بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އަލަށް މަޤާމާ ޙަވާލުވެވަޑައިގެންނެވި ހުރިހާ ކައުންސިލަރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އެންމެހައި މެންބަރުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިއަދު މަޤާމާ ޙަވާލުވެވަޑައިގެންނެވި ހުރިހާ ކައުންސިލަރުންނަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހުރިހާ މެންބަރުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި ތަހުނިޔާ ދަންނަވަން. ރައްޔިތުންގެ ބައިވެރިވުން ކުރިއަށްވުރެ މާބޮޑަށް ޝާމިލުވާ ގޮތަށް، ލާމަރުކަޒީ ނިޒާމަށް އަޅުގަނޑުމެން ގެނައި ބަދަލުތައް، ތަންފީޒުކުރަން ފެށުމަކީ، މިއަދު އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް.

މިއަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތާރީޚުގައި، ރަން އަކުރުން ފެވިގެންދާނެ ދުވަހެއް. ސަބަބަކީ، މިއަދަކީ ޙަޤީޤީ ލާމަރުކަޒީ ނިޒާމުން، އަތޮޅުތަކާއި ސިޓީތަކާއި ރަށްތައް، ހިންގަން ފެށުނު ދުވަސް ކަމަށްވާތީ. އަދި މިއަދަކީ، ފުރަތަމަ ފަހަރަށް ރައްޔިތުންގެ ޢާންމު ވޯޓަކުން އިންތިޚާބުކުރި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް، ޤާނޫނީ ހައިސިއްޔަތާއެކު މަސައްކަތްކުރަން ފެށި ދުވަސް ކަމަށްވާތީ. ހަމައެހެންމެ، ފުރަތަމަ ފަހަރަށް ރައްޔިތުންގެ ޢާންމު ވޯޓަކުން އިންތިޚާބުކުރި، ރަށު ކައުންސިލްތަކުގެ ރައީސުންނާއި އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި، ސިޓީތަކުގެ މޭޔަރުން، އެބޭފުޅުންގެ މަޤާމުގެ ޒިންމާތަކާ ހަވާލުވެވަޑައިގެންނެވި ދުވަސް ކަމަށްވާތީ.

މި ދެންނެވި ހުރިހާ ކަމަކުންވެސް ދޭހަވަނީ، ލާމަރުކަޒީ ނިޒާމު ހިންގާނެ މީހުން ކަނޑައެޅުމުގައި، ރައްޔިތުންގެ ބައިވެރިވުން ހިމެނިފައި އޮތް މިންވަރު. އެހެންވީމާ، މިއަދުމި ހިނގަން ފަށާ ކައުންސިލްތަކުން، އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ، ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް، ސިޓީތަކާއި ރަށްތައް ތަރައްޤީކޮށްދިނުމަށް.

މީގެ ކުރިން އިންތިޚާބުކުރި ކައުންސިލްތަކާއި، މިފަހަރު އިންތިޚާބުކުރި ކައުންސިލްތަކުގެ އެންމެ ބޮޑު އަނެއް ތަފާތަކީ، ކައުންސިލަރުންގެ ގޮތުގައި އިންތިޚާބުކުރި މީހުންގެ، ތިންބައިކުޅަ އެއްބަޔަކީ، އަންހެން ބޭފުޅުން ކަމަށްވުން. އެހެންކަމުން، ސިޔާސީ ގޮތުންނާއި އިޖުތިމާޢީ ގޮތުން އަންހެނުން ބާރުވެރިކުރުމާއި، ޤައުމީ ތަރައްޤީގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތު ހޯދައިދިނުމާއި، ރަށު ތަރައްޤީގައި އަންހެނުން ބައިވެރިކުރުމުގައިވެސް، އައު ކައުންސިލަރުން ވަރަށް މުހިންމު ދައުރެއް އަދާކުރައްވަން ޖެހިވަޑައިގަންނަވާނެ.

ލާމަރުކަޒީ ނިޒާމުން ރަށްތަކާއި ސިޓީތައް ހިންގުމުގައި އަންހެނުންގެ ޙިއްޞާ އިތުރުވުމުން، ޤައުމީ ތަރައްޤީގެ ދުވެލި އިތުރުވެގެންދާނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. މިއަދު މި ފެށުނު ކައުންސިލްތަކުގެ ދައުރާއެކު، ފިރިހެނުންނާ އެއް ހަމައެއްގައި، އަދި މަޤާމުގެ ގޮތުންވެސް އެއް ފެންވަރެއްގައި، އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުވެގެންދާނެ. އޭގެ ސަބަބުން، އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރުމާއި، އަންހެނުންނަށް ލިބެންޖެހޭ ރައްކާތެރިކަން އިތުރުކުރުމަށް، ޤައުމީ ފެންވަރުގައި ދެވޭ ސަމާލުކަން މިހާރަށްވުރެ ބޮޑުވެގެންދާނެ.

ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ގެނައި މި ބަދަލުތަކާއެކު، ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތާރީޚުގައި، މިއަދު މިވަނީ މުޅިން އައު ޞަފްޙާއެއް ލިޔަން ފަށާފައި. މި ޞަފްޙާގެ ދެލިގަނޑު ފޭދުނަ ނުދީ، ކުލަގަދަ އަކުރަކުން ލިޔުއްވަމުން ގެންދެވުމަކީ، މިއަދު މަޤާމާ ޙަވާލުވެވަޑައިގެންނެވި ތިޔަ ކައުންސިލަރުންގެ އެންމެ މަތީ ޒިންމާ ކަމުގައި ހެއްދެވުމަށް އަޅުގަނޑު އިލްތިމާސް ކުރަން.

ލާމަރުކަޒީ ޤާނޫނަށް މި ގެނައި ބަދަލުތައް ގެނައުމުގެ ކުރިން، އަޅުގަނޑުމެން ވަރަށް ފުޅާ ދާއިރާއެއްގައި، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދިން. ރައްޔިތުންގެ މަޝްވަރާއާ އެއްގޮތަށް ޤާނޫނު އިޞްލާޙުކޮށް، ލާމަރުކަޒީ ނިޒާމަށް މި ބަދަލުތައް ގެނައީ، ރައްޔިތުންގެ ވިންދު ހުރީ،އެ ބަދަލުތަކާއިގެން ކުރިއަށް ދިޔުމަށް ކަމަށްވާތީ.

މީގެ ކުރިން މަރުކަޒީ ސަރުކާރުގައި ހުރި، އިދާރީ ވަރަށް ގިނަ ޒިންމާތަކާއި މަސްއޫލިއްޔަތުތަކެއް، މިހާރު އެހުރީ ކައުންސިލްތަކާ ޙަވާލުކުރެވިފައި. ކައުންސިލަރުންނަށާއި ކައުންސިލްތަކަށްވެސް ޤާނޫނީ ބާރު ދީ، ރަށްރަށުގެ އިޚްތިޞާޞް މިހާރު އެހުރީ ކަނޑައަޅައިފައި.

ތިޔަބޭފުޅުން މިއަދު ކައުންސިލް އިދާރާތައް ހިންގެވުމާ ތިޔަ ޙަވާލުވެވަޑައިގަންނަވަނީ، ހަމައެކަނި ވަޒީފާއެއް އަދާކުރެއްވުމުގެ ހައިސިއްޔަތަކުން ނޫން. ތިޔަބޭފުޅުންގެ ކޮނޑުފުޅުގައި މިއަދު އެޅިގެންދާ ޤައުމީ ވާޖިބާއި ޒިންމާ އެއަށްވުރެ މާބޮޑު. ތިޔަބޭފުޅުންގެ އެންމެ ބޮޑު ޒިންމާއަކީ، ތިޔަބޭފުޅުންނާ ޙަވާލުކުރެވޭ، ރައްޔިތުންގެ އަމާނާތަށް ފުރިހަމައަށް ރައްކާތެރިވެ، ތިޔަބޭފުޅުންގެ ރަށާއި އަތޮޅާއި ސިޓީ ތަރައްޤީކޮށްދެއްވުން. މިއީ މަސައްކަތްކޮށް ނަތީޖާ ނެރެންވީ ވަގުތު. މިއީ ލާމަރުކަޒީ ނިޒާމަށް މިގެނައި ބަދަލުތަކުގެ، ލާބަޔާއި މަންފާ ރައްޔިތުންނަށް ހޯދައިދޭންވީ ވަގުތު.

މިހާރު ރާއްޖެއަށް ކުރިމަތިވެފައި މިވާ ކޯވިޑް-19ގެ ބަލިމަޑުކަން މުޅި ރާއްޖެއަށް ފެތުރެމުންދާ ހަލުވިމިނަށް ބަލާއިރު، މި ބަލި ކޮންޓްރޯލް ކުރުމުގައިވެސް، ކައުންސިލްތަކުން މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ޙަރަކާތްތެރިވުން ވަރަށް މުހިންމުކަމަށް އަޅުގަނޑު ދެކެން. މި ބަލި ފެތުރެމުން ދިޔުމުގެ ސަބަބުން، މިހާރުވެސް ވަރަށް ގިނަ ރަށްރަށަށް އަރައި ފޭބުން އޮތީ މަނާކޮށްފައި.

އަޅުގަނޑަށް އެނގޭ، ރަށެއް ފުރަބަންދުކޮށްލުމުން، އެ ރަށެއްގެ ރައްޔިތުންނަށް ކުރިމަތިވާނެ އުނދަގުލާއި ދަތިތައް. އެހެން ނަމަވެސް، މި އުނދަގޫ ދަތި ޙާލަތުން އަވަހަށް އަރައިގަނެވޭނީ، ބަލި ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތައް މިހާރަށްވުރެ ފުރިހަމައަށް ތަންފީޒުކޮށްގެން. މިއީ، މިއަދު މަޤާމާ ޙަވާލުވެވަޑައިގަންނަވާ ކައުންސިލަރުން ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވަންޖެހޭނެ ކަމެއް.

އަޅުގަނޑު އުންމީދު ކުރަނީ، ލާމަރުކަޒީ ނިޒާމަށް މި ގެނައި މުހިންމު ބަދަލުތަކާއެކު، ރަށްރަށަށް ހަލުވި ތަރައްޤީއެއް އަންނާނެ ކަމަށް. އަދި ސިޔާސީ ގޮތުން އަންހެނުން އިތުރަށް ބާރުވެރިވެ، ފަސްޖެހުމެއްނެތި، ޤައުމީ ތަރައްޤީގެ ކަންކަމުގައި ޙަރަކާތްތެރިވެ އުޅުމުގެ ހިތްވަރާއި ކެރުން، ރާއްޖޭގެ އަންހެނުންނަށް ލިބިގެންދާނެ ކަމަށް.

ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްޤީ ކުރުމަށް މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَ ބަރަކާތް ލައްވައި، ތަރައްޤީގެ މަޝްރޫޢުތައް ފުރިހަމަ ކުރުމުގެ ހެޔޮ ތައުފީޤު ދެއްވާށި. ރާއްޖޭގައި ޞުލްޙަ މަސަލަސްކަން ޤާއިމުކުރައްވައި، ކޯވިޑުގެ ވަބާއިން މުޅި އިންސާނީ ދަރިފަސްކޮޅު ރައްކާތެރި ކުރައްވައި، ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަން އަޅުގަނޑުމެން އެންމެންނަށް އެކަލާނގެ މިންވަރު ކުރައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.