بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّـلام علٰـى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـــه وأصحـابه أجمعـين.

އާދެ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ޚާއްޞަ މުޝީރު އަލްއުސްތާޛު އަލްމަރްޙޫމް މުޙަންމަދު އިބްރާހީމް ލުޠުފީ، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމުގެ ހިތާމައިގައި، އެ މާތް މަރްޙޫމުގެ ހުވަފަތް އަނބިކަނބަލުންނަށާއި، އަދި އެ މާތް މަރްޙޫމުގެ ބޭފުޅުންނަށާއި، ކާފަ ބޭފުޅުންނަށާއި، އާއިލާގެ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަން. ހަމައެފަދައިން، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސަށާއި، އެ މަރުކަޒުގެ ވެރިންނަށާއި މުވައްޒަފުންނަށްވެސް ތަޢުޒިޔާ ދަންނަވަން. އަދި އެ މާތް މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުންއެދި اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

އާދެ، އަލްއުސްތާޛު އަލްމަރްޙޫމް މުޙަންމަދު އިބްރާހީމް ލުޠުފީއާ ބެހޭގޮތުން އަޅުގަނޑުމެންނަށް މި ޖަލްސާގައިވެސް ވަރަށް އަގުހުރި މަޢުލޫމާތުތަކެއް ލިބިގެން ހިނގައްޖެ. މުޙަންމަދު ލުޠުފީ އަވަހާރަވުމުން، މުޅި ދިވެހިޤައުމަށް އެ ލިބިގެންދިޔަ އުނިކަން އަޅުގަނޑުމެންނަށް މި އިވިގެންދިޔަ ވާހަކަފުޅުތަކުން ވަރަށް ރަނގަޅަށް އޮޅުންފިލައިފި. އާދެ، އެންމެ ފުރަތަމަ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސްގެ ވާހަކަފުޅުގައިވެސް، ލުޠުފީގެ ޚިދުމަތްތަކުގެ ވާހަކަ ވިދާޅުވެދެއްވި. އެ ވާހަކަފުޅުގެ އިތުރުން، އަލްފާޟިލާ ނަސީމާ މުޙަންމަދުގެ ވާހަކަފުޅުންނާއި، އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ ވާހަކަފުޅުންވެސް ވަރަށްގިނަ މަޢުލޫމާތުތަކެއް އަޅުގަނޑުމެންނަށް ލިބިގެން ހިނގައްޖެ. ޚިދުމަތްތެރިއެއްގެ ޚިދުމަތުގެ މައްޗަށް ވަރަށް ފުރިހަމަޔަށް އެ ތިންބޭފުޅުންވެސް ވަނީ ބައްލަވައިލައްވާފައި.

އާދެ، އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބަކީ، މި ޖަލްސާއަށް އަޅުގަނޑު އައުމުން، އަޅުގަނޑަށް މަރްޙަބާ ވިދާޅުވެ، ވަރަށް އިޚްލާޞްތެރި ޝުޢޫރުތަކެއް ފާޅުކުރެއްވިކަމަށްޓަކައި އަލްފާޟިލް ޢައްބާސް އިބްރާހީމަށް ޝުކުރު ދެންނެވުން. އާދެ، އެއަށްފަހުގައި އަޅުގަނޑުމެންނަށް ލިބިގެންމިދިޔަ މަޢުލޫމާތުތަކުގެ މުއްސަނދިކަން ފާހަގަކޮށް، އެ މަޢުލޫމާތުތައް ދެއްވި ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެންނަށް އިވިގެންދިޔަގޮތުގައި އަދި އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާގޮތުގައި މުޙަންމަދު ލުޠުފީއަކީ، ތަޢުލީމީ އާއިލާއެއްގެ ބޭފުޅެއް. އާދެ، މުޙަންމަދު ލުޠުފީއަކީ، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް އިބްރާހީމް ލުޠުފީގެ ދަރިކަލެއް. މިވާހަކަ ދައްކާއިރު ފަހަރެއްގައި ހިސާބަކަށްނަމަވެސް އޮޅުންއަރާފާނެތީ، އެ ދެބޭފުޅުންގެ ނަންފުޅު ކިޔާއިރު، ތަފާތުގޮތަކަށް ކިޔޭތޯ އަޅުގަނޑު ބަލާނަން. އަޅުގަނޑުމެން އެބޭފުޅެއްގެ ޒިކުރާ މި އާކުރާ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ޚާއްޞަ މުޝީރުގެ ނަންފުޅު، އަޅުގަނޑު ކިޔަން ގަސްތުކުރަނީ، މުޙަންމަދު ލުޠުފީގެ ނަންފުޅުން ނުވަތަ ލުޠުފީގެ ނަންފުޅުން. އޭނާގެ ބައްޕަ އާދެ، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް އިބްރާހީމް ލުޠުފީގެ ނަންފުޅު ކިޔަން ގަސްތުކުރަނީ، އިބްރާހީމް ލުޠުފީގެ ނަންފުޅުން. މުޙަންމަދު އިބްރާހީމް ލުޠުފީ މިގޮތަށް ކިޔުމުން ފަހަރެއްގައި އެ ދައްކަނީ ކޮންބޭފުޅެއްގެ ވާހަކަކަން ނޭނގިދިޔުމަކީވެސް ވެދާނެކަމެއްކަންނޭނގެ.

