بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ހާޒިރުވެވަޑައިގެން ތިއްބެވި ހުރިހާ ނޫސްވެރިންނަށް މަރުޙަބާ ދަންނަވަން. އަދި ރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ.

އަޅުގަނޑުމެން މިއަދުގެ ޕްރެސް ފަށާއިރުގައި ދަންނަވާލަން ބޭނުންވާ ފުރަތަމަ ވާހަކައަކީ، މިވޭތުވެދިޔަ މޭ މަހަކީ މި ކޯވިޑުގައި އަޅުގަނޑުމެން ހޭދަކުރި އެންމެ އުނދަގޫ، އެންމެދަތި މަސް ކަމުގައި.

ވޭތުވެދިޔަ މޭ މަހު އެކަނި 34,561 ފަރާތެއް ކޯވިޑަށް ޕޮޒިޓިވް ވެފައިވޭ. އަދި 88 ފަރާތެއް އަޅުގަނޑުމެންނާ، މި ދުނިޔެއާ ވަކިވެގެން ގޮސްފައިވޭ. ފުރަތަމަވެސް، އަޅުގަނޑުމެންނާ މި ބަލީގައި ވަކިވެގެން ގޮސްފައިވާ ހުރިހާ ފަރާތްތަކެއްގެ ފުރާނަޔަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި ދުޢާކުރަމުން، އަދި ޢާއިލާތަކަށް ކެތްތެރިކަމަށް އެދި ދުޢާކުރަން.

މި ބަލި ވަރަށް ބޮޑަށް ފެތުރުމާ އެކުގައި، މި ދިޔަ މޭ މަހުގެ 26 ވަނަ ދުވަހު ވަނީ އިތުރު ފިޔަވަޅުތަކެއް ދެ ހަފްތާއަށް އަޅާފައި. އެ އެޅި ފިޔަވަޅުތަކާ އެކުގައި ރައްޔިތުން އެއަށް ޢަމަލުކުރައްވަމުން ގެންދެވި ގޮތުގެ ސަބަބުން މިހާރު މިވަނީ ބަލި ފެތުރޭ މިންވަރު ކޮންމެވެސްވަރަކަށް ދަށަށްދާން ފަށާފައި. މި ފުރުޞަތުގައިވެސް އަޅުގަނޑު ގަބޫލުކުރަން، އެ އެޅި ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކަކާއި ތަކުލީފުތަކެއް އުފުލަން ޖެހުނުކަން. އެހެންނަމަވެސް، ރައްޔިތުންގެ އެއްބާރުލުން މިކަމުގައި ވަރަށް ރަނގަޅަށް ލިބިފައިވާކަން އަޅުގަނޑު މި ފުރުޞަތުގައި ފާހަގަކުރަން.

އަދިވެސް ނިއު ނޯމަލްއަކަށް ދިޔުމަށްޓަކައި ޕޮޒިޓިވްވާ ޢަދަދު ދަށްކުރަންޖެހޭ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ. ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ލަފަޔާ އެކުގައި، އެހެންކަމުން، އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ، އަދިވެސް އަޅާފައި މިވާ ފިޔަވަޅުތައް އިތުރުކުރަންޖެހޭ ކަމަށް. އަދި ނިއު ނޯމަލްއަކަށް ދިޔުމަށްޓަކައި މަދުވެގެން ދެ ހަފްތާވަރު ބޭނުންވާ ކަމުގައި. އެހެންކަމުން، މިހާރު އަޅާފައި މިވާ ފިޔަވަޅުތައް، ދެ ހަފްތާ ނިމުމުން، އިތުރު އެއް ހަފްތާއަށް އަޅުގަނޑުމެން މިހާރު ރެސްޓްރިކްޝަންތަކަކާ އެކީގައި އިތުރުކުރާނަން. އެއަށްފަހުގައި ބެލުމަށްފަހު އެއްވެސް ލުޔެއް ދެވެން އޮތް ކަމަށްވަންޏާ، އެ ލުޔެއް ދިނުމާ އެކީގައި އަދިވެސް އެއް ހަފްތާއަށް ކުރިއަށް ގެންދާނަން.

ޕޮޒިޓިވްވާ ފަރާތްތައް، ނޫނީވިއްޔާ މި ބަލި ފެތުރޭ މިންވަރު ދަށްވަމުންދާ ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވިފައިވާތީ، މީގެ ތަފްޞީލެއް ޑޮކްޓަރ ނަޒްލާ، އަޅުގަނޑަށްފަހުގައި އިތުރަށް ތިޔަބޭފުޅުންނަށް ވިދާޅުވާނެ. މިއީ ޙަޤީޤަތުގައި އަންނަ ބަދަލެއްތޯ، ނޫނީވިއްޔާ މީގައި އަޅުގަނޑުމެން ބަލަންޖެހޭ، ވިސްނަންޖެހޭ އިތުރު ކަމެއް އޮތްތޯ.

މީގެއިތުރުން، އަޅުގަނޑު ފާހަގަކޮށްލާނަން. މިވޭތުވެދިޔަ ހަފްތާގައި، މި މަހުގެ ދެވަނަ ދުވަހު މިވަނީ ވަރަށް ހިތާމަވެރި ހާދިސާއެއް ހިނގާފައި. ޢުމުރުން 10 އަހަރުގެ ފާޠިމަތު މިޝްކާ މުޙައްމަދު މިވަނީ މި ބަލީގައި އަޅުގަނޑުމެންނާ ވަކިވެގެން ގޮސްފައި. މި ހާދިސާ ހިނގުމާ އެކީގައި، ހެލްތު މިނިސްޓްރީގެ ފަރާތުން މިކަމުގައި ވަނީ އިންކުއަރީއެއް ހިންގާފައި. އެއްވެސް ފަރާތަކުން މިކަމަށް ފަރުވާކުޑަކުރެވި، އިހުމާލުވެފައިވޭތޯ ބެލުމުގެ މަސައްކަތް ކުރެވުނު.

ފާހަގަކުރެވުނީ މިކަމުގައި ރަނގަޅު ކުރަންޖެހޭ، ބަދަލުކުރަންޖެހޭ ކަންތައްތަކެއް ހުރިކަމަށް. އެހެންކަމުން، އެ އިންކުއަރީގެ އަލީގައި ގެންނަންޖެހޭ ބަދަލުތައް ހެލްތު މިނިސްޓްރީން މިހާރު ގެންނަމުން އެބަދޭ.

އާދެ، މި ގެނެވޭ ބަދަލުތަކުގެ ތެރޭގައި، މާލޭގައި 24 ގަޑިއިރަށް މިހާރުވަނީ ވަގުތުން ހުރިހާ ފަރާތަކަށް، މި ބަލީގައި ފަރުވާ ބޭނުންވާ ފަރާތްތަކަށް އޯ.ޕީ.ޑީ 24 ގަޑިއިރަށް ހުޅުވިފައި. އަދި އޭގެއިތުރުން، ކޯވިޑް އިމަރޖެންސީ ޙާލަތްތަކަށް ޚާއްޞަ ކުރެވިގެން، އިމަރޖެންސީ މެޑިކަލް ސަރވިސްއެއް ޤާއިމުކުރުމުގެ މަސައްކަތް އެބަ ކުރިއަށްގެންދޭ. އެއީ ޕެރަމެޑިކްސްއާ އެކީގައި، ގާތްގަނޑަކަށް ހަތް އެމްބިއުލެންސް އަބަދުވެސް ދާއިމީ ގޮތެއްގައި މިކަމުގައި ބޭއްވުމަށް މަސައްކަތް ކުރަމުން އެބަގެންދޭ.

އަޅުގަނޑުމެން މިކަމުގައި ބޭނުންކުރާ، މި ބަލީގައި ބޭނުންކުރާ އެއް ފެސިލިޓީއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ދޭ ޚިދުމަތްތައް ރަނގަޅު ކުރުމަށްޓަކައިވެސް ވަރަށްގިނަ މަސައްކަތްތަކެއް، މި ވޭތުވެދިޔަ ދެތިން ހަފްތާގެ ތެރޭގައި ވަނީ ކުރެވިފައި. އޭގެ ރަނގަޅު ނަތީޖާވެސް އިރާދަކުރެއްވިއްޔާ ފެންނަމުން އެބަދޭ.

މިހާރު އެތަނުގައި ނަރުހުންގެ ގޮތުގައި 204 ފަރާތެއް މަސައްކަތް ކުރަމުން ގެންދާނެ. އެއީ 129 ނަރުހުންނާއި، ދަރިވަރުންގެ ގޮތުގައި، ނަރުސްކަން ކިޔަވާކުދިންގެ 75 ނަރުހެއް. އަދި 24 ގަޑިއިރު އެ ފެސިލިޓީގައި ފިޒީޝަނެއްގެ ޚިދުމަތް ލިބޭގޮތަށް މިހާރުވަނީ ހަމަޖައްސާފައި. އަދި ތަނުގެ ހިންގުމުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް، އެކަން ތަންފީޒު ކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށް އެބަދޭ. އަދި ތަނުގެ މެޑިކަލް މަސައްކަތްތަކުގެ އިތުރަށް، ތަނުގެ އެތެރޭގެ ކަންތައްތައް ބެލެހެއްޓުމަށްޓަކައި ފްލޯރ މެނޭޖަރުން 24 ގަޑިއިރު ބައިތިއްބާގޮތަށް ވަނީ ހަމަޖެހިފައި.

އޭގެއިތުރުން، މެއިންޓެނަންސަށް ވަކި ބައެއް ޚާއްޞަކުރެވި، އަދި ޓޫރިޒަމް މިނިސްޓްރީގެ އިސްނެގުމުގެ ދަށުން އޮންނަ ނޮން މެޑިކަލް ޚިދުމަތްތައް ދިނުމަށްޓަކައި 93 މުވައްޒަފަކު އެތާނގައި ޙަރަކާތްތެރިވަމުންދާނެ. އަދި ޖެންޑަރ މިނިސްޓްރީގެ ފަރާތުން ސޯޝަލް އެންގޭޖްމަންޓްގެ ޚިދުމަތް ދިނުމަށްޓަކައި 20 ފަރާތެއްވެސް އެ ފެސިލިޓީގައި މިހާރު ޙަރަކާތްތެރިވަމުންދާނެ.

މިއަދު އަޅުގަނޑުމެން މި ޕްރެސްއަށް އައިއިރުގައި، ފެސިލިޓީގައި ޕޭޝަންޓުންގެ ގޮތުގައި 87 ފަރާތެއް މިވަގުތު އެބަތިބި.

ވެކްސިން ތަޢާރުފްވުމާއެކީގައި އަޅުގަނޑުމެންގެ އަމާޒަކީ، ވީހާވެސް އަވަހަކަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދިނުން. އެގޮތުން، މިހާތަނަށް އައިއިރުގައި، ފުރަތަމަ ޑޯޒް 311,742 މީހަކަށްވަނީ ޖަހައިދެވިފައި. އެއީ، ގާތްގަނޑަކަށް އާބާދީގެ 70 ޕަސެންޓް. ދެވަނަ ޑޯޒް 39 ޕަސެންޓް މީހުންނަށް މިހާރު ދެވިއްޖެ. އެއީ 172,263 މީހުންނަށް.

އަޅުގަނޑުމެން މިހާރުވެސް މަސައްކަތް ކުރަމުން މިގެންދަނީ، މިހާތަނަށް ދެވަނަ ޑޯޒް ނުޖަހާ ފަރާތްތަކާއި އަދި އިތުރަށް ވެކްސިން ދޭންޖެހޭ ފަރާތްތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދެވޭތޯ. މިގޮތުން، ސިންގަޕޯރގެ އެސްޓްރާޒެނެކާ ކުންފުންޏާ އެކީގައި އަޅުގަނޑުމެން ހެދި އެގްރީމަންޓެއްގެ ދަށުން ފޯރުކޮށްދޭންޖެހޭ ވެކްސިންގެ މަސައްކަތްތަކާ ބެހޭގޮތުން މިއަދުވެސް އެ ކުންފުންޏާ އެކީގައި ބައްދަލުވުމެއް ބޭއްވުނު. އެ ބައްދަލުވުމުގައި، އަޅުގަނޑުމެންނަށް ކުންފުނީގެ ފަރާތުން ޔަޤީންކަން ދީފައި މިވަނީ ޖުލައި މަހުގެ ތެރޭގައި 500,000 ޑޯޒް އަޅުގަނޑުމެންނަށް، މިހިސާބަށް ގެނެވޭނެ ކަމަށް.

އޭގެއިތުރުން، ކުރީ ދުވަހުވެސް އަޅުގަނޑު ދެންނެވި ފަދައިން، ރަޝިޔާގެ ވެކްސިނެއް ކަމަށްވާ ސްޕުޓްނިކްގެ 200,000 ޑޯޒް ގެނައުމާ ބެހޭގޮތުން ނޮން ޑިސްކްލޯޝަރ އެގްރީމަންޓެއްގައި ސޮއިކުރެވި، މިހާރު މިދަނީ ސަޕްލައި އެގްރީމަންޓުގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުން. ސޮއިކުރާތާ ހަތަރު ހަފްތާގެ ތެރޭގައި، އެ ވެކްސިން އަޅުގަނޑުމެންނަށް ލިބޭނެކަމުގެ ޔަޤީންކަން މިހާރުވަނީ ލިބިފައި.

އޭގެއިތުރުން، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އެމެރިކާއިން ވެކްސިން ފޯރުކޮށްދޭ ފުރަތަމަ ޤައުމުތަކުގެ ލިސްޓަށް މިވަނީ ރާއްޖެ އަރާފައި. އަދި މި މަހުގެ ތެރޭގައި އެ ވެކްސިން ލިބޭނެކަމުގެ އުއްމީދު އަޅުގަނޑުމެންގެ އެބައޮތް. އަޅުގަނޑުމެންނަށް އެހެންނަމަވެސް ލިބެނީ ކޮން ވެކްސިނެއް ކަމެއް، އަދި ކިހާވަރެއް ކަމެއް، އަދި އެ ތަފްޞީލެއް ލިބިފައެއް ނެތް.

ކުރީ ދުވަހުގެ ޕްރެސްގައި ސްޓޫޑަންޓް ލޯނު ފަސްކޮށްދިނުމާ ބެހޭގޮތުން އެއްބޭފުޅަކު އަޅުގަނޑާ ސުވާލެއްކުރި. އަޅުގަނޑު ދެންނެވިން، އަޅުގަނޑު ނޯޓުކޮށްފައި، އެއާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްފައި، އޭގައި އެއްޗެއް ދަންނަވާނެ ކަމަށް.

މިއަދު އަޅުގަނޑު ވާނީ ފިނޭންސް މިނިސްޓްރީއާއި، ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއާ އެކީގައި މިކަމުގައި މަޝްވަރާކޮށް، ސަރުކާރުން ދޫކޮށްފައިވާ ސްޓޫޑަންޓް ލޯނުތައް، މި އަހަރުގެ ނިޔަލަށް ފަސްކޮށްދިނުމަށް ނިންމާފައި. އެހެންވީމާ، އެ ވާހަކަ ތިޔަބޭފުޅުންގެ މަޢުލޫމާތަށްޓަކައި އަޅުގަނޑު ދަންނަވާލީ.

އާދެ، އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން، އަދި އެއް ވާހަކައެއް ދަންނަވާލާނަން. އެއީ އިއްޔެއަކީ އަޅުގަނޑުމެންނަށް ބައިނަލްއަޤްވާމީ މައިދާނުގައި ވަރަށް ފަޚުރުވެރި މަޤާމެއް ލިބިގެންދިޔަ ދުވަހެއް. އ.ދ.ގެ ޢާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަރަށްބޮޑު އަޣްލަބިއްޔަތަކުން އެވަނީ ހޮވިވަޑައިގެންފައި. މި ކާމިޔާބީއަށް އެ މަނިކުފާނަށާއި، ޓީމު ޚާރިޖީއަށް ވަރަށްބޮޑު މަރުޙަބާއެއް އަޅުގަނޑު ދަންނަވަން.

އަޅުގަނޑު ދެކޭގޮތުގައި މިއީ ދިވެހިރާއްޖެއަށާއި ދިވެހިންނަށް ލިބުނު ވަރަށްބޮޑު ފަޚްރެއް. އަދި ދިވެހިން ފަޚްރުވެރިވާފަދަ މަސައްކަތްޕުޅެއް އެ މަނިކުފާނު ކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑުގެ އެބައޮތް. މިއީ އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު، ދުނިޔެ ބަލައިގެންފައިވާ ކަމުގެ އަލިގަދަ ހެތްކެއް.

މިހިސާބުން އަޅުގަނޑު ތިޔަބޭފުޅުންގެ ސުވާލަށް ދިޔުމުގެ ކުރިން، މިނިސްޓަރ ނަސީމް އެއްޗެއް ވިދާޅުވުމަށްފަހު، ޑޮކްޓަރ ނަޒްލާއަށް ފުރުޞަތު އެރުވުމަށްފަހުގައި ސުވާލުތަކަށް ހުޅުވާލާނަން.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

އަޙްމަދު ނަސީމް - މިނިސްޓަރ އޮފް ހެލްތު:

ޝުކުރިއްޔާ ރައީސް. އަޅުގަނޑު މާގިނަ ވާހަކަތަކެއް ދަންނަވާކަށް ނެތް. އެހެންނަމަވެސް، މިދިޔަ ހަފްތާއަކީވެސް އަޅުގަނޑުމެންނަށް ވަރަށްދެރަ ކަންތައްތަކެއް ދިމާވި ހަފްތާއެއް. އަދި ފާއިތުވެދިޔަ މޭ މަހަކީ، ދިވެހިރާއްޖޭގެ ތާރީޚުގައި ވަރަށް އުނދަގޫ، ދަތި ދުވަސްތަކެއް އަޅުގަނޑުމެން ހޭދަކުރަމުންދިޔަ މަހެއް. މި މަހުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ ދެންމެ ވިދާޅުވިފަދައިން، ވަރަށްގިނަ ޢަދަދެއްގެ މީހުން އަޅުގަނޑުމެންނާ ވަކިވެ، ދުނިޔެ ދޫކޮށްފައިދާގޮތްވެސް ދިމާވެއްޖެ. އެކަމުގެ ހިތާމަ އަޅުގަނޑު ވަރަށް ބޮޑަށް ކުރަން. އަދި ހަމައެއާއެކީ، އެ ހުރިހާ ބޭފުޅުންނަށްވެސް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރަން. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށްވެސް ދުޢާކުރަން.

އާދެ، އެންމެ ހިތާމަވެރި ހާދިސާއަކަށް ދިމާވީ، މިޝްކާގެ ނިޔާވުން. މިޝްކާގެ ކަންތައްތައް އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލައިފިން. ވަރަށް ބޮޑަށް ތަޙުޤީޤުކޮށްފިން. އޭގެ ރިޕޯޓެއްވެސް އަޅުގަނޑު މިހާރު އޮންނާނީ ތިޔަބޭފުޅުންނާ ހަމަޔަށް ގެނެސްދީފައި. އެހެންނަމަވެސް، އަދިވެސް އެ ތަޙުޤީޤު އެކީއެކައްޗަކަށް ނިމިއްޖެއެކޭ އަޅުގަނޑަކަށް ނުދެންނެވޭނެ. އެއީ އޭގައި ހުރި ބައެއް ލޫޕްހޯލްތައް އަޅުގަނޑުމެން އެބަ ފިލްކުރަންޖެހޭ. އެހެންވީމާ، އެ މަސައްކަތް ކުރަމުން އަޅުގަނޑު މިދަނީ މިހާރު. އިރާދަކުރެއްވިއްޔާ، ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ކޮމްޕްލީޓް ފުރިހަމަ ރިޕޯޓެއް ލިބޭނެ.

ދެން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިހެން، މި ކަންތައްތަކާ ގުޅިގެން ވަރަށްގިނަ ބަދަލުތަކެއް އަޅުގަނޑުމެން އެޗް.އީ.އޯ.ސީ.ގެ ހިންގުމަށް މިހާރު ގެނެސްފިން. އެއީ އެ ލޫޕްހޯލްތައް އަޅުގަނޑުމެންނަށް ނުފެނި މި ހުންނަނީ، އަޅުގަނޑަށް ހީވާގޮތުގައި، އެކަމަށް އެއްގޯސްވެ، އަޅުގަނޑުމެން އިންސްޕެކްޝަންގެ ބައި ތަންކޮޅެއް ދަށްވެގެން ދިޔައިމަ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ.

ދެން މިހާ ދުވަސް ވަންދެން މި ކަންތައް މިގޮތަށް ހިނގާފައި އޮތީމާ، އަޅުގަނޑުމެންނަށް ބަލަންވާވަރަށް އެކަމަށް ނުބެލުނީކަންވެސް ނޭނގެ. ނޫނީވިއްޔާ އިނިސްޕެކްޓަރުންނަށް އެ ކަންތައްތައް ނުކުރެވުނީކަންވެސް ނޭނގެ. ނޫނީވިއްޔާ މުޅި މުއައްސަސާގެ ތެރޭގައި އަޅުގަނޑުމެން ކުރަންޖެހޭ ބައެއް ކަންތައްތައް ނުކުރެވިހުރީކަންވެސް ނޭނގެ. އެއީ އެ ކަންތައް ތަރުތީބުގެ ތެރޭގައި ހިމެނިފައި ނެތުމާއެކީ، އެ ކަންތައް ނުކުރެވިފައި އެ އޮންނަނީ. އެހެންވީމާ، މިހާރު އެ ކަންތައްތައް ބަދަލުކޮށް، ވަރަށް ރަނގަޅު އިޞްލާޙުތަކެއް އަޅުގަނޑަށް ގެނެވިއްޖެ.

ދެން ކޯލް ސެންޓަރުގެ ބަޔަށްވެސް އަޅުގަނޑަށް މިހާރު ވަރަށް ބޮޑެތި އިޞްލާޙުތައް ގެނެވިއްޖެ. އެއީ އެމްބިއުލެންސެއްގެ ވާހަކަ، އެ އެދިއްޖެ ކަމަށްވަންޏާ، އެ ކަންތައް ނިމުމަކަށްދަންދެން މޮނިޓަރ ކުރުމުގެ ކަންތައްތައް އަޅުގަނޑުމެންނަށް ގެންދެވޭނެ އެތަނުން. އަދި ޑޮކްޓަރަކަށް ގުޅިއްޖެ ކަމަށްވަނީވިއްޔާ، އެ ޑޮކްޓަރުގެ ލަފަޔާއި، އެ ޑޮކްޓަރު އަނބުރާ ކޯލް ސެންޓަރަށް ފޯނުކުރުމާ، މިކަހަލަ ބައެއް ކަންތައްތައް އަޅުގަނޑުމެން މިހާރުވަނީ ހަމަޖައްސާފައި.

އެހެންވީމާ، މި ކަންތައްތަކަށްވެސް އަޅުގަނޑުމެން ބަދަލުތަކެއް ގެނެސް، މިހާރު ކުރިއަށްވުރެ ރަނގަޅަށް މި ކަންތައްތައް ހިނގާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެހެންނަމަވެސް، އަދިވެސް އަޅުގަނޑުމެން ވިޖިލަންޓް ވާންޖެހޭ. އަޅުގަނޑުމެން ބަލަންޖެހޭ ކަންތައްތައް ހުންނާނެ. އަޅުގަނޑުގެ ދަށުގައި މި ދާއިރާގައި މަސައްކަތް ކުރައްވާ އެންމެހައި ބޭފުޅުންނަށް އަޅުގަނޑު ވަރަށް ބޮޑަށް އިލްތިމާސްކޮށްފައި އޮންނާނީ، އެ ކަންތައްތައް ވަރަށް ބޮޑަށް ގާތުން ބެއްލެވުމަށް. އެހެންވީމާ، އެކަންތައްތައް މިހާރު ކުރައްވާނެ. އަނެއްކާ އެބޭފުޅުން ކުރައްވަންޖެހޭ މަސައްކަތްތައް ތަރުތީބު ކުރެވި، އެ ކަންތައްތައް އެބޭފުޅުން ކުރައްވަމުން ގެންދަވާގޮތަށް މިހާރު އޮންނާނީ ހަމަޖެހިފައި.

ދެން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައިފި، އެމްބިއުލެންސްގެ ޚިދުމަތުގެ ވާހަކަ. އަޞްލުގައި، ޙަޤީޤަތުގައި މި ރިޕޯޓުގައި އަޅުގަނޑަށް ދައްކާގޮތުން އެމްބިއުލެންސް ލަސްވީކީނޫން. އެމްބިއުލެންސާ ހަމަޔަށް މެސެޖް ނުގޮސްގެން ލަސްވީ. އެމްބިއުލެންސަށް އެ ކަންތައް އެނގުނުތާ 10 މިނިޓްގެ ތެރޭގައި އެ ގެޔަށް އެމްބިއުލެންސަށް ދެވިފައި އޮތީ. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް އިތުބާރު ކުރަން، އެމްބިއުލެންސް ދުއްވާ މީހުންނާއި، ދަތުރުވެރިންނާއި، އަދި އޭގައި ޚިދުމަތްދޭން ތިބޭ ޞިއްޙީ ޚިދުމަތްތެރިންނަށް.

އެހެންވީމާ، އެމްބިއުލެންސްގެ ކަންތައްތައް އަޅުގަނޑުމެން އިތުރުކޮށް، އެމްބިއުލެންސް މިހާރު އަޅުގަނޑުމެން ހަތް އެމްބިއުލެންސްގެ ޚިދުމަތް، އެއް އެމްބިއުލެންސް ރިޒަރވްގައި ބާއްވާފައި، ހަތަރު އެމްބިއުލެންސް، މާލޭ ސަރަޙައްދުގައި، އެއީ ހަމައެކަނި ކޯވިޑަށް އިމަރޖެންސީކޮށް. އެހެން ހޮސްޕިޓަލްތަކުގައި ހުންނަ އެމްބިއުލެންސްތަކުގެ ވާހަކައެއް ނޫން އަޅުގަނޑު މި ދަންނަވަނީ. ކޯވިޑަށް އަޅުގަނޑުމެން އެލޮކޭޓް ކޮށްފައި ހުންނާނީ. އެހެންވީމާ، އެ އެމްބިއުލެންސްތަކުން އިރާދަކުރެއްވިއްޔާ، ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެން މިކުރާ މަސައްކަތުން މިކަހަލަ ހާދިސާއެއް ދިމާނުވެ، އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަނީ. ދެން އަޅުގަނޑު ވަރަށް ބޮޑަށް ބަލަމުން ގެންދާނަން މިކަންތަކަށް.

ދެން އަޅުގަނޑު ދަންނަވަން ހުރި ވާހަކަތައް މިވަގުތަށް ދަންނަވާލައި ނިމުނީ. ދެން އަޅުގަނޑުގެ އުއްމީދަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، ޢާއްމު ރައްޔިތުންގެ އެއްބާރުލުން ދެއްވުން. އެމްބިއުލެންސްގެ ޚިދުމަތް މިހެން އޮންނައިރު، ބައެއްފަހަރަށް ބައެއް ޤައުމު ޤައުމުގައި، އެ ޚިދުމަތް ބޭނުންކުރުމުގައި މައްސަލަތައް އެބަހުރޭ. އަޅުގަނޑަށް ޔަޤީން، އެކަހަލަ ދަތިތަކަކާ އަޅުގަނޑުމެންނަށް ކުރިމަތިވާނެ ކަހަލަ ގޮތަކަށް އަޅުގަނޑުމެންގެ ރައްޔިތުން ކަމެއް ނުކުރައްވާނެކަން.

އެހެންވީމާ، އެމްބިއުލެންސްގެ ޚިދުމަތް އަޅުގަނޑުމެންގެ ލިބެންވާ މީހުންނަށް ލިބޭނެ. އަޅުގަނޑުމެން ރާވާފައި މިއޮތް ގޮތަކީ، ނަރުހުން، ތަޖުރިބާކާރު ނަރުހުން، އެ އެމްބިއުލެންސަކަށް ގޮވީއްސުރެ، އެ ގެޔަކާ ގުޅައިގެން، އެ ގޭގެ ޙާލު ބަލަމުން ބަލަމުން ގެންދިޔުން، އެ އެމްބިއުލެންސަށް އެތަނަށް ދެވެންދެން. އެހެންވީމާ، އެ ގޮތަށް މިކަންތައް ހިނގާނީ.

އެހެންވީމާ، ވާހަކަ ދައްކަމުން ގެންދާނީ. ޕޭޝަންޓުގެ ޙާލު ބަލަމުން ގެންދާނީ. ދޭންޖެހޭ އިރުޝާދުތައް ދެމުން ގެންދާނީ. އެހިސާބުން އެމްބިއުލެންސް އެތަނަށް ދިޔައިމާ، އެހިސާބުން ޕެރަމެޑިކްސް ޓޭކްއޯވަރ ކުރާނީ. ޕެރަމެޑިކްސް ޓޭކްއޯވަރ ކޮށްގެން އެމީހުން އެތަނަށް ގެންނާނީ. މިއީ އަޅުގަނޑުމެން ރާވާފައި އޮތްގޮތް.

ފުރަތަމަ ހަފްތާގެ ތެރޭގައި، ތަޖުރިބާ ކުރުމުގެ ބުރެއްގެ ތެރޭގައި އަޅުގަނޑުމެން މި މަސައްކަތްތައް ކުރަމުން ގެންދާނީ. އޭގެތެރޭގައި، އަޅުގަނޑުމެން ފައިންޓިއުން ކުރަންޖެހޭ ކަންތައްތަކެއް ހުރި ކަމަށްވަނީވިއްޔާ، އެ ކަންތައްތައްވެސް އަޅުގަނޑުމެން ކުރަމުން ގެންދާނީ.

އިރާދަކުރެއްވިއްޔާ، ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރަނގަޅު ޚިދުމަތެއް އެންމެހައި ރައްޔިތުންނަށް ލިބިގެންދާނެ.

އާދެ، ޝުކުރިއްޔާ.

ޑޮކްޓަރ ނަޒްލާ މުޞްޠަފާ - އެޗް.ޕީ.އޭ:

السَّلَامُ عَلَيْكُمْ.

އަޅުގަނޑު ކޭސްތައް ދިޔަގޮތަށް ކޮންމެވެސްވަރަކަށް އަލިއަޅުވައިލާނަން. ބަލައިލާއިރު އަޞްލު ބޮޑަށް ކޭސްތައް މަތިވާން ފަށާފައި މިވަނީ އެޕްރީލްގެ ފަހުދިހަ ހިސާބުގައި. ދެން އަދި މޭ މަހުގެ ކުރީކޮޅުން ފެށިގެން ގާތްގަނޑަކަށް މޭ މަހުގެ މެދުތެރެއިން ހަމަ ވަރަށް ބޮޑަށް ކޭސްތައް މަތިވެފައި. އޭގެފަހުން ގާތްގަނޑަކަށް މޭ މަހުގެ ފަހުކޮޅުގައި މި އޮންނަނީ ދަށްވާން ފަށާފައި. އަޅުގަނޑުމެން އޭރު ފިޔަވަޅު އެޅީ ގާތްގަނޑަކަށް 26 މޭ ހިސާބުގައި.

ދެން މީގެއިތުރުން އަޅުގަނޑުމެން ވިސްނާލަންޖެހޭނެ، އައި ބަދަލުތައް. އޭގެ މާނަޔަކީ ކޮންމެވެސްވަރަކަށް ބަދަލުތަކެއް އައިސްފައި އެބަހުރި، ކޮންޓެކްޓް ޓްރޭސިންގ އާއި، ރެންޑަމް ސާމްޕްލިންގއާ، މި ކަންތައްތަކަށް.

ދެން އަޅުގަނޑުމެން ބަލައިލާނަން، ސާމްޕަލް ޕޮޒިޓިވިޓީ. މިގޮތަށް ބަލައިލާއިރު، މުޅި ރާއްޖޭގެ ސާމްޕަލް ޕޮޒިޓިވިޓީ ގާތްގަނޑަކަށް، ޓެސްޓުކުރާ ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވް ނަތީޖާ ދައްކާ މިންވަރު. މިގޮތުން، ގާތްގަނޑަކަށް 31 ޕަސެންޓަށް އަރާފައި އޮތީ، މޭ މަހުގެ މެދެއްހާ ހިސާބުގައި. އޭގެފަހުން ކޮންމެވެސްވަރަކަށް ދަށްވާން ފަށާފައި މިވަނީ.

ދެން މީގައި އަޅުގަނޑުމެން ވިސްނާލަންޖެހޭނެ، އަޅުގަނޑުމެން އެ ސާމްޕްލިންގއަށް ގެނައި ކޮންމެވެސްވަރެއްގެ ބަދަލުތަކެއް ހުންނާނެ. ކޮންޓެކްޓް ޓްރޭސިންގ، މިދޭތެރެއިން އެހާ ރަނގަޅަކަށް ނެހެދޭ. އެކަމަކު އަނެއްކާވެސް އަޅުގަނޑުމެން މި ބަލަނީ، ހަމަ ގިނަ މީހުން، ގާތްގަނޑަކަށް ޓާގެޓަކީ 80 ޕަސެންޓް މީހުން، އެޓްލީސްޓް ކޮންޓެކްޓް، ނޫނީ ލިންކް ހޯދިފައި ހުރުން.

މީގެއިތުރުން ރެންޑަމް ސާމްޕްލިންގ ހަމަ އިތުރަށް ހަރުދަނާ ކުރުން. އޭރުން އަދި މީގެއިތުރަށް އަޅުގަނޑުމެންނަށް ޔަޤީންކަން ލިބޭނީ. އެކަމަކުވެސް ހަމަ އެންމެންގެ އެއްބާރުލުމާއި، އެންމެންގެ މަސައްކަތާ އެކީގައި އިރާދަކުރެއްވިއްޔާ ހަމަ ތިރިއަށްދާކަން އެބަ ދައްކާ.

ދެން މާލެއަށް ބަލައިލާއިރު، މާލޭގައިވެސް އަޅުގަނޑުމެންނަށް އެނގޭ، ކުރިން މިދޭތެރެއިން ހަމަ ސާމްޕަލް ޕޮޒިޓިވިޓީ 40 ޕަސެންޓް، 50 ޕަސެންޓުގައިވެސް ބައެއް ދުވަސް ދުވަހު ހުރިކަން. އެކަމަކު މިހާރު މި ދައްކަނީ ގާތްގަނޑަކަށް 27 ޕަސެންޓުގައި ހުރި ކަމަށް.

ދެން އަޞްލު އަޅުގަނޑުމެންގެ ޓާގެޓަކީ ސާމްޕްލް ޕޮޒިޓިވިޓީ 5 ޕަސެންޓަށްވުރެ ދަށުގައި ހުރުން. އެހެންވީމާ، އަދި އެބައޮތް ކުރިއަށް މަސައްކަތް ކުރުން. އެކަމަކުވެސް އަޞްލު މިއީ ހަމަ ވަރަށް ރަނގަޅު ނަތީޖާއެއް މި ދައްކަނީ.

ދެން އަޅުގަނޑުގެ އުއްމީދަކީ، މިގޮތަށް ހިފަހައްޓާލެވިއްޖިއްޔާ ހަމަ ކުރިއަށް އޮތް ތާނގައި އިރާދަކުރެއްވިއްޔާ މަޑުމަޑުން ދަށްވާނެކަން. އަދި މާސްކް އެޅުމާއި، ގައިދުރުމިނާ، މި ކަންތައްތައް އެގޮތަށް ބަހައްޓަންޏާ ގިނަ ދުވަހަށް އަޅުގަނޑުމެންގެ މުޖުތަމަޢުގައި ބޮޑަށް ބަލިމަޑުކަމެއް ނުފެތުރި، އިރާދަކުރެއްވިއްޔާ ހިފެހެއްޓުމަކީ އަޞްލު އަޅުގަނޑުމެންގެ އުއްމީދު.

ދެން އަތޮޅުތެރެއަށް ބަލައިލާއިރު، އަތޮޅުތެރޭގައިވެސް ހަމަ ކޮންމެވެސްވަރަކަށް ސާމްޕްލް ޕޮޒިޓިވިޓީ ދަނީ ދަށްވަމުން.

ދެން ނިސްބަތުން ކުޑަކުދިން އެޑްމިޓްކޮށްފައިވާވަރު ބަލައިލާއިރު، ގާތްގަނޑަކަށް ހަމަ ޕަސެންޓޭޖް ވައިސް، ކޭސްތަކާ ބަލައިލާއިރު، ކުޑަކުދިން އެޑްމިޓްވާވަރު އެއްވަރަކަށްހުރީ. އެކަމަކު ނަންބަރު އިތުރުވާވަރަކަށް ހަމަ ނިސްބަތުން ކުދިންގެ ޢަދަދުވެސް ދަނީ އިތުރުވަމުން. އޭގެ މާނައަކީ، ޚާއްޞަކޮށް އެއް އަހަރާއި 9 އަހަރާއި އަދި ދިހަ އަހަރާއި ސާދަ އަހަރުގެ ނިސްބަތުން ކުދިން ބަލިވާ ނަންބަރުތައް އިތުރުވެފައި މިވަނީ.

ދެން އަޅުގަނޑުމެން ވިސްނަންޖެހޭނެ، ކުޑަކުދިންނަކީ އަދި ވެކްސިން ނުޖެހޭ ޢުމުރުފުރައެއްކަން. އެހެންވީމާ، އެ ކުދިންގެ ރައްކާތެރިކަމަށްވެސް ވަރަށް ބޮޑަށް ވިސްނަންޖެހޭނެ.

ދެން އަޅުގަނޑު ފާހަގަކޮށްލާނަން، މިއަދު ވަނީ އެޗް.ޕީ.އޭ. އިން އެނައުންސް ކޮށްފައި، ދެވަނަ ޑޯޒް، ހަ މަހުގެ ތެރޭގައި ނުޖެހުނު ކަމުގައިވިޔަސް، އިތުރަށް ފުރަތަމަ ޑޯޒް ނުޖަހައި، އެ ޑޯޒް ހަމަ ދެވޭނެކަން. އޭގެ މާނައަކީ، ފުރަތަމަ ޑޯޒް ދިނުމަށްފަހު، އެއިން ކުރާނެ އަސަރު ދެމިގެންދެއޭ، ހަ މަހެއްހާ ދުވަހަށް. އަދި އެ މުއްދަތުގެ ތެރޭގައި ދެވަނަ ޑޯޒް ދީފިއްޔާ، ދެވަނަ ޑޯޒްގެ އަސަރުވެސް ކުރާނެކަން. އެކަމަކު އަޅުގަނޑުމެންނަށް އެނގޭ، ކުރިންވެސް ޑަބްލިޔޫ.އެޗް.އޯ. އިން ބުނެފައި ވަނީ އެންމެ ރަނގަޅީ 8 ހަފްތާއާއި 12 ހަފްތާގައި ދެވަނަ ޑޯޒް ދިނުމޭ. އެކަމަކު މިވަގުތު ވަނީ މުޅި ދުނިޔެއަށްވެސް ވެކްސިން ލިބުން ހަމަ ވަރަށްދަތިވެފައި. މިގޮތަށް ދިމާވަނީ އެ ވެކްސިން އުފައްދާ ކުންފުނިތަކަށް ދިމާވެފައިވާ ދަތިތަކާއި އަދި ބައެއް ޤައުމުތަކުގައި ހަމަ ވަރަށް ބޮޑަށް ފެތުރިގެންދާތީވެ، އެ ޤައުމުތަކުން ވެކްސިން ބޭރުކުރަން އުނދަގޫވެފައި ވަނީ. މިވަގުތު އެންމެން ވެކްސިނަށް އާދޭސްކުރަމުން ދަނީ.

ދެން މި ލަފާ ދީފައިވަނީ މޯލްޑިވިއަން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ފަރާތުން. އެއީ ޑަބްލިޔޫ.އެޗް.އޯ.ގެ ޓެކްނިކަލް ނޯޓަށް ރިޢާޔަތްކުރާގޮތަށް، ލަސްވާ ހިނދެއްގައި ހަ މަސްދުވަހަށް ބެލޭނެ ކަމަށް މިވަގުތު އޮންނަނީ.

ދެން ވީހާވެސް ހައިރިސްކް ބޭފުޅުން، އެންމެ ޑޯޒެއް ޖަހާފައި ހުރިޔަސް ހަމަ ވަރަށް ބޮޑަށް ބަލައިގެން، ޚާއްޞަކޮށް ގޭތެރޭގައިވެސް އެހެން މީހުން، ޚާއްޞަކޮށް ބޭރަށް ގޮސްފައި އަންނަ މީހުން ވާނެ، ހައިރިސްކް މީހެއް ގޭގައި ހުންނަނަމަ، މާސްކް އެޅުމާ، އެކަހަލަ ކަންތައްތަކަށްވެސް ބަލަން. އެއީ، އެއް ޑޯޒްގެ ރައްކާތެރިކަން ކޮންމެވެސްވަރަކަށް ދެމިގެންދިޔަޔަސް، ފުރިހަމަކޮށް ނުލިބިދާނެ، ހަ މަސްވަންދެން. އެހެންވީމާ، ދެވަނަ ޑޯޒް ޖެހުމަށްފަހުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ކުރިއަށް ގެންދިޔުން ވަރަށް މުހިއްމު.

ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، އަޅުގަނޑު ސުވާލުތަކަށް ފުރުޞަތު ހުޅުވާލާނަން.

ޢާއިޝަތު ފަރީހާ - ސަން އޮން ލައިން:

އަޅުގަނޑުގެ ސުވާލަކީ އެންމެ ފުރަތަމައިނުން ކޯވިޑް ފެށިގެންދިޔައިރުގައި، ސަރުކާރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ސްޓިމިއުލަސް ޕެކެޖުތަކެއް ތަޢާރުފްކުރި. ދެން ޙާލަތު ކޮންމެވެސްވަރަކަށް ރަނގަޅުވަމުންދިޔައިރުގައި، އެ ވިޔަފާރިތަކުގެ ޙާލަތުވެސް ރަނގަޅުވަމުން ގޮސްފައި ވަނިކޮށް، އަނެއްކާވެސް ހަމަ ކޯވިޑުގެ ޙާލަތު ގޯސްވެގެން މިހާރު މިއޮތީ ހަމަ އަލުން ކުރީގައި އޮތް ގޯސް ޙާލަތާ ހަމަޔަށް ގޮސްފައި. ދެން އެއްވެސްވަރަކަށް ސަރުކާރުގެ ވިސްނުން އެބަހުރިތޯ، މިހާރު އަނެއްކާވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށް ސްޓިމިއުލަސް ޕެކޭޖްތަކެއް ތަޢާރުފް ކުރަން.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ ފަރީހާ.

