بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

السَّلَامُ عَلَيْكُمْ.

މިރޭ އަޅުގަނޑުމެން ތިޔަ ހުރިހާ ބޭފުޅުންނާ މި ބައްދަލުކޮށްލަނީ، ރާއްޖޭގެ ކޯވިޑުގެ ޙާލަތާ ބެހޭގޮތުން މިވަގުތު ޙިއްޞާކޮށްލަން ބޭނުންވާ ބައެއް ވާހަކަތައް ހުރުމާ އެކީގައި.

މިރޭ އަޅުގަނޑާ އެކުގައި މި ބައްދަލުވުމުގައި، މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމާއި، ޑޮކްޓަރުންގެ ޓީމުގެ ފަރާތުން ޑޮކްޓަރ ނަޒްލާ މުޞްޠަފާ ބައިވެރިވެވަޑައިގަންނަވާ.

އެނގިވަޑައިގަންނަވާނެ، މި ވޭތުކުރަމުންމިދާ މޭ މަހަކީ، ރާއްޖޭގައި ކޯވިޑް ފެތުރެން ފެށި ފަހުން އަޅުގަނޑުމެންނާ ކުރިމަތިވި އެންމެދަތި، އެންމެ އުނދަގޫ އަދި އެންމެ ހިތާމަޔާ ކުރިމަތިލާން ޖެހިފައި އޮތް މަސް. ކުޑަދުވަސްކޮޅެއްގެ ކުރިން، ކޮންމެވެސްވަރަކަށް ކޮންޓްރޯލް ކުރެވިފައި އޮތުމަށްފަހުގައި، އެހެން ނަމަވެސް، އަނެއްކާ މިދިޔަ މަހުން ފެށިގެން މިވަނީ ވަރަށް ބޮޑަށް ކޯވިޑް ފެތުރެން ފަށާފައި. މުޅި ރާއްޖެއާއި އަދި ޚާއްޞަކޮށް، މާލޭ ސަރަޙައްދުގައި ވަރަށް ބޮޑަށް މިވަގުތު މިވަނީ ކޯވިޑް ފެތުރިފައި. މިހެން ދިމާވި ސަބަބުތަކުގެ ތެރޭގައި، ވަރަށްގިނަ ކަންތައްތަކެއް ހުރެދާނެ.

އެއްކަމަކަށް އަޅުގަނޑަށް ފާހަގަކުރެވޭ، އެޕްރީލް މަހުގެ ކުރީކޮޅުގައި ދެވުނު ލުއިތައް. އެއާއެކީގައި މުޅި ރާއްޖެއަށް ދަތުރުފަތުރު ފަސޭހައިން ކުރެވޭނެ ގޮތްތައް މެދުވެރިވެގެންދިޔައީ. އަދި މާލެތެރޭގައިވެސް ވަރަށް ފަސޭހައިން އެއްތަނުން އަނެއް ތަނަށް ގޮސް، އެކަކު އަނެކަކާ ބައްދަލުކޮށް އުޅުމުގެ ފުރުޞަތު ލިބިގެންދިޔަ. އަދި މިނޫނަސް އިތުރު ބައެއް ކަންތައްތައް މިކަމާ ގުޅިފައި އޮވެދާނެ.

މިހާތަނަށް މި މަހު އެކަނިވެސް 28,600 މީހަކު މިވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައި. އަދި 71 މީހުން މިވަނީ އަޅުގަނޑުމެންނާ ވަކިވެގެން ގޮސްފައި. ރާއްޖެއިން ކޯވިޑް ފެނުނުފަހުން މިހާތަނަށް ޖުމްލަ 58,345 މީހަކަށް ކޯވިޑްޖެހި، 144 މީހަކު މިވަނީ ނިޔާވެފައި. މިވޭތުވެގެންދިޔަ އެއް އަހަރުގެ ތެރޭގައި މުޅިއެކު ކޯވިޑަށް ޕޮޒިޓިވްވި މީހުންނާއި، ނިޔާވި މީހުންނާ އެއްވަރަށް ގާތްގަނޑަކަށް މި މަހު އެކަނި އެބަވޭ ޕޮޒިޓިވްވެ އަދި ނިޔާވެފައި.

މިއީ ކަންބޮޑުވާ ހިސާބުގައި މިވަގުތު އޮތް ކަމެއް. މިވޭތުވެދިޔަ ގާތްގަނޑަކަށް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި، ވަރުބަލިކަމެއްނެތި އަޅުގަނޑުމެންގެ ޞިއްޙީ ޚިދުމަތްތެރިން ވަރަށްބުރަ މަސައްކަތްތަކެއް ކޮށްދެއްވައިފި. އެބޭފުޅުންގެ އެ މަސައްކަތްތައް އެގޮތަށް ކުރިއަށްދިޔަނަމަވެސް، މިވޭތުވެދިޔަ ދެ މަހު، ބައްޔަށް ޕޮޒިޓިވްވާ މީހުން ވަރަށްބޮޑުތަން އިތުރުވުމުގެ ސަބަބުން މިއަދު މިވަނީ ބަލިވާ ފަރާތްތަކަށް، ޕޮޒިޓިވްވާ ފަރާތްތަކަށް އެކަށީގެންވާ ރަނގަޅު ޚިދުމަތެއް ދިނުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައި. އެހެންނަމަވެސް، އަދިވެސް އަޅުގަނޑުމެންގެ ޞިއްޙީ ޚިދުމަތްތެރިން ތިއްބެވީ ދުލެއްނުދީ މިކަމުގައި ކުރިއަށް ވަޑައިގަންނަވަން.

ކޯވިޑުގެ ޙާލަތު ރާއްޖެއާއި މާލޭގައި މިހާ ގޯސްވެގެން ދިޔުމުގެ ސަބަބުން އަޅުގަނޑުމެންނަށް މިވަނީ އިތުރު ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައި. އޭގެ ބައެއް ފިޔަވަޅުތައް، މާދަމާގެ ވަގުތެއްގައި އަޅަން ފަށާނެ. އެގޮތުން، ފުރަތަމަ ކަމަކަށް، ހަވީރު 4ން ފެށިގެން އަނެއް ދުވަހުގެ 8 ޖަހަންދެން މުޅި މާލޭގައި ކަރފިއު ހިންގޭނެ. އަދި ކޯވިޑް ބޮޑަށް ފެތުރިފައި ހުރި ރަށްރަށުގައިވެސް މިގޮތަށް ޢަމަލުކުރެވޭނެ. ހެނދުނު 8ން ފެށިގެން ހަވީރު 4އާ ދޭތެރޭގައި ފާސްނެތި ގެއިން ބޭރަށް ނުކުތުން މަނާކުރެވިގެންދާނެ. ފުލުހުން ދޫކުރާ ފާހާ އެކީގައި، ކޮންމެހެން ބޭނުންވެއްޖެ ހިނދެއްގައި، ބޭނުންވާ ކަމެއް ކުރުމަށްޓަކައި ގެއިން ބޭރަށް ނުކުތުމަށް މިވަގުތު އަޅުގަނޑުމެން މި ނިންމަނީ.

ސިފައިންނާއި ފުލުހުން މަގުމަތީގައި މިކަންތައްތައް ބަލަހައްޓަމުން ގެންދާނެ. އެބޭފުޅުންވެސް މިވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑު މި ދެންނެވި ފަދައިން، ޞިއްޙީ ޚިދުމަތްތެރިންނާ އެކީގައި، ފުލުހުންނާއި ސިފައިންގެ ބޭފުޅުންނާއި، އަދި ވޮލަންޓިއަރުންގެ ގޮތުގައި ވަރަށްގިނަ މަސައްކަތްތަކެއް މިހާތަނަށް ކޮށްދެއްވާފައި އެބައޮތް.

މި ފިޔަވަޅުތައް އަޅުގަނޑުމެން އަޅަން ފެށުމާ އެކީގައި، ބައެއް ފަރާތްތަކަށް ބައެއް ދަތިތައް ކުރިމަތިވާނެ. ޚާއްޞަކޮށް، ކުދި ވިޔަފާރި ހިންގާ ފަރާތްތަކަށް މީގެ ދަތިތަކަކާ ކުރިމަތިލާން ޖެހޭނެ. ސަރުކާރުން އަޅުގަނޑުމެން މި އަންނަނީ މިކަމާ ދޭތެރޭގައި ކޮށްދެވެން އޮތް ކަމަކީ ކޮބައިތޯ ބަލައި، މަސައްކަތްތަކެއް ކުރަމުން.

އެގޮތުން، މިއަދު އަޅުގަނޑުމެން ނިންމާފައިވާނެ، ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި، ފެން ބިލުން މުޅި ރާއްޖޭގެ ހުރިހާ ގެޔަކަށްވެސް 30 ޕަސެންޓުގެ ޑިސްކައުންޓެއް ދިނުމަށް. އަދި ވިޔަފާރިކުރާ ތަންތަނަށް ބިލުން 20 ޕަސެންޓުގެ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާނެ. ކަރަންޓް ބިލުން، ގޭބީސީތަކުގެ ކަރަންޓް ބިލުން 40 ޕަސެންޓުގެ ޑިސްކައުންޓެއް ދިނުމަށް މިވަނީ ކުރިއަށް އޮތް މަހަށް ނިންމާފައި. އަދި ވިޔަފާރިކުރާ ތަންތަނުން ކަރަންޓް ބިލުން 20 އިންސައްތަ ޑިސްކައުންޓެއް ދިނުމަށް މިވަނީ ނިންމާފައި.

އަޅުގަނޑުމެން މި ހުރިހާ ކަމެއް މި ކުރަނީ ހަމަ ރައްޔިތުންގެ ރައްކާތެރި ކަމަށްޓަކައި. ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން އިތުރު އެހީތައް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައި ކޯވިޑުން ސަލާމަތްވުމަށްޓަކައި ދެމުން ގެންދާނަން.

އެގޮތުން، ކޯވިޑުގެ ރިލީފް ލޯނުގެ ގޮތުގައި، ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން، މިދިޔަ އަހަރެކޭ އެއްގޮތަށް، ސޮފްޓް ލޯނުތަކެއް ދިނުމަށް ވަރަށް އަވަހަށް އަޅުގަނޑުމެން ފަށާނަން. އޭގެތެރޭގައި، ކެފޭ، ރެސްޓޯރެންޓް، ޖިމްތައް، ސެލޫން ހިންގާ ފަރާތްތައް ހިމެނޭނެ. ވަރކްޝޮޕްތަކާއި، މިހެންގޮސް ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން.

މީގެއިތުރުން، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް، މިދިޔަ އަހަރެކޭވެސް އެއްގޮތަށް، ސްޓިމިއުލަސް އިކޮނޮމިކް ޕެކޭޖެއް، ލޯނުތަކެއް ދިނުމަށް މިވަނީ ނިންމާފައި. އެގޮތުން، ޖޫންމަހުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ މިކަން ފެށިގެންދާނެ. ގާތްގަނޑަކަށް 375 މިލިއަން ރުފިޔާ، އެއީ 20 މިލިއަން ޔޫރޯގެ ފެސިލިޓީއެއް މިހާރު މިދަނީ ހަމަޖެހެމުން. ޖޫންމަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، މިކަން ފެށިގެންދާނެ.

ސަރުކާރުން ރައްޔިތުންނަށްޓަކައި ކުރަންޖެހޭ ވަރަށްގިނަ މަސައްކަތްތަކެއް ހުރޭ. އެއީ ހަމަ ރައްޔިތުންނަށްޓަކައި ކޮށްދޭންޖެހޭ ކަންތައްތައް. އެހެންނަމަވެސް، އެ ކަންތައްތައް ކުރަމުންވެސް  ސަރުކާރުން އެންމެ އިސްކަމެއް ދޭން މިވަގުތު ނިންމާފައިވަނީ، ރާއްޖޭގައި ފެތުރިފައި މިއޮތް ކޯވިޑް ކޮންޓްރޯލް ކުރުމަށްޓަކައި، މި ބަލިން ސަލާމަތްވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމަށް. މިގޮތުން، ސަރުކާރުގެ ހުރިހާ ވަސީލަތެއް މިކަމަށް ޚާއްޞަ ކުރެވިގެންދާނެ.

އަޅުގަނޑުގެ އެދުމަކީ، ތިޔަ ހުރިހާ ބޭފުޅުންވެސް، އަމިއްލަ ފަރާތްތަކުންވެސް މިކަމުގައި ސަރުކާރާ އެކީގައި އެއްބާރުލުން ދެއްވައި، މިކަމުން ސަލާމަތްވުމަށް އަތުކުރިއޮޅާލައިގެން އެންމެން އެކުގައި ނުކުތުމަށް. އިރާދަކުރެއްވިއްޔާ، މި އަޅަން ފަށާ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒުކޮށް ހިންގިއްޖެނަމަ، މާގިނަ ދުވަހެއްނުވެ އަނެއްކާވެސް އަޅުގަނޑުމެންނަށް ޢާންމު ޙާލަތަށް އެނބުރި ރުޖޫޢަވުމުގެ ފުރުޞަތު، އުއްމީދު ބޮޑުވެގެންދާނެ.

ދުނިޔޭގައި ވެކްސިން ތައްޔާރުކޮށް އުފައްދައި، އެ ވެކްސިން ޖަހަން ފެށުމާ އެކީގައި، ރާއްޖޭގެ ރައްޔިތުންނަށް ވެކްސިން ހޯދުމަށްޓަކައި ސަރުކާރުން ވަރަށްގިނަ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރީމު. އެގޮތުން، އިންޑިއާގެ ސެރަމް އިންސްޓިޓިއުޓުގެ ދެ ލައްކަ ޑޯޒް ގަތުމަށްޓަކައި އަޅުގަނޑުމެން އެގްރީމަންޓެއް ހެދިން. އޭގެއިތުރުން، ސިންގަޕޯރގެ އެސްޓްރާޒެނެކާ ކުންފުންޏާ އެކީގައި ހަތް ލައްކަ ޑޯޒް ގަތުމަށް އެގްރީމަންޓެއް ކުރެވުނު. އެހެންނަމަވެސް، އިމްޕޯޓް ކުރުމުގައި، އެ ހުރިހާ ދިމާއެއްގައިވެސް ހުރި ދަތިތަކާ ހެދި އަދި އަޅުގަނޑުމެންނަށް އެއްވެސް ތަނަކުންނެއް، އެއްވެސް ވެކްސިނެއް ލިބޭގޮތް މިވަނީ ނުވެފައި. އެހެންނަމަވެސް، އަޅުގަނޑުމެންގެ ގާތް އެކުވެރި ދެ ޤައުމަކުން ވަރަށް ދީލަތި އެހީއެއް މިހާތަނަށް ވަނީ ވެދެއްވާފައި. އެއީ އިންޑިއާއިން އެހީގެ ގޮތުގައި އަޅުގަނޑުމެންނަށް ފޮނުވައިދިން ކޮވިޝީލްޑްގެ ދެ ލައްކަ ޑޯޒާއި، ޗައިނާއިން އަޅުގަނޑުމެންނަށް ފޯރުކޮށްދިން ސިނޮފޯރމްގެ ދެ ލައްކަ ޑޯޒް. އޭގެއިތުރުން، ޑަބްލިޔޫ.އެޗް.އޯ.ގެ ކޯވިޑް ފެސިލިޓީޒް ތެރެއިންވެސް އަޅުގަނޑުމެންނަށް މިވަނީ 12000 ކޮވިޝީލްޑް ޑޯޒާއި، ފައިޒަރގެ 5850 ޑޯޒް ލިބިފައި.

މިހާރު އަޅުގަނޑުމެން އިތުރަށް ކުރަމުން މިގެންދަނީ، ރަޝިޔާއިން އުފައްދާފައިވާ ސްޕުޓްނިކްގެ ދެ ލައްކަ ޑޯޒް އޯޑަރު ކުރުމުގެ މަސައްކަތް. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި، ހެލްތު މިނިސްޓަރު ފަށްޓަވާނެ.

އާދެ، އަޅުގަނޑު ފެށުމުގެ ގޮތުން ތިޔަބޭފުޅުންނަށް ޖުމްލަކޮށް ދަންނަވާލަން ބޭނުންވާ ވާހަކަތަކަކީ މިއީ. މިއަށްފަހުގައި، މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ތިޔަބޭފުޅުންނަށް އެއްޗެއް ވިދާޅުވުމަށްފަހު، ޑޮކްޓަރ ނަޒްލާވެސް އެއްޗެއް ވިދާޅުވާނެ، މިކަމާ ބެހޭގޮތުން މިއަދުގެ އަޕްޑޭޓްތަކާ އެކީގައި. އެއަށްފަހުގައި، ބައެއް ސުވާލުތަކަށް އަޅުގަނޑު ފުރުޞަތު ހުޅުވާލާނަން.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

އަޙްމަދު ނަސީމް - މިނިސްޓަރ އޮފް ހެލްތު:

އާދެ، ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް.

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، މި ޙާލަތުގައި ދިވެހިރާއްޖެ މި އޮތް ދުވަސްވަރަކީ، އަޅުގަނޑުމެން އެންމެންވެސް ވަރަށް ހިތާމަޔާއި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ދުވަސްތަކެއް. އެންމެންނަށް މިވަނީ ގިނަގުނަ ދަތިތަކަކާ ވޭންތަކެއް ތަޙައްމަލު ކުރަން ޖެހިފައި. މިއީ ހިތްވަރާއި ކެތްތެރިކަން އިސްކޮށް، ހިންމަތާއި ސާބިތުކަމާއެކު މިކަމުން އަރައިގަތުމަށް އެންމެން އަތުކުރިއޮޅާލައިގެން ކުރިއަށްދާން ޖެހިފައިވާ ދަނޑިވަޅެއް.

ޤައުމީ ކާރިސާއަކުން އަރައިގަތުމަށް، ޤައުމީ ރޫޙުގައި އެންމެން މަސައްކަތްކުރާ ތަން ފެނިގެންދިޔުމަކީ، މިހާރު އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އަދި މި ޙާލަތުން އަރައިގަތުމަށް ރާއްޖެއަށް އޮތް އެންމެބޮޑު އުއްމީދު. ގެއިން ނުވަތަ ކޮޓަރިން ނުނުކުމެވޭފަދަ ބަލި ޙާލަތުގައި އޮންނަ އަޅުގަނޑުމެންގެ ދޮށީ ޢުމުރުގެ ރައްޔިތުންނާއި ތުއްތުކުދިން މި ބައްޔަށް ހުށަހެޅޭ މަގުތައް ބަންދުކުރުން ވަރަށް މުހިއްމު.

އެހެން ޤައުމުތަކުގެ ތަޖުރިބާއިން އަޅުގަނޑުމެން ޢިބްރަތް ޙާޞިލުކޮށް، މިކަމުން އަރައިގަނެވޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެން. ގިނަގިނައިން އަތް ދޮވުމާއި، އެޗް.ޕީ.އޭ.ގެ ގަވާއިދުތަކަށް ޙުރްމަތްތެރިކޮށްހިތައިގެން، އެ ގަވާއިދުތައް ފޮލޯ ކުރުމުގެ، ނޫނީ އެ ގަވާއިދުތަކަށް ބޯލަނބައިގެން ކުރިއަށް ދިޔުމަކީ އަޅުގަނޑުގެ ވަރަށްބޮޑު އިލްތިމާސެއް.

ކަރފިއު ނޫން ގަޑިތަކުގައި، ރައީސްވެސް އިލްތިމާސް ކުރެއްވި ގޮތަށް، ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނުކުމެގެން ނޫޅުއްވުން. ތިމާއާއި ތިމާގެ ޢާއިލާ އަދި ރައްޓެހިންގެ ރައްކާތެރިކަމަށް ހެދިފައިވާ އުޞޫލުތަކަށް އިޙްތިރާމުކޮށް ޢަމަލުކުރެއްވުން.

އެއް އަހަރަށްވުރެ ގިނަދުވަސްވީއިރުވެސް ހިތްވަރާއި ވަރުގަދަ ޢަޒުމެއްގައި، އެއްވެސް ޝަކުވާއަކާނުލައި، ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ދެމިތިއްބަވާ އަޅުގަނޑުމެންގެ ޞިއްޙީ ޚިދުމަތްތެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. އަދި ހަމަ މީގެތެރޭގައި، މިކަންކަން ތަންފީޒު ކުރައްވަން ތިއްބެވި ޕޮލިސްގެ ބޭފުޅުންނާއި، އެމް.އެން.ޑީ.އެފް. އަދި ވޮލަންޓިއަރުން، އަދި އިދާރީގޮތުން އެހީތެރިވަމުންދާ އެންމެހައި ފަރާތްތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މި ފަރާތްތަކުގެ މަސައްކަތުގައި ބަރަކާތް ލެއްވުން އެދި ދުޢާ ދަންނަވަން.

އެއް އަހަރަށްވުރެ ގިނަދުވަސްވީއިރުވެސް، ކެތްތެރިކަމާއެކު އަޅުގަނޑުމެންގެ އުޞޫލުތަކަށް ޢަމަލު ކުރައްވަމުން ގެންދަވާ ދިވެހި ރައްޔިތުންނަށް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ރައްދުކުރަން. އަޅުގަނޑުމެން މި ކަންތައްތައް ކޮންޓްރޯލް ކުރުމަށްޓަކައި ތަފާތު އެކިއެކި މަސައްކަތްތަކެއް އަޅުގަނޑުމެން ވަނީ ކޮށްފައި. އޭގެތެރޭގައި، ސަރުކާރުގެ ވަރަށްގިނަ ވުޒާރާތަކާއި، މުއައްސަސާތަކުން މި ކަންތައް ކޮންޓްރޯލް ކުރުމަށްޓަކައި އަޅުގަނޑުމެންނަށް ވަނީ އެހީތަކެއް ލިބިފައި. ޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލާނަން، އެމް.އެން.ޑީ.އެފް.އާއި، ޕޮލިސްއާއި، ޕްލޭނިންގ މިނިސްޓްރީއާއި، ޖެންޑަރ މިނިސްޓްރީއާއި، އަދިވެސް މިހެންގޮސް ހަމަ ސަރުކާރުގެ ހުރިހާ މުއައްސަސާއެއްހެން، ޚާއްޞަ ގޮތެއްގައި ރައީސް އޮފީސް އަޅުގަނޑު މިކަމުގައި ފާހަގަކޮށްލަން އިނގޭތޯ. އެއީ ކޮންމެ ދުވަހަކު އަޅުގަނޑުމެންނަށް ރައީސް އޮފީހުން މި ދެއްވާ އެހީއާއި، އަޅުގަނޑުމެންނަށް މިކަންތައް ކުރުމަށް މަގުފަހިކޮށްދެއްވާ ކޮށްދެއްވުމުގެ ސަބަބުން އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންނަށް މިކަންތަކުގައި ކޮންމެވެސްވަރެއްގެ ހިފެހެއްޓުމެއް އޮވެގެން މިކަންތައް ކުރިއަށް މި ގެންދެވެނީ.

މިހާރު އަޅުގަނޑުމެން ވާނީ ގޭގައި ތިބޭ ބަލިމީހުން ބަލައި މޮނިޓަރ ކުރެވޭނެ އިންތިޒާމުތަކެއް ހަމަޖައްސާފައި. އަދި ހަތަރު ޓީމެއް ދުވާލާއި ރޭގަނޑު މަސައްކަތް ކުރާނެ. އަޅުގަނޑުމެންނަށް އެކްސެސް ނުވެވޭ މީހުންނަށް އެކްސެސްވެ، ވެކްސިން ދިނުމާ، މިބާވަތުގެ ކަންތައްތައް ކުރުމަށް.

ޓެސްޓިންގ ކެޕޭސިޓީ އަޅުގަނޑުމެން ވަނީ އިތުރުކޮށްފައި. ކޯވިޑަށް ޓެސްޓް ކުރުމާއި، ފަރުވާ ކުރުމުގެ ހުރިހާ މަރުޙަލާއެއްގައި ޕްރައިވެޓް ކްލިނިކްތަކާއި، އޭ.ޑީ.ކޭ ހޮސްޕިޓަލާއި، ޞިއްޙީ ޚިދުމަތްދޭ އެހެންވެސް ތަންތަނުގެ ބައިވެރިވުން ވަނީ އިތުރުކުރެވިފައި.

ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް ދެވަނަ ޑޯޒް، މާލަސްނުވެ ޖެހޭނެ އިންތިޒާމުތަކެއް ހަމަޖެއްސޭތޯ އަޅުގަނޑުމެން މިދަނީ ރެޔާދުވާލު މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ، ފޮރިން މިނިސްޓްރީގެ، އަދި ޚާއްޞަ ގޮތެއްގައި ފޮރިން މިނިސްޓަރުގެ އެހީފުޅުގެ ދަށުން އަޅުގަނޑުމެންނަށް މިކަންތައް ކާމިޔާބު ކުރެވިގެންދާނެ.

އަޅުގަނޑު ޚާއްޞަ ގޮތެއްގައި ތިޔަބޭފުޅުންނަށް އިލްތިމާސްކޮށްލަން ބޭނުން، ވެކްސިން ޖައްސަވާށޭ. އެއީ ޗައިނާ ވެކްސިން ކަމުގައިވީނަމަވެސް، މިތަނުގައި އަޅުގަނޑުމެންނަށް ލިބެންހުރި ވެކްސިނެއް ޖައްސަވަމުން ގެންދަވާށޭ. އޭގެ ސަބަބުން އަޅުގަނޑުމެންނަށް މިހާރު ވަރަށްބޮޑު ތަނެއް މި ބަލިން ސަލާމަތްވުމަށް، ރައްކާތެރިވުމަށް ލިބޭނެ. އެހެން އަޅުގަނޑު މި ދަންނަވާ ސަބަބަކީ، ރެޔާއި މިއަދާ އެއްކޮށް، ދުނިޔެ ދޫކޮށްފައިދިޔަ 15 ފަރާތެއްގެ ތެރެއިން 4 ފަރާތެއް ފިޔަވައި އެހެން ހުރިހާ ފަރާތެއް ވަނީ އެއްވެސް ވެކްސިނެއްގެ ޑޯޒެއް ނުޖަހާ.

އެހެންވީމާ، މިހެން ނަހައްދަވާ! އަޅުގަނޑުގެ އިލްތިމާސަކީ، އަޅުގަނޑުމެންނަށް ލިބެންހުރި ވެކްސިނެއް މިހާރު އެންމެ ބޭފުޅުން ޖައްސަވަމުން ގެންދެވުން. ބައެއް ބޭފުޅުން މިކަމާ ތަންކޮޅެއް ދުރުގައި އުޅުއްވަނީ. އެހެންވީމާ، އަޅުގަނޑު އެދެނީ، އެބޭފުޅުންނަށް އަޅުގަނޑުމެން ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގައިގެން، މިހާރު އެބޭފުޅުންނަށް ފޯނު ކުރުމާއި، އެ ގޭގެޔަށް ދިޔުމާ، މިކަންތައްތައްވެސް އަޅުގަނޑުމެން މިދަނީ ކުރަމުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މި މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވާނެ. އަޅުގަނޑުގެ އުއްމީދަކީ، އަޅުގަނޑުމެން މިކަމުން އަވަހަށް ސަލާމަތްވެ، އަޅުގަނޑުމެންނަށް، އަޅުގަނޑުމެން އެހެންޏާވެސް ދިރިއުޅެމުން ގެންދިޔަ ދިރިއުޅުމަށް، ރައީސުލްޖުމްހޫރިއްޔާ އެ ވިދާޅުވިގޮތަށް ކުރު މުއްދަތެއްގެ ތެރޭގައި ވާސިލުވުން އަޅުގަނޑުގެ ދުޢާއަކީ.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

السَّلَامُ عَلَيْكُمْ.

ޑޮކްޓަރ ނަޒްލާ މުޞްޠަފާ - އެޗް.ޕީ.އޭ:

السَّلَامُ عَلَيْكُمْ.

އަޅުގަނޑުގެ އެންމެފަހުގެ އަޕްޑޭޓް ޙިއްޞާކޮށްލާނަން. އިއްޔެ ހަވީރު 6ން މިއަދު ހަވީރު 6 އަށް 1004 މީހުން ވަނީ އަލަށް ޕޮޒިޓިވް ވެފައި. މީގެތެރޭގައި، ގްރޭޓަރ މާލެ އޭރިއާއިން 835 މީހުން، އަތޮޅުތެރެއިން މީހުން ދިރިއުޅޭ ރަށްރަށުގައި 153 މީހުން، އަދި އޮޕަރޭޝަނަލް ރިޒޯޓުން 12 މީހުން ވަނީ ޕޮޒިޓިވް ވެފައި. ލިވަރ ބޯޑުން 4 މީހުން އަލަށް ޕޮޒިޓިވް ވެގެން ރިޕޯޓްކޮށްފައިވޭ. މި މުއްދަތުގެ ތެރޭގައި 4030 ސާމްޕަލް ވަނީ ޓެސްޓް ކުރެވިފައި. އަދި މީގެތެރެއިން 18 އަހަރުން ދަށުގެ 240 ކުދިން ވަނީ ޕޮޒިޓިވް ވެފައި. އަދި 65 އަހަރުން މަތީގެ 41 މީހަކު ވަނީ ޕޮޒިޓިވް ވެފައި. މިވަގުތު މޮނިޓަރިންގގައިވާ ރަށްތަކަށް ބަލައިލާއިރު، 78 ރަށެއް ވަނީ މޮނިޓަރިންގގައި. އަދި އަލަށް އއ. ތޮއްޑޫ، އަދި ރ. ދުވާފަރު ވަނީ މޮނިޓަރިންގއަށް ލެވިފައި.

އާދެ، އަޅުގަނޑު ކޮންމެވެސްވަރަކަށް ސްލައިޑުން ދައްކާލާނަން، 2020 ވަނަ އަހަރުން ފެށިގެން އަޅުގަނޑުމެން ގާތްގަނޑަކަށް 14 މަސް މި ވޭތުކުރަމުން މިދިޔައީ ކޯވިޑާ އެކީގައި. މިހާތަނަށް އައިއިރު، މި 14 މަސްތެރޭގައި އަޅުގަނޑުމެންނަށް ދުވަހަކުވެސް ފެނިފައި ނުވާވަރުގެ މަތީ ޢަދަދަކަށް މީހުން ވަނީ ޕޮޒިޓިވް ވެފައި. ޚާއްޞަކޮށް، އެޕްރީލް ފަހުކޮޅުން ފެށިގެން ޕޮޒިޓިވިޓީ ރޭޓް ވަނީ ވަރަށްމަތިވެފައި.

ދެން އަންނަ ސްލައިޑުން އަޅުގަނޑު މި ދައްކާލަނީ، މި އަހަރުގެ ތެރޭގައި، 2021 ވަނަ އަހަރުގެ ޖަނަވަރީން މޭ އާ ހިސާބަށް ޕޮޒިޓިވް ވެފައިވާ ނިސްބަތުން ނިޔާވެފައިވާ މީހުންގެ ޢަދަދުތައް. ދެން ޢާއްމުކޮށް، ޖަނަވަރީ، ފެބުރުވަރީ، މާރިޗު، މި ހިސާބުގައި މިދިޔައީ، މި މަހާ އަޅައިބަލާއިރު، ވަރަށް ދަށްކޮށް. ނިޔާވެފައިވާ ނިސްބަތުން ގާތްގަނޑަކަށް އެކަމަކު ރާއްޖޭގައި އުޅެނީ 0.1 އާއި 0.3 ޕަސެންޓާ ދޭތެރޭ. މި މަހުވެސް ގާތްގަނޑަކަށް، މޭ މަހުގައިވެސް 28 މީހުން ވަނީ ޕޮޒިޓިވް ވެފައި. 71 މީހުން ނިޔާވެފައި. ނިޔާވެފައިވާ ރޭޓް ގާތްގަނޑަކަށް މިއުޅެނީ، ޑެތް ރޭޓް ގާތްގަނޑަކަށް އެއްވަރަކަށް. އެކަމަކު އަޅުގަނޑުމެންނަށް ޢާއިލާއާ އެކީގައި މީގައި މި މަސައްކަތްކުރާ ނަރުހުންނާއި، ޑޮކްޓަރުން އަދި މި އޮޕަރޭޝަންގައި އުޅޭ އެންމެންނަށްވެސް މިއިން ކޮންމެ މަރަކީ ހަމަ ވަރަށް އަސަރުކުރާނެ، ނިޔާވެފައިވާ ކޮންމެ މީހަކާއެކީ އަޅުގަނޑުމެންވެސް ހަމަ ވަރަށް ހިތާމަކުރަން.

އެހެންވީމާ، އަޅުގަނޑުމެންގެ އުއްމީދަކީ، ވީހާވެސް އަވަހަކަށް ނަންބަރުތައް ދަށްކުރުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކާމިޔާބު ލިބޭނެ.

ދެން އަޅުގަނޑު މި ބަލައިލަނީ ރާއްޖޭގައާއި އަދި މާލެ، އަތޮޅުތެރޭގައި ޕޮޒިޓިވިޓީ ރޭޓް. މިގޮތުން، އޮރެންޖް ކުލައިގައި މިވަނީ ޕޮޒިޓިވިޓީ ރޭޓް މުޅި ރާއްޖޭގައި. ޕޮޒިޓިވިޓީ ރޭޓް، ޢާއްމުކޮށް އެވްރެޖްކޮށް ގާތްގަނޑަކަށް މިއުޅެނީ 30 ޕަސެންޓުގައި. އަތޮޅުތެރޭގައި ގާތްގަނޑަކަށް ޢާއްމުކޮށް ޕޮޒިޓިވިޓީ ރޭޓް މިއުޅެނީ 80 ޕަސެންޓުގައި. އެކަމަކު މާލޭގައި ގާތްގަނޑަކަށް މޭ މަހުއްސުރެ 50 ޕަސެންޓް. އަދި 45 ޕަސެންޓުގައި ޕޮޒިޓިވިޓީ ރޭޓް މިއުޅެނީ. އަދިވެސް ޕޮޒިޓިވިޓީ ރޭޓް، ގްރޭޓަރ މާލެ އޭރިއާގައި ފުދޭވަރަކަށް މަތިކޮށް މިއުޅެނީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެންމެން މަސައްކަތްކޮށްގެން، އުއްމީދަކީ ވީހާވެސް އަވަހަކަށް މި ނަންބަރުތައް ދަށްކުރުން.

ޝުކުރިއްޔާ!

މަރްޔަމް ޝިއުނާ - ދިވެހި ޗެނަލް:

އަޅުގަނޑުގެ އެންމެ ފުރަތަމަ ސުވާލަކީ، ދުނިޔޭގެ އެހެން ޤައުމުތަކުގައި، މިފަދަ ޙާލަތަށް ޤައުމު ވެއްޓުމުން، ޤައުމުގައި ތިބޭ ޤާބިލު ފަރާތްތަކުގެ އެހީތެރިކަން ހޯއްދަވަމުން ގެންދަވާ. ރާއްޖޭގައިވެސް އެބަ ތިއްބެވި، ހިންގުމުގެ ދާއިރާގައި ތަޖުރިބާ ލިބިތިބި ފަރާތްތައް. މިސާލަކަށް، ކުރީގެ ރައީސް ޔާމީން އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ތަޖުރިބާ ލިބިގެން ތިއްބެވި ޑޮކްޓަރ ވަޙީދުފަދަ ބޭފުޅުން. މި ޙާލަތުން އަރައިގަތުމަށްޓަކައި މިފަދަ ބޭފުޅުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސް ނުވިސްނަވަންތޯ؟

ދެން އަޅުގަނޑުގެ ދެވަނަ ސުވާލަކީ، ކޯވިޑުގެ ޙާލަތު އެކަންޏެއް ނޫން. މުޅި ޖުމްލަގޮތެއްގައި ޤައުމުގެ ޙާލަތު ވަރަށްބޮޑުތަނުންވެސް ދަށަށް ގޮސްފައިވާތަން އަޅުގަނޑުމެންނަށް ފެނިގެންދާއިރުގައި، ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓުގައި އެބަ ތިއްބަވާ އެތައް ވަޒީރުންނެއް. މި ވަޒީރުންނާ މަތިކޮށްފައިވާ ޒިންމާ، އޭގެ ފުރިހަމަގޮތުގައި އަދާކުރަމުންނުދާކަމުގެ ޝަކުވާތައް ތަކުރާރުކޮށް ރައްޔިތުން ކުރަމުން އަންނައިރުގައި، ސަރުކާރުން ރައީސް އެބަ ވިސްނުންފުޅު ގެންގުޅުއްވަންތޯ، ކެބިނެޓަށް އެދެވިގެންވާ ބަދަލެއް ގެނައުމުގެ އެއްވެސްކަހަލަ ވިސްނުންފުޅެއް؟ ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ.

އަޅުގަނޑުމެންގެ މިރޭގެ މައިގަނޑު އަމާޒަކީ، ކޯވިޑާ ގުޅިގެން ހުރި އިޝޫތަކަށް އެޑްރެސް ކުރުން. އެހެންނަމަވެސް، ތިޔަ ވިދާޅުވި ދެ ސުވާލު. އެއް ސުވާލަކީ، ރާއްޖޭގައި ތިބި ޤާބިލު ބޭފުޅުންގެ އެހީތެރިކަން ނުހޯދަނީ ކީއްވެގެންތޯއޭ؟

އަޅުގަނޑުމެން މިކަމުގައި ހެލްތު ސެކްޓަރގައި ތިބި ވަރަށްގިނަ ފަރާތްތަކެއްގެ އެހީތެރިކަން މިހާރުވެސް ހޯދަމުން އެބަ ގެންދަން. އަޅުގަނޑަށް އެފަދަ ވަރަށްގިނަ ބޭފުޅުންގެ ލަފަޔާއި އިރުޝާދު، ދުވަހުން ދުވަހަށް ލިބެމުންދޭ. އޭގެ އަލީގައި ހެލްތު މިނިސްޓްރީއާއި ޑޮކްޓަރުންގެ ޓީމާ އެކީގައި ގެންނަންޖެހޭ ބަދަލުތައް އަޅުގަނޑުމެން މިގެންނަނީ. ރާއްޖޭގައި ހުންނެވި ކޮންމެ ބޭފުޅަކަށް، ރާއްޖޭގެ ކޮންމެ ރައްޔިތަކަށް އެބައޮތް މިކަމުގައި އެހީތެރިވުމަށް އަމިއްލަގޮތުންވެސް ކުރެވޭނެ ވަރަށް ބައިވަރު ކަންތައްތައް. އަދި އަޅުގަނޑުމެންގެ ޓީމާ އެކީގައި ކުރެވޭނެ ވަރަށްގިނަ ކަންތައްތައް. އެގޮތުން ހަމަ ކޮންމެ ބޭފުޅަކަށްވެސް މަރުޙަބާ އަޅުގަނޑުމެން ކިޔަން މި ޓީމާ ގުޅެން. މިއީ އެންމެންގެ ކަމެއްގެ ގޮތުގައި ނުކުމެގެން މިކަން ކުރެވޭނީ.

އެނގިވަޑައިގަންނަވާނެ، މީގެކުރީގައި އަޅުގަނޑުމެން ހަމަ ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުން މަނާވެސް ކުރިން، މީގެ ދެތިން ހަތަރުމަސް ކުރިން. އެއްވުންތަކާއި، ދެންގޮސް ޕާޓީތަކާއި، ވެޑިންގ ޕާޓީތަކާއި، އެހެންގޮސް އެކަހަލަ ޕާޓީތައް ބޭއްވުންވެސް މަނާކުރިން. އެހެންނަމަވެސް، އެއިން އެއްވެސް ކަމަކަށް އިޖާބަނުދީ އުޅުނު ބަޔަކު އުޅުނު. ކޮންމެ މުޖުތަމަޢެއްގައި އުޅޭނެ. އޭގެ ސަބަބުންވެސް ވަރަށްބޮޑަށް ފެތުރިގެންދިޔަކަން ފާހަގަކުރެވިގެންދިޔައީ.

އަޅުގަނޑު އުއްމީދު ކުރަނީ، އެކަހަލަ ކަންތައްތައް، މި ފެށޭ ލޮކްޑައުން ނޫނަސް، މި ރެސްޓްރިކްޝަން ތެރޭގައި، އެއްވެސް ބޭފުޅަކު ނުކުރެއްވުން. އޭރުން މިކަމުން އަރައިގަނެވޭނީ.

ދައުލަތުގެ، ސަރުކާރުގެ ކެބިނެޓްތެރޭގައި އެ ވަގުތަކު ބަދަލުގެންނަންޖެހޭ ބަދަލެއް އަޅުގަނޑު މިދަނީ ގެންނަމުން. އަޅުގަނޑު ގަބޫލުކުރާގޮތުގައި، ސަރުކާރުގެ ކެބިނެޓުގައި މިވަގުތު ތިއްބެވި ބޭފުޅުން ވަރަށް ރަނގަޅަށް މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ. އަޅުގަނޑުމެން ހަވާލުކުރާ ހުރިހާ ކަމެއް ހަމަ ވަރަށް ރަނގަޅަށް ކުރައްވަމުން އެބަ ގެންދަވާ. އެގޮތުން، ފިނޭންސް މިނިސްޓްރީ ކަމަށްވިޔަސް، ހެލްތު މިނިސްޓްރީ ކަމަށްވިޔަސް، އިކޮނޮމިކް މިނިސްޓްރީ ކަމަށްވިޔަސް، ޓޫރިޒަމް މިނިސްޓްރީ ކަމަށްވިޔަސް، އެޑިޔުކޭޝަން މިނިސްޓްރީ ކަމަށްވިޔަސް، ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީ ކަމަށްވިޔަސް، ފިޝަރީޒް މިނިސްޓްރީ ކަމަށްވިޔަސް، އަދި ޕްލޭނިންގ މިނިސްޓްރީ ކަމަށްވިޔަސް، ދެން އެނަރޖީ، ސައިންސް އެންޑް ޓެކްނޮލޮޖީ މިހާރު އެއޮތީ އެއްކުރެވިފައި. އެ މިނިސްޓްރީ ކަމަށްވިޔަސް، އެންވަޔަރަންމަންޓް މިނިސްޓްރީ ކަމަށްވިޔަސް، އެ ތިއްބެވި ހުރިހާ ބޭފުޅުންވެސް މިކަމުގައި ވަރަށް ބޮޑަށް ބައިވެރިވެވަޑައިގެން އެބަ މަސައްކަތް ކުރައްވާ. މީގެތެރޭގައި، އަޅުގަނޑަށް ކެބިނެޓުގެ އެއްވެސް މަގާމެއް އުނިވެގެންނުދިޔަ ކަމަށް އަޅުގަނޑު އުއްމީދު ކުރަން. ކެބިނެޓަށް ފުރިހަމަ އިތުބާރާ އެކީގައި އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ. ގެންނަންޖެހޭ ބަދަލުތައް އަޅުގަނޑު ގެންނާނަން އިރާދަކުރެއްވިއްޔާ.

މަރްޔަމް ޝިއުނާ - ދިވެހި ޗެނަލް:

އިޤްތިޞާދީ ޙާލަތުން އަރައިގަތުމަށް މަޝްވަރާ ކުރެވެމުންދޭތޯ ނުވަތަ ކުރައްވަން ވިސްނަވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އިޤްތިޞާދީ ޙާލަތާ ބެހޭގޮތުން އަޅުގަނޑުމެންގެ ފިނޭންސް މިނިސްޓްރީގައި ތިއްބެވި ބޭފުޅުން ވަރަށްބުރަ، ވަރަށް ރަނގަޅު މަސައްކަތްތަކެއް އެބަ ކުރައްވާ. މިދިޔަ އަހަރުވެސް އެކަނި އެހީގެ ގޮތުގައި، ލޯނާއި އެހީގެ ގޮތުގައި 1.34 ބިލިއަން ޑޮލަރުގެ އެހީއާއި ލޯނު އެބައޮތް ހޯދާފައި. މިއީ ރާއްޖޭގެ މި ފަހުގެ ތާރީޚުގައި ނުކުރެވޭވަރުގެ ކަމެއް. އެހީގެ ގޮތުގައި 872 މިލިއަން ޑޮލަރު އެބައުޅޭ، އެހީއަށް އެކިގޮތްގޮތުން ލިބިފައި. ލޯނުގެ ގޮތުގައި، 465 މިލިއަން ޑޮލަރު އެބައޮތް ހޯދާފައި. އެހެންވީމާ، މިދިޔަ އަހަރުގެ އެ ދަތި އުނދަގުލުގައި އެއިން އަރައިގަނެވުނީ، ފިނޭންސް މިނިސްޓްރީންނާއި ފޮރިން މިނިސްޓްރީން މިކުރި މަސައްކަތްތަކުގެ އަލީގައި.

ހަމަ އެގޮތަށް މި އަހަރުވެސް މިހާތަނަށް އައިއިރުގައި، މާކެޓަށް ގޮސް މި ދަތި ޙާލަތުގައި 300 މިލިއަން ޑޮލަރުގެ ސުކޫކު މިވަނީ ވިއްކާފައި. އޭގެތެރެއިން މި އަންނަ އަހަރު ދައްކަންޖެހޭ 275 މިލިއަން ޑޮލަރުގެ 75 ޕަސެންޓް މިހާރުވަނީ ދައްކައި ނިންމާފައި. އެއީ ކުރީގެ ސަރުކާރުން ވަރަށްބޮޑު އިންޓްރެސްޓް ރޭޓެއްގައި ނަގާފައި އޮތް ލޯނެއް. އެ ލޯނު އަޅުގަނޑުމެންނަށް ދެއްކުމުގެ ސަބަބުން އިތުރު ފައިސާ ހޯދުމަށް މިވަގުތު ވަނީ ވަރަށް ބޮޑަށް ފަސޭހަވެފައި. އެގޮތުން، އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައިވެސް ދަތިނުވެ މި އުނދަގުލުން ސަލާމަތްވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް އަޅުގަނޑުމެން އިކޮނޮމިކް މިނިސްޓްރީން ކުރާނެ.

މިކަމުގައި ރައީސް ޔާމީނުވެސް، ޑޮކްޓަރ ވަޙީދުވެސް ހަމަ އެހީތެރިކަން ވެދެއްވަންވީ. އަޅުގަނޑުމެން ބަލައިގަންނާނަން.

މަރްޔަމް ނިމާ ޙަސަން - ޖަޒީރާ ނޫސް:

އަޅުގަނޑުގެ ސުވާލަކީ، ވެކްސިންގެ ދެ ލައްކަ ޑޯޒް ގެންނަ ވާހަކަ ވިދާޅުވެދެއްވައިފި. އެ ވެކްސިނަށް ދެތިން ދުވަސްތެރޭގައި އޯޑަރ ދެއްވާނެ ކަމަށް ވިދާޅުވި. މި ވެކްސިން ލިބޭނެކަމުގެ ކިހާވަރެއްގެ ޔަޤީންކަމެއް އޮވެގެންތޯ އޯޑަރ ތިޔަ ކުރައްވަނީ.

ދެން ދެވަނަ ސުވާލަކީ، އެސްޓްރާޒެނެކާ ވެކްސިންގެ ހަ ލައްކަ ޑޯޒް، އެކި ޝިޕްމަންޓްތަކުން ޖޫންމަހު ލިބެން ފަށާނެ ކަމަށްވެސް މީގެކުރިން ވިދާޅުވެފައި އެބަވޭ. ދެން އެ ވެކްސިން، ޖޫންމަސް ފެށެން ދެން މިހާރު ހަފްތާއަކަށް ވެފައިވާއިރު، އެ ވެކްސިން ލިބޭނެ ތާރީޚެއް ވިދާޅުވެދާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ހެލްތް މިނިސްޓަރ ތަފްޞީލީ ޖަވާބެއް ދެއްވާނެ. އޭގެކުރިން އަޅުގަނޑު ދަންނަވާނަން. އެއްވެސް ޤައުމެއްގައި، އަޅުގަނޑުމެން މިދޭތެރެއިން މަސައްކަތްކޮށްފިން، ބައިލެޓްރަލްކޮށް، އެކިއެކި އަޅުގަނޑުމެންގެ ރައްޓެހި ޤައުމުތަކާ އެކީގައި ވެކްސިން ހޯދުމަށް. ޔޫރަޕްގެ ވަރަށްގިނަ ޤައުމުތަކާ އެކީގައި ކުރެވިއްޖެ. އެމެރިކާއާ ވާހަކަ ދެއްކިއްޖެ. ކެނެޑާއާ ވާހަކަ ދެއްކިއްޖެ. އޮސްޓްރޭލިއާއާ އެބަ ވާހަކަދައްކަން. އެކަމަކު މިހާތަނަށް އަޅުގަނޑުމެންނަށް ޔޫރަޕްގެ ޤައުމުތަކުން ދީފައި އޮތް ޖަވާބަކީ، ބައިލެޓްރަލްކޮށް، ސީދާ އެއް ޤައުމުން އަނެއް ޤައުމަށް އަދި ތިމަންނާމެން ދޭކަށް ނުނިންމަމޭ. އޭގެ ބަދަލުގައި ވެކްސިން ތިމަންނާމެން ފޯރުކޮށްދޭނީ، ޑަބްލިޔޫ.އެޗް..އޯ އަށޭ. އޭގެ ތެރެއިންނޭ އެހެން ޤައުމުތަކަށް ޑިސްޓްރިބިއުޓް ކުރާނީ. ސުޕްޓްނިކާ ކަންތައް އަޅުގަނޑުމެންނަށް ފަށައިގަނެވެން އަންނަނީވެސް އެގްރީމަންޓެއްގައި ސޮއިކޮށްގެން. މިނިސްޓަރ ނަސީމް އެ ގެންދަވަނީ އެކަން ކުރައްވަމުން. މި ގަޑީގައި އަޅުގަނޑުމެން އެ ފިޔަވަޅު އަޅަން އެބަޖެހޭ. އެހެން ނޫނީވިއްޔާ، އަނެއްކާވެސް ލިބުން ދަތިވެދާނެ. އެސްޓްރާޒެނެކާވެސް މިއީ އަޅުގަނޑުމެން މިދިޔަ އަހަރުގެ ޑިސެންބަރު މަހުގައި އެޕްރޫވްކުރި އޯޑަރެއް. އަޅުގަނޑުމެންނަށް ޝެޑިއުލެއްވެސް އެބައޮތް ލިބިފައި. ޖޫން މަހުން ފެށިގެން އެކަށް ލިބޭނެކަމަށް. އެހެންނަމަވެސް، މިހާރު ގޮސްފައި އޮތް ހިސާބެއް މިނިސްޓަރ ނަސީމް ތިޔަބޭފުޅުންނަށް ހާމަކޮށްދެއްވާނެ.

ތިޔަ ހުރިހާ ބޭފުޅުންވެސް ގަބޫލުކުރައްވަންވީ އެއްކަމަކީ، ދުނިޔޭގައި އަދިވެސް ގިނައީ އެންމެ ޑޯޒެއްވެސް ނުލިބޭ ޤައުމުތައް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އާބާދީގެ 69 ޕަސެންޓަށް ފުރިހަމަ ޑޯޒް ޖަހައި ނިމިގެން މިހާރު މިތިބީ. ވަރަށްބޮޑު ޢަދަދެއް އެއީ. އެއީ އޭގެ ސަބަބުންވެސް އެބަ ޤައުމުތަކުން ވެކްސިން ލިބުމުގައި އެބަ މަޑުޖެހުމެއް އާދޭ ރާއްޖެއަށް ފޯރުކޮށްދިނުމުގައި. މި ދެންނެވިހެން އެންމެ ޑޯޒެއް ނުލިބޭ ކިތަންމެ ޤައުމެއް ދުނިޔޭގައި އެބައޮތް.

މިނިސްޓަރ ނަސީމަށް އަޅުގަނޑު ފުރުޞަތު އަރުވަން.

އަޙްމަދު ނަސީމް - މިނިސްޓަރ އޮފް ހެލްތު:

މިހާރު ތިޔަބޭފުޅުން ސުވާލުކުރައްވައިފި، ރަޝިޔާ ވެކްސިނާ ބެހޭގޮތުން. އެއީ ސްޕުޓްނިކާ ބެހޭގޮތުން. އަޅުގަނޑުމެން މިހާރު އެގްރީމަންޓް މިވަނީ ލިބިފައި. ސުޕްޓްނިކާބެހޭ އެގްރީމަންޓް. އެ އެގްރީމަންޓް މިހާރު އެޓަރނީ ޖެނެރަލްގެ އޮފީހުން ދިރާސާ ކުރައްވައިފި. ދިރާސާ ކުރައްވާފައި ކޮމެންޓްތަކެއް ދެއްވާފައި އެބަހުރި. އެ މިހާރު އަޅުގަނޑުމެން ފޮރިން މިނިސްޓްރީ މެދުވެރިކޮށް ވަނީ އެފަރާތަށް ފޮނުވާފައި. ދެން އެފަރާތުން އެ ގަބޫލުފުޅު ކުރައްވާ މިންވަރަށް އަޅުގަނޑުމެންނަށް އެކަންތަކާ ދޭތެރޭގައި ޝަކުވާ އުފުލިއްޖެ މިހާރު. އެހެންނަމަވެސް، އަޅުގަނޑަކަށް ނޭނގެ، ކިހިނެއް ކަމެއް އެކަންތައް ވާނީ. މިހާރު އަޅުގަނޑުމެން ނެގޯޝިއޭޓް ކުރަމުން މިގެންދަނީ. އިރާދަކުރެއްވިއްޔާ، ވަރަށް އަވަހަށް އެ އެގްރީމަންޓްގައި އަޅުގަނޑުމެންނަށް ސޮއިކުރެވޭގޮތްވާނެ. އެޓަރނީ ޖެނެރަލަށް ފެނިވަޑައިގަންނަވާ ބައި މިހާރުވަނީ ފޮނުވިފައި، ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެފަރާތަށް.

ދެން އެކަންތައްތައް ނިމުނުހާ އަވަހަކަށް، އަޅުގަނޑުމެން އެގްރީމަންޓްގައި ސޮއިކުރާނަން. މިހާރު ހަމަޖެހިފައި އޮތްގޮތުން އަޅުގަނޑުމެން އެގްރީމަންޓްގައި ސޮއިކުރާތާ ހަތަރު ހަފްތާގެ ތެރޭގައި، އަޅުގަނޑުމެންނަށް އެ ސަޕްލައި ކޮށްދެއްވާނެ ރަޝިޔާ ސަރުކާރުގެ ފަރާތުން.

ދެން އަޅުގަނޑުމެން އޯޑަރުކުރި އެސްޓްރާޒެނެކާ، މިހާރު އެބޭފުޅުންގެ މާލޭގެ އޭޖެންޓް ހަވާލުކުރައްވާފައި އޮތީ ކްލިއަރ ކުރުމުގެ ކަންތައްތައްވެސް. އެހެންނަމަވެސް، އަދިވެސް އެބޭފުޅުންނަށް އެ މިކޮޅަށް ޝިޕް ކުރެވޭނެ ގޮތެއް ހަމަނުޖެހިގެން އެކަންތައް ނުނިމިގެން އުޅެނީ. އެހެންވީމާ، އެބޭފުޅުންވެސް އެ މަސައްކަތްތައް އެބަ ކުރައްވާ. އަޅުގަނޑުގެ އުއްމީދަކީ، ޖޫންމަހުގެ ތެރޭގައި އެބޭފުޅުން ވިދާޅުވިގޮތަށް، އަޅުގަނޑުމެންނަށް މި ލިބުން. އެންމެ ފުރަތަމައިނުން އޮތީ ޖޫންގެ ކުރީކޮޅުގައި އަޅުގަނޑުމެންނަށް ލިބޭގޮތަށް. އަޅުގަނޑުމެން ވަރަށް ކޮމްފޮޓަބަލްކޮށް ތިބީ. އެހެންނަމަވެސް، މިހާރު އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ، ޖޫންމަހުގެ ކުރީކޮޅުގައި ލިބޭނެ ކަމަކަށް. އެހެންނަމަވެސް، ޖޫންމަހުގެ ތެރޭގައި ލިބޭނެކަމުގެ ވަރަށްބޮޑު އުންމީދު އެބައޮތް. އެގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދަނީ.

އާދެ، ޝުކުރިއްޔާ!

އަޙްމަދު ޙަމީދު އާދަމް - އަވަސް އޮންލައިން:

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ.

އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، ރާއްޖެއާއި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ގުޅުން މިހާރު ވަރަށް ރަނގަޅު ޙާލަތެއްގައި މިއޮތީ. ރައީސް، އަޅުގަނޑުމެންނަށް ސާފުކޮށްލަދެއްވަފާނަންތޯ، ރާއްޖޭގައި މިވަގުތު މި ކޯވިޑުގެ ޙާލަތު މި އޮތްގޮތުން، އިންސާނީ އެހީތެރިކަން، އިންސާނީ ވަސީލަތްތައް ވަރަށްމަދު. އިންސާނީ އެހީތެރިކަމާއި، ނުވަތަ އިންސާނީ ވަސީލަތްތަކުގެ އެހީތެރިކަން މިވަނީ ވަރަށް ބޮޑަށް ބޭނުންވެފައި. ތިޔަބޭފުޅުން ރަސްމީކޮށް، އެއްވެސް ޤައުމެއްގެ އެހީތެރިކަމަށް އެދިފައިވާނެތޯ، އަދި އެދިފައިނުވާކަމަށްވާނަމަ، ބައިނަލްއަޤްވާމީ އެހީތެރިކަމަކަށް ރާއްޖެ އެދޭނީ ކިހާ ހިސާބަކުންތޯ؟

ދެން ދެވަނަ ކަމަކަށް، 375 މިލިއަން ރުފިޔާގެ ލޯނު ސްކީމެއްގެ ވާހަކަ އަނެއްކާވެސް ރައީސް ދެންމެ ތިޔަ އިޢުލާނު ކުރެއްވީ. ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އޮތްގޮތް، ރައީސް އެކިފަހަރު، އެކި ޕްލެޓްފޯމްތަކުގައި ވިދާޅުވެދެއްވާފައި ވަނީ.

އަޅުގަނޑުގެ ސުވާލަކީ، ލޯނު ސްކީމްތަކަށް ނުވަތަ މި ވެދެއްވާ އެހީތެރިކަމަށް ފައިނޭންސް ހޯއްދަވަނީ ކޮންގޮތަކަށްތޯ؟ ބޭރުގެ ލޯނު އެހީއަށް އަނެއްކާވެސް ބަރޯސާވަނީތޯ ނުވަތަ އެމް.އެމް.އޭ. ތެރެއިން ފައިސާ ޗާޕުކޮށްގެން އެ މަސައްކަތް އަނެއްކާވެސް ކުރައްވަން ގަސްދުކުރައްވަނީތޯ؟ އަޅުގަނޑު ހިތުން ރައްޔިތުންނަށް އެކަން ރައީސްވެސް ސާފުކޮށްދެއްވަން ބޭނުންފުޅުވާނެ.

އެހެންވީމާ، ރައްޔިތުންނަށް ވެދެއްވާ އެހީތެރިކަމުގައި ފައިނޭންސް ހޯއްދަވަނީ ކިހިނެއްކަން ސާފުކޮށްލަދެއްވައިފިއްޔާ ވަރަށް ރަނގަޅު.

ވަރަށް ޝުކުރިއްޔާ އިނގޭތޯ ރައީސް.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ

އާދެ، އަޅުގަނޑު މި ދެންނެވީ ބީ.އެމް.އެލް ތްރޫކޮށް މި ދޫކުރާ 20 މިލިއަން ޔޫރޯގެ ލޯނު ސްކީމް. މިދިޔަ އަހަރުވެސް އަޅުގަނޑުމެން މީގެ 20 މިލިއަން ޑޮލަރުގެ ސްކީމެއް ވާނީ ތަޢާރުފްކޮށް، ވިޔަފާރިވެރިންނަށް ދޫކޮށްފައި. މިއީވެސް ޔޫރަޕިއަން ބޭންކުން އަޅުގަނޑުމެން ބޮރޯކުރާ، ވަރަށްދިގު މުއްދަތުގައި ދައްކާގޮތަށް ނަގާ ފައިސާ. މިއީ ސަރުކާރުގެ، ދައުލަތުގެ މާލިއްޔަތުގެ ތެރެއިން އަޅުގަނޑުމެން ނަގާ ފައިސާއެއް ނޫން. ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުން މި ނަގަނީ 20 މިލިއަން ޔޫރޯ. ވަރަށް ދުވަސްވެއްޖެ އަޅުގަނޑުމެން މިކަމުގައި ނެގޯޝިއޭޓް ކުރާތާ. އިރާދަކުރެއްވިއްޔާ، ޖޫންމަހުގެ ތެރޭގައި މިކަން ހަމަޖެހިގެންދާނެ ކަމަށް މިވަނީ. އޭރުން އަޅުގަނޑުމެން ކުރިއެކޭވެސް އެއްގޮތަށް އެކަން ކުރިއަށް ގެންދާނަން.

ބޭރުގެ ހިއުމަން ރިސޯސްގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން އެބަ ކުރަން. އެގޮތުން، ބަންގްލަދޭޝްގައިވެސް އަޅުގަނޑުމެން އެދުނިން، އަދި އިންޑިއާގައިވެސް އެ ވާހަކަ ދެކެވިފައިވީ. އަދިވެސް ހުރި ބައެއް ޤައުމުތަކާ އެކީގައި އެ ވާހަކަ ދެކެވިފައި އެބަހުރި. އެހެންނަމަވެސް، އެއިން ކޮންމެ ޤައުމެއްގައިވެސް އެތެރޭގެ ޙާލަތު ހުރިގޮތުން މިވަގުތު އެއުޅެނީ ހަމަ އެއްވެސްކަހަލަ އެހީތެރިކަމެއް ފޯރުކޮށްނުދެވިގެން. އެހެންނަމަވެސް، މިނިސްޓަރ ނަސީމް އެބަ މަސައްކަތް ކުރައްވާ، މިހާރުވެސް ޑޮކްޓަރުންނާއި ނަރުހުން ހޯއްދެވުމުގެ މަސައްކަތްތަކެއް. އެ ގާތްގަނޑަކަށް ނިމި، ޖޫންމަހުގެ ފަހުކޮޅާ ހިސާބުން 100 ނަރުހުންނާއި، 40 ޑޮކްޓަރުން ރާއްޖެއަށް އިރާދަކުރެއްވިއްޔާ ލިބޭނެ.

އަދި މީގެއިތުރުންވެސް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، އަވަށްޓެރި، އަޅުގަނޑުމެންނަށް ހެޔޮއެދޭ ޤައުމުތަކާ އެކީގައި ވާހަކަދައްކައިގެން، މިކަމުގައި އެހީތެރިކަމެއް ހޯދޭތޯ.

ނަސީމް މިއަށް އެއްޗެއް އިތުރުކޮށްލައްވަން އޮތްކަމަށްވަންޏާ ވިދާޅުވޭ.

އަޙްމަދު ނަސީމް - މިނިސްޓަރ އޮފް ހެލްތު:

އަޅުގަނޑުމެންނަށް އަވަށްޓެރި ޤައުމުތަކުން މި ލިބޭ މިކަހަލަ އެހިސާބުގަނޑުގައިވެސް އަޅުގަނޑުމެންނަށް މިހާރު ކުޑަކުޑަ ދަތިތަކެއް ދިމާވެގެން މިއުޅެނީ. އެހެންނަމަވެސް، އަޅުގަނޑުމެން އެޕްލައިކޮށްފައި ތިބި މީހުން، ވަރަށްގިނަ ޢަދަދަކަށް މީހުން އެޕްލައިކޮށްފައި އެބަތިބި. އެމީހުންނާ ކުރަންޖެހޭ ހުރިހާ އިންޓަރވިޔުތައް މިހާރު އަޅުގަނޑުމެން ދަނީ ކުރަމުން. އިރާދަކުރެއްވިއްޔާ، ހަމަ ރައީސުލްޖުމްހޫރިއްޔާ ދެންމެ ވިދާޅުވިގޮތަށް، ޖޫންމަހުގެ މެދެއްހާ ހިސާބުގައި އެމީހުން ގެނެވެން ފެށްޓޭނެ އަޅުގަނޑުމެންނަށް. އެހިސާބުން އަޅުގަނޑުމެންނަށް ތަންކޮޅެއް ފަސޭހަވާނެ.

ދެން އަޅުގަނޑުމެން ތަންކޮޅެއް ދުރު ހިސާބުންވެސް މީހުން ގެނެވޭތޯ މަސައްކަތް އެބަ ކުރަން. އެހެންވީމާ، އެ ކަންތައްތައްވެސް އަޅުގަނޑުމެން ކުރަމުން ގެންދާ ވާހަކަ ތިޔަބޭފުޅުންނާ ޙިއްޞާކޮށްލަން.

އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މި ކަންތައްތަކުން އަރައިގަތުމަށްޓަކައި މިހާރު ރާއްޖޭގެ އެތެރެއިން އަޅުގަނޑުމެންނަށް ލިބެންހުރި ކަންތައްތައްވެސް އެބަވޭ. ޓުއަރިޒަމް ދާއިރާގެ ބޭފުޅުންވެސް އަޅުގަނޑުމެންނަށް އެތަންތަނުގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންނާއި ނަރުހުންގެ އެހީތެރިކަން، އަޅުގަނޑުމެން ބޭނުންވާ ކަމަށްވަނީވިއްޔާ ލިބޭނެކަމަށް ވަނީ ވިދާޅުވެފައި. އެހެންވީމާ، އެ އޭންގަލުންވެސް އަޅުގަނޑުމެން ބަލާނަން.

މިހިސާބުން އަޅުގަނޑު އިތުރަށް އަދި އެއްޗެއް ދެންނެވޭކަށް ނެތް. ކަންތައްތައް ސާފުވިހާ އަވަހަކަށް އަޅުގަނޑު ޕްރެސްއާ ޙިއްޞާކުރާނަން، މި މީހުން އަންނަ ދުވަސްވަރާ ދޭތެރޭގައި. ޝުކުރިއްޔާ.

އަޙްމަދު އަޒާން - ދިޔަރެސް ނޫސް:

އަޅުގަނޑުގެވެސް ދެ ސުވާލު މިއޮތީ. ފުރަތަމަ ސުވާލަކީ، މިދިޔަ އަހަރު ބަޖެޓަށް ފައިސާ ހޯދަން ސަރުކާރުން އެއްކަމަކަށް މިކުރި ކަމަކީ، މި ޑެތު މަނިޓައިޒް ނޫނީ މަނިޓަރީ ފައިނޭންސިންގ. ދެން އޭރު ސަރުކާރުގެ އުއްމީދަކަށްވެފައި އޮތީ ފޮރިން އެއިޑް ޔުޓިލައިޒްކޮށްގެން، މި އެކްސިސް ލިކުއިޑިޓީ މޮޕްއަޕްކޮށް ކަންތައްތައް ހަމަޔަކަށް އެޅުވުން. ދެން އެކަމަކު އަނެއްކާވެސް މިއަހަރު ހަމަ މި އެކްސެސް ލިކުއިޑިޓީ މި ސިސްޓަމްގެ ތެރޭގައި ދައުރުވާނެ ކަހަލަ ގޮތަކަށް އިންތިޒާމު ކުރެވިގެން މިއައީ. ދެން އަޅުގަނޑު ފާހަގަކޮށްލަން، ހިލޭ އެހީގެ ގޮތުގައިވެސް މިއަހަރު އަނެއްހެން ގާތްގަނޑަކަށް ލިބިފައި މިއޮތީ، އަންދާޒާ ކުރިވަރުގެ ގާތްގަނޑަކަށް ތިން ޕަސެންޓްވަރު މި ލިބުނީ. އެހެންވީމާ، މީގެ ނަތީޖާއަކަށް ވެފައި މިއޮތީ ކުރިއާ އަޅައިބަލާއިރު، އިމްޕޯޓްގެ މިންވަރު ދަށްކަމުގައިވިޔަސް، ޑޮލަރުގެ އަގު ބާޒާރުގައި މިހިރީ އަދިވެސް އަށާރަ ރުފިޔާ، ނަވާރަ ރުފިޔާގެ ރޭންޖްގައި. ދެން އިޤްތިޞާދީ މާހިރުން އެބަ ވިދާޅުވޭ، މިދާގޮތަށް ދާނަމަ، ދިވެހި ފައިސާ ޕަރމަނަންޓްކޮށް ޑިވެލިއު ވުމުގެ ފުރުޞަތު ބޮޑޭ. އެއީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ސްޓްރަކްޗަރަލް ޑެމޭޖްތައް ލިބުމުގެ ފުރުޞަތު އެބައޮތޭ.

އަޅުގަނޑުގެ ސުވާލަކީ، ދިވެހި ފައިސާގެ އަގު ދާއިމީގޮތެއްގައި ވެއްޓިނުދީ ހިފަހައްޓަން އަދި ޖުމްލަކޮށް ޕޯސްޓް ޕެންޑަމިކް ޕީރިއަޑެއްގައި ގެންގުޅުއްވާނެ އިކޮނޮމިކް ރިކަވަރީއަކީ ކޮބައިތޯ ސަރުކާރުގެ. އިކޮނޮމިކް ރިކަވަރީ ޕްލޭނަކީ ކޮބައިތޯ ސަރުކާރުން ރައީސްގެ. އެއްވެސް ވިސްނުންފުޅެއް އެބަހުރިތޯ މިހާރު އެ ކަންތައްތައް ކުރިއަށްގެންދާނެ ގޮތުގެ.

ދެން އަޅުގަނޑުގެ ދެވަނަ ސުވާލަކީ، މީގެ އަހަރެއްހާ ދުވަސް ކުރިން ރައީސް ނޫސްވެރިންނާ ބައްދަލުކޮށްފައި ވިދާޅުވި، މި ކޯވިޑުގެ އެންމެ ގޯސް ޙާލަތަށް ތައްޔާރުވުމުގެ ގޮތުން 200 އައި.ސީ.ޔޫ އެނދު ޤާއިމުކުރައްވާނެ ވާހަކަ. ވަރަށްގިނަ ކަންތައްތައް ކުރައްވާނެ ކަމަށް ވިދާޅުވި. އެކަމަކު އަދިވެސް މާލެ ސަރަޙައްދުގައި ކޯވިޑަށް ޚާއްޞަކޮށް މިހިރީ ގާތްގަނޑަކަށް ވިއްސަކަށް އެނދު ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބުނީ، އައި.ސީ.ޔޫ. އެނދު. ދެން އަނެއްކާ ސަރުކާރުން އޭރު ވަރަށްގަދަޔަށް ދެއްކި ވާހަކައެއް، ފްލޯޓިންގ ހޮސްޕިޓަލެއްގެ ވާހަކަވެސް. ހަރުއަޑުން ދެއްކެވި. އެކަމަކު މިހާރު ދުވާލަކު 1000 މީހުން ޕޮޒިޓިވްވަމުން އަންނައިރު، އެ ފްލޯޓިންގ ހޮސްޕިޓަލެއްވެސް ނެތް. އެ ވިދާޅުވި 200 އެނދެއްވެސް ނެތް.

