ރާއްޖޭގައި އިންސާފު ޤާއިމުކޮށްދިނުމުގެ ވަޢުދު ފުއްދުމުގައި ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅާއި، ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކާއި، މަޝްރޫޢުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މުޙައްމަދު މަބްރޫކް ޢަޒީޒް ސިލްސިލާކޮށް، ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން، މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ނޫސްވެރިންގެ ބައްދަލުވުމުގައި، މަބްރޫކްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް، އަލްއުސްތާޛު އަޙްމަދު ޢަބްދުﷲ ޢަފީފް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ޕްރެސް ކޮންފަރެންސްގައި، އަލްއުސްތާޛު އަޙްމަދު ޢަބްދުﷲ ޢަފީފް ވިދާޅުވިގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ޙަވާލުވެވަޑައިގަތީ އިންސާފު ޤާއިމުކޮށްދިނުމުގެ ވަޢުދާއެކު ކަމަށާއި، މިކަން ހާސިލުކުރުމުގައި ކުރަން އެންމެ މުހިންމު އެއް ކަމަކީ ދައުލަތާއި، ވަކި ވަކި ފަރާތްތަކާއެކު ވެވިފައިވާ އެއްބަސްވުންތައް ބާތިލްކުރުމުގެ ސަބަބުން އެ ފަރާތްތަކަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދައިދިނުމަށް މަސައްކަތްކުރުމެވެ. މިގޮތުން ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގައި ކޯޓުން ބޭރުގައާއި، ޝަރީއަތުގެ މަރުޙަލާގައި ޢަމަލުކުރަމުންދާ ގޮތުގެ މަޢުލޫމާތު އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ. އަދި، ސަރުކާރުން މިގޮތުން ޙައްލުކުރުމުގެ މަސައްކަތް ކޮށްފައިވާ ވަކި ވަކި މައްސަލަތަކާ ގުޅޭގޮތުން ތަފްޞީލީ ބަޔާނެއް އެޓަރނީ ޖެނެރަލްގެ އޮފީހުން ނެރުއްވާނެކަމަށް އަޙްމަދުގެ ވާހަކަފުޅުގައި ވަނީ އިޝާރާތްކުރައްވާފައެވެ.

މި ޕްރެސް ކޮންފަރެންސްގައި މަބްރޫކް ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އެންމެ ފަހުން ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވި ފަދައިން ރައްޔިތުންނަށް ސަރުކާރުން ދެމުންދާ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުގެ ހިންގުމަށާއި، އިދާރާތަކަށް ގެންނަވަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ. އަދި، ސަރުކާރުން ކޯލިޝަނާއެކު މިކަމުގައި ކުރައްވަން ޖެހޭ މަޝްވަރާތައް ކުރިޔަށް ދާކަމުގައި މަބްރޫކް ވަނީ ފާހަގަ ކުރައްވައިފައެވެ. 

199 ރަށެއްގައި، 1168 އަށް ވުރެއް ގިނަ މަޝްރޫޢު މިދައުރުގައި ފަށާފައިވާއިރު، ފާއިތުވި ޙަފްތާގައި ސަރުކާރުން ހިންގަމުންދާ ހަތަރު މަޝްރޫޢެއްގެ މަސައްކަތް ވަނީ ޢަމަލީގޮތުން ފަށާފައެވެ. އަދި، ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ޖުމުލަ ތިން މަޝްރޫޢެއްގެ މަސައްކަތް ނިމިފައިވާއިރު، ސަރުކާރުން ވަނީ 15 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ފަށާފައެވެ. މި ކަންކަމުގެ ތަފްޞީލު، ޕްރެސް ކޮންފަރެންސް ފެއްޓެވުމުގެ ގޮތުން މަބްރޫކް ނޫސްވެރިންނާ ޙިއްޞާ ކުރެއްވިއެވެ.

މިރޭ އޮތް ޕްރެސް ކޮންފަރެންސްގައި އަލްއުސްތާޛު އަޙްމަދު ޢަބްދުﷲ ޢަފީފާއި، މަބްރޫކް ޢަޒީޒް ވަނީ ސަރުކާރުގެ ކަންކަމާއި ގުޅޭގޮތުން ނޫސްވެރިން ކުރެއްވި ސުވާލުތަކަށްވެސް ޖަވާބުދެއްވާފައެވެ.