بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ނިމިގެން މިދިޔަ ބަރަކާތްތެރި ރަމަޟާން މަހު، ރޯދައިގެ އަޅުކަން ފުރިހަމަ ކުރުމުގެ ހެޔޮ ތައުފީޤާއި މަތިވެރި ނަސީބު، އަޅުގަނޑުމެންނަށް މިންވަރުކުރެއްވި ކަމަށްޓަކައި، މާތް ﷲގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. ހަމައެއާއެކު، މިއުފާވެރި ފިޠުރު ޢީދުގެ ހެޔޮ އެދުމާއި ތަހުނިޔާ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން. އަދި މިއުފާވެރި މުނާސަބަތުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި މުޅި އިސްލާމީ އުންމަތަށްވެސް ފޮނުވަން.

ޢީދު ދުވަހަކީ، ދީނީ ގޮތުންނާއި ޘަޤާފީ ގޮތުންނާއި އިޖުތިމާޢީ ގޮތުންވެސް، އަޅުގަނޑުމެންގެ ހިތްތަކުގައި ވަރަށް ޚާއްޞަ ޤަދަރެއް ދެވިފައިވާ ދުވަހެއް. ޢާއިލީ ގުޅުންތައް ބަދަހިކުރުމާއި، އެކަކު އަނެކަކަށް އެހީތެރިކަން ފޯރުވައި، އެކުވެރިކަމާއެކު ސަލާންގަލާންކޮށް، ހަދިޔާ ބަދަލުކޮށް އުޅުމުގެ ދުވަހެއް. އެހެންކަމުން، މި އުފާވެރި ޢީދު ދުވަހު، ގާތްތިމާގެ މީހުންނަށާއި އެކުވެރިންނަށް ޢީދުގެ ތަހުނިޔާ ފޮނުވައި، ހާލުއަހުވާލު އޮޅުންފިލުވައި އުޅުމަށް، އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ.

މިއަހަރުގެ ފިޠުރު ޢީދު އަޅުގަނޑުމެންނާ ބައްދަލުވިއިރު، މުޅި ޤައުމު މިވަނީ ކުއްލި ސިހުމެއްގެ ތެރޭގައި. އާދެ، މިމަހުގެ 6 ވަނަ ދުވަހުގެ ރޭ އިރާކޮޅު، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ސީދާ އަމާޒުކޮށް، މާލޭގައި ދިން ބޮމުގެ ނުރައްކާތެރި ޙަމަލާއަކީ، އަޅުގަނޑުމެންގެ ހިތްތަކަށް ބިރުވެރިކަމާއި، ނުތަނަވަސްކަން ނިހާޔަތަށް ވެރިކުރުވި ޓެރަރިސްޓް ޙަމަލާއެއް.

މި ޙަމަލާގައި ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގެންނެވި، ރައީސް ނަޝީދަށް އަވަސް ޝިފާއެއް ދެއްވައި، އެމަނިކުފާނަށް ފުރިހަމަ ޞިއްޙަތެއް ދެއްވުން އެދި ދުޢާކުރަން. އަދި މިނުރައްކާތެރި ޙަމަލާގައި ޒަޚަމްވި ސިފައިންގެ ބޭކަލުންނަށާއި، އަދި އެކި ގޮތްގޮތުން އަނިޔާ ލިބުނު އެންމެންނަށް، މާތް ﷲ އަވަސް ޝިފާއެއް މިންވަރު ކުރެއްވުން އެދި ދުޢާ ކުރަން.

ރައީސް މުޙައްމަދު ނަޝީދަށް ދިން، އެ ޙަމަލާއަކީ، އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ޢަމަލެއް ނޫން. އެއްވެސް މީހެއްގެ ފުރާނަ ދުއްވައިލުމަށް ޙަމަލާއެއް ދިނުމަކީ، ކުޑަވެސް އިންސާނިއްޔަތުކަމެއް ހުރި މީހަކު ކުރާނެ ކަމެއް ނޫން. އެޒާތުގެ ޢަމަލުތަކުން، އެބަޔަކު ބޭނުންވާ އެއްވެސް މަޤްޞަދެއް، މާތް ﷲގެ އިރާދަފުޅުން މި ފަސްގަނޑުގައި ޙާޞިލެއް ނުވާނެ.

މާތް ﷲގެ މަދަދާއި ވާގިފުޅާއެކު، ޤާނޫނުތައް އެފަދަ މީހުން ވަށައިލާނެ. ޢަދުލު އިންޞާފު އަރައި ހަމަކުރާނެ. އެ ޙަމަލާ ދިނުމުގައި ބައިވެރިވި ކަމަށް، މިހާތަނަށް ފާހަގަކުރެވުނު ތިން މީހަކު، މާތް ﷲގެ އިރާދަފުޅުން މިހާރު އެތިބީ، ޤާނޫނުގެ ބާރުގެ ދަށަށް ގެނެވިފައި. މިނިވަން ތަޙުޤީޤަކަށްފަހު، އިންޞާފުގެ ކުރިމައްޗަށް އެމީހުން ގެނެވޭނެ. އެމީހުން އެކުރި ޢަމަލުތަކަށް އެމީހުން ޒިންމާދާރު ކުރުވޭނެ.

