ހުޅުމާލޭގައި ކޮވިޑް-19 ގެ ބަލިމީހުންނަށް ޚާއްޞަކޮށްގެން މިހާރު ތައްޔާރުކުރަމުންދާ މެޑިކަލް ފެސިލިޓީ އިމާރާތަށް، ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ޒިޔާރާތްކުރައްވާ އެތަނުގެ ހާލަތު ބައްލަވާލައްވައިފިއެވެ. މި އިމާރާތަކީ މީގެކުރިން ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރަމުންއައި އިމާރާތެކެވެ.

ރައީސުލްޖުމްހޫރިއްޔާ މި އިމާރާތަށް ޒިޔާރަތް ކުރެއްވުމާ ގުޅިގެން، އެމަނިކުފާނަށް މި އިމާރާތާއި ގުޅޭ މަޢުލޫމާތު ދެއްވުމަށް، ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދު އާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާޠިފް ބައިވެރިވެވަޑައިގެންފައިވެއެވެ. . އަދި މީގެ އިތުރުން ޕްލޭނިންގ މިނިސްޓްރީގެ އިސްވެރިންވެސް ވަނީ މި އިމާރާތާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ބައެއް މައުލޫމާތު ދެއްވައިފައެވެ.