އެހެންވީމާ، އަޅުގަނޑުގެ ސުވާލަކީ، ސަރުކާރުން ގަބޫލުކުރައްވަންތޯ، މިހާރު ޕެންޑަމިކް މެނޭޖް ކުރެއްވުމުގައި މަނިކުފާނާއި ސަރުކާރު ފެއިލްވެއްޖެ ކަމަށް؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑުމެން ކޯވިޑަށް ތައްޔާރުވަމުން އައީ އަޅުގަނޑުމެންނަށް ލިބިފައި ހުރި އަންދާޒާތަކެއްގެ މައްޗަށް ބަލާފައި. އަޒާން ތިޔަ އިޝާރާތް ކުރައްވަނީ އެކަމަށްކަންނޭނގެ. އެއާ ގުޅިގެން އަޅުގަނޑުމެން މާލެއާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ފެސިލިޓީޒްތައް ޤާއިމުކުރީ. އިރާދަކުރެއްވިއްޔާ، އެ ފެސިލިޓީޒްތަކަށް ނުތަކާވަރަކަށް އަދި މައްޗަކަށް ނުދޭ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް މިދަނީ ހިއުމަން ރިސޯސް، މެއިންޕަވަރގެ ދަތިކަމެއް މިއުޅެނީ. މިސާލަކަށް، ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ބަލާއިރުގައި، އެތަނުގައި އެބަހުރި، 276 އެނދު. އައި.ސީ.ޔޫ. 11 އެނދު. އައި.ސީ.ޔޫ ވެންޓިލޭޓަރާއެކު އެބަހުރި 18 އެނދު އެތަނުގައިވެސް. ދެން އެތަނުގައި އެބަ މިހާރު ޚިދުމަތް ކުރަމުންގެންދޭ 116 ނަރުހުން. އަޅުގަނޑުމެންނަށް ލަފާ ދެއްވާފައި އޮތީ، ކޮންމެ ބަލި 10 މީހަކަށް ނަރުހެއް ހުންނަގޮތަށް ހަމަޖައްސައިދޭން. އަދި ކޮންމެ ބަލި 10 މީހަކަށް އެހީތެރިވާނެ އެޓެންޑެންޓެއްގެ އެހީތެރިކަން ފޯރުކޮށްދޭން. ޑޮކްޓަރުން، ކޮންމެ 20 ބަލިމީހަކަށް ޑޮކްޓަރެއް އެތާ ބަހައްޓަންޖެހޭނެ ކަމަށް. އެ ނިސްބަތުން އަޅުގަނޑުމެން އެތަނުގެ ފެސިލިޓީޒް ޤާއިމުކޮށްފައި މިހާރުވެސް އެއޮތީ. އެހެންނަމަވެސް، އެތަނުގައިވެސް ބައެއް ދަތިތައް އެބަހުރިކަން އަޅުގަނޑު ގަބޫލުކުރަން. އެ ދަތިތައް ޙައްލުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މިގެންދަނީ.

އަޅުގަނޑު ކުރިންވެސް ދަންނަވާލިން އަޒާން، މިދިޔަ އަހަރު އަޅުގަނޑުމެންނަށް ހޯދިފައި ހުރި ހިލޭ އެހީއާއި ލޯނުގެ ތަފްޞީލުތައް. ގާތްގަނޑަކަށް 1.34 ބިލިއަން ޑޮލަރުގެ ހިލޭ އެހީއާއި ލޯނު، އަޅުގަނޑުމެންނަށް ބަޖެޓަށް މިދިޔަ އަހަރު އެބައޮތް ހޯދިފައި. އެއީ ލޯނުގެ ގޮތުގައި 465 މިލިއަން ޑޮލަރާއި، އެހީގެ ގޮތުގައި 872 މިލިއަން ޑޮލަރު. ވަން ޕޮއިންޓް ތިނެއް މިއޮތީ ލިބިފައި. އެހެންވީމާ، އެ ދަތި ހާލުގައި، ދައުލަތުގެ ބަޖެޓް، އެ ޚަރަދުތައް ބެލެހެއްޓުމަށްޓަކައި ރަނގަޅު މަސައްކަތްތަކެއް ކުރެވިފައި އޮތް ކަމަށް އަޅުގަނޑު ދެކެން. އަޅުގަނޑެއް ނުދެކެން، މިކަމުގައި ސަރުކާރު ފެއިލްވެފައި އޮތް ކަމެއް.

ދެން މި އަހަރު އަޅުގަނޑުމެން އަންދާޒާކޮށްގެން މިތިބީ އިކޮނޮމީ ރިކަވަރީއެއް އަންނާނެ ކަމަށް. އައި.އެމް.އެފް. އާއި ވާރލްޑް ބޭންކުން ބުނެފައި އޮތީ 17 އާއި 18 ޕަސެންޓޭ އަޅުގަނޑު ހަނދާންވަނީ، މި އަހަރުގެ ރިކަވަރީ އުޅޭނެ ކަމަށް. އެހެންނަމަވެސް، މިހާރު އަންދާޒާކުރާގޮތުން، ރާއްޖެއަށް އެއް މިލިއަން ޓޫރިސްޓުން އަތުވެއްޖެ ކަމަށްވަންޏާ، 21 ޕަސެންޓާއި 28 ޕަސެންޓާ އެދޭތެރޭގެ ކުރިއެރުމެއް ލިބޭނެ. މިހާތަނަށް ރާއްޖެ އަތުވެއްޖެ، 444,885 މީހުން، މި ފަސްދުވަހުގެ ތެރޭގައި. އަޅުގަނޑުމެންނަށް މި ކޯވިޑުން އަރައިގަނެވި، ޖުލައި މަހުގައި ރިޒޯޓުތައް ހުޅުވުނީމާ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ އަންދާޒާއާ ހިސާބަށްދާނެ. އެހެންކަމަށްވަންޏާ، އިޤްތިޞާދު ކުރިއަރާނެ ކަމަށް އަޅުގަނޑުމެން އެބަ ގަބޫލުކުރަން، 21.28 ޕަސެންޓް. މިއީ ރަނގަޅު މަސައްކަތްތަކެއް ކަމަށް އަޅުގަނޑު މި ދެކެނީ.

އެހެންވީމާ، ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން ކުރަންވީ ކަމަކީ، ހުރިހާ އެންމެންވެސް އެކީގައި ކުރަންވީ ކަމަކީ، މި ކޯވިޑުން އަރައިގަތުމަށް މަސައްކަތް ކުރުން. އިރާދަކުރެއްވިއްޔާ، ޖުލައި މަހާ ހިސާބަށް، އަޅުގަނޑުމެންނަށް މި ކުރެވޭ މަސައްކަތްތަކުން އަރައިގަނެވޭނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ. އެހެންކަމަށްވަންޏާ ދަތިނުވެ އަޅުގަނޑުމެން ބަޖެޓާ އެކީގައި ކުރިއަށް ދެވޭނެ.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

އަޙްމަދު ނަސީމް - މިނިސްޓަރ އޮފް ހެލްތު:

އާދެ، އަޅުގަނޑުމެން މިހާރު އެކިއެކި ރަށްރަށުގައި ހުރި އައި.ސީ.ޔޫ ބެޑްތަކުގެ ތަފްޞީލު އަޅުގަނޑު އަރުވާނަން ތިޔަބޭފުޅުންނަށް. ޑީ.އެޗް. އިލެވެންގައި 9. ހުޅުމާލޭ ފެސިލިޓީގައި 11. އައްޑޫގައި 10. އޭދަފުށީގައި 15. ފުނަދޫގައި 15. އެއީ ށ. ފުނަދޫ. ދެން ގއ. ވިލިނގިލީގައި 18. ގދ. ތިނަދޫގައި 6. ލ. ގަމުގައި 12. ޏ. ފުވައްމުލަކުގައި 3. އެ މިހާރު އަޅުގަނޑުމެން 5 އަށް އިތުރުކުރަނީ. ހއ. އިހަވަންދޫގައި 3. އެހެންވީމާ، ފުދޭވަރަކަށް އައި.ސީ.ޔޫ. ބެޑްސް ރާއްޖޭގައި އެބަހުރި. ދެން އައި.ސީ.ޔޫ ވެންޓިލޭޓަރވެސް އެބަހުރި 37. އަޅުގަނޑުމެންގެ އަތުގައި މުޅިއެކު ރާއްޖޭގައި އެބަހުރި 100 އަށްވުރެ ގިނަ ވެންޓިލޭޓަރސް. އެހެންވީމާ، ބޭނުންވި ކޮންމެ ވަގުތެއްގައި އަޅުގަނޑަށް ފޮނުވާލެވޭނެކަހަލަ ގޮތަކަށް ހަމަޖެހިފައި އޮތް. މި ވާހަކައިގެ ތަފްޞީލު ދަންނަވާލީ އިނގޭތޯ. ޝުކުރިއްޔާ.

އިންފާޒް ޢަލީ - މިހާރު ނޫސް:

އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، ކޯވިޑުގެ ބަލީގައި ވަރަށްގިނަ ބަޔަކު މިހާރު ނިޔާވެފައިވޭ. އަދި ބަލިޖެހޭ މީހުންގެ އަދަދުވެސް އިތުރުވަމުންދާއިރު، ވަރަށްގިނަ ބަޔަކު އެބަ ޝަކުވާކުރޭ، ފަރުވާ ލިބުމުގައި ލަސްތަކެއް ހުރި ކަމަށް. ގަބޫލު ކުރައްވަންތޯ، އެހާ ގިނަ ބަޔަކު ނިޔާވެގެން މިދަނީ އެކަށީގެންވާ ފަރުވާ ނުދެވިގެން ކަމަށް.

ދެން އަޅުގަނޑުގެ ދެވަނަ ސުވާލަކީ، ރާއްޖޭގައި މިހާރު އެކަށީގެންވާވަރަށް ވެންޓިލޭޓަރާއި، އޮކްސިޖަނާއި، އަދި ޞިއްޙީ ސާމާނު އެބަހުރިތޯ؟

ޑޮކްޓަރ ނަޒްލާ މުޞްޠަފާ - އެޗް.ޕީ.އޭ:

އާދެ، އަޅުގަނޑުމެން އަނެއްހެން ބަލައިލާއިރު، ގާތްގަނޑަކަށް ޑެތް ރޭޓް މިއުޅެނީ 0.3 ގައި. އެކަމަކު އަޅުގަނޑުވެސް ގަބޫލުކުރަން ހަމަ ވަރަށް ދަތިތަކާ އެބަ ކުރިމަތިވޭ ހުޅުމާލޭ ފެސިލިޓީގައިވެސް. ޚާއްޞަކޮށް، އެތާނގެ ނަރުހުން މަދުވީމާ، ޕޭޝަންޓުންނާ އަޅައިބަލާއިރު. ދެން މިވަގުތު ހުޅުމާލޭގައި އައި.ސީ.ޔޫ. ގައި މިއުޅެނީ 11 ބެޑް ހުރިކަމުގައިވިޔަސް، 5 މީހުން، ވެންޓިލޭޓަރު މި ބޭނުންކުރަނީ. އެހެންވީމާ، އައި.ސީ.ޔޫ. ބެޑް އެބަހުރި. އެކަމަކު ބެޑް ހުއްޓަސް އަޅުގަނޑުމެންނަށް އެންމެދަތި ކަމަކަށް ދިމާވަނީ އަޞްލު ނަރުހުންގެ މަދުކަމުން. އެއާއެއްކޮށް ޑޮކްޓަރުންގެވެސް މަދުކަމުން. ދެން މިގޮތަށް ދަނީނަމަ، އަޞްލު އަޅުގަނޑުމެންގެ ޑެތް ރޭޓް މިއަށްވުރެ މަތިވުމުގެ ފުރުޞަތު ހަމަ ވަރަށްބޮޑު. ތިޔަ ވިދާޅުވިހެން އަޅައިނުލެވި ހަމަ ހިނގައިދާނެ. އެކަމަކު އަދި މިވަގުތު އަޅުގަނޑުމެންގެ މި ދައްކާގޮތުން މިހުރީ ހަމަ އެވަރަށް. އެކަމަކުވެސް އިތުރަށް މަސައްކަތްކޮށް ހަމަ ނޫނީވިއްޔާ ކުރިން ދެނެގަނެވިއްޖިއްޔާ މިއަށްވުރެވެސް ދަށްކުރުމުގެ ފުރުޞަތު ހަމަ އޮވެދާނެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ޝުކުރިއްޔާ. ޑޮކްޓަރ ނަޒްލާ އެ ވިދާޅުވީ މީގައި އުޅޭ ދައްޗަކީ. އަޅުގަނޑުމެންގެ ފެސިލިޓީޒް އެބަހުރި. ވެންޓިލޭޓަރުވެސް އެބަހުރި. އޮކްސިޖަންވެސް އިރާދަކުރެއްވިއްޔާ އެބަހުރި. އެހެންނަމަވެސް، މީހުންގެ ދަތިކަން ހަމަ މިއުޅެނީ. ހަމައެކަނި ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ބެލިކަމުގައިވިޔަސް، އެތަނުގައި މިތިބީ 116 ނަރުހުން. މިހާރު އަޅުގަނޑުމެން މަސައްކަތް ކުރަން އެބަ، ނަރުސްކަން ކިޔަވަމުންގެންދާ 144 ދަރިވަރަކު އެބަތިބި. އޭގެތެރެއިން ބައެއް ކުދިން މިހާރު އެތަނުގައި މަސައްކަތް ކުރަން އެއްބަސްވެ، އެކަމަށް ނުކުންނަމުން އެދަނީ. މިހާރު 14 ކުއްޖަކު މިއަދު މަސައްކަތަށް ނުކުމެއްޖެ. އޭގެއިތުރަށް، 15 ކުއްޖަކު އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ނުކުންނާނެ.

އަދި އޭގެއިތުރުން، އެތަނުގެ ޚިދުމަތްތައް، ބަލިމީހުންނަށްދޭ ޚިދުމަތްތައް ރަނގަޅު ކުރުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމް މެދުވެރިކޮށް، އެތަނުގެ އެޓެންޑެންޓުންގެ ގޮތުގައި 62 މީހަކާއި، ކޯލް ސެންޓަރެއް ޤާއިމުކޮށް، 31 ފަރާތެއް މެދުވެރިކޮށް، އެ މަސައްކަތްވެސް ފެށިގެން އެބަދޭ. އެއީ އެތާ ތިބޭ، އެ ބަލި މީހުންގެ ޢާއިލާތަކުން ގުޅާ ފޯނުތަކަށް ޖަވާބުދީ، އެ ފަރާތްތަކުގެ ބެލެނިވެރިކަމުގެ ދަށުގައި ތިބޭ ފަރާތްތަކާ ހިސާބަށް އެ މަޢުލޫމާތު ގެންގޮސްދިނުން.

މީގެއިތުރުން، ޖެންޑަރ މިނިސްޓްރީގެ ފަރާތުން ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްގެ މުވައްޒަފުންގެ 20 މީހުންގެ ޓީމެއް އެކުލަވައިލައި، އެތަނުގައި ތިބޭ ފަރާތްތަކަށް ސޯޝަލް ކެއަރ ދިނުމުގެ މަސައްކަތް މިހާރު އެބަ ކުރިއަށްގެންދޭ.

މިއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ ޚިދުމަތްތައް ރަނގަޅު ކުރުމަށްޓަކައި މިހާރު ކުރެވެމުންދާ މަސައްކަތަކީ. އަދި އޭގެއިތުރުން، ހުޅުމާލޭގައި އިތުރު 270 އެނދުގެ ފެސިލިޓީއެއް ޤާއިމުކުރުމުގެ މަސައްކަތް އަޅުގަނޑުމެން އެބަ ކުރަން. ދެން ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ދިމާވެފައި ހުރި ދަތިތައް ޙައްލުކުރުމަށްޓަކައި ހުޅުމާލޭ ހޮސްޕިޓަލްވެސް ގާތްގަނޑަކަށް އެކީގައި މިހާރު އެވަނީ ކޯވިޑަށް ޚާއްޞަ ކުރެވިފައި. 80 އެނދު އެތަނުން އަޅުގަނޑުމެން ނަގަން. މިހާރު 40 އެނދު، އެބަ ބޭނުންކުރޭ. އިތުރު 40 އެނދު، ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ބޭނުންކުރެވެން ފަށާނެ.

އޭގެއިތުރުން، އޭ.ޑީ.ކޭ ހޮސްޕިޓަލާ އެކީގައިވެސް މިހާރު ވާހަކަދެކެވެމުން އެބަދޭ. އެއީ، އެތަނުން ކޮންމެވެސްވަރެއްގެ އެނދު ލިބޭތޯ. އަޅުގަނޑު ހިތުން އެ މަސައްކަތް އިރާދަކުރެއްވިއްޔާ ކޮންމެވެސް ކޮޅެއްގައި ޖެހޭނެ. މިހާރުވެސް އޭ.ޑީ.ކޭ ހޮސްޕިޓަލުން އޮންލައިންކޮށް ޚިދުމަތް ތަކެއް އެބަ ދެމުން ގެންދޭ.

މީގެއިތުރުން، ޓްރީޓޮޕުން މިހާރުވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ފަރުވާއަށްދާ، އެހެން ބަލިތަކަށް ފަރުވާއަށްދާ މީހުން އެތަނަށް ބެލުން އަޅުގަނޑުމެން ބަދަލުކޮށްފައި.

އެހެންވީމާ، މި ހުރިހާ ކަމަކާއެކީގައި މިވަގުތު މިއޮތް ދަތި އުނދަގުލުން ސަލާމަތްވުމަށް ވަރަށްގިނަ މަސައްކަތްތަކެއް އެބަ ކުރެވޭ.

ގޭސްގެ ވާހަކަ ވިދާޅުވި. އަޅުގަނޑުމެންގެ އަތުގައި އެބަހުރި، މިހާރު 5700، އަޅުގަނޑުމެން މިކިޔާ ޖަމްބޯ ބޮޑެތި ގޭސްފުޅި. އެއީ މިކަން ފެށުނުއިރުގައި އަޅުގަނޑުމެންނަށް ޓެކް ޓީމުން ދީފައި އޮތް އޯޑަރެއް އެއީ. އެއާ އެއްވަރަށް އަޅުގަނޑުމެން މިހާރު ރާއްޖޭގައި އެ ހުންނާނެ. އޭގެއިތުރުން، 2000 އޮކްސިޖަން ސިލިންޑަރު ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަދޭ. މިހާރުވެސް އޮކްސިޖަން އެޅޭނެ، ހުޅުމާލޭގައި ދެ ޕްލާންޓް އެބަހުރި. އައްޑޫގައި އެކަން ކުރިއަށް ގެންދެވޭނެ. ކުޅުދުއްފުށީގައި ގެންދެވޭ. އައި.ޖީ.އެމް.އެޗް.ގައި އެބަހުރި. އަދި އައި.ޖީ.އެމް.އެޗްގައި ވަކިން އެބޭފުޅުން އަމިއްލައަށް އެބަ އޮޕަރޭޓްކުރޭ ދެ ޕްލާންޓެއް. އޭގެތެރެއިން އެއް ޕްލާންޓްގައި ކުޑަ މައްސަލައެއް ޖެހިގެން އުޅެނީ. އެހެންނަމަވެސް، ވަރަށް އަވަހަށް އެވެސް އޮޕަރޭޝަނަށް ގެނެވޭނެ. އެހެންވީމާ، ގޭސްގެ މައްސަލައެއް އިރާދަކުރެއްވިއްޔާ އަދިއެއް ކުރިމަތިވާ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ.

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ.

މާހަތު ޙުސައިން ރަޝީދު - ސަންގު ޓީ.ވީ:

އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، ރައީސް ދެންމެ ވިދާޅުވެއްޖެ، ކޯވިޑް މެނޭޖް ކުރުމުގައި، ސަރުކާރު ފެއިލްވެފައިވާ ކަމަށް ގަބޫލެއް ނުކުރައްވާ ކަމަށް. އެހެންނަމަވެސް، ދުވާލެއްގެ މައްޗަށް ފެންނަ ކޭސަސްތަކުގައި، އާދެ، އެއްހާހަށްވުރެ މަތީގައި ހުރިއިރު، ރާއްޖޭގެ ރަށްތަކުން ފެންނަ ކޭސަސްތަކުގެ ޢަދަދުވެސް މިވަނީ ވަރަށްބޮޑުތަނުން ޙަޤީޤަތުގައި އިތުރުވެފައި. އެހެންކަމުން، އަދި ގިނަ ރަށްތައް މިވަނީ ލޮކްޑައުންގައި. 70 އަށްވުރެ ގިނަ ރަށް މިވަގުތު އޮތީ މޮނިޓަރިންގގެ ޙާލަތުގައި. އެހެންކަމުން، ޙަޤީޤަތްތޯ ތިޔަ ވިދާޅުވީ، ޙަޤީޤަތުގައި ސަރުކާރު ފެއިލެއް ނުވާކަމަށް. އަޅުގަނޑުމެންނަށް އެބަ ފާހަގަކުރެވޭ، ގިނަ ރަށްތަކުގައި ރަނގަޅު ފެސިލިޓީއެއް ނެތްކަން، ފަރުވާއެއްވެސް ނުކުރެވޭކަން. އެހެންކަމުން، ދެވަނަ ޑޯޒްގެ މުއްދަތު ހަމަވިއިރަކުވެސް ގިނަ ރައްޔިތުންނަށް މިތިބީ ވެކްސިން ޖެހޭނެ ގޮތެއްނެތި. އަޅުގަނޑުމެން ނޫސްވެރިން އެ ވާހަކަތައް ދެއްކުމުން، ސަރުކާރުގެ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވިދާޅުވީ، ވެކްސިން އެބަހުރި ކަމަށް އަދި ރައްޔިތުން ހާސްވާންވީ އެއްވެސްކަހަލަ ކަމެއް ނެތް ކަމަށް ވިދާޅުވީ. އެހެންނަމަވެސް، ޙާލަތު މިހާރު ގޯސްވެގެން އައިއިރު، އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ވޯޓުލާންވެސް ހުއްދަ ދޫކުރިތަން ފާހަގަކުރެވިގެން. ދެން އެހެންކަމުން، މިހާތަނަށް މި ފެންނަ މަންޒަރުތަކަށް އަޅުގަނޑުމެން ބަލާކަމުގައިވާނަމަ، ޙަޤީޤަތުގައި ސަރުކާރު މިއޮތީ ކޯވިޑް މެނޭޖް ކުރުމުގައި ފެއިލްވެފައެއް ނޫންތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ކޯވިޑް މެނޭޖް ކުރުމުގައި ފެއިލްވެފައި އޮތް ކަމަކަށް އަޅުގަނޑު އަދިވެސް ގަބޫލެއްނުކުރަން. އަޅުގަނޑުމެން ވަރަށް ރަނގަޅަށް މެނޭޖް ކުރަމުން މިއައީ، އަޅުގަނޑުމެންގެ ހުރި ރިސޯސްތަކާއި، ތިއްބެވި ޞިއްޙީ ޚިދުމަތްތެރިންގެ އެހީތެރިކަމާއެކުގައި.

މިހާރު މިއޮތީ ކުޑަދަތިކަމެއްގެ ތެރޭގައި. އަޅުގަނޑުވެސް ގަބޫލުކުރަން. އަޅުގަނޑުމެންނަށް މިކަން މިހެން ކުރިއަށްދާ ކަމަށްވަންޏާ، އިތުރު ފިޔަވަޅުތަކެއް ނާޅައި ދާކަމަށްވަންޏާ، އަދިވެސް ދަތި އުނދަގޫތަކާ ކުރިމަތިވާނެ. އެހެންވެގެން، އަޅުގަނޑުމެން މާދަމާއިން އަނެއްކާވެސް އިތުރު ހަރުކަށި ފިޔަވަޅުތަކެއް އަޅަން މި ފެށީ. އެއާއެކީގައި، އިރާދަކުރެއްވިއްޔާ ދަށަށް އަންނާނެ ކަމަށް އަޅުގަނޑުމެން މި ގަބޫލުކުރަނީ.

މީގެކުރިންވެސް އަޅުގަނޑުމެން ކޮންޓްރޯލްކުރީ މިގޮތަށް. އެހެންނަމަވެސް، އޭރު ލުއިތަކެއް ދޭންޖެހުނީ، ލޮކްޑައުންއަކަށް ދިޔައިމާ، އެ ލިބޭ ދަތިތަކާއި އުނދަގޫތައް، ރައްޔިތުން އެ ތަޙައްމަލު ކުރަންޖެހޭ އުނދަގޫތައް އެއީކީއެއް އެހާ ފަސޭހަ ކަމަކަށް އަޅުގަނޑުމެންނަކަށްނުވި. އޭގެ ސަބަބުން އަޅުގަނޑުމެންނާ ވަކިވެގެންދާ ފަރާތްތައްވެސް އިތުރުވެގެންދާތަން ފެނުނު. އިތުރު ތަފާތު އުނދަގޫތަކާއި ދަތިތައް ރައްޔިތުންނަށް ކުރިމަތިވި.