އާދެ. ލުޠުފީގެ ބައްޕަ ފަޟީލަތުއްޝައިޚް އަލްމަރްޙޫމް އިބްރާހީމް ލުޠުފީއަކީ، މިސުރުގެ އަޒްހަރުން ތަޢުލީމު ހާސިލުކުރައްވާފައިވާ، ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިއެއް. އޭނާ ވަނީ އޭރު އަޒްހަރުން ދޭ އެންމެމަތީ ފާސް ކަމަށްވާ ޢާލިމިއްޔާ ފާސް ހޯއްދަވާފައި. އެއަށްފަހު އޭނާ މާލެ ވަޑައިގެން، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ޚިދުމަތްކުރައްވަން ފެށްޓެވީ. ފަޟީލަތުއްޝައިޚް އަލްމަރްޙޫމް އިބްރާހީމް ލުޠުފީއަކީ، އަޅުގަނޑުގެ އުސްތާދެއް. އަޅުގަނޑު ކުޑައިރު އާދެ، ދެންމެ އަލްއުސްތާޛު ޢަބްދުﷲ ޙަމީދު އެ ވިދާޅުވިފަދައިން، އޭރުގެ ސަނިއްޔާގައި، ފަހުން މަޖީދިއްޔާގައި އަޅުގަނޑުމެން އުޅުނުއިރު، އަޅުގަނޑުމެންނަށް ކިޔަވައިދެއްވި ބޭފުޅެއް އިބްރާހީމް ލުޠުފީއަކީ. އޭނާ އަޅުގަނޑުމެންނަށް ކިޔަވައިދެއްވީ ފިޤްހު. ހަމައެޔާއެކީގައި އަޅުގަނޑުމެންނަށް ކިޔަވައިދެއްވި އަނެއް ބޭފުޅެއް މުޙަންމަދު ލުޠުފީއަކީ. މުޙަންމަދު ލުޠުފީ ކިޔަވައިދެއްވީ، ޢަރަބިބަސް. އާދެ، އެހެންވީމާ، އެ ދެ ބޭފުޅުންނަކީ، އަޅުގަނޑު ވަރަށް އިޙްތިރާމުކުރާ، އަޅުގަނޑު ވަރަށް ޤަދަރުކުރާ، އަޅުގަނޑުގެ ލޮބުވެތި ދެ އުސްތާޛުން.

މުޙަންމަދު ލުޠުފީ ލިޔުއްވި މަޒުމޫނުތަކުގެ ތެރޭގައި ނުވަތަ ތާރީޚާ ބެހޭގޮތުން ކުރެއްވި ދިރާސާތަކުގެ ތެރޭގައި، އިހުމާލުކުރެވިފައިވާ ތާރީޚުގެ ނަމުގައި ބައެއް ކަންތައްތައް ލިޔުއްވާފައިވޭ. އެއީ، އެހެން މުއައްރިޚުން މާބޮޑު ސަމާލުކަމެއް ދީފައިނުވާކަމަށް އޭނާއަށް ފެނިވަޑައިގަންނަވާ ބައެއް ކަންތައްތަކުގެ ވާހަކަ އޭނާ ތަޙްޤީޤުކުރައްވައި، ދިރާސާކުރައްވައި، އެކަންކަމާ ބެހޭގޮތުން އޭނާއަށް ލިބިވަޑައިގެންނެވި މަޢުލޫމާތު ލިޔުއްވާފައިވާ މަޒުމޫނުތަކެއް ނުވަތަ ކުރައްވާފައިވާ ދިރާސާތަކެއް.

އާދެ. މިރޭ އަޅުގަނޑުގެ ހިތަށްއެރި، އިހުމާލުކުރެވުނު ތާރީޚުން އެއްޗެއް ދަންނަވާލަން އަޅުގަނޑަށްވެސް ޖެހިދާނެއޭ. އެހެންނަމަވެސް އެ ވާހަކަ ދަންނަވާލެވޭގޮތަކަށްނޫން، ފަހުން ނިމިގެން މިދިޔައީކީ. އެއީ، ކުރިން މަރްޙޫމް ލުޠުފީގެ ޙަޔާތުގެ މައްޗަށް ބައްލަވައިލެއްވި ބައެއް ބޭފުޅުން ވަރަށް ފުރިހަމަކޮށް އެ ވާހަކަދެއްކެވި ކަމުގައިވިޔަސް، ވަރަށް މުއްސަނދި މަޢުލޫމާތުތަކެއް އަޅުގަނޑުމެންނަށް ދެއްވިކަމުގައިވިޔަސް، މުޙަންމަދު ލުޠުފީ އޭރުގެ ސަނިއްޔާގައި ނުވަތަ ފަހުން މަޖީދިއްޔާގައި މުދައްރިސްކަން ކުރެއްވި ވާހަކައެއް ނައި. އެހެންވީމާ، އަޅުގަނޑުގެ ހިތަށްއެރީ، ފަހަރެއްގައި މި އިހުމާލުކުރެވުނު ތާރީޚުގެ ތަންކޮޅެއް އަޅުގަނޑަށް ދަންނަވާލަންޖެހިދާނެއޭ. އެހެންނަމަވެސް، އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ ވާހަކަފުޅުގައި އެވާހަކަ ގެންނަވައިފި. އެހެންވީމާ، އެކަން އަޅުގަނޑު ކޮންމެހެން ކުރާކަށްނުޖެހޭ.