އަޅުގަނޑުމެން ތިޔަ ވިދާޅުވިހެން ފުރަތަމަ ކޯވިޑުގެ ޙާލަތުގައިވެސް ރިލީފް ލޯނުތަކެއް ދިނިން. ގާތްގަނޑަކަށް މުޅި ކޯވިޑަށް ހޭދަކުރެވުނު، މިހާތަނަށް އައިއިރުގައި 3.4 ބިލިއަން ރުފިޔާ ޚަރަދު ކުރެވިފައި އޮތްއިރުގައި، އޭގެތެރެއިން 1.7 ބިލިއަން ރުފިޔާ ޚަރަދު ކުރެވިފައި މިއޮތީ އިޤްތިޞާދީ އެކިއެކި ކަންތައްތަކަށް. އެގޮތުން، ކޯވިޑް ރިލީފް ލޯނުގެ ގޮތުގައި ދެވިފައި އެބައޮތް، 1.1 ބިލިއަން ރުފިޔާ. އިންކަމް ސަޕޯޓް އެލަވަންސް އެބައޮތް ދެވިފައި، 22943 ފަރާތަކަށް، 420 މިލިއަން ރުފިޔާ. އަދި ޔުޓިލިޓީ ޑިސްކައުންޓަށް، ފެނާއި ކަރަންޓުގެ ބިލަށް އެބައޮތް 143 މިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދެވިފައި.

އަޅުގަނޑު ކުރީ ދުވަހުވެސް ދެންނެވިން، އަލުން މި އައި ކޯވިޑުގެ ރާޅާ އެކީގައި، މި އަޅަންޖެހުނު ފިޔަވަޅުތަކުގެ ސަބަބުން ކުދި ވިޔަފާރިތަކަށް ޚާއްޞަކޮށް ދަތިތަކާ ކުރިމަތިލާން ޖެހިފައި އޮތް ވާހަކަ. އަދި މި މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، އެ ފަރާތްތަކަށް ލޯނު ދޫކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން. ޖޫން މަހުގެ މެދުތެރޭގައި ސްޓިމިއުލަސް ލޯނެއް އިޢުލާނު ކުރާނެ. އެއީ ބީ.އެމް.އެލް މެދުވެރިކޮށް އަޅުގަނޑުމެން ދޫކުރާނީ. އެއީ 380 މިލިއަނޭ އަޅުގަނޑު ހަނދާންވަނީ.

ދެން އޭގެއިތުރުން، އެސް.އެމް.އީ ބޭންކް މެދުވެރިކޮށްވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ.

އެހެންވީމާ، އަޅުގަނޑުމެންގެ އެބައޮތް، ކުރިއަށް މިއޮތް ޖޫން، ޖުލައިގައި ކުދި ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ޕެކޭޖެއް އިޢުލާނުކޮށްފައި.

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ. އަޅުގަނޑު ހިތުން ފަރީހާގެ ސުވާލަށް ޖަވާބު ދެވިއްޖެ ކަމަށް އަޅުގަނޑު ބަލާނީ.

މާޝާ މިދުޙަތު - ރަސް އޮން ލައިން:

ކޯވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ވަރަށްގިނަ މަސައްކަތްތަކެއް ހުއްޓި، ގިނަ ބަޔަކު އަނެއްކާވެސް ގިނަ ވަގުތު ތިބެން ޖެހިފައި މިވަނީ ގޭގައި. އެންމެންވެސް މިހާރު އިންތިޒާރު މި ކުރަނީ ބަލި ކޮންޓްރޯލްވެ، މި ހަރުކަށި ފިޔަވަޅުތަކަށް ލުއި ލިބޭނެ ދުވަހަކަށް. ދެން ހަމަ މިކަން މިހެން އޮތްއިރު، ކުރިންވެސް ދޫތައް ދީފައިވަނީ އެކިކަހަލަ ޕްރެޝަރތަކާއެކު ހުރެކަން، ކުރީ ދުވަހުގެ ޕްރެސްއިން އަޅުގަނޑުމެންނަށް އިވިގެންދިޔަ. މިކަން އަނެއްކާވެސް ތަކުރާރުވިޔަނުދިނުމަށް ފިޔަވަޅުތަކަށް ދޫދެމުން ގެންދާނެ ގޮތްތަކެއް ނުވަތަ އެސް.އޯ.ޕީ.އެއްފަދަ އުޞޫލުތަކެއް ޢާއްމުންނަށްވެސް އެނގިފައި އޮތުން ވަރަށް މުހިއްމު ކަމަށް ދެކެން. ފިޔަވަޅުތަކަށް ދޫ ދޭނެގޮތުގެ އުޞޫލެއް ކަނޑައެޅި ކަރުދާހެއް ތައްޔާރު ކުރެވިފައިވާނަމަ، އެ އުޞޫލު، ނޫނީ މިންގަނޑެއް ޙިއްޞާކޮށްލަދެއްވިދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑުމެން ވާނީ އެ ތައްޔާރީތައް ވުމަށް މިހާރު މަޝްވަރާކޮށްފައި. އަޅުގަނޑު ހިތުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން މިނިސްޓަރ ނަސީމް މެދުވެރިކޮށް އެ ކަންތައް ކުރެވޭނެ. ހަފްތާއެއްގެ ތެރޭގައި އިރާދަކުރެއްވިއްޔާ، މި ހަފްތާ ނިމި، ދެން އަންނަ ހަފްތާއަކަށް އަޅުގަނޑުމެން އަޅާފައި ހުރި ފިޔަވަޅުތައް ރިވިއު ކުރާއިރުގައި، އެކަން ހާމަކުރާނަން. ތިޔަ ވިދާޅުވިހެން ކުއްލިއަކަށް ބޮޑު ލުއިތަކެއް ދިނީމަ ވާގޮތް އަޅުގަނޑުމެންނަށް އެޕްރީލް މަހުގައި ފެނިގެން އެދިޔައީ. އެޕްރީލް، މޭގައި. އެހެންވީމާ، މިފަހަރު އެހެންނުވާގޮތަކަށް ރާވައިގެން، މަޑުމަޑުން ލުއިދެމުން ދިޔުން އެއީ، އެންމެ ރަނގަޅު ގޮތް ކަމަށް އަޅުގަނޑުމެންނަށް މި ފެންނަނީ.

އެހެންވީމާ، އެކަން އަޅުގަނޑުމެން ކުރާނެގޮތާ ބެހޭގޮތުން މިނިސްޓަރ ނަސީމް އިތުރަށް އެއްޗެއް ވިދާޅުވާނަންތޯ؟

އަޙްމަދު ނަސީމް - މިނިސްޓަރ އޮފް ހެލްތު:

އާދެ، ރައީސުލްޖުމްހޫރިއްޔާ އެ ވިދާޅުވިހެން، އަޅުގަނޑުމެން މިހާރު އެ މަސައްކަތް ކުރަމުން މިގެންދަނީ. އިރާދަކުރެއްވިއްޔާ، މި އަންނަ ހަފްތާގެ މެދުތެރެއިން ނަމަވެސް، އެ ހިސާބުން ލޮކްޑައުން، ލޮކްޑައުންއޭ މި ދެންނެވީ، މި އަޅާފައި މިހިރަ ފިޔަވަޅުތަކަށް ބަދަލުތަކެއް ގެނައުމުގެ ކުރިން އަޅުގަނޑުމެންނަށް އެ އިޢުލާނު ކުރެވޭވަރުވާނެ، ކުރިއަށް މިއޮތް ތަނުގައި އަޅުގަނޑުމެން ރާވާފައި މި އޮތްގޮތް. އަދި ހަމަ މިއާއަކީ، ރާއްޖެތެރޭގެ އެކިއެކި ސަރަޙައްދުތަކަށް ލުއިދޭނެ ގޮތްތައްވެސް އަޅުގަނޑުމެން މިހާރު ދިރާސާ ކުރަމުން މިގެންދަނީ. ޝުކުރިއްޔާ.

ޢަލީ ސަމާޙު - ވަގުތު:

ޝުކުރިއްޔާ. އަޅުގަނޑުގެ ސުވާލަކީ، ވެދާނެ ފަހަރެއްގައި މި ދަނޑިވަޅާ ސީދާ އެންމެ އެކަށީގެންވާ ގުޅުން ނެތް ސުވާލެއް ކަމަށްވެސް. އެހެންނަމަވެސް، ހަމަ އެންމެފަހުގެ ޕްރެސް ކޮންފަރެންސްގައިވެސް ރައީސް ވަނީ މި ވާހަކަފުޅު ދައްކަވާފައި. ރައީސް ވިދާޅުވީ، ޚާއްޞަކޮށް، މި އިންޑިއާ ކޮންސިއުލޭޓާ ގުޅޭގޮތުން މަނިކުފާނު ވިދާޅުވެފައިވަނީ، އަދި މިހާތަނަށް އިންޑިއާއިން ނެތޭ އެކަމަކަށް ގޮތެއް ނިންމާފައި، ނުވަތަ ސަރުކާރުން، ޚާއްޞަކޮށް، ދިވެހި ސަރުކާރުން ނެތޭ ނިންމާފައި ގޮތެއް. ރައީސް އަބަދުވެސް ވިދާޅުވަމުން ގެންދަވާ އެއްޗެއް، މިކަހަލަ ކަމެއްގައި ރައްޔިތުންގެ މަޝްވަރާ ހޯދާނެ ކަމަށް. އަޅުގަނޑުމެންނަށް ފެނިގެންދަނީ ވަރަށް ބޮޑަށް މި މައްސަލައިގައި އެއްބަޔަކު އެކިގޮތްގޮތަށް، ދެފަރާތަކުން ވާހަކަ ދައްކަމުން ދަނީ. ކަންބޮޑުވުންތަކެއްވެސް އެބަހުރި.

އަޅުގަނޑުގެ ސުވާލަކީ، މިކަމާ ގުޅޭގޮތުން ކުރިއަށް އޮތް ތަނުގައި އަދި މިހާތަނަށް މި ކޮންސިއުލޭޓް ނޭޅުމާ ގުޅޭގޮތުން އެއްވެސް ގޮތަކަށް މަޝްވަރާ ކުރެވިފައިވާނެތޯ ނުވަތަ ކޮބައިތޯ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ރައީސް ދެއްވާނެ ޖަވާބަކީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ސަމާޙު ތިޔަ ވިދާޅުވިހެން ދެ ޚިޔާލެއް އެބައުޅޭ ތީގައި. އަޅުގަނޑު ކުރީ ދުވަހުވެސް ދެންނެވީ، ޑިޕްލޮމެޓިކް ގުޅުންތައް ޤާއިމުކުރެވިފައި އޮންނަ ދޭދޭ ޤައުމުތަކުގެ ތެރޭގައި މިކަހަލަ ކަންތައްތައް ކުރަމުންދޭ. އެހެންވީމާ، އެ އުޞޫލުން އިންޑިއާ ސަރުކާރުން އެ ހުށަހަޅުއްވަނީ. އަޅުގަނޑުމެން ޖެހޭނެ، އެކަމާ ދޭތެރޭގައި މަޝްވަރާކޮށްފައި ގޮތެއް ނިންމަން. އަދި މިހާތަނަށް އަޅުގަނޑުމެން ގޮތެއް ނުނިންމަން އެއަށް. އެހެންނަމަވެސް، އަޅުގަނޑު މި ދެންނެވިހެން އެހެނިހެން ޤައުމުތަކުގައި، ދޭދޭ ޤައުމުތަކުގެ ތެރޭގައި އުފެދިފައި އޮތް މި ގުޅުމުގެ ތެރޭގައި، މިކަހަލަ ކަންތައްތައް ކޮށްފައި އެބަހުރި. އަޅުގަނޑުމެންވެސް މިތިބީ ބޭރުގެ ދެ ޤައުމެއްގައި އެގޮތަށް ކޮންސިއުލޭޓް ހުޅުވައިގެން. އިންޑިއާގެ އިތުރަށް، ސަޢޫދީ ޢަރަބިޔާގެ ރިޔާޟްގައި އަޅުގަނޑުމެންގެ އެމްބަސީ ހުންނައިރުގައި، ޖިއްދާގައި ހުންނާނެ އަޅުގަނޑުމެންގެ ކޮންސިއުލޭޓެއް.

އެހެންވީމާ، އެ ހުށަހެޅުމާ ދޭތެރޭގައި، އިންޑިއާގެ އެ ހުށަހެޅުމާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާނަން.

ޢާއިޝަތު އަފްޝަން - ހަފްތާ:

އަޅުގަނޑުގެ ސުވާލަކީ، ސަރުކާރުގެ އެއްވެސް ވިސްނުމެއް އެބައޮތްތޯ، މި ބަލިމަޑުކަން ހަމަޔަކަށް އެޅި، ނޫނީ ގިނަ ބަޔަކަށް ވެކްސިން ޖެހެންދެން ފިޔަވަޅުތައް ހިފަހައްޓާލުމަށް. ނޫނީ މިފަހަރު ލުއިތަކެއް ދޭން ނިންމާފައިވަނީ ކޮންއިރަކުތޯ؟

ދެން ސަރުކާރުގެ ބުރިޖް އަދި ޕޯޓް މަޝްރޫޢުތައް އެހާ ލަސް ސްޕީޑެއްގައި މިދަނީ ކޯވިޑާ ގުޅިގެންތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ފިޔަވަޅުތަކާ ބެހޭގޮތުން އަޅުގަނޑު ދަންނަވައިފިން، އަޅުގަނޑުމެންނަށް ޓެކް ޓީމާ އެކީގައި ކުރެވުނު މަޝްވަރާގެ އަލީގައި އަދި މަދުވެގެން ދެ ހަފްތާ، މި ފިޔަވަޅުތަކާ އެކީގައި ކުރިއަށް ދާންޖެހޭ ކަމަށް. އެހެންވީމާ، އެގޮތުން އަޅުގަނޑުމެން އެއް ހަފްތާއަށް އަނެއްކާވެސް މި ފަށަނީ. ފަށާފައި ބަދަލެއް ނާންނަ ކަމަށްވަންޏާ އަޅުގަނޑުމެން ދެ ހަފްތާއަށް އެ އެކްސްޓެންޑް ކުރާނަން. އެއްވެސް ލުޔެއް ދެވޭކަހަލަ ގޮތަކަށް ކަންތައް ދިމާވެފައި އޮވެއްޖިއްޔާ އެ ލުޔަކާ އެކީގައި އަޅުގަނޑުމެން ކުރިއަށް ދާނީ.

އެހެން މި ނިންމަނީ، އެނގިވަޑައިގަންނަވާނެ، މިއިން ކޮންމެ ރެސްޓްރިކްޝަނަކާ އެކީގައި، ޢާއްމު ރައްޔިތުންނަށާއި، މެދު ފަންތީގެ އަދި ޖުމްލަކޮށް ހުރިހާ ވިޔަފާރިއަކަށްވެސް ވަރަށް ނޭދެވޭ އަސަރުތަކެއް އެބަ ކުރޭ. ދައުލަތުގެ މާލިއްޔަތަކު ނެތް، އެ ހުރިހާ ކަމަކަށް އެއްފަހަރާ އަޅުގަނޑުމެންނަށް ކުރިމަތިލެވޭވަރުގެ ސްޓްރެންތެއް. އެހެންވީމާ، ލުއި ދެވެން އޮތްވަރަކަށް ލުއިވެސް ދޭނަން. ހަމައެއާއެކީގައި، ރެސްޓްރިކްޓް ކުރަންޖެހޭ، ހިފަހައްޓަންޖެހޭވަރަށް ހިފަހައްޓައިގެން އަޅުގަނޑުމެން ކުރިއަށް ގެންދާނީ.

ބުރިޖުގެ ޓެންޑަރ، މިހާރުވަނީ ކްލޯސްކޮށް، އިވެލުއޭޝަން މަސައްކަތް ނިމުމަކާ ހިސާބުގައި. އަޅުގަނޑަށް އުއްމީދު މި ކުރެވެނީ، ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އިވެލުއޭޓްކޮށް ނިންމައި، ވަކިބަޔަކާ ޙަވާލުކުރެވޭނެ ކަމަށް. އެހެންވީމާ، މި މަސް ނިމުމުގެ ކުރިން ބުރިޖުގެ ޢަމަލީ މަސައްކަތް ފެށުމަށް ވަކިބަޔަކާ ޙަވާލުކުރެވޭނެ.

ޕެންޑަމިކާ ގުޅިގެން ތިޔަ ވިދާޅުވިހެން ލަސްތަކެއް އެބަ ކުރިމަތިވޭ. އިންޑިއާގައި އަދި ކިރިޔާ ދިއްލީއާއި މުމްބާއީ ކުޑަކޮށްވެސް ހުޅުވާލީ. މިދިޔަ ދެ މަސްދުވަހުގެ ތެރޭގައި ވަރަށްބޮޑު ލޮކްޑައުންއެއްގައި ދިޔައީ. އެހެންވީމާ، އެގްޒިމް ބޭންކުގެ ބައެއް ބައްދަލުވުންތައް ލަސްވެގެންވެސް މިއަށް ލަސްތަކެއް އައިސްފައި އެބައޮތް.

ދެން އޮތީ ޕޯޓުގެ މަސައްކަތް. ޕޯޓުގެ މަސައްކަތްވެސް މިހާރު ވަނީ ޑޮކިއުމަންޓް ތައްޔާރުކޮށް ނިމިފައި. އަދި ޕޯޓު އެޅުމުގައި އިތުރަށް ހިއްކަންޖެހޭ ބައެއްވެސް އެބައޮތް. އެއަށްވެސް އަޅުގަނޑުމެން ފައިނޭންސް ލީޒް ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ. މި މަސް ތެރޭގައި އިރާދަކުރެއްވިއްޔާ، ބުރިޖުގެވެސް ޓެންޑަރ އަށް، ޝޯޓްލިސްޓް ކުރެވިފައި މިހާރު އޮތީ. ޓެންޑަރއަށް ހުޅުވައިލެވޭނެ. އެހެންވީމާ، ކޯވިޑާ އެކީގައި ދިމާވި ދަތިތަކާ އެކީގައިވެސް މަސައްކަތް ކުރިއަށް އެބަދޭ.

ޢަބްދުﷲ ޖަމީލް - ހުރިހާ ނިއުސް:

ޝުކުރިއްޔާ. އަޅުގަނޑު އަހާލަން ބޭނުންވަނީ، ކޯވިޑާ ގުޅިގެން މިހާރު މި އަޅާފައި މި އޮތް ފިޔަވަޅުތަކުން ދެން، ދެންމެ ރައީސްވެސް ފާހަގަކުރައްވައިފި، ޢާއްމުންނާ ވަރަށްބޮޑެތި ދަތިތަކާ ކުރިމަތިވަމުން އަންނަ ވާހަކަ. ދެން މި ފިޔަވަޅުތައް އެޅުމުގެ ކުރިން އޮތް ދެ ޑޯޒް ހަމަކޮށްފައި ތިބޭ މީހުންނަށް، ޕީ.ސީ.އާރު ނެގެޓިވް ޓެސްޓަކާ އެކީގައި ރަށްރަށަށް ބަދަލުކުރެވޭގޮތަށް ހަމަޖައްސާފައި.

އަޅުގަނޑުގެ ސުވާލަކީ، މިހާރު މި އަޅާފައި މިހިރަ ފިޔަވަޅުތައް އެއްކޮށް ދޫކޮށްލައި، ޢާންމު ޙާލަތަކަށް ދާން ކިހާ ދުވަހެއް ނަގާނެތޯ؟

ޑޮކްޓަރ ނަޒްލާ މުޞްޠަފާ - އެޗް.ޕީ.އޭ:

އާދެ، އެހެން ދަންނަވަން ވަރަށް އުނދަގޫ. އެހެންވީމާ، ޢާއްމުކޮށް ކޮންމެ ފަހަރަކު އަޅާ ފިޔަވަޅެއްގެ ނަތީޖާ ގާތްގަނޑަކަށް ދެ ހަފްތާވަރުވާނެ ފެންނަން. އެހެންވީމާ، ކޮންމެވެސްކަހަލަ ބަދަލެއް ފުރަތަމަ އަންނާނީ ދެ ހަފްތާ ފަހުން. އެހެންވީމާ، މީގެ ދެ ހަފްތާ ކުރިން އެޅި ފިޔަވަޅުތަކުގެ ނަތީޖާ އަޅުގަނޑުމެންނަށް އެބަ ފެނޭ، މިހާރު ކޭސްތައް މާލޭގައިވެސް ގާތްގަނޑަކަށް 200 އިން، 300އިގައި މި އޮންނަނީ. ދެން އަނެއްކާ ދެ ހަފްތާގެ ތެރޭގައި އަޅުގަނޑުމެން އަޅާ ފިޔަވަޅެއްގެ، މިސާލަކަށް ހަމަ މިވަރަށް ވަރުގަދަކޮށް ފިޔަވަޅުތައް އަޅަފިއްޔާ، ހަމަ ގާތްގަނޑަކަށް އޭގެ މާނައަކީ 100 އިން ދަށްވެސް ވެދާނެއޭ. އެހެންވީމާ، އެ އަޅާ ފިޔަވަޅުތަކާއި، އެއަށް ޢާއްމުން ބޯލަނބާވަރަކުން އެ ނަތީޖާ މި ދައްކަނީ.

އެހެންވީމާ، އަޞްލު އޭގެ ބޭނުމަކީ ބެލެންސެއް ގެނައުންކަންނޭނގެ. އަޞްލު މިހާރު ކޮންމެހެން އެއްވެސް ކޭސްއެއް ނެތްގޮތަށް ދިޔުންވެސް ވަރަށް އުނދަގޫ. އެއްކޮށް ލޮކްޑައުންގައިވެސް ހުރުން ވަރަށް އުނދަގޫ. އެއީ ހަމަ ވަރަށް ބޮޑަށް ދަތިތަކާ އެބަ ދިމާވޭ. އެހެންވީމާ، ބެލެންސެއް ގެނެސްފައި، އަޅުގަނޑުމެންނަށް ބަލިވާ މީހުންނާ އަޅައިލެވޭ، އެ އަވަހަށް އެ ފަރުވާ ދެވޭނެ ހިސާބެއްގައި، އެކަމަކު ކޮންމެވެސްވަރަކަށް މީހުންނަށްވެސް ވިޔަފާރި ކުރެވި، އެ ހިސާބުގައި މެއިންޓެއިން ކުރެވޭވަރަކަށް ގެންދަން މި ބަލަނީ.

އެހެންވީމާ، އަޅުގަނޑުމެން ފަސް ޕަސެންޓަށް މިސާލަކަށް ދަށްކުރެވެން، މިގޮތަށް ދިޔަޔަސް ގާތްގަނޑަކަށް ނަގާނެކަންނޭނގެ ހަތަރު ހަފްތާވަރު. އެކަމަކު އޭގައި އެނގޭނީ ކުރިއަށް ހަމަ ދެ ހަފްތާއިން، ދެ ހަފްތާއިން، ނޫނީ ދިހަވަރަކަށް ދުވަހުން ބަލަމުން ގެންދިޔައިމާ.

ގުފްތާރު އަޖީރު - ސީ.އެން.އެމް:

އާދެ، އަޅުގަނޑުގެވެސް ސުވާލަކީ، ކޯވިޑް-19ގެ މި ޙާލަތާ ގުޅިގެން އަޅުގަނޑުމެންނަށް ދަސްވި ހަމަ އެންމެބޮޑު އެއްކަމަކީ، ފާއިތުވި 70 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ދައުލަތުގެ ފަރާތުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދެމުންދިޔަ ކަމުގައިވީނަމަވެސް، ޙަޤީޤީ ޙައްލުތަކެއް ހޯދިފައި ނެތްކަން. މިސާލަކަށް، ހަމަ މިޝްކާގެ ކޭސްވެސް ހަމަ ދިމާވުމާ އެކުގައި، އިތުރު ކަންތައްތަކެއް ހޯދަން ޖެހުމަކީ ޙަޤީޤަތުގައި މި ފާއިތުވި 70 ވަރަކަށް އަހަރުގެ ތެރޭގައި މިކަންކަމަށް އެންމެ އެކަށީގެންވާ ކަންތައްތައް ކުރެވިފައި ނެތްކަމުގެ މިސާލެއްކަންނޭނގެ.

ދެން އަޅުގަނޑު ހަމަ ރައީސަށް އަމާޒުކޮށްލަން ބޭނުންވަނީ، އަޅުގަނޑުގެ ސުވާލަކީ، މިސާލަކަށް، ޞިއްޙީ ނިޒާމަށް އެކަށީގެންވާ ދާއިމީ ޙައްލެއް، ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ކަމެއް ދިމާވިނަމަވެސް، ދާއިމީ ގޮތެއްގައި އެމްބިއުލެންސާއި، ކޯލް ސެންޓަރާއި އަދި ޞިއްޙީ މިހިރަ ރިސޯސްތައް އެންމެ އެކަށީގެންވާ ގޮތުގައި ލިބޭނެ ދާއިމީ ޙައްލެއް ހޯދުމަށް ވިސްނަވަންތޯ؟ އަދި ހަމަ އެއާއެކުގައި، ދައުލަތުގެ ފަރާތުން ޞިއްޙީ ނިޒާމަށް ކުރާ ޚަރަދު އިތުރުކުރުމަށް ވިސްނަވަންތޯ؟ މިސާލަކަށް، ޞިއްޙީ ނިޒާމަށް ގިނައިން އެލޮކޭޓް ކުރައްވަން ވިސްނަވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ވަރަށް ބޮޑަށް ޝުކުރިއްޔާ. ތިޔަ ވިދާޅުވާހެން އަޅުގަނޑުމެން ކޯވިޑުގެ މި ޕެންޑަމިކާ ކުރިމަތިލިއިރުގައި، ޚާއްޞަކޮށް، ރާއްޖޭގެ އަތޮޅުތަކުގެ ޙާލަތު ވަރަށްދަށް. ހުރިހާ އަތޮޅެއްގައިވެސް އަޅުގަނޑުމެންނަށް ޖެހުނީ ފެސިލިޓީޒްތަކާ އެއްޗެތި ޤާއިމުކުރަން. އެއަށް ވަރަށްބޮޑު ޚަރަދެއް އަޅުގަނޑުމެން ކޮށްފައި އެބައޮތް. އަޅުގަނޑުމެންނަށް ކުރެވުނު ޚަރަދުގެ ތަފްޞީލަށްދާއިރުގައިވެސް 1.7 ބިލިއަން ރުފިޔާ، ގާތްގަނޑަކަށް މިއޮތީ ހަމައެކަނި ފެސިލިޓީޒްތައް ޤާއިމުކުރުމަށް ޚަރަދު ކުރެވިފައި. އެގޮތުން، ފެސިލިޓީޒްތައް ހެދުމާއި، ވެންޓިލޭޓަރާ، ދެންގޮސް ބާއްވާނެ އެނދާ، މި ހުރިހާ އެއްޗެއް އަޅުގަނޑުމެންނަށް ޤާއިމުކުރަންޖެހުނު، މިދިޔަ އަހަރުގެ ތެރޭގައި. އެގޮތުން، އައްޑޫސިޓީއާއި، އޭދަފުށްޓާއި، ފުނަދުއާއި، ވިލިނގިއްޔާއި، ތިނަދުއާއި، ގަމާއި، ފުވައްމުލަކާއި، މިހެންގޮސް އިހަވަންދޫ، މި ހުރިހާ ހިސާބެއްގައި މިހާރު މިހުރީ މިކަމަށް އެކަށީގެންވާވަރުގެ ފެސިލިޓީޒްތަކެއް ޤާއިމުކުރެވިފައި ކަމަށް އަޅުގަނޑު ދެކެން.

މުޅި ޞިއްޙީ ނިޒާމަށް ބޮޑު ބަދަލުތަކެއް ގެންނަންޖެހޭ. އެގޮތުން، އަޅުގަނޑުމެން ފުރަތަމަވެސް ނިންމީ، ޓަރޝަރީ ފަސް ހޮސްޕިޓަލް، ފަސް ސަރަޙައްދުގައި ޤާއިމުކުރަން. އޭގެއިތުރަށް، އަތޮޅު ފެންވަރުގައި އިތުރު ހޮސްޕިޓަލްތަކެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ފަށައިގެން އެބަ ގެންދަން. އެއީ ބީ.އެމް.އެލް ތްރޫކޮށް އަޅުގަނޑުމެން ހޯދާ ފައިނޭންސާއި އަދި ކުވައިތު ފަންޑުން ދީފައި ހުރި ފައިނޭންސާ އެކީގައި. ނަސީމް އޭގެ ތަފްޞީލު ވިދާޅުވެދެއްވާނެ.

ތިޔަ ވިދާޅުވާހެން ވަރަށްބޮޑު މަސައްކަތްތަކެއް އޭގައި ކުރަން ޖެހިފައި އެބައޮތް. އަޅުގަނޑުމެންގެ އެންމެ މުހިއްމު އެއް އަމާޒަކީ، ތިޔަ ވިދާޅުވާހެން މި ދައުރުގެ ތެރޭގައި، ރާއްޖޭގެ ޞިއްޙީ ނިޒާމު މިހާރަށްވުރެ ބޮޑަށް ހަރުދަނާކޮށް، އަދި ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށް، އޭގެތެރޭގައި، ހިއުމަން ރިސޯސްވެސް ބޭނުންވާ ވަރަށް ހޯދުން. އެކަމުގެ ތަފްޞީލު، މިނިސްޓަރ ނަސީމް އަޅުގަނޑު ހިތުން ތިޔަބޭފުޅުންނަށް އަރުވާނެ.

އަޙްމަދު ނަސީމް - މިނިސްޓަރ އޮފް ހެލްތު:

ޝުކުރިއްޔާ ރައީސް.

އާދެ، އަޅުގަނޑު ދެކޭގޮތުގައި، މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ޞިއްޙީ ދާއިރާގައި ވަރަށްގިނަ ކަންތައްތަކެއް ކުރެވިއްޖެ. އަދި މިހާރުވެސް ދަނީ ކުރެވެމުން. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ދެންމެ އެ ފާހަގަކުރެއްވި ޓަރޝަރީ ހޮސްޕިޓަލްތަކުގެ ކަންތައްތަކާއި، އަދި މިހާރު އަޅުގަނޑުމެން އިޢުލާނުކޮށްގެން މި ކުރިއަށް ގެންދާ ކުދި ހޮސްޕިޓަލް ހެދުމުގެ މަޝްރޫޢުވެސް އޭގެތެރޭގައި ހިމެނޭ. ގާތްގަނޑަކަށް އޭގެ 18 ހޮސްޕިޓަލެއް އަޅުގަނޑުމެންނަށް ރާއްޖެތެރޭގައި ތައްޔާރު ކުރެވޭނެ. އެއީ 30 ބެޑްގެ ހޮސްޕިޓަލް.

މިހާރު ގިނަ ތަންތަން ވަނީ އިޢުލާނު ކުރުމުގެ މަރުޙަލާގައި. އަދި ކުރެހުންތަކާ ހުރިހާ އެއްޗެއް ނިމި، އެ ކަންތައްތައް އަޅުގަނޑުމެން ކުރަމުން މިހާރު މިގެންދަނީ.

އެހެންވީމާ، ކޯވިޑާ ގުޅިގެން އަޅުގަނޑު ކުޑަކުޑަ އެއްޗެއް ދަންނަވާލަން ބޭނުން. ދުނިޔޭގެ އެއްވެސް ޤައުމެއްގައި މިކަހަލަ ސަރޖަކަށް ތައްޔާރުވެފައެއް ނޫން އޮންނަނީކީ އިނގޭތޯ. އެއީ އެއްވެސް ތަނެއްގައި ޢާއްމު ޞިއްޙަތަށްދޭ ޚިދުމަތްތަކުގެ އިތުރުން، އެހެން މާގިނަ ޚިދުމަތްތަކެއް ނުވެސްހުރޭ. އެހެންނަމަވެސް، ދިވެހިރާއްޖޭގައި މިހާ ކުޑަކުޑަ ޤައުމެއްގައި އަދި އަޅުގަނޑުމެންގެ ފިނޭންޝަލް މިންވަރު ހުންނަގޮތަށް ބަލާއިރު، ދިވެހިރާއްޖެއިން މި ކަންތައްތައް ގެންދިޔަގޮތާ ދޭތެރޭގައި ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުން އެކަން ވަރަށް ބޮޑަށް ފާހަގަކުރައްވާފައި އޮތީ.

ދެން އަޅުގަނޑުމެން މިހާރު ވަނީ ހަމަ ދުނިޔޭގެ އެންމެ ގިނައިން ވެކްސިން ދެވުނު އެއް ޤައުމަކަށްވެސް ވެފައި. އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި، މި ކަންތައްތައް ވަރަށް ރަނގަޅަށް ގޮސްފައި ހުރީ. އެހެންނަމަވެސް، އަޅުގަނޑު ދެކޭގޮތުގައި، ތަފާތު ވޭރިއަންޓްތަކެއް ރާއްޖެއަށް އައުމުން، މި ސަރޖް މިހާބޮޑަށް މިދިޔައީ. މިހާ ބާރަށް، މި ކަންތައް ނުރައްކާތެރި ހިސާބަކަށް އަޅުގަނޑުމެންނަށް މިދިޔައީ. އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުގައިވެސް މި ކަންތައްތައް އުޅޭތީ.

އަޅުގަނޑުމެން މިހާރު މާލޭ އޭރިއާގައިވެސް މެޑިކަލް އޮފިސަރުންނާއި ޑޮކްޓަރުން އެބަތިބި. ފިޒިޝަނުން، އެނިސްތީޒިސްޓުން، ނަރުހުން، ކްލީން ކުރާ މީހުން، ރޭޑިއޯގްރާފަރސް، އަދި އެޑްމިނިސްޓްރޭޓިވް ސަޕޯޓަރސް. 574 އެބަތިބި މިހާރު. ހެލްތު ޕްރޮފެޝަނަލް ސްޓާފުންވެސް އެބައުޅޭ، ހަމައެކަނި ކޯވިޑަށް އެކަނިވެސް އެބަތިބި 2460 މީހުން. އެއީ ސަޕޯޓް ސްޓާފުންނާ، އެ އެންމެން އެއްކޮށް.

ދެން އައްޑޫސިޓީގައިވެސް ހަމަ މިގޮތަށް، މިހާރު އެކަށީގެންވާ ޢަދަދަކަށް ނަރުހުންނާއި ޑޮކްޓަރުން އެބަތިބި. ކޯވިޑަށް އަމާޒުކޮށްގެން ބޭތިއްބިފައި. ހަމައެގޮތަށް، މުޅި ރާއްޖޭގެ ހައި ޑިޕެންޑެންސީ ޔުނިޓުތައްވެސް އަޅުގަނޑުމެންނަށް ޤާއިމުކުރެވިފައި މިހާރު އެހެރީ. އައި.ސީ.ޔޫ ފެސިލިޓީޒް ޤާއިމުކުރެވިފައި ހުރީ، 91. ހައި ޑިޕެންޑެންސީ ބެޑްސްއަށް 29. ދެން ކޯވިޑުގެ ޙާލަތަށް 481 އެނދު އެބަހުރި އަޅުގަނޑުމެންގެ ތެރޭގައި. ޖުމްލަ 601. 600 އަށްވުރެ މަތީގައި މިއުޅެނީ.

އެހެންވީމާ، ވެންޓިލޭޓަރުވެސް އަޅުގަނޑުމެންގެ އަތުގައި އެބައުޅޭ، މާލޭ އޭރިއާގައި އައި.ސީ.ޔޫ.ގައި 40 އަށްވުރެ މަތީގައި އެބަހުރި. ދެން ރިޒަރވްގައި އަޅުގަނޑުމެން ބަހައްޓާފައި އެބަހުރި. ސްޓޮކްގައި 38 އެބަހުރި. އެހެންވީމާ، މިއިން އެއްޗަކަށް މަދެއްނުވޭ. ދެން ޖުމްލަ 95 މިހާރުވެސް އޮޕަރޭޝަނަކަށް މިއުޅެނީ.

އެހެންވީމާ، ރާއްޖެތެރޭގެ ރަށްރަށުގަޔާއި، ހުރިހާ ތަނެއްގައިވެސް ވެންޓިލޭޓަރުވެސް ބެހެއްޓިފައި މިހިރީ. އަދި މިއީ ހަމައެކަނި ކޯވިޑަށް ބެހެއްޓި އެއްޗެހި. ޢާއްމުގޮތެއްގައި އެތަނުގައި ހުންނަ ވެންޓިލޭޓަރުތައް، ޢާއްމު ބަލިތަކަށް ބޭނުންކުރުމަށް ބަހައްޓާފައި.

އެހެންވީމާ، މިކަހަލަ ގޮތަކަށް އަޅުގަނޑުމެންނަށް މި މަސައްކަތް ކުރެވިފައި މިއޮތީ. އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުމެން ތައްޔާރުކުރާ ކޮންމެ ތަނެއް އިނގޭތޯ ދަންނަވާލާނަން. އަޅުގަނޑުމެން ތައްޔާރުކުރާ ކޮންމެ ހޮސްޕިޓަލެއް، 2040 ވަނަ އަހަރާ ހަމަޔަށް އިތުރަށް އަޅުގަނޑުމެން ބެޑްސް ބޭނުންނުވާނެ ކަމަށް، ޢާއްމު ޞިއްޙީ ކަންތައްތަކަށް ބޭނުންނުވާނެ ކަމަށް. އެގޮތަށް ތަރުތީބުކޮށްގެން އަޅުގަނޑުމެން މިގެންދަނީ.

ދެން ކުޑަކޮށް ލަސްވެގެން މިދިޔައީ، އަޅުގަނޑުމެންގެ އެމްބިއުލެންސް ޕްރޮގްރާމް. ރާއްޖެތެރޭގެ ރަށްރަށަށް ގެންނަ އެމްބިއުލެންސް ޕްރޮގްރާމް. އެ އެމްބިއުލެންސްވެސް އަޅުގަނޑު ލަފާކުރާގޮތުގައި، އިރާދަކުރެއްވިއްޔާ، ޖުލައިގެ ކުރީކޮޅުގައި އަޅުގަނޑުމެންނަށް ލިބޭވަރުވާނެ. އެގޮތަށް އެސް.ޓީ.އޯ. އިން އަޅުގަނޑުމެންނަށް ކޮންފަރމޭޝަން ދެއްވާފައި އޮތީ. އެހެންވީމާ، އެކަންތައްވެސް އެބަ ހިނގާ މިހާރު އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ދެންމެ މިނިސްޓަރ ނަސީމް އެ ވިދާޅުވިފަދައިން، އަޅުގަނޑުމެންނަށް ކޯވިޑާ ގުޅިގެން މުޅި ރާއްޖޭގެ ކަންކޮޅުތަކުގައި އައި.ސީ.ޔޫ ބެޑް އިތުރުކުރެވިއްޖެ، 126 އައި.ސީ.ޔޫ ބެޑް. މާލެއަށް އަޅުގަނޑުމެންނަށް އިތުރުކުރެވުނު 31. އަތޮޅުތަކުގައި އެކި ރަށްރަށުގައި 95 އައި.ސީ.ޔޫ ބެޑް އިތުރުކުރެވުނު. މިއީ ކުރިން އެއްގޮތަކަށްވެސް ނެތް ތަންތަން.

އޭގެއިތުރުން، ދެންމެ ވިދާޅުވިގޮތަށް، ކޯވިޑަށް ޚާއްޞަކޮށްގެން ފެސިލިޓީތަކުގައި 58 ވެންޓިލޭޓަރު އެބަހުރި. އަދި ސްޓޮކްގައި އިތުރަށް 38 އެބަހުރި. އެހެންވީމާ، ތަކެތި ހޯދި، ސާމާނު ހޯދި، ތައްޔާރުތަކެއް ކޯވިޑަށް ވެވިފައި އެބަހުރި. އެހެންނަމަވެސް، މޭ މަހުގެ ތެރޭގައި ދެންމެ ނަސީމް އެ ވިދާޅުވިހެން، އައިކަހަލަ ސަރޖެއް އައިމާ، އެއީ ކުއްލިއަކަށް އަންނަ ކަމެއްގައި، ހުރިހާ ޤައުމުތަކަކަށްވެސް މިކަހަލަ ކަންތައްތައް ކުރިމަތިވެފައި އެބަހުރި. އެހެންނަމަވެސް، ޖުމްލަކޮށް، މުޅި ޞިއްޙީ ނިޒާމު، ދެންމެ ދެންނެވި ފަދައިން، ރަނގަޅު ކުރުމުގެ މަސައްކަތް އަޅުގަނޑުމެން އެބަ ކުރަން. އޭގެ ނަތީޖާ، އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނާނެ.

