بســم اللّـه الرّحمـن الرّحيــم

الحمـدللّه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيِّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.

އާދެ، ދެންމެ މިނިސްޓަރ އޮފް އެޑިޔުކޭޝަން އެ ވިދާޅުވި ފަދައިން، މިއަދަކީ ރާއްޖޭގެ ތަޢުލީމުގެ ތާރީޚުގައި ވަރަށް މުހިންމު ދުވަހެއް. މިއަދު މާލޭގައި މި ހުޅުވޭ ފަށާ ތަޢުލީމުގެ މަދަރުސާގެ ސަބަބުން ޝައްކެއްނެތްގޮތުގައި، ރާއްޖޭގެ ތަޢުލީމަށް ވަރަށް މަތިވެރި ޚިދުމަތްތަކެއް ލިބިގެންދާނެ. އެހެންކަމާއެކު، މިއަދު އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމަށް ދެކެނީ، މި މަދަރުސާގެ ތަޢުލީމީ ޚިދުމަތްތައް ލިބޭ ނުވަތަ ލިބޭނެ ފަރާތް ކަމުގައިވާ މަދަރުސާގެ ތުއްތުކުދިންނަށް މިއަދުގެ މުނާސަބަތުގައި ހެޔޮއެދުންތައް ފޮނުވުން. ހަމައެއާއެކުގައި، މި މުހިންމު މަޝްރޫޢު މިހާ ކާމިޔާބުގޮތެއްގައި ނިމިގެންދިޔަ ކަމަށްޓަކައި، މި ބޮޑު މަސައްކަތުގައި ބައިވެރިވެވަޑައިގެންދެއްވި ހުރިހާ ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު މުބާރަކުބާދީ ދެންނެވުން.

އާދެ، ދެންމެ މިނިސްޓަރ އޮފް އެޑިޔުކޭޝަން ވާހަކަފުޅުދެއްކެވިއިރު، ވަރަށްގިނަ ފަރާތްތަކެއްގެ ނަންފުޅުތައް އެ ވިދާޅުވީ. މި މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެންނެވި ފަރާތްތައް. އެ ހުރިހާ ފަރާތްތަކަކަށް އެމަނިކުފާނު އެ އަދާކުރެއްވި ޝުކުރުގައި، އަޅުގަނޑުގެ އަމިއްލަ ނަމުގަޔާއި، ދިވެހި ސަރުކާރުގެ ނަމުގައި ބައިވެރިވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އެމަނިކުފާނުގެ ޝުކުރުގެ ލިސްޓުން އުނިވެގެންދިޔަ ހަމައެކަނި އެންމެ ފަރާތެއްގެ ނަންފުޅު ފާހަގަކޮށްލީމާ އަޅުގަނޑުހިތުން ޝުކުރުގެ ވާޖިބު ފުރިހަމަވެގެންދާނެ. އާދެ، އެފަރާތަކީ ޚުދު އެމަނިކުފާނު، މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްއުސްތާޛު މުޙައްމަދު ޒާހިރު ޙުސައިން. މިނިސްޓަރ އޮފް އެޑިޔުކޭޝަން، ރާއްޖޭގެ ތަޢުލީމުގެ ކަންތައްތައް ކުރިއަށް ގެންދެވުމުގައި ރާއްޖޭގައި، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތަޢުލީމު ފެތުރުއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކަކީ، އަޅުގަނޑުހިތުން މިއަދު އަޅުގަނޑު އެކަމާ ދޭތެރޭގައި ކޮންމެހެން އެއްޗެއް ދަންނަވަންޖެހޭނެ ކަމެއްނޫން. އެއީ ރާއްޖޭގެ އެންމެހައި ރައްޔިތުންނަށްވެސް ވަރަށް އަލިގަދަގޮތެއްގައި ފެންނަންހުރި ކަމެއް.

އެމަނިކުފާނު އެ މިނިސްޓްރީ ހިންގެވުމާ ޙަވާލުވެވަޑައިގަތީއްސުރެ މިއަދާ ޖެހެންދެން ރާއްޖޭގައި ހުޅުވިފައި ވަނީ ކިތައް މަދަރުސާތޯ، ރާއްޖޭގެ ކިޔަވާކުދިންގެ ތެރެއަށް އިތުރުވެގެންދިޔައީ ކިތައްހާސް ކުދިންތޯ، ރާއްޖޭގެ ތަޢުލީމުގެ ފެންވަރު މަތިވެގެންދިޔައީ ކިހާވަރަކަށްތޯ، ރާއްޖޭގެ ތަޢުލީމާބެހޭ ކަންތައްތައް، ހަމަޖެހޭ އުސޫލެއްގެ މަތިން ބިނާކުރެވިގެން، ރާއްޖޭގައި އެއް އުސޫލުތަކެއްގެ މައްޗަށް ތަޢުލީމު ދެވެން ފެށުމުން، އެކަމުން ލިބޭނެ މަތިވެރި ނަތީޖާ އެއީ އަޅުގަނޑުހިތުން އަޅުގަނޑު ނުދެންނެވިޔަސް، ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަންތައްތަކެއް. މި މަދަރުސާ ބިނާކުރުމުގައިވެސް މިނިސްޓަރ އޮފް އެޑިޔުކޭޝަން ކުރައްވާފައިވާ ބޮޑެތި މަސައްކަތްތައް އަޅުގަނޑުހިތުން އަޅުގަނޑަށްވުރެ ވަކިން ބޮޑަށް އެނގޭނެ މީހެއް ނެތް. އެއީ ކަންދިމާވިގޮތުން މިއަދު މި މަޤާމުގައި ހުންނަންޖެހުނީތީ. އެހެންވީމާ، އެމަނިކުފާނު މިއަދު އެ ވިދާޅުވި ޝުކުރުގެ ލިސްޓަށް ޚުދު އެމަނިކުފާނުގެ ނަންފުޅު އިތުރުކުރުމަކީ، އަޅުގަނޑުހިތުން ކޮންމެހެން ކުރަންޖެހޭނެ ކަމެއް.

އާދެ، ތަޢުލީމާބެހޭ ވަރަށްގިނަ ޖަލްސާތަކުގައި ޒާހިރު ޙުސައިން ވާހަކަފުޅު ދައްކަވައި ނިމުމުން، އަޅުގަނޑަށް ވާހަކަދައްކަންޖެހޭތަން އާދޭ. އެހެންދިމާވީމާ، އަޅުގަނޑަށް ވަރަށްބޮޑު ފަސޭހައެއްވެސް ލިބޭ. ސަބަބަކީ އަޅުގަނޑުވެސް ވާހަކަދައްކަން ގަސްދުކޮށްފައި ހުންނަ ހުރިހާ ނުކުތާތަކަކަށް އެމަނިކުފާނު، އަޅުގަނޑުގެ ކުރިން ބައްލަވައިލައްވާކަން.

އެހެންވީމާ، މިއަދުވެސް އަޅުގަނޑުހިތުން އަޅުގަނޑުގެ ވާހަކަ މާދިގުކުރާކަށް ނުޖެހޭނެ. އަޅުގަނޑުގެ ހިތުގައި އޮތީ މި މަދަރުސާ ނިސްބަތްވެގެންވާ ފަރާތް، އާދެ، އައްޝައިޚް ޖަމާލުއްދީން މުޙައްމަދު ވާދޫ ދަންނަ ކަލޭގެފާނުގެ މައްޗަށް ކިތަންމެ ކުރުގޮތަކަށްވެސް އެއްޗެއް ދަންނަވައިލާނަމޭ. އެހެންނަމަވެސް، އަޅުގަނޑަށްވުރެ މާފުރިހަމަގޮތެއްގައި އެކަން ޒާހިރު ކުރައްވައިފި. އެހެންވީމާ، އެ ވާޖިބުވެސް އަޅުގަނޑު ދެން އަދާކުރާކަށްނުޖެހޭ.

ހަމައެއާއެކުގައި މި މަތިވެރި ދުވަހު އަޅުގަނޑުމެން މި އިޙްތިފާލުކުރާ "ޖަމާލުއްދީން ޕްރައިމަރީ ސްކޫލް" ނުވަތަ "ޖަމާލުއްދީން ފަށާ ތަޢުލީމުގެ މަދަރުސާ" ބިނާކުރުމުގެ މަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަކަށް ޝުކުރު އަދާކުރުމަކީ، އަޅުގަނޑުހިތުގައި އޮތީ އަޅުގަނޑުވެސް ކޮށްލާނެ ކަމެކޭ. ކޮށްލަން ބޭނުންވާ ކަމެކޭ. އެހެންނަމަވެސް، އެކަންވެސް ވަރަށް ރަނގަޅަށް، ވަރަށް ފުރިހަމައަށް އެމަނިކުފާނު ކުރައްވައިފި. އެހެންވީމާ، އެ ވާޖިބުވެސް އަޅުގަނޑުގެ ކޮނޑުން މިހާރު ނެއްޓިގެން ވަނީ ގޮސްފައި.

އާދެ، އެހެންވީމާ، މިއަދު އަޅުގަނޑުގެ ވާހަކަކޮޅު ދެން ބިނާކޮށްލާހިތްއޮތީ، އިތުރު ދެތިން ނުކުތާއެއްގެ މައްޗަށް. އޭގެތެރެއިން އެއްކަމަކީ، ފަށާ ތަޢުލީމުގެ މުހިންމުކަން. ޝައްކެއްނެތްގޮތުގައި، ކޮންމެ ކަމެއްގެވެސް އެންމެ މުހިންމު ކަމަކަށްވާނީ އެކަމުގެ ބިންގާ. ރާއްޖޭގެ ތަޢުލީމަކީ މުހިންމު އެއްޗެއް ކަމުގައި އަޅުގަނޑުމެން އެންމެން މިއަދު ހެކިވާހިނދު، އެ ތަޢުލީމުގެ ބިންގާ ކަމުގައިވާ ފަށާ ތަޢުލީމުގެ މުހިންމުކަމާ ދޭތެރޭގައި އަޅުގަނޑުހިތުން އަޅުގަނޑުމެންގެ ތެރެއިން ދެމީހަކު ދެބަހެއްނުވާނެ. ފަށާ ތަޢުލީމަކީ ތަޢުލީމުގެ ބިންގާ. އެންމެ ފުރަތަމަ ފަށާ ތަޢުލީމު އެކަށީގެންވާ ގޮތެއްގައި މުޅި ރާއްޖޭގައި ފެތުރިގެން ނޫނީ، އޭގެ މައްޗަށް އެއަށްވުރެ މަތީ އެހެން ފެންވަރުގެ ތަޢުލީމުތަކެއް ބިނައެއްނުކުރެއްވޭނެ.

އާދެ، ފަށާ ތަޢުލީމު، އެއީ ސަރުކާރުން މިހާރު ގަސްދުކޮށްފައި އޮތްގޮތުގައިވިއްޔާ، ރާއްޖޭގެ ކިޔަވާ ޢުމުރުގެ ހުރިހާ ކުދިންނަށް ސަރުކާރުގެ ފަރާތުން ލިބިދޭންޖެހޭނެ ޚިދުމަތެއް. މި ޚިދުމަތް ލިބިދިނުމަށްޓަކައި މާލޭގަޔާއި ރާއްޖެތެރޭގައި ވަރަށްގިނަ މަދަރުސާތައް ހުޅުވެމުންދާކަން، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ދާދިފަހުން ރާއްޖޭގައި ބޭއްވުނު، އާދެ، މާލޭގައި ބޭއްވުނު ރާއްޖޭގެ ތަޢުލީމާބެހޭ ޖަލްސާގައި މި ވާހަކަ އަޅުގަނޑު ދެއްކި ހަނދާންވޭ. ރާއްޖެތެރޭގައި ވަރަށްގިނަ އަދަދެއްގެ މަދަރުސާތައް، ސަރުކާރުގެ ފަރާތުން ބިނާކޮށް، މިހާރު އެތަންތާނގައި ތަޢުލީމު ދެމުން އެބަގެންދެވޭ. އާދެ، އެއީވެސް ފަށާ ތަޢުލީމުގެ މަދަރުސާތަކެއް، މަރުކަޒުތަކެއް. އެއީ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ ފަރާތުން ހިންގަވާ ރާއްޖެތެރޭގައި ހުރި އަތޮޅު ތަޢުލީމީ މަރުކަޒުތަކާއި އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ހިންގަވާ އަތޮޅު މަދަރުސާތަކާއި އަދި އޭގެކުރިން ސަރުކާރުން ގަސްދުކޮށްގެން ރާއްޖެތެރޭގައި ފަށާފައިވާ އަތޮޅު މަދަރުސާތައް. މިތަންތަނަކީ ފަށާ ތަޢުލީމުގެ މަރުކަޒުތަކެއް، މަދަރުސާތަކެއް.

އެހެންވީމާ، މުޅި ރާއްޖޭގެ ހުރިހާ ކުދިންނަށް، ކިޔަވާ ޢުމުރުގެ ހުރިހާ ކުދިންނަށް ފަށާ ތަޢުލީމުގެ ފުރުޞަތު ދެވޭތޯ ސަރުކާރުން މިގެންދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން. އެ މަސައްކަތްތައް އިރާދަކުރެއްވީތީ މިހާރު ވަނީ ވަރަށް މަތިވެރި ދަރަޖަޔަކަށް ކާމިޔާބުވެފައި. އާދެ، އެހެންވީމާ، ފަށާ ތަޢުލީމާ ދޭތެރޭގައިވެސް އަޅުގަނޑުހިތުން މާގިނަ ވާހަކަތަކެއް ދައްކާކަށްނުޖެހޭ.

ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވާ ނުކުތާއަކީ، ތަޢުލީމުގެ ދާއިރާއަކީ ވަރަށްފުޅާ ދާއިރާއެކޭ. ތަޢުލީމުގެ ދާއިރާއާ ނުބެހޭ ހަމަ އެންމެ ދިވެއްސަކުވެސް މިހާރު ހުންނާނެއެކޭ އަޅުގަނޑުހިތަކަށް ނުވަދޭ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީ ބައްޕައެއް ނުވަތަ މަންމައެއް ނުވަތަ ކިޔަވަންދާ ކުއްޖެއްގެ ބޭބެއެއް ނުވަތަ ކޮއްކޮއެއް ނުވަތަ ދައްތައެއް. ރާއްޖޭގައި މިހާރު ގާތްގަނޑަކަށް ސާޅީސްހަހާސް ކުދިން ތަޢުލީމު ހާސިލުކުރަން އެކިއެކި މަދަރުސާތަކަށްދޭ. މި ދެންނެވީ ސަރުކާރުގެ މަދަރުސާތަކާއި، ސަރުކާރުން ޚަރަދުކޮށްގެން ހިންގާ މަދަރުސާތަކާއި އަދި ރަޖިސްޓަރީ ކޮށްގެން ހިންގާ އަމިއްލަ މަދަރުސާތަކުގެ ވާހަކަ. މި ހުރިހާ މަދަރުސާތަކުގައި ސާޅީސްހަހާސް ކުދިންނަށްވުރެ ގިނަ އަދަދަކަށް ކުދިން ތަޢުލީމު ހާސިލު ކުރަމުން ގެންދާއިރު، އަދި އޭގެއިތުރަށް، މާލޭގައި ހުންނަ އެކިއެކި ޓިއުޝަން ކްލާސްތައް، އެކި މާއްދާތައް އުނގަންނައިދޭ ކްލާސްތަކާއި، ކުދިކުދި ތަންތަން އަދި ރާއްޖެތެރޭގައި ހުރި އެދުރުގެތަކާއި އަދި އެނޫންވެސް ކިޔަވައިދޭ ކުދިކުދި ތަންތަނާ އަޅައިބަލާއިރު، އަޅުގަނޑުހިތުން ރާއްޖޭގެ ކިޔަވާކުދިންގެ ޢަދަދު، މި ދެންނެވީ ސާޅީސްހަހާސް ކުދިންނަށްވުރެ މާގިނަވާނެ.

އަޅުގަނޑުމެންގެ ރާއްޖޭގެ މީހުންގެ ޢަދަދަކީ، އެންމެފަހުގެ ހިސާބުތަކުން އަޅުގަނޑުމެންނަށް ދައްކާގޮތުގައި، ގާތްގަނޑަކަށް އެއްލައްކަ ހަތްދިހަ ތިންހާސް. އެހެންވީމާ، އޭގެތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ނުވަތަ ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަކީ މިވަގުތު ތަޢުލީމު ހާސިލު ކުރަމުންގެންދާ ބަޔަކަށްވީކަން އެއީ، އަޅުގަނޑުހިތުން ތަޢުލީމުގެ ދާއިރާގެ ފުޅާކަން، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ރަނގަޅަށް އިޙްސާސް ކުރެއްވޭނެ ކަމެއް. މިދެންނެވި ފަންސާސް ހާހަކަށް ކުދިން، ނޫނީ އެއަށްވުރެވެސް ގިނަ ޢަދަދެއްގެ ކުދިން، އެކުދިންގެ މައިންބަފައިންވޭ. އެކުދިންގެ ބޭބެމެން، ކޮއްކޮމެންވޭ، ދައްތަމެންވޭ، ތިމާގެމީހުންވޭ. އެހެންވީމާ، ރާއްޖޭގައި މިހާރު މި ދިރިއުޅޭ އެއްލައްކަ ހަތްދިހަ ތިންހާސް މީހުންގެ ތެރެއިން ހަމަ ކޮންމެ މީހަކީ، އަޅުގަނޑު ދަންނަވާނީ ތަޢުލީމާބެހޭ ދާއިރާގެ ކޮންމެވެސް ކަމެއްގައި ނުވަތަ އެކަމާ ބެހޭގޮތުން ޚިޔާލުކުރަން ޖެހިފައިވާ މީހެކޭ.

އެހެންވުމާއެކު، އެ ދާއިރާގައި ހުންނާނެ މައްސަލަތައް، ތިޔަބޭފުޅުން ހިތްޕުޅަށް ގެންނަވާ. މަދަރުސާތައް ބިނާކުރުން އެކަންޏެއްނޫން. މުދައްރިސުން ތަމްރީނުކުރުން އެކަންޏެއްނޫން. މުޤައްރަރުތައް ތައްޔާރުކުރުން އެކަންޏެއްނޫން. މުޤައްރަރާބެހޭ ފޮތްތައް ޗާޕްކޮށް، އެތަންތަނަށް ފޮނުވުން އެކަންޏެއްނޫން. އިމްތިޙާނުތައް ބާއްވައި ހެދުން އެކަންޏެއްނޫން. އިމްތިޙާނުތަކުން ފާސްވާ ކުދިންނަށް އެކިއެކި ތަންތަނުން ޖާގަ ހޯދައިދިނުން އެކަންޏެއްނޫން. ރާއްޖޭގައި ވަކި ފެންވަރަކަށް ތަޢުލީމު ހާސިލުކޮށް ނިމިގެން، ރާއްޖެއިން ބޭރަށް މަތީ ތަޢުލީމު ހާސިލުކުރަން ފޮނުވުން އެކަންޏެއްނޫން. މިހެންގޮސް ދަންނަވަންޏާ، އަޅުގަނޑުހިތުން ވަރަށްދިގު ލިސްޓެއްގެ ކަންތައްތަކެއް ދަންނަވަން ޖެހިދާނެ. އެ ހުރިހާ ކަމެއް ހިންގާ ފަރާތަކީ، ރާއްޖޭގެ ތަޢުލީމާބެހޭ ވުޒާރާ ނުވަތަ މިނިސްޓްރީ.

އެހެންވީމާ، އެ މިނިސްޓްރީގެ ކުރިމަތީގައި އޮންނާނެ ތަފާތު މައްސަލަތައް. ޙައްލުކުރައްވަން ޖެހިވަޑައިގަންނަވާނެ ދަތިތައް. އަޅުގަނޑުހިތުން އެއީ އަޅުގަނޑުމެންނަށް މާބޮޑަށް ވަޒަންކުރެވޭ ކަމެއްނޫން. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް ވަޒަންކުރެވެނީ، އެމީހަކާ ގުޅިގެން ތަޢުލީމުގެ ދާއިރާގައި ހިނގާ ކަންތައްތައް. ތަޢުލީމުގެ ދާއިރާއިން ބޭނުންވާ މިވެނިކަހަލަ ފުރުޞަތެއް ތިމަންނާއަށް ނުލިބުނޭ. އެހެންހިތަށްއަރާ ހިތަށްއެރުން. ތިމަންނާގެ ދަރިފުޅަކަށް މިވެނި މަދަރުސާއަކަށް ނުވަދެވުނޭ. ތިމަންނާގެ ކޮއްކޮ މިވެނި އިމްތިޙާނަކުން ފެއިލްވީއޭ، މިކަހަލަ މައްސަލަތަކެއް، ހަމަ ކޮންމެ ދިވެއްސަކުވެސް އިޙްސާސްކުރަން ޖެހިފައި އޮވެދާނެ. ކޮންމެ ދިވެއްސެކޭ މި ދެންނެވުނީ، މުޅިން ރަނގަޅަކަށް ނޫން. ދިވެހީންގެ ތެރެއިން ވަރަށްގިނަ މީހުންނަށް އެ ދަތިތައް އިޙްސާސް ކުރަންޖެހޭނެ. އެހެންނަމަވެސް، އެ ހުރިހާ ކަމެއް ޙައްލުކުރެވޭތޯ ސަރުކާރުން ކުރައްވަމުން ގެންދާ މަސައްކަތްތައް އެ ކުރައްވަމުން ގެންދަވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން.

އެހެންވީމާ، އެ މިނިސްޓްރީގެ ކުރިމަތީގައި ހުރި ދަތިތަކާއި، ކުރައްވަން ޖެހިވަޑައިގަންނަވާނެ ބުރަ މަސައްކަތްތައް އިޙްސާސް ކުރުމަކީ، އަޅުގަނޑުހިތުން ހަމަ ކޮންމެހެން ބޭނުންކަމެއް. އެ މައްސަލަތައް ޙައްލުކުރެއްވުމުގައި، އެންމެ ބޮޑަށް އަޅުގަނޑުމެންގެ ރާއްޖޭގައި ދިމާވާ ދައްޗަކީ، އެހެން ހުރިހާ ދާއިރާއެކޭވެސް އެއްފަދައިން، ވަރަށް މުހިންމު ދެކަމެއް. އޭގެތެރެއިން އެއްކަމަކީ ފައިސާގެ ދަތިކަން. އަޅުގަނޑުމެންގެ ފަޤީރުކަން. ތެދުތެދަށް ދަންނަވަންޏާ ދިވެހިރާއްޖޭގެ ފަޤީރުކަން. ރާއްޖޭގައި އަޅުގަނޑުމެންގެ އަމިއްލަ ބަޖެޓުން ޚަރަދުކޮށްގެން ހުރިހާ ކަމެއް އަޅުގަނޑުމެން އެދޭ އެންމެ ފުރިހަމަ މިންވަރަށް ގެންދާނެ ފައިސާ އަޅުގަނޑުމެންގެ އަތުގައި ނެތްކަން.

