ހެންވޭރު ނީލްވިލާ އަލްމަރްޙޫމާ ނާއިލާ އިބްރާހީމް ކަލޭފާނަކީ ރާއްޖޭގެ މިހާރުގެ ޤައުމީ މަންހަޖުގެ ތަސައްވަރު، 'ކުދިން ދިރިއުޅުމަށް ތައްޔާރުކުރުން'، އޭގެ އެންމެ ފުރިހަމަ މާނައިގައި އޭރުވެސް ތަންފީޒުކުރެއްވި ބޭކަނބަލެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ނާއިލާ އިބްރާހީމް ކަލޭފާނު ލިޔުއްވާފައިވާ "ޒީނާރު" ފޮތަށް ނާއިލާގެ ދަރިކަނބަލުން ލީނާ އިތުރު ރެސިޕީތައް ހިމަނުއްވައިގެން ތައްޔާރުކުރައްވައިފައިވާ ޒީނާރުގެ އާ އެޑިޝަން ނެރެދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ފޮތް ނެރެދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި އެކަމަނާ ވިދާޅުވީ މިހާރުވެސް ނާއިލާ ޒީނާރުގައި ލިޔުއްވާފައިވާ 'ފޯވަރޑް' ވިދާޅުވި ދުވަހުގައި ކުރެއްވުނު އުފާވެރި އިޙްސާސް ހަނދުމަފުޅު ހުންނަ ކަމަށެވެ. ނާއިލާ ލިޔުއްވާފައިވާ ޒީނާރު މި ފޮތް ނާއިލާ ޚާއްޞަކުރައްވާފައިވަނީ ނާއިލާގެ ދެ ދަރިކަނބަލުންގެ އިތުރުން، ނާއިލާ ކިޔަވާދެއްވައިފައިވާ ހުރިހާ އަންހެން ދަރިވަރުންނަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ އެކަމަނާއަކީ ނާއިލާގެ ދަރިވަރަކަށް ވާތީ ފޮތް ޚާއްޞަކުރެއްވި ފަރާތްތަކުގެ ތެރޭގައި އެކަމަނާވެސް ހިމެނިވަޑައިގެންފައިވުމުން އުފާފުޅު ކުރައްވާ ކަމަށެވެ. މީގެ އިތުރުން އެކަމަނާ ވަނީ އަލްމަރްޙޫމާ ނާއިލާ އިބްރާހީމް ކަލޭފާނު ތައްޔާރުކުރައްވާފައިވާ ފޮތުން، މިންތީގެ ހަމަހަމަކަން އޮތް މި ޒަމާނުގައި އަންހެން ފިރިހެން ހުރިހާ ފަރާތެއް ނިސްބަތްވާގޮތަށް އެންމެނަށްވެސް ޒީނާރު ފޮތުގެ ފައިދާ ލިބިގެން ދިއުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން، އެކަމަނާ ވަނީ ނާއިލާ ޓީޗަރަކަށް ހުންނެވި ދުވަސްވަރު ނާއިލާގެ މަސައްކަތްތައް ހުންނަގޮތް ސިފަކޮށްދެއްވާފައެވެ. އެގޮތުން ނާއިލާ ޓީޗަރުކަން ކުރައްވަމުން ގެންދެވީ ދަރިވަރުންގެ މެދުގައި ތަފާތުކުރުމެއް ނުގެންގުޅުއްވާ ހަމަހަމަ ކަމަށް އިސްކަން ދެއްވައިގެން ކަމަށް ވިދާޅުވިއެވެ. އަދި ނާއިލާ އަކީ ހުރިހާ ދަރިވަރުންނަށްވެސް ހެޔޮފުޅު ޓީޗަރެއް ކަމަށާ، ދަރިވަރުން ހަމަމަގަށް އަޅުއްވަން ޖެހިވަޑައިގެންފިނަމަ ވަކި ދަރިވަރަކަށް ނުބައްލަވާ އެކަން ކުރައްވާ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ވަނީ ވިދާޅުވެފައެވެ.

ޒީނާރު ފޮތަކީ އިހުޒަމާނުގެ ވަރަށް ގިނަ ދިވެހި ކެއުންތަކުގެ ރެސިޕީތަކާއި ދުނިޔޭގެ އެހެން ޤައުމުތަކުގެ ބައެއް ރެސިޕީތައް ހިމެނޭ ފޮތެކެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ނެރެދެއްވި ޒީނާރުގެ އާ އެޑިޝަންގައި ކުރީގެ ރެސިޕީތަކުގެ އިތުރުން، މިހާރުގެ ކެއުންތަކުގެ ވަރަށް ގިނަ އާ ރެސިޕީތައް ނާއިލާގެ ދަރިކަނބަލުން ލީނާ ހިމަނުއްވާފައިވެއެވެ.