ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އޭޝިޔާ ޕެސިފިކް ފޯރަމް އޮފް ނޭޝަނަލް ހިއުމަން ރައިޓްސް އިންސްޓިޓިއުޝަންސް (އޭ.ޕީ.އެފް)ގެ ޑިރެކްޓަރ މިސްޓަރ ކީރަން ފިޓްޒްޕެޓްރިކްއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި، އިންޓަރނޭޝަނަލް ކޯޑިނޭޓިން ކޮމިޓީ އޮފް ނޭޝަނަލް އިންސްޓިޓިއުޝަންސް ފޮރ ޕޮރޮމޯޝަން އެންޑް ޕްރޮޓެކްޝަން އޮފް ހިއުމަން ރައިޓްސް (އައި. ސީ. ސީ)ގެ މެމްބަރަކަށް ރާއްޖެ ހެދުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. 1998ން ފެށިގެން ރާއްޖެއަކީ އައި. ސީ. ސީ.ގެ އޮބްޒާވާރއެކެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިންސާނީ ޙައްޤުތައް ރައްކާތެރި ކުރެއްވުމަކީ، ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތެއް ދެއްވަމުން ގެންދަވާ ކަމެއް ކަމަށް ވިދާޅުވެ، ރާއްޖޭގައި އިންސާނީ ޙައްޤުތަކާބެހޭ ކަންތައްތައް ތަރައްޤީ ކުރެއްވުމަށް މިހާތަނަށް ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ މަސައްކަތްތަކާބެހޭ ތަފްޞީލު ދެއްވިއެވެ.
އިންސާނީ ޙައްޤުތައް ރައްކާތެރި ކުރައްވައި ތަރައްޤީ ކުރެއްވުމުގެ ދާއިރާގައި ދިވެހިރާއްޖެއިން ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާކަން މިބައްދަލުކުރެއްވުމުގައި މިސްޓަރ ފިޓްޒްޕެޓްރިކް ފާހަގަކުރައްވަމުން، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް އިތުރު މަސައްކަތްތަކެއްވެސް ކުރަން ޖެހިފައިވާ ކަމުގައި ވިދާޅުވިއެވެ.