އެހެންވީމާ، ބޭރު ތަންތާނގެ އެހީވެސް ހޯދަންޖެހެނީ. އެއީ ހަމައެކަނި އަޅުގަނޑުމެންގެ ރާއްޖެއިން ކުރާ ކަމެއް ނޫން. ދުނިޔޭގެ ތަރައްޤީވަމުން އަންނަ ކޮންމެ ޤައުމަކީ، އެކުވެރި ރަޙްމަތްތެރި ޤައުމުތަކަކުން ނުވަތަ އެހެން ފަރާތްތަކަކުން އެހީ ހޯދައިގެން ކުރިއަށްދާ ތަންތަން. އެބައިމީހުން އެހެން ކުރިއަށް ގޮސްގޮސް ތިއްބައި، އަޅުގަނޑުމެންނަށް އަތްއުރާލައިގެން، ބޭރުގެ އެހީއެއް ނުހޯދައި، މި ޒަމާނުގައި މިހާރުގެ މި ދުނިޔޭގައި ނުތިބެވޭނެކަން ކަށަވަރު.

ކޮންމެއަކަސް، އަޅުގަނޑު ދަންނަވާނީ، އެއްކަމަކީ އަޅުގަނޑުމެންގެ ފަޤީރުކަމޭ. އަޅުގަނޑުމެންނަށް، ސަރުކާރަށް ދައުލަތަށް ލިބޭ އާމްދަނީން، ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ހުރިހާ ޚިދުމަތްތަކެއް ކުރެވެން ނޯންނަކަމޭ. ދެވަނަ މައްސަލައަކީ، ދެވަނަ ދަތިކަމަކީ، މީހުންގެ ދަތިކަން. ކަންކަން ހިންގަން ތިބޭނެ މީހުން، އެކަމަށް އެކަށީގެންވާ ތަމްރީނު ލިބިފައި ތިބި، އެކަންތައް ފުދޭވަރަށް ދަސްކޮށްގެން ތިބި، ކަމަށް އެކަށޭނަ ތަޖުރިބާ ލިބިފައިވާ މީހުން، އަޅުގަނޑުމެންގެ ތެރޭގައި މަދުކަން. އެއީވެސް ތަޢުލީމުގެ ދާއިރާއަށް ދިމާވެފައިވާ ވަރަށްބޮޑު ދަތިކަމެއް.

ދެންމެ މިނިސްޓަރ އެ ވިދާޅުވި ވާހަކަފުޅުން އަޅުގަނޑަށްވެސް ވަރަށްބޮޑު ހިތްވަރެއް ލިބިއްޖެ. މިއަދު އަޅުގަނޑުމެން އެ މަދަރުސާއެއް ހުޅުވުމުގެ އުފަލުގައި މި ބައިވެރިވާ "ޖަމާލުއްދީން ޕްރައިމަރީ ސްކޫލް"ގެ މުދައްރިސުންގެ ތެރޭގައި، ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި ނުވަތަ ހަތަރުބައިކުޅަ ތިންބައި ތިބީ ދިވެހިންކަން. މިތަނަށް ބޭނުންވާ 30 މުދައްރިސުންގެ ތެރެއިން 22 މީހުންނަކީ ދިވެހިން ކަމުގައިވީކަން. ޝައްކެއްނެތް، އެއީވެސް އެ މިނިސްޓްރީން ކުރައްވަމުން ގެންދަވާ ވަރަށްބޮޑު ޚިދުމަތެއް. އެ ދާއިރާއަށް ބޭނުންވާ މީހުން ތައްޔާރުކުރެއްވުން. އަޅުގަނޑުމެންގެ ތެރެއިން އެހެން ދާއިރާތަކުގައިވެސް، އެ މަސައްކަތް އެހެން ކުރިއަށް ގެންދަވާ. ޞިއްޙީ ދާއިރާގައިވެސް، ޞިއްޙީ ދާއިރާއަށް ބޭނުންވާ މީހުން ތައްޔާރުކުރައްވަމުން އެބަ ގެންދަވާ. އަދި އެހެން ދާއިރާތަކުގައިވެސް. އެހެންނަމަވެސް، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ޑަކްޓަރުން ބޭނުންވާ އަދަދަށްވުރެ ގިނައިން މުދައްރިސުން ބޭނުންވާނެކަން. އެއީ ކޮންމެ މަދަރުސާއެއްގައިވެސް އެކަށީގެންވާ ޢަދަދަށް ކިޔަވައިދިނުމަށްޓަކައި، ކޮންމެ ކްލާހަކަށް، ކޮންމެ މާއްދާއެއް ކިޔަވައިދޭނެ މީހަކު ހުންނަންޖެހޭ.

އެހެންވީމާ، އެ މިނިސްޓްރީގެ ފަރާތުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މީހުން ތައްޔާރުކުރެއްވުމަށްވެސް ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތަކީ، އަޅުގަނޑު ދަންނަވާނީ އެހެނިހެން ދާއިރާތަކާ އަޅައިބަލާއިރު، ވަރަށްބުރަ، ވަރަށްބޮޑު މަސައްކަތެކޭ. އެ ހުރިހާ ކަމެއް ވަރަށް އިޚްލާޞްތެރިކަމާއެކު، ވަރަށް ތެދުވެރިކަމާއެކު، އެ މިނިސްޓްރީގެ ފަރާތުން ގެންދަވަނީ ކުރައްވަމުން. އެހެންވީމާ، އަޅުގަނޑުމެންގެ ދިވެހިން، އެ މިނިސްޓްރީގެ ޚިދުމަތް ލިބިގަންނަން ތިބި މީހުން، އެ މިނިސްޓްރީން އެ ކުރައްވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމަކީ، އަޅުގަނޑުހިތުން ހަމަ ކޮންމެހެން ބޭނުން ކަމެއް.