މިއީ ހަމައެކަނި، މި ތިން މީހުންނާ ހަމައިން ނިމޭނެ ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން. މިކަމުގެ އަޑީގައި ތިބި ބަޔަކު ހޯދައި، އެބަޔަކު ވެސް އިރާދަކުރެއްވިއްޔާ އިންޞާފުގެ ކުރިމައްޗަށް ގެންނާނަން.

މިފަދަ ދަށު ދަރަޖައިގެ ލާއިންސާނީ ޢަމަލުތަކުގެ ސަބަބުން، އަޅުގަނޑުމެންގެ އިޖުތިމާޢީ ގުޅުންތަކަށްވެސް ވަރަށް ބޮޑަށް އެބަ އަސަރު ކުރޭ. މުޖުތަމަޢުގެ ހަމަޖެހުމާއި އުފާވެރިކަން ގެއްލިގެން އެބަދޭ. ޢީދު ފާހަގަކުރުމަށް، އިސްލާމްދީނުގައި ކަނޑައަޅުއްވާފައި ހުރި ކަންކަމަށް ބަލާއިރު މުޅިންވެސް ފެންނަނީ، އެއް މުސްލިމަކު އަނެއް މުސްލިމަކަށް، އަދި އެއް އިންސާނަކު އަނެއް އިންސާނަކަށް، އޯގާތެރިވުމާއި އެހީތެރިވުމާއި، ހިތްހެޔޮކަން ފާޅުކުރުމާއި، އުފާވެރިކަމާއެކު ބައްދަލުކުރުމަށް މަގުފަހިކޮށްދޭ ކަންކަން.

މިއަހަރުގެ ފިޠުރު ޢީދު ދުވަހާ ބައްދަލުކުރިއިރު، ޢީދުގެ އުފާތަކަށް އެޅިފައިވާ އަނެއް ހުރަހަކީ، މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން، މުޅި ދުނިޔޭގައި ފެތުރެމުންދާ، ކޯވިޑް-19ގެ ބަލިމަޑުކަން. މިބަލިން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި، އެތައް ދުވަހަކު ވެރިރަށް މާލެ ފުރަބަންދުގައި ބޭއްވުނު. ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ފަތުރުވެރިކަން މެދުކަނޑައިލެވުނު. އޭގެ ސަބަބުން، ބަލި ޖެހޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށް ދަށަށްދިޔަ.

ނަމަވެސް އިޤްތިޞާދަށް ލިބުނު ގެއްލުން އިންތިހާއަށް ބޮޑު. ކޯވިޑް-19ގެ ސަބަބުން، ނިސްބަތުން އެންމެ ބޮޑު އިޤްތިޞާދީ ގެއްލުމެއް ކުރިމަތިވި އެއް ޤައުމަކީވެސް ރާއްޖެ. ހަތަރު މަސްދުވަހުގެ މެދުކެނޑުމަކަށްފަހު، ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި، ފަތުރުވެރިކަން ފަށާފައި ވިޔަސް، އަދިވެސް ރާއްޖޭގެ އިޤްތިޞާދު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި.

ބަލި މުޅިން ކޮންޓްރޯލް ނުވިޔަސް، ވިޔަފާރިތައް ހުއްޓި، އާމްދަނީ ހޯދޭނެ ގޮތެއްނެތި، ރައްޔިތުންގެ ދިރިއުޅުމަށް ކުރިމަތިވި ގޮންޖެހުންތަކާ ގުޅިގެން، ލުއިތަކެއް ދޭން ޖެހުނު. އެ ލުއިތަކާއެކު، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެކަށީގެންވާ ވަރަށް ސަމާލުކަން ނުދެވުމުން، އަނެއްކާވެސް މި ފެންނަނީ ބަލިފެތުރުން އިތުރުވާ މަންޒަރު.

މިހާރުގެ ޙާލަތަށް ބަލާއިރު، މި ބައްޔާ ދެކޮޅަށް، އަޅުގަނޑުމެން އެންމެންނަށް އެކުގައި މަސައްކަތް ނުކުރެވިއްޖެނަމަ، ޞިއްޙީ ނިޒާމަށް އޮބިނޯންނަ މިންވަރަށް ޙާލަތު ގޯސްވެދާނެ. މިބައްޔަށް މިހާރު މީހުން ފައްސިވާ ނިސްބަތަށް ބަލާއިރު، އިތުރު ފިޔަވަޅުތަކެއް އަޅަން މިވަނީ މަޖުބޫރުވެފައި.