އެހެންނަމަވެސް އޭގެއިތުރުން، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މުޙަންމަދު ލުޠުފީ އަޅުގަނޑުމެންނަށް ކިޔަވައިދެއްވިއިރު އޭނާ ހިމެނިވަޑައިގަތީ، އަޅުގަނޑުމެން ހުރިހާ ކުދިންވެސް ވަރަށް ޤަދަރުކުރާ، ވަރަށް ލޯބިވާ އުސްތާޛެއްކަމުގައޭ. ވަރަށް ބޮޑަށް، ކަމަށްކަމޭހިއްތަވާ، ކުދިންނާމެދުގައިވެސް ވަރަށް އޯގާވެރިގޮތެއް ގެންގުޅުއްވާ، ވަރަށް ރަނގަޅަށް އިންތިޒާމުތައް ހަމަޖައްސަވައި، ގަވާއިދު ހިފަހައްޓަވާ ބޭފުޅެއްގެގޮތުގައޭ. އޭނާ އަޅުގަނޑުމެންނަށް ކިޔަވައިދެއްވީ ޢަރަބިބަސް. އޭގެއިތުރުން، ކަސްރަތުގެ ކަންތައްތައްވެސް ދަސްކޮށްދެއްވި. އާދެ، ކުޅިވަރުގެ ބައެއް ކަންތައްތައް އަދި ޚާއްޞަކޮށް، ސަފުހެދުމުގެ ކަންތައްތައް އަޅުގަނޑުމެންނަށް ދަސްކޮށްދެއްވައި، އެކަންތައްތައް ކުރައްވަމުން ގެންދެވި. ލުޠުފީ އޭރު ހިމެނިވަޑައިގަތީ، އޭރު މަދަރުސާކުދިން ބެހިފައިވާ ހަތަރުބައިގެ ތެރެއިން މަދޮށިބައިގެ މުރުޝިދުކަމުގައި. އާދެ، އެބައިގައި އުޅުމުގެ ނަސީބާއި އުފާ އަޅުގަނޑަށް ވަނީ ލިބިފައި. އަޅުގަނޑު އުޅުނީ މަދޮށިބައިގައި. ލުޠުފީ ހުންނެވީ މުރުޝިދަކަށް. އެހެންވީމާ، އޭނާގެ ބެއްލެވުމުގެދަށުން މަދަރުސާގެ އެކިއެކި ހަރަކާތްތައް ހިންގުމުގައި ބައިވެރިވުމުގެ ނަސީބު އަޅުގަނޑަށް ވަނީ ލިބިފައި.

ލުޠުފީއަކީ، ކުޅިވަރަށްވެސް ވަރަށް ބޮޑަށް ލޯބިކުރެއްވި ބޭފުޅެއް. މަދޮށިބައިގެ ކުދިންނަކީ ތަޢުލީމީގޮތުން އޭރު މާ މަތީ ވަނަތަކެއް ހާސިލުކުރި ކުދިބަޔަކަށްނުވިޔަސް، ކުޅިވަރުގެ ރޮނގުން ފުދޭވަރެއްގެ ކާމިޔާބީތަކެއް ހޯދި ބައެއް. އެކަމުގެ އެންމެ އިސްބައެއް އަދާކުރެއްވީ މަރްޙޫމް މުޙަންމަދު ލުޠުފީ. ކުދިން ގެންދަވައިގެން، އެކުދިންނަށް ކުޅިވަރު ކުޅޭނެގޮތް ދަސްކޮށްދެއްވައި، ހިތްވަރުދެއްވައި، އިރުޝާދުދެއްވައި ހެއްދެވި. އަދި އޭނާގެ މުރާލިކަން އަޅުގަނޑުމެންނަށް އޭރު ވަރަށް ބޮޑަށް ފެނިގެންދިޔަ. އެއީ، ފަތިހު ފަހެއްޖަހާއިރު އޭނާގެ ގެޔަށް ކުދިން ދިޔުމަށް ވިދާޅުވެދާނެ. ކުދިން ދާއިރު، ހޭފުޅުލައްވައި އުޅުއްވާނެ، ބައްދަލުކުރައްވާނެ. ހަމަ ކޮންމެ ރެޔަކުވެސް ފަތިހު ފަހެއްޖަހާއިރު ނުވަތަ އެއަށްވުރެ ކުރިން ހުންނަވާނީ ތައްޔާރުވެވަޑައިގެން. ދެން ކުދިން ދިޔައިމާ، އެކުދިންނަށް ދެއްވަން ބޭނުންފުޅުވާ އިރުޝާދުތަކެއް ދެއްވައި ހައްދަވާނެ. އެހެންވީމާ، މަދަރުސާކުދިންގެ މެދުގައި މުޙަންމަދު ލުޠުފީ ހިމެނިފައިވީ، ވަރަށް މަޤްބޫލު، ހުރިހާ ކުދިންވެސް ވަރަށް ލޯބިވާ އުސްތާޛެއްގެ ގޮތުގައި. އާދެ، އެއީ އަޅުގަނޑުހިތުން މިފަދަ މުނާސަބަތެއްގައި އަޅުގަނޑުމެން ހަނދާންކޮށްލަންޖެހޭނެ ކަމެއް.

