بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سَيِّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.

މިއަދު އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބެއް ކަމަށް ދެކެނީ، އެސް.ޓީ.އޯ.ގެ ފަރާތުން އަލަށް މި ޢިމާރާތް ކުރެއްވި ވިޔަފާރިއާބެހޭ ޢިމާރާތް ހުޅުވައިދިނުމަށް އަޅުގަނޑަށް ދަޢުވަތު ދެއްވި ކަމަށްޓަކައި އެސް.ޓީ.އޯ.ގެ މެނެޖިންގ ޑިރެކްޓަރަށާއި، އެސް.ޓީ.އޯ.ގެ ހިންގުންތެރިންނަށާއި މުވައްޒަފުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުން.

އާދެ، މިތަނަށް ވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، ރާއްޖޭގެ އިޤްތިޞާދާއި ވިޔަފާރިއާބެހޭ ދާއިރާގައި ސަރުކާރުގެ ވިޔަފާރި އިދާރާ ކަމުގައިވާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ފަރާތުން އަދާކުރައްވަމުން ގެންދަވަނީ ވަރަށްވެސް މުހިންމު ބައެއް. މިކަމާ ދޭތެރޭގައި ދާދިފަހުން އޮތް ޖަލްސާއެއްގައި އަޅުގަނޑަށް ވާނީ ހިސާބަކަށް ވާހަކަ ދެކެވިފައި.

އާދެ، އެއީ އެސް.ޓީ.އޯ.ގެ އާ ޢިމާރާތް ހުޅުވުމުގެ މުނާސަބަތުގައި ބޭއްވުނު ޖަލްސާ. އެހެންކަމާއެކު، އެ ވާހަކަތައް މިތާނގައި ތަކުރާރުކުރުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމުގައި އަޅުގަނޑު ނުދެކެން. އެހެންނަމަވެސް، އެސް.ޓީ.އޯ.އިން މިހާރު އެ ކުރައްވާ ޚިދުމަތް، އާދެ، އެ ޚިދުމަތަކީ ހަމައެކަނި ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާގައި ކުރައްވާ ޚިދުމަތެއް ނޫން. އޭގެއިތުރުން، ރާއްޖޭގެ އިޖުތިމާޢީ ކަންތައްތަކާއި އަދި ރާއްޖެ ތަރައްޤީގެ ގޮތުގައި އަޅާ ފިޔަވަޅުތަކުގައި ވަރަށްގިނަ މަސައްކަތްތަކެއް އެސް.ޓީ.އޯ.ގެ ފަރާތުން ކުރައްވަމުން ގެންދަވާ. އެ ހުރިހާ ކަމެއް އެހެން އޮތުމާއެކު، އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް މިއަދު އެސް.ޓީ.އޯ. އިން އެ ކުރައްވާ ޚިދުމަތަށް ތަރުޙީބު ދޭނެ.

އާދެ، މިއަދުގެ ވާހަކައިގައި އަޅުގަނޑު އެންމެ ފުރަތަމަ އެއްޗެއް ދަންނަވާލާހިތްއޮތީ، މިއަދު މި އަލަށް ހުޅުވުނު ޢިމާރާތުގެ ނަމާ ބެހޭގޮތުން ނުވަތަ އެ ޢިމާރާތް ނިސްބަތް ކުރެވިފައިވާ ފަރާތާ ބެހޭގޮތުން. އާދެ، މިތަނަށް މި ކިޔުނު ނަމަކީ، "ޢުމަރު ޝޮޕިންގ އާކޭޑް". މިތަން ނިސްބަތް ކުރެވިފައި އެވަނީ، ރާއްޖޭގެ ވިޔަފާރީގައި ވަރަށް މަތިވެރި ބައެއް އަދާކުރައްވާފައިވާ ފަރާތަކަށް. އާދެ، އަލްފާޟިލް ކޮލިގޭ ޢުމަރު މަނިކަށް. ކޮލިގޭ ޢުމަރު މަނިކަކީ ވިޔަފާރީގެ ދާއިރާގައި، އިތުރު ތަޢާރުފަކަށް ބޭނުންވާ ބޭފުޅެއް ނޫން. ސަރުކާރުގެ ޚިދުމަތަށް ވިސްނިޔަސް، އިތުރު ތަޢާރުފަކަށް ބޭނުންވާ ބޭފުޅެއް ނޫން. ސަރުކާރުގެ ޚިދުމަތުގައި ގާތްގަނޑަކަށް 30 އަހަރު ދެމިހުންނެވި ބޭފުޅެއް. ތަފާތު މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެއް. ބޮޑު އިސްޓޯރުގެ މެނޭޖަރުކަމުން ފެށިގެން ވަޒީރުލްއަޢުޡަމް އޮފީހުގެ ޚާއްޞަ ވަކީލުކަމާއި، އަދި މާފަންނު އަވަށުވެރިކަމުން ފެށިގެން ޕޯސްޓް މާސްޓަރު ކަމާއި އަދި މިނޫންވެސް ސަރުކާރުގެ މުހިންމު މަޤާމުތައް އޭނާވަނީ އިޚްލާޞްތެރިކަމާއެކު ފުރުއްވާފައި.

އާދެ، މިތަން އޭނާގެ ނަންފުޅަށް ނިސްބަތް ކުރެވިފައިވަނީ، އޭނާ ސަރުކާރުގައި ހިމެނިވަޑައިގެންނެވި މަޤާމުތަކާއި އަދި އެ މަޤާމުތަކުގައި އޭނާ ހުންނަވައިގެން ސަރުކާރަށާއި ޤައުމަށް ކުރެއްވި ޚިދުމަތްތަކުގެ މައްޗަށް ބަލާފައެއްނޫން. އެކަންކަމުގެ އިތުރަށް، ފަހަކަށްއައިސް ވޭތުވެދިޔަ ސާޅީހަކަށް އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާގައި އޭނާ ކުޅުއްވާފައިވާ މުހިންމު ބައިގެ މައްޗަށް ނިސްބަތްކޮށް.

