بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ދިވެހި ލޮބުވެތި ރައްޔިތުން.

މިރޭ، މާލޭގައި ރައްޔިތުންގެ މަޖީލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް، ދިން ޙަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން. ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވާ މި ޙަމަލާގައި އެ މަނިކުފާނުގެ ހަށިކޮޅަށް އެކިވަރުގެ ޒަޚަމްތައް ވަނީ ލިބިފައި.

މި ޙަމަލާ ދިންތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، އޭ.ޑީ.ކޭ ހޮސްޕިޓަލަށް އެ މަނިކުފާނު ގެންދެވި، މިހާރު އަންނަނީ ފަރުވާ ދެމުން. އަޅުގަނޑަށް ޑޮކްޓަރުން އެންމެފަހުން މަޢުލޫމާތު ދެއްވި ގޮތުގައި، އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ޒަޚަމްތަކަށް ފަރުވާދިނުމަށްޓަކައި އިތުރު އޮޕަރޭޝަން ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް.

މި ހަމަލާގައި އެ މަނިކުފާނަށް ލިބިވަޑައިގެންފައިވާ ޒަޚަމްތަކަށް އަވަސް ޝިފާއަކަށް އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. އަދި މި ހަމަލާގައި ޒަޚަމްވި އެންމެހައި ފަރާތްތަކަށް މާތް ﷲ އަވަސް ޝިފާ މިންވަރުކުރެއްވުން އެދި ދުޢާކުރަން.

މި ޙަމަލާއާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތާއި، ޤައުމީ ދިފާޢީ ބާރުން މިކަން މިހާރު އަންނަނީ ތަޙުޤީޤުކުރަމުން. މި ޙަމަލާގެ ފުރިހަމަ ތަޙުޤީޤެއް ހިންގުމަށްޓަކައި ބައިނަލްއަޤްވާމީ ތަޖުރިބާކާރުންގެ އެހީތެރިކަން މިއަންނަނީ ހޯދަމުން. މިގޮތުން، އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސް މި ތަޙްޤީޤުގައި ބައިވެރިވުމަށް، އަންނަ ހޮނިހިރު ދުވަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި.

މި ޙަމަލާގެ ތަޙުޤީޤު ވީހާވެސް އަވަހަށް ނިންމައި، މިކަމުގައި ޝާމިލުވާ އެންމެހާ ފަރާތްތައް، ޢަދުލުއިންސާފުގެ ކުރިމައްޗަށް ގެނައުމަށް ތަޙުޤީޤީ އިދާރާތަކަށް އަޅުގަނޑު މިހާރު އަންގައިފިން.

މިއީ، ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށާއި، އިޤްތިޞާދަށް ދިން ޙަމަލާއެއް. މިފަދަ ޢަމަލުތަކަށް މި ދިވެހި ބިމުގައި އެއްވެސް ޖާގައެއް ނޯންނާނެ. އަދި މިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް މާތް ﷲގެ ވާގިފުޅާއެކު، ފަސްޖެހުމެއް ނެތި އަޅަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން.