އަލްފާޟިލް އިބްރާހީމް ޚަލީލު - ޓެލެވިޜަން މޯލްޑިވްސް:

އާދެ، އަޅުގަނޑުވެސް އެންމެ ފުރަތަމަ ދަންނަވާލަން ބޭނުންވާ ސުވާލަކީ، 12 ވަނަ ސާރކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު، އެނބުރި ކުއްލިގޮތަކަށް ޤައުމަށް ވަޑައިގެންނެވުމުގެ މައިގަނޑު ސަބަބަކީ ކޮބައިތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ޙަޤީޤަތުގައި، ސާރކް ސަމިޓުގެ ބޮޑެތި ކަންތައްތައް މިހާރު ވަނީ ނިމިފައި. އެއީ، އިއްޔެ އޮތް ފުރަތަމަ އިފްތިތާޙީ ޖަލްސާއާއި، ދެން އެކިއެކި ބައްދަލުވުންތަކާއި، މިއަދު ހެނދުނު އޮތް ރިޓްރީޓާ. ރިޓްރީޓްގެވެސް އެއްބައިގައި އަޅުގަނޑު ބައިވެރިވިން. އެހެންވީމާ، މިފަހަރު އެޖެންޑާގައި ހުރި ހުރިހާކަމެއްހެން މިހިރީ ނިމިފައި. ދެން އަޅުގަނޑު ގަސްތުކުރީ، އެހެންވުމާއެކީގައި އެއްދުވަސް އަވަސްކޮށްލާފައި މާލެދާން. އެއީ، އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑު އުފެއްދި ރިޔާސީ ކޮމިޝަނުން މިހާރު ވަނީ ރިޕޯޓް ތައްޔާރުކުރައްވައި، އަޅުގަނޑަށް ހުށަހަޅުއްވާފައި. އަދި އެ ރިޕޯޓުގައިވާ ކަންތައްތައް ބަލާފައި، ބައެއްކަހަލަ ފިޔަވަޅުތައް، ވަކި ތާރީޚުތަކެއްގެ ކުރިން އަޅާނެ ވާހަކަ އަޅުގަނޑު ވާނީ ދަންނަވާފައި. އެހެންވީމާ، އެ މަސައްކަތަށްވެސް އިތުރު ވަގުތު ބޭނުންވާތީ، އަޅުގަނޑު ގަސްތުކުރީ ދެން އަވަހަށް މާލެދާން.

އަލްފާޟިލް އިބްރާހީމް ޚަލީލް - ޓެލެވިޜަން މޯލްޑިވްސް:

12 ވަނަ ސާރކް ސަމިޓުގައި ހުރިހާ ވެރިންނާ މަނިކުފާނާ ބައްދަލުވެވަޑައިގެންނެވިއިރުގައި، މި ސަރަޙައްދުގެ ވެރިން އެންމެ ބޮޑަށް ކަންބޮޑުވެވަޑައިގަންނަވަނީ ކޮން މައްސަލައަކަށްތޯ، މި ސަރަޙައްދުގައި؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

މި ސަރަޙައްދުގެ ވެރިން އެންމެ ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ މައްސަލައަކީ، ބައެއް ދޭދޭ ޤައުމުތަކުގެ ދެމެދުގައި ހުރި ސިޔާސީ ބޮޑެތި މައްސަލަތައް. އެއީ އެބޭފުޅުން ދެކެވަޑައިގަންނަވާގޮތުގައި އަދި އަޅުގަނޑުވެސް ދެކޭގޮތުގައި، އެފަދަ މައްސަލަތައް ރަނގަޅަށް ޙައްލުކުރެވިގެންނޫނީ އަޅުގަނޑުމެން ސާރކުގެ ޙަރަކާތްތައް އެކަށީގެންވާގޮތުގައި ހިނގައެއްނުގަންނާނެ. އަދި އޭގެ ފައިދާ ޢާންމު ރައްޔިތުންނާ ހަމައަކަށް ނުދާނެ. އެހެންވީމާ، ހުރިހާ ބޭފުޅުންވެސް މިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވަމުން ގެންދެވި. އަދި ޚާއްޞަކޮށް، މިފަހަރު. އަޅުގަނޑުމެންގެ އެންމެ އަވަށްޓެރި އަދި މި ސަރަޙައްދުގައި ހިމެނޭ އެންމެ ބޮޑު ދެ ޤައުމު އިންޑިޔާއާއި ޕާކިސްތާނާ، މިހާރު އެ ދެ ޤައުމުގެ ބޮޑުވަޒީރުން މިއަދު ވަނީ ބައްދަލުކުރައްވާފައި. އެބޭފުޅުންގެވެސް ބޭނުންފުޅަކީ، އެ ދެ ޤައުމުގެ ދެމެދުގައިވެސްވާ މައްސަލަތައް، ވާހަކަދައްކައިގެން ވީހާ ރަނގަޅަކަށް ޙައްލުކުރެވޭތޯ ބެއްލެވުން. އަޅުގަނޑުހިތުން އެއީ މި ސަމިޓުން ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. އެ ދެ ބޭފުޅުންގެ ބައްދަލުކުރެއްވުން. އަދި އޭގެ ސަބަބުން ހެޔޮ ނަތީޖާއެއް ލިބޭނެކަމުގެ އުންމީދު، ވަރަށް ގިނަ ބަޔަކު ކުރޭ.

އަލްފާޟިލް މުޙަންމަދު ޖިނާޙު - ދިވެހިރާއްޖޭގެ އަޑު:

ސާރކުގެ މިފަހަރުގެ އެންމެ މުހިންމު އެއްކަމަކަށްވެގެން އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން މިދިޔައީ، ސަޕްޓާގެ ކަންތައް. ދެން ސަޕްޓާގައި އެއްބަސްވުމަކަށް ދެވުނުއިރު، ރާއްޖެއަކީ ކުޑަ ޤައުމަކަށްވެފައި، ރާއްޖެއިން މި ސަޕްޓާ އެއްބަސްވުމުގައި ކޮންކަހަލަ ޢިނާޔަތްތަކެއް ރާއްޖެއަށް ލިބިފައި އޮވޭތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ސަޕްޓާއަކީ، ޙަޤީޤަތުގައި ވަރަށް މުހިންމު ކަމެއް. އެއީ މިނިވަން ވިޔަފާރީގެ އުޞޫލު، މި ޤައުމުތަކުގެ މެދުގައި ހިންގުން. އެއީ، ޝައްކެތްނެތްގޮތުގައި ހުރިހާ ޤައުމުތަކުގެ އިޤްތިޞާދަށްވެސް ފައިދާކުރާނެ ކަމެއް. އެހެންނަމަވެސް، މީގެތެރޭގައި ހިމެނޭ ބައެއް ކުދިކުދި ޤައުމު، މިސާލަކަށް ދިވެހިރާއްޖެ، ބޫޓާން، މި ޤައުމުތަކަށް ވާގޮތަކީ، އަޅުގަނޑުމެން މީގައި އެހެން ޤައުމުތަކާ އެއްވަރަށް ބައިވެރިވެއްޖިއްޔާ، ބައެއްކަހަލަ ކަންތައްތަކުގައި ޚާއްޞަ ޢިނާޔަތް ނުލިބެންޏާ، އަޅުގަނޑުމެންނަށް އެކަމުން އުނިކަމެއް ދައްކަފާނެ. މިސާލަކަށް، އިމްޕޯޓް ޑިއުޓީގެ މައްސަލަ. މި އޮންނަނީ ވަރަށްކުޑަކުރަން. އެހެންނަމަވެސް، އަޅުގަނޑުމެންގެ ރާއްޖޭގައި އިމްޕޯޓް ޑިއުޓީއަކީ ސަރުކާރަށް އާމްދަނީ ލިބޭ ވަރަށް ބޮޑު ވަސީލަތެއް. އެ މާބޮޑުތަން އުނިވާގޮތްވެއްޖިއްޔާ، ސަރުކާރުން ބޭނުންވާ ޕްރޮގްރާމްތަކާއި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ދަތިވާނެ. އެހެންވީމާ، އަޅުގަނޑުމެން އެންމެންވެސް ވާހަކަދައްކާފައި، ހުރިހާ ޤައުމުތަކުންވެސް އެއްބަސްވެފައި މިއޮތީ، މި ސަރަޙައްދުގައި ހިމެނޭ ކުދި ޤައުމުތަކަށް ޚާއްޞަ ޢިނާޔަތްތަކެއް އޮތުން. ވަކި މުއްދަތެއްގެ ތެރޭގައި ޢިނާޔަތްތައް ހަމަޖެހިގެންނޫނީ، މި ސަޕްޓާ އެގްރިމެންޓުގައި ބުނާ ހުރިހާ ކަންތައްތަކަށް އަޅުގަނޑުމެން ޢަމަލުކުރަން ނުޖެހޭގޮތަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މި އެގްރިމެންޓުގައި ބައިވެރިވީމާ އަޅުގަނޑުމެންނަށްވެސް ވާނީ ފައިދާ. އަޅުގަނޑުމެންގެ ރާއްޖެއަކަށް ނުވަތަ އެއްވެސް ކުޑަ ޤައުމަކަށް ގެއްލުމެއްނުވާނެ.

އަލްފާޟިލް ޢަލީ ރަފީޤު - ދުވަހުނޫސް "ހަވީރު":

މިފަހަރުގެ ސަމިޓުގައި ރައީސް ސޮއިކުރެއްވި ސޯޝަލް ޗާޓަރގެ ސަބަބުން ރާއްޖެއަށް ކޮންކަހަލަ ފައިދާތަކެއްތޯ ކުރާނީ؟ މިދެންނެވީ، އިޖުތިމާޢީގޮތުން ނޫނީ މި ދާއިރާއިން ރާއްޖެއަށް އަދި ސާކުގެ އެހެން ޤައުމުތަކަށް ލިބޭނީ ކޮންކަހަލަ ފައިދާތަކެއްތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

މިފަހަރު މި ސޮއިކުރެވުނު ސޯޝަލް ޗާޓަރަކީ ވަރަށް މުހިންމު ޗާޓަރެއް. ޙަޤީޤަތުގައި އެކަހަލަ ޗާޓަރެއް އޮންނަންޖެހޭނެކަމަށް ގޮވާލީވެސް ދިވެހިރާއްޖެ. އެކަމަށް ހުރިހާ ޤައުމުތަކުގެ ވެރިންގެ ތާއީދު ލިބިގެން، މިދިޔަ އަހަރުތަކުގެ ތެރޭގައި މަސައްކަތްތަކެއްކޮށްގެން ސޯޝަލް ޗާޓަރ ނިމިފައި މިއޮތީ. އަދި އޭގެ ޑްރާފްޓްވެސް ކުރީ އަޅުގަނޑުމެންގެ ރާއްޖެއިން.

ދެން މިއިން ލިބޭނެ ފައިދާއަކީ، ޤައުމުގައި ހިމެނޭ، މުޖުތަމަޢުގައި ހިމެނޭ ތަފާތު ބައިތަކުގެ ޙައްޤުތައް ރައްކާތެރިކޮށްދިނުން. މިސާލަކަށް ކުޑަކުދިން، އަންހެނުން، ނުކުޅެދޭމީހުން، ޒުވާނުން، މިހެންގޮސް އެކިއެކި ބައިތަކާ ބެހޭގޮތުން އޮންނާނީ ބަލައިލެވިފައި. އެބައިތަކަށް ބޭނުންވާ ޚިދުމަތްތައް ހޯދައިދިނުމާ، އެމީހުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމާ، ތަރައްޤީގެ މަގުގައި އެމީހުންނަށްވެސް ދޭ ޙިއްޞާއެއް ދިނުމާ، މިގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.

މީގެ އެންމެ ބޮޑު ބޭނުމަކީ، މި ހުރިހާ ޤައުމުތަކެއް ގުޅިގެން މި ދާއިރާތަކުގައި މަސައްކަތް ކުރަމުން ގެންދިޔުން. އަޅުގަނޑުމެންގެ ރާއްޖޭގައި ބައެއް ޤާނޫނު ހެދިފައި އެބަހުރި. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު ކަހަލަ ބައެއް ޤާނޫނު ހެދިފައި އެބަހުރި. އަދި އަޅުގަނޑުމެން މި ގެންގުޅޭ ދެ ޖިންސުގެ ހަމަހަމަކަމުގެ ސިޔާސަތުގެ ދަށުން މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. އެހެންނަމަވެސް، ހުރިހާ ޤައުމުތަކުން އެއްބާރުލައިގެން މުޅި ސަރަޙައްދުގައި މި މަސައްކަތްކޮށްފީވިއްޔާ އެއީ މާ ކާމިޔާބު މަސައްކަތަކަށްވާނެތީ، މިފަދަ ޗާޓަރެއް އޮތުމުގެ ބޭނުންތެރިކަން އަޅުގަނޑުމެންނަށް އިޙްސާސްކުރެވިގެން އެކަމަށް ގޮވާލައި އަދި މިފަހަރު އެ ޗާޓަރުގައި މި ސޮއިކުރެވުނީ.

އަލްފާޟިލް އިބްރާހީމް ޚަލީލު - ޓެލެވިޜަން މޯލްޑިވްސް:

ސާރކް ޗާޓަރު އޮންނަގޮތުން، ދޭދޭ ޤައުމުތަކުގެ މައްސަލަތައް، ސާރކުގެ އޮނިގަނޑު ތެރޭގައި މަޝްވަރާކޮށް ނުވަތަ ވާހަކަދެއްކުމަކީ މިހާރު ކުރެވެމުންދާ ކަމެއްނޫން. ޗާޓަރު ހުއްދަކުރާ ކަމެއްނޫން. މި ޖަލްސާގެ ކުރިން، ޕާކިސްތާނުގެ ރައީސް ސެމިނަރއެއްގައި ވިދާޅުވެފައި އެބައޮތް، ބޭނުންފުޅުވާކަމަށް ނުވަތަ ސާރކުގެ ޗާޓަރުގެ ތެރެއަށް ދޭދޭ ޤައުމުތަކުގެ ވާހަކަތައްވެސް ދެކެވޭނެކަހަލަގޮތެއް ހަމަޖެހުން އެއީ، މިއަދުގެ ސަރަޙައްދުގެ ޙާލަތަށް ބަލާއިރު މުހިންމު ކަމެއް ކަމަށް. މަނިކުފާނު މިކަމާދޭތެރޭގައި ކޮން ގޮތަކަށްތޯ ދެކެވަޑައިގަންނަވަނީ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ހަނދުމަފުޅުހުންނާނެކަންނޭނގެ، ރާއްޖޭގައި ބޭއްވުނު 9 ވަނަ ސާރކް ސަމިޓް، 1997 ވަނަ އަހަރު. އެ ސަމިޓުގައި، ރާއްޖެއިން ހުށަހަޅައިގެން ފާސްވި ޤަރާރެއް އޮންނާނެ. އެ ޤަރާރުގައި ބުނަނީ، ސަމިޓުގެ ދުވަސްވަރު ދޭދޭ ޤައުމުތަކުގެ ވެރިން ނުރަސްމީ ސިފައެއްގައި އެ ދޭދޭ ޤައުމުތަކުގެ މައްސަލަތަކާ ބެހޭގޮތުން ވާހަކަފުޅުދެއްކެވުމަކީ، ވަރަށް ބޭނުންތެރި ކަމެކޭ. އެގޮތުން ޙަޤީޤަތުގައި އެ މައްސަލަ ރާއްޖެއިން ހުށަހެޅީވެސް. ހުށަހެޅި ސަބަބަކީވެސް، ދޭދޭ ޤައުމުތަކުގެ ދޭތެރޭގައި މި ހުންނަ ވަރަށް ޒަމާންވީ އުނދަގޫ މައްސަލަތައް، ސިޔާސީ މައްސަލަތައް އެގޮތަށްހުރެ ޙައްލުނުވުމުގެ ސަބަބުން، ސާރކުގެ ހަރަކާތްތަކަށް އަންނަ އުނިކަން ހުރިހާ ބޭފުޅުންނަށް އިޙްސާސްކުރެއްވޭތީ އަދި ޚާއްޞަކޮށް، ބޫޓާނުގެ ރަސްގެފާނާއި އަޅުގަނޑާ ދެމީހުން ވާހަކަދައްކާފައި މިގޮތަށް ހުށަހެޅީ. ރަސްގެފާނުވެސް ވަރަށް ބޮޑަށް ތާއިދުކުރައްވާ، ކޮންމެވެސް ސިފައެއްގައި މިވާހަކަތައް ދެކެވެންވާނެ ކަމަށް. އެހެންނަމަވެސް، ޗާޓަރުގައި މި ބުނަނީ، ދޭދޭ ޤައުމުތަކުގެ ދޭތެރޭގައި ހުންނަ މިކަހަލަ މައްސަލަތަކުގެ ވާހަކަ ރަސްމީ ޖަލްސާއެއްގައި ނުދެއްކޭނޭ. އެހެންވީމާ، އަޅުގަނޑުމެން ގޮތެއް ހޯދީ. އެއީ ނުރަސްމީ ސިފައެއްގައި ދެއްކޭގޮތް ހެދީ. އޭގެ ސަބަބުން ވަރަށް ބޮޑެތި ކުރިއެރުންތައް މިހާރު ވަނީ ލިބިފައި. އެއީ ހަނދުމަފުޅު ހުންނާނެ ފަދައިން، 1997 ވަނަ އަހަރު މާލޭގައި ބޭއްވުނު ސަމިޓުގެ ތެރޭގައި އިންޑިޔާގެ ބޮޑުވަޒީރާއި ޕާކިސްތާނުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ވާހަކަފުޅުތަކެއް ދެއްކެވި. އަދި އޭގެފަހުން، އެ ދެ ޤައުމުގެ ގުޅުން ވަރަށްބޮޑުތަން ރަނގަޅުވެގެންދިޔަ. އެހެންވީމާ، އެކަމަކީ ހުރިހާ އެންމެންވެސް ތާއީދުކުރާކަމެއް.