އާދެ، ކުރިންވެސް ދެންނެވި ފަދައިން، އެ ވާހަކަތައް އެއީވެސް މާ ތަފްޞީލުކޮށް ދެއްކުމުގެ ބޭނުމެއް އޮތް ވާހަކަތަކެއް ނޫން. އަލްފާޟިލް ކޮލިގޭ ޢުމަރު މަނިކަކީ، ރާއްޖޭގެ އެންމެން ދަންނަ އަދި ޚާއްޞަކޮށް، ވިޔަފާރީގެ ދާއިރާގައި ވަރަށް މަޝްހޫރު ބޭފުޅެއް. އެހެންކަމާއެކު، އޭނާ ވިޔަފާރީގެ ދާއިރާގައި އަދާކުރެއްވި ޚިދުމަތްތަކާ ބެހޭގޮތުން އިތުރު ވާހަކަތަކެއް ނުދައްކައި، އަޅުގަނޑު ހަމައެކަނި އިޝާރާތްކޮށްލާހިތްއޮތީ، އޭނާގެ ޙަޔާތުގައި ފާހަގަކުރެވިފައިވާ ވަރަށް މުހިންމު ކަމަކާ ދޭތެރޭގައި.

އާދެ، ޝައްކެއްނެތްގޮތުގައި، ފަހަކަށްއައިސް ރާއްޖޭގެ މީހުން ގަބޫލުކުރާގޮތުގައި، ރާއްޖޭގައި ހުންނެވި އެންމެބޮޑު ވިޔަފާރިވެރިޔަކީ ޢުމަރު މަނިކު. އަދި ރާއްޖޭގައި ހުންނެވި އެންމެބޮޑު ފައިސާވެރިޔަކީވެސް ހަމަ އޭނާ. އެކަން އެހެން އޮތްކަމުގައިވިޔަސް، އޭނާގެ ޙަޔާތުގެ އެއްވެސް ދުވަސްވަރެއްގައި، އެއްވެސް ސިޔާސީ މައްސަލައެއްގައި އޭނާ ހިމެނިވަޑައިގެންފައިނުވާކަން، އެއީ އަޅުގަނޑު މިއަދު ފާހަގަކޮށްލަން ބޭނުންވާ ނުކުތާއަކީ. އެ ވާހަކަ އަޅުގަނޑު މިހެން މި ދަންނަވަނީ ހަމައެކަނި އެއީ ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވޭ ނުކުތާއަކަށްވީތީއެއްނޫން. އެއީ މިއަދުގެ ވިޔަފާރި، ރާއްޖޭގައި ހިނގަމުން އައިސްފައިވާ ގޮތާއި އަދި ތަރައްޤީވަމުން އައިސްފައިވާ ގޮތާއި، ރާއްޖޭގެ ވިޔަފާރިވެރިން، މިއަދު ރާއްޖޭގެ ވިޔަފާރީގަޔާއި، މުޅި ޤައުމުގެ ތަރައްޤީގައި އަދާކުރައްވަމުން ގެންދަވާ މުހިންމު ބައި އެގޮތަށް އަދާކުރައްވަމުން ގެންދަވާއިރު، މި ނުކުތާއަކީ އަޅުގަނޑުމެން އެންމެން ވިސްނާލަންޖެހޭ ނުކުތާއަކަށްވެސްވާތީ.

އާދެ، މިއަދުވެސް ވަރަށް އުފަލާއެކު އަޅުގަނޑަށް ދަންނަވަންޖެހެނީ، ރާއްޖޭގެ ވިޔަފާރިވެރިންނާއި ސަރުކާރާ ދޭތެރޭގައި އޮތީ ވަރަށް އެދެވޭ އެއްބާރުލުމުގެ ގުޅުމެކޭ. ޚާއްޞަކޮށް، ފަހަކަށްއައިސް ވިޔަފާރިވެރިންގެ ފަރާތުން ސަރުކާރަށް ލިބެމުން އައިސްފައިވަނީ ވަރަށްވެސް ވަރުގަދަ އަދި އިޚްލާޞްތެރި އެއްބާރުލެއްވުމެއް ކަމަށް، ހަމަ ޚުދު އަޅުގަނޑު ޤަބޫލުކުރަން. އެންމެފަހުން މިދިޔަ މަހުގެ 1 ވަނަ ދުވަހު، އާދެ، 1987 ވަނަ އަހަރުގެ މާރިޗު މަހުގެ 1 ވަނަ ދުވަހު ޑޮލަރުގެ އަގަށް ސަރުކާރުން އެ ގެނައި ބަދަލާ ބެހޭގޮތުން ވިޔަފާރިވެރިން ޢަމަލުކުރައްވާފައިވަނީ ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެން އެންމެންވެސް ވަރަށް އުފާކުރުން އެކަށީގެންވާ ގޮތެއްގައި. ޢާންމުކޮށް ވިޔަފާރިވެރިންނޭ ދެންނެވި ކަމުގައިވިޔަސް، ވިޔަފާރިވެރިންގެ ތެރެއިން އިސްނަންގަވައިގެން މިކަމުގައި ވަރަށް އެދެވޭ ބައެއް ކުޅުއްވާފައިވާކަން އަޅުގަނޑު ފާހަގަކޮށްލަން.

ސަރުކާރުން ޑޮލަރުގެ ކަންތަކަށް ގެނައި ބަދަލު އާދެ، ބާޒާރުގައި އޭގެ އަގު ހުންނަ، ހަމަ އަގަށް އަބަދުވެސް ޑޮލަރު ހުންނާނެ ގޮތަކަށް ސަރުކާރުގެ ކަމާބެހޭ ޤަވާޢިދުތައް ބަދަލުކުރުމާ ގުޅިގެން، ވިޔަފާރިވެރިންގެ ޖަމުޢިއްޔާގެ އިސްބޭފުޅުން، ޓެލެވިޜަން މޯލްޑިވްސްގައި ދެއްވި އިންޓަރވިޔުއެއް އަޅުގަނޑު ދުށިން. އެ އިންޓަރވިޔުގައި އެބޭފުޅުން ދައްކަވާފައި ހުރި ވާހަކަފުޅުތައް އަޅުގަނޑު އެހިން. އެދުވަހު އަޅުގަނޑަށް ވަރަށްބޮޑު އުފަލެއް އިޙްސާސް ކުރެވުނު. އެއީ އެބޭފުޅުން، ރާއްޖޭގެ ޢާންމު ރައްޔިތުންގެ ކުރިމަތީގައި، ސަރުކާރުން މި އެޅި ފިޔަވަޅުގެ މުހިންމުކަމާއި، އެއީ ބޭނުންތެރި ފިޔަވަޅެއްކަން، އެއްވެސް އޮޅުމެއްނެތް ގޮތެއްގައި ހާމަކޮށްދެއްވިކަމަށްޓަކައި އަދި ސަރުކާރުން މި އެޅި ފިޔަވަޅާ ގުޅިގެން ރާއްޖޭގެ ބާޒާރުގައި އެކަށީގެންނުވާ ގޮތަކަށް ތަކެތި އަގުބޮޑުވަމުންނުދާނެ ކަމުގެ ޔަޤީންކަން އެބޭފުޅުން ދިވެހިރައްޔިތުންނަށް ދެއްވީތީ.

އާދެ، ޑޮލަރުގެ އަގުބޮޑުވުމާ ގުޅިގެން، އެންމެންގެ ހިތުގައިވެސް އުފެދުނު ސުވާލަކީ، އަދި އެ މައްސަލަ ބަޙުޘް ކުރައްވަމުން ގެންދެވިއިރު، ޚުދު އަޅުގަނޑުގެ ހިތުގައިވެސް އުފެދުނު ސުވާލަކީ، އެ ބަދަލު އައުމުން، ބާޒާރުގައި ހުންނަ މުދަލުގެ އަގަށްވާނީ ކިހިނެއްބާވައޭ. ޢާންމު ރައްޔިތުންނަށް ކުޅަދާނަވެގެންނުވާ މިންވަރަކަށް މުދަލުގެ އަގުތައް ކުއްލިއަކަށް ބޮޑުވެގެން ހިނގައިދާނެބާވައޭ ނުވަތަ އެކަން ހަމަޖެހިގެންދާނީ އެންމެންނަށްވެސް ފަސޭހަގޮތެއްގައިބާވައޭ. މި ސުވާލު އަޅުގަނޑު ހިތުން ވަރަށްގިނަ މީހުންގެ ހިތަށް ވަދެގެންދާނެ. އެހެންނަމަވެސް، އެއީ އެއްގޮތަކަށްވެސް މައްސަލައަކަށްނުވި. މިދިޔަ މަސްދުވަހުގެ ތަޖުރިބާއަށް ބަލާއިރު، އަޅުގަނޑު ދަންނަވާނީ، އެ ދުވަހު އެ އެޅުނު ފިޔަވަޅަކީ ވަރަށް ކާމިޔާބު ފިޔަވަޅަކަށޭވީ. އެ ފިޔަވަޅު އެއީ ކާމިޔާބު ފިޔަވަޅަކަށްވީ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކުރެއްވި އިލްތިމާސްތަކާ ގުޅިގެން ވިޔަފާރިވެރިން އަދި ޚާއްޞަކޮށް، ވިޔަފާރިވެރިންގެ ތެރެއިން އިސްނަންގަވައިގެން ވިޔަފާރީގެ ތެރޭގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުން، ސަރުކާރުގެ ފަރާތްތަކުގެ އިލްތިމާސްތަކަށް އިޖާބަދެއްވިލެއް ފުރިހަމަކަމުންނޭ. އެހެންވުމާއެކު، ރައްޔިތުންނަށް ދަތިވާގޮތަކަށް އެއްވެސް މުދަލެއްގެ އަގުބޮޑުވެގެނެއްނުދޭ.

އާދެ، ކުރީކޮޅުގައި ބައެއް ބާވަތުގެ ތަކެތީގެ އަގު ހިސާބަކަށް މައްޗަށްޖެހިލި. އެހެންނަމަވެސް، މިހާރު އަޅުގަނޑަށް އެނގިފައިވާގޮތުގައި، އެކަންތައްވެސް ހަމައަކަށް އެޅިއްޖެ. ކުރިއަށް އޮތް ތާނގައިވެސް މިގޮތުގެ މަތިން ވިޔަފާރިވެރިންނާއި ސަރުކާރާ ދޭތެރޭގައި އެކަށީގެންވާ ގޮތެއްގައި އެއްބާރުލުން އޮތްކަމުގައިވަންޏާ، މުދަލުގެ އަގު އަދި ޑޮލަރުގެ އަގަށް އެހެން ބަދަލު އައިކަމުގައިވިޔަސް، ކުއްލިއަކަށް ބޮޑުވެގެންނުދާނެ ކަމުގެ ޔަޤީންކަން މިހާރު އަޅުގަނޑަށް ލިބިފައިވޭ. އާދެ، ހަމައެކަނި ބޮޑުވެގެންދާނީ މަތީ ނިސްބަތަކުން ޑިއުޓީ ނަގާ ތަކެތީގެ އަގު. އެބާވަތް ބާވަތުގެ މުދަލުގެ އަގަށް ޑޮލަރުގެ އަގު މައްޗަށް ހިނގައްޖިއްޔާ ބަދަލުތަކެއް އަންނާނެ. އެއީ އެންމެންނަށްވެސް އަޅުގަނޑު ހިތުން ގަބޫލުކުރެވޭނެ ކަމެއް. އެނޫން ގޮތަކުން އާދެ، ޞަރީޙަކޮށް ދަންނަވަންޏާ ނަހަމަގޮތެއްގައި މުދަލުގެ އަގަށް އެކަށީގެންނުވާ ބަދަލުތަކެއް ނާންނާނެ.

