بســم اللّـه الرّحمـن الرّحيــم

اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އާދެ، އެއަށްފަހުގައި މިރޭގެ އަޅުގަނޑުގެ އެންމެއިސް ވާޖިބެއްކަމަށް ދެކެނީ، މިރޭގެ މި އުފާވެރި ބައްދަލުވުމަށް އަޅުގަނޑަށް ދަޢުވަތު ދެއްވިކަމަށްޓަކައި ހަވީރުގެ މަސްއޫލުވެރިޔާ އަލްއަޚް މުޙައްމަދު ޒާހިރު ޙުސައިނަށް ޝުކުރު ދެންނެވުން. ހަމަ އެއާއެކުގައި "ހަވީރު"ގެ އެޑިޓަރަށާއި، އެހެނިހެން ހިންގުންތެރިންނަށާއި އަދި "ހަވީރު"ގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށްވެސް ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުގެ ދެވަނަ ވާޖިބެއްކަމަށް ދެކެނީ، މިރޭގެ މި ޖަލްސާގައި ނުވަތަ މި ބައްދަލުވުމުގައި އެކިގޮތްގޮތުން އިނާމު ޙައްޤުކުރެއްވި ފަރާތްތަކަށް ތަހުނިޔާއާއި މުބާރަކްބާދީ ދެންނެވުން. އޭގެތެރޭގައި، ހަވީރުގެ ކިޔުންތެރިންގެ ނަޒަރުގައި، މިވޭތުވެދިޔަ ފުޓްބޯޅަ މުބާރާތުގައި، އެކި ވަނަވަނައަށް ދާކަމަށް ކިޔުންތެރިން ވޯޓުދެއްވި ހުރިހާ ކުޅުންތެރިން އަޅުގަނޑު ހިމަނަން. އެންމެ ބޮޑަށް މިރޭ މުބާރަކްބާދީ ޙައްޤުވާ ފަރާތަކީ، އަޅުގަނޑު ދެކޭގޮތުގައި ހަވީރުން ހުށަހެޅުއްވި ޚާއްޞަ އިނާމު ޙައްޤުވި ފަރާތް. އާދެ، އެއީ ކުލަބް ލެގޫންސް. މި އިނާމަކީ އަޅުގަނޑު ދެކޭގޮތުގައި ވަރަށް ޚާއްޞަ އިނާމެއް. އެއީ ހުރިހާ ތަނެއްގައިވެސް ކުޅުމުގައި މޮޅު ހޯދާ ކުޅުންތެރިންނަށް ނުވަތަ މޮޅު ހޯދާ ޓީމުތަކަށް އިނާމު ދިނުމަކީ ކޮށްއުޅޭކަމެއް. އެއީ އާދަޔާޚިލާފު ކަމެއްނޫން. އާދަޔާ ޚިލާފުކަމަކީ "ހަވީރުން" މިހުށަހެޅުއްވި އިނާމު. އާދެ އެއީ ކުޅިވަރުގެ ރޫޙާ އެއްގޮތަށް، ކުޅިވަރުގެ އަޚްލާޤާ އެއްގޮތަށް، ކުށްނުކޮށް ރީތިކޮށް ކުޅުނު ޓީމަށް އިނާމެއް ދެއްވުން. އެ އިނާމު ޙައްޤުވާ ފަރާތް، އަޅުގަނޑު ދެކެނީ އެއީ މި ފުޓްބޯޅަ މުބާރާތުގައި ވަރަށް ބޮޑު ކާމިޔާބީއެއް ހޯއްދެވި ފަރާތެއްކަމުގައި. އެހެންކަމާއެކު، ކުލަބް ލެގޫންސްގެ މަސްއޫލުވެރިންނަށާއި، އެކުލަބުގެ އެހެނިހެން ހިންގުންތެރިންނަށާއި އަދި ކުލަބުގެ ހުރިހާ ކުޅުންތެރިންނަށް ހިފެހެއްޓުމެއްނެތި މުބާރަކްބާދީއާއި ތަހުނިޔާ ދަންނަވަން.

