بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علٰـى خاتم الأنبياء والمرسلين، سيّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.

މިއަދުގެ ޝަރަފުވެރި މެހުމާނުން ކަމުގައިވާ ރާއްޖޭގެ ޢިއްޒަތްތެރި މަސްވެރިން، މިނިސްޓަރ އޮފް ފިޝަރީޒް އަލްފާޟިލް ޢަބްދުއްސައްތާރު މޫސާދީދީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބްލް އަލްއުސްތާޛް އިބްރާހީމް ޝިހާބް، ރާއްޖޭގެ އުއްތަމަ ފަނޑިޔާރު، އޮނަރަބްލް އަލްއުސްތާޛުއްޝައިޚް މޫސާ ފަތުޙީ، މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް އޮނަރަބްލް އަލްފާޟިލް އިލްޔާސް އިބްރާހީމް، މިތަނަށް ވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުން، އަދި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުން؛

السّلام عليكم ورحمـة اللّـه وبركاته.

އާދެ، ދިވެހިރާއްޖޭގެ އިޤްތިޞާދިއްޔަތުގައި އެންމެ މުހިންމު ބައެއް އަދާކުރަމުން ގެންދާ ރާއްޖޭގެ ހީވާގި މަސްވެރިންނަށް ނިސްބަތްކުރެވޭ މަސްވެރިންގެ ދުވަހަކީ، މިހާރު އަޅުގަނޑު ދަންނަވާނީ ޤައުމީގޮތުން ފާހަގަކުރެވޭ ދުވަސްތަކުގެ ތެރެއިން ވަރަށް މުހިންމު ދުވަހަކަށް ވެއްޖެއޭ.

އާދެ، ތަރައްޤީއަށްޓަކައި ކެނޑިނޭޅި މަސައްކަތް ކުރެވެމުންދާ ވަގުތެއްގައި އަދި ދުނިޔޭގެ އެތަންމިތާނގައިވެސް ތަރައްޤީއަށްޓަކައި އެހާބޮޑު އަހަންމިއްޔަތެއް ދެވެމުން ގެންދެވޭ ދުވަސްވަރެއްގައި، ރާއްޖޭގެ މަސްވެރިންގެ ނަމުގައި ދުވަހެއް ފާހަގަކުރުމަކީ އަދި އެ ފާހަގަކުރެވޭ ދުވަސް އެއީ ޤައުމީ ފެންވަރުގައި ވަރަށް މުހިންމު ދުވަހަކަށްވީކަން އެއީ އެއްގޮތަކަށްވެސް ޙައިރާންވާންވީ ކަމެއްނޫން. އަޅުގަނޑު ދެކޭގޮތުގައި ދުވަހަކީ، އާދެ، މަސްވެރިންގެ ދުވަހަކީ ކުރިންވެސް އެތަކެއްފަހަރުމަތިން އިޢުލާނު ކުރެވިފައިވާ ފަދައިން، ރާއްޖޭގެ އިޤްތިޞާދުގައި މަސްވެރިން އެ ޙިއްޞާކުރާ މިންވަރު، އަގުވަޒަންކުރުމުގެ ގޮތުންނާއި، އެމީހުންގެ މަޤާމު މުޖުތަމަޢުގައި އުފުލުމުގެގޮތުން ސަރުކާރުން ފާހަގަކުރާ ދުވަހެއް ކަމުގައިވިޔަސް، މިދުވަހަކީ ޙަޤީޤަތަށް ވިސްނާއިރު، ތަރައްޤީއަށްޓަކައި މަސައްކަތްކުރާ ހުރިހާ އެންމެންގެ ނިސްބަތުގައި، އެ އެންމެންނަށް ސާބަސްދީ، ތަޢުރީފު ކުރުމަށްޓަކައި ފާހަގަކުރެވޭ ދުވަހެއް.

އާދެ، އަޅުގަނޑު ދެކޭގޮތުގައި މަސްވެރިންނަށް ދެވޭ ތަރުޙީބަކީ، އުފެއްދުންތެރިކަމަށް ދެވޭ ތަރުޙީބެއް. މަސްވެރިންނަށް މިއަދު ދެވޭ ސާބަހަކީ، އުފެއްދުންތެރި މަސައްކަތްކުރާ އެންމެންނަށް ދެވޭ ސާބަހެއް. އާދެ، މިދުވަސް މިގޮތަށް ގެނައުމުގެ ސަބަބުން ވަރަށް ބޭނުންތެރި ނަތީޖާތަކެއް މިހާރު ފެންނަމުން އެބަދޭ. އޭގެތެރެއިން އެންމެ މުހިންމު ނަތީޖާއެއް ކަމަށް އަޅުގަނޑު މިއަދު ދަންނަވަލާހިތްއޮތީ، ރާއްޖޭގެ ރައްޔިތުންގެ މެދުގައި މަސްވެރިކަމާ ބެހޭގޮތުން މިހާރު ފެތުރެމުން އަންނަ ހޭލުންތެރިކަން.

އާދެ، މިހާރު މަސްވެރިކަމާ ދޭތެރޭގައި ޚިޔާލުނުކުރާ، އެކަމުގެ ވާހަކަނުދައްކާ ހަމަ އެންމެ ދިވެއްސަކުވެސް ނުހުންނާނެއޭ އަޅުގަނޑަށް ދެންނެވިދާނެ. ކުޑަކުދިންވެސް، ބޮޑެތިމީހުންވެސް، އަންހެނުންވެސް، ފިރިހެނުންވެސް، ޒުވާނުންވެސް، މުސްކުޅިންވެސް މަސްވެރިކަމާ ދޭތެރޭގައި މިހާރު ވާހަކަދައްކައި ޚިޔާލުފާޅުކޮށް ހަދާ. ހަމައެކަނި ވާހަކަދައްކައި ޚިޔާލުފާޅުކޮށް ހަދަނީއަކީ ނޫން. އޭގެއިތުރަށް، މަސްވެރިކަމާބެހޭ އެކި ކަންކަމުގައިވެސް ވަރަށް ގިނަ ޢަދަދެއްގެ މީހުން ބައިވެރިވަމުންދާކަން އަޅުގަނޑަށް އެނގޭ. އެހެންވީމާ، އަޅުގަނޑު ދަންނަވާހިތްއޮތީ، މަސްވެރިންގެ ދުވަހެއް ޤައުމީ ފެންވަރުގައި ގެނައުމުން، މިހާރު އަޅުގަނޑުމެންނަށް ލިބެމުންދާ އެންމެ މުހިންމު އެންމެ ބޭނުންތެރި ނަތީޖާއަކީ، ދިވެހި މުޖުތަމަޢުގައި މަސްވެރިކަމާ ބެހޭގޮތުން މިހާރު އުފެދެމުންމިދާ ވަރަށް ވަރުގަދަ ހޭލުންތެރިކަން.

އާދެ، އޭގެ ހެތްކެއްގެގޮތުން ދަންނަވާލާހިތްއޮތީ މިދިޔަ އަހަރު މަސްވެރިންގެ ދުވަހު، އެދުވަހު ބޭއްވުނު ރަސްމީ ޖަލްސާގައި އަޅުގަނޑު ވާހަކަދައްކަމުން، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އާދެ، ރައްޔިތުންގެ ތެރެއިން ޞިއްޙަތުގެ ގޮތުން އެކަމަށް ކުޅަދާނަވެގެންވާ އެންމެންނަށް މަހަށް ދިޔުމަށް، އަހަރުދުވަހުގެ ތެރޭގައި އެއްދުވަހު ނަމަވެސް މަހަށް ދިޔުމަށް އިލްތިމާސެއް ކުރިން. އެ އިލްތިމާސަށް އިޖާބަ ދެއްވުމުގެގޮތުން، ރާއްޖޭގެ ރައްޔިތުންނާއި އަދި އެކިއެކި ކަންކަމާ ޙަވާލުވެ ތިއްބެވި ވެރިން ދެއްވި މަތިވެރި ތަރުޙީބު އެއީ އަޅުގަނޑު މި ދަންނަވާ ބަހުގެ ހެތްކެއްކަން ކަށަވަރު. ސަރުކާރުގެ މަތީފެންވަރުގެ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ފެށިގެން، އެންމެ އާދައިގެ ރައްޔިތުންނާ ހަމައަށް، އަޅުގަނޑުކުރި އިލްތިމާސަށް އިޖާބަދެވެމުން އައީ ވަރަށް ފުރިހަމަ ދަރަޖައަކަށް. މާލޭގައިވެސް ވަރަށް ގިނަ ޢަދަދެއްގެ މީހުން މަހަށްދިޔަކަން އަޅުގަނޑަށް އެނގިފައިވޭ. ރާއްޖެތެރޭގައިވެސް ރަށްރަށުގެ ވެރިންނާއި، އަތޮޅުވެރިންނާއި އަދި ރަށްރަށް ކުރިއެރުވުމަށްޓަކައި ހެދިފައިވާ ކޮމިޓީތަކުގެ މެންބަރުންނާއި އަދި އެނޫންވެސް ބޭކަލުން މަހަށް ދުރުވި. ހަމައެފަދައިން މާލޭގައިވެސް ވަރަށް ގިނަ ޢަދަދަކަށް މީހުން މަހަށްދިޔަ. މިހުރިހާ ކަމެއް ހާމަކޮށްދެނީ، މަސްވެރިކަމަށް މިއަދު އަޅުގަނޑުމެންގެ ރާއްޖޭގައި މިދެވެމުންމިދާ މަޤާމު އެންމެންނަށް ވަޒަންކުރެވޭކަން. އެހެންކަމާއެކު، މަސްވެރިކަމުގެ ދާއިރާގައި، މިދެންނެވި ގޮތަށް ނަމަވެސް، މިވޭތުވެދިޔަ އަހަރުގެތެރޭގައި ބައިވެރިވެވަޑައިގެންދެއްވި ހުރިހާ ފަރާތްތަކަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު، އެދުވަހު ބޭއްވުނު ޤައުމީ ޖަލްސާގައި، އަޅުގަނޑުގެ ހިތަށް ވަދެފައިވާ ޝުޢޫރުތަކާއި، މިއަދު މިޖަލްސާގައި އަޅުގަނޑު ވާހަކަދައްކަމުން ގެންދާއިރު، އަޅުގަނޑުގެ ހިތަށް ވެރިވެފައިވާ ޝުޢޫރުތަކާ އެއީ، ވަރަށް ތަފާތު ޝުޢޫރުތަކެއް. އާދެ، އެހެން މިދެންނެވީ، މިދިޔަ އަހަރު މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަމުން ގެންދިޔައިރު، އަޅުގަނޑުމެންގެ މަސްވެރިކަމަށް ކުރިމަތިވެފައިވާ ދަތިތަކުގެވާހަކަ އަޅުގަނޑުވެސް ހިސާބަކަށް ދަންނަވާލިން. އަދި އެޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެހެން ބޭފުޅުންވެސް ވިދާޅުވަމުން ގެންދެވި. މަސްވެރިކަމަށް ދިމާވެފައިވާ ދަތިތަކުގެ ސަބަބުންނާއި އަދި އެނޫންވެސް ރާއްޖޭގެ މުހިންމު އިޤްތިޞާދީ މަސައްކަތްތަކަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ އުދަރެސް އޮތީ ވަރަށް ބަނަވެފައިކަން އެދުވަހު އަޅުގަނޑުމެން އެންމެންނަށްވެސް ހާމަވެގެންދިޔަ. އެކަމުގެ ހިތި ޝުޢޫރުތައް، އަޅުގަނޑުމެން އެންމެންވެސް ޙިއްޞާކުރަމުން ގެންދިޔައިމު. އެއާ ޚިލާފަށް މިއަދު މިތަނުން އަޅުގަނޑުމެންނަށް މި އިވިގެންދިޔަ އަޑުތަކުންނާއި، ލިބުނު ޢަދަދުތަކުން އެނގޭ އެއްޗަކީ، އަޅުގަނޑުމެންގެ އިޤްތިޞާދީ އުދަރެހުގެ ބަނަކަން މިހާރު އެތައްތަނަކަށް ސާފުވެގެން އަލިވެގެން ހިނގައްޖެކަން.

އާދެ، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްގެ ވާހަކަފުޅުގައި، މިއަހަރަކީ އަޅުގަނޑުމެންގެ ރާއްޖެއަށް، މިވޭތުވެދިޔަ ހައެއްކަ އަށެއްކަ އަހަރު ދުވަހުގެތެރޭގައި ނާންނަފަދަ މަސްވެރިކަން ކުރިއަރާފައިވާ އަހަރެއްކަން އެމަނިކުފާނު ފާހަގަކުރެއްވި. އާދެ، އަޅުގަނޑަށްވެސް ހިސާބުތައް ލިބިފައިވާގޮތުން ދަންނަވަންޖެހެނީ، މިދިޔަ އަހަރު ރާއްޖެއިން ބޭރުކުރެވުނު މަހުގެ ޢަދަދަކީ، ގާތްގަނޑަކަށް ދިހަހާސް އެއްސަތޭކަ ޓަނޭ. އެއާ ޚިލާފަށް، މިހާރު މިއަދާ ހަމައަށް ނުވަތަ މިދިޔަ ނޮވެންބަރުމަހުގެ ނިޔަލަށް، މިއަހަރު މިހާރު ތޭރަހާސް ފަސްސަތޭކަ ޓަނު ބޭރުކުރެވިއްޖެ. އެއީ ދިވެހިރާއްޖޭގެ ނިސްބަތުގައި ވަރަށް ބޮޑު ބައެއް އިތުރުވެގެން އެދިޔައީ. މިހާރުވެސް ރާއްޖޭގެ މަސްވެރިކަން، މާތްﷲގެ އިރާދަފުޅުން ވަރަށްވެސް ރަނގަޅު. އެހެންވުމާއެކު، މަސްވެރިކަމުން މިއަހަރު ރާއްޖެއަށް ލިބޭ އާމްދަނީ، މިދިޔަ އަހަރަށްވުރެ ވަރަށް ބޮޑުތަން ރަނގަޅުވާނެކަމާމެދަކު ޝައްކެއްނެތް. މިއަހަރު އަޅުގަނޑުމެންގެ އިޤްތިޞާދީ ޢަލާމަތްތައް ދައްކާގޮތުން، މިދިޔަ އަހަރަށްވުރެ ރަނގަޅުވީ ހަމައެކަނި މަސްވެރިކަމެއްނޫން. އެއާއެކުގައި އަޅުގަނޑުމެންގެ ރާއްޖޭގެ ދެވަނަ މުހިންމު މަސައްކަތް ކަމުގައިވާ ޓޫރިޒަމް، އެކަމަށްވެސް މިއަހަރު، ކުރީ އަހަރަށްވުރެ ބޮޑުކުރިއެރުމެއް ލިބެމުންދާކަން ފާހަގަކުރެވޭ. އެހެންވީމާ، އަޅުގަނޑު ދަންނަވާލާހިތްއޮތީ، މިދިޔަ އަހަރު އަޅުގަނޑުމެން މަސްވެރިންގެދުވަހު، އަޅުގަނޑުމެން އެންމެންގެ ހިތްތަކަށް ވަދެފައިވާ ނުތަނަވަސްކަމުގެ ޝުޢޫރުތައް މިއަދު ތަންދީފައިވަނީ އިރާދަކުރެއްވީތީ އެއަށްވުރެ އުފާވެރި ޝުޢޫރުތަކަކަށޭ.

އާދެ، މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ވާހަކަދައްކާއިރު، އަޅުގަނޑުވެސް ވަރަށް ގިނަ ފަރާތްތަކަކަށް ޝުކުރު ދަންނަވަންޖެހޭ. އެއީ، މިވަގުތު ރާއްޖޭގެ ރައްޔިތުން ކަންތައްތައް ނިންމާފައިވާގޮތުގެމަތިން ސަރުކާރު ހިންގުމާ ޙަވާލުވެހުރީ އަޅުގަނޑު ކަމަށްވާތީ. އާދެ، މަސްވެރިކަމުގެ ދާއިރާގައި ތަފާތު ފަރާތްތައް، ސަރުކާރުގެ ފަރާތްތަކާއި އަމިއްލަ ފަރާތްތައް ޙަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވާ. އެ ޙަރަކާތްތެރިވެވަޑައިގަންނަވާ ވަޑައިގަތުމުގެ ސަބަބުން އަޅުގަނޑުމެންގެ މަސްވެރިކަމަށް މިއަހަރު އިތުރު ތަރައްޤީއެއް ލިބެމުންދާކަމަށް މިފެންނަނީ. އެހެންވުމާއެކު، މަސްވެރިކަމުގެ ދާއިރާގައި އުޅުއްވާ ހުރިހާ ފަރާތްތަކަކަށް، ސަރުކާރުގެ ނަމުގައި ޝުކުރު ދެންނެވުމަކީ، އަޅުގަނޑު މިއަދު އަދާކުރަންޖެހޭނެ ވާޖިބެއްކަމަށް އަޅުގަނޑު ދެކެން.