މުޙައްމަދު އަފްރާޙް - އެޓޮލްސް ނިއުސް:

ޝުކުރިއްޔާ! އަޅުގަނޑުގެ ސުވާލަކީ، މިހާރު މިވަނީ ޗައިނާގެ ސިނޮފޯރމް ވެކްސިން އިތުރަށް ނުގަތުމަށް ނިންމާފައި. މިއީ ކިހިނެއްވެގެން ނިންމެވި ނިންމެވުމެއްތޯ؟

ދެން ހަމަ ޑޮކްޓަރ ނަޒްލާ މުޞްޠަފާ އިންނެވީމާ އަހާލާހިތްވޭ، ކޮވިޝީލްޑް ވެކްސިން، މިހާރު ރާއްޖޭގައި ވަރަށްމަދުން ހުރީމާ، ޖައްސަވަނީ ޚާއްޞަ ޙާލަތްތަކުގައި. ވަކި ފަރާތްތަކަކަށް ޖައްސަވަނީ. އެހެން ޖަހާއިރުގައި، މިސާލަކަށް، ޢުމުރުން ދުވަސްވީ މީހަކު ބަލަހައްޓާ މީހަކު، ކޮވިޝީލްޑް ވެކްސިންގެ އެއް ޑޯޒް ޖަހާފައި ހުރި މީހަކަށް، ދެވަނަ ޑޯޒް ޖެހިދާނެތޯ، އެފަދަ މީހުން ތިޔަ ހައިރިސްކް މީހުންގެ ތެރޭގައި ހިމަނާނެތޯ؟

އަޙްމަދު ނަސީމް - މިނިސްޓަރ އޮފް ހެލްތު:

ތިޔައީ ވަރަށް ދެރަކޮށް ނޫހުގައި ޝާއިޢުކޮށްފައި އޮތް އެއްޗެއް އިނގޭތޯ. އެއީ، އަޅުގަނޑެއް ނުބުނަން، އަޅުގަނޑުމެން ޗައިނާ ވެކްސިން ހޯދާކަށް އެގްރީމަންޓެއް ނުކުރާނަމެކޭ. އަޅުގަނޑު ބުނީ، އަދި މިހާތަނަށް ކުރެވިފައެއް ނެތޭ. ދެން އެތަންކޮޅު އުނިކޮށްފައި އޮތީމާ، އަޅުގަނޑު އޭނާއާ ސުވާލުކުރިން. ސުވާލުކުރީމާ އޭނާ ބުނީ، ތިމަންނާ ޖަހާނަމޭ އެތަން ރަނގަޅުކޮށްފައި. ދެން އަޅުގަނޑަކަށް ފަހުން ބަލައެއްނުލެވޭ. އަޅުގަނޑު ހީކުރަނީ މިހާރު އެ ޖަހާފައިހެން އޮންނާނީ ކޮންމެވެސް އެއްޗެއް އެކަމާ ބެހޭގޮތުން. ކޮންމެއަކަސް އޭނާއާ އަޅުގަނޑު އެ މައްސަލަ ޖެއްސިން އިނގޭތޯ. އެއީ ދެން އިންޑިއާ ކޮންސެޕްޝަނަށް އޭނާއަށް ޖެހުނު އެއްޗެއް ކަމަށް އަޅުގަނޑު ދެކެނީ އިނގޭތޯ. އެއީ އަޅުގަނޑުމެން ޗައިނާއާ އެ ވެކްސިންގައި ސޮއިނުކުރާ ކަމަށްވަނީވިއްޔާ، ދެން އެ މާކެޓަށް އެކަހަލަ ވާހަކަތައް ރަނގަޅުވާނީ. ދެން ބައެއްފަހަރަށް ބައެއް ޤައުމު ޤައުމުގައި އެކަހަލަ ކަންތައް ކުރޭ އިނގޭތޯ.

ޑޮކްޓަރ ނަޒްލާ މުޞްޠަފާ - އެޗް.ޕީ.އޭ:

ޝުކުރިއްޔާ އިނގޭތޯ. އަޅުގަނޑުމެންނަށްވެސް ހަމަ ބައެއް ބޭފުޅުން އެބަ ގުޅުއްވާ ހަމަ އެގޮތަށް، ދުވަސްވީ މީހުން ބަލާ މީހުންނަށް ޖަހަން. ދެން އަޅުގަނޑުމެންގެ ފުރަތަމަ އަމާޒަކީ، ދުވަސްވީ މީހާޔަށް ހަމަ ވެކްސިން ދިނުން. މިގޮތުން ހަމަ ދުވަސްވީ ބައެއް މީހުން، ފައިޒާ ވެކްސިން ދެ ޑޯޒްވެސް ހަމަކޮށްފައި ހުރީ.

އެހެންވީމާ، ފުރަތަމަ އަމާޒަކީ، 65 އަހަރުން މަތީގެ ދުވަސްވީ މީހުންނާއި، ހައި ރިސްކް މީހުންނަށް ދެ ޑޯޒް ޖެހުން. އެއީ ދެ ޑޯޒް ޖެހީމާ، މިހާރު ވޭރިއަންޓުންވެސް ގާތްގަނޑަކަށް 60 ޕަސެންޓް ޕްރޮޓެކްޝަން، ނޫނީވިއްޔާ ރައްކާތެރިކަން އެބަ ލިއްބައިދޭ. އެހެންވީމާ، އެއީ ފުރަތަމަ އަމާޒަކީ. ދެން އެއަށްފަހު، އަޅުގަނޑުމެންގެ އޮންނާނެ އެލޮކޭޝަން ފްރޭމްވަރކެއް. އެއާ އެއްގޮތަށް ހަމަ ދާނީ.

ދެން މިވަގުތު އެނގިލައްވާނެ، ހަމަ ވަރަށްމަދު ޑޯޒްކޮޅެއްކަން ހުރީ. އޭތި އަޅުގަނޑުމެން ހަމަ ވަރަށް ބަލަހައްޓައިގެން ހިފަހައްޓައިގެން ދެވޭތޯ ހަމަ މި ބަލަނީ ހައިރިސްކް ބޭފުޅުންނަށް އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަފްރާޙް، އަޅުގަނޑުމެންގެ އެމް.ޓީ.އޭ އިން އެޕްރޫވްކޮށްފައި ހުރި ހުރިހާ ވެކްސިނެއް ހޯދޭތޯ އަޅުގަނޑުމެން އެބަ ބަލަން. އެހެންވީމާ، އޭގެތެރޭގައި ވަކި ވެކްސިނެއް ބާކީކޮށްފައެއް ނޯންނާނެ. އެހެންވީމާ، ކުރިއަށް އޮތް ތަނުގައިވެސް އެގޮތަށް އަޅުގަނޑުމެން ކުރިއަށް ގެންދާނަން. ހުއްދަކޮށް، އެޕްރޫވްވެފައި ހުރި ހުރިހާ ވެކްސިނެއް ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާނަން.

މުޙައްމަދު ވިޝާމް - ޢަދަދު ނޫސް:

އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވި، ކޯވިޑް މެނޭޖް ކުރުމުގައި ސަރުކާރު ފެއިލްވީ ކަމަށް ގަބޫލުނުކުރައްވާ ކަމަށް. ދެން އަދި މިހާރު ހުރި ޞިއްޙީ ވަސީލަތްތަކާއެކު އެންމެ ރަނގަޅަށް ކޯވިޑް މެނޭޖް ކުރަމުންދާ ކަމަށް. އެކަމަކު މި ބަލިމަޑުކަމަށް މިހާރު އަހަރަކަށްވުރެ ގިނަދުވަސް ވެގެންމިދަނީ. ހަތަރު ބިލިއަނެއްހާ ރުފިޔާ މިހާރު ޚަރަދުވެއްޖެ. އެކަމަކު މިހާރުވެސް ލޮކްޑައުންގެ ޙާލަތުގައި ދެން ގާތްގަނޑަކަށް މާލެ އޮތްއިރުގައި، ޞިއްޙީ ފަރުވާގެ ނިޒާމު، ގާތްގަނޑަކަށް އެކީގައިހެން މިވަނީ ހުއްޓިފައި. މިހާރު ދެވަނަފަހަރަށް އަނެއްކާ މާލެ ލޮކްޑައުން ކުރަން މިޖެހުނީ. ޙާލަތު އެހާހިސާބަށް ގޮސްފައި އޮއްވައި، މިދިޔަ ހަފްތާގައި، 10 އަހަރުގެ ކުޑަކުއްޖަކު އަޅުގަނޑުމެންނާ ވަކިވެގެން މިދިޔައީ. އެއީ ހަމަ ސިސްޓަމް ފެއިލްވެ، ބޮޑެތި އިހުމާލުތަކެއްގެ ސަބަބުން ކަމަށް ހެލްތު މިނިސްޓްރީގެ ރިޕޯޓުންވެސް އެބަ ފާހަގަވޭ.

އެހެންވީމާ، ކޯވިޑް މެނޭޖް ކުރުމުގައި ފެއިލްނުވާ ކަމަށް މަނިކުފާނު ތިޔަ ވިދާޅުވަނީ ކީއްވެގެންތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ތިޔަ ވިދާޅުވާހެން އަޅުގަނޑުމެންނަށް ކޯވިޑަށް އެކިއެކި ކަންތައްތަކަށް 3.4، 1 ބިލިއަން ރުފިޔާ، އަޅުގަނޑު ކުރިންވެސް ދަންނަވާހެން މިހާތަނަށް ޚަރަދު ކުރެވިއްޖެ. އެގޮތަށް ޚަރަދުކުރަންޖެހުނު އެންމެބޮޑު އެއް ސަބަބަކީ، އަޅުގަނޑުމެން މިކަމާ ކުރިމަތިލީއިރުގައި ވަސީލަތްތައް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރިލެއް މަދުކަން.

އެގޮތުން، 1.7 ބިލިއަން ރުފިޔާ ގާތްގަނޑަކަށް މުޅި މެޑިކަލް، ޞިއްޙީ އަދި އިޖުތިމާޢީ ކަންތައްތަކަށް ޚަރަދު ކުރެވުނު. އޭގެ ބައެއް ތަފްޞީލުތައް އަޅުގަނޑު ދެންމެ ދަންނަވާލައިފިން.

ކޯވިޑުގައި ފެއިލްނުވާ ކަމަށް އަޅުގަނޑު މި ދެންނެވީ، ދުނިޔޭގެ އެހެން ޤައުމުތަކާ އަޅައިބަލާއިރުގައި، އަޅުގަނޑުމެންނަށް މި ދެވޭ ޚިދުމަތްތައް އެހާ ގޯސްކަމަކަށެއް އަޅުގަނޑެއް ނެތިން ދަންނަވާކަށެއް. އަދި މި ބަލީގައި އެއްވެސް މީހަކު މަރުވެދިޔުމަކީ އެއީ ފޫނުބެއްދޭވަރުގެ ކަމެއް. އެހެންނަމަވެސް، އެހެން ޤައުމުތަކާ އަޅައިބަލާއިރުގައި، އެ ޢަދަދުވެސް މިއުޅެނީ، އަޅުގަނޑު މި ދަންނަވާހެން ގޯސް ޢަދަދެއް ނޫން ފެންނަން ހުރީކީއެއް. އަޅުގަނޑުމެންނާއި ސިންގަޕޯރއާ، މިކަހަލަ ޤައުމުތަކެއް އެއްވަރެއްގައި ހިފެހެއްޓިފައި ހުރި ވާހަކަ މި ދަންނަވަނީ.

އެނގިވަޑައިގަންނަވާނެ، މި ކޯވިޑަކީ 100 އަހަރުން އެއްފަހަރު ދިމާވާކަހަލަ ކަމެއް. އެއްވެސް ޤައުމެއް ނެތް މިކަމަކަށް އެވަރަކަށް ތައްޔާރުވެފައެއް. އެހެންވީމާ، ކުއްލިއަކަށް މި އަންނަ ސަރޖްތަކުގައި އެބަދޭ، އަތްދަށުން ބައެއް ކަންތައްތައް. އެ ބަލާފައި، އެ ކަންތައް ރަނގަޅު ކުރަމުން އަޅުގަނޑުމެން މިގެންދަނީ. އިރާދަކުރެއްވިއްޔާ މިހާރު މިދާ މިޞްރާބަށް އަޅުގަނޑުމެންނަށް މަސައްކަތްތައް ކުރެވޭ ކަމަށްވަންޏާ، ދާދި އަވަހަށް ނިއު ނޯމަލްއެއްގައި އަޅުގަނޑުމެންނަށް ދިރިއުޅެން ފެށޭނެ ކަމަށް ގަބޫލުކުރެވޭ.

ޢަބްދުﷲ މުޢާޒް - ޕީ.އެސް.އެމް ނިއުސް:

އަޅުގަނޑުގެ ސުވާލަކީ، މިޝްކާގެ މަރާއެކު ހާމަކުރައްވާފައިވޭ، މިނިސްޓްރީގެ ފަރާތުންވެސް އެމްބިއުލެންސް ފޯރުކޮށްދިނުމުގައި އިތުރު ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް. މި ދެންނެވީ އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް. އިމަރޖެންސީ ކަމެއްގައި އެމްބިއުލެންސަށް ގުޅުމުން، ގިނަފަހަރަށް އެމްބިއުލެންސް ލަސްވާން ދިމާވާ ސަބަބަކީ، އެކި ނަންބަރަށް ގުޅަން ޖެހުމުގެ ސަބަބުން. މިނިސްޓަރވެސް ހަމަ ކުރިންވެސް ހަމަ ވިދާޅުވެފައިވޭ. އެމްބިއުލެންސް ފޮނުވުމުގައި ލަސްވީ ނޫންކަން. އެމްބިއުލެންސާ ހަމަޔަށް އެ މަޢުލޫމާތުތައް ފޯރުކޮށްދިނުމުގައި ލަސްތަކެއް އުޅުނުކަމަށް.

އަޅުގަނޑުގެ ސުވާލަކީ، އެއް ނަންބަރެއް، އެމްބިއުލެންސްގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ވަރަށް އަވަހަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައިވާތީ، ކީއްވެގެންތޯ ލަސްވަނީ، ކިހާތާކު އެމްބިއުލެންސްގެ ޚިދުމަތަށް އެއް ނަންބަރެއް ޤާއިމުކުރެވިގެންދާނެތޯ؟

ހަމައެހެންމެ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ. ރައީސް ވިދާޅުވެއްޖެ، މި ފިޔަވަޅުތަކަށް ލުޔެއް ދިނުމުގެ ވިސްނުންފުޅު ގެންގުޅުއްވަނީ، ގާތްގަނޑަކަށް ދެ ހަފްތާއެއްހާ ދުވަސްފަހުން، މި ކޭސްތަކަށް އިތުރަށް އަންނަ ބަދަލުތަކާ އެކުގައި ކަމަށް.

އަޅުގަނޑުގެ ސުވާލަކީ، މިފަހަރުގެ މި ސަރޖް ނުވަތަ މިކަންތައް މި ދިމާވެގެން މިދިޔައީ، ސްކޫލް ބަންދާ ދިމާކޮށް. ސްކޫލް ބަންދާ ދިމާވުމާ އެކީގައި މިހާރު އެޗް.ޕީ.އޭ. އިން އެބަވޭ، ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައި، އެއީ އިމަރޖެންސީ ޙާލަތެއްގައި ފިޔަވައި، އެހެނިހެން ރަށްރަށަށް ދަތުރުނުކުރެވޭނެފަދަ ގޮތަކަށް.

އަޅުގަނޑުމެންނަށް ދެން މިއާއެކީގައި ވަރަށް ބޮޑަށް ފެނިގެންދިޔަ، ބެލެނިވެރިންގެ ވަރަށްބޮޑެތި ކަންބޮޑުވުންތަކެއް، އެއީ ގާތްގަނޑަކަށް ދޮޅުއަހަރަށްވުރެ ގިނަ ދުވަހު ކުޑަކުދިން ގޮވައިގެން ބެލެނިވެރިން ގޭގައި ލޮކްޑައުންއެއްގައި ތިބެން މިޖެހުނީ. އެއީ ސްކޫލް ބަންދާ ދިމާކޮށް ރަށްރަށަށް ދަތުރުކުރަން ވަރަށްގިނަ ބަޔަކު ބޭނުންވެފައި މިތިބީވެސް.

މި އެޅި ފިޔަވަޅުތަކުގެ ތެރެއިން ނަމަވެސް، އެއްވެސް ފުރުޞަތެއް އޮންނާނެތޯއޭ، ބެލެނިވެރިންނަށް ކުދިން ގޮވައިގެން ރަށްރަށަށް ދަތުރުކުރެވޭނެ. އެއީ ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށް ނަގާ ސާމްޕަލް ނެގެޓިވްވުމުން، މި ރިލީޒް ވަނީ އަދި ރަށުތެރޭގައި އުޅުމުގެ ފުރުޞަތު މި ލިބެނީ. އެފަދަ ގޮތަކަށް ނަމަވެސް، މި ޗުއްޓީގައި ބެލެނިވެރިންނަށް މިފަދަ ލުއިތަކެއް ދިނުމުގެ އެއްވެސް ވިސްނުންފުޅެއް އެބައޮތްތޯ؟

އަޙްމަދު ނަސީމް - މިނިސްޓަރ އޮފް ހެލްތު:

އާދެ، ޝުކުރިއްޔާ. އެމްބިއުލެންސަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިއަދުގެ ނިޔަލަށް ބޭނުންވާ ފޯނުލައިންގެ ކަންތައް ހަމަޖެހެމުންދާނެ. އަޅުގަނޑު މިތަނަށް އައިއިރު، އެ މަސައްކަތުގައި އުޅެނީ އިނގޭތޯ. އެއީ އެކެއް، ސުމެއް، ސުމެއް. ދެން އުއްމީދަކީ ވީހާވެސް އަވަހަކަށް އެ ޚިދުމަތް ފެށުން. ކުރިންވެސް އަޅުގަނޑު މި ވާހަކަ ދައްކައިފިން މިތަނުގައި. މުޢާޒް ވަޑައިގެންނެވުމުގެ ކުރިންކަންނޭނގެ އެއީ އަޅުގަނޑަށް މި ވާހަކަ ދެއްކުނީ.

ދެން އެހެންނަމަވެސް، ޕޮއިންޓަކީ އަޅުގަނޑުމެންގެ އެމްބިއުލެންސެއް ލަސްވެފައެއް ނެތް. އެމްބިއުލެންސާ ހަމަޔަށް މެސެޖް ނުގޮސްގެން ލަސްވެފައި މިއޮތީ. އެހެންވީމާ، އެމްބިއުލެންސްގެ މީހުންނާ ދޭތެރޭގައިވެސް އަޅުގަނޑުމެންގެ ވަރަށްބޮޑު އިތުބާރުތަކެއް އެބައޮތް. އެހެންވީމާ، އެމްބިއުލެންސް ދިޔުމަށްވެސް ނެގީ 10 މިނިޓް އެ ގެޔަށް، މިޝްކާމެން ގެޔަށް.

ދެން އިރާދަކުރެއްވިއްޔާ، މި ކަންތައްތައް ހަމަޖެހިގެން ދިޔައިމާ، ޑެޑިކޭޓަޑް ލައިނެއް އެމްބިއުލެންސެއް އޮތީމާ، މި ކަންތައް ހަމަޖެހިގެންދާނެ. ކުރީގައި އަޅުގަނޑު ދަންނަވައިފިން، އެމްބިއުލެންސުން ދޭނެ ޚިދުމަތާއި، އެގެޔާ ހަމަޔަށް ދަތުރުކުރަންވާއިރަށް، އެމްބިއުލެންސްގައި ތިބޭ އަޅުގަނޑުމެންގެ ނަރުހުން، އެ ގޭގައި އެ ކަންތައްތައް ހިނގާގޮތް ބަލައި، މަޝްވަރާކޮށް ވާހަކަ ދައްކަމުން ގެންދާނެ ކަމަށް. އެ ވާހަކަ ދެން އަޅުގަނޑު ތަންކޮޅެއް ތަފްޞީލުކޮށް ކުރިން ދަންނަވައިފިން، މި ޕްރެސްގައި. ދެން ރިޕީޓް ނުކުރިޔަސް އެންމެ ރަނގަޅުވާނެ ނޫންތޯ މުޢާޒް.

ޑޮކްޓަރ ނަޒްލާ މުޞްޠަފާ - އެޗް.ޕީ.އޭ:

އާދެ، ލުއިތައް ދޭއިރުވެސް އަޅުގަނޑުމެން އެޗް.ޕީ.އޭ.ގެ އަދި މިނިސްޓްރީ އޮފް ހެލްތުގެ ޓެކްނިކަލް ޓީމް "ޓެކް" އާ އެއްކޮށް މަޝްވަރާކޮށްފައި، ދެން އަދި ވަރަށްގިނަފަހަރަށް މިހާރު އެކި މުއައްސަސާތަކާ، ނޫނީ އެޑިޔުކޭޝަން މިނިސްޓްރީއާ، މިގޮތަށް މަޝްވަރާކޮށްފައި ދެނީ. ދެން އެހެންވީމާ، އެކަހަލަ ކަމެއް ނިންމާއިރު، އަޅުގަނޑަށް ހީވަނީ ވަރަށްގިނަ ބޭފުޅުންގެ ލަފަޔާ އެކީގައިހެން ނިމޭނީ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، މުޢާޒް ތިޔަ ވިދާޅުވިހެން، ގޭތެރޭގައި ޢާއިލާއާ އެކީގައި ތިބެންވީމާ، ވަރަށް ވަރަށް ދަތިވާކަން އަޅުގަނޑުމެން އެންމެންނަށްވެސް ގަބޫލުކުރެވޭ. އެހެންނަމަވެސް، އަޅުގަނޑަށް ފެންނަނީ އަދި ދެ ހަފްތާ ހަމަ ހިތްވަރުކޮށްލަން. ޖުލައި މަސްތެރޭގައި އެބައާދޭ ވަރަށްބޮޑު ޗުއްޓީއެއް. ބޮޑުޢީދާއި، ޖުލައި 26އާ އެކީގައި ގާތްގަނޑަކަށް އަޅުގަނޑު ހަނދާންވާގޮތުން 14 ނޫނީވިއްޔާ 15 ދުވަހުގެ ބަންދެއް އެކީގައި އެބައާދޭ. މިހާރު ގޭގައި މަޑުކޮށްލާފައި އެ ޗުއްޓީގައި ތައްޔާރުވުން މާރަނގަޅުވާނެހެން އަޅުގަނޑަށް ހީވަނީ. އޭރުން އެކީއެކައްޗަކަށް ހަމަ ނިއު ނޯމަލްއެއްގައި އުޅެވޭ ހިސާބަށް ދެވުމަކީ އެކަށީގެންވާ ކަމެއް. އިރާދަކުރެއްވިއްޔާ، ޖުލައި މަހުގެ މެދުތެރޭގައި، ވެކްސިންގެވެސް އާ ބުރު ފެށޭނެ ކަމަށް މި އުއްމީދު ކުރެވެނީ. އަދި އެއަށްވުރެވެސް އަވަސްވެސް ވެދާނެ.

އެހެންވީމާ، އެހާތަނުން ލުއިތަކާ އެކީގައި އަޅުގަނޑުމެންގެ މޫވްމަންޓްސް އިތުރުކުރުން، އެއީކަންނޭނގެ ބުއްދިވެރިގޮތަކީ. އެހެންވީމާ، އިހަށް ހަމަ މަޑުކޮށްލަންވީ ކަމަށް އަޅުގަނޑަށްވެސް ފެންނަނީ.

މޫސާ ރަޝީދު - މިހާރު ނޫސް:

އަޅުގަނޑުގެ ސުވާލު ރައީސާ އިނގޭތޯ. ސީދާ މައުޟޫޢާ ނުގުޅުނު ކަމުގައިވީނަމަވެސް، ރައްޔިތުންގެ ވަރަށް ކަންބޮޑުވުން އޮތް މައްސަލައަކަށްވާތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެވުނު ޙަމަލާއާ ގުޅިގެން އެމް.ޑީ.ޕީ.ގެ ތެރޭގައި މިހާރު ވަރަށްގިނަ ހަމަނުޖެހުންތަކާއި އަދި އަރައިރުންތައް، އަޅުގަނޑުމެންނަށް މި ސޯޝަލް މީޑިއާ، ރައްޔިތުންނާ ހަމަޔަށްވެސް ތިލަވެފައިވާއިރު، އަޅުގަނޑުގެ ސުވާލަކީ، މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެބަވޭ، ސީދާ މަނިކުފާނަށް ތުހުމަތެއް ކުރައްވާފައި، ވަކިވަކި ސިފައިން އިންކުއަރީ ކޮމިޓީއަށްވެސް ޙާޒިރުކުރަން ހުރަސްއަޅަނީ މަނިކުފާނު ލޮބީ ކުރައްވައިގެން ކަމަށް. އެއީ ކިހާވަރެއްގެ ޙަޤީޤަތެއްތޯ؟ އަދި ނަޝީދު މަނިކުފާނާ އެހާ ގާތް ގުޅުމެއް އޮންނަ ކަމަށް ވިދާޅުވާއިރު، ރައީސް ނަޝީދު މިފަދަ ތުހުމަތެއް މަނިކުފާނަށް އަމާޒު ކުރަންޖެހޭ ސަބަބަކީ ކޮބައިތޯ؟

އާދެ، އަނެއް ކަމަކަށް، ނަފްރަތު މަނާކުރުމުގެ ބިލާ ގުޅޭގޮތުން ކޯލިޝަންގެ ހުރިހާ ޕާޓީތަކުން އެބަހުރި އިނގޭތޯ، ކަންބޮޑުވުން ފާޅުކޮށް، އެކަމާ ދެކޮޅަށް ވާހަކަ ދައްކާފައި. އަޅުގަނޑުގެ ސުވާލަކީ، މަނިކުފާނުގެ ވިސްނުމަކީ ކޮބައިތޯ މިކަމަށް.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ. 6 މޭގެ އެ ޓެރަރިސްޓް ޙަމަލާ، ރައީސް ނަޝީދަށް އަމާޒުކޮށްގެން އެ ދެވުނު ޙަމަލާގެ އިންކުއަރީއެއް 241 ކޮމިޓީން ކުރިއަށް އެބަގެންދޭ. 241 ކޮމިޓީގެ މުޤައްރިރު އެކަމާ ގުޅޭގޮތުން އިއްޔެވެސް ވަނީ ޕްރެސްއާ ބައްދަލުކުރައްވާފައި. ވަރަށް ތަފްޞީލުކޮށް ވިދާޅުވި، އެއީ އެއްވެސް ފަރާތަކުން، ސަރުކާރުންވެސް އަދި އަޅުގަނޑުވެސް، ސަރުކާރުގެ އެއްވެސް މުއައްސަސާއަކުންވެސް އެއްވެސް ހުރަހެއް އެއަށް ނާޅާކަމަށް. ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށް.

އެހެންވީމާ، އެ އިންކުއަރީ 241 ކޮމިޓީން ގެންދަން ބޭނުންވާ ގޮތަށް ރަނގަޅަށް ކުރިއަށްދާކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. އެމް.އެން.ޑީ.އެފް. އިން ވަކިވަކި ސިފައިން ގެންދިޔުމާ ބެހޭގޮތުން ނެރެފައި އޮތް ބަޔާނަކީ، އެއީ އެމް.އެން.ޑީ.އެފް.ގެ، ސިފައިންގެ ޤާނޫނާ ޙަވާލާދީ ނެރެފައި އޮތް ބަޔާނެއް. އެހެންވީމާ، އެބޭފުޅުން އެ ނެރުއްވާފައި އެ އޮތް ބަޔާނާ އެކީގައި ކޮމިޓީއަށް އެއްބާރުލުން ދެމުން ގެންދާކަމަށް މުޤައްރަރު އެވަނީ ވިދާޅުވެފައި. އަދި އޭގެއިތުރުން، ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑު އެއަށް ހުރަސްނާޅާނެކަން، އެ މަނިކުފާނު އެހެން ވިދާޅުވެފައި އޮތް ނަމަވެސް.

އަޙްމަދު ޙަމީދު އާދަމް - އަވަސް:

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ ރައީސް، އަޅުގަނޑުމެން ނޫސްވެރިންނާ ބައްދަލުކުރައްވައި، މަޢުލޫމާތުކޮޅެއް ޙިއްޞާކޮށްލަދެއްވަން މިއަދު ބައްދަލުކުރެއްވީތީ.

އަޅުގަނޑުގެ ސުވާލަކީ، ވެންޓިލޭޓަރުގެ އެއްބަސްވުން، ވެންޓިލޭޓަރު ގަންނަން ދުބާއީގެ ކުންފުންޏަކާ ޙަވާލުކުރުން އަދި ވެންޓިލޭޓަރުތައް ނުލިބުމުގެ މައްސަލައަކީ މިއީ ސަރުކާރުގެވެސް އަދި ރައީސްގެވެސް ވަރަށްބޮޑު ކަންބޮޑުވުމެއް. އެ މައްސަލަ ރަނގަޅު ގޮތަކަށް ނިންމެވުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވަނީ. މިހާރު އެއްބަސްވުން ބާޠިލުކުރަން ނޯޓިސް ދީފައިވާއިރުގައި، މިފަދަ މައްސަލަތަކުގައި އިތުރަށް ކުރިއަށްދާން ބޭނުންވާ ކަމަށްވާނަމަ، މައްސަލަ ހުށަހަޅަން މިޖެހެނީ، މޯލްޑިވްސް އިންޓަރނޭޝަނަލް އަރބިޓްރޭޝަން ސެންޓަރަށް.

އަޅުގަނޑުގެ ސުވާލަކީ، މިހާރު މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަކީ ކޮބައިތޯ ރައީސް؟ އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ރައީސްގެ އަތްޕުޅުގައި މިވަގުތު އެކަމާ ގުޅޭ އިތުރު މަޢުލޫމާތުތަކެއް އެބަހުރި.

ދެން މީގެއިތުރަށް، މި ވެންޓިލޭޓަރު އެއްބަސްވުން ބާޠިލުކުރަން ނޯޓިސް ދިނުމާއެއްކޮށް، އިތުރު މަޝްވަރާތަކެއް އެ ކުންފުންޏާ އެކުގައި ކުރެވުނުތޯ އަދި ނޯޓިސްއަށްފަހު، ދުބާއީ ކުންފުނީގެ އެއްވެސް އިޝާރާތެއް ލިބިފައިވޭތޯ އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ޙަމީދު. ހެލްތު މިނިސްޓްރީން މިވަނީ 2 މޭގައި އެ ކުންފުންޏަށް ޓަރމިނޭޝަން ނޯޓިސް ފޮނުވާފައި. ކުރީ ދުވަހުވެސް އަޅުގަނޑު ދެންނެވިން، ދެން މިހާރު އޮތީ އޮޑިޓަރ ޖެނެރަލް އޮފީހުގެ ލަފަޔާ އެކީގައި، ހެލްތު މިނިސްޓްރީން މިވަނީ އޮޑިޓަރ ޖެނެރަލް އޮފީހުގައި އެދިފައި، އޭގެ ވެލުއޭޝަނެއް ހަދަން. އެއަށްފަހުގައި، ދުބާއީގެ ކުންފުންޏަށް އެ ހުށަހަޅައި، އެ ގަބޫލު ނުކޮށްފި ކަމަށްވަންޏާ، ދެން މިޖެހެނީ އަރބިޓްރޭޝަނަށް ދާން. އެ ހިސާބުގައި އޮތް ކަމަށް އަޅުގަނޑަށް އަޕްޑޭޓް ލިބިފައި މިއޮތީ. އޭގެ އިތުރު ތަފްޞީލެއްވާ ކަމަށްވަންޏާ ހެލްތު މިނިސްޓަރ ޙިއްޞާކޮށްލަދެއްވާނެ.

އަޙްމަދު ނަސީމް - މިނިސްޓަރ އޮފް ހެލްތު:

ނޫން ރައީސް، އިތުރު ތަފްޞީލެއް ނެތް. މިހާރު ހަމަ ތިޔަ ވިދާޅުވިގޮތަށް އެ ކަންތައް މިއޮތީ. ދެން އަޅުގަނޑުމެން މި އިންތިޒާރު ކުރަނީ، މިހާރު އޭ.ޖީ އޮފީހުން އެގެންދަވާ ޕްރޮސެސް ހަމަ ރަނގަޅަށް ކުރިއަށް ގެންދަވައިގެން، ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށް އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ކުރީގައި މިހާރުގެ ނޫހުން ކުރެއްވި ސުވާލެއް އެބައޮތް އަޅުގަނޑަށް، ނަފްރަތުގެ ބިލާ ބެހޭގޮތުން. އަޅުގަނޑުމެންގެ ބޭނުމަކަށްވެފައި އޮތީ، މީހުންގެ ތެރޭގައި ނަފްރަތު އުފެދި، އޭގެ ސަބަބުން މީހުންގެ ފުރާނަޔާއި މުދަލާއި އެއްޗެއްސަށް ގެއްލުންވާ ހިސާބަށްދިޔަ ނުދިޔުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުން. އެއްވެސް ޙާލެއްގައި، އޭގެ ބޭނުމަކަށްވެފައި މިއޮތީކީ، އެއްވެސް ފަރާތަކުން ފާޅުކުރާ ޚިޔާލަށް ހުރަސްއެޅުމެއް ނޫން. އެގޮތުން، އަޅުގަނޑުމެން ސަރުކާރުން ހުށަހަޅާފައި އޮތް ބިލެއް އެއީ.

އެހެންނަމަވެސް، ރައްޔިތުން ވަރަށްބޮޑަށް ޚިޔާލު ފާޅުކުރައްވަމުން އެބަ ގެންދަވާ، އެ ބިލުގައި ހުރި ބައެއް ކަންތައްތަކާ ބެހޭގޮތުން. އަޅުގަނޑަށް ހަމަ ޔަޤީން، އިރާދަކުރެއްވިއްޔާ މަޖިލީހުގައި އެ ބިލަށް ބަޙުޘް ކުރެވި، ކޮމިޓީ ސްޓޭޖުގައި އެކަން ކުރިއަށްދާއިރުގައި، ރައްޔިތުން އެ ފާޅުކުރައްވާ ޚިޔާލާއި އަދި ކަންބޮޑުވުމެއް އޮތް ކަމަށްވަންޏާ، އެއަށްވެސް އެޑްރެސްކޮށް، އެކަމުގައި ގެންނަންޖެހޭ ބަދަލުތައް ގެންނާނެ.

ސަރުކާރުގެ ވިސްނުމެއް ނޫން، އެއްވެސް ޙާލެއްގައި އެއީކީއެއް، އެއްވެސް ފަރާތަކުން ފާޅުކުރާ ޚިޔާލަށް ހުރަސްއެޅުމެއް. އެހެންނަމަވެސް، އެ ފާޅުކުރާ ޚިޔާލަކުން، ދައްކާ ވާހަކައަކުން ބައެއްގެ ތެރޭގައި ނަފްރަތު އުފެދި، ބޮޑު ފިތުނައަކަށް އެ ބަދަލުވެ، ބައެއްގެ ފުރާނަޔަށް ގެއްލުންވާ ހިސާބަށްދާކަހަލަ ކަންތައްތައް ދިމާވާތީ، ވަކި ބަޔަކަށް އަމާޒު ކުރުމުގެ ގޮތަކުން ނޫން އެކަން ކޮށްފައި އޮތީކީ. މި ދެންނެވި ގޮތަށް، އެ ކަންކަން ހުއްޓުވުމަށްޓަކައި ޑްރާފްޓް ކުރެވިފައި އޮތް ބިލެއް. އޭގެތެރޭގައި، ރައްޔިތުން ޚިޔާލުތަފާތުވާ ކަންތައްތަކެއް ހުރިކަމަށްވަންޏާ، މިހާރުވެސް އެބަ ފެނޭ، އަޅުގަނޑަށް އޭގައި ޚިޔާލުތަފާތުވުންތައް ހުރިކަން. އެހެންވީމާ، އެ ހުރިހާ ކަމެއް ބަލައި، އަޅުގަނޑުމެންވެސް މިދަނީ އެއަށް ގެންނަންޖެހޭ ބަދަލެއް އޮތް ކަމަށްވަންޏާ، އެ ކޮމިޓީއާ ޙިއްޞާ ކުރަމުން ގެންދާގޮތަށް ނިންމައިގެން.

މާހަތު ޙުސައިން ރަޝީދު - ސަންގު ޓީ.ވީ:

ޝުކުރިއްޔާ ރައީސް.

އަޅުގަނޑުގެ ސުވާލަކީ، ރައީސް ނަޝީދަށް މި ދިން ޙަމަލާއާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ ޕާލަމެންޓް އިންކުއަރީ ކުރިއަށް ގެންދާއިރު، ދެން މީގެތެރޭގައި، އަޅުގަނޑުމެންނަށް ފާހަގަކުރެވިގެންދިޔަ، ދާދިފަހުން މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ހުށަހެޅިގެންދިޔަ މައްސަލައެއް. ދެން މި މައްސަލައިގައި މިނިސްޓްރީގެ ޑެޕިޔުޓީއެއް، ޑިފެންސް މިނިސްޓްރީގެ ޑެޕިޔުޓީއެއްގެ މައްސަލަ މިވަނީ ބޭރުކޮށްފައި. މައްސަލަ ބޭރުކުރިއިރު، މި މައްސަލައާ ގުޅިގެން އެމް.ޑީ.ޕީ.ގެ ޤައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕްގެ ތެރޭގައި މިކަމާ ގުޅޭގޮތުން ވާހަކަތަކެއް ދެކެވުނުއިރު، ސީދާ މަނިކުފާނު އަންގަވައިގެން މި މައްސަލަ ބޭރުކުރެއްވި ކަމަށް އެބަވޭ ވިދާޅުވެފައި. އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދަށް ގުޅުއްވައި، މަނިކުފާނު ކަމަށް މި މައްސަލަ ބޭރުކުރައްވާފައި މިވަނީ. އެހެންކަމަށްވާނަމަ، އަލިފުށީ ދާއިރާގެ މެންބަރަށް މިގޮތަށް އެއްވެސްވަރަކަށް މައްސަލަ ބޭރުކުރުމަށް މަނިކުފާނު އަންގަވާފައިވާނެތޯ. އަދި ހަމަ މިއާއެކީގައި، މި މައްސަލައާ ގުޅިގެން އުފެދިގެންދިޔަ ބަޙުޘްތަކުގެ ތެރޭގައި، މައްސަލަ ބޭރުކުރުމަށް އެމް.ޑީ.ޕީ.ގެ ހަތަރު މެންބަރަކު މިވަނީ ވޯޓު ދެއްވާފައި. އެއީ އަޅުގަނޑު މި ދެންނެވި މެންބަރުން މެދުވެރިކޮށް ކަމަށް މިވަނީ.

ދެން މިކަމާ ގުޅިގެން މި ކުރެވުނު ބަޙުޘްތަކުގެ ތެރޭގައި، އެމް.ޑީ.ޕީ.ގެ މެންބަރުން މިވަނީ ވިދާޅުވެފައި، ރައީސް ނަޝީދުގެ ފޮޓޯ ބޭނުންކުރައްވައިގެން، ނުވަތަ އެބޭފުޅުންނާ އެކީގައި ހުރި ފޮޓޯ ބޭނުންކުރައްވައިގެން ކަމަށް މި ބޭފުޅުން މަޖިލީހަށް ވަޑައިގެންފައި މި ތިއްބެވީ.

ދެން އަޅުގަނޑުގެ ސުވާލަކީ، އެހެންކަމަށްވާނަމަ، މަނިކުފާނު ހުންނަވާނެތޯ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް މެންބަރުން ގޮނޑި ކާމިޔާބު ކުރުމަށް އެއްވެސްކަހަލަ މަސައްކަތްތަކެއް ކޮށްދެއްވާފައި. ކޮބައިތޯ މަނިކުފާނު ކުރައްވާފައި ހުރި މަސައްކަތްތަކަކީ އެހެންކަމަށްވާނަމަ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

6 މޭގެ އެ ޓެރަރިޒަމް ޙަމަލާ. ރައީސް ނަޝީދުގެ ފުރާނަޔަށް އަމާޒުކޮށް އެ ދެވިފައި އޮތް ޙަމަލާއަކީ، ވަރަށް ނުރައްކާތެރި، ވަރަށް ބިރުވެރި ކަމެއް. ރާއްޖޭގައި އެކަހަލަ ދެވަނަ ކަމެއް ތަކުރާރުވެގެން ނުވާނެވަރުގެ ބިރުވެރި ކަމެއް. މިހާރު އަޅުގަނޑު ހިތުން އޭގެ ވަށައިގެން ހުރި ކަންތައްތަކަށް އަމާޒުކޮށްގެން އެކި ދިމަދިމާލުން ވާހަކަ ދައްކަމުން ގޮސް، މުޅި މައްސަލައިގެ އަޞްލު ގެއްލޭ ހިސާބަށް މިހާރު އެބަދޭ. އެހެން ނުހެއްދެވުމަށް އަޅުގަނޑު އެދެން ހުރިހާ ބޭފުޅުންގެ ކިބައިން.

އަޅުގަނޑުމެން އެންމެންގެ އަމާޒަކަށްވާންވީ، ރާއްޖޭގައި އެފަދަ ކަންތައްތައް ހިނގިޔަނުދިނުމަށް އެންމެން އެކީގައި ކުރެވެންހުރި މަސައްކަތްތަކެއް ކުރުން. ކާކުތޯ އެކަމެއް ކުރީ، ކޮންބައެއް ބުނެގެންތޯ އަދި އޭގައި ޚަރަދުކޮށްފައި، ފައިސާ އޭގައި އެކުލެވޭތޯ، ނޫނީ އަދި އެހެން ބަޔަކު އެހެން މަޤްޞަދެއްގައި ކޮށްފައި އޮތް ކަމެއްތޯ ބަލައި، އެކަން ހޯދައި، މުޅި ޤައުމު އެކަމުން ސަލާމަތް ކުރުމަށް ކުރަންހުރި ކަންތައްތައް އަޅުގަނޑުމެން ކުރުން. އެއާ ޚިލާފަށް އަޅުގަނޑަށް މި ފެންނަނީ ވަރަށް ބޮޑަށް އެއިން ނެއްޓި، މުޅިން އެހެން ދިމާއަކަށް އަމާޒު ހިފައިގެންދާތަން. އެހެން ނުހެއްދެވުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން، ތިޔަ ހުރިހާ ބޭފުޅުންގެ ކިބައިންވެސް.

ރައްޔިތުންގެ މަޖިލީހުގައި ގޮނޑިތައް އެމް.ޑީ.ޕީ. އަށް ލިބުނުއިރުގައި، 65 ގޮނޑި ކާމިޔާބު ކުރެވުނުއިރުގައި، ސަރުކާރާއި އަޅުގަނޑުމެން ވަރަށް ގިނަ ބައެއްގެ މަސައްކަތް އޭގައި ހިމެނިގެން ގޮސްފައިވޭ. އެހެން ނޫންނަމަ، އެވަރުގެ ބޮޑު ޢަދަދެއް، ކާމިޔާބެއް ކުރެވިގެންދާނެ ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. އަޅުގަނޑުމެން 2008 ން ފެށިގެން، 2009 ގައިވެސް އިންތިޚާބަކަށް ދިޔައިން. 2014 ގައިވެސް އިންތިޚާބަކަށް ދިޔައީ. ދެން މިދިޔައީ 2019 ގައި. ނަތީޖާތަކަށް ތިޔަބޭފުޅުން ބައްލަވާ. އޭރު ލިބިފައި ހުރި ޢަދަދާއި، 2019 ގައި އަޅުގަނޑުމެންނަށް، އެމް.ޑީ.ޕީ.އަށް ލިބުނު ކާމިޔާބީއާ.

