މި ވަގުތު ސަރުކާރުން އެންމެ އިސްކަމެއް ދިނުމަށް ނިންމާފައިވަނީ ރާއްޖެ ކޮވިޑް19 އިން ރައްކާތެރިކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށްކަމަށާއި، އެގޮތުން ސަރުކާރުގެ ހުރިހާ ވަޞީލަތެއް މިކަމަށް ޙާއްޞަކުރެވިގެން ދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވާ ކޮވިޑް-19 އާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރައްވަމުންނެވެ.

ކޮވިޑް-19 ގައި ރާއްޖޭގެ ހާލަތު މިހާރު ގޮސްފައިވާ ހިސާބު ބަޔާންކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ވޭތުވެ ދިޔަ އެއް އަހަރު ތެރޭގައި ޕޮސިޓިވް ވި މީހުންނާ ނިޔާވި މީހުންނާ ގާތްގަނޑަކަށް އެއްވަރަށް މި މަހު އެކަނި ޕޮސިޓިވް ވެ މީހުން ނިޔާވެފައި ވާކަމަށެވެ. އަދި މިއީ ކަންބޮޑުވެވަޑައިގަންނަވާ ހިސާބުގައި މިވަގުތު އޮތް ކަމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޙާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް އިތުރަށް އެޅުމަށް ނިންމަވާފައިވާ ބައެއް ފިޔަވަޅުތައް މާދަމާގެ ވަގުތެއްގައި އަޅަންފަށާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ މި ފިޔަވަޅުތަކުގެ ތަފްޞީލު ނޫސްވެރިންނާއި ޙިއްޞާކުރައްވާފައެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޞިއްޙީ ޚިދުމަތްތެރިން ވަރުބަލިކަމެއްނެތި ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑް19 ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކަށް ލުޔެއް ހޯދައިދެއްވުމަށް ސަރުކާރުން ކޮށްދެއްވަން ނިންމަވާފައިވާ ކަންކަމާއި ގުޅޭ ތަފްޞީލީ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. އެގޮތުން ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ގޭބިސީތަކުގެ ފެންބިލުން 30 އިންސައްތަ ޑިސްކައުންޓް އަދި ވިޔަފާރިތަކުގެ ފެންބިލުން 20 އިންސައްތަ ޑިސްކައުންޓެއް ދެއްވުމަށް ނިންމަވާފައިވާ ކަމަށާއި، ގޭބިސީތަކުގެ ކަރަންޓު ބިލުން 40 އިންސައްތަ އަދި ވިޔަފާރިތަކުގެ ކަރަންޓު ބިލުން 20 އިންސައްތަ ޑިސްކައުންޓް ދިނުމަށް ސަރުކާރުން ނިންމަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރުން ކުދި ވިޔަފާރިތަކަށް ސޮފްޓް ލޯނު ދިނުމަށް ނިންމަވާފައިވާ ކަމަށާއި، ބެންކް އޮފް މޯލްޑިވްސް މެދުވެރިކޮށް "ސްޓިމިއުލެސް ލޯން" ޖޫން މަހު ދިނުމަށް ނިންމަވާފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުންވެސް ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހުރިހާ ދިވެހިން ގުޅިގެން ސަރުކާރާ އެއްބައިވެގެން ކޮވިޑް19 ފެތުރުން ހުއްޓުވުމުގައި އަތުކުރިއޮޅާލައިގެން މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ. އަދި އެމަނިކުފާނު ވިދާޅުވީ އަލަށް އަޅަންފަށާ ފިޔަވަޅުތައް ތަންފީޒުވާން ފެށުމުން އާންމު ހާލަތަށް އަވަހަށް ރުޖޫޢަވެވޭނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، އެމަނިކުފާނު ވަނީ ކޮވިޑް19 ގެ ވެކްސިން ގެނައުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ތަފްޞީލުކޮށް ބަޔާންކޮށްދެއްވާފައެވެ. އެގޮތުން ކޮވިޑް19 ވެކްސިން ރާއްޖެއަށް ފޯރުކޮށްދިން ޤައުމުތަކާއި، ސަރުކާރަށް އިތުރަށް ވެކްސިން ހޯދުމަށް ބޭނުންވެގެން ސަރުކާރުގެ ފަރާތުން ވާހަކަ ދެއްކުނު ޤައުމުތަކުގެ ނަންތަކާއި، އެޤައުމުތަކުން ގެނައުމަށް މަސައްކަތްކުރާ ވެކްސިންގެ އަދަދުތައް ވެސް އެމަނިކުފާނު މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބަޔާންކޮށްދެއްވެވިއެވެ.

މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނޫސްވެރިން އެކި ދާއިރާތަކުން ކުރިމަތިކުރި ސުވާލުތަކަށް ތަފްޞީލީގޮތެއްގައި ޖަވާބުދެއްވާފައެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމް އާއި އެޗް.އީ.އޯ.ސީ ގެ ފަރާތުން ޑރ. ނަޒްލާ މުޞްޠަފާ ބައިވެރިވެ ވަޑައިގެންނެވިއެވެ.