އާދެ، އެއްމަސް ދުވަހުގެ ތަޖުރިބާއަށްފަހުގައި، ޑޮލަރުގެ އަގަށް ކުޑަ ބަދަލެއް މިހާރުވަނީ އައިސްފައި. އިއްޔެއިން ފެށިގެން އާދެ، އެއީ ކުރިން -/10 ރުފިޔާއަށް ޑޮލަރެއް އޮވެފައި، އިއްޔެއިން ފެށިގެން 9/60 ރުފިޔާއަށް ބަދަލުވި ބަދަލުވުން. ސާޅީސް ލާރީގެ ތަފާތެއް، ސަތޭކައަކުން ހަތަރެއްގެ ތަފާތެއް. އެ ތަފާތު އަންނަން ޖެހުމުގެ ސަބަބު، ދެންމެ އެސް.ޓީ.އޯ.ގެ މެނެޖިންގ ޑިރެކްޓަރ އަދި މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް އިލްޔާސް އިބްރާހީމް ހާމަކޮށްދެއްވައިފި. އެއީ ވަކި ބޭނުމެއްގައި ސަރުކާރުން މި ފިޔަވަޅު އެޅީ. ވިޔަފާރިވެރިންނަށް ޑޮލަރު ލިބުން ދަތިވެގެން އުޅޭތީ، އެމީހުންނަށް ޑޮލަރު ހޯދައިދިނުމަށްޓަކައި. އަދި ވިޔަފާރިވެރިން ފިޔަވައި، ޢާންމު ރައްޔިތުންގެ ތެރެއިންވެސް ބޭރު ފައިސާއަށް ބޭނުންވެފައިވާ މީހުން.

އާދެ، ބޭރު ފައިސާއަށް ބޭނުންވާނީ، ވަކި ބާވަތެއްގެ ޚާއްޞަ ކަންތައްތަކެއް ކުރުމަށްޓަކައި. ރާއްޖޭގައި ޢާންމުކޮށް ގެންގުޅޭ ފައިސާއަކީ ދިވެހިރުފިޔާ. ރާއްޖޭގައި ތަކެތި ގަތުމަށާއި، ޚިދުމަތުގެ އަގުދިނުމަށް ބޭނުންކުރެވޭ އެއްޗަކީ ދިވެހި ފައިސާ. އެހެންވީމާ، ބޭރު ފައިސާ ބޭނުންވާނީ އެނޫން ކަންތައްތަކަށް ރާއްޖެއިން ބޭރަށް ދިޔުމަށްޓަކައި. ރާއްޖެއިން ބޭރުގައި ކޮންމެވެސް ކަމެއް ކުރުމަށް ބޭނުންވާ ފައިސާ. އެއީ ދަރިންނަށް ތަޢުލީމު ޙާޞިލުކޮށްދިނުން ކަމުގައިވިޔަސް، ނުވަތަ ބޭސްފަރުވާކުރުން ކަމުގައިވިޔަސް ނުވަތަ އެނޫންވެސް ބޭނުމަކު ރާއްޖެއިން ބޭރުގައި ހުންނަން ޖެހިގެން ކަމުގައިވިޔަސް، މިބާވަތުގެ ކަންތައްތަކަށް ޢާންމު ރައްޔިތުން ބޭރުފައިސާ ބޭނުންވާނީ. އެހެންނޫނީ ބޭރު ފައިސާ ބޭނުންވާނީ މުދާ ރާއްޖެއަށް އެތެރެކުރަން ބޭނުންވާ ފަރާތްތަކަށް.

އާދެ، މި ދެންނެވި ފަރާތްތަކަށް، އެމީހުންނަށް ކުރިމަތިވެފައިވާ ބޮޑު މައްސަލަ ޙައްލަކަށް ގެނެސްދިނުމަށްޓަކައި ސަރުކާރުން އެދުވަހު އެ ބަދަލު ގެނައީ. މައްސަލަ ދަތިވެގެން ގޮސްފައިވާ ހިސާބު އެއްގޮތަކަށްވެސް އަޅުގަނޑު ދަންނަވާކަށްނުޖެހޭ. އޭރު ރާއްޖެއިން ބޭރަށް ޙާލެއްނެތިގެން ބޭސްކުރަންދާ މީހަކަށްވެސް އޮންނާނީ، ބޭންކްތަކުންވެސް އެންމެ 50 ޑޮލަރުވެސް ނުލިބިފައި. އަދި ސަރުކާރުގެ ބޭނުންތަކަށް ކޮންމެހެން ބޭނުންވެގެން އުޅޭ ކަންކަމުގައިވެސް ޑޮލަރު އޮންނަނީ ނުލިބިފައި. މިކަންތައްތައް މިހެން ހުރުމާއެކުގައި، އޭގެ ސަބަބެއް ކަމުގައި ވަރަށް ބޮޑަށް ބަލައި ހެދުމުން ވިސްނެނީ، ޑޮލަރުގެ އަގު ނަހަމަގޮތެއްގައި އޮތް ކަންތައް. ޙަޤީޤަތުގައި ޑޮލަރުގެ އަގަކީ -/10 ރުފިޔާ ނުވަތަ އެއަށްވުރެ މަތީ އަގެއް ކަމުގައި އޮތްއިރު، ސަރުކާރުގެ ރޭޓަކީ އެންމެ -/7 ރުފިޔާ ކަމުގައި އޮތީމާ، ވެގެންއުޅޭ ގޮތެއް ކަމަށް އޭރު ގަބޫލުކުރެވުނީ. އެހެންވީމާ، އެކަންތައް އިޞްލާޙު ކުރުމަށްޓަކައި މާރިޗު މަހުގެ އެއްވަނަ ދުވަހު އެ ފިޔަވަޅު އެޅުނީ. އެ ފިޔަވަޅު އެޅުމުގެ ސަބަބުން މިހާރު އެ މައްސަލަ ވަރަށްބޮޑު ތަނެއް ހަމަޖެހިގެން އަތުވެއްޖެ. އެއްވެސް މީހަކަށް ޑޮލަރު ނުލިބިގެން އެކަމުގެ ޝަކުވާ ސަރުކާރުގެ އެއްވެސް ފަރާތަކަށް މިހާރު ނާދޭ.  

އާދެ، އިއްޔެ ޑޮލަރުގެ އަގު ކުޑަތަންކޮޅެއް ދަށަށް ޖެހިލައިފި. ކުރިންވެސް ދެންނެވި ފަދައިން، -/10 ރުފިޔާއިން 9/60 ރުފިޔާއަށް. އެހެންވާންޖެހުނު ސަބަބަކީވެސް މިހާރު އޮތް އަގުން މީހުން ޑޮލަރު ނުގަންނަކަން. އާދެ، ކޮންމެ ދުވަހަކުވެސް ޕޯސްޓް އޮފީސް އެކްސްޗޭންޖް ކައުންޓަރަށް ޑޮލަރު ލިބޭވަރާއި، އެތަނުން ޑޮލަރު ވިއްކާވަރު އަޅުގަނޑު މިގެންދަނީ ބަލަމުން. މިވޭތުވެދިޔަ ހަތަރު ހަފްތާގެ ތެރޭގައި، ޕޯސްޓް އޮފީސް އެކްސްޗޭންޖް ކައުންޓަރުން ޑޮލަރު ވިއްކިވަރަށްވުރެ، ޕޯސްޓް އޮފީސް އެކްސްޗޭންޖް ކައުންޓަރަށް 6,940,00 ޑޮލަރު އިތުރަށް ލިބިފައިވޭ. ގާތްގަނޑަކަށް ހަތްލައްކަ ޑޮލަރު އިތުރަށް ލިބުނު. އެއީ، އެތަނުން ބޭރުވި ޑޮލަރަށްވުރެ، އެތަނަށް ޖަމަޢަވި ނުވަތަ އެތަނަށް މީހުން ވިއްކިވަރު. އޭގެތެރެއިން އެއްދުވަހަކު، ފަހަކަށްއައިސް ކޮންމެވެސް އެއްދުވަހަކު ޕޯސްޓްއޮފީސް އެކްސްޗޭންޖް ކައުންޓަރުން އެންމެ ޑޮލަރެއްވެސް ނުވިކުނު ދުވަހެއް ހިނގައްޖެ. އެދުވަހު ހަމަ ގަތް މީހުންގެ އަދަދު 0، ވިކުނު ޑޮލަރުގެ އަދަދުވެސް 0. އެކަމަކު އެދުވަހުވެސް އެކްސްޗޭންޖް ކައުންޓަރަށް ޑޮލަރު ވިއްކި މީހުން ތިބި. އެތައްހާސް ޑޮލަރެއް އެތަނުން ލިބުނު. އެއިން ޝައްކެއްނެތްގޮތުގައި އެނގުނު އެއްޗަކީ، މިހާރު ޑޮލަރު -/10 ރުފިޔާއަށް ހުންނަ ހުރުން އެއީ ޙަޤީޤީ އަގެއް ނޫންކަން.

އާދެ، ސަރުކާރުން މާ އަވަސްގޮތެއްގައި އެޅި ފިޔަވަޅަކީ، ޑޮލަރު ވަކިއަގަކަށް ވިއްކަން ކަނޑައެޅުމެއްނޫން. ޑޮލަރު ދޫކޮށްލުން. ކަނޑައެޅިގެން ވަކި އަގެއް ހަމަޖައްސާފައި އޮތުމުގެ ބަދަލުގައި، އޭގެ ހަމަ އަގަށް ދޫކޮށްލުން. ކޮންމެ ތަނެއްގައިވެސް ޑޮލަރު ހަމަ އަގަށް ދޫކޮށްލީމާ ވާގޮތަކީ، އެއްބައި ދުވަސްދުވަހު އޭގެ އަގު ދަށަށްދާނެ. އަނެއްބައި ދުވަސްދުވަހު އޭގެ އަގު މައްޗަށްދާނެ. އެއީ އެކަން އޮންނަ އުޞޫލު. ޑޮލަރު ލިބެން ހުންނަވަރާއި، އެއަށް ބޭނުންވެފައިވާ މިންވަރުގެ މައްޗަށް ހަމަޖެހޭ ކަމެއް އެއީ. އަދި ބޭރު ދުނިޔޭގައި ޑޮލަރުގެ އަގު ހުންނަ ގޮތުގެ މައްޗަށްވެސް ހަމަޖެހޭކަމެއް އެއީ. މިކަންކަމުގެ މައްޗަށް މުޅިން ދޫކޮށްލީމާ، ދެން އެ ހުންނާނީ ރަނގަޅަށް ކަމަށް ފެނިގެން އެގޮތަށް ހެދީ.