އަލްފާޟިލް ޢައްބާސް އިބްރާހީމުގެ ވާހަކަފުޅުގައި ވިދާޅުވި، ލުޠުފީ އާލާސްކަންފުޅާ އުޅުއްވިއިރު، އޭނާގެ އަރިހަށް ވަޑައިގެންނެވި ވާހަކައާއި، އަދި ތިޔަބޭފުޅުން ތިމަންނާގެމަތިން ހަނދުމަފުޅުބަހައްޓަވާށޭ، ހަނދާންނައްތާނުލައްވާށޭ ވިދާޅުވި ވާހަކަ. އާދެ، ޝައްކެއްނެތް، ލުޠުފީއަކީ އަޅުގަނޑުމެން ހަނދާންނެތޭނެ ބޭފުޅެއްނޫން. އަދި އަޅުގަނޑުހިތުން އޭނާގެ ޚިދުމަތް ދުށް އެއްވެސް މީހަކު، ނުވަތަ އޭނާގެ ދަރިވަރެއްގެގޮތުގައި އުޅުމުގެ ނަސީބު ލިބިފައިވާ އެއްވެސް މީހަކު ނުވަތަ އޭނާގެ އަރިހުގައި މަސައްކަތްކުރުމުގެ އުފާ ލިބިފައިވާ މީހަކުވެސް ހަނދާންނެތޭނެ ބޭފުޅެއްނޫން.

އާދެ، އިންސާނަކަށް ލިބޭނެ އެންމެ ހެޔޮ ނަސީބަކީ، އެމީހަކު މަރުވެދިޔުމަށްފަހު، ފަހުން އަންނަ މީހުންގެ ދޫމަތިން އެމީހަކަށް ލިބޭ ތާރީފު ކަމުގައި ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވޭ. އެހެންވީމާ، އަޅުގަނޑުހިތުން މަރްޙޫމް މުޙަންމަދު ލުޠުފީއަށް އެ ނަސީބު ލިބިވަޑައިގެންފައިވާކަމީ ޙަޤީޤަތެއް. އެއީ ވަމުންދާކަމެއް. އަދި ވަމުންދާނެވެސްކަމެއް. އޭނާ އެކުރެއްވި ޚިދުމަތުގެ ވާހަކަ، އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ފަހުން އަންނަންތިބި މީހުންވެސް ދައްކާނެކަމާމެދަކު ޝައްކެއްނެތް.

އަލްއުސްތާޛު މުޙަންމަދު ލުޠުފީ އާލާސްކަންފުޅާ އުޅުއްވިއިރު، އޭނާގެ އަރިހަށް ގޮސްލުމުގެ ފުރުސަތު އަޅުގަނޑަށްވެސް ލިބުނު. އެއީ، އޭނާ އަވަހާރަވުމުގެ ހަމަ ވަރަށް ކުޑަދުވަސްކޮޅެއްގެ ކުރި. އޭނާ އޮންނެވީ، ވަރަށް ހިތްޕުޅުހަމަޖެހިވަޑައިގެންފައި. އޭނާއަށް އެނގިވަޑައިގަންނަވާ، އަޖަލަކީ އަންނާނެ ދުވަހެއްކަން. ކޮންމެ މީހަކަށްވެސް އެމީހެއްގެ އަޖަލުގައިވާ ދުވަސް ހަމަވުމުން، އިތުރަކަށް ދުނިޔެއަކު ނުހުރެވޭނެކަން. އެކަން އޭނާ ވަނީ ވަރަށް ފުރިހަމަޔަށް ގަބޫލުކުރައްވާފައި. އޮންނެވީ އެކަމާ ވަރަށް ހިތްޕުޅުހަމަޖެހިވަޑައިގެން، ވަރަށް ރުހިވަޑައިގެން. އަޅުގަނޑުގެގާތުގައި ވިދާޅުވި، މިއީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެކޭ، ތިމަންނާ އެދިވަޑައިގަންނަވަނީ، މާތްﷲ ވީހާވެސް ލުއިގޮތަކަށް މިކަން ނިންމަވައިދެއްވުމޭ. އެހެންވީމާ އެނގޭ ލުޠުފީއަކީ، އެގޮތުން އެދުވަސް އަންނާނެކަން ދެނެވަޑައިގެން، އެކަމަށް ތައްޔާރުވެވަޑައިގެން އަދި އުފަލާއެކު މަރްޙަބާ ވިދާޅުވި ބޭފުޅެއްކަން.

އާދެ، މަރްޙޫމް މުޙަންމަދު ލުޠުފީއަކީ، ވަރަށް ގިނަ ރޮނގުރޮނގުން ސަރުކާރަށާއި ޤައުމަށް ޚިދުމަތްކުރެއްވި ބޭފުޅެއް. ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ތާރީޚާއި ޘަޤާފަތަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް އޭނާ ވަނީ ކޮށްދެއްވާފައި. އޭނާ ރާއްޖޭގެ އެކި އަތޮޅުތަކާއި، އެކި ރަށްރަށާބެހޭ ތާރީޚީ ހާދިސާތައް ހޯއްދަވައި، ތާރީޚާބެހޭ އެކިއެކި ކަންކަމާމެދު ދިރާސާކުރައްވައި، އެ ދިރާސާތަކުގެ މައްޗަށް ފޮތްތައް ލިޔުއްވާފައިވޭ. އަދި އޭނާ ކުރައްވާފައިވާ ދިރާސާތަކުން ލިބިވަޑައިގެންނެވި މަޢުލޫމާތުގެ އަލީގައި ވަރަށް އަގުހުރި މަޒުމޫނުތަކެއް ލިޔުއްވައި، ޝާއިޢުކުރައްވާފައިވެސްވޭ.

އޭނާ ލިޔުއްވި ފޮތްތަކުގެ ތެރޭގައި، ދިވެހި ތާރީޚާބެހޭ ވަރަށް މުހިންމު ފޮތްތައް ހިމެނޭ. އޭގެތެރެއިން އެއްފޮތެއް، "އިބްނު ބަޠޫޠާ ދިވެހިރާއްޖޭގައި". އެނގިވަޑައިގަންނަވާނެ، އިބްނު ބަޠޫޠާއަކީ، ރާއްޖޭގެ ތާރީޚު ލިޔުއްވި ވަރަށް މަޝްހޫރު ބޭފުޅެއް. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާގޮތުގައި، ރާއްޖެ އިސްލާމްވިތާ ގާތްގަނޑަކަށް ދުއިސައްތަވަރަކަށް އަހަރުގެ ތެރޭގައި އޭނާ ރާއްޖެ ވަޑައިގެން، ރާއްޖޭގައި ދުވަސްތަކެއް ހޭދަކުރައްވައި، ރާއްޖޭގެ މީހުން ދިރިއުޅޭގޮތާއި، ރާއްޖޭގައި ކަންތައްތައް ހިނގަމުންދާގޮތް ވަރަށް ރަނގަޅަށް ބައްލަވާފައި، އޭނާގެ ފޮތުގައި ލިޔުއްވާފައިވާ ބޭފުޅެއް. އާދެ، ލުޠުފީ ލިޔުއްވި މިދެންނެވި ފޮތުގެ ނަމަކީ، ކުރިންވެސް ދެންނެވި ފަދައިން، "އިބްނު ބަޠޫޠާ ދިވެހިރާއްޖޭގައި".

އިބްނު ބަޠޫޠާއަކީ ހަމައެކަނި ރާއްޖެއަށް ވަޑައިގެންނެވި ބޭފުޅެއްނޫން. މުޅިދުނިޔޭގައި ދަތުރުކުރެއްވި ސައްޔާޙެއް. އޭނާގެ ދަތުރުތަކުގައި ފެނިވަޑައިގެންނެވި ކަންތައްތަކުގެ ވާހަކަ އޭނާގެ ފޮތުގައި ލިޔުއްވާފައިވޭ. ލުޠުފީ ކޮށްދެއްވިކަމަކީ، ރާއްޖޭގައި އިބްނު ބަޠޫޠާ ހުންނެވި ދުވަސްވަރު އިބްނު ބަޠޫޠާއަށް ލިބިވަޑައިގެންނެވި މަޢުލޫމާތާއި، އޭނާގެ ފޮތުގައި ލިޔުއްވާފައިވާ ކަންތައްތައް އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވުން.

އަދި އޭގެއިތުރުންވެސް، ވަރަށް ގިނަ ފޮތްފޮތް މުޙަންމަދު ލުޠުފީ ލިޔުއްވާފައިވޭ. އޭގެތެރޭގައި "ދިވެހިރާއްޖޭގެ ޖޯގްރަފީގެ ވަނަވަރު" ގެ 1 ވަނަބަޔާއި، 2 ވަނަބައި ވަނީ ލިޔުއްވައި ޝާއިޢުވެސް ކުރައްވާފައި. އަދި މިހާތަނަށް އޭނާ ލިޔުއްވައި ނިންމަވާފައިހުރި، އެހެންނަމަވެސް ޗާޕުނުވެހުރި ގިނައަދަދެއްގެ ފޮތްތަކެއްވެސް އެބަހުރިކަމަށްވޭ. އޭގެތެރޭގައި "މުޚްތަޞަރު ތާރީޚު ދީބާ މަޙަލް" ގެ 1 ވަނަބަޔާއި، އޭގެ 2 ވަނަބައި ހިމެނޭ. އެއީވެސް ރާއްޖޭގެ ތާރީޚާ ބެހޭގޮތުން ކުރުކޮށް ލިޔުއްވާފައިވާ ފޮތެއްކަމުގައި މިފޮތުގެ ނަމުން ދޭހަވޭ.