އެހެންވީމާ، ބެލެންސެއްގެ ތެރޭގައި މިކަން ގެންގުޅެވޭތޯ އަޅުގަނޑުމެން ބެލީ. ތިޔަ ވިދާޅުވާހެން އެޕްރީލް މަހުގެ ކުރީކޮޅުގައި އަޅުގަނޑުމެންނަށް ދެވުނު ލުއިތައް އެކީއީއެއް، އެންމެ ރަނގަޅަށް ކުރެވުނު ކަމެއް ކަމަކަށް އަޅުގަނޑު ގަބޫލެއްނުކުރަން. އޭގައި އެ ޒިންމާ، ދެން ކޮންމެހެން ވަކި ބައެއްގެ ބޮލުގައި އަޅުގަނޑުމެން އަޅުވާކަށްނެތިން. އެހެންނަމަވެސް، އެކަން ރަނގަޅު ކުރަން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޑޮކްޓަރުންގެ ޓީމާއި، ހެލްތު މިނިސްޓްރީގެ ޓީމާ އެކީގައި މިކަން ޙައްލުކުރެވޭނެ ކަމަށް އަޅުގަނޑު މި ދެކެނީ. މިހާރުވެސް އިރާދަކުރެއްވިއްޔާ މިއޮތީ ވަކިވަރެއްގައި ހިފެހެއްޓިފައި. ކުރިއަށް އޮތް އެއް ހަފްތާގެ ތެރޭގައި، މިގޮތަށް އަޅުގަނޑުމެންނަށް ހިފެހެއްޓިއްޖެ ކަމަށްވަންޏާ، ދަށަށްދާތަން ފެނިގެންދާނެ ކަމަށް މި އުއްމީދު ކުރަނީ.

ދެން ދެވަނަ ޑޯޒްގެ ވާހަކަ ތިޔަ ވިދާޅުވީ. އަޅުގަނޑުމެންނަށް ޞިއްޙީ މާހިރުން އަބަދުވެސް ލަފާ ދެއްވަމުން ގެންދިޔައީ، ލިބުނު ވެކްސިނެއް، އެއް ޑޯޒް ނަމަވެސް، ވީހާ ގިނަ ރައްޔިތުންނަށް އިހަށްދެވޭތޯ ބަލާށޭ. ބޭރުގެ މާހިރުންގެވެސް ލަފަޔަކީ އެއީ. ދެވަނަ ޑޯޒަކީ އޭގެ މައްޗަށް ދޭ އެއްޗެއް. ދިނީމާ، ތިޔަ ވިދާޅުވާހެން ރައްކާތެރިކަން އިތުރުވޭ. އެހެންނަމަވެސް، ވީހާވެސް ގިނަ ބަޔަކަށް، ވީހާވެސް ގިނަ ބަޔަކަށް، ފުރަތަމަ އެއް ޑޯޒް ނަމަވެސް ދެވޭތޯ ބަލާށޭ. އަޅުގަނޑުމެންނަށް އޭގެއިތުރަށް ކުރެވިފައި ހުރި އެގްރީމަންޓްތަކާއި، ވެވިފައި ހުރި އެއްބަސްވުންތަކުގެ އަލީގައި މިހާތަނަށް އަންނައިރުގައި، އެ ލިބޭނެކަމުގެ ވަރަށް ޔަޤީންކަން އޮތް. އެހެންނަމަވެސް، އެ ނުލިބި މިދިޔައީ.

އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ދުނިޔޭގެ އާބާދީގެ ބޮޑުބައެއް އަދިވެސް ތިބީ، ގިނަ ޤައުމުތައް އަދިވެސް ތިބީ އެންމެ ޑޯޒެއްވެސް އެއްވެސް ރައްޔިތަކަށް ނުދެވިފައި. އަޅުގަނޑުމެން މިތިބީ 60 ޕަސެންޓް، އާބާދީގެ ވެކްސިންޖަހާ މީހުންނަށް ޖެހިފައި. ދެ ޑޯޒް ޖަހައި ނިމިއްޖެ 35 ޕަސެންޓް. އެހެންވީމާ، ވެކްސިން ޖެހުމުގައި އަޅުގަނޑުމެން މިއޮތީ ދުނިޔޭގެ ޤައުމުތަކުގެ ހަމަ ކުރީ ސަފުގައި އިރާދަކުރެއްވީތީ. އެއީވެސް ވަރަށްގިނަ މަސައްކަތްތަކެއް ސަރުކާރުން ކޮށްގެން ކުރެވިފައި އޮތް ކަމެއް.

އެހެންވީމާ، ކުރިންވެސް ދެންނެވި ފަދައިން، މިކަމުގައި ސަރުކާރު ފެއިލްވެފައި އޮތް ކަމަކަށް އަޅުގަނޑު ނުދެކެން. އެކަމަކު މި ކުރިމަތިވެފައި އޮތް ދަތި އުނދަގުލުން ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަންޖެހޭ.

އަޙްމަދު ނަސީމް - މިނިސްޓަރ އޮފް ހެލްތު:

އަޅުގަނޑު އެއްޗެއް ދަންނަވާލާނަން. ރައީސުލްޖުމްހޫރިއްޔާ އެ ވިދާޅުވިގޮތަށް، އަޅުގަނޑަކަށް ނުފެނޭ، އަޅުގަނޑުމެންގެ ސަރުކާރު މި ކަންތައްތަކަށް ފެއިލްވެފައި އޮތް ތަނެއް. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، ރެޔާދުވާލު މަސައްކަތް ކުރަމުން މިގެންދަނީ، މި ކަންތައް ކޮންޓްރޯލް ކުރުމަށްޓަކައި.

ދެން ރައްޔިތުންގެ އެއްބާރުލުމާއި، ތަފާތު ފިކުރުތަކުގެ މީހުން، ތަފާތު ފިކުރުތަކުގެ ބޭފުޅުން އެކިފާޑުގެ ޚިޔާލުފުޅުތައް ކުރައްވާނެ. އެއީ ހަމަ ރަނގަޅު ކަމެއް. އަޅުގަނޑުމެންނަށް އެއިން ވަރަށްގިނަ ކަންތައްތަކެއް އެނގޭވެސްމެ. އަޅުގަނޑުމެން ރަނގަޅު ކުރަންޖެހޭ ކަންތައްތައް އަޅުގަނޑުމެންނަށް ފާހަގަކޮށްދެއްވާކަމީ، އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމެއް.

އެހެންނަމަވެސް، އަޅުގަނޑުމެން މިހާރު މި ދިވެހިރާއްޖޭގައި ފެތުރެމުންދާ އެއްޗަކީ، ކުރީގައި މިއޮތް އެއްޗެއް ކަމަކަށް އަޅުގަނޑެއް ގަބޫލެއްނުކުރަން. އެއަށް ތަފާތު ބަދަލުތަކެއް އައިސްގެން ފެތުރެމުންދާ އެއްޗެއް ކަމަށްވަނީ. މީގައި މިވާގޮތަކީ، މާ އަވަހަށް، ކުރީގައި އެންމެ ފުރަތަމައިނުން، ހަނދުމަފުޅު ހުންނާނެކަންނޭނގެ، ގެއެއްގެ ތެރެއަށް އަދި ކޯވިޑް ވަނަކަސް، އެ އެންމެންނެއް ބައްޔެއްނުވޭ. މިހާރު އެއާޚިލާފަށް، ގޭގެތެރެއަށް ވަދެއްޖިއްޔާ، އެ ހަމަ ހުރިހާ އެންމެން މީގެ ވިކްޓިމުންނަށްވޭ.

އެހެންވީމާ، މިއީ އަޅުގަނޑުމެން ސަމާލުވާންޖެހޭ ކަމެއް. އެހެންވީމާ، އަޅުގަނޑުމެންގެ ޚާއްޞަ ސަމާލުކަމެއް މި ދޭންޖެހެނީ. ހަނދުމަފުޅު ހުންނާނެ، ބޭރުގެ ޤައުމުތަކުގައިވެސް ހަމަ ލޮކްޑައުން ހަދައިގެން ވެކްސިން ޖަހަމުން، މަޑުމަޑުން ދޫކުރަމުން، ދޫކުރަމުން، ދޫކުރަމުން ގެންދަނީ.

އެހެންވީމާ، އެގޮތަށް އަޅުގަނޑުމެން މިހާރު މި އަމާޒު ހިފާފައި މިތިބީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ޚާއްޞަ ފިޔަވަޅުތައް އަޅައިގެން، މި ކަންތައްތައް އަޅުގަނޑުމެންނަށް ކޮންޓްރޯލް ދަށަށް ގެނެވޭނެ.

ރާއްޖޭގެ ރަށްރަށް ކޮންޓްރޯލް ކުރުމަކީ، އަޅުގަނޑު ދެކޭގޮތުގައި، މާލެ ކޮންޓްރޯލް ކުރުމަށްވުރެ ތަންކޮޅެއް ފަސޭހަވާނެ ކަމެއް. އެހެންނަމަވެސް، ވަރަށްގިނަ އަދަދެއްގެ ރަށްތައް މިހާރުވަނީ މީގެ ވިކްޓިމަށްވެފައި. އެހެންނަމަވެސް، އަޅުގަނޑު ޔަޤީންކުރާ ގޮތުގައި، އަޅުގަނޑުމެން މިހާރު މި އަޅަމުންގެންދާ ރާއްޖެތެރޭގެ ރަށްރަށުގަޔާއި އަދި މާލޭގައިވެސް އަޅަން ރާވާފައި މިހިރަ ފިޔަވަޅުތައް އެޅުމުން، މި ކޮންޓްރޯލް ވެގެންދާނެ ކަމަށް އަޅުގަނޑަށް އުއްމީދު ކުރެވޭ. ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެން އެކަންތައް ކާމިޔާބުކުރާނަން، ތިޔަބޭފުޅުންގެ އެހީއާއި އެންމެހައި ރައްޔިތުންގެ އެއްބާރުލުމާ އެކީގައި. ޝުކުރިއްޔާ.

މުޙައްމަދު މުޢައްލިމް އިބްރާހީމް - ވޮއިސް:

އަޅުގަނޑުގެ އެބައޮތް ދެ ސުވާލެއް. ފުރަތަމަ ސުވާލަކީ، ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުން ވަރަށް ބޮޑެތި ލުއިތަކެއް ދިން، ކޯވިޑުގެ ރެސްޓްރިކްޝަންސަށް، ތިޔަ ފާހަގަކުރެއްވި ގޮތަށް. އޭރު ވަރަށްގިނަ ޞިއްޙީ މަސައްކަތްތެރިން މީސް މީޑިއާގައިވެސް އަދި ޢާއްމުންވެސް ފާޅުކުރަމުންދިޔަ ޝަކުވާއެއް އެއީ މި ލުއިތަކުގެ ސަބަބުން ކޭސްތައް ވަރަށްބޮޑަށް އިތުރުވެގެންދިޔަކަން. ދެން އަޅުގަނޑުގެ ސުވާލަކީ، ސަރުކާރުން މި ލުއިތައް ދިންއިރުގައި، ތިޔަބޭފުޅުންނަށް ކިހާވަރަކަށް އަންދާޒާ ކުރެވިފައި އޮތްތޯއޭ، ކޭސްތައް މައްޗަށް ދާނެ ކަމަށް.

ދެން އަޅުގަނޑުގެ ދެވަނަ ސުވާލަކީ، މިވަގުތު އަޅުގަނޑުމެން ރާއްޖޭގައި އެބަ ޖަހަމުން ގެންދަން، ސިނޮފޯރމް ވެކްސިންގެ ފުރަތަމަ ޑޯޒް. ތިޔަބޭފުޅުން ކިހާވަރަކަށް ކަށަވަރު ކުރައްވާނަންތޯއޭ، ސިނޮފޯރމް ވެކްސިންގެ ދެވަނަ ޑޯޒްޖަހަން މީހުން އެލިޖިބަލްވާއިރުގައި، އެ އެލިޖިބަލްވާ އެންމެންނަށް ސިނޮފޯރމް ވެކްސިންގެ ދެވަނަ ޑޯޒް ޖެހޭނެކަމަށް. މިހެން މި ދެންނެވީ، އެސްޓްރާޒެނެކާ، ނޫނީ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ހުރި ބައެއް ފަރާތްތަކަށް ދެވަނަ ޑޯޒް ނުޖެހި މިހާރު ވަރަށްގިނަ މުއްދަތެއް ފާއިތުވެއްޖެ. އެހެންވީމާ، ތިޔަބޭފުޅުން ކިހާވަރަކަށް ކަށަވަރު ކުރައްވާނަންތޯއޭ، ސިނޮފޯރމް ވެކްސިންގެ ދެވަނަ ޑޯޒް، ފުރަތަމަ ޑޯޒްޖެހި އެންމެންނަށްވެސް ލިބޭނެކަމަށް.

އަޙްމަދު ނަސީމް - މިނިސްޓަރ އޮފް ހެލްތު:

މިހާރު ސިނޮފޯރމް ޖަހާފައި ހުރި ހުރިހާ އެންމެންނަށްވެސް ދެވަނަ ޑޯޒް ލިބޭނެ. އަދި އަޅުގަނޑުމެން އިތުރަށް މިހާރު މި ކަންތައް ދިމާވިގޮތުންވެސް އަޅުގަނޑުމެން އެކަމަށް އިތުރު ފަރުވާތެރިކަމެއްވެސް ގެންނާނަން. އެއީ، އަޅުގަނޑުމެން ދެވަނަ ޑޯޒް އަންނާނެ ކަމުގެ އުއްމީދެއްގައެއް އަޅުގަނޑުމެން ކަމެއް ނުކުރާނަން އިނގޭތޯ. އެއީ ކުއްލިއަކަށް ކަމެއް ދިމާވެދާނެ ދުނިޔޭގައި.

މިހާރު މިވީގޮތަކީ ކޮވިޝީލްޑްވެސް، އިންޑިއާ ކުއްލިއަކަށް މައްޗަށް އަރައިގެން ގޮސްގެން، އިންޑިއާއިން އަޅުގަނޑުމެންނަށް ލިބެމުންދިޔަ ވެކްސިންގެ ދަތިތަކެއް އަޅުގަނޑުމެންނަށް މި ދިމާވީ. އިރާދަކުރެއްވިއްޔާ، އެކަމުން އަޅުގަނޑުމެންނަށް އަރައިގަނެވޭނެ އިނގޭތޯ. އަޅުގަނޑުމެން އެ މަސައްކަތް ކުރަމުން މިގެންދަނީ. ހަމަ ސީދާ ރައީސުލްޖުމްހޫރިއްޔާ މިކަމާ އިންޑިއާ ސަރުކާރާ ގުޅުއްވައިގެން މަސައްކަތް ކޮށްދެއްވަމުން އެބަ ގެންދަވާ. އަޅުގަނޑު އެ މަނިކުފާނަށް އިޚްލާޞްތެރި ޝުކުރު ދަންނަވަމުން، އަޅުގަނޑު ޔަޤީންކުރަނީ، އެކަންތައް އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރެވޭނެ ކަމަށް އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ދެން ވިދާޅުވީ، ލޯކަލް ކައުންސިލާ ސީދާ ދިމާކޮށް ލުއިތަކެއް ދިނީމާ، އެއިން ނުކުތް ނަތީޖާއެއްގެ ވާހަކަ. އަޅުގަނޑު ފަށްޓަމުންވެސް ދެންނެވިން، އެޕްރީލް މަހުގެ ކުރީކޮޅުގައި ދެވުނު ލުއިތަކެއްގެ ސަބަބުން ކޯވިޑް ފެތުރުމަށް އެއީ އެއް ސަބަބަށްވެދާނެއޭ. އެހެންވީމާ، އިތުރު ސަބަބުތަކެއްވެސް އޭގައި ހުރެދާނެ. މީގައި އަޅުގަނޑުމެންނަށް އައި އެކި ވޭރިއަންޓްތައް އެވަގުތު ހަމަ. ރާއްޖެއަށް ނޭނގިނަމަވެސް އެތެރެވެފައި ހުރީ. އޭގެ ސަބަބުންވެސް ވަރަށް ބޮޑަށް ފެތުރިގެން ގޮސްފައި އޮތް ކަމަށް ބެލެވިދާނެ. ކޮންމެއަކަސް އެވަރުގެ ލުއިތަކެއް އެހާބޮޑަށް ދެވުމުގެ ސަބަބުން އެއީ އެއް ސަބަބަށްވުމަކީ ހަމަ ވަރަށް އެކަށީގެންވާ ކަމެއް.

އެހެންވީމާ، މިވަގުތަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެ ކަންތައްތަކުން އިހަށް އަރައިގަންނަންވީ ވަގުތު. އަޅުގަނޑުމެންނަށް އެޅެންހުރި ފިޔަވަޅުތައް އިތުރަށް އަޅައިގެން. އެކަން އަޅުގަނޑުމެން ކުރަމުން މިގެންދަނީ.

މަރްޔަމް ލަހުފާ - ޗެނަލް 13:

السَّلَامُ عَلَيْكُمْ.

ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ.

އަޅުގަނޑު ކޮށްލަން ބޭނުންވާ ދެ ސުވާލެއް އެބައޮތް. ފުރަތަމަ ސުވާލެއްގެ ގޮތުގައި އަޅުގަނޑު ކޮށްލަން ބޭނުންވަނީ، ކޯވިޑް-19ގެ ޙާލަތު ގޯސްވެ، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކޯވިޑް-19 ފެތުރިގެން ދިޔުމުގައި ސަރުކާރަށް ވަރަށްބޮޑު ގޯސްތަކެއް ހެދިފައިވާ ކަމަށް، މީގެކުރީގައި ހަމަ ސަރުކާރުން މިވަނީ އިޢުތިރާފުވެސް ވެފައި. އެހެންކަމަށްވާއިރުގައި، އަދި ހަމައެއާއެކު، ކޯވިޑް-19އިން ރައްކާތެރިވުމަށްޓަކައި ހޯދަންޖެހޭ ވެންޓިލޭޓަރުތަކުންނާއި، މިފަދަ ކަންތައްތައް ކުރުމުގައި ބޮޑެތި ކޮރަޕްޝަންތަކެއްވެސް ހިނގާފައިވާއިރުގައި، ރައީސް ގަބޫލުފުޅު ކުރައްވަންތޯ، މަނިކުފާނަށް މި ޙާލަތު ކޮންޓްރޯލް ކުރެއްވުމަށްޓަކައި މަނިކުފާނުގެ ޒިންމާ، އޭގެ އެންމެ ފުރިހަމަގޮތުގައި އަދާކުރެއްވުނު ކަމަށް. ނޫންކަމަށްވާނަމަ، އިސްތިޢުފާ ދެއްވަފާނަންތޯ؟

ދެވަނަ ސުވާލެއްގެ ގޮތުގައި އަޅުގަނޑު އަހާލަން ބޭނުންވަނީ، ޙާލަތެއް ދެނެގަނެވިގެން ނޫނީވިއްޔާމު، އެ ޙާލަތަކަށް ތައްޔާރެއްނުވެވޭނެ. އެހެންކަމަށްވާއިރުގައި، މިހާރަށް އަންދާޒާކުރާ އެންމެ ވަރސްޑް ކޭސްއަކީ ކޮބައިތޯ، މިހާތަނަށް ދެނެގަނެވިފައިވޭތޯ؟ ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ.

ވެންޓިލޭޓަރުގެ ކޭސްގައި މިހާރު ގޮސްފައި އޮތް ހިސާބަކީ، އެއިން އެއްބައި އަޅުގަނޑުމެންނަށް ނުލިބި ލަސްވަމުންދާތީ، އެ އެގްރީމަންޓް ބާޠިލުކޮށް، އެ އަރބިޓްރޭޝަނަށް ގޮސް، އޭގެ ފައިސާ ހޯދުމުގެ މަސައްކަތް ކުރުން. މިހާރު ހެލްތު މިނިސްޓްރީން އެދިވަޑައިގެންފައި އޮތީ، މިނިސްޓަރ ނަސީމް ތަންކޮޅެއް ތަފްޞީލުކޮށް މި ވިދާޅުވެދެއްވަފާނެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި، އޭގެ އިވެލުއޭޝަނެއް ހަދަން. ހަދާފައި، އެއީ ކިހާވަރެއްގެ ގެއްލުމެއްތޯ ބަލާފައި، އެ ގެއްލުމުގެ ބަދަލު ހޯދުމަށް އެ ކުންފުނީގައި އެދެން. ދެން އެއާ ދޭތެރޭގައި، އެ ކުންފުނީގެ ފަރާތުން އެއްބަސްނުވާ ކަމަށްވަންޏާ، އަރބިޓްރޭޝަނުން އެ މައްސަލަ ފަށާނެ. އެހިސާބުގައި އެކަން އޮތީ. އެހެންވީމާ، ވެންޓިލޭޓަރުގެ މައްސަލައިގައި، އެކަން ގޮސްފައި އޮތް ހިސާބު އަޅުގަނޑު މި ދަންނަވާލީ.

ދެން މިހާތަނަށް އިތުރަށް ފެތުރިގެންދާއިރުގައި، ކިހާ ހިސާބަކަށް ހިނގައިދާނެތޯ، އެއަށް ރަނގަޅު ޖަވާބެއް ދެއްވޭނީ ޑޮކްޓަރުންނަށް. އެހެންވީމާ، ޑޮކްޓަރ ނަޒްލާއަށް އަޅުގަނޑު އެ ފުރުޞަތު އަރުވާނަން.

ދެން ތިޔަ ވިދާޅުވާހެން މުޅި ދުނިޔޭގައިވެސް އެކި ހިސާބުގައި ކޯވިޑް ފެތުރިގެން އައިއިރުގައި، ތަފާތު އެކިއެކި މިސްޓޭކްސް ހަދަމުން އައި. އެއީ އެމެރިކާވިޔަސް، އިނގިރޭސިވިލާތް ކަމަށްވިޔަސް، އަދި އިންޑިއާ ކަމަށްވިޔަސް، ހުރިހާ ޤައުމެއްގައިވެސް. ހުރިހާ އެންމެންވެސް އައީ ދަސްކުރަމުން، އަޅަންޖެހޭ ފިޔަވަޅުތައް ބަދަލުކުރަމުން. އެއަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުން. އަޅުގަނޑުމެންވެސް މިގެންދަނީ އެގޮތަށް.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ އިކޮނޮމީއަކީ ވަރަށް ކުޑަކުޑަ އިކޮނޮމީއެއް. އިޤްތިޞާދު ބިނާވެފައި މިއޮތީ ވަރަށްމަދު ދެތިން ކަމެއްގެ މައްޗަށް. އެހެން އޮއްވައި، މުޅިން އެ އިޤްތިޞާދު ފުނޑިގެންދާގޮތަށް އަޅުގަނޑުމެންނަށް ފިޔަވަޅުތަކެއް އެޅިއްޖެ ކަމަށްވަންޏާ، މުޅި ޤައުމަށް ލިބޭ ގެއްލުންވެސް ވަރަށްބޮޑުވާނެ. އެހެންވީމާ، ބެލެންސެއް ގެންގުޅޭ. އިޤްތިޞާދުވެސް ކޮންމެވެސްވަރަކަށް ހިންގައި އަދި މި ބަލިން ސަލާމަތްވުމަށް ކުރެވެންހުރި ކަންތައްތައް ކުރެވޭތޯ އަޅުގަނޑުމެން ބަލަމުން މިއައީ.

އެގޮތުން، މިހާރު އާދެވިފައި ތިބި ހިސާބު މި ދެންނެވީ. އެޕްރީލް މަހާ ހިސާބަށް އައިއިރުގައި، އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ކޮންޓްރޯލް ކުރެވިފައި އޮތް. އެއާއެކީގައި، މި ދެންނެވި ކަހަލަ ސަބަބުތަކާހެދި އަނެއްކާވެސް ވަރަށް ބޮޑަށް ސްޕްރެޑްވެފައި މިއޮތީ. އެއިން އަރައިގަތުމުގެ މަސައްކަތް އަޅުގަނޑުމެން މިކުރަނީ. އިރާދަކުރެއްވިއްޔާ، ފެއިލްނުވެ އެއިން އަޅުގަނޑުމެން އަރައިގަންނާނެ.