އާދެ، އެންމެ ފުރަތަމަ އެ ޝުކުރުގެ ޙައްޤުވެރި ފަރާތަކީ، އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން، މިއަދުގެ ޢިއްޒަތްތެރި މެހުމާނުން. އާދެ، ރާއްޖޭގެ އެންމެހާ ހީވާގި މަސްވެރިން. ރާއްޖޭގެ މަސްވެރިންގެ ބައެއް ބޭކަލުން މިއަދު މިޖަލްސާގައި ތިއްބެވިކަން އެއީ، އަޅުގަނޑު ވަރަށް އުފާކުރާކަމެއް. އަދި އެކަމުގެ ސަބަބުން އެބޭކަލުން އެ ތިއްބެވީ ކޮންމެކަހަލަ ހެދުމެއްގައި ކަމުގައިވިޔަސް، އަޅުގަނޑު ހިތުން އެބޭކަލުންގެ ސަބަބުން މިޖަލްސާއަށް ވަރަށް މަތިވެރި ޒީނަތްތެރިކަމެއް އިތުރުވެގެން ހިނގައްޖެ. އެހެންވީމާ، މިއަދުގެ ޝުކުރުގެ އެންމެ ފަޚުރުވެރި ފަރާތްތަކަކީ، ރާއްޖޭގެ މުރާލި ހީވާގި މަސްވެރިންނާއި، އޮޑިވެރިންނާއި އަދި މަސްވެރި ޢާއިލާތައް. އެހެންވީމާ، އެ ފަރާތްތަކަށް ހިފެހެއްޓުމެއްނެތި ޝުކުރާއި ތަޢުރީފު އަޅުގަނޑު ރައްދުކުރަން.

އާދެ، އޭގެފަހުގައި މިއަދު އަޅުގަނޑު ޝުކުރު ދަންނަވަންޖެހޭ ފަރާތަކީ، ރާއްޖޭގެ މަސްވެރިކަމާބެހޭ ކަންތައްތައް ހިންގެވުމާ ޙަވާލުވެ ތިއްބެވި ފަރާތްތައް. އޭގެ ތެރެއިން އެއް ފަރާތަކީ މިނިސްޓްރީ އޮފް ފިޝަރީޒް. މިނިސްޓްރީ އޮފް ފިޝަރީޒްގެ އެކި ފެންވަރުގެ ވެރިންނާއި މުވައްޒަފުން ރާއްޖޭގެ މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ވަރަށް ބުރަ، ބޮޑެތި މަސްއޫލިއްޔަތުތަކެއް އަދާކުރައްވަމުން ގެންދަވާ. އަދި ޚާއްޞަގޮތެއްގައި ދަންނަވަންޏާ، ޚުދު މިނިސްޓަރ އޮފް ފިޝަރީޒް އަލްފާޟިލް ޢަބްދުއްސައްތާރު މޫސާދީދީ، ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށާއި އަދި މަސްވެރިންނަށް ދިމާވަމުންދާ ދަތިތައް ޙައްލުކޮށްދެއްވުމަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު ބުރަ މަސައްކަތްތަކެއް ކޮށްދެއްވަމުން ގެންދަވާ. އެހެންވީމާ، މިނިސްޓަރ އޮފް ފިޝަރީޒަށާއި، މިނިސްޓްރީ އޮފް ފިޝަރީޒްގެ އެންމެހާ ވެރީންނަށާއި މުވައްޒަފުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ދެން އޮތީ ސަރުކާރުގެ ފަރާތުން މަސްވެރިކަމާބެހޭ ޙަރަކާތްތައް ހިންގަވާ ފަރާތް. އެއީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން. ދެންމެ މިތާނގައި އެ އޯގަނައިޒޭޝަންގެ ޑިރެކްޓަރ އަދި ރާއްޖޭގެ މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް ދެއްކެވި ވާހަކަފުޅުން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އެފަރާތުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވާ މިންވަރު. ކުރައްވާ ތަފާތު ބުރަ މަސައްކަތްތައް. އަދި އެމަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް މިހާރު ލިބެމުންދާ ފައިދާތައް. އެހެންވީމާ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ވެރިންނަށާއި، އެތާނގެ ހުރިހާ މުވައްޒަފުންނަށް، ވަރަށްބޮޑު ހިތްހަމަޖެހުމަކާއެކު ތަޢުރީފާއި ސާބަސް ދެންނެވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ހަމައެއާއެކުގައި ދަންނަވަންޖެހެނީ، ދެންމެ މިނިސްޓަރ އޮފް ފިޝަރީޒް އެ ވިދާޅުވިފަދައިން، އަޅުގަނޑުވެސް ގަބޫލުކުރަމޭ، ރާއްޖޭގައި މަސައްކަތެއް ދިރިދެމިހުންނާނީ، އެ މަސައްކަތެއްގައި އަޅުގަނޑުމެންގެ ޒުވާނުން، އަޅުގަނޑުމެންގެ ކިޔަވާކުދިން ބައިވެރިވަމުންދިޔަ މިންވަރަކުންނޭ.

އެހެންވީމާ، ޒުވާނުންގެ ހިތްތަކުގައި މަސްވެރިކަމަށް ޝައުޤުވެރިކަން އިތުރުކުރެއްވުމަށާއި، މަސްވެރިކަމާބެހޭ މަޢުލޫމާތު އެކުދިންނަށް ގެނެސްދެއްވުމަށާއި، މި ހުރިހާ ކަމަކަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ، އަޅުގަނޑު ހިތުން ރާއްޖޭގެ އިޤްތިޞާދިއްޔަތު، އެއްދުވަހުން އަނެއް ދުވަހަށް ކުރިއެރުމަށް ބޭނުންވާ ނުވަތަ އެދޭ ކޮންމެ މީހަކު ވަރަށް ބޮޑަށް ތަރުޙީބުދޭނެ މަސައްކަތްތަކެއް. އެހެންކަމާއެކު، މިނިސްޓަރ އޮފް އެޑިޔުކޭޝަނަށާއި، އެމަނިކުފާނު މިއަދު މި ޖަލްސާގައި ވަޑައިގެންނެތް ކަމުގައިވިޔަސް، އޭނާގެ އަރިހަށާއި އަދި، އެ މިނިސްޓްރީގެ އެކި ފެންވަރުގެ ވެރިންނަށާއި މުވައްޒަފުންނަށް އިޚްލާޞްތެރިކަމާއެކު ސާބަސް ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

އާދެ، ދެންމެ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސީނިއަރ އަންޑަރ ސެކްރެޓަރީ މިތާނގައި ވާހަކަފުޅުދައްކަވަމުން ގެންދެވިއިރު ހާމަކުރެއްވި ނުކުތާއަކީ، އެންމެ މުހިންމު ނުކުތާއަކީ އަޅުގަނޑު ދަންނަވާލާހިތްއޮތީ، އަޅުގަނޑުމެން އެންމެންވެސް އެކަމަށްޓަކައި ފަޚުރުވެރިވުން ޙައްޤު ނުކުތާއެކޭ. އެއީ ރާއްޖެއިން އުފެދިގެން އަންނަ ޢިލްމެއް، ރާއްޖެއިން އުފެދިގެން އަންނަ ހުނަރުވެރިކަމެއް، އެކަން އެއީ ދުނިޔޭގެ ފެންވަރުގައި ގަބޫލުކުރެވޭ ކަމަކަށްވީކަން.

ޝައްކެއްނެތް، ރާއްޖެއަކީ ޒަމާނުއްސުރެ މަސްވެރިކަމަށް، ވަކިބާވަތެއްގެ މަސްވެރިކަމަކަށް ކުރިއަރާފައިވާ ޤައުމެއް. އަދި މިދެންނެވި ބާވަތުގެ މަސްވެރިކަމުން ރާއްޖޭގެ ރައްޔިތުންނަށް އެ ހުނަރުގައި އެފަންނުގައި، އެކަށީގެންވާ ތަޖުރިބާތަކަކާއި މަޢުލޫމާތުތަކެއް ލިބިފައިވާ ޤައުމެއް. އެހެންވީމާ، އަޅުގަނޑުމެންގެ ތެރެއިން ފެށިގެން އަންނަ މަސައްކަތެއް ނުވަތަ ހުނަރުވެރިކަމެއް ނުވަތަ ޢިލްމެއް އެއީ، ދުނިޔޭގެ ފެންވަރުގައި ދުނިޔޭގެ އެކިއެކި ޔުނިވަރސިޓީތަކުގައި ގަބޫލުކުރާ އެއްޗަކަށްވީކަން އެއީ ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ފަޚްރެއް.

އާދެ، މަސްވެރިކަމުގެ ކަންތަކުގައި އުޅުއްވާ ފަރާތްތައް ދަންނަވާލުމަކީ މާފަސޭހަކަމަކަށްނުވޭ. އެއީ ލިސްޓުގެ ދިގުކަމުން. އަޅުގަނޑު ދެންމެ މި ދެންނެވި ފަރާތްތަކުގެ އިތުރަށް، މަސްވެރިންނަށް ފަސޭހައިން ތެޔޮލިބޭނެ އިންތިޒާމުތައް ހަމަޖައްސަވައި، މިހާތަނަށް ހިންގަވަމުން ގެންދެވި، ސަރުކާރު ބައިވެރިވާ ކުންފުންޏެއް ކަމުގައިވާ އެމް.ޓީ.ސީ.ސީ.ވެސް އަޅުގަނޑު ހަނދާންކުރަންޖެހޭ. އެމް.ޓީ.ސީ.ސީ.ގެ ފަރާތުން ވޭތުވެދިޔަތާނގައި ރާއްޖެތެރޭގެ ރަށްރަށަށް، އެތަންތާނގައި ބެހެއްޓިފައި ހުރި ތާނގީތަކަށް ތެޔޮ ގެންގޮސްދެއްވަމުން ގެންދެވި. ދިމާވި ސަބަބުތަކަށްޓަކައި ކުޑަކޮށް މެދުކެނޑިފައި ނަމަވެސް، މިހާރު އަނެއްކާވެސް އެ މަސައްކަތް އޮތީ ފެށޭ ހިސާބުގައި. އެހެންވީމާ، އެމް.ޓީ.ސީ.ސީ.އިންވެސް އެ ކޮށްދެއްވާ މަސައްކަތްތަކަށް ޝުކުރު ދެންނެވުމަކީ އަޅުގަނޑުގެ ވާޖިބެއްކަމަށް ދެކެން.

ހަމައެފަދައިން މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ އަމިއްލަ ފަރާތްތަކަށްވެސް ޝުކުރު ދަންނަވަންޖެހޭ. އަޅުގަނޑުގެ ކުރިން ވާހަކަފުޅުދެއްކެވި ބޭފުޅުންގެ ވާހަކަފުޅުތަކުގައިވެސް އެފަރާތްތަކަށް އިޝާރާތް ކުރެއްވި. އޭގެތެރެއިން އެންމެ ޚާއްޞަ އެއްފަރާތަކީ، އަޅުގަނޑުމެންގެ ދިވެހި ކުންފުންޏެއް ކަމުގައިވާ އައިލެންޑް އެންޓަރ ޕްރައިޒް. އެހެންވީމާ، އައިލެންޑް އެންޓަރ ޕްރައިޒް، އެކުންފުންޏަށްވެސް އަދި އެކުންފުނިން އެކުރައްވާ މަސައްކަތްތައް އެގޮތަށް ކުރައްވަމުން ގެންދަވާތީ، އެފަރާތަށް ޝުކުރު ދެންނެވުމަކީވެސް އަޅުގަނޑު މިއަދު ކުރަންޖެހޭނެ ކަމެއްކަމަށް އަޅުގަނޑު ގަބޫލުކުރަން.

އާދެ، އިޤްތިޞާދީގޮތުން މިހާ މުހިންމު މަސައްކަތެއް އަޅުގަނޑުމެން ކުރަމުންގެންދާއިރު، އެ މަސައްކަތް ރައްކާތެރިކޮށްދޭނެ ފަރާތެއް ނުވަތަ ފަރާތްތަކެއްވެސް އޮންނަން އެބަޖެހޭ. އާދެ، ރާއްޖޭގައި މަސްވެރިކަމަށް ދިމާވާ އެންމެބޮޑު އެއް ނުރައްކަލަކީ ބޭރުގެ ބޯޓުފަހަރު ރާއްޖެއަށްވަދެ، ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުން މަސްވެރިކަން ކުރަމުން ގެންދިޔުން. އެހެންވީމާ، އެ މަސައްކަތްތައް ނުވަތަ އެކުރާ ޣައިރު ޤާނޫނީ ޢަމަލުތައް ހުއްޓުވުމަށްޓަކައި ދިވެހި ސަރުކާރުން އެކިއެކި ފިޔަވަޅު އަޅަންޖެހޭ. އެކަންތައްތަކާ ޙަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުންނަށް އާދެ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއަށާއި، އެމިނިސްޓްރީގެ ވެރިންނަށާއި، ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ އޮފިސަރުންނަށާއި، އެންމެހާ ބޭކަލުންނަށް މިއަދު މިމަޤާމުގައި ހުރެ ދިވެހިރާއްޖޭގެ މަސްވެރިންގެ ފަރާތުން އަދި ދިވެހި ސަރުކާރުގެ ފަރާތުން ޝުކުރު ދެންނެވުމަކީ އަޅުގަނޑު ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމަށް އަޅުގަނޑު ދެކެން.

އިޤްތިޞާދީ ކަންތައްތަކާ ބެހޭގޮތުން މިފަދަ މުހިންމު ޖަލްސާއެއްގައި ވާހަކަދައްކާއިރު، އަޅުގަނޑު ހިތުން އަޅުގަނޑުމެން ވަރަށް ބޮޑު އަހަންމިއްޔަތެއް ދޭންޖެހޭ، އޭގައި ހިމެނޭ ތަފާތު ބޮޑެތި މައްސަލަތަކަށް. އާދެ، ރާއްޖޭގެ އިޤްތިޞާދިއްޔަތަށް ކުރިމަތިވެފައިވާ މައްސަލަތައް ގިނަގުނަ. ހަމައެއާއެކުގައި މަސްވެރިކަމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައްވެސް އެބަހުރި. މައްސަލަތަކޭ އަޅުގަނޑު މި ދެންނެވީ، ހަމައެކަނި ދިމާވެފައިވާ ދަތިތަކުގެ ވާހަކައެއް ނޫން. ދިމާވެފައިވާ ދަތިތަކަކީ އެއާ ދޭތެރޭގައި ވިސްނައިގެން، އެކިއެކި ފިޔަވަޅު އެޅިދާނެ ކަންތައްތައް. އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، އެ މަސައްކަތެއްގައި ހިމެނޭ ބޮޑެތި އުޞޫލުތައް ނުވަތަ އެކަންކަމާ ދޭތެރޭގައި ކަމާބެހޭ ފަރާތްތަކުން ކޮންމެވެސްކަހަލަގޮތަކަށް މައްސަލަ ނިންމަވަންޖެހޭކަހަލަ ކަންތައްތައް. އޭގެތެރެއިން އެއް މިސާލަކަށް ދެންނެވެން އޮތީ، ރާއްޖޭގައި ބޮޑެތި ބޯޓުފަހަރު ބޭނުންކޮށްގެން މަސްވެރިކަން ކުރުން.

ދެންމެ މިތާނގައި، ސަރުކާރުގެ ފަރާތުން މަސްވެރިކަމުގެ އެކިއެކި ބޮޑެތި މަސައްކަތްތައް ހިންގަވާ ފަރާތުން ވާހަކަފުޅުދެއްކެވި ބޭފުޅަކު އެ ވިދާޅުވިގޮތުގައި، އަޅުގަނޑުމެންގެ ރާއްޖެއިންވެސް މިހާރު މި މަސްވެރިކަން ކުރާގޮތުގެ އިތުރަށް، އެހެންކަހަލަ މަސްވެރިކަމެއްގެ ތަޖުރިބާ އެފަރާތުން ކުރެއްވި. ވަރަށް ކުޑަކުޑަ ދުވަސްކޮޅެއްގައި އެކުރެއްވި ތަޖުރިބާއިން ވަރަށް ރަނގަޅު ނަތީޖާއެއް ލިބިވަޑައިގެންނެވި. އެހެންނަމަވެސް، އެ ކަންތައްތައް އަދި ކުރިޔަށް ގެންދެވޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތުމުގެ ސަބަބުން އެހިސާބަށް އެކަންތައްތައް ހުއްޓުވައިލައްވަން ޖެހިވަޑައިގަތީ.

އަޅުގަނޑުމެންގެ ވަށައިގެންވާ ޤައުމުތަކަށް ވިސްނާއިރުވެސް، އަޅުގަނޑުމެންނަށް އެނގޭ، މިޒަމާނުގައި މަސްވެރިކަމުގައި ކުރިޔަށްދެވޭނީ، ޒަމާނުއްސުރެ އެޤައުމުތަކުގައި ގެންގުޅެމުން އައި ވަސީލަތްތަކުގެ އިތުރަށް، މިޒަމާނާ ގުޅޭ ޢިލްމީ ވަސީލަތްތައްވެސް ބޭނުންކޮށްގެންކަން. އަދި މިޒަމާނުގެ މަސްވެރިކަމުގެ ހުނަރަކީ ވަރަށް ބޮޑު ތަނަވަސް ހުނަރަކަށްވާތީ، އޭގައި ހިމެނޭ ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން ނޫނީ، އެއްވެސް ޤައުމަކަށް މަސްވެރިކަމުގެ ދާއިރާގައި ވަކި މިންވަރަކަށްވުރެ ކުރިއަށް ދެވޭކަށް ނޯންނާނެކަން. އަޅުގަނޑުމެންގެ ކައިރީގައިވާ ޤައުމުތަކުންވެސް އެކަން ތަޖުރިބާކޮށްފި. އަޅުގަނޑުމެންގެ ކައިރީގައިވާ އިންޑިއަށް އޯޝަން ނުވަތަ އިންޑިޔާ ކަނޑުގެ ޤައުމެއް ކަމުގައިވާ ސީޝެލްސްގައި މިއަހަރު އެކަން ތަޖުރިބާކޮށްފި. އެކަން ތަޖުރިބާ ކުރުމުން، މިދެންނެވި ބޮޑެތި ބޯޓުފަހަރު ބޭނުންކޮށްގެން، އެތަނުން މަސްވެރިކަން ކުރުމުން، މިއަހަރުގެ ފުރަތަމަ 8 މަސްދުވަހުގެ ތެރޭގައި، އެމީހުންނަށް ކުރީ އަހަރު ބޭނުނުމަހުގެ ޢަދަދަށްވުރެ ހަތަރުގުނަ ގިނަ ޢަދަދެއްގެ މަސްބޭނުނު. އެހެންވީމާ، ޝައްކެއްނެތްގޮތުގައި އެކަހަލަ ގޮތަކަށް ވިސްނައި ފިޔަވަޅު އެޅުމަކީ، އެއާ ދޭތެރޭގައި އަޅުގަނޑުމެން ކޮންމެވެސްގޮތެއް މިހާރު ނިންމަންވެއްޖެ ކަމެއް.

އާދެ، ބައެއް ފަރާތްތަކުން ފަހަރެއްގައި ހިތަށްއަރާފާނެ، އެކަހަލަ މަސްވެރިކަމެއް ކޮށްފިއްޔާ، އޭގެ ސަބަބުން ރާއްޖޭގައި މިކުރަމުންގެންދާ އާދައިގެ މަސްވެރިކަމަށް ގެއްލުމެއް ލިބިދާނެއޭ. އެއީވެސް އަޅުގަނޑުމެން ވިސްނާލަންޖެހޭ ނުކުތާއެއް. އެހެންނަމަވެސް މިހާތަނަށް ހޯދުނު ހުރިހާ ހޯދުންތަކުން ދައްކާގޮތުގައި ބޮޑެތި ބޯޓުފަހަރުގެ މަސްވެރިކަން، ރާއްޖޭގެ ވަކި ހިސާބެއްގައި ކުރަމުން ގެންދާ ކަމުގައިވަންޏާ، ފަންސާހަކަށް މޭލު ބޭރުން ނުވަތަ ހަތްދިހަ ފަސްމޭލު ބޭރުން ކުރަމުންގެންދާ ކަމުގައިވަންޏާ، ރާއްޖޭގެ އާދައިގެ މަސްވެރިން، އާދައިގެ މަސްދޯނިފަހަރުގައި މިހާރު މިކުރަމުންގެންދާ މަސްވެރިކަމަށް އެއްވެސް ގެއްލުމެއް ނުލިބޭނެ.

ކޮންމެއަކަސް އަޅުގަނޑުމެންނަށް މިއަދު މި މައްސަލައާ މިއޮތީ ކުރިމަތިލާން ޖެހިފައި. އެހެންވީމާ، މިއާ ދޭތެރޭގައި ވިސްނާފައި، ކޮންމެވެސްގޮތެއް ނިންމުމަކީ މިހާރު އަޅުގަނޑުމެން ކުރަންވެއްޖެ ކަމެއް. އެހެން ނޫންކަމަށްވަންޏާ އަޅުގަނޑުމެން، އަޅުގަނޑުމެންގެ އިޤްތިޞާދީ ސަރަޙައްދުގައި ހިމެނޭ ބޮޑެތި ކަނޑުކަނޑުން އާދެ، އަޅުގަނޑުމެން މި މަސް ބޭނުމަށް ބޭނުންކުރަނީ ހަމައެކަނި ގާތްގަނޑަކަށް ރާއްޖޭގެ ފަންސަވީހަކަށް މޭލު ނުވަތަ ވިއްސަކަށް މޭލު ނުވަތަ އެންމެ ދުރަށް ވިސްނިޔަސް ތިރީހަކަށް މޭލު. އޭގެ ބޭރުން އެއްވެސްކަހަލަ މަސްވެރިކަމެއް ކުރަމުން އަޅުގަނޑުމެން ނުގެންދަމު. ނަތީޖާއަކަށްވަނީ އެހިސާބުގަނޑުން ބޭރުގެ ބޮޑެތި ބޯޓުފަހަރުތައް އައިސް، މަސްވެރިކަން ކުރަމުން ގެންދިޔުން. ގެންދިޔުމުގެ ސަބަބުން އަޅުގަނޑުމެންގެ ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގައި ހިމެނޭ އަޅުގަނޑުމެންގެ އަމިއްލަތަކެތިން ބޭރުބަޔަކު ވައްކަން ކުރުމުގެ ފުރުޞަތު، އަޅުގަނޑުމެން އެމީހުންނަށް ދޫކޮށްލަމުން މިގެންދަނީ، އަޅުގަނޑުމެން އެކަން ނުކޮށް ތިބުމުގެ ސަބަބުން. އެހެންވީމާ، މިކަންކަމާ ދޭތެރޭގައި ވިސްނައި، މުޅި ޤައުމަށް ފައިދާހުރިގޮތެއް ނިންމުމަކީ، އަޅުގަނޑު ހިތުން މިދެންނެވިފަދަ މުހިންމު އިޝޫއެއް ނުވަތަ މައްސަލައެއް.

ހަމައެއާއެކު ވިސްނާލަން އެބަޖެހޭ، މީގެ ކުރިން ވާހަކަފުޅުދެއްކެވި ބޭފުޅުންވެސް އިޝާރާތް ކުރެއްވިފަދައިން، އަޅުގަނޑުމެން މިބާވަތުގެ މަސްވެރިކަން ކުރަމުންގެންދާ ކަމަށްވަންޏާ ނުވަތަ މިހާރުވެސް ފެށިގެން މިގެންދާ މަޝްރޫޢުތައް ކުރިއަށްގެންދާ ކަމުގައިވަންޏާ، އެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށްޓަކައި ބޭނުންވާ މީހުން ހޯދާނީ ކިހިނެއްތޯ؟ މިއީވެސް މުޅި ޤައުމަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް. ކޮންމެވެސް ގޮތަކުން ނިންމަންޖެހޭނެ ކަމެއް. އެބޭފުޅުން އެ އިޝާރަތް ކުރެއްވިފަދައިން، އަޅުގަނޑުމެންގެ ރާއްޖޭގައި ތަފާތު ކަންކަމަށް ތަމްރީނުވާން އެދޭ މީހުން، ނުވަތަ ތަމްރީނުވާ މީހުން ވަރަށްވެސް މަދު. މިކަންކަން މުސްތަޤްބަލުގައި ކުރިޔަށް ގެންދިޔުމަށްޓަކައި މިހާރު އެކަންކަމުގައި އުޅޭ މީހުންގެ އެތައް ގުނައެއް އަޅުގަނޑުމެން ބޭނުންވޭ.