އަދި އޭގެއިތުރުން، އޭނާ ކުރައްވާފައިވާ ތާރީޚީ މުހިންމު ދިރާސާތަކުގެ ތެރޭގައި، "ރާއްޖޭގައި ރަސްކަންކުރެއްވި އާއިލާތަކާއި ރަސްރަސްކަލުން" އެހެންކިޔާ ދިރާސާއަކާއި، އަލްޤާޟީ ޙަސަން ތާޖުއްދީނާބެހޭ ދިރާސާއަކާއި، "ދިވެހި ތާރީޚުގެ ތެރެއިން ހޯދުން - ލޯމާފާނު" މިފަދަ ދިރާސާތައް ހިމެނޭ. އާދެ، މިއީ އަޅުގަނޑުމެންނަށް ލުޠުފީ ދޫކުރެއްވި ވަރަށް މުއްސަނދި ތަރިކައެކޭ އަޅުގަނޑަށް ދަންނަވާލަންޖެހޭ.

އާދެ، އިންސާނަކު މިދުނިޔެ ދޫކޮށްފައި ދިޔުމަށްފަހުގައި އޭނާގެ ސަބަބުން މުޖުތަމަޢަށް ފައިދާކުރާނެ އެންމެ ބޮޑު އެއްކަމަކީ، އޭނާ ދޫކޮށްފައިވާ ތަރިކަ. ޚާއްޞަކޮށް، އެއީ ޢިލްމީ ތަރިކައަކަށްވާނަމަ، އޭގެ ފައިދާ އަންނަންއޮތް ޖީލުތަކަށް ވަރަށް ބޮޑަށް ކުރާނެ. އެގޮތުން ލުޠުފީ އަޅުގަނޑުމެންނަށް ދޫކޮށްދެއްވި ތަރިކައަކީ، ވަރަށް މުއްސަނދި ޢިލްމީ ތަރިކައެއް. އެހެންވީމާ، އެ ތަރިކައަށް އަޅުގަނޑުމެން ރައްކާތެރިވާންޖެހޭނެ. އަޅުގަނޑަށް އެނގިފައިވާގޮތުގައި، ލުޠުފީ ހައްދަވާފައިވާ ފޮތްތަކުގެ ތެރެއިން، މިހާތަނަށް ޗާޕުނުކުރެވިހުރި ފޮތްތައް ޗާޕުކުރެއްވުމުގެ މަސައްކަތް ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ކުރައްވާގޮތަށް މިހާރު ވަނީ ހަމަޖައްސަވާފައި.

އާދެ، އަޅުގަނޑުގެ ކުރިން ވާހަކަފުޅުދެއްކެވި ބޭފުޅުންވެސް ވިދާޅުވިފަދައިން، މަރްޙޫމް މުޙަންމަދު ލުޠުފީއަކީ، ދަނޑުވެރިކަމަށް ވަރަށް ބޮޑަށް ލޯބިކުރެއްވި ބޭފުޅެއް. ރުއްގަސް އިންދުމަށް ވަރަށް ބޮޑު ޝައުޤުވެރިކަމެއް ބެހެއްޓެވި ބޭފުޅެއް. އެކަމުގެ ވަރަށް ގިނަ ވާހަކަތައް އަޅުގަނޑުމެންނަށް އިވިގެންހިނގައްޖެ. އެހެންވީމާ، އެވާހަކަތައް އިތުރަށް އަޅުގަނޑު ދަންނަވާކަށް ނެތިން.

ހަމައެހެންމެ، އޭނާއަކީ ސަރުކާރުގެ ތަފާތު ދާއިރާތަކުގައި، ސާޅީސް އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއް. އެހެންވީމާ، އަޅުގަނޑުހިތުން އަޅުގަނޑުމެންނަށް އަދި ޚާއްޞަކޮށް، އަޅުގަނޑުމެންގެ ތެރޭގައި ހިމެނޭ ޒުވާނުންނަށް އޭނާގެ ޙަޔާތުން ވަރަށް އަގުހުރި ފިލާވަޅުތަކެއް ލިބިގެންދާނެ. ޚިދުމަތުގެ ފިލާވަޅުތަކެއް ލިބިގެންދާނެ. އާދެ، ޚިދުމަތަކީ ކޮންމެ ފަރުދަކަށްވެސް ކުރެވިދާނެ ކަމެއްކަމާއި، ޚިދުމަތް ކުރުމަކަށް ވަކިކަހަލަ ވަސީލަތްތަކެއް، އެހެންބަޔަކު ހަމަޖައްސައިދީފައި ހުންނާކަށް ނުޖެހޭނެކަމުގެ ފިލާވަޅު ލިބިގެންދާނެ. އާދެ، އެހެން ފަރާތްފަރާތުން އެކިއެކި ވަސީލަތްތައް ހަމަޖައްސައިދީފައި ހުރުމަކީ، ޚިދުމަތްކުރާ މީހާގެ ޚިދުމަތަށް އިތުރު ކުރިއެރުމެއް ލިބޭނެކަމެއްކަމާއި، އޭނާ ކުރާ ޚިދުމަތް ކުރުމަށް ފަސޭހަވެގެންދާނެ ކަމެއްކަން އަޅުގަނޑަށްވެސް އެނގޭ. އެހެންނަމަވެސް ޚިދުމަތްކުރަން ބޭނުންވާ މީހަކު އަމިއްލަޔަށްވެސް، އަދި އެހެންބައެއްގެ އެހީތެރިކަން ނުލިބުނަސް، އޭނާ ބޭނުންވާގޮތަށް ކަންތައްތައް ހަމަޖެހިގެންނުދިޔަނަމަވެސް، އޭނާއަށް ޚިދުމަތް ކުރެވޭނެ. މި ފިލާވަޅު ލުޠުފީ އަޅުގަނޑުމެންނަށް ވަނީ ދެއްވާފައި.