މިއަދު އަޅަން ފަށާފައިވާ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒުކުރުމުގައި، ރައްޔިތުންގެ އެއްބާރުލުން އިންތިހާއަށް ބޭނުންވާނެ. ތިމާގެ އަމިއްލަ ޞިއްޙަތަށް އެކަންޏެއް ނޫން. މުޅި މުޖުތަމަޢުގެ ރައްކަލަށްޓަކައި މި ފިޔަވަޅުތައް ތަންފީޒުކުރަންޖެހޭ. އަދިވެސް ވަގުތު ފާއިތެއްނުވޭ. އަޅުގަނޑުމެންގެ ފަރުދީ ޒިންމާއަށްވުރެ، މި ބަލި ކޮންޓްރޯލް ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ، އެހެން އެއްވެސް ކަމެއް ނެތް.

މިއަދު އަޅަން ފެށި ފިޔަވަޅުތަކަށް ރަނގަޅަށް ޢަމަލުނުކޮށްފިއްޔާ، އިތުރު ފިޔަވަޅުތައް އަޅަންޖެހުމަކީ އެކަށީގެންވާ ކަމެއް. އެފަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފިއްޔާ، މިހާރަށް ވުރެ މާގިނަ ދަތިތައް އަޅުގަނޑުމެންނަށް ކުރިމަތިވާނެ.

ކުރިއަށް އޮތް މަސްދުވަހު، ހިތްވަރާއެކު އެންމެން އެކުގައި މަސައްކަތް ކޮށްފިއްޔާ، މިބަލިމަޑުކަމުން އަރައިގަތުމުގެ އަލިމަގު، މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެންނަށް ފެންނާނެ. ރާއްޖެއަށް ބޭނުންވާ މިންވަރަށް، ބޭސްފަރުވާގެ ވަސީލަތްތަކާއި ޞިއްޙީ ޚިދުމަތްތަކަށް ބޭނުންވާ އާލާތްތައް ހުރި ނަމަވެސް، އިންސާނީ ވަސީލަތްތައް އެވަރަކަށް ނެތް.

ޤައުމީ ޚިދުމަތެއްގެ ގޮތުގައި، ޢާއިލާތަކާ ވަކިން، ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ، ޞިއްޙީ ޚިދުމަތްތެރިންނާއި، ސަލާމަތީ ބާރުތަކުން، އަދި ހިލޭ ސާބަހަށް މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންވެސް، ކޯވިޑް ކޮންޓްރޯލް ކުރުމުގައި، ވެވަޑައިގަންނަވަނީ ވަރަށް މަތިވެރި ޤުރްބާނީއެއް. މިދިޔަ ރަމަޟާން މަހުވެސް، ރެޔާއި ދުވާލުގެ ގިނަ ވަގުތުތައް އެބޭފުޅުން ހޭދަކުރެއްވީ، ކޯވިޑް ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި.

އެހެންކަމުން، މި އުފާވެރި ފިޠުރު ޢީދުގައިވެސް، އެބޭފުޅުން އެ ކުރައްވާ ދީނީ އަދި ޤައުމީ ޖިހާދުގެ އަގު ވަޒަންކޮށް، އެ ހުރިހާ ބޭފުޅުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން، ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަން. އެ ބޭފުޅުން އެ ކުރައްވާ މަތިވެރި މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވައި، ދަރުމައާއި ޘަވާބު ދެއްވާށި!

އަދި މިއަދަކީ ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަސް ކަމަށްވާތީ، ރާއްޖޭގެ ހުރިހާ ނަރުހުންނަށް، ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަމުން، ނަރުހުން އެ ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތަކަށް ތަޢުރީފާއި ސާބަސް ރައްދުކުރަން.

މި ފުރުޞަތުގައި އަދިވެސް އެއްފަހަރު، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، މި އުފާވެރި ފިޠުރު ޢީދުގެ ހެޔޮއެދުންތަކާއި ތަހުނިޔާ އަރިސްކުރަން.

މާތްﷲ، އަޅުގަނޑުމެން އެންމެންނަށް މި ޢީދުގެ އުފާވެރިކަން މިންވަރުކުރައްވާށި! އަޅުގަނޑުމެންގެ ހިތްތަކުން ޙަސަދަވެރިކަން ނެތިކުރައްވައި، އެކުވެރިކަމާއި ޞުލްޙަ މަސަލަސްކަމުގައި އުޅުމުގެ ހެޔޮ ވިސްނުން ދެއްވައި، ދިވެހި އުންމަތަށް ބާއްޖަވެރިކަމާއި، ހެޔޮ ނަޞީބާއި، އިތުރު ކުރިއެރުން މިންވަރު ކުރައްވާށި! ކޯވިޑުގެ ނުރައްކަލުން މުޅި އިންސާނީ ދަރިފަސްކޮޅު ރައްކާތެރިކުރައްވައި، ދުޅަހެޔޮކަމާއި ފުރިހަމަ ޞިއްޙަތުގައި އަޅުގަނޑުމެން ލައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.