އާދެ، ކުޅިވަރު ކުޅެނީ ވަކި މަޤްޞަދެއްގައި. އެއާދޭތެރޭގައި ދެންމެ "ހަވީރު"ގެ މަސްއޫލުވެރިޔާ ވާހަކަފުޅު ދައްކަވައިފި. އެހެންވީމާ، އެކަމާ ދޭތެރޭގައި އަޅުގަނޑު މާދިގުކޮށް ވާހަކަދައްކާކަށް ބޭނުމެއްނުވޭ. އެއްބޭނުމަކީ، ކުރުކޮށް ދަންނަވަންޏާ، ޒުވާނުންގެ ހަށިތައް ތަރުބިއްޔަތު ކުރުން. އެމީހުންގެ ޖިސްމާނީ ބާރުތައް ވަރުގަދަކުރުން. ހަމައެއާއެކު، މުޖުތަމަޢުގައި އުޅޭނޭ ރީތިގޮތްތަކެއް ދަސްކޮށްދެވޭފަދަ ތަރުބިއްޔަތެއް، ކުޅިވަރުގެ މައިދާނުން ޒުވާނުންނަށް ލިބިދިނުން. ހަމަ އެފަދައިން، ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުމާއި ރަޙްމަތްތެރިކަން އާލާކުރުން. މިގޮތުން ބަލާއިރު، ކުޅިވަރަކީ ޤައުމުގެ ޒުވާނުންގެ މެދުގައި ވަރަށް އެދެވޭ ގުޅުންތަކެއް ބަދަހިކުރުވާ އެއްޗެއް. ހަމައެއާއެކު، އެއް ޤައުމަކާއި އަނެއް ޤައުމަކާ ދޭތެރޭގައި އޮންނަ ގުޅުމަށްވެސް ކުޅިވަރުގެ ސަބަބުން ވަރަށް ރަނގަޅު ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކޮށްލަންޖެހޭ.

އާދެ، މި ދެންނެވި އުޞޫލުގެމަތިން، ކުޅިވަރު ކުޅެމުންދާއިރު، ކުޅިވަރު ކުޅޭ ވަކި އުޞޫލުތަކެއް ހަމަޖެހިފައިއޮވޭ. އެއަށް އަޅުގަނޑުމެން ޢާއްމުކޮށް މިކިޔަނީ ކުޅިވަރުގެ ރޫޙޭ. ކުޅިވަރުގެ ރޫޙާ އެއްގޮތަށް ކުޅިވަރު ކުޅުމުން، ކުރިން އަޅުގަނޑު މި ދެންނެވި ފައިދާތައް، އެ ކުޅިވަރު ކުޅޭ ޒުވާނުންނަށް އަދި އެޒުވާނުން ދިރިއުޅޭ މުޖުތަމަޢަށް ނުވަތަ ޤައުމަށް ލިބިގެންދަނީ. ކުޅިވަރުގެ ރޫޙާ ޚިލާފަށް ޢަމަލުކުރަމުންދާ ކަމުގައިވަނީނަމަ، މި ދެންނެވި ފައިދާތަކެއް ލިބެންވާގޮތަކަށް ލިބެމުންނެއް ނުދާނެ.

އާދެ، ދެންމެ ޒާހިރު ޙުސައިން ދެއްކެވި ވާހަކަފުޅުގައި، ކުޑަކޮށް އިޝާރާތް ކުރެއްވި، ދުނިޔޭގައި މިހާރު އެކިއެކި ކުޅިވަރު މުބާރާތްތަކުގައި ހިނގަމުންދާ ޙާދިޘާތަކެއްގެ ވާހަކައަށް. އާދެ، އެއީ އަޅުގަނޑު ދަންނަވާނީ ދުނިޔޭގެ ކުޅިވަރުގެ މައިދާނަށް ފަހަކަށްއައިސް އެ މައިދާނުގައި ފެތުރެމުން ގޮސްފައިވާ، ވަރަށް ނުރައްކާތެރި ބައްޔެކޭ. އެބަލީގެ ސަބަބުން ކުޅިވަރު އޭގެ މަޤްޞަދުން ނެއްޓިގެންދަނީ. ކުޅިވަރު ކުޅުމުން ލިބެންޖެހޭ ފައިދާ ޙާޞިލުނުވެދަނީ. އެއްވެސް ކަމެއް، އެކަމެއް ކުރުމަށް ހަމަޖެހިފައިވާ މަޤްޞަދުން ނެއްޓިގެންދާ ކަމުގައިވަނީނަމަ، އެކަމަކުން ޙާޞިލުވާންޖެހޭ ފައިދާތަކެއް ޙާޞިލެއްނުވާނެކަން ކަށަވަރު.

އާދެ، ދުނިޔޭގެ ކުޅިވަރުގެ މައިދާންތަކުގައި ހިސާބަކަށް ނަމަވެސް އަޅުގަނޑުމެންނަށް މިހާރު ފެނިގެން އެބަދޭ. ޓީމުތަކުން މަސައްކަތް ކުރަނީ ކޮންމެގޮތަކުންވެސް މޮޅުވާން. އެ މޮޅުވާން މަސައްކަތްކުރަނީ އެއްގޮތަކަށްވެސް ކުޅިވަރުގެ ރޫޙާ އެއްގޮތްވާގޮތުގެ މަތިންނެއްނޫން. އެ ކުޅޭ ކުޅިވަރެއްގެ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތިންނެއްވެސް ނޫން. ފުޓްބޯޅަ ކުޅޭއިރު، ހަމަ ޤަޞްދުގައި އެއްބަޔަކު އަނެއްބަޔަކަށް އަނިޔާކޮށް ނުވަތަ ކުޅުމުގެ ތެރޭގައި މަކަރުހަދައިގެން މޮޅުވަން އެއްބައިމީހުން އެބަ މަސައްކަތްކުރޭ. އެއީ ޝައްކެއްނެތްގޮތުގައި، ވަރަށް ދެރަކަމެއް. އެ މޮޅުވާ ބަޔަކު އެކަހަލަ ކަންތައްކޮށްގެން މޮޅުވިޔަސް، އަޅުގަނޑު ދަންނަވާނީ އެމީހުންނަކީވެސް އިންސާނުން ކަމަށްވާތީ، އެމީހުންގެ ހިތުގައިވެސް އެކަމާދޭތެރޭގައި ކޮންމެވެސްވަރެއްގެ ހިތްގައިމުނުވުމުގެ ޝުޢޫރުތަކެއް ހިނގާނެއޭ. ތިމަންނާ، އެއީ އެކަނި ކުޅިވަރު ކުޅޭ މީހެއް ކަމުގައިވަނީނަމަ، އެއީ އޭނާ މޮޅުވީ މަކަރުހަދައިގެން ކަމުގައިވަންޏާ، އޭނާޔަށް އެ ލިބެންވާ އުފަލުގެ ވަރަށްބޮޑު ބައެއް އޭނާގެ ހިތުން ގެއްލިގެންދާނެ. އެ އުފަލެއް އޭނާޔަށް އިޙްސާސެއް ނުވާނެ. ހަމައެފަދައިން، ޓީމުތައްވެސް ޓީމުގެ މެންބަރުން، އެމީހުން ރާވައިގެން އިދިކޮޅު ޓީމުގެ މީހުންނަށް އަނިޔާކޮށް ނުވަތަ ކުޅިވަރުގެ ރޫޙާ ޚިލާފު ޢަމަލުތައްކޮށްގެން ނުވަތަ މަކަރުހަދައިގެން މޮޅުވާ ޓީމަކަށް، އެއްވެސް ޙާލެއްގައި އަޅުގަނޑު ނުދަންނަވާނަން، ޙަޤީޤަތުގައި މޮޅުވާ ޓީމަކަށް އެ އިޙްސާސް ކުރެވޭ އުފާ އިޙްސާސް ކުރެވެއެކޭ. އެހެންނަމަވެސް، މިކަންތައްތައް ދުނިޔޭގައި ވަމުންއެބަދޭ. އެހެންވީމާ، އަޅުގަނޑުމެން ވިސްނަންވީ، އަޅުގަނޑުމެންގެ ރާއްޖެއަށް އެފަދަ ކަންތައްތައް އަޔަނުދީވާނީ ކިހިނެއް ހަދައިގެންތޯ. އަޅުގަނޑުމެން އެންމެން އެއްބާރުލައިގެން މަސައްކަތް ކުރަންވީ، ކުޅިވަރު އޭގެ އެންމެ މަތިވެރިގޮތުގައި، އޭގެ މަތިވެރި މަޤްޞަދުތައް ޙާޞިލުވާގޮތުގައި، އަޅުގަނޑުމެންގެތެރޭގައި ކުޅެމުންގެންދާނީ ކިހިނެއްތޯ؟

"ހަވީރު"ގެ މަސްއޫލުވެރިޔާ ވިދާޅުވިފަދައިން، ފޯރިގަދަ ކުޅިވަރެއްގައި، ފޯރީގައި ބައެއްފަހަރަށް އެކަހަލަ ކަންތައްތައް ދިމާވުމަކީ އެކަށީގެންވާ ކަމެއް. އެހެންނަމަވެސް، އެކަމެއް ވަގުތުން އެ ކުޅިވަރު ކުޅޭ މީހާ އަމިއްލައަށް ކޮންޓްރޯލް ކުރަންޖެހޭނެ. އަދި އެ ކުޅުންތެރިޔާގެ ޓީމުގެ އެހެން މީހުން އޭނާއަށް ނަޞޭޙަތްދީ، އިރުޝާދުދީ ހަދައިގެން، އެކަންތައް ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަންވާނެ. އެގޮތަށް މަސައްކަތް ނުކުރާކަމުގައިވަންޏާ، ދުނިޔޭގެ އެހެން ތަންތާގައިވެސް އެ ފެންނަކަހަލަ ހިތާމަވެރި މަންޒަރުތައް، އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ފެނިގެން ހިނގައިދާނެ. އެއީ އަޅުގަނޑު ވަރަށް ބޮޑަށް ވިސްނައި ފިކުރުކުރާ ކަމެއް. އެހެން ވެއްޖެނަމަ، އަޅުގަނޑުމެންގެ ރާއްޖޭގައި ކުޅިވަރު ކުޅުމުގެ ބޭނުމެއް އޮތެކޭ އަޅުގަނޑަކަށް އެއްގޮތަކަށްވެސް ނުދެންނެވޭނެ.