އޭނާއަށް ދިވެހިރާއްޖޭގެ ތާރީޚަށް ޚިދުމަތްކުރުމުގައި ކާކުތޯ އެހީތެރިވެދިނީ؟ ކާކުތޯ ކަންތައްތަކެއް ހަމަޖައްސައިދިނީ؟ އެކަންތައްތައް ކުރެއްވީ، އޭނާ އަމިއްލަފުޅަށް. އަމިއްލަފުޅަށް ދިރާސާކުރެއްވީ. ރުއްގަސް އިންދުމުގެ ކަންތައްތަކުގައިވެސް، އަމިއްލަފުޅަށް ހުރިހާ ކަމެއް ކުރެއްވީ. އަދި އިމާރާތްކުރުމާއި، އެނޫން ކަންތައްތައް ކުރެއްވުމުގައިވެސް ހަމަ އަމިއްލަފުޅު ޝައުޤުވެރިކަން އޮވެގެން، އަމިއްލަފުޅަށް މަގު ކޮށްޓަވައިގެން، އެމަގުން ކުރިޔަށްވަޑައިގަތީ. އެހެންވީމާ، އަޅުގަނޑަށް ދެންނެވޭނީ، މިއީ އަޅުގަނޑުމެންގެ ޒުވާނުންނަށް އޮތް ފިލާވަޅެއް ކަމުގައި. އަދި މިއީ އެމީހުންނަށް ލުޠުފީ ދެއްވި މެސެޖެކޭވެސް ދެންނެވިދާނެ.

ޚިދުމަތްކުރަން ބޭނުންވާ މީހަކަށް، އެ ޚިދުމަތްކުރުމުގެ ފުރުސަތަކީ، އެމީހަކު އަމިއްލަޔަށް ހޯދާނެ އެއްޗެއް. އެހެންމީހަކު ހޯދައިނުދިނަސް، އެމީހަކީ ޚިދުމަތްތެރިއެއް ކަމަށްވަންޏާ، އަމިއްލައަށް އެ ފުރުސަތު ހޯދާނެ. އަމިއްލައަށް އެކަމުގެ ޤާބިލިއްޔަތުވެސް ހޯދާނެ. އަދި އަމިއްލައަށް އެކަމުގައި ކުރިއަށްދާނެ. އެހެން ފަރާތްފަރާތުން ލިބޭ އެހީއަކީ، ކުރިޔަށް ދިޔުމުގައި އިތުރަށް މަގުފަހިކޮށްދޭނެ ކަމެއްކަމުގައިވިޔަސް، އެމީހެއްގައި ޚިދުމަތްކުރުމުގެ ރޫޙު އަށަގެންފައިވާނަމަ، އެކަމަކީ އެމީހަކަށް އަމިއްލައަށް ކުރެވިދާނެ ކަމެއްކަން ލުޠުފީގެ ޙަޔާތުން އަދި އޭނާގެ ޚިދުމަތުން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ފެނިގެންދޭ.

އާދެ، ޚިދުމަތްތެރިންގެ އަގު ވަޒަންކުރުމަކީ، ހަމަ ކޮންމެހެން ބޭނުންކަމެއް. ލުޠުފީ ދިވެހިރާއްޖެއަށް ޚިދުމަތްކޮށްދެއްވީކީ، އެކަމަށް ދިވެހި ސަރުކާރުން ވަކިން ޚާއްޞަކޮށް އެދިވަޑައިގަނެގެނެއްނޫން. ދިވެހި ރައްޔިތުންވެސް ވަކިން އެކަމަށް އެދިގެނެއްނޫން. އޭނާ އަމިއްލަފުޅަށް އެ ޚިދުމަތްތައް ކޮށްދެއްވީ. ދިވެހިރައްޔިތުންނަށް، ދިވެހިރާއްޖެއަށް ޚިދުމަތްކޮށްދެއްވާހިތްޕުޅުން އެ ޝައުޤުވެރިކަން އޭނާގެ ހިތްޕުޅުގައި އޮތީމާ، އޭނާ އަމިއްލަފުޅަށް އެ ޚިދުމަތްތައް ކޮށްދެއްވީ. އެހެންވީމާ، އަޅުގަނޑުމެން ޖެހޭނެ، އެ ޚިދުމަތްތައް ބަލައިގަންނަން. އޭގެ އަގު ވަޒަންކުރަން.

