ތިމާވެށި ރައްކާތެރިކުރުމުގައި ކުދި ޤައުމުތަކުގެ އަޑު އުފުލައިދިނުމަށާއި، ތަރައްޤީވެފައިވާ ޤައުމުތަކުން ތިމާވެއްޓާ ގުޅޭގޮތުން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާޞިލުވޭތޯ ކަށަވަރުކުރުމުގެ މަޤްޞަދުގައި، އިނގިރޭސިވިލާތުގެ ވަލީއަޙުދު ހިޒް ރޯޔަލް ހައިނަސް ޕްރިންސް އޮފް ވޭލްސް ޗަރލްސް ފިލިޕް އަރތަރ ޖޯޖްގެ އިސްނެންގެވުމަށް ވަރޗުއަލްކޮށް މިއަދު ބޭއްވުނު އޭޝިޔާ ސަރަޙައްދުގެ ކޮމަންވެލްތް ޤައުމުތަކުގެ އިސް ވެރިންެގެ ވަށްމޭޒު ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ. އަދި، މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުނިޔޭގެ ފިނި ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓޭތޯ މަސައްކަތްކޮށްދިނުމަށް ހުރިހާ ޤައުމުތަކަށް ގޮވާލައްވާފައެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ އިތުރުން ސިންގަޕޫރު، ބަންގްލަދޭޝް، މެލޭޝިޔާ، އަދި، ސްރީލަންކާގެ ރައީސުންނާއި ބޮޑުވަޒީރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިއަދު ކުރިޔަށް ދިޔަ މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށްޓަކައި ތިމާވެއްޓާ ރަށްޓެހި ޓެކްނޯލޮޖީއަށް އިންވެސްޓް ކުރަންޖެހޭކަމަށާއި، މި ބަދަލު ގެނެވޭނީ މިފަދަ ޓެކްނޯލޮޖީ ޤާއިމުކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ކަށަވަރުވެގެންކަމުގައެވެ. މިގޮތުން އެމަނިކުފާނު ވަނީ އަންނަ ނޮވެމްބަރު މަހު ސްކޮޓްލަންޑްގެ ގްލަސްގޯ ގައި ބޭއްވުމަށް ރާވާފައިވާ ކޮޕް26 ސަމިޓްގައި މިކަމަށް ތާޢީދުކުރެއްވުމަށް ވަށް މޭޒުގެ ބައިވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރަށް ތަފްޞީލުކޮށް ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ދިމާވަމުންދާ މޫސުމީ ގޮންޖެހުންތަކުގެ މަޢުލޫމާތު ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރައްވާފައެވެ. އަދި، އެމަނިކުފާނު ވިދާޅުވިގޮތުގައި ކްލައިމެޓް ޕްލޭންގައިވާ ގޮތަށް މިކަމުގެ ޙައްލަކީ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުން އެކަނި ނޫންކަމަށާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކާ އެއްވަރަށް ވިލުންވެރިކަން އިތުރުކޮށް، ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ތިމާވެއްޓާ ރައްޓެހި ވަށްޓަފާޅިއެއް ގެންގުޅުން މުހިންމު ކަމުގައެވެ.

އެމަނިކުފާނު ވަނީ ރާއްޖޭގެ އިޤްތިޞާދުގެ ނާރެހަކީ ކަނޑުފަޅާ ނުހަނު ބޮޑަށް ގުޅިފައިވާ އެއްޗެއް ކަމަށް ވިދާޅުވެފައެވެ. އަދި، ރާއްޖޭގެ ޤުދްރަތީ ވަޞީލަތްތައް ރައްކާތެރިކޮށް ބަދަލުވަމުންދާ މޫސުމަށް ދިރިއުޅުމުގެ ހުރިހާކަމެއް ހޭނުމުގެ މުހިންމުކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ރާއްޖެ ފަދަ ނާޒުކު ޤައުމަކުން އަލުން އިޤްތިޞާދު އާރާސްތުކުރުމުގައި ދެމެހެއްޓެނިވި ވިލުންވެރި ގޮތްތަކެއް ޚިޔާރުކުން މުހިންމުކަމުގައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެ ތަރައްޤީކުރުމުގައި ތިމާވެއްޓާ ރައްޓެހި ފެހި މިސްރާބަކަށް ގެންދިޔުމަށް މަސައްކަތްކުރާކަމުގައި ވިދާޅުވެފައެވެ. މިގޮތުން، ރާއްޖެއިން ކްލައިމެޓް އިމަރޖަންސީ ޤާނޫނެއް އެކުލަވާލައި އެ ޤާނޫނު ތަޞްދީޤުކޮށްފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި ޤާނޫނަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިވެހިންނާއި ދިވެހިރާއްޖެ ރައްކާތެރިކޮށް ޙިމާޔަތްކުރުމަށްޓަކައި ތަންފީޛުކުރަންޖެހޭ ސިޔާސަތުތައް އެކުލަވާލުމުގެ ގޮތުން އުފެއްދި ޤާނޫނެކެވެ. މި ޤާނޫނުގައިވާ ގޮތުން 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެ ކާބަން ނިއުޓްރަލް ޤައުމަކަށް ހެދުމަށް ވަނީ ލަނޑުދަނޑިއެއް ކަނޑައަޅާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި ބްލޫ ޕްރޮސްޕެެރިޓީ ކޯލިޝަނާއެކު ކުރަމުންދާ ކަނޑުފަޅުގެ ދިރާސާ އަދި މެރިޓައިމް ސްޕޭޝަލް ޕްލޭންގެ މަސައްކަތުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި، އެމަނިކުފާނު ވަނީ ރާއްޖޭގެ ކަނޑުތަކުގައި ޚާއްޞަ ސަރަޙައްދުތަކެއް ކަނޑައަޅާ ޙިމާޔަތްކުރެވިފައިވާ ކަމުގައި ވިދާޅުވެފައެވެ.

މިއަދުގެ ބައްދަލުވުމާއެކި ނިމިގެން އެދިޔައީ ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޗަރލްސް އިސްނަންގަވައިގެން ސިލްސިލާކޮށް ކުރިޔަށްގެންދެވި ސަރަޙައްދީ ކޮމަންވެލްތް ލީޑަރުންގެ ވަށްމޭޒު ބައްދަލުވުމުގެ އެންމެ ފަހު ބައްދަލުވުމެވެ. މި ބައްދަލުވުންތަކުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވިފައިވަނީ އިޤްތިޞާދު އާރާސްތުކުރުމާއި، މޫސުމަށް އަންމުންދާ ބަދަލުތަކާއި، ދެމެހެއްޓެނިވި ގޮތެއްގައި އިންވެސްޓްކުރެވޭނެ ގޮތްތަކާ ބެހޭގޮތުންނެވެ. މި ބައްދަލުވުންތަކުގެ ސަބަބުން ކޮޕް26 ސަމިޓަށް ތައްޔާރުވުމުގައި ކޮމަންވެލްތް ޤައުމުތަކުން ގުޅިގެން ނިންމުންތައް ނިންމުމަށް އެހީތެރިވެދެއެވެ.
މި ބައްދަލުވުންތައް އިންތިޒާމްކޮށްފައި ވަނީ ކޮމަންވެލްތްގެ ކުރީގެ ޗެއާރ އަދި މިހާރު ޗެއާރ ގެ ހައިސިއްޔަތުން އިނގިރޭސިވިލާތުގެ ސަރުކާރާއި ރުވާންޑާގެ ސަރުކާރުން ގުޅިގެންނެވެ.