އެހެންވީމާ، އެމީހުން އުފައްދަން، އެއީކީ ކުއްލިއަކަށް ހަމަ ވަގުތުން މީހުން ގެންގޮސްގެން ކުރެވޭނެޒާތުގެ މަސައްކަތެއް ނޫން. އެކަމަށް ޚާއްޞަ ތަމްރީނުތަކެއް ލިބެންޖެހޭނެ. ޚާއްޞަ ހުނަރުތަކެއް އެކުދިންނަށް ދަސްކޮށްދެވެންޖެހޭނެ. އެހެންވީމާ، އެކަމަށް ކުދިން ތަމްރީނު ކުރެވިގެން އަޅުގަނޑުމެން ބޭނުންވާ ޢަދަދަށް ކިހިނެއްތޯ ދިވެހިން ހޯދާނީ، މިއީވެސް އަޅުގަނޑުމެންގެ ކުރިމަތީގައި ވަރަށް ބޮޑު މައްސަލައެއް.

އެހެންވީމާ، މިކަހަލަ މައްސަލަތަކާ ދޭތެރޭގައި ވިސްނައި، ސަރުކާރާއި ރައްޔިތުންނާ ދެފަރާތުން ޚިޔާލުބަދަލުކޮށް ނުވަތަ ރައްޔިތުންގެ ތެރެއިން މިކަހަލަ ކަންތައްތައްކޮށް އުޅޭ މީހުންނާއި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، ކޮންމެވެސްކަހަލަ މުހިންމު ނިންމުންތަކެއް ނިންމަންޖެހޭނެ ކަމަށް އަޅުގަނޑަށް ވަރަށް ބޮޑަށް ވިސްނޭ. ނުނިންމާ ތިބުމުގެ ސަބަބުން އެއްދުވަހުން އަނެއްދުވަހަށް އަޅުގަނޑުމެންގެ ކަންތައްތައް ދަށަށް ދިޔުމަކީ އެކަށީގެންވާ ކަމެއް. މިހާރު އަދި ދަށަށްދެއެކޭ ނޫން މިދެންނެވީ. އެހެންނަމަވެސް، އަޅުގަނޑުމެންގެ މި މަސައްކަތަށް ބޭނުންވާ ޢަދަދަށް ދިވެހިން ނުލިބޭކަމަށްވަންޏާ، މުސްތަޤްބަލުގައި އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިދާނެކަމީ ޝައްކެއްއޮތްކަމެއްނޫން.

އާދެ، މިކަހަލަ ކަންތައްތަކާ ދޭތެރޭގައި ވިސްނުން އެއީ، މިކަހަލަ މުހިންމު ޤައުމީ ދުވަހެއްގައި، ޤައުމީ ފެންވަރުގައި ފާހަގަކުރެވޭ ދުވަހެއްގައި އެންމެންވެސް ވިސްނަންޖެހޭނެ ކަމެއްކަމުގައި އަޅުގަނޑު ދެކެން. ހަމައެއާއެކުގައި އަޅުގަނޑުމެންގެ އެކިއެކި ތަރައްޤީ ކަންތައްތަކާ ދޭތެރޭގައި ވިސްނައި، ދުރާލާ ރޭވުންތަކެއް ރޭވުން އެއީވެސް ވަރަށް މުހިންމު ކަމެއް. މިހާރު އަޅުގަނޑުމެންނަށް އޭގެ މުހިންމުކަން ފެންނަމުން މިދަނީ. މީގެކުރިން އެއީ އަޅުގަނޑުމެން މާބޮޑު އަހަންމިއްޔަތެއް ދީގެންތިބި ކަމެއްނޫން. އަޅުގަނޑުމެން ކަންތައްތައް ކުރަމުން ގެންދިޔައީ، ކޮންމެ ދުވަހަކުވެސް، އެދުވަހަކު ދިމާވާ ކަމަކާ ދޭތެރޭގައި ކޮންމެސްގޮތެއް ހަމަޖައްސާލައިގެން، ކުއްލިގޮތަކަށް. އެއީ އަދި އިޤްތިޞާދީ މަސައްކަތެއް ކަމުގައިވިޔަސް ނުވަތަ އިޖުތިމާޢީ ކަމެއް ކަމުގައިވިޔަސް، އަޅުގަނޑުމެންގެ ވިސްނުމާއި ކަންތައްތައް ކުރިއްސުރެ ހުރީ އެކަހަލަ ގޮތަކަށް.

އެހެންނަމަވެސް މިޒަމާނަކީ އެގޮތަށް ކަންތައްތައް ނުވިސްނައި، ހަމަ ކުއްލި ކުއްލިއަށް ކަންތައްތައް ފަށައިގަނެގެން ގެންދެވޭނެ ޒަމާނެއް ނޫން. މިޒަމާނަކީ ދުރާލާ ކަންކަމާ ދޭތެރޭގައި ވިސްނައިގެން، ކަމާބެހޭ މަޢުލޫމާތުތައް ހޯދައިގެން، ކޮންމެ ކަމަކަށްވެސް އެކަށީގެންވާ މަޝްރޫޢެއް ރާވައިގެން، އެމަޝްރޫޢާ އެއްގޮތްވާގޮތުގެ މަތިން ޢަމަލުކުރެވިގެން ނޫނީ އިޤްތިޞާދީ އަދި އިޖުތިމާޢީ ފައިދާތަކެއް ހޯދޭނޭ ޒަމާނެއް ނޫން. އެހެންވީމާ، މިނުކުތާއަށްވެސް އަޅުގަނޑުމެން ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭ. ޙަޤީޤަތުގައި ސަރުކާރުން ކޮންމެސްވަރަކަށް މިކަމާ ދޭތެރޭގައި، މިދިޔަ އަހަރު ދުވަހުގެތެރޭގައި އައީ މަސައްކަތް ކުރަމުން. ތިޔަބޭފުޅުންވެސް ހަނދުމަފުޅު ހުންނާނޭފަދައިން، 1978 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި، ނޭޝަނަލް ޕްލޭނިން އޭޖެންސީގެ ނަމުގައި ސަރުކާރުގެ ފަރާތެއްވަނީ އުފެއްދިފައި. އެއޮފީހުގެ ނުވަތަ އެތަނުގެ އެންމެ މުހިންމު ކަމަކަށް ވެފައިއޮތީ، ރާއްޖޭގެ ތަރައްޤީއާބެހޭ މަޝްރޫޢެއް ރޭވުން. އެމަސައްކަތް އެފަރާތުން ގެންދަވާތާ މިހާރު ހައެއްކަ އަހަރުވެއްޖެ. އެހެންނަމަވެސް، އަދިވެސް ނިމުމަކާ ހަމައަށް ނުގޮސްއޮތީ، އަޅުގަނޑުމެންގެ އެހެން ކަންތައްތަކެކޭވެސް އެއްފަދައިން، އެކަމަކީވެސް ވަރަށް ޚާއްޞަ ފަންނީ ކަމަކަށްވާތީ، އެކަމާބެހޭ މަޢުލޫމާތު އެއްކުރަންވެސް އެހާގިނަ ދުވަސްދާތީ.

އަޅުގަނޑުމެންގެ ތެރޭގައި އިޤްތިޞާދީ ކަންތައްތައް ރާވައި، މަޝްރޫޢުތައް އެކުލަވައިލުމުގެ މަޢުލޫމާތާއި ތަޖުރިބާ ލިބިފައި ތިބި ތަޖުރިބާކާރުންނާއި މާހިރުންވެސް ނެތް. މިކަހަލަ ކިތަންމެ ސަބަބުތަކެއް މެދުވެރިވެގެން، އަޅުގަނޑުމެން އުންމީދުކުރިހާ އަވަހަށް އެކަންތައްތައް ނުދިޔައީ. އެހެންނަމަވެސް، ކުރުގޮތަކަށް ދަންނަވާލާނަން އެކަންތައްތައް ދިޔަގޮތް.