ދެން މިފަހަރު، ރޭ ޕާކިސްތާނުގެ ރައީސް އަޅުގަނޑުމެންނަށް ދެއްވި ފަރިއްކޮޅުގައި އޭނާ ވާހަކަފުޅުދައްކަވަމުން އެ ވާހަކަ ވިދާޅުވި. އޭނާ އެދިވަޑައިގަންނަވާގޮތުގައި، ރަނގަޅުވާނެޔޭ، ސާރކް ޗާޓަރު ބަދަލުކޮށްގެންނަމަވެސް، ދޭދޭ ޤައުމުގެ ދެމެދުގައި ހުންނަ މައްސަލަތަކުގެ ވާހަކަ ސާރކުގެ ޖަލްސާތަކުގައިވެސް ދެކެވޭގޮތަށް އޮތުން. އެހެންނަމަވެސް، އެއީ އަދި ޕާކިސްތާނުން ހުށަހެޅުއްވި ޚިޔާލަކަށްވިޔަސް، އެކަމާ ބެހޭގޮތުން އަދި ލައްކަ މަސައްކަތްކުރަންޖެހޭނެ. ހުރިހާ ޤައުމެއްވެސް މަޝްވަރާކޮށްގެން، ޗާޓަރަށް ބަދަލެއް ގެންނަންޏާ ގެނެވޭނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްގެން. އެހެންވީމާ، އެ މަސައްކަތަކީ އަދި އަޅުގަނޑަކަށް ނޭނގެ ކިހާވަރެއްގެ މަސައްކަތަކަށް ވާނެކަމެއް.

އަލްފާޟިލް މުޙަންމަދު ޖިނާޙު - ދިވެހިރާއްޖޭގެ އަޑު:

ސާރކް ޤައުމުތަކުން ފަޤީރުކަން ނައްތައިލުމަކީ ވަރަށް ކުރިއްސުރެން ދެކެވެމުންދާ ވާހަކައެއް. ދެން އެންމެ ދިގުލީ އެއްވާހަކަކަންނޭނގެ. އަބަދުވެސް އަޅުގަނޑުމެންނަށް އިވެނީ، ސާރކް އުފެދުނީއްސުރެވެސް ފަޤީރުކަންނައްތައިލުމަކީ މުހިންމު ކަމެއް ދެވިފައިވާ ކަމެއް ކަމަށް. އެހެންވީމާ، މިފަހަރުގެ މި ސަމިޓުގެ ސަބަބުން އިތުރަށް އެ މަސައްކަތަށް އިތުރު ކޮންކަހަލަ ކުރިއެރުންތަކެއް ލިބިގެންދިޔަތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

މިފަހަރުގެ މި ސަމިޓުގެ ސަބަބުން، މި ސަރަޙައްދުން ފަޤީރުކަން ނައްތައިލުމާބެހޭ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށް ވަރަށް ބޮޑަށް ޔަޤީންކުރެވޭ. ސަބަބަކީ، އިއްޔެ އޮތް އިފްތިތާޙީ ޖަލްސާގައި، އިންޑިޔާގެ ބޮޑުވަޒީރު ވާހަކަފުޅުދައްކަވަމުން، މި ސަރަޙައްދުން ފަޤީރުކަން ނައްތާލުމާބެހޭ ޚާއްޞަ ފަންޑެއް އުފެއްދުމަށް ގޮވާލެއްވި. އަދި އިންޑިޔާ ސަރުކާރުން 100 މިލިއަން ޑޮލަރު އެ ފަންޑަށް ޙިއްޞާކުރާނެކަމަށްވެސް ވިދާޅުވި. އަދި، އެ ފައިސާއަކީ އިންޑިޔާއިން ބޭރުގައި ޚަރަދުކުރެވޭ ފައިސާއަކަށް ވާންޖެހޭނެކަމަށްވެސް ވިދާޅުވި. އެހެންވީމާ، އެއީ ވަރަށް ރަނގަޅު ޚިޔާލުފުޅެއް ހުށަހެޅުއްވީ. ހުރިހާ ޤައުމުތަކުންވެސް އެކަމަށް ވަރަށް ބޮޑަށް ތަރުޙީބު ދެއްވި. މިއަދު ހެނދުނު އޮތް ރިޓްރީޓްގައިވެސް އަޅުގަނޑުމެން އެ ވާހަކަދައްކައި، އިންޑިޔާއަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރިން. އަދި އެހެން ޤައުމުތަކުންވެސް އެ ޤައުމަކަށް ކެރިފޯރި މިންވަރަކުން ބައިވެރިވާންޖެހޭނެ ވާހަކަވެސް ދެކެވުނު. އަދި ވަރަށް އަވަހަށް މި ފަންޑު ހަރަކާތްތެރިކުރުވުމުގެ ބޭނުންތެރިކަމާ ބެހޭގޮތުން ވާހަކަދެކެވުނު. އެހެންވީމާ، އަޅުގަނޑަށް ހީވަނީ، މިހާރު މިއޮތީ ފަޤީރުކަން ނައްތައިލުމުގެ ކަންތައްތައް، އެ ޙައްލު ހޯދުމުގެ ޢަމަލީ މަސައްކަތާ ހަމައަށް ގޮސްފައިހެން.