އެހެންވީމާ، މިއަދު ޑޮލަރުގެ އަގު ތަންކޮޅެއް ދަށަށް ހިނގައްޖެ. އެހެންނަމަވެސް، އޭގެ މާނައަކީ މި އަންނަ ހަފްތާގައި ނުވަތަ އޭގެފަހުންވެސް ނުވަތަ މަސްދުވަސް ފަހުންވެސް އަނެއްކާ ދަށަށްދާނެއެކޭ ނޫން. ދަށަށްވެސް ހިނގައިދާނެ. އޭގެ އަނެއްކޮޅަށް މައްޗަށްވެސް ހިނގައިދާނެ. ކުރިންވެސް ދެންނެވި ފަދައިން، އެއީ މީހުން ޑޮލަރު ބޭނުންވާ އަދަދަށާއި އަދި ޑޮލަރު ލިބެން ހުންނަ އަގެއްގެ މައްޗަށް ހިނގަމުންދާނެ ކަމެއް. އެހެން އޮތުމުން، ހުރިހާ ފަރާތަކަށްވެސް ފަސޭހަކަން މިހާރުވަނީ ލިބިފައި.

އާދެ، އަޅުގަނޑު ދެންމެ ދެންނެވި އަލްފާޟިލް ކޮލިގޭ ޢުމަރުމަނިކުގެ ޙަޔާތުން އެންމެ ބޮޑަށް ފާހަގަކުރެވޭ ނުކުތާއަކީ، އޭނާއަކީ އެދުވަސްވަރުގެ އެންމެބޮޑު ވިޔަފާރިވެރިޔާ، އަދި އެންމެބޮޑު ފައިސާވެރިޔާ ކަމަށްވީއިރުވެސް، އޭނާއާ ދޭތެރޭގައި އެއްވެސް ސިޔާސީ ކަމެއް ހިނގާފައެއްނުވެޔޭ. އެއްވެސް ސިޔާސީ މައްސަލައެއްގައި ސުވާލުކުރަން ޖެހިފައިވެސް، އެއްވެސްއިރެއްގެ ސަރުކާރަކަށް ނެތް. އޭނާއާ ބެހޭގޮތުން ތަޙުޤީޤެއް ހިންގަވަން ޖެހިފައެއްވެސް ނެތް. އެހެންވީމާ، އެއީ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެން ލިބިގަންނަން ބޭނުންވާ، ވަރަށް ރަނގަޅު ފިލާވަޅެކޭ. ވަރަށް ފަސޭހައިން މުޖުތަމަޢުގައި އެކިއެކި ބޮޑެތި ނުފޫޒު ލިބިފައިވާ މީހުން، ތަނުގެ ސިޔާސީ ކަންތައްތަކާ ދޭތެރޭގައި ވިސްނާ ނުވަތަ އެމީހުންގެ ފަރާތުން ތަނުގެ ސިޔާސީ ހަމަޖެހުމަށް ކޮންމެވެސްކަހަލަ ބުރުލެއް އަރާތަން އޮންނަނީ އައިސްފައި. މާބޮޑެތި މުއްސަނދިން ތިބޭ ތަންތާނގައި، ކެޕިޓަލިސްޓުން ތިބޭ ތަންތާނގައި މިކަން ފާހަގަކުރެވޭ. އެކެއްގެ އަތަށްވެސް، އެމީހަކާ އެކަށީގެންނުވާ މިންވަރަކަށް ބާރު ލިބިއްޖިއްޔާ އެއީ ފައިސާގެ ބާރު ކަމުގައިވިޔަސް، އަދި އެނޫންގޮތަކުން އެމީހަކަށް ލިބޭ ބާރެއް ކަމުގައިވިޔަސް، އެމީހަކަށް ލިބެން ޙައްޤުވާވަރަށްވުރެ ބޮޑަށް ބާރު ލިބިއްޖިއްޔާ، ވަރަށް ފަސޭހައިން މަގުން ކައްސާލާތަން އޮންނަނީ އައިސްފައި. އެއީ ހަމަ ކޮންމެ ޒަމާނެއްގައިވެސް، ކޮންމެ ތަނެއްގައިވެސް ވާގޮތް. މި ރާއްޖޭގައިވެސް ހަމަ އެކަން އޮންނާނީ އެހެން. އެހެންވީމާ، އަޅުގަނޑު މި ދަންނަވަނީ، ވިޔަފާރީގެ ގޮތުން ކުރިއަށް ގޮސްގެން ނުވަތަ ފައިސާގެ ގޮތުން ތަނަވަސްކަން ލިބިގެންވެސް އެގޮތަށް މީހާގެ ވިސްނުން ބަދަލުވެގެން ހިނގައްޖެ ކަމަށްވަންޏާ، އެކަމުގެ ސަބަބުން ޤައުމަށް އެކަށީގެންނުވާ ނުރައްކާތަކަކާ ކުރިމަތިލާން ޖެހިދާނެއޭ.

އާދެ، މިއަދަކީ ސަރުކާރުން ޢާންމު ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށް މަސައްކަތްކުރާ ދުވަހެއް. ޤައުމުގެ މަޞްލަޙަތު ރައްކާތެރިކުރުމަށް މަސައްކަތްކުރާ ދުވަހެއް. އެއްދުވަހުން އަނެއް ދުވަހަށް ދިވެހި ޤައުމު ތަރައްޤީގެ މަގުގައި ކުރިއަށް ގެންދިޔުމަށް ސަރުކާރުން މަސައްކަތްކުރާ ދުވަހެއް. އެންމެން ހަމަހަމަކޮށްގެން، ސަރުކާރުގެ ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ކުރިމަތީގައި، އެންމެންނަކީ އެއްވަރެއްގެ ބައެއް ކަމުގައި ބަލައިގެން، މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލުތަކާއި އަދި ދީމުޤްރާތީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ސަރުކާރުގެ ކަންތައްތައް ކުރަމުން ގެންދެވޭތޯ ބަލާ ދުވަހެއް. މިފަދަ ދުވަހެއްގައި، ވިޔަފާރިވެރިންގެ ފަރާތުންވެސް އަދި އެނޫން އެހެން ބައެއްގެ ފަރާތުންވެސް ސަރުކާރާ ދެކޮޅު ޙަރަކާތެއް ނުވަތަ ވިސްނުމެއް ނުވަތަ ޚިޔާލެއް ގެންގުޅޭނެ ޖާގައެއް އޮތް ކަމަކަށް އަޅުގަނޑަކަށް ނުވިސްނޭ.