މިދެންނެވިގޮތަށް 1978 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި އެން.ޕީ.އޭ. އުފެއްދީ. 1979 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން 1981 ވަނަ އަހަރުގެ އޭޕްރީލްމަހާ ހަމައަށް އަޅުގަނޑުމެން ރާއްޖެއަށް ދުނިޔޭގެ ބެންކުގެ އެހީގައި މާހިރަކު ގެނެވި، އޭނާ މަސައްކަތް ކުރަމުން ގެންދެވި. ރާއްޖެއާބެހޭ މަޝްރޫޢެއް ތައްޔާރު ކުރެއްވުމުގެ ގޮތުން. އަދި 1980 ވަނަ އަހަރު އެން.ޕީ.އޭ.ގައި ތަފާސް ހިސާބާބެހޭ ބައެއް އުފެއްދުނު. ތަފާސް ހިސާބުގެ މުހިންމުކަން، ދެންމެ މިނިސްޓަރ އޮފް ފިޝަރީޒްގެ ވާހަކަފުޅުން އަޅުގަނޑުމެންނަށް އެނގިއްޖެ. އެއީ އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ މުހިންމު ކަމެއް. ކަމާބެހޭ ފުރިހަމަ މަޢުލޫމާތުތައް ލިބިގެންނޫނީ އެކަށީގެންވާ މަޝްރޫޢެއް އެއްވެސް މަސައްކަތެއްގައި ނުރޭވޭނެ. އަދި ކުރިޔަކަށްވެސް ނުގެންދެވޭނެ. ބޭރުގެ ފަރާތްތަކުގެ އެހީގައި ދިވެހި ސަރުކާރުން މިހާރު ކުރިޔަށް އެގެންދާފަދަ މުހިންމު މަޝްރޫޢުތައް.

އާދެ، އެއީ ބައިނަލްއަޤްވާމީ ތަރައްޤީގެ ޖަމާޢަތުގެ ފަރާތުން އެހީލިބިގެން ހިންގާ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދެވަނަ މަޝްރޫޢާއި އަދި ކުވައިތު ފަންޑުގެ އެހީގައި އަޅުގަނޑުމެން މިހާރު ހިންގަމުން މިގެންދާ މަހުގެ މުއްސަނދިކަން ހެޔޮގޮތުގައި ބޭނުންކުރުމުގެ މަޝްރޫޢު. މި މުހިންމު މަޝްރޫޢުތަކަށްވެސް ބޭނުންވާ އެންމެ މުހިންމު އެއްޗަކީ، އެކަށީގެންވާ މަޢުލޫމާތު ހުރުން. އަޅުގަނޑުމެން މަސްބާނަނީ ކިހާވަރަކަށްތޯ، ކޮންކަހަލަ މަހެއްތޯ އަޅުގަނޑުމެންނަށް ބޭނެނީ؟ ކިހާވަރަކަށްތޯ ބޭރުކުރެވެނީ؟ ކޮބައިތޯ އޭގައިހުރި ދަތިތަކަކީ؟ ބޭނުންވާ ތެލުގެ ޢަދަދަކީ ކޮބައިތޯ؟ މަސް ފިނިކޮށްފައި ބަހައްޓަން ބޭނުންވާވަރަކީ ކޮބައިތޯ؟ ކިތައް ޓަނުގެ ކެޕޭސިޓީއެއްތޯ އަޅުގަނޑުމެން ގެންގުޅެންޖެހެނީ ނުވަތަ ތައްޔާރުކުރަންޖެހެނީ. މިކަހަލަ ކިތަންމެ މަޢުލޫމާތުތަކެއް ހޯދިގެން ކަމާބެހޭ މަޝްރޫޢެއް ރޭވެން އަންނަނީ. އެހެންވީމާ، ތަފާސް ހިސާބާބެހޭ ސެކްޝަނެއް ނުވަތަ ބަޔެއް އެން.ޕީ.އޭ.ގައި 1980 ވަނަ އަހަރު އުފެއްދުނު. އެ ސެކްޝަންގެ މަސައްކަތްތައް ދިޔައީ ކުރިޔަށް.

ދެން 1981 ވަނަ އަހަރު އަޅުގަނޑުމެން ވަރަށް މުހިންމު ޤައުމީ ތަމްރީނެއް ހިންގިން. އެ ތަމްރީނަކީ ދުނިޔޭގައި އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކާބެހޭ ޖަލްސާއެއް. ވަށްމޭޒުގެ ޖަލްސާއެއް ކުރެވުނު. އެ ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން އަޅުގަނޑުމެން ތައްޔާރުކުރި ޤައުމީ ކަރުދާސް، އެ ޤައުމީ ކަރުދާސް ތައްޔާރުކުރުމުގައި، ސަރުކާރުގެ އިޤްތިޞާދީ ދާއިރާތަކުގައި އުޅުއްވާ ހުރިހާ ބޭފުޅުން ވަޑައިގަންނަވައިގެން، ވަރަށް ގިނަ ދުވަސް ވަންދެން މަސައްކަތް ކުރައްވައިގެން ކަރުދާހެއް ތައްޔާރުކުރެވުނު. އެ ހިމެނެނީވެސް އަޅުގަނޑުމެންގެ ޤައުމީ މަޝްރޫޢެއް ރޭވުމުގައި ވަރަށް ބޮޑު އެހީއެއް ވެދިން ކަމަކަށް. އާދެ، އޭގެފަހުން ކުވައިތު ފަންޑުގެ އެހީގައި 1982ވަނަ އަހަރު އިތުރު މާހިރަކު މާލެ ގެނެވުނު. އޭނާ މިހާރު މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓްގައި މަސައްކަތް ކުރައްވަމުން އެބަގެންދަވާ. އޭނާގެ ބެއްލެވުމުގެ ދަށުން އެ މިނިސްޓްރީގެ ފަރާތުން މިހާރު ރާއްޖޭގެ ތަރައްޤީގެ ތިންއަހަރުގެ މަޝްރޫޢެއް ރާއްވަވައި ނިމިއްޖެ. އެހެންވީމާ، މިއީ ވަރަށް ކުރިއްސުރެ ކުރަމުން އަންނަ މަސައްކަތެއް. އޭގެ ނަތީޖާއާ ހަމައަށް ދެވޭ ދުވަސް. މި މަޝްރޫޢުގެ ފުރަތަމަ ދެލިކޮޕީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިބުނީ އިއްޔެ.

އާދެ، ކޮންމެއަކަސް އެ މަޝްރޫޢަކީ ޝައްކެއްނެތްގޮތުގައި އަޅުގަނޑުމެންނަށް ޤައުމީ ފެންވަރުގައި ކުރެވުނު ވަރަށް ބޮޑު މަސައްކަތެއްގެ ނަތީޖާ. މި މަޝްރޫޢަކީ ތިންއަހަރު ދުވަހަށް ރާވާލެވިފައިވާ މަޝްރޫޢެއް 1985 އިން 1987 އަށް. އާދެ، ބައެއް ބޭފުޅުން ޚިޔާލުކުރެއްވުން އެކަށީގެންވޭ. ކީއްވެހޭ އެހާކުރު މުއްދަތަކަށް ޤައުމީ މަޝްރޫޢެއް ރާވަނީ. ދަންނަވަންޖެހެނީ އަޅުގަނޑުމެންގެ ތަފާސްހިސާބުގެ ފެންވަރު ހުރިގޮތުން، އަޅުގަނޑުމެންގައި އެކަހަލަ ކަމެއް ކުރުމުގެ ޤާބިލިއްޔަތު ހުރިވަރުން އެއަށްވުރެ ދުރަށް އަޅުގަނޑުމެންނަށް އަދި ޚިޔާލުކުރެވެންނެތީއޭ. މިއަންނަ އަހަރުވެސް ކަންތައްތައް ވާނެގޮތަކާ ދޭތެރޭގައި ޚިޔާލުކުރާއިރު، އަޅުގަނޑުމެންގެ ތަފާސް ހިސާބު އަސާސެއް، ބިންގަލެއް ނެތީމާ ކުރިޔަށްއޮތްތާނގައި ކަންތައްތައް ވަމުންދާނެގޮތް ރަނގަޅަކަށް ސާފުވާކަށް ނޯވޭ. އެހެންވީމާ، އަޅުގަނޑުމެންނަށް ޚިޔާލުކުރެވުނީ އެންމެ ދުރަށްވެސް ތިންއަހަރާ ދޭތެރޭގައި. އެތިން އަހަރު ދުވަހުގެ ތެރޭގައި ކުރެވިދާނެ ކަންތައްތަކާއި، ކުރަން ބޭނުން ކަންތައްތަކާއި، އެކަންތައްތައް ގެންދާނެ ގޮތަކާމެދު، މި ގޮތަށް ވިސްނައިގެން، ތިންއަހަރު ދުވަހުގެ މަޝްރޫޢެއް މިހާރުވަނީ ރޭވިފައި.