އާދެ، މައްސަލަތައް ކުރިމަތިވެގެން އަންނައިރު، ކޮންމެ ފަރާތަކުންވެސް އެކަމާ ދޭތެރޭގައި ޢަމަލުކުރައްވާ ގޮތަކީ، އެންމެ ފުރިހަމަގޮތް ކަމުގައި ނުވެހިނގައިދާނެ. އަޅުގަނޑުމެންނަކީ އިންސާނުން. އަޅުގަނޑުމެންނަށް ކުރެވޭނީ، ރަނގަޅު ކަންތަކާއި ގޯސް ކަންތައް. ކުރެވޭ ހުރިހާ ކަމަކީ ސަތޭކައިންސަތޭކަ ރަނގަޅު ކަންތައް ކަމުގައި ނުވެހިނގައިދާނެ. ނުވެސްވާނެ. އެހެންވީމާ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނެއް ނޫން، އެހެނިހެން މިނިސްޓްރީތަކުންވެސް އަދި ޚުދު ސަރުކާރުންވެސް ކުރާ ކަންތައްތަކުގެ ތެރޭގައި، ރަނގަޅު ކަންތަކާއި، އެހާ ރަނގަޅު ނޫން ކަންތައް ހުރެދާނެ، ހުންނާނެ.

އެހެންވީމާ، އެގޮތަށް އެ ހުންނަ ކަންތައްތަކާ ދޭތެރޭގައި، ބިނާކުރަނިވި ފާޑުކިޔުން އެއީ އަޅުގަނޑުހިތުން ބޭނުންކަމެއް. "ބިނާކުރަނިވި" އެ ލަފްޒު އަޅުގަނޑު މި ދަންނަވަނީ، އޭގެ ތިރީގައި ރޮނގެއްވެސް ދަމާލާފައި. އެއީ ފާޑުކިޔުމަކީ ވަރަށް ފަސޭހަ ކަމެއް. ފާޑުކިޔުމުގެތެރޭ، ބިނާކުރަނިވި ނޫން ފާޑުކިޔުންވެސް ހުރެދާނެ. އެއީ ހަމައެކަނި ކަމެއްގެ ހުރި ހަމަޖެހޭކަން ބަޔާންކުރުން. އެކަމާ ދޭތެރޭގައި ޙަޤީޤީގޮތުން އެކަން ޙައްލުކުރާނެ ގޮތެއް ހޯދައިދިނުމަށް ލަފާދިނުމުގެ އިތުރަށް ނުވަތަ ލަފާދިނުމުގެ ގޮތުން މިވެނިކަމެއް ހިނގަނީ ވަރަށް ގޯސްކޮށޭ، އެހެން ބުނެލާ ބުނެލުން ނުވަތަ އެކަމާ ދޭތެރޭގައި މާދިގުކޮށް ވާހަކަދައްކާ، މީހުންގެ ތެރޭގައި ޚިޔާލުބަދަލުކޮށް، އެހެން ހެދުން.

ބިނާކުރަނިވި ފާޑުކިޔުމަކީ ސަރުކާރުން ތަރުޙީބުދޭ އެއްޗެއް. އަޅުގަނޑުވެސް، މިނޫން ކިތަންމެ ފަހަރެއްގައި، ހަމަ މި ވާހަކަ އަޅުގަނޑުހިތުން ދައްކާފައި އޮންނާނެ. ސަރުކާރުން ހިންގާ އެއްވެސް ކަމަކާ ބެހޭގޮތުން އެއްވެސް ދިވެހިރައްޔިތެއްގެ ޚިޔާލެއް އޮތިއްޔާ ސީދާ އަޅުގަނޑަށް ގުޅުއްވާށޭ. އެއީ އަޅުގަނޑު ތަރުޙީބުދޭ ކަމެއް. މިވެނި ކަމެއް ހިނގަނީ، އެންމެ ރަނގަޅަކަށް ނޫނޭ، އެހެން އެ މީހަކަށް ފެންނަ ޚިޔާލު، ރައީސްގެ މަޤާމުގައި ހުންނަ މީހަކަށް ދިނުމަކީ، އަޅުގަނޑުހިތުން އެ މީހެއްގެވެސް ޙައްޤެއް. އަދި އެއީ އެ މީހަކަށް ސަރުކާރުން ލިބިދޭންޖެހޭނެވެސް ޙައްޤެއް. އަޅުގަނޑުހިތުން ސަރުކާރުގެ އެހެން ހުރިހާ މިނިސްޓަރުންވެސް ހަމަ އެ ޙަޤީޤަތް ޤަބޫލުކުރައްވާނެ. އެ ބޭފުޅަކާބެހޭ ދާއިރާގެ ކަންތައްތައް ނުވަތަ އެއިން ކަމެއް ހިނގަނީ، އެންމެ ރަނގަޅަށް ނޫންކަމަށް ދިވެހިރައްޔިތަކަށް ފެނިއްޖިއްޔާ، އެމީހަކު ސީދާ އެ މިނިސްޓަރަކަށް ލިޔުއްވުން. އެބޭފުޅެއްގެ އަރިހުގައި ދެންނެވުން. މިވެނި ކަމެއް މި ހިނގަނީ ތިމަންނާ ދެކޭގޮތުގައި އެންމެ ފުރިހަމަކޮށެއްނޫނޭ. އޭރުން އެމީހަކަށް އެ މިނިސްޓްރީއިން އޮންނާނެ ސާފުކޮށްދެއްވެން. އެމީހާގެ އެ ޚިޔާލަކީ، ފަހަރެއްގައި އޭނާއަށް ފުރިހަމަ މަޢުލޫމާތު ލިބިފައި ނެތުމުގެ ސަބަބުން ކުރެވޭ ޚިޔާލެއް ކަމުގައިވެސް ވެދާނެ. ނުވަތަ އެ ބުނާ އެއްޗަކީ ހަމަ އޮށްޓަރު ހުރި ރަނގަޅު އެއްޗަކަށްވެސް ވެދާނެ. އެދެގޮތުންކުރެ ކޮންމެ ގޮތެއްގައިވެސް އެ މިނިސްޓްރީއަކަށް ނުވަތަ އެ މިނިސްޓްރީއެއް ހިންގަވަން ހުންނެވި ބޭފުޅަކަށް ނުވަތަ އެ ޑިޕާޓްމަންޓެއް، އެ އޮފީހެއް ހިންގަވަން ހުންނެވި ބޭފުޅަކަށް، އެމީހަކު އެ ފާޅުކުރާ ޚިޔާލުން ފައިދާ ލިބިވަޑައިގެންފާނެ.