އެހެންވީމާ، އެމް.ޑީ.ޕީ. އަށް 2019 ގައި ލިބިފައި އޮތް ކާމިޔާބީއަކީ، ވަރަށްގިނަ ބައެއްގެ މަސައްކަތް. އޭގެތެރޭގައި ހަމަ ރައީސް ނަޝީދުވެސް ހިމެނިވަޑައިގަންނަވާނެ. އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅަކީ އެއީ ކަމަށް އަޅުގަނޑުވެސް ދެކެނީ. އަދިވެސް އޭގެއިތުރަށް، ވަރަށްގިނަ ބައެއްގެ މަސައްކަތުން އަޅުގަނޑުމެންނަށް އާދެވިފައި އޮތް ހިސާބެއް މިއީ.

މިއީ ވަރަށް ރަނގަޅު ފުރުޞަތެއް މި ޤައުމު ސަލާމަތް ކުރަން. ސަރުކާރާއި ރައްޔިތުންގެ މަޖިލީހާ އެކީގައި މަސައްކަތްކޮށްގެން، ޤައުމު ވެއްޓިފައި މިއޮތް ބިރުވެރި އަނދަވަޅުން ސަލާމަތް ކުރުމަށް ކުރެވެން ހުރި ވަރަށް ބައިވަރު މަސައްކަތް އެބަހުރި. މިއީކީއެއް ސިޔާސީ ހަލަބޮލި ކަމެއްގެ ތެރެއަށް ދާންވީ ވަގުތެއް ނޫން. ރާއްޖޭގައި އެބަހުރި، ޤައުމުގައި އެބަހުރި އެއަށްވުރެ މާބޮޑެތި މަސައްކަތްތައް. ޙައްލުކުރަންޖެހޭ މާގިނަ ކަންތައްތައް. އަޅުގަނޑުގެ އެދުމަކީ، އެކަމަށް އަމާޒު ހިފައިގެން ހުރިހާ ބޭފުޅުން ކުރިއަށް ވަޑައިގަތުން.

މަރްޔަމް ލަހުފާ - ޗެނަލް 13:

އާދެ، އަޅުގަނޑުގެ ސުވާލަކީ، އެޗް.އީ.އޯ.ސީ.ގެ ފަރާތުން ވާހަކަ ދައްކަވަމުން ފާހަގަކުރައްވައިފި، ވެކްސިން، މިހާރުގެ ކޮވިޝީލްޑް ޖެހުމަށްޓަކައި އެ ވެކްސިންގެ މުއްދަތު ހަމަކުރުމަށް އިތުރުކުރެވުނު ވާހަކަ. ދެން އަޅުގަނޑު އަހާލަން ބޭނުންވަނީ، ކުންފުނިތަކުގައި މިސާލަކަށް، ވެކްސިން އެކަށީގެންވާ ވަރަށް އުފެއްދިފައި ނެތުން، ނުވަތަ ވެކްސިންގެ ސްޓޮކް އެކަށީގެންވާ ވަރަށް ލިބިފައި ނެތުން، މިއީ ހަމަ ޔަޤީނުންވެސް އެ ވެކްސިން މަސައްކަތް ކުރާނެގޮތަށް، ނޫނީވިއްޔާ އެ ދިފާޢުވުމަށްޓަކައި އެ ވެކްސިން މަސައްކަތް ކުރާނެގޮތަށް، އެއިން އެއްވެސްކަހަލަ ބަދަލެއް އަންނާނެ ކަމެއްނޫން.

އެހެންކަމަށްވާއިރުގައި، ވެކްސިންގެ ނޭޗަރ ބަދަލުނުވާ އެފަދަ ކަމަކާ ގުޅުވައިގެން، ކިހިނެއްތޯއޭ ނިންމެވީ، ހަ މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި ވެކްސިން ޖެހުމަކީ ހަމަ އެންމެ އެކަށީގެންވާ ގޮތެއް ކަމަށް. އެއީ އަޅުގަނޑުމެން ހަމަ ޑަބްލިޔޫ.އެޗް.އޯ.ގެ މިންގަނޑުތަކަށް ބަލައިލާއިރު، އަދިއެއް މިހާތަނަކަށެއް އެކަހަލަ ވާހަކައެއް ފާހަގަކޮށްފައެއް ނެތް. އެބޭފުޅުން ހަމަ ކޮވިޝީލްޑްގެ ދެވަނަ ވެކްސިން ޖެހުމަށް ހަމަ އެކަށީގެންވާ މުއްދަތެއްގެ ގޮތުގައި ކަނޑައަޅާފައި މިވަނީ، އެންމެ ދިގުވެގެން 12 ހަފްތާއާ ދެމެދުގައި. އެހެންވީމާ، ކީއްވެގެންތޯއޭ، ކިހިނެއްތޯއޭ، ޓެކް ޓީމުން އެގޮތަށް ނިންމީ. ކޮންކަހަލަ ދިރާސާތަކެއްގެ މައްޗަށް ބައްލަވާފައިތޯ؟

ދެން ހަ މަސްދުވަހުގެ މުއްދަތުގެ ތެރޭގައި ވެކްސިން ފޯރުކޮށްނުދެވިއްޖެނަމަ، ކިހިނެއްތޯއޭ ދެން ރައްޔިތުން މިކަމުގައި ޢަމަލުކުރަންޖެހޭނެ ގޮތަކީ.

ދެން މި ފުރުޞަތުގައި އަޅުގަނޑު ހަމަ ވަރަށް ބޮޑަށް އެދެން، ހެލްތު މިނިސްޓަރގެ އަރިހުން ސާފުކޮށްލަދެއްވުން، އިހުމާލުގެ ވަރަށް ބޮޑެތި މައްސަލަތަކެއް ފެންމަތިވެގެން ގޮސްފައިވާއިރުގައި، މިހާތަނަށް އައިއިރުގައި އެޗް.އީ.އޯ.ސީ.ގެ މަސައްކަތުގެ އޮޑިޓެއް ހެދިފައިވޭތޯ. އޮޑިޓެއް ހެދިފައިވާނަމަ، އެ ހާމަކުރައްވާނީ ކޮންއިރަކުތޯ؟ ޝުކުރިއްޔާ.

ޑޮކްޓަރ ނަޒްލާ މުޞްޠަފާ - އެޗް.ޕީ.އޭ:

ޝުކުރިއްޔާ އިނގޭތޯ. ވަރަށް ރަނގަޅު ސުވާލެއް. އަޞްލު އެ މަސައްކަތް ކުރާގޮތް ބަދަލުވެފައެއް ނެތް. އަޅުގަނޑު ކުރިންވެސް ދަންނަވާލީ، ހަމަ އެންމެ ރަނގަޅީ 8 ހަފްތާއާއި 12 ހަފްތާގައި ޖެހުމޭ. އެކަމަކު މި މުއްދަތުގެ ތެރޭގައި ނުޖެހިއްޖިއްޔާ، ފުރަތަމަ ޖެހި ޑޯޒްގެ އަސަރު ކޮންމެވެސްވަރަކަށް، 6 މަސްދުވަސް ވަންދެން ހުންނާނެއޭ. އެ ހިސާބުގައި ދެވަނަ ޑޯޒް ޖަހައިފިއްޔާ، ދެވަނަ ޑޯޒްގެ އޭގެ އަސަރު ކުރާނެ ކަމަށް.

ދެން މިވަގުތު، 26 މޭގައި ވަނީ ޑަބްލިޔޫ.އެޗް.އޯ.ގެ ހަމަ ޓެކްނިކަލް ނޯޓެއް، އެއީ "ސޭޖް" އަކީ މުޅި ދުނިޔޭގައިވެސް ސްޓްރެޓީޖިކް އެޑްވައިޒަރީ ކޮމިޓީ. މިހާރު ރާއްޖޭގައި މޯލްޑިވިއަން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮންނަގޮތަށް، މުޅި ދުނިޔޭގެ ވެކްސިނާބެހޭ، ނޫނީ އިމިއުނައިޒޭޝަނާ ބެހޭ ސްޓްރެޓީޖިކް އެޑްވައިޒަރީ ކޮމިޓީއެއް އޮންނާނެ. އެއީ ދުނިޔޭގެ އެކި ފަންނީ މާހިރުން ބައިވެރިވާ ކޮމިޓީއެއް. އެ ބޭފުޅުންގެ ލަފަޔާ އެއްކޮށް، ޑަބްލިޔޫ.އެޗް.އޯ.ގެ ޓެކްނިކަލް ނޯޓެއް ވަނީ 26 މޭގައި ނެރެފައި، ހަމަ މި ކަންތަކާ ބެހޭގޮތުން. އެއީ ވާގޮތަކީ ވަރަށްގިނަ ޤައުމުތަކުގައި ހަމަ ވެކްސިން ނުލިބިގެން، ޑަބްލިޔޫ.އެޗް.އޯ. އިން 8 ހަފްތާއާއި 12 ހަފްތާއޭ ބުނި ކަމުގައިވިޔަސް، ނުލިބުނީމާ ދެން ކިހިނެއްތޯ ހަދާނީ. ދެން މިވަގުތު އެނގިލައްވާނެ، އަޅުގަނޑުމެންގެ ތެރޭގައި އެހާ ދިރާސާތައް ކުރާ، ނޫނީ ސައިންޓިސްޓުން ވަރަށްމަދު ރާއްޖޭގައި. އަޅުގަނޑުމެންވެސް މިދަނީ ޑަބްލިޔޫ.އެޗް.އޯ، ނޫނީ ދުނިޔޭގެ ހަމަ ފަންނީ މާހިރުން ދެއްވާ ލަފާގެ މަތިން. އެހެންވީމާ، އަޅުގަނޑުމެން ބޮޑަށް ޑަބްލިޔޫ.އެޗް.އޯ ޓެކްނިކަލް ނޯޓަށް ބަލާފައި، މޯލްޑިވިއަން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުންވެސް އެހެން ނިންމާފައިވަނީ.

ދެން އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، ހަމަ މި ފުރުޞަތުގައިވެސް، ހަމަ އެންމެ ރަނގަޅީ، 8 ހަފްތާއާއި 12 ހަފްތާގައި ޖެހުމޭ. ދެން އެ ފުރުޞަތުގައި ނުލިބޭ ހިނދެއްގައި، ދެން އޮތް އޮޕްޝަނަކީ މި ހަ މަސް ވަންދެން، ދެވަނަ ޑޯޒް ޖެހުމުގެ ފުރުޞަތު އެބައޮތޭ، ފުރަތަމަ ޑޯޒް ރިޕީޓްނުކޮށް. އެހާތަނަށްވެސް ބަލައިގެންނޭ އުޅެންޖެހޭނީ. ޚާއްޞަކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް، ހައިރިސްކް ގްރޫޕްތަކުގެ މީހުން ވަކިން ހަމަ ވަރުގަދަކުރަންޖެހޭނެ. އަދި ހައިރިސްކް މީހުންނާ އެކީގައި ގޭގައި އުޅޭ މީހުން ހަމަ ވަރަށް ބޮޑަށް ވިސްނަންޖެހޭނެ. ޝުކުރިއްޔާ.

އަޙްމަދު ނަސީމް - މިނިސްޓަރ އޮފް ހެލްތު:

އާދެ، ޝުކުރިއްޔާ ރައީސް. އާދެ، އަޅުގަނޑު ކުޑަކޮށް ދަންނަވާލާނަން، އެޗް.އީ.އޯ.ސީ.ގެ މަސައްކަތް ހިނގާގޮތް އިނގޭތޯ. އަޅުގަނޑުމެންގެ އެޗް.އީ.އޯ.ސީ.ގައި މިހާރު މަސައްކަތް ކުރަނީ 1098 މީހުން. އޭގެތެރޭގައި ވޮލަންޓިއަރުން 855. ސަރުކާރުގެ ސްޓާފުން އެބައުޅޭ 156. ހެލްތު މިނިސްޓްރީގެ 87. ދެން އެބަހުރި 32 ކްލަސްޓަރ. 32 ކްލަސްޓަރގައި ބަލާއިރު، އަޅުގަނޑުމެންނަށް މިވާގޮތަކީ، އެ 32 ކްލަސްޓަރ ކުރަނީ ތަފާތު ކަންތައްތައް. އެ ކްލަސްޓަރތަކުގެ މީހުން ކުރަނީ އެކި މަސައްކަތްތައް. ދެން ކޯލް ސެންޓަރުގައި މަސައްކަތް ކުރަނީ 128. އޭގެތެރޭގައި ވޮލަންޓިއަރޒް 93. ސަރުކާރުގެ ސްޓާފުން 30.

އެހެންވީމާ، މިވަރުގެ ތަނެއްގައި، ތިޔަ ވިދާޅުވާ މުއްދަތުގެ ތެރޭގައި އަޅުގަނޑުމެންނަށް އޮޑިޓެއް ހެދޭކަށް ނެތް. އެހެންނަމަވެސް، އަޅުގަނޑުމެން އެ މަސައްކަތް ކުރަމުން މިގެންދަނީ. އަޅުގަނޑުމެން ކަންތައްތައް ރަނގަޅު ކުރަން، އިޞްލާޙު ކުރަން ބޭނުންވާ ކަމަށްވަނީވިއްޔާ، ދެން ތިޔަ ވިދާޅުވި އޮޑިޓް އަޅުގަނޑުމެން ހަދަންވެސްޖެހޭ.

އެހެންވީމާ، އެ މަސައްކަތް އަޅުގަނޑުމެން ކުރަމުންދާނީ. އެކަމަކު އެއަށް ވަގުތުނަގާނެ. އިރާދަކުރެއްވިއްޔާ، މާ ލަސްތަކެއްނުވެ އެ އޮޑިޓުވެސް ހަދައި ނިމޭނެ. ހަދައި ނިމިގެން، އެ އޮޑިޓުގައި އަޅުގަނޑުމެން ގެނައި ބަދަލުތަކާއި، އިޞްލާޙުތަކާ، މި ހުރިހާ ކަންތައްތައް، ރަނގަޅު ކުރަންޖެހޭ ކަންތަކާއި، މި ހުރިހާ ކަމެއް އޭގައި ފާހަގަކުރެވިގެންދާނެ އިނގޭތޯ. އެހެންވީމާ، އެ ވާހަކަ ދަންނަވާލަންވެގެން އިނގޭތޯ. މިހާބޮޑު ޢަދަދެއްގެ މީހުން މަސައްކަތްކުރާ ތަނެއްގައި، އަޅުގަނޑުމެންނަށް ކުއްލިއަކަށް މި ކޮންމެ ކްލަސްޓަރއެއް ވަކިވަކިން އޮޑިޓް ކުރުމަކީ އެހާ ފަސޭހަ ކަމެއްނޫން. 32 ކްލަސްޓަރ މި ދެންނެވި ގޮތަށް އެތަނުގައި ހުންނަނީ. ޝުކުރިއްޔާ.

ޢަލީ ޔާމީން - ވަން އޮންލައިން:

ޝުކުރިއްޔާ.

މާލޭ ސަރަޙައްދުގެ ރައްޔިތުން ދަތުރުދާނެ ރަނގަޅު ރަށެއް ހަމަޖެއްސުމަކީ، ސަރުކާރުގެ ވަޢުދެއް. ދެން މާލޭ ސިޓީ ކައުންސިލުން ރޭ ވިދާޅުވެފައި އެބަވޭ، ހުޅުމާލޭގެ ބައެއްގެ ގޮތުގައި މިހާރު ހަމަޖައްސާފައި އޮތް ފަރުކޮޅުފުށި، މި ދަތުރުދާ ރަށެއްގެ ގޮތުގައި ނިންމި ވާހަކަ. މިކަމާމެދު ސަރުކާރުގެ ބަހަކީ ކޮބައިތޯ؟

ދެން ހަމައެއާއެކު އަހާލަން ބޭނުން، މިޝްކާގެ މަރުގެ މައްސަލައިގެ ތަޙުޤީޤު ރިޕޯޓް ހާމަކޮށްފައިވާއިރު، އިހުމާލުވި ފަރާތްތައް ހާމަކޮށްފައެއް ނުވޭ. މިއީ ކީއްވެގެންތޯ، ކިތައް މީހުންތޯ އިހުމާލުވީ. ކޮންއިރަކުންތޯ ފިޔަވަޅު އެޅޭނީ؟ ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، މާލޭގައި ދިރިއުޅޭ މީހުން ދަތުރުދާނެ ރަށެއް ކަނޑައެޅުން އެއީ އަޅުގަނޑުމެންވެސް ވެފައި އޮތް ވަޢުދެއް. އޭގެ އެއް މަސައްކަތް އަޅުގަނޑުމެން ފެށީ، މާލެ ކައިރީގައި މިއޮތް، އެއީ ބޭރުގެ ބަޔަކު އެ ހިންގާ ރިޒޯޓެއް. އެ ރިޒޯޓުގެ އެއްބައި އެބައޮތް ފާހަގަކޮށްފައި. ކޯވިޑާ ގުޅިގެން އެ މަސައްކަތް ނިމިގެންނުދިޔަ. އަދި އޭގެއިތުރުންވެސް އަޅުގަނޑުމެން އެބަ އެހެން ރަށެއް ފަޅަކުން ހޯދުމުގެ މަސައްކަތް ކުރަން. އެހެން އޮއްވައި، ތިޔަ ވިދާޅުވީ ރޭގައި މާލޭ ސިޓީ ކައުންސިލްގެ ފަރާތުން މާލޭގައި ދިރިއުޅޭ މީހުން ދަތުރުދާ ރަށެއްގެ ގޮތުގައި ފަރުކޮޅުފުށި ކަނޑައެޅި ވާހަކަ. އެއީ އަޅުގަނޑުމެންނަކާ އަދި އެއްވެސް މަޝްވަރާއެއް އެއަކު ސިޓީ ކައުންސިލަކުންނެއް ނުކުރައްވާ. އަޅުގަނޑާ ހިސާބަކަށްވެސް އަދި ސަރުކާރުގެ އެއްވެސް ފަރާތަކަށްވެސް އެ މައްސަލައެއް އައިސްފައެއް ނެތް އެކަމަކާ ބެހޭގޮތުން. އެއްވެސް މަޝްވަރާއެއް ކުރައްވާފައެއް ނެތް.

އެހެން ނޫނަސް ހުޅުމާލޭގައި އެ އޮތް ބިން އެއީ އެޗް.ޑީ.ސީ. އަށް ފަތެއް ލިޔެދީފައި، މިލްކުކޮށްފައި ދީފައި އޮތް ބިމެއް. އެތަނަށް ޢަމަލުކުރާނެގޮތް، ކަންކުރާނެ ގޮތުގެ ޕްލޭނެއް އެއޮތީ އެޗް.ޑީ.ސީ. އިން ރާވާފައި ނިންމާފައި. އެހެންވީމާ، އެއަށް ބަދަލެއް ގެންނަ ކަމަށްވަންޏާ، އެޗް.ޑީ.ސީ.އާ ޖެހޭނެ މަޝްވަރާ ކުރަން. މުޅި ޕްލޭނަށް ބަދަލެއް އަންނަ ކަމަށްވަންޏާ. އަދި އަޅުގަނޑު ގަބޫލުކުރާގޮތުގައި، ސަރުކާރާވެސް ޖެހޭނެ އޭގައި މަޝްވަރާ ކުރައްވަން، ސިޓީ ކައުންސިލުން. އަދި މިހާތަނަކަށް ނެތް އެ މަޝްވަރާ އަޅުގަނޑުމެންނަކަށް ކުރައްވާފައެއް.

އަޙްމަދު ނަސީމް - މިނިސްޓަރ އޮފް ހެލްތު:

އާދެ، ޝުކުރިއްޔާ ރައީސް.

އާދެ، މިޝްކާގެ ކަންތައްތަކުގައި އަޅުގަނޑުމެން މިހާރު މިދަނީ އެ ތަޙުޤީޤުތައް ފުރިހަމަކުރަމުން، ބަލަންޖެހޭ އެއްޗެތިތައް ބަލަމުން. އޭގެފަހުން އަޅުގަނޑު ދަންނަވާނަން. އަޅުގަނޑު ސާފުކޮށް އަރުވާނަން ތިޔަބޭފުޅުންނަށް، އަޅުގަނޑުމެން އެ އަޅާ ފިޔަވަޅުތަކާއި، އަޅުގަނޑުމެން ކުރަން ނިންމާފައި ހުރި ކަންތައްތައް. ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީންވެސް އަޅުގަނޑާ ސުވާލުކުރި. އަޅުގަނޑު މިއަދު ޖަވާބު އަރުވާފައި އޮންނާނީ.