އެހެންނަމަވެސް، އެ މަޝްރޫޢު އަދި އޮތީ އޭގެ އެންމެފަހު ހިސާބުގައެއް ނޫން. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް، އެ މަޝްރޫޢުގެ ދެލިކޮޕީ އައީ އިއްޔެ ކަމަށް އަޅުގަނޑަށް ދެންނެވިއްޖެ. ކުރިޔަށް އޮތްތާނގައި އޮތީ މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓުގެ ފަރާތުން ކަމާބެހޭ ޚާއްޞަ މަޖިލީހަކަށް އެމަޝްރޫޢު ހުށަހެޅުން. އެ މަޖިލީހުގައި ހިމެނެނީ ސަރުކާރުގެ ތަފާތު އިޤްތިޞާދީ މަސައްކަތްތައް ކުރައްވާ ދާއިރާތަކުގެ ވެރިންނާއި އަދި އަމިއްލަ އެކިއެކި ފަރާތްތައް. އަމިއްލަ މަސައްކަތްތައް ކުރާ ފަރާތްތަކާއި، ކަމާބެހޭ ދިވެހިރާއްޖޭގައި ތިބި މުހިންމު ފަރާތްތައް ހިމެނޭ، ގާތްގަނޑަކަށް ފަންސާހަކަށް ނުވަތަ ފަސްދޮޅަހަކަށް ބޭފުޅުން ތިއްބަވާ މަޖިލީހަކަށް މި މަޝްރޫއު ހުށަހެޅޭނެ ވަރަށް އަވަހަށް. މިމަޝްރޫޢުގެ ދެލިކޮޕީ ހުށަހެޅިގެން، އެ މަޖިލީހުގެ ފަރާތުން ދެއްވާ ޚިޔާލުތަކަކާ އެކުގައި ދެވަނަފަހަރަށް މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އައިމާ، ދެން ނޭޝަނަލް ޕްލޭނިންގ ކައުންސިލަށް ހުށަހެޅޭނެ. އާދެ، ނޭޝަނަލް ޕްލޭނިންގ ކައުންސިލަކީ، ކުރިން އަޅުގަނޑަށް ދަންނަވައިނުލެވުނު ކަމުގައިވިޔަސް، ރާއްޖޭގެ މުހިންމު އިޤްތިޞާދީ ކަންތައްތަކާ ބެހޭގޮތުން ސަރުކާރުގެ ފަރާތުން އެންމެފަހުގެ ނިންމުން ނިންމުމަށް ހަމަޖެހިފައިވާ މަޖިލީހެއް. އާދެ އެމަޖިލީހަށް އެމަޝްރޫޢު ހުށަހެޅިގެން އެމަޖިލީހުން ގޮތެއް ނިންމެވީމާ، އޭރުން އެމަޝްރޫޢު ނިމުމަކާ ހަމައަށް ދިޔައީ. އެއީ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނަށް ކުރެވުނު ޤައުމީ ތަމްރީނެއްގެ ނަތީޖާއޭ.

ކޮންމެއަކަސް، މިކަހަލަގޮތަކަށް ކަންތައް ގެންދިޔުމަކީ ޝައްކެއްނެތްގޮތުގައި، ތަރައްޤީވުމަށް އެދޭ ކޮންމެ ޤައުމަކުންވެސް ވިސްނަންޖެހޭނެ ކަމެއް. ރާއްޖެ ފިޔަވައި އެހެން ހުރިހާ ޤައުމުތަކެއްގައިވެސް މިކަހަލަ މަޝްރޫޢުތައް ރޭވި އެއަށް ޢަމަލުކުރެވެމުންދޭ. އަޅުގަނޑުމެން މިހާރަކަށްއައިސް ޒިޔާރަތްކުރާ ކޮންމެ ޤައުމަކުންވެސް އެކަންތައްތަކާބެހޭ މަޢުލޫމާތު އަޅުގަނޑުމެންނަށްދޭ. އެތަނެއްގައި ހަމަޖެހިފައި އޮންނަ ފަސްއަހަރު ދުވަހުގެ މަޝްރޫޢު ނުވަތަ ދިހަ އަހަރު ދުވަހުގެ މަޝްރޫޢު، އެއާބެހޭ ވާހަކަތައް ދައްކައި، ބޮޑެތި ޗާޓުތައް ގެނެސްގެން ކިޔައިދީ، ފިލްމު ދައްކައިގެން މަޢުލޫމާތުތައް އަޅުގަނޑުމެންނަށް އަންގައިދީ، މިގޮތަށް ކަންތައްތައް ކުރަމުންގެންދޭ. އެއީ، ދުނިޔޭގެ އެހެން ތަންތާނގައިވެސް ކަންތައް ކުރަމުންގެންދާ ގޮތަކީ. އެގޮތަށް އަޅުގަނޑުމެން މިއަދު ދިވެހިރާއްޖޭގައިވެސް ކަންތައް ކުރުމަކީ ހަމަ ކޮންމެހެން ބޭނުން ކަމެއް.

އާދެ، މަސްވެރިންގެ ދުވަހުގެ މިއަދުގެ ޖަލްސާ، އެހެން އަހަރު އަހަރަށްވުރެ ތަންކޮޅެއް ދިގުވެގެންވެސް ހިނގައްޖެ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާނީ، މިތާނގައި ވާހަކަފުޅުދެއްކެވި ބޭފުޅުންގެ ވާހަކަފުޅުން ހަމަ އެންމެ ޖުމްލައެއްވެސް އެއީ އިތުރު ޖުމްލައެއް ނޫނޭ. ކޮންމެ ބޭފުޅަކުވެސް އެ ދެއްކެވި ވާހަކަފުޅުގައި ހިމެނިގެންވަނީ ވަރަށް މުހިންމު މަޢުލޫމާތުތަކެކޭ. ވަރަށް މުހިންމު މައުޟޫޢުތަކެކޭ. އެ މަޢުލޫމާތުތައް އަޅުގަނޑުމެންނަށް އެނގުމަކީ ހަމަ ކޮންމެހެން ބޭނުންކަމެކޭ. އެހެންވީމާ، ހިސާބަކަށް ވާހަކަފުޅު ދިގުވެގެންދިޔަކަމުގައިވިޔަސް، އެވާހަކަފުޅަކީ ވަރަށް އަގުހުރި، ހަމަ ކޮންމެހެން އަޅުގަނޑުމެން އަހަން ބޭނުންވާ ވާހަކަފުޅެކޭ. އެހެންކަމާއެކު އަޅުގަނޑުގެ ވާހަކަ ދެން މާދިގުކުރާކަށް ގަސްދެއް ނުކުރަން. ކަމާބެހޭ ދާއިރާގައި ޢަމަލީގޮތުން ކަންތައްތައް ހިންގަވާ ބޭފުޅުންގެ ވާހަކަފުޅަށްފަހު، ފަރުދާގެ އަނެއްފަރާތުގައި ހުންނަ މީހާގެ ވާހަކަ މާދިގުކުރުމަކީ އަޅުގަނޑު ހިތުން ބޭނުންކަމެއް ނޫން. ކޮންމެއަކަސް، އަޅުގަނޑުގެ ވާހަކަވެސް ނިންމާލާނީ އެބޭފުޅުންވެސް އެކުރެއްވި އިޚްލާޞްތެރި ދުޢާގައި ބައިވެރިވަމުން.

އާދެ، الله سبحانه وتعالى އަޅުގަނޑުމެންގެ ރާއްޖޭގެ އިޤްތިޞާދިއްޔަތު، އެއްދުވަހުން އަނެއްދުވަހަށް ތަނަވަސްކުރާނެ މަގު އަޅުގަނޑުމެންނަށް ދެއްކެވުމަށާއި، މަސްވެރިންނަށާއި، މަސްވެރި ޢާއިލާތަކަށް އިތުރު ތަނަވަސްކަން ދެއްވުމަށާއި، އަދި އަޅުގަނޑުމެންގެ ރާއްޖެއަށް މިއަދަށްވުރެ ބާއްޖަވެރި، އުފާވެރި ހުރިހާ ގޮތަކުންވެސް ތަރައްޤީވެފައިވާ މާދަމާއެއް ދެއްކެވުން އެދި އެކުރެއްވި ދުޢާގައި އިޚްލާޞްތެރިކަމާއެކު ބައިވެރިވަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަނީ.

والسّلام عليكم ورحمـة اللّـه وبركاته.