އާދެ، އެގޮތަށް ޚިޔާލުފާޅުކުރުމާއި އަދި ޢާއްމުންގެ ތެރޭގައި ނުރުހިގެން ވާހަކަ ދެއްކުމާއި ނުވަތަ ނޫސް މަޖައްލާފަދަ ތަކެތީގައި ޢާއްމުކޮށް އެފަދަ ޚިޔާލުތައް ޝާއިޢުކުރުމާ ވަރަށް ތަފާތު. އެހެން ދަންނަވަން އަޅުގަނޑަށް މި ޖެހެނީ، އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢުގެ ކުޑަކަމުން. އެންމެންނަކީ އެންމެން ދަންނަ މީހުން. އަޅުގަނޑުމެންގެ ނޫހެއްގައި، މިވެނި މިނިސްޓްރީއަކުން މިވެނި ކަމެއް ގެންދެވީ ވަރަށް ހަމަނުޖެހޭގޮތަކަށޭ. އެހެން ލިޔުއްވައިފިއްޔާ ވަރަށްގިނަ ތަފާތު މައްސަލަތައް ނުކުމޭ. އެހެންވީމާ، އެގޮތް އަޅުގަނޑުމެން ދަންނަންޖެހޭނެ. ދުނިޔޭގެ އެހެން ތަންތާނގައި ވާހެންނެއް ނޫންކަން، އަޅުގަނޑުމެންގެ ރާއްޖޭގައި ވަނީ. އަޅުގަނޑުމެންގެ ތެރޭގައި ގުޅުންތައް މި ހުންނަ ގޮތުންނާއި، ހަމަ އެގޮތަށް ލިޔެވޭ އެންމެ ފޮޅުވަތަކީ، ވަރަށް ގިނަބަޔަކު ކިޔާނެ އެއްޗަކަށްވާނެތީއާއި، އަދި އެކަމާ ދޭތެރޭގައި ޚިޔާލުފާޅުކޮށް ހަދާނެތީ، އެ ނުކުންނަ މައްސަލަތަކެއް ހުންނާނެ. އަޅުގަނޑުމެން ބޭނުންވަނީ އެކުވެރި ޤައުމެއްގެ ގޮތުގައި، އެކުވެރި މުޖުތަމަޢެއްގެ ގޮތުގައި ތިބެގެން ކުރިއަށްދާން. އަޅުގަނޑުމެންގެ މެދުގައި ބައިބައިވުމާއި، ފިތުނަ އުފެދުމާއި، ހަމަނުޖެހުންތައް އުފެދޭކަށް، އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ބޭނުމެއްނުވޭ.

އެހެންވީމާ، އަޅުގަނޑު މި ދަންނަވަނީ ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި އެފަދަ ޚިޔާލު އެހެން ޝާއިޢުކުރުމާއި، އަމިއްލަގޮތުން ތިމާއަށް ފެންނަ އެއްޗެއް، ސަރުކާރުގެ ކަމާބެހޭ ފަރާތަކަށް ދެންނެވުމާ، އަޅުގަނޑުމެންގެ ރާއްޖޭގައި ވަރަށް ތަފާތޭ. އަޅުގަނޑު ތަރުޙީބުދެމޭ، ކޮންމެ މީހަކަށްވެސް ފެންނަ އެއްޗެއް، ސީދާ އަޅުގަނޑަށް ނުވަތަ ކަމާބެހޭ މިނިސްޓްރީއަކަށް، ކަމާބެހޭ ވެރިޔަކަށް އެމީހަކު ސީދާ ލިޔުން ނުވަތަ ދެންނެވުން. އެއާ ޚިލާފަށް، ޢާއްމުކޮށް މީހުންގެ ތެރޭގައި ވާހަކަދައްކާއިރު، ކަމުގެ އެކޮޅުމިކޮޅު ނުބަލައި، އޭގެ ޙަޤީޤަތް ރަނގަޅަށް ނޭނގިހުރި މީހަކު އެކަހަލަ ވާހަކަދައްކައި ނުވަތަ ޝާއިޢުކޮށް ހަދައިފިއްޔާ، އަޅުގަނޑުމެންފަދަ ކުޑަކުޑަ މުޖުތަމަޢެއްގައި ނުކުންނާނެ މައްސަލަތައް ވަރަށް ގިނަވާނެ.

އާދެ، ކޮންމެއަކަސް އަޅުގަނޑު މި ދެންނެވީ، މި މަދަރުސާއާ ގުޅިގެން ދަންނަވަންޖެހޭނެ ވާހަކައެއްނޫންކަންނޭނގެ. އެހެންނަމަވެސް، އަޅުގަނޑުގެ ބޭނުމަކީ، މިހެން ލިބޭ ފުރުޞަތުތަކުގައި، އަޅުގަނޑަށްވެސް އެކިއެކި ކަންކަމާ ދޭތެރޭގައި ޚިޔާލުކުރެވޭގޮތް ކޮންމެވެސް މިންވަރަކަށް ރާއްޖޭގެ ރައްޔިތުންނަށް ދަންނަވައިލެވޭތޯ ބެލުން. އެގޮތުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރައްވާ މަސައްކަތްތަކާ ގުޅިގެންވެސް މިބާވަތުގެ މައްސަލަތައް ނުކުންނާތީ، ހުރިހާ ބޭފުޅުންގެ މަޢުލޫމާތަށްޓަކައި އަޅުގަނޑު މި ވާހަކަތައް މިހެން ދަންނަވާލީ.