ޑޮކްޓަރ ނަޒްލާ މުޞްޠަފާ - އެޗް.ޕީ.އޭ:

އާދެ، އަޅުގަނޑުމެންނަން މޭ މަހުގެ ދެވަނަ ހަފްތާގެ ތެރޭގައި، ޑޮކްޓަރ ޝީނާ ކޮންމެވެސްވަރަކަށް ޕްރޮޖެކްޝަންތަކެއް ހައްދަވާފައި ވަނީ. އޭގައިވާ ގޮތުގައި، މިސާލަކަށް، މާބޮޑު ރެސްޓްރިކްޝަނެއް ނުނަގަންޏާ، އެންމެ ޕީކް ދުވަހު، ގާތްގަނޑަކަށް 7000 މީހުން ޕޮޒިޓިވްވާނެ ކަމަށް މި އޮންނަނީ. ދެން ގާތްގަނޑަކަށް، މިނިމަމް ރެސްޓްރިކްޝަނެއް ނަގަންޏާ 6000 މީހުން. ދެން މީގެކުރިން އަޅުގަނޑުމެން ނެގިވަރުގެ މޮޑަރޭޓް ރެސްޓްރިކްޝަނެއް ނަގަންޏާ، ވަރސްޓް ކޭސް ސިނާރިއޯގައި ގާތްގަނޑަކަށް 3000 މީހުން، އެންމެ ޕީކްގައި ޕޮޒިޓިވްވާނެ ކަމަށް. އެކަމަކު އަޅުގަނޑުމެން ބޮޑަށް ރެސްޓްރިކްޓް ކޮށްފިނަމަ، 1500 އަށްވުރެ ދަށުގައި، ޕީކްވާ ދުވަހުވެސް ހިފެހެއްޓޭނެ ކަމަށް މިވަނީ. އެކަމަކު ލޮކްޑައުންއެއް، ނޫނީވިއްޔާ ވަރަށް ވަރުގަދަ ރެސްޓްރިކްޝަނެއް ވެއްޖިއްޔާ، އެންމެ ޕީކްއިރުވެސް 500 އަށް ނުގޮސް ހިފެހެއްޓޭނެ ކަމަށް، އޭރުގެ ޕްރޮޖެކްޝަނުން ދައްކަނީ.

ދެން އަޅުގަނޑުމެން މިހާތަނަށް އައިއިރު ވަރަށްމަތި. ގާތްގަނޑަކަށް 2000 އަށް އަރާފައި މި އޮންނަނީ. ދެން އަޅުގަނޑުމެންގެ އުއްމީދަކީ، މިހާރު މި ރެސްޓްރިކްޝަން އިތުރަށް ވަރުގަދަކުރީމާ، ދެން އަންނަ ދެ ހަފްތާގެ ތެރޭގައި އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ، ނަންބަރުތައް ވަރަށް ދަށް ކުރެވޭނެ ކަމަށް. އެހެންވީމާ، އެއާއެކީގައި، އަޅުގަނޑުމެން އެކަން ބަލަންޖެހޭނެ، ނަންބަރުތައް ދަށްވިކަމުގައިވިޔަސް، މީހުން ނިޔާވާ ނިސްބަތް، އޭގެ ދެ ހަފްތާފަހުން އަދި ދަށްވާނީ. އެހެންވީމާ، އަޅުގަނޑުމެން ނަންބަރު ދަށްކުރިކަމުގައިވިޔަސް، ނިޔާވާ ނިސްބަތުން އެބައި ދަށްވުމަށް އަދި ވަގުތު ނަގާފާނެ.

އެހެންވީމާ، މިހާރު މި ނަގާ ލޮކްޑައުން ކަހަލަ ތަންކޮޅެއް ވަރުގަދަ ފިޔަވަޅުން އަޅުގަނޑުމެން ނަންބަރު ވީހާވެސް އަވަހަކަށް ދަށްކުރިވަރަކަށް، އެއިން ނިޔާވާ ނިސްބަތްވެސް އަޅުގަނޑުމެންނަށް ދަށްކުރުމުގެ ފުރުޞަތު ބޮޑުވާނީ.

ޢަލީ ޔާމީން - ވަން އޮން ލައިން:

އަޅުގަނޑުގެވެސް އެބައޮތް ދެ ސުވާލެއް. ކަރަންޓާއި ފެންފަދަ އަސާސީ ޚިދުމަތްތަކުން ލުއިތަކެއް ދެއްވާ ވާހަކަ ރައީސް ފާހަގަކުރައްވައިފި. މިގޮތުން، އެންމެ މަހަކަށް ލުއި ދެއްވުން މިއީ މި ޙާލަތަށް އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުފުޅު ކުރައްވަންތޯ؟ ދެން އަދި ހައުސިންގފަދަ ކަންކަމަށް ލުއި ދެއްވަން ސަރުކާރުގެ ވިސްނުންފުޅުގައި ނެތްތޯ؟ ދެން މި ޙާލަތުގައި ސަރުކާރުގެ ޚަރަދު ކުޑަކުރުން އެއީ ކޮންމެހެންވެސް ވަރަށް ބޭނުންތެރި ކަމެއް ކަމަށް އިޤްތިޞާދީ މާހިރުން އެބަ ފާހަގަކުރައްވާ. ޚަރަދު ކުޑަކުރުމަށް ކުރިން އެޅުއްވި ހުރިހާ ފިޔަވަޅުތަކެއް ކަހަލަ ގޮތަކަށް މިހާރު މިވަނީ އުވާލާފައި. އެފަދަ އެއްވެސް ފިޔަވަޅެއް އަލުން އެޅުއްވުމުގެ ވިސްނުންފުޅެއް ރައީސްގެ އެބައޮތްތޯ؟ ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، މިވަގުތު އަޅުގަނޑުމެން ނިންމާފައި މިއޮތީ، ކުރިއަށް އޮތް މަހުގެ ބިލުން އެކަނި އަދި ޑިސްކައުންޓެއް ދޭގޮތަށް. އަޅުގަނޑުމެންނަށް ބެލެވިފައި މިއޮތީ، އެއްމަސްދުވަހުގެ ރެސްޓްރިކްޝަންތަކަކަށް. އެހެންވީމާ، އެއިން ލިބޭ ގެއްލުމަށް ލުއެއް ދިނުމުގެ ގޮތުން ކޮށްފައި އޮތް ކަމެއް. އަދި މިކަން ކުރިއަށްދާވަރަކުން އަޅުގަނޑުމެން އިތުރަށް ރިޢާޔަތްކޮށް، އަދިވެސް އިތުރު ލުއިތައް ދެވޭތޯ ބަލަމުން ގެންދާނަން.

ދައުލަތުގެ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް، ފިނޭންސް މިނިސްޓްރީއާއި، އިކޮނޮމިކް މިނިސްޓްރީއާ އެކީގައި މިހާރުވެސް މަޝްވަރާ ކުރެވިގެން ކުރިއަށް އެބަދޭ. ދެން އޭގެތެރޭގައި، ދެންމެ ތިޔަ ފާހަގަކުރެއްވި ހައުސިންގ ލޯނުގެ ލުއިގެ ވާހަކަ ތިޔަ ވިދާޅުވީ ދޮގެއްތޯ، ކުރީގައިވެސް އެ ދިންގޮތަށް. އެހެންވީމާ، ތިޔައީވެސް އަޅުގަނޑުމެންނަށް މަޝްވަރާ ކުރެވިދާނެ ކަމެއް. އެކަމަކު ކުއްލިއަކަށް މިރޭ އަޅުގަނޑަކަށް ދަންނަވާކަށް ނުކެރޭނެ، އަދި އޭގައި ވަކިގޮތަކަށް ނިންމާފައި އޮތެކޭ. އެހެންނަމަވެސް، ރައްޔިތުންނަށް ދެވެންހުރި ލުއިތަކާ ދޭތެރޭގައި، ވެވޭނެ އެހީތަކާ ދޭތެރޭގައި އަޅުގަނޑުމެން މިދަނީ މަޝްވަރާ ކުރަމުން. އެގޮތުން މިހާތަނަށް ނިންމިފައި ހުރި ކަންތައްތަކުގެ ވާހަކަ އަޅުގަނޑު މި ދެންނެވީ.

އަޅުގަނޑު ހިތުން މި ގަޑީގައި އަޅުގަނޑުމެން ލޯނު ނަގައިގެންވެސް، ބޮރޯކޮށްގެންވެސް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުން އެއީ އޮތް އެންމެ ރަނގަޅު ގޮތަކީ. އިކޮނޮމީ ހިންގުން އެއީ، އަޅުގަނޑުމެން ކުރަންޖެހޭނެ ކަމަކީ. އެހެންވީމާ، އެގޮތުން، ބީ.އެމް.އެލް.ތުރޫކޮށްވެސް ލޯނުތަކެއްދޭން އަނެއްކާވެސް މި ނިންމީ. އޭގެ ސަބަބުން އިކޮނޮމީ ހިނގައިގަތީމާ، ދައުލަތަށްވެސް ވަންނަ ފައިސާ އިތުރުވެގެންދާނެ. ޢާއްމުންގެ އަތްމަތީގައި އެނބުރޭ ފައިސާވެސް އިތުރުވެގެންދާނެ. އެ ވިސްނުމުގައި އަޅުގަނޑުމެން މި ކަންތައްތައް ކުރަމުން މިގެންދަނީ.

ފާޠިމަތު ނަޒީފާ އަޙްމަދު - ދުވަސް:

މިއަދު އިންޑިއާ ސަރުކާރުން ފާސްކޮށްފައި އެބަވޭ، އައްޑޫގައި ކޮންސިއުލޭޓެއް ޤާއިމުކުރަން. ނަމަވެސް، އިންޑިއާ ސަރުކާރުން ބުނެފައި ވަނީ، އެކަން ކުރިއަށްދާނީ ދިވެހި ސަރުކާރުގެ ހުއްދަ ލިބުނީމާ ކަމަށް. ކޮބައިތޯ މިކަމުގައި ސަރުކާރުގެ ކޮމެންޓަކީ.

ދެން ދެވަނަ ސުވާލެއްގެ ގޮތުން އަޅުގަނޑު އަހާލަން ބޭނުންވަނީ، ދިވެހި އެމްޕްލޯއިމަންޓް އޭޖެންސީތަކުން އެބަ ބުނޭ، މި ޙާލަތުގައިވެސް ވަކި ޤައުމުތަކުން އިންސާނީ ވަސީލަތްތައް ހޯދަން އުޅޭއިރު، އެ ޤައުމުތަކުން ގެންނަން ބައިވަރު ޚަރަދުތަކެއް ހިނގާ އަދި މި ޙާލަތުގައި ނުވެސްގެނެވޭނެ ކަމަށް. އެފަރާތްތަކުގެ ސުވާލަކީ، ކީއްވެތޯ އަވަހަށް މިވަގުތު ގެނެވޭ، ޚަރަދު ބޮޑުނޫން ޤައުމުތަކަކުން ގެންނަން އޭޖެންސީއާ ޙަވާލުނުކުރަނީ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ.

އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ހުޅުވުމާ ބެހޭގޮތުން ތިޔަ ސުވާލު ކުރެއްވީ. އަޅުގަނޑަށް މިހާތަނަށް އޭގައި ބުނެވެން އޮތީ އަދި އެއީ އިންޑިއާ ސަރުކާރުގެ ނިންމުމެކޭ. އިންޑިއާ ސަރުކާރުގެ ނިންމުން އަޅުގަނޑުމެންނާ ޙިއްޞާކުރާނެ. އަދި ދެފަރާތުގެ، ދެ ޤައުމެއްގެ ދޭތެރޭގައި އޮންނަ ޑިޕްލޮމެޓިކް ގުޅުމުގެ ތެރެއިން، އެއްފަރާތަކުން އަނެއް ފަރާތަކަށް އެދޭ އެދުންތައް ފުރިހަމަކުރުމަށް، އެ ދެ ފަރާތުން ދެކެވޭ ވާހަކަތައް ދެކެވޭނެ. އަދި އަޅުގަނޑުމެން އޭގައި ޑިސިޝަނެއް އަދި ނުނަގަން.

އެނގިވަޑައިގަންނަވާނެ، އިންޑިއާއާއި ރާއްޖެއާ ދޭތެރޭގައި އެބައޮތް ވަރަށް ގާތް ގުޅުމެއް. އަދި އަވަށްޓެރި އެހެން ޤައުމުތަކާ އެކީގައިވެސް އެބަހުރި. އިންޑިއާގެ ދިއްލީގައި އަޅުގަނޑުމެންގެ ހައިކޮމިޝަން ހުންނައިރުގައި، ޓްރިވެންޑްރަމްގައި އެބަހުރޭ ކޮންސިއުލޭޓް އޮފީހެއް. އެހެންވީމާ، އެއް ޤައުމަކުން ފޯރުކޮށްދޭ އެކަހަލަ ވަސީލަތްތައް، އަނެއް ޤައުމެއްގައި، އެ އޮންނަ ޤައުމަކުން އެދިއްޖެ ކަމަށްވަންޏާ، އެއާ ދޭތެރޭގައި ވިސްނަންޖެހޭ ކަމެއް ކަމަށް އަޅުގަނޑު ދެކެނީ.

ދެން ދިވެހި އެމްޕްލޯއިމަންޓް އޭޖެންސީގެ ޝަކުވާއެއްގެ ވާހަކަ ތިޔަ ވިދާޅުވީ. ނަސީމް އެބައޮތްތޯ އޭގައި އެއްޗެއް ވިދާޅުވާން.

އަޙްމަދު ނަސީމް - މިނިސްޓަރ އޮފް ހެލްތު:

އާދެ، އަޅުގަނޑު ދެކޭގޮތުގައި މިހާރު މިސާލަކަށް ދިވެހިރާއްޖޭގައި މިތިބީ ޑޮކްޓަރުންގެ 80 ޕަސެންޓް ގާތްގަނޑަކަށް މި ތިބީ މިޞްރު މީހުން. މީގެތެރޭގައި ތަފާތު ޤައުމުތަކުގެ މީހުން މިކަމުގައި އުޅުމަކީ ރަނގަޅު ކަމެއް ކަމަށް އަޅުގަނޑަށް ފެންނަނީ. އެއްބަޔަކަށް، އެއް ނޭޝަނަލިޓީއަކަށް އެހާބޮޑަށް ބަރޯސާވުމަކީ އެހާ ރަނގަޅު ކަމެއް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. އެހެންވީމާ، އަޅުގަނޑު އިސްނަގައިގެން ކުރި ކަމެއް ކަމަކީ.

ދެން މީގައި ވަރަށް ބޮޑެތި މައްސަލަތައް އެބަހުރި. ދެން މިރޭ އެ ވާހަކަ ދައްކާކަށް އަޅުގަނޑު ޤަޞްދެއް ނުކުރަން. މިހެން މި ދަންނަވާ ސަބަބަކީ، މީހުން އެމްޕްލޯއި ކުރުމުގައި އަޅުގަނޑު ދެކޭގޮތުގައި، އެންމެ ފުރިހަމައަކަށް ނޫން އެކަންތައް ހިނގާފައި ހުންނަނީކީ ބައެއް ފަރާތްތަކުން. އެހެންވީމާ، އެކަންތައްތައްވެސް އަޅުގަނޑު މިދޭތެރެއިން ބަލައިފިން. މިދޭތެރެއިން އެމްޕްލޯއި ކުރުން އެކީއެކައްޗަކަށް ހުއްޓާލައިގެން އަޅުގަނޑު އެ ކަންތައް ދިރާސާކުރީ. ދިރާސާ ކުރުމުގެ ތެރޭގައި، ވަރަށްގިނަ ނަރުހުންނާއި ޑޮކްޓަރުން، ޚާއްޞަގޮތެއްގައި ނަރުހުން ވަރަށްގިނަ ޝަކުވާތަކެއް އަޅުގަނޑަށް ވަނީ ހުށަހަޅާފައި. އެހެންވީމާ، އެކަންތައްވެސް އަޅުގަނޑު ބެލިން. ބަލާފައި މިގޮތަށް ޑައިވަރސިފައި ކުރުމަށް އަޅުގަނޑު ޚިޔާލުކުރީ.

ދެން އެހެން ނަމަވެސް، މި ދުވަސްކޮޅަކީ ތަންކޮޅެއް ދަތި ދުވަސްކޮޅެއް ކަމަށްވާތީ، ދުރުން ނަރުހުން ގެނައުމަކީވެސް ތަންކޮޅެއް އުނދަގޫ ކަމަކަށްވެފައި މިއޮތީ. އެހެން ނަމަވެސް، އަޅުގަނޑު ޤަޞްދުކުރަނީ، ހަމަ ތަފާތު ނޭޝަނަލިޓީގެ މީހުން މިކަމުގައި އެމްޕްލޯއި ކުރުމަކީ ރަނގަޅު ކަމެއް ކަމަށް. އެހެންވީމާ، އެއިން ރަނގަޅު ނަތީޖާތަކެއް ނުކުންނާނެ ކަމަށް އަޅުގަނޑަށް ހީވަނީ. އެހެންގޮތަކަށް އަޅުގަނޑަށް އެކަމާ ދޭތެރޭގައި ވިސްނޭކަމަށް ވަނީވިއްޔާ އަޅުގަނޑު އެކަންތަކެއް ނުކުރާނަން.

މި ދުވަސްކޮޅަކީ އިންޑިއާއިން ތަންކޮޅެއް ދަތިކޮށް މީހުން އެމްޕްލޯއި ކުރެވޭނެ ދުވަސްވަރެއް. ނޫނީވިއްޔާ ބަންގްލަދޭޝްއިން، ނޫނީވިއްޔާ ސްރީލަންކާއިން. ސްރީލަންކާއިން އަދި އަމުދުން އެއްގޮތަކަށްވެސް މީހުން އެމްޕްލޯއިއެއް ނުކުރޭ. ވަރަށްގިނަ ދުވަސްވެއްޖެ، އަޅުގަނޑު މަސައްކަތް ކުރާތާ، ސްރީލަންކާއިން މީހުން އެމްޕްލޯއި ކުރެވޭތޯ.

އެހެންވީމާ، އަޅުގަނޑުމެންނަށް އެމްޕްލޯއި ކުރެވޭ ދިމާއަކުން އަޅުގަނޑު ޤަޞްދުކުރަނީ އެމްޕްލޯއި ކުރަން. އަދި ތަފާތު ނޭޝަނަލިޓީގެ މީހުން މިތަނުގައި ވަޒީފާ އަދާކުރުމަކީ ރަނގަޅު ކަމެއް ކަމަށް އަޅުގަނޑަށް ފެންނަނީ. ޝުކުރިއްޔާ.

އިސްމާޢީލް ޢާޒިމް - ރާއްޖެ ޓީ.ވީ:

އަޅުގަނޑުމެންނަށް އެންމެފަހުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ހަމަ ތިޔަބޭފުޅުން ޓެސްޓް ކުރުމުގެ ކެޕޭސިޓީއަށް ބަލާއިރުގައި، ޓެސްޓް ކުރެވޭ ޢަދަދު މިހާރު މި ފެނިގެންދަނީ، އެންމެ މައްޗަށްވެސް 6000 އަށް އަރާފައިވާތަން. އެހެންނަމަވެސް، ހަފްތާއެއްގެ ތެރޭގައި 6000 އަށްވުރެ ގިނަ މީހުންގެ ޕޮޒިޓިވް ވެގެންދާއިރުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، އައްޑޫސިޓީ، ފުވައްމުލަކު ސިޓީ ތަންތަނުގައި އެބަހުރި ޓެސްޓް ނުކުރެވި އެއްވެސްވަރަކަށް. މިފަދަ ގޮތަކަށް ދާކަމުގައިވަނީނަމަ، ރާއްޖޭގެ އަޞްލު ޙާލަތު މިހާރުވެސް ނޭނގި އޮތް ކަމަށް ދަންނަވަން މިޖެހެނީ. މިހެން ކަންތައް ވެއްޖެ ކަމުގައިވަނީނަމަ، ބޮއްސުންލައިގެން ދިޔުމުގެ ބިރު އެބައޮތްތޯ، ކިހިނެއްތޯ؟ ކުރިއަށް އޮތް ތަނުގައި މި ނުރައްކާ، މި އަޞްލު ޙަޤީޤީ ޙާލަތު ކިހާތާކުތޯ އަޅުގަނޑުމެންނަށް ސާފުވެގެންދާނީ؟

ދެވަނަ ސުވާލަކީ، ގިނަ ލޯނުތަކެއްގެ ވާހަކަ ދެކެވިއްޖެ. އެހެން ނަމަވެސް، އެ ބައެއްގެ މައްޗަށް އަޅުގަނޑުމެންގެ ކުރިމަގު ބިނާވެފައިވާ ދަރިވަރުންގެ ލޯނު ސްކީމްތަކުގެ ވާހަކައެއް ނުދެއްކޭ. ކޮބައިތޯ ސްޓޫޑަންޓް ލޯނު ސްކީމަށް އެއްވެސްވަރެއްގެ ލުޔެއް، ތިޔަބޭފުޅުން ދެއްވަން ނިންމަވާފައިވޭތޯ؟

އަޙްމަދު ނަސީމް - މިނިސްޓަރ އޮފް ހެލްތު:

އާދެ، ފުރަތަމަ ކުރެއްވި ސުވާލަށް. އަޅުގަނޑުމެންނަށް ކުޑަކުޑަ ދައްޗެއް ދިމާވި، ކެޕޭސިޓީގެ މައްސަލައިގައި އިނގޭތޯ. ޓެސްޓް ކުރުމުގެ ކެޕޭސިޓީގެ މައްސަލައިގައި. މިހާރު އެކަމުން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަރައިގެންފައި މިތިބީ. އެ ދުވަސްކޮޅު އަޅުގަނޑުމެންނަށް ވަރަށްބޮޑު އޯވަރލޯޑެއް އޮތް. އެހެންވެގެން ކުއްލިއަކަށް އެއް ދުވަހަކަށް ޖަމާވެގެން ވަރަށްގިނަ ޢަދަދެއްގެ މީހުން ޕޮޒިޓިވްވީ ކަމަށް، އަޞްލުގައި އެ ދުވަހުގެ އެއްޗެހިތަކެއް ނޫން. އެ ދުވަހުގައި ޓެސްޓް ކުރެވުނު އެއްޗެއްވެސް ނޫން. އޭގެ ތިން ހަތަރު ދުވަސް، ނޫނީވިއްޔާ އޭގެ ފަސްދުވަސް ކުރީގެ އެއްޗެހިތައް ޓެސްޓް ކުރުމަށް ދަތިތަކެއް އައިސްގެން އަޅުގަނޑުމެންނަށް އެކަންތައް އެހެން ދިމާވީ. މޫސުންވެސް ގޯސްވުމާ ގުޅިގެން އަޅުގަނޑުމެންނަށް ވެކްސިން ނުގެނެވުންވެސް ދިމާވި. އަނެއްކާ ގެނެވިފައި ހުރި ވެކްސިން، ރާއްޖެތެރެއަށް ތަންތަނުން ގެނެވިފައި ހުރި މި ދެންނެވީ އެ ސާމްޕަލްތައް އަޅުގަނޑުމެންނަށް ޓެސްޓް ނުކުރެވޭގޮތް ދިމާވީ، އޭގައި މައްސަލަތަކެއްވެސް ހުރެގެން. އެ ސާފުކުރަންޖެހޭ ކަންތައްތަކެއް ސާފުވެސް ކުރަންޖެހިގެން.

އެހެންވީމާ، އެ މަސައްކަތް އަޅުގަނޑުމެން ކޮށްގެން، އެ ދުވަސްކޮޅު ތަންކޮޅެއް ދަތިވީ. މިހާރު އެކަމަކު އިރާދަކުރެއްވިއްޔާ، އެކަންތައް ހަމަޖެހިގެންދަނީ. މިހާރު ހުންނާނީ ގާތްގަނޑަކަށް ފޯރޓީ އެއިޓް އަވަރސްގެ އޭރިއަސް ހުންނާނީ. އެހެންވީމާ، މިހާރު އަޅުގަނޑު ލަފާކުރާގޮތުގައި، އެ ކަންތައްތަކެއް ނުހުންނާނެ. އަދި ކުރިއަށް މިއޮތް ތަނުގައި އަޅުގަނޑުމެންގެ ގެނައުމުގެ ކަންތައްތަކާއި، ކަންތައްތައް ހަމަޖެހިގެން ދިޔައިމާ، މިހާރު މިއަދުގެ ބަލައިލައިފި ކަމަށްވަނީވިއްޔާ، މިހާރު އަޞްލުގައި ގާތްގަނޑަކަށް ނުވެސް ނެތް، ބެހެއްޓިފައި ހުރި އެއްޗިއްސެއް. އެއީ ގާތްގަނޑަކަށް 800. އެއީ ދެން ބެހެއްޓިފައި ހުރި އެއްޗިއްސެއް ކަމަށް އަޅުގަނޑެއް ނުބަލާނަން.

އެހެންވީމާ، އެ މަޑުމަޑުން ހުސްވަމުން ގޮސް، މިހާރު ހުސްވެފައި އެހެރީ. ދެން އަޅުގަނޑުމެންނަށް އަޞްލު އެ ދުވަހެއްގެ އެއްޗެހި އެ ދުވަހަކުން ނުނިމޭނެ. 48 ގަޑިއިރު، ނޫނީވިއްޔާ 72 ގަޑިއިރު ނަގާނެ. އެއީ ރާއްޖެތެރެއިން އަންނަ އެއްޗެހި ސާފުކުރަން، އެންމެ އަވަސްވިޔަސް. އެ މަސައްކަތް ވީހާވެސް އަވަހަކަށް ކުރެވޭތޯ އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިގެންދަނީ. މިހާރު މިކަމުން އަޅުގަނޑުމެން ސަލާމަތް މިވަނީ. ޝުކުރިއްޔާ. އަޅުގަނޑު އުއްމީދު ކުރަނީ ސާފުވެވަޑައިގެންފި ކަމަށް.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ދެން ޢާޒިމް ފާހަގަކުރެއްވި ސްޓޫޑަންޓް ލޯނުގެ ވާހަކަ. އަޅުގަނޑު ނޯޓުކޮށްފިން. ތިޔަކަމުގައި އަޅުގަނޑުމެން މަޝްވަރާ ކުރާނަން. އަދި މިއަދާ ހިސާބަށް އައިއިރަކު އަޅުގަނޑުމެންނަކަށް ނެތް އޭގައި ގޮތެއް ނިންމިފައެއް. އެހެން ނަމަވެސް، ތިޔައީ މިވަގުތު ވިސްނާލަންޖެހޭ ކަމެއް ކަމަށް އަޅުގަނޑުވެސް ގަބޫލުކުރަން.

ޢަލީ ޝައްމާން - ދަ ޕްރެސް:

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ.

އަޅުގަނޑުގެ އެއް ސުވާލަކީ، ތިޔަ ދެއްކެވި، ރައީސާއި އަދި ހެލްތު މިނިސްޓަރ ތިޔަ ދައްކަވާ ވާހަކަފުޅުތަކުގައި މިހާރު ރަޝިޔާގެ ވެކްސިން އަޅުގަނޑުމެންނަށް ކުރިންވެސް ލިބޭނެ ކަމަށް ކުރިން ވިދާޅުވި. ދެން މިހާރު އަލުން އެ ވެކްސިން ގަންނަންޖެހޭ ހިސާބަށް ގޮސްފައި އޮތްއިރު، އަޅުގަނޑު މި ހިތަށްއަރަނީ، ތިޔަ ގެންނަ ވެކްސިނުން ރާއްޖޭގައި މި ކޮވިޝީލްޑް ޖަހާފައި ތިބި މީހުންނަށް ޖެހިދާނެތޯ؟ ޖެހުމުގެ ފުރުޞަތު އޮންނާނެތޯ؟

އަނެއް ވާހަކައަކަށް އަޅުގަނޑު އަހާލަން ބޭނުންވަނީ މި ސިޗުއޭޝަން ވަރަށް ގޯސްކޮށްކަން މިއޮތީ އަޅުގަނޑުމެން އެންމެންނަށްވެސް، ރައީސްގެ ވާހަކަފުޅުންވެސް އަދި މިނިސްޓަރުގެ ވާހަކަފުޅުންވެސް ފާހަގަވެއްޖެ. އެހެންވީމާ، މި ސިޗުއޭޝަން ހޭންޑްލްކޮށް، ނޫނީވިއްޔާ މި ދެންނެވީ މައްސަލަ ޙައްލުކުރުމުގައި މެއިންޕަވަރ، ރާއްޖެއިން ބޭރުން ގެނައުމުގައި އެއްވެސްވަރަކަށް މަސައްކަތް ކުރައްވަންތޯ؟ އަޅުގަނޑު މި ދަންނަވަނީ ވެކްސިން ޒާތުގެ އެއްޗެހީގެ ވާހަކައެއް ނޫން. އެހެން ނަމަވެސް، ޙާލަތު ހަމަޖެއްސުމަށްޓަކައި މީހުން މެއިންޕަވަރ މަދު ވާހަކަ ދައްކަވާތީ، އެކަމަށް އެބަ ވިސްނުން ގެންގުޅުއްވަންތޯ؟

ދެން ރައީސް ފާހަގަކުރެއްވި، ލޯނު ސްކީމެއްގެ ވާހަކަ. ސްޓިމިއުލަސް ޕެކޭޖެއްގެ ވާހަކަ. އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، އެސް.ޑީ.އެފް.ސީ. އިން އެންމެފަހުންވެސް މި ދޫކުރި ލޯނުތަކުގެ މޮރަޓޯރިއަމް ޕީރިއަޑް ހަމަވެގެން، މާރިޗު، އެޕްރީލަށް ފައިސާ ފައިސާ ދައްކަން މިހާރުވެސް މި ލޯނު ލިބުނު ބައެއް ފަރާތްތަކަށް އެބަ އަންގާ. ދެން އެ އަންގާއިރުގައި، އަނެއްކާވެސް އޭގެ މައްޗަށް އިތުރު ލޯނެއް. މާނައަކީ އެ އިންޓްރެސްޓް އެކްސްޓެންޑް ކޮށްދެއްވާނެ ކަމުގެ ސިޓީ ލިބިފައި، އެޕްރީލް ނިމޭ ހިސާބުގައި ލިބިފައި އޮތް ކަމުގައިވިޔަސް، މާރިޗު، އެޕްރީލަށް ފައިސާ ދައްކަން އެބަ އަންގައޭ. އެހެންވީމާ، އޭގެ މައްޗަށް އަނެއްކާވެސް ލޯނު މި އަންނައިރުގައި، ކުރިން އެ އޮތް ލޯނުގެ ބަޔަށް ކިހިނެއްތޯ، ވިސްނުންފުޅެއް ގެންގުޅުއްވާފައިތޯ އޮތީ، ނޫނީވިއްޔާ އެކަން އެހެންވާކަން ރައީސްގެ ސަމާލުކަމަށް އައިސްފައިތޯ އޮތީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ ތިޔަކަން ފާހަގަކުރެއްވީތީ. އަޅުގަނޑު ތިޔަކަމާ މަޝްވަރާ ކުރާނަން. ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި މުޅި ލޯނު ސްކީމްތަކާއި، މި ދޭ އެހީތަކާ ބެހޭގޮތުން ތަފްޞީލުކޮށް ފިނޭންސް މިނިސްޓަރު ތިޔަބޭފުޅުންނާ ބައްދަލުކޮށް، މިހާރު ތިޔަ ދިމާވެފައި ހުރި މައްސަލަތައް ޙައްލުކުރުމަށް އަޅުގަނޑުމެންނަށް ކުރެވިދާނެ ކަންތަކާ ބެހޭގޮތުން ތިޔަބޭފުޅުންނާ މަޢުލޫމާތު ޙިއްޞާކުރާނެ. ތިޔައީ ހަމަ ވަރަށް ރަނގަޅު ކަމެއް ތިޔަ ފާހަގަކުރެއްވީ. އަލުން އިތުރަށް ލޯނު ދޭން ނިންމާއިރު، ކުރީގެ ލޯނުތައް ދެއްކުމަށް ދަތިތަކެއް ހުރި ވާހަކަ ތިޔަ ވިދާޅުވީ. ނުދެއްކިގެން އުޅޭ ބައެއް އެބައުޅޭކަން ތިޔައިން ތިޔަ ފާހަގަވަނީ.

ދެން އޭގެއިތުރުން، ބޭރުން މީހުން ހޯދުމުގެ މަސައްކަތުގައި، މިނިސްޓަރ ނަސީމް ކުރައްވަމުން ގެންދަވާ މަސައްކަތް، އިތުރަށް އަނެއްކާވެސް ވިދާޅުވެދެއްވާ. އަޅުގަނޑުމެން މީގެކުރިންވެސް އެ ސުވާލަށް މިތަނުގައި ޖަވާބުދީފި. އެހެންނަމަވެސް، ނަސީމް އިތުރަށް އެއްޗެއް ވިދާޅުވުމަށް އެބައޮތްތޯ؟

އަޙްމަދު ނަސީމް - މިނިސްޓަރ އޮފް ހެލްތު:

އަޅުގަނޑު ދެންނެވި އެއްޗެއްގެ އިތުރަށް ވަކި ދަންނަވާނެ އެއްޗެއް ނެތް. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ ތަފާތު ނޭޝަނަލިޓީތަކުގެ މީހުން ދިވެހިރާއްޖޭގައި މަސައްކަތް ކުރުމަށް. އެއީ އެއް ނޭޝަނަލިޓީއަކުން. އަޅުގަނޑު ދެންނެވި ވާހަކައަކީ، އެއް ނޭޝަނަލިޓީއަކުން ހަމައެކަނި މިތަނުގައި މަސައްކަތް ކުރާ ކަމަށްވަނީވިއްޔާ، އަޅުގަނޑުމެންނަށް ކުރިއަށް އޮތް މުސްތަޤްބަލުގައި އަޅުގަނޑުމެންނަށް ދަތިތަކާ ދިމާވެދާނެއޭ. އެހެންވީމާ، އެއަށް ޕްރިކޯޝަނެއްގެ ގޮތުން ތަފާތު ނޭޝަނަލިޓީގެ މީހުން. އަޅުގަނޑު އޭރު ދެންނެވިން، ގާތްގަނޑަކަށް 80 ޕަސެންޓް ޑޮކްޓަރުންނަކީ، ދިވެހިރާއްޖޭގައި އާދައިގެ ޑޮކްޓަރުންނަކީ މިޞްރުގެ ޑޮކްޓަރުން. އެހެންވީމާ، އެހާ ގިނަ ޢަދަދަކަށް އެއް ނޭޝަނަލިޓީއަކަށް ބަރޯސާވުމަކީ ރަނގަޅު ކަމެއް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ.

އެހެންވީމާ، އެކަންތައް އިތުރަށް ފުޅާކުރުމަށް އަޅުގަނޑު މަސައްކަތްކުރާނަން. އެ ފުޅާކުރީމާ އަޅުގަނޑަށް ހީވަނީ މިތަނުގައި ތަންކޮޅެއް ރަނގަޅު ގޮތަކަށް މިކަންތައް ހަމަޖެހިގެންދާނެ ކަމަށް. އެ ވާހަކަ އަޅުގަނޑު ދެންނެވީ ކުރިން.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑު ތިޔަ އެސް.ޑީ.އެފް.ސީ.ގެ ލޯނުގެ ދައްކަންޖެހޭ މުއްދަތު، ގްރޭސް ޕީރިއަޑް މިހާރުވަނީ އިތުރުކޮށްދީފައި ދެ އަހަރަށް.

އަޙްމަދު ރިޟްވާން - ޕީ.އެސް.އެމް. ނިއުސް:

އާދެ، ޝުކުރިއްޔާ.

އަޅުގަނޑުގެ ދެ ސުވާލެއް އެބައޮތް. ފުރަތަމަ ސުވާލަކީ، ހަމަ ވަރަށް ބޮޑަށް ބާރުއަޅައިފި، މި ބަލިމަޑުކަމުގެ މި ޙާލަތުން އަރައިގަތުމުގައި، ހަމަ ވީހާވެސް ގިނަ ފަރާތްތަކުން ވެކްސިން ޖެހުމަށް. ދެން އެޗް.ޕީ.އޭ. އިން މި ހާމަކުރާ ތަފާސް ހިސާބުތަކަށް ބަލައިލާއިރު، ހަމަ ވެކްސިން ކަވަރޭޖްގައި ވަރަށްގިނަ ޢަދަދެއްގެ މީހުން ވެކްސިން ޖަހާފައިވާއިރު، ތިންލައްކައަށްވުރެ ގިނަ މީހުން ވެކްސިން ޖަހާފައިވާއިރު، މީގެތެރެއިން ގިނަ މީހުން މި ޖަހާފައި މިވަނީ ހަމަ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް. ގިނަބަޔަކު އިންތިޒާރު ކުރަމުން މިދަނީ ދެވަނަ ޑޯޒް ލިބޭނެ ދުވަހަކަށް. ސަރުކާރުން މީގެކުރިންވެސް ހަމަ ތާރީޚުތަކެއް ހާމަކުރެއްވި. ދެން އެހެންނަމަވެސް، މިރޭގެ ޕްރެސްގައިވެސް މިނިސްޓަރވެސް ފާހަގަކުރައްވައިފި، އިންޑިއާއިން ވެކްސިން ހޯދުމުގައި ދަތިތަކެއް ހުރިކަން. ދެން ސަރުކާރުގެ ތެރޭގައި، ކުރެވޭ މަޝްވަރާތަކާއެކު، ކިހާ މުއްދަތެއްގެ ތެރޭގައި، ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހަންޖެހޭ ފަރާތްތަކަށް ޖެހުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެތޯ؟

ދެން ދެވަނަ ސުވާލަކީ، މި ޙާލަތު ގޯސްވުމުގައި އާ ވޭރިއަންޓެއްގެ ސަބަބުން މި ބަލި ފެތުރޭ ފެތުރުމަށް ބަދަލުތަކެއް އައިކަމަށް ގަބޫލުކުރެވޭ ކަމަށް ފާހަގަކުރައްވައިފި. މި އާ ވޭރިއަންޓާ ގުޅިގެން މިހާތަނަށް ހޯދިފައި ހުރީ ކިހާވަރެއްގެ މަޢުލޫމާތުތަކެއްތޯ އަދި ޚާއްޞަކޮށް، މި ވޭރިއަންޓް އައުމުގައި، ޓްރެވަލް ރެސްޓްރިކްޝަންތަކެއް އިތުރަށް ގެނައުމުގެ ވިސްނުން އެބަހުރިތޯ، މި ކޮންޓްރޯލް ކުރުމަށްޓަކައި. މި ދެންނެވީ ބޯޑަރު ބަންދުކުރުން. އަޅުގަނޑުމެންނަށް ލޮކްޑައުންގައި، މީގެކުރިން ލޮކްޑައުންއަށް ދިޔަ ޙާލަތަށްވުރެ މިހާރުގެ ޙާލަތު ވަރަށްބޮޑަށް ގޯސްވެފައި މިވަނީ. އެހެންކަމުން، މިކަމުގައި ސަރުކާރުގެ ސްޓޭންޑަކީ ކޮބައިތޯއޭ؟ ޝުކުރިއްޔާ.

ޑޮކްޓަރ ނަޒްލާ މުޞްޠަފާ - އެޗް.ޕީ.އޭ:

ކުރިންވެސް ސުވާލު ކުރެއްވި ދޮގެއްތޯ، ކޮވިޝީލްޑް ޖަހާފައި، ދެވަނަ ޑޯޒެއް، މިސާލަކަށް، ސްޕުޓްނިކް ކަހަލަ ވެކްސިނެއް ދެވިދާނެތޯ. ދެން މޯލްޑިވިއަން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަނުން ދަނީ އެ ކަންތައްތައް ބަލަމުން. އަދި މިހާތަނަށް ބޮޑަށް ދިރާސާތަކުން އެސްޓްރާޒެނެކާ ޖަހާފައި، ދެވަނަ ޑޯޒަށް ފައިޒަރ ވެކްސިން ޖަހާފައި އެބަހުރި. ދެން އެހެން ވެކްސިނެއް ޖަހާއިރު، އަޅުގަނޑުމެންނަށް އެ ދިރާސާތަކުގެ ނަތީޖާ ބޭނުންވޭ. އެއީ، އެއިން ދެވަނަ ޑޯޒަކަށް އެހެން ވެކްސިނެއް ޖެހީމާ، ދިފާޢީ ނިޒާމު ކިހާވަރަކަށް ވަރުގަދަވޭތޯ. އެއާއެކީގައި ސައިޑް އިފެކްޓް ކިހާވަރަކަށްތޯ އަންނަނީ. ދެން ސްޕުޓްނިކް، ރަޝިޔާ މީހުންނަށްވެސް ވަނީ އެސްޓްރާޒެނެކާ ޖަހާފައި، ދެވަނަ ޑޯޒަށް ސްޕުޓްނިކް ޖެހޭނެތޯ، ނޫންތޯ، އެކަމާމެދު އަޞްލު ވާހަކަ ދައްކާފައި. އެކަމަކު އެމީހުން ބުނީ، އަދި އެ ކަންތައްތައް ވަނީ ދިރާސާގައޭ. އެހެންވީމާ، އެމީހުންނަށްވެސް އޭގެ ދިރާސާގެ އިތުރު ނަތީޖާތައް ލިބުނީމާ، އަޅުގަނޑުމެންނާ ޙިއްޞާކުރާނީ.

އެހެންވީމާ، ދެން މީގެއިތުރުން، އަޅުގަނޑުމެން މިދަނީ ހަމަ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއާވެސް ވާހަކަ ދައްކަމުން. އެހެންވީމާ، އެހެން ގޮތެއް އޮތްތޯ، އެއީ އިތުރަށް އެހެން ބްރޭންޑެއްގެ ވެކްސިނެއް ޖެހޭނެތޯ.

ދެން ކޮންމެ ކަމަކީވެސް އަޞްލު އެކަމަށް ދިރާސާތަކާ އެއްޗެހި ހަދާފައި، އޭގެ ހެތްކާ، މި ބުނި އެއްޗިއްސާ އެކީގައި، ޚާއްޞަކޮށް، ޑަބްލިޔޫ.އެޗް.އޯ. ކަހަލަ ތަންތަނުން އެ ހުއްދަ ދޭނީ. ދެން އަޅުގަނޑުމެން އަބަދުވެސް ރާއްޖޭގައި  ބަލަނީ، އަޅުގަނޑުމެންނަށްވުރެ ބޮޑެތި އެހެން ޤައުމުތައް، މިސާލަކަށް، ޔޫ.ކޭ، ނޫނީ ޔޫ.އެސް، ޖަރމަނީ، މި މީހުން ކޮންގޮތަކަށްތޯ ފޮލޯކުރަނީ. ދެން އަޅުގަނޑަށް ފެނޭ، މިހާރު އެސްޓްރާޒެނެކާ ޖަހާފައި، ފައިޒަރ ދެވަނަ ޑޯޒެއްގެ ގޮތުގައި އެބަޖަހާ. އެކަމަކު އެނގިލައްވާނެ، ފައިޒަރއަކީ އަދި ވަރަށް އުނދަގުލުން ލިބޭ ވެކްސިނެއް. އެހެންވީމާ، އެ އޮޕްޝަނެއް އެހާބޮޑަކަށް ނެތް. އެކަމަކު އިތުރު އެހެން އޮޕްޝަންތައްވެސް ހަމަ ބަލަމުން، އެކި މީހުންނާ ހަމަ ވާހަކަ ދައްކަމުން މި ކުރިއަށްދަނީ.

ވޭރިއަންޓް އަޅުގަނޑުމެންގެ މި އައި ވޭވަށް ބަލައިލާފައިވެސް ހަމަ ދެންމެ މިނިސްޓަރ ވިދާޅުވިހެން، އަޞްލު ފުދޭވަރަށް އަވަހަށް މި މައްޗަށްދަނީ. ދެން އަޅުގަނޑުމެންނަށް ފެނޭ، ކުރިއާ ހަމަ ތަފާތުކޮށް، އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ ޕަލްމަނޮލޮޖިސްޓުން، ނޫނީ އެބޭފުޅުންވެސް ފާހަގަކޮށްފައިވޭ، ހަމަ ތަފާތު ކަމަށް. ތަންކޮޅެއް އަވަހަށް ފެތުރޭކަމާ، މިކަންތައްތައް ފާހަގަވެއޭ. އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި، ކުރިއާ ތަފާތުކޮށް މިހެން ފެތުރެމުންދާނީ، އާ ވޭރިއަންޓް އައިމާ. އެއާއެކީގައި ކޮންމެވެސްވަރަކަށް މޫވްމަންޓްވެސް އިތުރުވި. އެ ދެބައި އިތުރުވެގެންހެން އަޅުގަނޑުމެންނަށް ހަމަ ބޮޑަށް ލަފާކުރެވެނީ މި ފެތުރެނީ.

އެހެންވީމާ، އަދި އަޅުގަނޑުމެންނަށް ނަތީޖާ ނުލިބޭ. އެކަމަކު ދުނިޔޭގެ އެހެން ތަންތަނަށް ބެލި ކަމުގައިވިޔަސް، މިވަގުތު ވަރަށްގިނަ ތަންތާ ހަމަ ވޭރިއަންޓާ ހެދި އިތުރުވަމުންދަނީ. ޖަޕާން ކަހަލަ، ނޫނީ އެކަހަލަ ބޮޑެތި ހަމަ ވަރުގަދަ ޤައުމުތައް، މެލޭޝިޔާ، ސިންގަޕޯރ، މި ހުރިހާ ތަނެއްގައިވެސް ހަމަ، އަދި ސިންގަޕޯރއަކީ ހަމަ ވަރަށް ފިޔަވަޅުތައް ވަރުގަދަކޮށްފައި އޮތް ތަންތަން. އެކަމަކު ވޭރިއަންޓާ ހެދި ހަމަ ބޮޑެތި އައުޓްބްރޭކް ވަމުން މިދަނީ.

އެހެންވީމާ، އަޅުގަނޑުމެންނަށް ހަމަ ވަރަށް ގާތް، ރާއްޖޭގައިވެސް ހަމަ ވޭރިއަންޓެއް ކަމަށް މިއުޅެނީ.

އަޙްމަދު ނަސީމް - މިނިސްޓަރ އޮފް ހެލްތު:

އާދެ، އަޅުގަނޑު އެއްޗެއް ދަންނަވާލާނަން އިނގޭތޯ. މިހާރު އަޅުގަނޑު މި ބަލާ ބެލުމުގައި، މިހާރު ފެބުރުވަރީ މަހުގެ ތެރޭގައި މިހިރީ ގާތްގަނޑަކަށް، މި ވޭރިއަންޓް މިހެން ހުރި ކަމުގައިވީނަމަވެސް، އަޅުގަނޑަށް ހީވާގޮތުގައި، އަޅުގަނޑުމެންނަށް މި ދައްކާ ދެއްކުމުގައި، މިހާރު ފެބުރުވަރީ މަހުގައި ހުރިވަރަށް ޑެތް ރޭޓް މިހުރީ އިނގޭތޯ. އެހެންވީމާ، އެއީ ސަބަބެއް ކަމަށް އަޅުގަނޑަށް ލަފާކުރެވެނީ. ފެބުރުވަރީ މަހުގައިވެސް 0.25 ޕަސެންޓްގައި މިހުރީ، ޖެހޭ މީހުންގެ ޢަދަދަށް ބަލާއިރު.

ދެން މިފަހަރު މާގިނަ ޢަދަދަކަށް މީހުންތަކަކަށް ޖެހިފައި އޮތީމާ، މިހާ ގިނަ ޢަދަދެއް ދުނިޔެ ދޫކޮށްފައި ދާތަން މި ދިމާވަނީ. އެހެންނަމަވެސް، ނިސްބަތުން ބަލާއިރު، ހަމަ ފެބުރުވަރީ މަހެކޭ، މިހާރެކޭ ހަމަ 0.25 ޕަސެންޓްގައި މި ފެންނަނީ ޑެތް ރޭޓް. އެހެންވީމާ، އެކަން ހަމަ އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ.

ދެން މިކަމުގައި އަޅުގަނޑުމެންނަށް ހަމަ ކުރެވެން އޮތްހާވެސް ކަމަކީ، ހަމަ މި ލޮކްޑައުންގައިވެސް ވަރަށް ސަމާލުވެ ތިބެގެން، އަންގާ އެންގުންތަކަށް ހަމަ ބަރާބަރަށް އެގޮތަށް އުޅުއްވައިގެން، އަޅުގަނޑުމެންނާ މިކަމުގައި ބައިވެރިވެވަޑައިގަންނަވައިގެން، މިކަންތައް ރަނގަޅަށް ކޮށްދެއްވުން. އެއީހެން އަޅުގަނޑަށް ހީވަނީ މީގައި އޮތް ކަމަކީ، އެންމެންގެ ކަމެއްގެ ގޮތުގައި.

