ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކެބިނެޓުގެ ދެ މަޤާމަކަށާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކެޓްރީގެ މަޤާމަށް ބޭފުޅުން ޢައްޔަނު ކުރައްވައިފިއެވެ. އެގޮތުން މި މަޤާމުތަކަށް ބޭފުޅުން ޢައްޔަނު ކުރައްވާފައިވަނީ މިކަމަށްޓަކައި މިއަަދު މެންދުރު ކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ، ކެބިނެޓަށް މިއަދު ގެންނެވި ބަދަލުތަކުގެ ތެރޭގައި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަޤާމަށް، ހުޅުމާލެ. 10095 ޑރ ޙުސައިން ރަޝީދު ޙަސަން އަދި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމަށް، އައްޑޫސިޓީ ހުޅުދޫ، ޓްރައިސްޓަރ، އާމިނަތު ޝައުނާ ޢައްޔަންކުރެއްވުން ހިމެނެއެވެ. މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ޕޮލިސީގެ މަޤާމަށް، މާޅޮސްމަޑުލު ދެކުނުބުރި ކެންދޫ ނިކަމާގެ، އަޙްމަދު ޙަމްދާން މިއަދު ވަނީ ހަމަޖައްސަވާފައެވެ.

މި މަޤާމަށް ޢައްޔަނު ކުރެވުމާއި ޖެހެންދެން ޑރ ޙުސައިން ރަޝީދު ޙަސަން ދިޔައީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓްގެ މަޤާމު ފުރުއްވަމުންނެވެ. މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަޤާމަށް، އާމިނަތު ޝައުނާ ޢައްޔަން ކުރެވުމާއި ހަމައަށް އަދާކުރައްވަމުން ގެންދެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ޕޮލިސީގެ މަޤާމެވެ. އަދި، އަޙްމަދު ޙަމްދާން މީގެ ކުރިން އަދާކުރައްވަމުން ގެންދެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަޤާމެވެ.