޯ ޚިޠާބުގައެވެ.

ރާއްޖެ، އަންނަން އޮތް ޖީލުތަކަށް އަދި މުސްތަޤްބަލުގެ ދަރިންނަށް ހެޔޮގޮތުގައި ރައްދުކޮށްދިނުމަށްޓަކައި ބަދަލުގެންނަން ޖެހިފައި މިވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް އެކަންޏެއް ނޫން ކަމަށާއި، ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ސިޔާސަތަށްވެސް ބޮޑެތި ބަދަލުތަކެއް ގެނައުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ”އަޅުގަނޑުމެން ގޭތެރޭގައިވެސް އަދި އަޅުގަނޑުމެންގެ ޢާއިލާގެތެރޭގައިވެސް ހަމަ ފައިސާގެ ކަންތަކަށް ބަލަންޖެހޭގޮތަށް ދައުލަތުގެ ކަންކަންވެސް ބެލީމާ، މި އިޤްތިޞާދީ ކަންކަން ރަނގަޅުވެގެންދާނެ ކަމަށް އިންސާނީ ތަޖުރިބާ މިވަނީ ދައްކާފައި.“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

2011 ވަނަ އަހަރުގެ ތެރެއަށްދާއިރަށް ސަރުކާރު މުވައްޒަފުންގެ ޢަދަދު، އަށާރަހާހަށް ތިރިކުރެވޭނެ ކަމަށް ސަރުކާރުން ދެކެވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިޠާބުގައި ވިދާޅުވިއެވެ. އަދި ސަރުކާރުން މީހުން ދޫކޮށްލައްވާއިރު، ސަރުކާރުގެ ތެރޭގައި ހުރި ވިޔަފާރީގެ އުޞޫލުން ހިނގާ ކަންކަން ފާހަގަކޮށް، އެކަންކަން ވިޔަފާރީގެ އުޞޫލުން ހިންގުމަށް ދޫކޮށްލެއްވިދާނެ ކަމަށާއި، ނުވަތަ ކޯޕަރަޓައިޒް ކުރެއްވިދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި އުޞޫލުން ސަރުކާރުގެ މިހާރުގެ މުސާރައިގެ އޮނިގަނޑުގެ ތެރެއިން ބޭރަށް ސަރުކާރުގެ ދިހަވަރަކަށްހާސް މުވައްޒަފުން ގެންދެވިދާނެ ކަމަށް ފެނިވަޑައިގަންނަވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި ސަރުކާރުން ދޫކޮށްލައްވަންޖެހޭ މުވައްޒަފުން ދޫކޮށްލައްވާއިރު، ސިވިލް ސަރވިސް ކޮމިޝަނާ ވާހަކަ ދައްކަވައިގެން، ކޮންމެ މުވައްޒަފަކަށްވެސް ގަނޑުކޮށް ފައިސާ ދެއްވާ ގޮތަށް ހަމަޖެއްސެވުމަށް ސަރުކާރުން ވަރަށް ބޮޑަށް ވިސްނާވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިޠާބުގައި، ދިވެހިންނަށް ވަޒީފާގެ ފުރްޞަތުތައް ފަހިކުރުމަށްޓަކައި، ބައެއް ބައެއް ގިންތީގައި މަސައްކަތްކުރާ ބޭރު މީހުންގެ މަސައްކަތުގެ އަގު، ދިވެހިންގެ އަގާ އެއްހަމައަށް ގެންނަން އެބަޖެހޭ ކަމަށާއި، އެކަން ކުރުމަށްޓަކައި ވަރކް ޕަރމިޓް ފީއެއް ނަގައި، ބައެއް ބާވަތުގެ މަސައްކަތްތައް ބޭރު މީހުން ރާއްޖޭގައި ކުރުމުގެ އަގު، ބޮޑުކުރެއްވުން އެއީ، ސަރުކާރުގެ ސިޔާސަތެއް ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުން ދޫކޮށްލެވޭ ބައެއް މުވައްޒަފުން، އެހެން ވަޒީފާއަކަށް ދިއުމަށްޓަކައި ތަމްރީނުތައް ބޭނުންވާނެ ކަމަށާއި، އެފަދަ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުދީ، އެހެން ވަޒީފާތަކަށް އަހުލުވެރިކުރުވުމުގެ އިންތިޒާމް ސަރުކާރުން ހަމަޖައްސަވައި ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ސަރުކާރުގެ ނިޔަތަކީ އެއްވެސް ހާލެއްގައި އެއްވެސް ބޭފުޅަކަށް ދެރައެއް ދިނުމެއް ނޫނެވެ. ދެރަގޮތެއް މެދުވެރިވާފަދަ ކަމެއް މެދުވެރިކުރުވުމެއްވެސް ނޫނެވެ. ސަރުކާރުގެ ބޭނުމަކީ، ރާއްޖޭގައި ރަނގަޅު އިޤްތިޞާދެއް ހިންގައި، އަޅުގަނޑުމެންނަށް ތަރައްޤީގެ މަގުގައި ބާރަށް ކުރިއަށް ދެވޭނެ އެންމެހާ ގޮތްގޮތް ހޯދުމެވެ.

ތަރައްޤީއަށް ފައިސާދޭ އެކިއެކި ބޭންކްތަކުން ލޯނު ހޯދުމުގެ ފުރްޞަތު މިއަދު އަޅުގަނޑުމެންނަށް އޮތީ ފަހިވެ ފުޅާވެފައިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވަމުން، އައި.އެމް.އެފް އާއި، ވަރލްޑް ބޭންކާއި މިބާވަތުގެ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ދިވެހިރާއްޖޭގެ އިޤްތިޞާދާ ގުޅޭގޮތުން ދެކޭ މަންޒަރު މިހާރު މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައި ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ދިވެހި ސަރުކާރަށް މިވަގުތުން މިވަގުތަށް އެހީތެރިވެދެއްވުމަށް 60 މިލިއަން ޑޮލަރުގެ ލޯނު ދެއްވާނެ ކަމަށް އައި.އެމް.އެފް އިން މިހާރު އިޢްލާނު ކުރައްވާފައިވާކަން ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިއޯ ޚިޠާބުގައި، ދިވެހިރާއްޖޭގެ އިސްތިޤްލާލާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި، ދިވެހިރާއްޖޭގެ ސަރަޙައްދުގެ ބާރުވެރިކަން، ދިވެހި ވެރިކަމަށް ނޯންނަފަދަ ޢަމަލެއް ސަރުކާރުން ހިންގަވާފާނެ ކަމަށް ދެކެވެމުންދިޔަ ވާހަކަތަކުގެ މައްޗަށް ބައްލަވާލައްވައި، އެއީ ހުސް ދޮގު ކަމުގައި ވިދާޅުވިއެވެ. އަދި އަޅުގަނޑުމެންގެ މިނިވަންކަމަކަށް އިރާދަކުރެއްވިއްޔާ ކުޑަވެސް ގުޑުމެއް، ކުޑަވެސް ލޮޅުމެއް ނާރާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.