އެހެންވީމާ، އަޅުގަނޑު މި ދަންނަވަނީ އަލްމަރްޙޫމް ކޮލިގޭ ޢުމަރުމަނިކުގެ ޙަޔާތުން އަޅުގަނޑުމެން ލިބިގަންނަންވީ ވަރަށް މުހިންމު އަދި ބޭނުންތެރި ފިލާވަޅެކޭ އެއީ. މިހާރުވެސް އަޅުގަނޑުމެންނަށް ތަޖުރިބާއިން އެބަ އެނގޭ، ސަރުކާރާއި އަދި ޤައުމުގައި ހިމެނޭ އެހެން ފަރާތްތަކާ އިޚްލާޞްތެރި އެއްބާރުލެއްވުން އޮވެއްޖެ ހިނދެއްގައި، އެ ދާއިރާއަކާބެހޭ ކަންތައްތައް އޮންނާނީ ހަމަޖެހިފައިކަން. އަދި އެއްދުވަހުން އަނެއް ދުވަހަށް ދާނީ ތަރައްޤީވަމުން، އިޞްލާޙުވަމުންކަން. އަޅުގަނޑު މިދެންނެވި މިދިޔަ މަސްދުވަހުގެ ތަޖުރިބާއަށް ބަލާއިރުވެސް އެކަން ސާބިތުވޭ. ސަރުކާރާއި ވިޔަފާރިވެރިންނާ ދޭތެރޭގައި އޮތް ގުޅުން އިޞްލާޙުވެ ރަނގަޅުވުމުގެ ސަބަބުން އަދި ވިޔަފާރިވެރިން ސަރުކާރުން ކުރާ ކަންތައްތަކަށް އެއްބާރުލެއްވުމުގެ ސަބަބުން މިދިޔަ މަސްދުވަހުގެ ތެރޭގައި ވިޔަފާރިއަށް ވަރަށް ރަނގަޅު ބަދަލުތަކެއް ވަނީ އައިސްފައި. އެހެންވީމާ، އެ ނުކުތާއާ ދޭތެރޭގައި އަޅުގަނޑުމެން އަބަދުވެސް ވިސްނަމުން ގެންދިޔުމަކީ ކޮންމެހެން ބޭނުންކަމެއް ކަމުގައި އަޅުގަނޑު ދެކެން.

އާދެ، މިއަދު މި ހުޅުވުނު ޢުމަރު ޝޮޕިންގ އާކޭޑްގައި އެންމެ ބޮޑަށް ކުރެވޭނެ ކަމަކީ، ދެންމެ އެސް.ޓީ.އޯ.ގެ މެނެޖިންގ ޑިރެކްޓަރ އެ ވިދާޅުވިފަދައިން، މިތާނގައި ޑިއުޓީ ފްރީ ޚިދުމަތްތަކެއް ދެމުން ގެންދިޔުން. މި ފަސްބުރި ޢިމާރާތުގެ އެއްބުރި ޚާއްޞަކުރެވިފައި ވަނީ، ކުރިއްސުރެ ހަމަޖެހިފައިވާ ގޮތެއްގެ މަތިން، ބޭރު ބޭންކެއްގެ އޮފީސް ހިންގުމަށް، އެފަރާތަށް ކުއްޔަށް ދޫކުރުމަށް. އެނޫން ތަންތަން ހަމަޖެހިފައިވަނީ، ޑިއުޓީ ފްރީ ޚިދުމަތް އަދާކުރަން އެއްބަސްވެފައިވާ ބޭރުގެ ފަރާތްތަކަކަށް ކުއްޔަށް ދިނުމަށް. އާދެ، އެގޮތުން ތިން އަހަރާ ބައިގެ މަސައްކަތުން 3.6 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އަދި 16000 އަކަފޫޓުގެ ތަޅުމުގެ ބޮޑުމިން ހިމެނިފައިވާ މި ޢިމާރާތުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިއަށާއި އިޤްތިޞާދަށް ވަރަށް އެދެވޭ ޚިދުމަތެއް ލިބިގެންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. އާދެ، އެހެން މި ދަންނަވަނީ ޑިއުޓީ ފްރީ ވިޔަފާރި ހިންގުމަކީ ފައިދާހުރި ކަމަކަށްވާތީ.

ކުރިންވެސް ބޭރު ފައިސާގެ ވާހަކަ އަޅުގަނޑަށް ވަނީ ދެކެވިފައި. އާދެ، އަޅުގަނޑުމެންނަށް ލިބޭ ބޭރު ފައިސާ، އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދިޔުމަކީ، ރާއްޖޭގެ ވިޔަފާރިއަށް، ރާއްޖޭގެ އިޤްތިޞާދަށް އިތުރު ތަނަވަސްކަން ލިބެމުންދާނެ ކަމެއް. އެހެންވީމާ، ޑިއުޓީ ފްރީ މުދާ ލިބެން ހުރުމަކީވެސް، އެ ޤައުމަކަށް ބޭރު ފައިސާ އިތުރަށް ވަންނާނެ މަގެއް. އެހެންކަމާއެކު، މިތަން ހުޅުވި އަދި މިތާނގައި އެ މަސައްކަތް ފެށުމުން، ރާއްޖެއަށް ބޭނުންވާ ބޭރު ފައިސާ އިތުރުވަމުންދާނެކަމުގެ ފުރިހަމަ އުންމީދު އެބައޮތް. އެހެންވީމާ، މިތަނުގެ ސަބަބުން، މިއަދު މި ހުޅުވުނު ޢިމާރާތުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިއަށާއި އިޤްތިޞާދަށް ކޮންމެވެސްވަރެއްގެ ކުރިއެރުމެއް ލިބޭނެކަމަށް އަޅުގަނޑު ޔަޤީންކުރަން. އަދި ވަރަށްބޮޑަށް އުންމީދުވެސް ކުރަން.