އާދެ، މި ދެންނެވިގޮތަށް، ދުނިޔޭގެ އެހެން ތަންތާނގައި ކުޅިވަރު ކުޅެއުޅޭ ޓީމުތަކާއި އަދި ބައެއް ކުޅުންތެރިން ޢަމަލުކުރަމުންދިޔަ ކަމުގައިވިޔަސް، ކުޅިވަރުގެ ރޫޙާ އެއްގޮތަށް އަދި ކުޅިވަރުގެ އަޚްލާޤާ އެއްގޮތަށް ތެދުވެރިކަމާއެކު މަސައްކަތްކުރަމުންދާ ޓީމުތަކާއި ކުޅުންތެރިންވެސް ހަމަ ފާހަގަކޮށްލެވޭ. އާދެ، އަޅުގަނޑުގެ ހަނދާނަން ކުއްލިއަކަށް އަންނަނީ، ޕާކިސްތާނާއި އޮސްޓްރޭލިޔާއާ ދޭތެރޭގައި ކުޅެވުނު ކުރިކެޓް ޓެސްޓްމެޗެއްގައި، އޭރުގެ ޕާކިސްތާނުގެ ކެޕްޓަން އަދި މިހާރުގެވެސް ޕާކިސްތާނުގެ އެންމެ މަޝްހޫރު އެއް ކުޅުންތެރިޔާ، ޖާވީދު މިއަންދާދު، އޭނާ ކުޅެން އަރާއޮއްވައި، އެ ކުޅުންތެރިޔާ އެއްލި ބޯޅައަކުން އޭނާގެ ބެޓުގައި ޖެހިލާފައިދިޔަ ކެޗެއް، ވިކެޓް ކީޕަރު ހިފީ. ހިފީމާ، އެ ވަރަށް ކުޑަކުޑަކޮށް ޖެހިލާފައި ދިޔަ ބޯޅައެއްވީމާ، ގިނަ މީހުންނަށް އެއްގޮތަކަށްވެސް ނޭނގުނު، ބެޓުގައި ޖެހިލާފައި ދިޔަކަމެއް. އެހެންނަމަވެސް، އެ އުކާ މީހާއަށް ކުޑަކޮށް ޝައްކުވެގެން އޭނާ އެޕީލްކުރީ. އެޕީލް ކުރީމާ، އަމްޕަޔަރ އިނގިލި ނެގުމުގެ ކުރިން، އަމްޕަޔަރަށްވެސް ނޭނގެ ޔަޤީންވިކަމެއް، އެބޯޅަ ބެޓުގައި ޖެހުނުކަން. އަމްޕަޔަރު އިނގިލި ނެގުމުގެކުރިން، ޖާވީދު މިއަންދާދު ހިނގާފައި އަމިއްލައަށް ނުކުމެގެންދިޔައީ. އާދެ، އެކަހަލަ ރީތި މިސާލު، މަދުންނަމަވެސް ކުޅިވަރުގެ މައިދާނުގައި ފެންނަމުންދޭ.

އެހެންވީމާ، އެއީ އަޅުގަނޑުމެން ދަސްކުރަންވީގޮތަކީ. އެ ކުޅުންތެރިޔާއަށް ތިމަންނާ، ކްރިކެޓްގައިވިއްޔާ އައުޓްވެއްޖެކަން އެނގުނީމާ، އަމިއްލައަށް ފައިބައިގެން ދާނީ. އެއްގޮތަކަށްވެސް އަމްޕަޔަރު އިނގިލި ނަގަންދެން މަޑުކުރާކަށްވެސް ނުޖެހޭނެ. ދެން ކޮންމެ ގޮތެއްގައިވެސް، ކުޅިވަރު ކުޅޭއިރުވެސް، އޭގެ ރޫޙާ އެއްގޮތަށް ކުޅުމުން ޝައްކެއްނެތް، އެމީހަކަށް އެލިބޭ އުފާ، ޤަވާޢިދާ ޚިލާފަށް އެ ކުޅޭ ކުޅުންތެރިޔާއަށް ލިބޭ އުފަލަށްވުރެ މާބޮޑުވާނެ.

އާދެ، ކުޅިވަރަކީ މި ދެންނެވިފަދަ ރީތި ގޮތްތަކެއް ޒުވާނުންގައި އަށަގެންނެވުމުގެ މަޤްޞަދުގައި ކުޅެވޭ އެއްޗެއްކަން، ވަރަށް ގިނަ އެހެން ގޮތްގޮތުންވެސް ދޭހަވޭ. އަޅުގަނޑަށް އަނެއްކާވެސް ދެންނެވެން އަންނަނީ ކްރިކެޓުގެ މިސާލެއް. އެކަމަށް މާފުކުރެއްވުން އެދެން. ތިޔަހުރިހާ ބޭފުޅުންނަކީ، ކްރިކެޓް ކުޅުއްވި ކަމުގައިވިޔަސް، ތިޔަބޭފުޅުން މަޝްހޫރުވެފައިވަނީ ފުޓްބޯޅަ ދަނޑުގައި. އެހެންނަމަވެސް، ކުއްލިއަކަށް ހިތަށް އައި މިސާލަކީ، އަނެއްކާވެސް ކްރިކެޓުގެ މިސާލެއް. އެހެން މިދެންނެވީ، އިނގިރޭސި ބަހުގައި، އެކަން ކުރަންވާ ގޮތަށް، ތެދުވެރިކަމާއެކު، އިޚްލާޞްތެރިކަމާއެކު، އެއްވެސް މަކަރުހެދުމެއްނެތި އިންޞާފަށް ކަމެއް ކޮށްފީވިއްޔާ، ބުނެއުޅޭ "އާނ ތިޔައީ ކްރިކެޓޭ". ހަމައެގޮތަށް، މީހަކު ކުރާ ކަމެއްގައި، މަކަރުހަދައިގެން ކުރާކަމަށްވަންޏާ ނުވަތަ އެކަމެއް އެ ބޭއިންޞާފު ގޮތަކަށް ގެންދާ ކަމުގައިވަންޏާ، މީހަކު އެމީހާއާ ދިމާއަށް ބުނެފާނެ، "ތިޔައީ ކްރިކެޓެއް ނޫނޭ". މާނައަކީ، ތިޔައީ އިންޞާފުވެރި އުޞޫލަކުން ކުރިކަމެއް ނޫނޭ. ތެދުވެރިކަމާއެކު ކުރިކަމެއް ނޫނޭ. ތިޔައީ މަކަރުހަދައިގެން ގޯސްކޮށް ކުރިކަމެކޭ.

އެހެންވީމާ، މި ދެންނެވިކަހަލަ ޢިބާރާތްތަކުންވެސް އެނގޭ، ކުޅިވަރު ކުޅުމުގައި މާތް މަޤްޞަދުތަކެއް އެކުލެވިގެންވާކަން. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރިން، "ހަވީރު"ގެ ފަރާތުން މި އިނާމު ހުށަހެޅުއްވީތީ. އެއީ އެންމެ މަދުން ކުށްކުރާ ޓީމަކަށް، އެންމެ ރަނގަޅަށް ކުޅިވަރުގެ ރޫޙާ އެއްގޮތްވާ ގޮތުގެމަތިން ކުޅޭ ޓީމަކަށް އިނާމެއް ދެއްވުމަށް ހުށަހެޅުއްވީތީ. އަޅުގަނޑު ދެކޭގޮތުގައި އެއީ ރާއްޖޭގެ ކުޅިވަރު ތަރައްޤީ ކުރުމަށް "ހަވީރު"ގެ ފަރާތުން އެޅުއްވި ވަރަށް ބޮޑު ބާރެއް. އެކަމަށްޓަކައި ހަވީރުގެ މަސްއޫލުވެރިޔާ އަލްއަޚް މުޙަންމަދު ޒާހިރު ޙުސައިނަށާއި، ހަވީރުގެ އެޑިޓަރަށާއި އަދި އެނޫންވެސް ހަވީރުގެ މުވައްޒަފުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، މިރޭގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަދިވެސް ކުޑައެއްޗެއް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. އެނގިވަޑައިގަންނަވާނެ ފަދައިން، ހަވީރަކީ އަމިއްލަ ފަރާތެއް. މި ދެންނެވީ އެއީ ސަރުކާރާ ގުޅިފައިވާ ފަރާތެއްނޫން. އަމިއްލަ ފަރާތަކުން ކުޅިވަރު ތަރައްޤީ ކުރުމަށް މަސައްކަތް ކުރައްވާކަން އެއީ، އަޅުގަނޑު ވަރަށް އުފާކުރާކަމެއް. އާދެ، ރާއްޖޭގައި މިހާރު ހިސާބަކަށްނަމަވެސް، މި ރޫޙު އަށަގަންނަމުން އެބަދޭ. އެއީ ކޮންމެހެން އެކަންވާންވީވެސް ގޮތް. ވަރަށް ކުރިއްސުރެ އަޅުގަނޑުމެންގެ ރާއްޖޭގައި ކުޅިވަރު ތަރައްޤީ ކުރުމުގެ މަސައްކަތް، އަމިއްލަ ފަރާތަކުން ވަރަށް ބޮޑު ހިންމަތަކާ އެކުގައި ކުރައްވަމުން އެބަ ގެންދަވާ. އާދެ، އަޅުގަނޑު މި ދަންނަވަނީ އެން.އެސް.އޭ.ގެ ވާހަކަ ނުވަތަ ނިޔުސްޕޯޓްސް އެކަޑަމީގެ ވާހަކަ. އެން.އެސް.އޭ.ގެ ފަރާތުން ރާއްޖޭގެ ކުޅިވަރު ތަރައްޤީ ކުރެއްވުމަށް ކުރާ މަސައްކަތް، އަޅުގަނޑު ތިޔަބޭފުޅުންނަށް ނުދެންނެވިޔަސް، ތިޔަބޭފުޅުންނަށް ވަރަށް ރަނގަޅަށް އެކަންތައްތައް އިޙްސާސް ކުރެއްވޭނެ، ފެނިވަޑައިގަންނަވާނެ.

އެހެންވީމާ، އެންއެސް.އޭ.އިން ކުރައްވާ މަސައްކަތަށާއި އަދި އެން.އެސް.އޭ.ގެ ހުރިހާވެސް ރޫޙަކީ އެން.އެސް.އޭ.ގެ ޑިރެކްޓަރ ނުވަތަ އެން.އެސް.އޭ.ގެ ވެރިޔާ އަލްއަޚް މުޙައްމަދު ޒާހިރު ނަޞީރު ކަމަށްވާތީ، އޭނާއަށްވެސް ޝުކުރު ދެންނެވުމަކީ މިރޭ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ތެދުތެދަށް ދަންނަވަންޏާ، އަޅުގަނޑު ހަމަ ޙައިރާންވަން، އޭނާ މަސައްކަތް ކުރައްވާލެއް އިޚްލާޞްތެރިކަމާއި، އެކަމުގައި އޭނާ އުޅުއްވާލެއް ހީވާގިކަން ބޮޑުކަން. އެހެން ހުރިހާ ކަމެއްގައި އުޅުއްވަމުން، ރާއްޖޭގައި އެކި ވައްތަރުވައްތަރުގެ ކުޅިވަރު ތަރައްޤީކޮށް، އެކިއެކި މުބާރާތް ބާއްވަވައި، ޤަވާޢިދުން އެކަންތައް، ކޮންމެ އަހަރަކުވެސް ކުރައްވަމުން އެބަގެންދަވާ. ހަމަ އޭނާ އެކަނިމާއެކަނި އެކަން ކުރައްވަނީ. އެއީ ހަމަ ވަރަށްރީތި މިސާލެއް. އަމިއްލަ ފަރާތަކުން ނުވަތަ އަމިއްލަ ޖަމުޢިއްޔާއަކުން ނުވަތަ ޖަމާޢަތަކުން ރާއްޖޭގެ ޒުވާނުންނަށް ޚިދުމަތް ކުރުމުގައި އަޅުގަނޑުމެންނަށް ދައްކަވާ ވަރަށްރީތި މިސާލެއް. ހަމައެއާއެކު، ހަމަ އެފަދަ އަނެއް މިސާލު، އަޅުގަނޑުމެންނަށް ހަވީރުގެ ފަރާތުން ފެނިގެން މިދިޔައީ.

އަޅުގަނޑު ދަންނަވާލަން ބޭނުންވޭ އަދި ފުޓްބޯޅަ މުބާރާތުގެ ދުވަސްވަރު، އަމިއްލަ ފަރާތަކުން ނެރުއްވާ ނޫހެއްގެ ވާހަކަ. އާދެ "ޒުވާނުންގެ ޙަރަކާތް" އެއީ އަޅުގަނޑުމެން ވަރަށް ޝައުޤުވެރިކަމާއެކު، އެ ފުޓްބޯޅަ ބަލަން ތިބޭއިރު ނުވަތަ އިންޓަރވަލްގެ ވަގުތުކޮޅުގައި ކިޔަމުންދާ ނޫހެއް. އެ ނޫސް ނެރުއްވާ ފަރާތަށްވެސް، މި މުނާސަބަތުގައި އަޅުގަނޑު އިޚްލާޞްތެރިކަމާއެކުގައި ޝުކުރު ދަންނަވަން.