އާދެ، ލުޠުފީގެ ޙަޔާތުގައި ދިވެހިސަރުކާރުން އެކަން އޮތީ ދެނެގެންފައި. 1979 ވަނަ އަހަރު، ދިވެހިތާރީޚަށް ޚިދުމަތްކުރުމުގެ އާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު އޭނާއަށް ވަނީ ސަރުކާރުން އަރުވާފައި. އަދި ހަމަ އެރޮނގުން 1994 ވަނަ އަހަރު، އާންމު ޚިދްމަތުގެ ޝަރަފުވެރިކަމުގެ އިނާމުވެސް ވަނީ އަރުވާފައި. އަދި ރުއްގަސް އިންދުމުގެ ރޮނގުން އާންމު ޚިދްމަތުގެ ޝަރަފުވެރިކަމުގެ އިނާމު، 1981 ގައި ވަނީ ލުޠުފީއަށް އަރުވާފައި. ހަމައެހެންމެ، 1990 ވަނައަހަރު ދިވެހިރާއްޖެއަށް އެކި ރޮނގުރޮނގުން، އޭރު ވޭތުވެގޮސްފައިވާ 25 އަހަރުގެ ތެރޭގައި، އެއީ ރާއްޖެއަށް މިނިވަންކަން ލިބުނުފަހުން ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި، އެކިއެކި މުހިންމު ޚިދުމަތްތައް ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް ސަރުކާރުން އިނާމު އެރުވިއިރު، މުޙަންމަދު ލުޠުފީއަށް ވަނީ މިނިވަން ފަންސަވީހުގެ އާންމު ޚިދުމަތުގެ އިނާމު އަރުވާފައި. އެހެންވީމާ، ސަރުކާރުގެ ފެންވަރުގައި ކޮންމެވެސްވަރަކަށް، ލުޠުފީ އެކުރެއްވި މަސައްކަތްތަކުގެ އަގުވަޒަންކޮށް، ލުޠުފީއަށް ޙައްޤުވެގެންވާ ތާރީފު އަދާކޮށް، އިނާމު އަރުވާފައި. އެހެންނަމަވެސް އެޔަކީ އަޅުގަނޑުހިތުން އަދި އެކަން ފުރިހަމަވީކަމަކަށް އަޅުގަނޑުމެން ބަލަންޖެހޭނެ ކަމެއްނޫން.

ޚިދުމަތްކުރާ މީހެއްގެ ޚިދުމަތުގެ އަގު ވަޒަންކުރުމަކީ، ވަކިފަރާތަކުން ކުރަން އޮތްކަމެއްނޫން. އެއީ އެންމެން ކުރަން އޮތް ކަމެއް. ދިވެހިރާއްޖެއަށް، ދިވެހި ރައްޔިތުންނަށް ޚިދުމަތްކޮށްދޭ ފަރާތްތަކުގެ ޚިދުމަތަކީ، ދިވެހިރާއްޖެ، ދިވެހިރައްޔިތުން ދެނެގަންނަންޖެހޭނެ، ފާހަގަކުރަންޖެހޭނެ، ބަލައިގަންނަންޖެހޭނެ ޚިދުމަތެއް.

އާދެ. މިފަދަ ޖަލްސާއެއްގައި، މާ ދިގުކޮށް ވާހަކަދެއްކުމަކީވެސް މާ ފަސޭހަކަމަކަށްނުވާނެ. އަދި އަޑުއައްސަވަން ތިއްބެވި ބޭފުޅުންނަށްވެސް މާ ފަސޭހަފުޅުކަމަކަށް ނުވާނެކަންނޭނގެ. އެހެންވީމާ، އަޅުގަނޑުގެ ވާހަކަކޮޅު މިހިސާބަށް ނިންމާލަން ގަސްތުކުރަނީ.

އަޅުގަނޑުގެ ކުރިން ވާހަކަފުޅުދެއްކެވި ބޭފުޅުން، އެ ކުރެއްވި ދުޢާގައި އަޅުގަނޑުވެސް ޝާމިލުވަން. މާތް ﷲ، އަލްމަރްޙޫމް އަލްއުސްތާޛު މުޙަންމަދު އިބްރާހީމް ލުޠުފީގެ ފުރާނަފުޅަށް ރަޙްމަތްލައްވައި، އޭނާގެ ފާފަފުއްސަވައި، މާތް ﷲ ގެ ތަނަވަސް ރަޙްމަތުގައި އޭނާ ހިމަނުއްވާށި! އަދި އޭނާގެ އަނބިކަނބަލުންނަށާއި، އާއިލާގެ އެހެން ބޭފުޅުންނަށް ކެތްތެރިކަން ދެއްވައި، ޘަވާބު އިތުރުކުރައްވާށި!

والسّلام عليكم ورحمـة اللّـه وبركاته.