ދެން މިކަމުގައި އަޅުގަނޑު އިތުރަށް ދަންނަވާލަން ބޭނުންވާ ވާހަކައެއް އެބައޮތް އިނގޭތޯ. އަޅުގަނޑުމެންގެ މި ޢަދަދުތައް މަތިވަމުން ދާން ފެށީމާ، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން، އަޅުގަނޑުމެންގެ ކެބިނެޓް ވަރކިންގ ގްރޫޕެއްވެސް މިހާރު އެބައޮވޭ. އެ ވަރކިންގ ގްރޫޕްވެސް ހަމަ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އަޅުގަނޑުމެން ބައްދަލުކޮށް، އެ ދުވަހެއްގައި ނަގަންޖެހޭ ޑިޒިޝަންތައް އަޅުގަނޑުމެން ނަގަމުން ގެންދަނީ އިނގޭތޯ. ދެން މިއަދުވެސް އޮތް. މިއަދުވެސް އަޅުގަނޑުމެން މި ޖެހިފައި ހުރިހާ މައްސަލަތަކާ ބެހޭގޮތުން އަޅުގަނޑުމެން ދިރާސާކުރީ.

އެހެންވީމާ، މިއީ ޤައުމީ ލެވެލެއްގައި މިހާރު ހިނގަމުންދާ ކަމެއް. އެހެންވީމާ، އެކަމަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވަން. މި ކަންތައްތައް ފެސިލިޓޭޓް ކޮށްދެއްވާތީ. އެއީ ރައީސް އޮފީހުގެ ތެރެއިން މި ހުރިހާ ކަމެއް އަޅުގަނޑުމެންނަށް ހަމަޖެހިގެން މި އަންނަނީ. އެއީ މިވަރުގެ ބޮޑު ކަމެއްގައި، އަޅުގަނޑުމެން މިހާގިނަ ކަންތައްތަކެއް ކުރަންޖެހޭތީ، އަޅުގަނޑުމެންނަށް މުޅިން ކެބިނެޓުގެ އެއްބާރުލުން ލިބޭތީ، އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑަށް މި މަސައްކަތް ކުރިއަށް ގެންދިޔުމަށް ވަރަށްބޮޑުތަން ފަސޭހަވެގެންދޭ. އަނެއްކާ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދު އަޅުގަނޑަށް ލިބެމުންދާތީ، މިކަންތައް އަޅުގަނޑު މި ކުރިއަށް ގެންދަނީ، ހަމަ މި ހުރިހާ ބޭފުޅުންގެ މަޝްވަރާއާއި ލަފަޔާއި އިރުޝާދާއެކީ. ޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަކުރަން، ރައީސުލްޖުމްހޫރިއްޔާ މިކަމަށް ހޭދަކުރައްވާ ވަގުތާއި، ދެއްވާ ކޮންސަލްޓޭޝަނާއި، މި ކަންތައްތަކަކީ އަޅުގަނޑުމެންނަށް މިކަން ކުރިއަށް ގެންދިޔުމަށް ވަރަށްގިނަ ގޮތްގޮތަށް ފަސޭހަވަމުންދާ ކަންތައްތައް. ދަތިކަމެއް ހުރި ކަމަށްވަނީވިއްޔާ، އެކަމެއް އަޅުގަނޑުމެންނަށް ޙައްލުވަމުން އެބަދޭ.

އެހެންވީމާ، އެކަމަށް ކެބިނެޓުގެ ހުރިހާ ބޭފުޅުންނަށާއި، ޚާއްޞަ ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާއަށް އަޅުގަނޑު ޝުކުރު ދަންނަވަން އިނގޭތޯ. މިކަން ދެން އަޅުގަނޑު ހަމަ ފާހަގަކުރަން ބޭނުންވީ މިރޭ އިނގޭތޯ. އެއީ ވަރަށްބޮޑު އިންވޯލްވްމަންޓެއް އަޅުގަނޑުމެންގެ މުޅި ކެބިނެޓުގެ، މިކަމުގެ ތެރޭގައި އެބައޮވޭ. ކެބިނެޓުގެ މީޓިންގތައް، ކޮންމެ ދުވަހަކު އެބަ ބާއްވާ. އަޅުގަނޑުމެން ރެސްޓްރިކްޝަންތަކާބެހޭ ކޮމިޓީއެއް އޮންނާނެ. އެ ކޮމިޓީއިން އެ ރެސްޓްރިކްޝަންތައް ބަލަހައްޓަވައިދެއްވާ. އޭގައި އިންޗާޖަކަށް އިންނަވަނީ އިކޮނޮމިކް މިނިސްޓަރ. ދެން މިގޮތުން ހުރިހާ ފަރާތެއްގެ އެހީ އަޅުގަނޑަށް އެބަ ލިބޭ.

އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، ޕްލޭނިންގ މިނިސްޓްރީން އަޅުގަނޑުމެން ތައްޔާރުކުރަންޖެހޭ ހުރިހާ އެއްޗެއް ތައްޔާރުކުރުމުގައި އެފަރާތުގެ ވަރަށްބޮޑު އެހީ އަޅުގަނޑުމެންނަށް ލިބެމުންދޭ. ޚާއްޞަ ގޮތެއްގައި، ޕްލޭނިންގ މިނިސްޓަރ އަސްލަމަށް އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެއާއެކީ، ފައްޔާޒަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި އެހެން ހުރިހާ ކެބިނެޓް މިނިސްޓަރުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން އިނގޭތޯ.

މިކަންތައް އަޅުގަނޑު ފާހަގަކޮށްލަން ހަމަ ބޭނުންވާތީ ދަންނަވާލީ. ވަރަށް ބޮޑަށް ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

މި ސުވާލު ވަރަށް ގިނައިން ކުރައްވައިފި، ވަރަށްގިނަ ނޫސްވެރިން. ވެކްސިން ހޯދުމަށް ކުރާ މަސައްކަތުގެ ވާހަކަ. ދެންމެވެސް ޕީ.އެސް.އެމް.އިންވެސް އެ ނެންގެވީ ހަމަ އެ ސުވާލު.

އަޅުގަނޑު ދަންނަވައިފިން، އޭގައި މިހާރު އޯޑަރ ކުރެވިފައި ހުރި، އެއްބަސްވުންތައް ހެދިފައި ހުރި ތަންތަނުގެ ވާހަކަ. އެއްތަނަކީ އެސްޓްރާޒެނެކާ ސިންގަޕޯރ ކުންފުންޏާ އެކީގައި. ދެން ސެރަމް އިންސްޓިޓިއުޓާ އެކީގައި. ދެން ސްޕުޓްނިކް ހޯދުމަށްޓަކައި ރަޝިޔާގެ އޭޖެންޓުންނާ އެކީގައި އެދަނީ ވާހަކަ ދެކެވެމުން. ހަމަ އޭގެއިތުރުން، ޑަބްލިޔޫ.އެޗް.އޯ.އާ އެކީގައިވެސް އެބަ ވާހަކަ ދެކެވޭ، އެއީ ގާވީގެ ތެރެއިން ލިބެން އޮތް އެއްޗެއް ލިބޭތޯ ބަލަން.

ދެން ގަބޫލުކުރައްވަންވާނެ، ދުނިޔޭގެ އެކި ޤައުމުތަކުގައި ވެކްސިން ޖެހިފައި ހުރި މިންވަރަށް ބަލާއިރު، ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް މިވަނީ އިރާދަކުރެއްވިއްޔާ ވެކްސިންގެ ފުރަތަމަ ޑޯޒް އަދި ދެވަނަ ޑޯޒްވެސް ޖެހިފައި. އެހެން ޤައުމުތަކާ އަޅައިބަލާއިރު. އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ތިންލައްކަ ހަހާސް މީހުންނަށް ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒްދީ ނިމިއްޖެ. އޭގެ ސަބަބުންވެސް އެބައާދޭ ރައްކާތެރިކަމެއް. ދެވަނަ ޑޯޒް ދެވިއްޖެ. އެއްލައްކަ ފަންސާސް އަށްހާސް މީހުންނަށް. އެއީ 35 ޕަސެންޓް މީހުންނަށް ދެވިފައި މިހާރުވަނީ. މިއީ ހަމަ އަޅުގަނޑުމެން ޝުކުރުކުރާވަރުގެ ކަމެއް. މިއީ ވަރަށް ގާތް ދެ ޤައުމެއްގެ ދީލަތި އެހީއާއެކުގައި އަޅުގަނޑުމެންނަށް މިހިސާބަށް އާދެވިފައި މިތިބީ.

އެހެންވީމާ، ކުރިއަށް އޮތް ތަނުގައިވެސް މި ވެކްސިން ހޯދުމަށް އަޅުގަނޑުމެން ހަމަ ބުރަ މަސައްކަތްތަކެއް ކުރާނަން. އިރާދަކުރެއްވިއްޔާ، އެކި ޤައުމުތަކަށް، ޑަބްލިޔޫ.އެޗް.އޯ. އިންނާއި އަދި އެހެން ޤައުމުތަކުން މި ފޯރުކޮށްދޭ އެހީގެ ގޮތުންނާއި، އަޅުގަނޑުމެން ފައިސާ ދައްކައިގެން މި ގެންނަ ވެކްސިން، ލަސްތަކެއްނުވެ ހޯދުމުގައި އަޅުގަނޑުމެންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނަން.

މިހިސާބުން މިރޭގެ ޕްރެސް އަޅުގަނޑުމެންނަށް މިވަނީ ނިންމާލަން ޖެހިފައި. އަދިވެސް ވަރަށްގިނަ ބޭފުޅުންގެ ސުވާލުތައް ހުރިކަން އަޅުގަނޑު ގަބޫލުކުރަން. އެހެންނަމަވެސް، އަދިވެސް ލަސްތަކެއްނުވެ މިކަމާ ބެހޭގޮތުން ޕްރެސްތައް ބޭއްވެމުންދާނެ. އަޅުގަނޑުމެން މި ދަނޑިވަޅުގައިވެސް މި އެދެނީ، ތިޔަ ހުރިހާ ބޭފުޅުންގެ ފަރާތުން، އަޅުގަނޑުމެން އެކީގައި ހިނގާށޭ މަސައްކަތް ކުރަން. މިއިން އަރައިގަންނަން. މިއިން އަރައިގަނެވޭނީ، އަޅުގަނޑު މި ދެންނެވި ފަދައިން، ސަލާމަތްވެވޭނީ އަޅުގަނޑުމެންނަށް އެކީގައި ގިނަ މަސައްކަތްތަކެއް ކުރެވިގެން.

މި ދަނޑިވަޅުގައިވެސް އަޅުގަނޑުމެން ވިސްނަންޖެހޭ އެއްކަމެއް އެބައޮތް. އަޅުގަނޑުމެންގެ ކިޔަވާ ދަރިވަރުން. އެ ކުދިންނަށްވެސް ގެއްލުމެއްނުވެ، ތަޢުލީމު ޙާޞިލު ކުރެވޭނެ ގޮތްތަކެއް އަޅުގަނޑުމެން ފަހިކޮށްދޭންޖެހޭނެ. އެގޮތުން، އެޑިޔުކޭޝަން މިނިސްޓްރީން ވަރަށްބުރަ މަސައްކަތްތަކެއް އެކަމުގައިވެސް އެބަ ކުރައްވާ.

މިހާރު ފެށިފައިވާ އޯ ލެވެލް އިމްތިޙާނު މެދުނުކެނޑި ކުރިއަށް ގެންގޮސް، ޖޫން 11 ގައި ނިންމަން އޮތީ. އެހާހިސާބަށް ނިންމޭގޮތަށް ކަންތައްތައް ރާވައިގެން އެބަ ކުރިއަށް ގެންދަވާ. އޭގައި ޕޮޒިޓިވްވެފައި ތިބި ކުދިންނާއި، ކޮންޓެކްޓްވެފައި ތިބި ކުދިންވެސް ވަކި ހޯލްތަކެއްގައި ބައިތިއްބައިގެން، އެ މަސައްކަތްވެސް އެބަ ކުރައްވާ.

އަދި އޭގެއިތުރުން، އޮންލައިންކޮށް ކިޔަވައިދިނުމަށް ޑޭޓާ ލިބޭނެގޮތް ހަމަޖައްސައިގެން އެބަ ކުރިއަށް ގެންދަވާ. އެއީ ދިރާގު މެދުވެރިކޮށް މިފަހަރު މި ހަމަޖެހުނީ. ދެފަރާތާ ވާހަކަ ދައްކައިގެންވެސް. އެހެން ނަމަވެސް، އުރީދޫ ބޭނުންކުރާ ފަރާތްތަކުންވެސް ވަކި ސިމެއް ލިބޭނެ އިންތިޒާމު، އެޑިޔުކޭޝަން މިނިސްޓްރީން އެބަ ހަމަޖައްސަވާ. އެހެންވީމާ، ދައްޗެއްނެތި، އެކަންވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަޖައްސައިދޭނަން. ދެންވެސް ރައްޔިތުންނަށް ދަތިވާ މިކަހަލަ ކަންތައްތަކުގައި އަޅުގަނޑުމެން ރޭވުންތެރިކަމާ އެކީގައި މި ދަނޑިވަޅުގައި އެހީތެރިކަން ފޯރުކޮށްދޭނެ ވާހަކަ ދަންނަވަން.

އަދި އޭގެއިތުރުން، މިފަދަ ދަނޑިވަޅެއްގައި ތިޔަބޭފުޅުންނާ ބައްދަލުކޮށްލެވުނީމާ، އަޅުގަނޑުމެންނާ މި މަހުގެ ކުރީކޮޅު މި ދިމާވި ޓެރެރިޒަމްގެ ނުރައްކާތެރި ކަންތަކާ ބެހޭގޮތުންވެސް އަޕްޑޭޓެއް އަޅުގަނޑު ދަންނަވާލާނަން. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް އަމާޒުކޮށް އެ ދެވުނު ޓެރަރިޒަމްގެ ޙަމަލާގެ ތަޙުޤީޤުވެސް ވަރަށް ބާރަށް ފުލުސް އޮފީހުގައި ކުރިއަށް އެބަދޭ. އެއީ ބޭރުގެ އެހީތެރިކަމާ އެކުގައި. އެމެރިކާގެ އެކްސްޕަރޓެއް މިވަގުތުވެސް އެބަހުރި. ރާއްޖޭގައި ވަރަށް އަވަހަށް އެ ތަޙުޤީޤަށް އެބޭފުޅާ ގުޅިވަޑައިގަންނަވާނެ. މިހާތަނަށް މިކަމުގައި ޢަމަލީގޮތުން ބައިވެރިވި ކަމަށް ބެލެވޭ ހަތަރު ފަރާތެއް މިވަނީ ބަންދުކުރެވިފައި. އަދި އޭގެއިތުރަށް، މިކަމުގައި އެކިވަރުވަރަށް ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭވެސް އިތުރު ފަރާތްތަކެއް ވަނީ ބަންދުކުރެވިފައި. މިހާރު ފުލުހުން ބަލަމުން އެގެންދަނީ މިކަން ރޭވުމުގައި އިސްކޮށްތިބީ ކޮންބައެއްތޯއާއި، އޭގެވެސް ވަރަށްގިނަ މަޢުލޫމާތުތަކެއް، ކަމާބެހޭގޮތުން ދާންވީ ދިމާ ހޯދުމަށްޓަކައި މަޢުލޫމާތުތަކެއް މިހާރުވަނީ އެއްކުރެވިފައި. އަދި މިކަމުގައި ފައިނޭންސް، ފައިސާ އެކުލެވިގެންވޭތޯ ބެލުމަށްޓަކައި އަޅުގަނޑު މި ދެންނެވި ފަދައިން، އެމެރިކާގެ މި އެކްސްޕަރޓާ އެކީގައި މަސައްކަތްތަކެއް ވަރަށް އަވަހަށް ކުރިއަށްދާނެ. އަދި މި ތަޙުޤީޤު ކުރިއަށްދާގޮތް ބެލުމަށްޓަކައި ސްޕެޝަލް އެންވޯއިއެއްގެ ގޮތުގައި އަޅުގަނޑުގެ ފަރާތުން މީހަކު ޢައްޔަނު ކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ނިމިގެންދާނެ.

އެހެންވީމާ، ޤައުމުގައި މިވަގުތު ހުރި މިކަހަލަ ބޮޑެތި ހުރިހާ ކަމަކަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިދަނީ ބަލައިގެން، އެ ހުރިހާ ކަމެއް ޙައްލުކުރެވޭތޯ ބަލަމުން. އެހެންނަމަވެސް، މިވަގުތު އަޅުގަނޑުމެންނަށް ކުރިމަތިވެފައި އޮތް އެންމެބޮޑު އެއްކަމަކީ، ކޯވިޑް ކަމަށްވާތީ، މިކަމުން އަރައިގަތުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކަށް ވަރަށްބޮޑު އިސްކަމެއްދީގެން، އަޅުގަނޑުމެން ކުރިއަށް މިދަނީ.

ނަސީމް އެއްޗެއް ވިދާޅުވެލައްވަން އެބައޮތްތޯ؟

އަޙްމަދު ނަސީމް - މިނިސްޓަރ އޮފް ހެލްތު:

އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންނަށް މިހާރު މި ވެކްސިންގެ ކަންތަކުގައި، އެއަށް ދެން ހުރިހާ ބޭފުޅުންވެސް ސުވާލު ކުރެއްވީމާ، އަޅުގަނޑު ދަންނަވާލާނަން. އަޅުގަނޑުމެންނަށް ވަރަށްބޮޑު ކާމިޔާބެއް ކުރެވުނު ވެކްސިން ޖެހުމުގައި. އެ ކާމިޔާބު މި އަންނަނީ އަޅުގަނޑުމެންނަށް އަނެއްކާ އިދިކޮޅަށް ދިމާވެގެން. އެއީ އަޅުގަނޑުމެންނަށް ވެކްސިން ދޫކުރުމަށް ގާވީން މައްސަލަ ޖައްސަނީ އަޅުގަނޑުމެން މާގިނަ ވެކްސިން ޖަހާފައި އޮތީމާ. އެހެންވީމާ، މިކަހަލަ ކަންތައްތަކުން އަޅުގަނޑުމެންނަށް ދަތިތަކެއް ދިމާވެގެން މިއުޅެނީ. އަޅުގަނޑު އެބޭފުޅުންނާ މަޝްވަރާ ކުރަމުން، ވާހަކަ ދައްކަމުން މިގެންދަނީ. މި ކަންތައްތައް ސަރުކާރުގެ ކަމާބެހޭ ހުރިހާ ފަރާތްތަކާވެސް އަޅުގަނޑު ވާނީ ޙިއްޞާކޮށްފައި.

އެހެން ނަމަވެސް، އަޅުގަނޑުގެ އުއްމީދަކީ އިނގޭތޯ، އަޅުގަނޑުގެ އުއްމީދަކީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކުރާ މަސައްކަތުން އަޅުގަނޑުމެންނަށް މި ވެކްސިން ހަމަ ގާވީ އޯގަނައިޒޭޝަންގެ ތެރެއިންވެސް، އެމީހުން ދޭން ބުނެފައި އޮތް ޢަދަދަށް އަޅުގަނޑުމެންނަށް ލިބިއްޖެ ކަމަށްވަނީވިއްޔާ، އަޅުގަނޑުމެންނަށް އެސްޓްރާޒެނެކާ ލިބޭނެއޭ. އެހެންވީމާ، އެކަމަށް އަޅުގަނޑު މިހާރު އެންމެބޮޑު ސަމާލުކަމެއްދީގެން މަސައްކަތް ކުރަމުން މިގެންދަނީ. އިރާދަކުރެއްވިއްޔާ، ކުރިއަށް މިއޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑަށް ކޮންމެވެސްކަހަލަ ސިގްނަލްތަކެއް ލިބޭނެ އެކަމާ ދޭތެރޭގައި.

އަޅުގަނޑުގެ އުއްމީދަކީ، އަޅުގަނޑުމެންގެ ރީޖަނަލް ޑިރެކްޓަރ ޑޮކްޓަރ ޕޫނަމް އެ ކުރައްވާ މަސައްކަތުން އަދި އަޅުގަނޑުމެންގެ ސަރުކާރުން މި ކުރެވޭ މަސައްކަތުން، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުން އަޅުގަނޑުމެންނަށްޓަކައި ކޮށްދެއްވާ މަސައްކަތްތަކުން މި ކަންތައް އަޅުގަނޑުމެންނަށް ކާމިޔާބުވާނެ ކަމަށް. އެއީ އަޅުގަނޑަށް ދެންނެވެން އޮތް އުފާވެރި ޚަބަރަކީ އިނގޭތޯ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ކޮންމެވެސް ގޮތްތަކެއް ވާނެ. އެބޭފުޅުން ދެއްވަން އޮތް އެތިކޮޅު އަޅުގަނޑުމެންނަށް ލިބޭނެގޮތެއްވޭތޯ މި މަސައްކަތް ކުރަނީ. އެއީ އަޅުގަނޑުގެ އެންމެބޮޑު އުއްމީދަކީ އިނގޭތޯ.

ދެން މިހެން އަދި ދެންނެވިޔަސް، އެބޭފުޅުން ދެއްވީމާ އަޅުގަނޑުމެންނަށް ލިބޭނީ އިނގޭތޯ. އަޅުގަނޑުމެންނަށް މާގިނަ ޢަދަދަކަށް ވެކްސިން ޖެހިފައި ހުރީމާ. ރައީސް ކުރިން ފާހަގަކުރެއްވި ގޮތަށް، ބައެއް ޤައުމުތައް އެބަހުރި، ހަމަ އެންމެ ވެކްސިނެއްވެސް ނުޖަހާހުރި ޤައުމުތައްވެސް. އެހެންވީމާ، އެކަހަލަ ދަތިތަކެއް އުޅޭތީ މި އުނދަގޫވެގެން މިއުޅެނީ. އެކަމަކު އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ﷲގެ ވާގިފުޅާއެކު މިކަންތައްތައް ކާމިޔާބުވާނެ. އަދި އަޅުގަނޑުމެންގެ ރާއްޖެ މިކަމުން މާލަސްތަކެއްނުވެ ސަލާމަތުގެ އައްސޭރިއަކަށް ދަތުރުކުރެވޭނެ ކަމަށް އަޅުގަނޑުގެ އުއްމީދަކީ.

ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.

ޑޮކްޓަރ ނަޒްލާ މުޞްޠަފާ - އެޗް.ޕީ.އޭ:

އާދެ، އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، ޢާއްމުކޮށް ކޯވިޑް ޖެހިފައި، ހަފްތާއެއްވަރުގެ ތެރޭގައި ރަނގަޅުވޭ. އެކަމަކު ބައެއް މީހުން ފަސް ދުވަހާއި ދިހަ ދުވަހުގެ ތެރޭގައި އިތުރަށް ސަކަރާތްވާން ފަށާފާނެ. މިގޮތުން، އިތުރަށް ހުންގަދަވެ، ހީކަރުވައި، ވަރުބަލިވެ، ނޭވާ ކުރުވެ، ނޫނީ ބޮޑަށް މޭގައި ރިއްސައި، ހެޔަށްގޮތްވެ، އަތްފައި ނޫވެ، އެކަހަލަ އިތުރު ކަމެއް ފެންނަންޏާ، ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކާލުން ވަރަށް މުހިއްމު. އަދި ޚާއްޞަކޮށް، މިކަހަލަ ނިޝާންތަކަށް، އިތުރަށް ވަރުބަލިވޭތޯ، ނޫނީ އިތުރަށް ހުންގަދަވޭތޯ، ދުވަސްވީ މީހުންނާއި، އެއްވެސްކަހަލަ ކިޑްނީ މައްސަލަތައް، ހަކުރުބަލި، ހިތުގެ ބަލި، ނޫނީ މިކަހަލަ އެއްވެސް ކަމަކަށް ބޭސްކުރާ ފަރާތްތަކުން އިތުރަށް ބެލުމަށް ދަންނަވާލަން. އަދި މީގެތެރޭގައި، ބަނޑުބޮޑު މީހުންވެސް ހަމަ އިތުރަށް ސަމާލުކަން ދިނުމަށް ދަންނަވާލަން.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ ހުރިހާ ބޭފުޅުންނަށްވެސް. ހުރިހާ ބޭފުޅުންނަށް ބާއްޖަވެރި ރެޔަކަށް އެދެމުން، އަޅުގަނޑުމެން ވަކިވެލަން.