ދެން މީގެކުރިންވެސް މި މަސައްކަތް ކުރެވެމުންދަނީ. އެއީ އެނގިވަޑައިގަންނަވާނެ، ސާރކް ޤައުމުތަކުގެ މެދުގައި މިކަމާބެހޭ ދިރާސާއެއް ކުރެވި، އެ ރިޕޯޓް އަދި ކިރިޔާ މިފަހަރު އަޅުގަނޑުމެންނަށް މި ފެނުނީ. އެ ރިޕޯޓް މިފަހަރުގެ މި ޖަލްސާއަށް ވަނީ ހުށަހެޅިފައި. އެހެންވީމާ، މަސައްކަތް ނުކުރެވެނީކީ ނޫން. އެހެންނަމަވެސް، މަސައްކަތްކުރާއިރު އެބަ ބޭނުންވޭ، ފުރަތަމަ ޙާލަތު އޮތްގޮތް ދެނެގަންނަން. އެއް ޤައުމުން އަނެއް ޤައުމަށް، ފަޤީރުކަން އޮތްވަރު ތަފާތު. މާތް ﷲގެ ހެޔޮ ރަޙްމަތްފުޅުން އަޅުގަނޑުމެންގެ ރާއްޖޭގައި ފަޤީރުކަން އޮތީ ވަރަށް ކުޑަކޮށް، އެހެން ޤައުމުތަކާ އަޅައިބަލާއިރު. މި ސަރަޙައްދުގެ އެހެން ޤައުމުތަކުގައި މާމައްޗަށް އެކަން އެބައޮތް. އެހެންވީމާ، ކޮންމެ ޤައުމެއްގައިވެސް ޙާލަތު ބަލާފައި ރިޕޯޓެއް ތައްޔާރުކޮށްގެން، އެ ރިޕޯޓުގައިވާ ގޮތުގެމަތިން، ޢަމަލުކުރުމަށް ފާސްކުރެވިފައިވަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ލަހެއްނުވެ، އެ މަސައްކަތް ފެށޭނެ.

އަލްފާޟިލް ޢަލީ ރަފީޤު - ދުވަހުނޫސް "ހަވީރު":

މި ސަރަޙައްދުގައި ފަޤީރުކަންބޮޑު އެއް ސަބަބެއް ކަމަށް ބައެއް މީހުން ދެކޭ، ޢަސްކަރީ ކަންތައްތަކަށް ކުރާ ހޭދަ ބޮޑުކަން އިނގޭތޯ! އަނެއްކާ މަނިކުފާނުގެ ސްޕީޗްގައިވެސް ކޮންމެވެސްވަރަކަށް އިޝާރާތްކޮށްލެއްވި، ޢަސްކަރީ ކަންތަކަށް ވަރަށް ބޮޑަށް ހޭދަކުރެވެއޭ. އަޅުގަނޑުމެން އެއަށްވުރެ ބޭނުންތެރި ކަންތަކަށް ޚަރަދުކުރަންވީ ނޫންހެއްޔޭ އިނގޭތޯ! އެހެންވީމާ، އެކަމާ ބެހޭގޮތުން ކިހިނެއްތޯ އެހެން ލީޑަރުން ދެކެވަޑައިގަންނަވަނީ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އެވާހަކަ އެގޮތަކަށް ނުއެއްދެކެވޭ. ދެން އަޅުގަނޑުގެ ޚިޔާލު އަޅުގަނޑު ހުށަހެޅީ، އަޅުގަނޑުގެ ބަޔާނުގައި. އަޅުގަނޑު ދެކޭގޮތުގައި ޢަސްކަރީ ކަންތައްތަކަށް ބޮޑެތި ހަތިޔާރު އެއްކޮށް، ޖަމާކޮށް، ޢަސްކަރީ ބާރު ވަރުގަދަކުރުމަށް ޚަރަދު ކުރުމަށްވުރެ، އަޅުގަނޑުމެންނަށް މުހިންމުކަންބޮޑީ ފަޤީރުކަން ނައްތައިލުމަށާއި، ކާބޯތަކެތި ހޯދުމަށާއި، ކިޔަވާކުދިންނަށް ބޭނުންވާ ފޮތް އެއްޗެހި ހޯދައިދިނުމަށާއި، މާނައަކީ، ތަޢުލީމާއި، ޞިއްޙަތާއި އަދި ފަޤީރުކަން ނައްތައިލުމުގެ ދާއިރާގައި އެ ފައިސާ ޚަރަދުކުރުން މާ އައުލާކަންބޮޑޭ، ބޮޑެތި ލަޝްކަރުތައް އުފައްދައި، ނުރައްކާތެރި ބޮޑެތި ހަތިޔާރުތައް އެއްކުރުމަށްވުރެ. އެއީ އަޅުގަނޑު ދެކޭގޮތް. އަޅުގަނޑަށް ހީވަނީ، ވަރަށް ގިނަ ބޭފުޅުން އެކަމަށް ތާއީދުކުރައްވާނެހެން. އެހެންނަމަވެސް އެ ވާހަކައަކީ، މި ސަމިޓުގައި މަޝްވަރާކުރެވުނު ވާހަކައެއްނޫން.

އަލްފާޟިލް އިބްރާހީމް ޚަލީލު - ޓެލެވިޜަން މޯލްޑިވްސް:

އަޅުގަނޑު އެންމެފަހު ސުވާލެއްގެގޮތުން ދަންނަވާލަން ބޭނުންވޭ، މި ޖަލްސާގެ ޚަބަރާއި، މަޢުލޫމާތު ދުނިޔެއަށް ފެތުރުމަށްޓަކައި، ވަރަށް ގިނަ ޢަދަދެއްގެ ނޫސްވެރިން، ޚާއްޞަކޮށް ގިނަ ޢަދަދެއްގެ ނޫސްވެރިން އިންޑިޔާއިން ޕާކިސްތާނަށް އައި. ގިނަ ނޫސްވެރިން، އަޅުގަނޑުމެންނާ ބައްދަލުވި ބައެއް ފަރާތްތަކުން އެމީހުން ބުނެފައިވަނީ، އިއްޔެގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ލީޑަރުންގެ (ވެރިންގެ) ވާހަކަފުޅުތަކުގައި، ކޮންމެ ބޭފުޅަކުވެސް އެންމެ ބޮޑަށް ފާހަގަކުރައްވާފައި ހުރީ އެބޭފުޅެއްގެ ޤައުމުގެ މައްސަލަތަކޭ. އެހެންނަމަވެސް، ދިވެހިރާއްޖޭގެ ރައީސް މި ސަރަޙައްދުގެ މައްސަލަތަކަށް ބައްލަވައިލައްވާފައޭ އޮތީ ތަޤްރީރުގައި. ދެން އަޅުގަނޑު ހިތަށްއެރީ، ކޮންގޮތަކަށްތޯއޭ ސްޕީޗުގައި މައްސަލަތައް ނަންގަވަން ޚިޔާލުފުޅުކުރެއްވީ. އަޅުގަނޑުމެންގެ ޤައުމުގެ އެތެރޭގެ މައްސަލަތައް، ނޫނީ ސަރަޙައްދީ މައްސަލަތައް؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ޙަޤީޤަތުގައި ސާރކް ސަމިޓް މި ބޭއްވެނީ އަހަރަކު އެއްފަހަރު، މުޅި ސަރަޙައްދުގެ މައްސަލަތަކާ ބެހޭގޮތުން ވާހަކަދައްކަން. ޤައުމުގެ އެތެރޭގެ މައްސަލަތަކާ ބެހޭގޮތުން ވާހަކަދެއްކުމުގެ ފުރުޞަތުތައް އަބަދުވެސް ކޮންމެ ޤައުމެއްގެ ރައީސަކަށް ނުވަތަ ވެރިޔަކަށް ލިބިވަޑައިގަންނަވާނެ، އެ ޤައުމުގެ ތެރޭގައިވެސް ނުވަތަ ވަޑައިގަންނަވާ އެހެން ޖަލްސާތަކުގައިވެސް. އެކަމަކު މި ޖަލްސާއަކީ އެހެން އެކަމަށް އޮންނަ ޖަލްސާއެއް ނޫން. އަދި ޚާއްޞަކޮށް، ރާއްޖޭގެ އެތެރޭގެ ދައްކާނެ އެކަހަލަ ވާހަކަތަކެއް ނެތް. އެހެން މި ދެންނެވީ، މިސާލަކަށް، އަޅުގަނޑުމެންގެ އަވަށްޓެރި އެހެން ކޮންމެ ޤައުމެއްގައި ވަރަށް ބޮޑެތި ކަންތައްތަކެއް އުޅޭ. ހަމަނުޖެހުންތަކެއް އެބައުޅޭ. އެހެންނަމަވެސް، ރާއްޖޭގައި އިރާދަކުރެއްވީތީ، އެކަހަލަ އެއްވެސް ހަމަނުޖެހުމެއް ނެތް. ވަރަށް އޮމާންކޮށް، ވަރަށް ރަނގަޅުކޮށް ރާއްޖޭގެ ކަންތައްތައް އޮތީ. އެހެންވުމާއެކުގައި، އެވާހަކަ ދައްކާކަށްވެސްނުޖެހޭ. ދެން ކުރިންވެސް މި ދެންނެވިހެން، އެހެން ޤައުމުތަކުގެ ވެރިން، އެބޭފުޅުންގެ ޤައުމުތަކުގެ ވާހަކަ އެ ވިދާޅުވަނީ، އެއީ އެބޭފުޅުން ކަންކުރައްވާގޮތް މީހުންނަށް އެންގެވުމަށްޓަކައި. މިސާލަކަށް، އެހާ ބޮޑެތި މައްސަލަތައް އުޅޭއިރުވެސް، އެބޭފުޅުންގެ ފަރާތުން، އެ ބޭފުޅުންގެ ޚިޔާލު މިކަމުގައި ބަޔާންކުރެއްވުމަކީ މުހިންމު ކަމެއް ކަމަށް ފެނިވަޑައިގަންނަވާތީ.