މިއީ ކުޑަ ކަމެއް ނޫން، އެހެން ނޫންތޯ. ވަރަށްގިނަ ބައެއްގެ އިންވޯލްވްމަންޓް މީގެތެރޭގައި އެބައުޅޭ. ކުރިން އަޅުގަނޑު މި ދަންނަވާލިއިރުވެސް މި ދެންނެވީ، އަޅުގަނޑުމެންގެ ތެރޭގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ޢަދަދުތައް. އެހެންވީމާ، އެކަހަލަ ކަންތައްތަކަށް ރިޢާޔަތް ކުރައްވާފައި ވިސްނާލެއްވީމާ، މިއީ އެހާ ފަސޭހައިން އަޅުގަނޑުމެންނަށް ނިންމާލެވޭނެ ތަޙުޤީޤެއް ކަމެއްވެސް އަޅުގަނޑަކަށް ނޭނގެ. އެކަމަކު އޭގައި ހުރި މައިގަނޑު ގެޕްސް ވަރަށް އަވަހަށް އަޅުގަނޑުމެންނަށް އިޢުލާނު ކުރެވިއްޖެ. އަދި އެ ކަންތައްތަކުގައި އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅުގަނޑުމެން މިހާރު އަޅައިފިން. އަޅަމުން މިގެންދަނީ. އިތުރަށް ބަލަމުން މިގެންދަނީ. އެހެންވީމާ، އެހިސާބުގައި އެކަން އޮތީ އަދި އިނގޭތޯ. އަޅުގަނޑުމެން އެ ތަޙުޤީޤު ނިންމާފައި އަޅުގަނޑުމެން ޙިއްޞާކުރާނަން އިނގޭތޯ.

މުޢައްލިމް އިބްރާހީމް - ދަ ވޮއިސް:

ޝުކުރިއްޔާ ރައީސް.

އަޅުގަނޑުގެ ސުވާލަކީ، ވާރލްޑް ބޭންކް އަދި އައި.އެމް.އެފް ފަދަ ބައިނަލްއަޤްވާމީ އިދާރާތަކުން މިދިޔަ އަހަރުގެ ތެރޭގައި އެބައޮވޭ ބުނެފައި، ދިވެހިރާއްޖޭގައި ހިންގާ ބައެއް އިންފްރާސްޓްރަކްޗަރގެ ޕްރޮޖެކްޓްތައް މިވަގުތަށް މަޑުޖައްސާލުމަކީ ރަނގަޅުވާނެ ކަމެއް ކަމަށް، އިޤްތިޞާދީ ޙާލަތަށް ރިޢާޔަތްކޮށް. ނަމަވެސް، މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ވާރލްޑް ބޭންކުން ނެރެފައި އޮތް، ދިވެހިރާއްޖެއާ ގުޅޭ ރިޕޯޓެއްގައިވެސް އެބައޮތް ފާހަގަކޮށްފައި، މި އަހަރުވެސް ޕީ.އެސް.އައި.ޕީ.ގެ ދަށުން ގިނަ މަޝްރޫޢުތަކެއް ހިނގާނެ ކަމަށް. އަދި އޭގެތެރެއިން ގިނަ މަޝްރޫޢުތަކަށް ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ އެކްސްޓަރނަލް ލޯނުތައް މެދުވެރިކޮށްގެން ކަމަށް.

އަޅުގަނޑުގެ ސުވާލަކީ، މަނިކުފާނުގެ ސަރުކާރުން ގަބޫލުކުރައްވަންތޯއޭ، މި ޙާލަތުގައި އިންފްރާސްޓްރަކްޗަރގެ މަޝްރޫޢުތަކަށް އަދި ދަރަނީގެ ފައިސާތައް އަނބުރާ ދެއްކުން، ރަނގަޅު ބެލެންސަކަށް މެނޭޖްކޮށްގެން ކުރިއަށް ގެންދިޔުން.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ޝުކުރިއްޔާ އިނގޭތޯ.

އަޅުގަނޑުމެންގެ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓަކީ، ތިޔަ ވިދާޅުވި ފަދައިން، ޑޮމެސްޓިކް ބަޖެޓުން ޚަރަދުކުރާ ޕްރޮޖެކްޓްތަކެއް ނޫން މުޅިއަކުން. ބޭރުގެ ލޯންގ ޓަރމް، ދިގު މުއްދަތަށް ނެގިފައި ހުރި ލޯނުތަކެއްގެ އެހީގައި ގިނަ ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރަމުން މިގެންދަނީ. އޭގެ ބައެއް ޕްރޮޖެކްޓްތައް އަޅުގަނޑުމެން މިތިބީ މަޑުވެސް ޖައްސާލައިގެން. އެހެން ނަމަވެސް، ކޮންމެހެން ކުރަންޖެހޭ ކަންތައްތައް މިވަގުތު ކުރުމަކީ ރަނގަޅު ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ.

މިވަގުތު އިޤްތިޞާދު ހިނގަހިނގާ އޮތުން އެއީ މުޅި ޤައުމަށް ލިބޭނެ ފައިދާއެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އަދި އަޅުގަނޑުމެންގެ ފައިނޭންސް ޓީމަށްވެސް، އިކޮނޮމިކް ޓީމަށްވެސް ގަބޫލުކުރެވެނީ އެހެން. އެހެންވީމާ، އެގޮތުން ވީވަރަކުން ބަޖެޓަށް، ޑޮމެސްޓިކް ބަޖެޓަށް ބުރަނުވެ، ރާއްޖޭގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމަކީ އެއީ އަޅުގަނޑުމެންގެ ވިސްނުމެއް.

އެހެންވީމާ، އެ ވިސްނުމުގެ އަލީގައި މި ޕްރޮޖެކްޓްތައް މި ކުރިއަށް ގެންދަނީ. އެގޮތުން، ރަށްރަށުގައި ފެނާއި ނަރުދަމާ ޤާއިމުކުރުމާއި، މާލޭގައި މިއޮތް ކަނެކްޓިވިޓީ ޕްރޮޖެކްޓާއި އަދި އެއަރޕޯޓް އެކްސްޓެންޝަން ޕްރޮޖެކްޓާ، މިހެންހުރި ބޮޑެތި ޕްރޮޖެކްޓްތައް އަޅުގަނޑުމެން މަޑުޖައްސާލާކަށް އަދި ޤަޞްދެއް ނުކުރަން. އެއީ ލިބިފައި ހުރި ފައިނޭންސްގެ އެހީގައި މިހާރު މަސައްކަތް ކުރުން އެއީ ރަނގަޅު ކަމެއް ކަމަށް އަޅުގަނޑުމެންނަށް ފެނިގެން ކުރިއަށް މިގެންދަނީ.

އިރާދަކުރެއްވިއްޔާ، ޑެބްޓް ފައިނޭންސް ކުރުމުގައި، ބޭރުގެ ފަރާތްތަކާ މަޝްވަރާކޮށްގެން، އެއަށް ގޮތްތަކެއް ހޯދައިގެން އަޅުގަނޑުމެން ކުރިއަށް މިގެންދަނީ.

އެގޮތުން، ޖީ 20ގެ ޑެބްޓް ސަސްޕެންޝަން އިނީޝިއޭޓިވް ޕްރޮގްރާމެއްގައި ބައިވެރިވެ، މިހާރު ހުރި ހުރިހާ ލޯނުތަކެއް، އެ ޤައުމުތަކުން ނަގާފައި ހުރި ލޯނުތައް މިވަނީ މި އަހަރުގެ ނިޔަލަށް ފަސްކޮށްދީފައި. އޭގެއިތުރުން، ސީދާ ޗައިނާގެ ކޮމާޝަލް ބޭންކްތަކުން ނަގާފައި ހުރި ލޯނުތައްވެސް، ޖޫންއާ ހިސާބަށް ފަސްކޮށްފައި އޮތީ. އަނެއްކާ އިތުރަށް ފަސްކުރުމަށް އެދި، ޑިސެންބަރާ ހިސާބަށް އަނެއްކާ އެ ލޯނުތައްވެސް އިރާދަކުރެއްވިއްޔާ ފަސްވެގެންދާނެ.

ދެން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން މިދިޔަ މަހުގެ ތެރޭގައި މާކެޓަށް ގޮސް، 300 މިލިއަން ޑޮލަރުގެ ސްކޫކެއް ނަގާފައި، ވިއްކާފައި ވާނީ. ކުރިން ރައީސް ޔާމީނުގެ ވެރިކަމުގައި، ވަރަށްބޮޑު އިންޓްރެސްޓެއްގައި ނަންގަވާފައި އޮތް 250 މިލިއަން ޑޮލަރުގެ، އޭގެ ބޮޑުބައި މިހާރު އަޅުގަނޑުމެންވާނީ ދައްކައި ނިންމާފައި. އޭގެ ނަތީޖާއަކަށް މިވީ، އަޅުގަނޑުމެންގެ އިކޮނޮމީއާ ދޭތެރޭގައި، އެ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން އޮތް އިތުބާރު ބޮޑުވެ، އަޅުގަނޑުމެންނަށް އިތުރަށް ފައިސާ ހޯދުމަށް މަގުފަހިވެގެންދިޔުން.

އަދި އޭގެއިތުރަށް، އެބައޮވޭ، 100 މިލިއަން ޑޮލަރުގެ ބޮންޑެއް، ކުރީގެ ސަރުކާރުން ވިއްކާފައި. އެއީ 2023 ގައި މެޗުއަރވާ ބޮންޑެއް. އެވެސް އަޅުގަނޑުމެން މިހާރުވާނީ އެފަރާތާ ވާހަކަ ދައްކައިގެން، 2026 އާ ހިސާބަށް ފަސްކޮށްފައި. އެހެންވީމާ، ފައިސާ، ޑެބްޓް ސަރވިސް ކުރުމުގައި، އިރާދަކުރެއްވިއްޔާ ހަމަ ވަރަށް ރަނގަޅު ޕްލޭނެއް ރޭވިގެން ކުރިއަށް މިދަނީ.

އެހެންވީމާ، މިއީ އަޅުގަނޑު ހިތުން، އައި.އެމް.އެފް. އާއި، ވާރލްޑް ބޭންކް ވާހަކަ ތިޔަ ވިދާޅުވީ ދޮގެއްތޯ. އޭރު މި ހުރިހާ ކަމެއް ހިނގާފައެއް ނުހުންނާނެ، މިދިޔަ އަހަރަކު. މި އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް މި ހުރިހާ ކަމެއް ނިމިގެން މިދިޔައީ.

އެހެންވީމާ، ދެން ނުކުންނަ ފައިނޭންޝަލާބެހޭ ރިވިއު ރިޕޯޓެއްގައި، އަޅުގަނޑު ހިތުން މި ކަންތައްތަކަށް ރިފްލެކްޓްވެގެން އަންނާނެ.

މަރްޔަމް ނިމާ ޙަސަން - ޖަޒީރާ ނޫސް:

އާދެ، އަޅުގަނޑުގެ ސުވާލަކީ، ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހަށް ބަލާއިރު، ބަލިން ރައްކާތެރިވުމަށް އެންމެ ފުރަތަމަ އެޅި ފިޔަވަޅުތައް ތަންފީޒު ކުރެވޭގޮތާއި، މިހާރު އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރެވެމުންދާ ގޮތަށް ބަލާއިރު، ތަފާތުތަކެއް އެބަހުރި. ދެން މިހާރު ފެންނަމުން ދަނީ ފިޔަވަޅުތަކަށް ޢާއްމުން ބޯލަނބާ މިންވަރު ދަށްކޮށް.

އަޅުގަނޑުގެ ސުވާލަކީ، މިހާރު އަޅާފައިވާ ފިޔަވަޅުތަކުން ރަނގަޅު ނަތީޖާއެއް ނުނެރެވޭ ޙާލަތަކަށް ގޮސްފިއްޔާ، އެ ޙާލަތެއްގައި ޢަމަލުކުރާނެ ބެކަޕް ޕްލޭނަކީ ކޮބައިތޯ؟ އެ ޕްލޭނެއް އޮތްނަމަ، އެކަމާބެހޭ ތަފްޞީލުތައް ހާމަކޮށްދެއްވަފާނަންތޯ؟ ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑު ހިތުން ބޯލެނބުން އެހާ ބޮޑަށް ދަށީކީއެއް ނޫން. މާގިނަ ދުވަސްވީމާ، މީހުންނަށް އުނދަގޫވާނެ ގޭގައި ތިބެން. އެހެންވެގެން ދިމާވާ ކަންތައްތައް މިއީ. އެހެންވީމާ، ވީވަރަކުން އެ ޖާގަ ދީގެން، އެކަން ކޮންޓްރޯލް ކުރެވޭތޯ އަޅުގަނޑުމެން ބަލަމުން މިގެންދަނީ. އަޅުގަނޑު ހިތުން މިހާރު މިދަނީ ރަނގަޅު ދިމާއަށް، ރަނގަޅު މިޞްރާބަށް. ޕޮޒިޓިވްވާ މިންވަރު، ހަމަ ދުވަހަކަށްވުރެ ދުވަހެއް ދަށްވަމުންދާތަން މި ފެންނަނީ.

އެހެންވީމާ، ކުރިންވެސް އަޅުގަނޑު ދެންނެވި ފަދައިން، ދެ ހަފްތާ ވަންދެން މިހާރު މި އަޅާފައި ހުރި ފިޔަވަޅުތަކާ އެކީގައި، އެއަށް ޢަމަލު ކުރެވިއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް މި ފެންނަނީ ލުއިތަކެއް ދިނުމުގެ ފުރުޞަތު އޮންނާނެއޭ. ދެން މިއަށްވުރެ ބޮޑަށް އަނެއްކާވެސް ސަރޖެއް އަތުވެއްޖެ ކަމަށްވަންޏާ، އަޅާނެ ފިޔަވަޅުތަކެއް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕާ އެކީގައި މަޝްވަރާކޮށްފައި އަޅުގަނޑުމެން ނިންމާނީ.

ދެން އޭގެއިތުރަށް އަޅުގަނޑުމެން މިހާރު ނިންމައިފިން، މި ކޯވިޑަކީ މިހާރު އެނގިވަޑައިގަންނަވާނެ، ދުނިޔޭގެ މިކަމުގެ މާހިރުން، ޞިއްޙީ މާހިރުން އެ ވިދާޅުވަނީ، ކުރިއަށް އޮތް ދެ އަހަރު، ތިން އަހަރު މީގެތެރޭގައި އުޅެންޖެހޭނެ ކަމަށް. އެހެންވީމާ، އެއަށް ތައްޔާރުވެގެން، މިއާ އެކީގައި އުޅެވޭނެ ގޮތްތަކެއް އަޅުގަނޑުމެން ހޯދަން އެބަޖެހޭ. އެގޮތުން، މިހާރު ކޯވިޑަށް އަޅުގަނޑުމެން ތައްޔާރުކޮށްފައި ހުރި ފެސިލިޓީޒްތައް، ދެ އަހަރު، ތިން އަހަރަށް މި ތަންތަން ބަހައްޓާނެގޮތަށް، ދާއިމީ ކުރުމަށް މަސައްކަތްތަކެއް، ޕްލޭނެއް ރޭވިގެން މިދަނީ. އެއީ ކޯވިޑާ އެކީގައި އަޅުގަނޑުމެންގެ އިޤްތިޞާދީ ޙަރަކާތްތަކާވެސް އެކީގައި ކުރިއަށްދާންޖެހޭނެ. އެނޫން ގޮތެއް އޮތް ކަމަކަށް މިހާރު ޞިއްޙީ އެއްވެސް މާހިރަކު ނެތް ހާމަކޮށްފައެއް.

އެހެންވީމާ، އަޅުގަނޑު މި ދެންނެވި ގޮތަށް، ހަމަ މި އަޅާ ފިޔަވަޅުތަކާ އެކީގައި ކޯވިޑާ އެކީގައި އިޤްތިޞާދުގެ ޙަރަކާތްތައް އިތުރަށް ފުޅާކުރެވި، އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދެވޭނެ.

ނަސީމް އެބައޮތްތޯ އިތުރު އެއްޗެއް ވިދާޅުވާން، ނިންމާލުމުގެ ކުރިން.

އަޙްމަދު ނަސީމް - މިނިސްޓަރ އޮފް ހެލްތު:

އާދެ، ޝުކުރިއްޔާ ރައީސް.

ރައީސް ދެންމެ އެ ވިދާޅުވި ވާހަކަފުޅުގެ އިތުރަށް އަޅުގަނޑު ދަންނަވާލަން އޮތީ، އަޅުގަނޑުމެން މިހާރު ޕްލޭންތައް ކުރަހާ ނިމި، ހުޅުމާލޭގައި އިތުރު ފެސިލިޓީއެއް ޤާއިމު ކުރުމުގެ ކަންތައްތަކުގެ މަސައްކަތުގައި އަޅުގަނޑުމެން މިހާރު މިއުޅެނީ. އެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދަނީ. އެއީ އެ ވިދާޅުވިގޮތަށް، ކުރިއަށް މި އޮތް ދެ އަހަރެއްހާ ދުވަހަށް އަޅުގަނޑުމެން ތައްޔާރުވުމުގެ މަޤްޞަދުގައި. ދެން މިހާރު ހުރި ފެސިލިޓީޒްތައްވެސް އަޅުގަނޑުމެން އަޕްގްރޭޑް ކުރުމުގެ ޕްލޭންތަކެއް މިހާރުވަނީ ރޭވިފައި. އެ ކަންތައްތައް އަޅުގަނޑުމެން ކުރަމުން ގެންދާނަން.

އެހެންވީމާ، މިއީ ހަމަ ރައީސް އެ ވިދާޅުވިހެން، ކުރިއަށް މިއޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި، އަޅުގަނޑުމެން ހަމަ ވަރަށް ވިސްނައިގެން، ބަލައިގެން އުޅެންޖެހޭނީ. ދެން އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުމެންނަށް މި އެޅޭ ފިޔަވަޅުތަކުން، މިހާރު އެންމެފަހުން މި އެޅުނު ފިޔަވަޅުތަކުގެ ނަތީޖާތަކެއް، ޑޮކްޓަރ ނަޒްލާ މުޞްޠަފާވެސް ވިދާޅުވިފަދައިން، އަޅުގަނޑުމެންނަށް ފެންނާނީ އަދި ދިހަވަރަކަށް ދުވަސް ފަހުން. ދެން މިހާރު އަޅުގަނޑުމެންނަށް މި ފެންނަނީ، ކުރީގައި އެޅިފައި ހުރި ފިޔަވަޅުތަކުން އަޅުގަނޑުމެންނަށް ލިބުނު ކޮންމެވެސްވަރެއް، އަދި މިހާރު އެޅިފައި ހުރި ފިޔަވަޅުތަކުން ލިބޭ ކޮންމެވެސްވަރެއް.

އެހެންވީމާ، ކުއްލިއަކަށް އަޅުގަނޑުމެންނަކަށް ދެންނެވޭކަށްވެސް ނުވެސް އޮންނާނެ، މި މާބޮޑަށް ތިރިއަށްދާ ކަމެއްވެސް. އެހެންނަމަވެސް، ފަސް ޕަސެންޓްގެ ސްޓޭންޑަޑާ ބެހޭގޮތުން ކޮންމެވެސް ބޭފުޅަކު ސުވާލު ކުރެއްވި ކުރީގައި. އެއީ ޢާއްމު ގޮތެއްގައި ދުނިޔޭގައި ގަބޫލުކުރާ މިންގަނޑެއް ކަމަށްވަނީ، އެ ފަސް ޕަސެންޓަކީ. އެހެންވީމާ، އެ ފަސް ޕަސެންޓެއްގެ ވާހަކައެއް މި ދެއްކެނީ. ތިރިވާންޖެހޭ މިންވަރު އެއީ. ނެގޭ ސާމްޕަލްތަކުން ޕޮޒިޓިވްވާ ޢަދަދު، ފަސް ޕަސެންޓަށްވުރެ ތިރިވެއްޖެ ކަމަށްވަނީވިއްޔާ، އެއީ ރަނގަޅު ހިސާބެއްގައޭ އަޅުގަނޑުމެން މިތިބެނީ.

އެހެންވީމާ، އެކަން އަޅުގަނޑު ކްލެރިފައި ކޮށްލަދިނީ މި އިނގޭތޯ.

ޑޮކްޓަރ ނަޒްލާ މުޞްޠަފާ - އެޗް.ޕީ.އޭ:

އާދެ، މި ޕެންޑަމިކްގައި މިދިޔަ ގާތްގަނޑަކަށް ދޮޅު އަހަރެއްހާ ދުވަހު، މުޅި ދުނިޔޭގައިވެސް އަދި ރާއްޖޭގައިވެސް ހަމަ ވަރަށްގިނަ މީހުން މިދަނީ ހަމަ ދަތިތަކާ ކުރިމަތިލަމުން. އެކަމަކު އަޅުގަނޑު ފާހަގަކޮށްލަން، ރާއްޖޭގެ ހަމަ ގިނަ މީހުންނަކީ ހަމަ ވަރަށް ހޭލުންތެރި، އަދި ގިނަ މީހުން ހަމަ ވަރަށް އެއްބާރުލުންދޭ ކަމަށް އަޅުގަނޑު ފާހަގަކުރަން. އެއީ ހަމަ ނަންބަރުތަކުންވެސް އެބަ ދައްކާ. އެހެންވީމާ، މިކަމަށްޓަކައި އަޅުގަނޑުގެ ހިތުގެ އަޑިން ހަމަ ޝުކުރު ދަންނަވަން.

ދެން އަޅުގަނޑުގެ ދުޢާއަކީ އެންމެންނަށްވެސް ފުރިހަމަ ޞިއްޙަތެއް ލެއްވުން.

ޝުކުރިއްޔާ!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ވަރަށް ބޮޑަށް ޝުކުރިއްޔާ، ހުރިހާ ބޭފުޅުންނަށް.

އަޅުގަނޑުމެން މިހިސާބުން މިއަދުގެ ޕްރެސް ނިންމާލާނަން.