އާދެ، މިނޫނަސް ރާއްޖޭގައި ކުޅިވަރު ތަރައްޤީ ކުރުމަށާއި، ރާއްޖޭގެ އިޖުތިމާޢީ ކަންތައްތައް ކުރިއަށް ގެންދެވުމަށް މަސައްކަތް ކުރައްވާ ފަރާތްތަކެއް އެބަވޭ. އަމިއްލަ ފަރާތްތަކެއް. ކުއްލިއަކަށް އަޅުގަނޑު ހިތަށް އަންނަނީ، ޖަމުޢިއްޔަތުލް ފަލާޙުގެ ނަން. އެއީވެސް ވަރަށް އެކަށީގެންވާ ޚިދުމަތެއް، ރާއްޖޭގެ މީހުންނަށް ވަކި ރޮނގުތަކަކުން ދެއްވާ ޖަމުޢިއްޔާއެއް. ހަމައެއާއެކުގައި، އިސްލާމީ އެހީތެރިކަމުގެ ގުޅުން. އެ ޖަމުޢިއްޔާގެ ފަރާތުންވެސް ނިކަމެތިންނަށާއި، ފަޤީރުންނަށާއި އަދި އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީވެދެއްވަމުން ގެންދަވާކަން އަޅުގަނޑަށް އެނގިފައިވޭ. އެހެންވީމާ، މި ރޮނގުން އަމިއްލަ ފަރާތްތަކުން ރާއްޖޭގެ ރައްޔިތުންނަށް ވެދެއްވަމުން ގެންދަވާ ޚިދުމަތްތަކަށްޓަކައި، އެ ހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އިޖުތިމާޢީ ކަންތައްތައް ކުރިއަށް ގެންދިޔުމާއި އަދި ޚާއްޞަކޮށް، ކުޅިވަރުގެ ކަންތައްތައް ކުރިއަށް ގެންދިޔުމުގައި، އަމިއްލަ ފަރާތްތަކުން ކުރެވޭނެ ވަރަށްގިނަ ކަންތައްތަކެއް އެބަހުރި. ތިޔަބޭފުޅުން ވިސްނަވައިލައްވައިފިއްޔާ އެނގިވަޑައިގަންނަވާނެ. މިހާރު ދުނިޔޭގައި ކުޅިވަރަކީ ވަރަށް އަގުބޮޑު އެއްޗެއް. މި ދެންނެވީ، ކުޅިވަރު މުބާރާތްތައް ރާވައި ހިންގުމަކީ ވަރަށް ޚަރަދުބޮޑު ކަމެއް. އެއީ ތަންތާނގެ ސަރުކާރުތަކުން ނުވަތަ އެތަންތާނގެ ރަސްމީ ފަރާތްތަކުން މިހާރު ކުރެވޭވަރު ކަމަކަށްނުވޭ.

އެހެންވީމާ، ދުނިޔޭގެ ގިނަ ޤައުމުތަކުގައި، އެތަންތާނގެ ރަސްމީ މުބާރާތްތައްވެސް މިހާރު ރާވައި އިންތިޒާމުކޮށް ހަދަނީ، އެތަންތާނގެ ރަސްމީ އެސޯސިއޭޝަންތަކުން ކަމުގައިވިޔަސް، ޚަރަދުކުރުމުގެ ވަރަށް ބޮޑު ބައެއް ލިބެނީ އަމިއްލަ ފަރާތްތަކުން. އިނގިރޭސިވިލާތުގެ މަޝްހޫރު "ލީގްސް"ގެ މެޗުތައް މިހާރުވެސް ކުޅެމުންދަނީ އަދި އެތައް އަހަރެއްގެ ކުރިއްސުރެ ކުޅެމުން މިއަންނަނީ، އެކިއެކި އަމިއްލަ ފަރާތްތަކުން އެކަމަށް ޚަރަދުކުރާތީ. އެފަރާތްތަކުގެ ފައިސާގެ އެހީ ލިބިގެން. މިއަހަރު އެއަށް ކިޔަނީ "ދަ ޓުޑޭ ލީގްސް" އެއީ "ޓުޑޭ" ކިޔާ ކުންފުންޏަކުން އެމީހުންނަށް ޚަރަދުކުރާތީ. މީގެ ކުރީ އަހަރުތަކުގައި އެނޫން ނަންނަމުގައިވެސް އެބަހުރި ހަމަ އެ ރަސްމީ މުބާރާތް ބޭއްވިފައި.

ކްރިކެޓްގައިވެސް އެހެން. އިނގިރޭސިވިލާތުގައި، އައްސަވާނެ. "ޖިލެޓަރ" އެއީ މަޝްހޫރު އެއްޗެއް. ޖިލެޓް އެއީ އެނގިވަޑައިގަންނަވާނެ، އެ ތުނބުޅިބާލާ ތިލަ، އެ އުފައްދާ ފަރާތުން ފައިސާދީގެން، ކްރިކެޓް މުބާރާތްތައް ބާއްވަމުން ގެންދިޔަ. ހަމައެހެންމެ، ބެންސަން އެންޑް ހެޖަސް މެޗުތައް މިހާރުވެސް އިނގިރޭސިވިލާތުގައިވެސް ހިނގާ. އަދި އިނގިރޭސިވިލާތުގެ ބޭރު ބައެއް ތަންތާނގައިވެސް އެބަ ހިނގާ. އެއީ ބެންސަން އެންޑް ހެޖަސް ކިޔާ ކުންފުނިން ޚަރަދުދީގެން އެކަންތައްތައް ބާއްވަނީ. ހަމައެއާއެކު، އިނގިރޭސިވިލާތުގައި ހުންނާނެ "ނެޓްވިސްޓްރޮފީ" ކިޔާ ކްރިކެޓްގެ ތަށްޓެއް. އެއީ ނެޓްވިސް ބޭންކުގެ ފަރާތުން ހުށަހަޅާފައިވާ ތަށްޓެއް. އަދި އެ މުބާރާތް ހިންގުމުގެ ހުރިހާ ޚަރަދެއް ދެނީ، އެ ބޭންކުގެ ފަރާތުން. އިނގިރޭސިވިލާތް އެކަންޏެއްނޫން. ދުނިޔޭގެ ވަރަށް ގިނަ ތަންތާނގައި، މިހާރު އެކަން ހިނގަމުންދަނީ އެގޮތުގެމަތިން. އަޅުގަނޑުމެންގެ އެންމެ ކައިރީގައި މިއޮތް ޝްރީލަންކާގައި ވަރަށްގިނަ ކުޅިވަރުތައް ތަރައްޤީކޮށް، އެމީހުން ކުރިޔަށްގެންދަނީ އެތާނގެ އަމިއްލަ ފަރާތްތަކުގެ އެހީ ލިބިގެން. އެއީ ފޯރުންތެރި ފަރާތްތައް. މި ދެންނެވީ އެކިއެކި ވިޔަފާރި ހިންގާ ފަރާތްތަކުން އެމީހުންނަށް ލިބޭ އާމްދަނީން، ކުޅިވަރު ތަރައްޤީ ކުރުމަށްޓަކައި ތަނުގެ ޒުވާނުންނަށް ޚިދުމަތް ކުރުމަށްޓަކައި ޚަރަދުކުރަމުން ގެންދަނީ.

އެހެންވީމާ، އަޅުގަނޑު ހިތުން މިއީ އަޅުގަނޑުމެންގެ މި ރާއްޖޭގައިވެސް އިޤްތިޞާދީ އެކިއެކި ބޮޑެތި މަސައްކަތްތައް ކުރައްވާ ފަރާތްތަކުން ރާއްޖެއަށް ޚިދުމަތް ކުރެއްވެން އޮތް ރޮނގެއް. ކުޅިވަރު ތަރައްޤީ ކުރުމުގައި، އެކިއެކި މުބާރާތްތައް ބޭއްވުމުގައި، މި ދެންނެވި އިޤްތިޞާދީ ނުވަތަ ވިޔަފާރީގެ ބޮޑެތި މަސައްކަތްތައް ހިންގަވާ، ފޯރުންތެރިކަން ހުރި ފަރާތްތަކުން ކުޅިވަރު ތަރައްޤީ ކުރުމަށް އެކިއެކި މުބާރާތް ބޭއްވުމަށް އެހީތެރިވެދެއްވުމަކީ، އަޅުގަނޑު ހިތުން މިހާރު ކޮންމެހެން ބޭނުންވެފައިވާ ކަމެއް. އެއީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް މިހާރު އެކަންތައް ހިނގާގޮތް ކަމަށްވާތީ.

އާދެ، އަޅުގަނޑަށް މިހާރުވެސް ތަންކޮޅެއް ދިގުކޮށް ވާހަކަ ދެއްކިއްޖެކަމަށް ފެނޭ. އަދިވެސް އެއްފަހަރު، ހަވީރުގެ މަސްއޫލުވެރިޔާއަށާއި "ހަވީރަށް" ޝުކުރު ދަންނަވަން. ހަމައެއާއެކު، މިރޭ އެކިއެކި އިނާމު ހޯއްދެވި ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ވަކިން ޚާއްޞަގޮތެއްގައި، ހަވީރުން ހުށަހެޅުއްވި ކުޅިވަރުގެ ރޫޙާއި އަދި ފުޓްބޯޅައިގެ ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން، އެންމެ ފުރިހަމަ ކުޅުމެއް އަޅުގަނޑުމެންނަށް މި އަހަރުގެ ފުޓްބޯޅަ މުބާރާތުގައި ދައްކައިދިން ކްލަބް ލެގޫންސްގެ ހުރިހާ ކުޅުންތެރިންނަށް މުބާރަކްބާދީއާއި ތަހުނިޔާ ދަންނަވަން.

والسّلام عليكم ورحمـة اللّـه وبركاته.