އާދެ، މި ޢިމާރާތުގެ ޑިއުޓީ ފްރީ ވިޔަފާރި ހިންގުން މި ޙަވާލުކުރެވުނީ ބޭރު ބަޔަކާ. އެއީ މިކަހަލަ ކަންތަކުގައި ތަޖުރިބާ ލިބިފައި ތިބި، އެކަން ކުރަން ދަންނަ ބަޔަކާ ޙަވާލުކުރުމުން، އޭގެ ފައިދާ ބޮޑުވާނެކަމަށް ފެނިގެން. އެހެންނަމަވެސް، އެކަމަކީ ހަމައެކަނި ބޭރުގެ މީހުންނަށް ނުވަތަ ބިދޭސީންނަށް އޮންނާނެ ކަމެއް ނޫން. ރާއްޖޭގެ ވިޔަފާރިވެރިން މިހާރު ތިއްބެވީ، ހުރިހާ ދާއިރާއެއްގައިވެސް ޙަރަކާތްތެރިވެވަޑައިގަތުމަށް ތައްޔާރަށް. އާ ދާއިރާތައް ހޯއްދަވައިގެން، ރާއްޖޭގެ ވިޔަފާރިއަށް ކުރިއެރުން ލިބޭގޮތަކަށް އެބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވާ ޒަމާނެއް މި ޒަމާނަކީ. އެހެންވީމާ، މުސްތަޤްބަލުގައި އިރާދަކުރެއްވިއްޔާ ރާއްޖޭގެ ވިޔަފާރިވެރިންނަށްވެސް، މި ދެންނެވީ ވިޔަފާރިވެރިންގެ ތެރެއިން މި ވިޔަފާރި، ޑިއުޓީ ފްރީ ވިޔަފާރި ހިންގަވަން ބޭނުންފުޅުވާ ފަރާތްތަކަށް ޖާގަ ލިބޭގޮތަށް މިހާރު އެހެން ޢިމާރާތެއް ތައްޔާރުވަމުން އެބަދޭ. އެ ޢިމާރާތުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް، އެސް.ޓީ.އޯ.ގެ މެނެޖިންގ ޑިރެކްޓަރު ދެންމެ ވިދާޅުވެއްޖެ. އިރާދަކުރެއްވިއްޔާ، އެތަން ނިމުމުން ރާއްޖޭގެ ވިޔަފާރިވެރިންގެ ތެރެއިން، މި ވިޔަފާރި ހިންގަވަން ބޭނުންފުޅުވާ ފަރާތްތަކަށް އެތަނުން ޖާގަ ލިބިވަޑައިގަންނަވާނެ.

އާދެ، އަޅުގަނޑުގެ ވާހަކަ މިހިސާބަށް މިއަދު ކުރުކޮށްލަން އަޅުގަނޑު ޤަޞްދުކުރަނީ. މުނާސަބަތަކީ ކޮންމެހެން މާ ދިގު ވާހަކަތަކެއް ދައްކަންޖެހޭ މުނާސަބަތަކަށް ނުވާތީއާއި، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް އަދި އެސް.ޓީ.އޯ.ގެ މެނެޖިންގ ޑިރެކްޓަރ، މިހާރު ރާއްޖޭގެ އިޤްތިޞާދަށާއި ވިޔަފާރިއަށް އައިސްފައިވާ ބަދަލުތަކާއި އަދި އެ ބަދަލުތަކާ ބެހޭގޮތުން ސަރުކާރުން ހާމަކުރައްވަން ބޭނުންވާ ބައެއް ޚިޔާލު ހާމަކުރައްވައިފި. އެހެންވީމާ، އެމޭރުމުން އަޅުގަނޑު މާގިނަ ވާހަކަތަކެއް ދެއްކުމުގެ ބޭނުމެއް މިވަގުތަކު އޮތް ކަމަކަށް ނުދެކެން. އެހެންވުމާއެކު، އަޅުގަނޑުގެ ވާހަކަ ކުރުކޮށްލަނީ.

އަޅުގަނޑުގެ ދުޢާއަކީ، الله سبحانه وتعالى އަޅުގަނޑުމެންގެ ރާއްޖެއަށް ތަނަވަސް ދުވަސްތަކެއް ދެއްކެވުން. އަޅުގަނޑުމެންގެ ރާއްޖޭގެ އިޤްތިޞާދު، އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީވަމުންދާނެ މަގުތަކެއް އެކަލާނގެ އަޅުގަނޑުމެންނަށް ދެއްކެވުން. އަދި ސަރުކާރާއި ރައްޔިތުންނާ ގުޅިގެން ރައްޔިތުންގެ ތެރޭގައި ހިމެނޭ ހުރިހާ ދާއިރާތަކެއްގެ މީހުންނާއި ސަރުކާރާ ގުޅިގެން ރާއްޖޭގެ ތަރައްޤީއަށްޓަކައި އެކަށީގެންވާ ރަނގަޅު މަސައްކަތްތަކެއް ކުރުމުގެ ހެޔޮ ތައުފީޤު އެކަލާނގެ އަޅުގަނޑުމެންނަށް ދެއްވުން. އަދި މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ފައިތިލަ ސާބިތުކޮށްގެން، ރައްޔިތުންނާއި ޤައުމާއިގެން އެއްދުވަހުން އަނެއް ދުވަހަށް ކުރިއަށް ދިޔުމުގެ ތައުފީޤު، ސަރުކާރަށާއި ސަރުކާރު ހިންގަވަން ތިއްބެވި ވެރިންނަށް ދެއްވުން އެދި ދުޢާކުރަމުން އަޅުގަނޑުގެ ވާހަކަ މިއަދު ނިންމާލަނީ.

والسّلام عليكم ورحمـة اللّـه وبركاته.