އާދެ، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ވާހަކަފުޅުގައި ވިދާޅުވި، މި މަދަރުސާ ބިނާކުރުމުގައި، އެންމެ ފުރަތަމަ އެހީ ލިބުނު ފަރާތުގެ ނަން. އާދެ، އެއީ ލީބިޔާގެ ސަރުކާރު. ލީބިޔާގެ ފަރާތުން މި މަދަރުސާ ފެށުމަށް ވަރަށްބޮޑު، ވަރަށް ދީލަތި އެހީއެއް ވެދެއްވި. އެކަމަށްޓަކައި ލީބިޔާގެ ސަރުކާރަށާއި، އެތާނގެ ވެރިޔާ، އާދެ، އަލްއަޚް އަލްޢަޤީދު މުޢައްމަރުލް ޤައްޒާފީއަށް އަޅުގަނޑުގެ ހިތުގެއަޑިން ޝުކުރު ދަންނަވަން. އާދެ، އެފަރާތުން ވެދިން ދީލަތި އެހީއަކީ ކިތަންމެބޮޑު އެހީއެއް ކަމުގައިވިޔަސް، އެ އެހީއިން އެކަނި އަޅުގަނޑުމެންނަށް މި މަދަރުސާ ބިނާކުރެވޭވަރެއްނުވި. ދެންމެ ޒާހިރުގެ ވާހަކަފުޅުގައިވެސް އެހެން ވިދާޅުވި. ސަރުކާރުގެ ބަޖެޓުން ވަރަށްބޮޑު ޢަދަދެއް ޚަރަދުކުރަންޖެހުނޭ. މިހާތަނަށް ހިސާބުތައް ދައްކާގޮތުން، ލީބިޔާ ސަރުކާރުން ވެދެއްވި އެހީގެ ތިންގުނަ، އަޅުގަނޑުމެންގެ ސަރުކާރުން ޚަރަދުކުރަންޖެހުނު، މިހިސާބަށް މި މަދަރުސާގެ ކަންތައްތައް ގެންދިޔުމަށްޓަކައި. އާދެ، އެހެންކަމުގައިވިޔަސް، އެ އެކުވެރި ރަޙްމަތްތެރި ޤައުމުގެ ފަރާތުން ވެދެއްވި އެހީއަކީ، އަޅުގަނޑުމެން ދުވަހެއްގައިވެސް ހަނދާންނެތިކޮށްލާނެ އެހީއެއްނޫން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު މިހާރުވެސް އަޅުގަނޑު ޤަޞްދުކުރިވަރަށްވުރެ ތަންކޮޅެއް ދިގުވެގެން ހިނގައްޖެ. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަދިވެސް އެއްފަހަރު، މި މަދަރުސާގެ ޚިދުމަތްތައް ލިބިގަންނަން ތިބި ތުއްތުކުދިންނަށް، އެކުދިންގެ މައިންބަފައިންނާއި ބެލެނިވެރިންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަމުން. މި މަދަރުސާގެ ފަރާތުން ރާއްޖޭގެ ތަޢުލީމަށް ގިނަގުނަ ޚިދުމަތްތަކެއް ލިބިގެންދާނެކަމުގެ ޔަޤީންކަން ހާމަކުރަމުން.

އާދެ، މި މަދަރުސާއަކީ މާލޭގައި ހެދޭ މަދަރުސާއެއް ކަމަށްވިޔަސް، މަދަރުސާގައި ކިޔަވާކުދިންތަކުގެ ތެރޭގައި، ރާއްޖެތެރޭގެ ކުދިންވެސް އެބަތިބި، ތިބޭނެ. މާލޭގެ އެހެން މަދަރުސާތަކުގައިވެސް އެކަން އޮތީ އެގޮތަށް. ރާއްޖެތެރޭގައި މިހާރު ވަރަށްގިނަ ޢަދަދެއްގެ މަދަރުސާތައް ދަނީ ހެދެމުން، ބިނާކުރެވެމުން، ހުޅުވެމުން. އެހެންވީމާ، އެ މަދަރުސާތަކުގެ ޚިދުމަތްތައް އެއީ ހަމައެކަނި ރާއްޖެތެރެއަށް އޮތް ޚިދުމަތްތަކެއް. އޭގެ އިތުރަށް، މި މަދަރުސާ ހެދުނީމާ ލިބޭ ޚިދުމަތްތައް އެއީ މާލޭގެ ކުދިންނަށާއި އަދި މާލޭގައި ދިރިއުޅޭ ރާއްޖެތެރޭގެ މީހުންގެ ކުދިންނަށް ލިބޭ ޚިދުމަތެއް. އެ ޚިދުމަތް ލިބޭ ހުރިހާ ފަރާތްތަކަކަށް މިއަދުގެ މުނާސަބަތުގައި ހެޔޮއެދުންތައް ފޮނުވަން. މުބާރަކްބާދީ ރައްދުކުރަން. ތަހުނިޔާ ކިޔަން. ހަމައެއާއެކުގައި، ރާއްޖޭގެ ތަޢުލީމާބެހޭ ކަންތައްތައް ހިންގަވާ ވުޒާރާގެ ވެރިންނަށާއި، އެ ވުޒާރާގެ ހީވާގި މުވައްޒަފުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ اللّــه ســبحانه وتــعالى އަޅުގަނޑުމެން އެންމެންނަށް ހެޔޮވިސްނުމާއި ހެޔޮ ތައުފީޤު ދެއްވުން. ރާއްޖޭގެ ތަރައްޤީއަށްޓަކައި މަސައްކަތް ކުރުމުގެ ހިތްވަރާއި، އެކަމަށް ބޭނުންވާ މަތިވެރި ޢަޒުމް އަޅުގަނޑުމެންނަށް ދެއްވުން. އަޅުގަނޑުމެން އެންމެން ރާއްޖޭގެ ތަރައްޤީއަށްޓަކައި މި ކުރާ މަސައްކަތްތަކުގައި، اللّــه ســبحانه وتــعالى ބަރަކާތް ލައްވައި، އެކަމުގެ ހެޔޮ ނަތީޖާ އަޅުގަނޑުމެންނަށް ދެއްކެވުން.

والسّــلام عليكم ورحمـة اللّـه وبركاته.