އަލްފާޟިލް މުޙަންމަދު ޖިނާޙު - ދިވެހިރާއްޖޭގެ އަޑު:

އަޅުގަނޑުގެ އެންމެފަހު ސުވާލެއްގެގޮތުން، ދަންނަވާލަން ބޭނުންވަނީ، ރާއްޖެއިން އަބަދުވެސް ތިމާވެށީގެ މައްސަލަތައް މިކަހަލަ ޖަލްސާތަކުގައި ނަންގަވާ. ދެން މިފަހަރުވެސް މަނިކުފާނުގެ ތަޤްރީރުގައި ކޮންމެވެސްވަރަކަށް ތިމާވެށްޓަށް އަލިއަޅުވާލައްވާފައިވާތީ، ތިމާވެށީގެ މައްސަލަތަކުގައި ސާރކުން މިހާރު އަޅަމުންދާ ފިޔަވަޅުތަކާ ދޭތެރޭގައި، އަދި މި ސަމިޓަށްފަހުގައި އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ދެކެވަޑައިގަންނަވަމުތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، އަޅުގަނޑުމެން ދެކެން. އެއީ، މިހާރު އޮންނާނެ، ތިމާވެށްޓާ ބެހޭގޮތުން ދެ ދިރާސާއެއް، ކޮންމެ ޤައުމަކުންވެސް ތައްޔާރުކޮށްފައި. އަދި އޭގެމައްޗަށް ބިނާކޮށް، ރާއްޖެއިން ހުށަހެޅި ހުށަހެޅުމަކަށް މިހާރު ވާނީ، މުޅި ސަރަޙައްދުގެ ތިމާވެށްޓާބެހޭ އެކްޝަން ޕްލޭނެއްވެސް ތައްޔާރުކޮށްފައި. އެހެންނަމަވެސް، އެ އެކްޝަން ޕްލޭނަކަށް އަދި ޢަމަލެއްނުކުރެވޭ. އެހެންވީމާ، މިފަހަރު އަޅުގަނޑުމެން ވާހަކަ ދެއްކީމު، އެ އެކްޝަން ޕްލޭނަށް އަވަހަށް ޢަމަލުކުރުމުގެ މުހިންމުކަމުގެ މައްޗަށް. އޭގެ މައްޗަށް ޢަމަލުކޮށްގެން ވަކި ފިޔަވަޅުތަކެއް ކަނޑައަޅައިގެން، އެ ފިޔަވަޅުތައް ތަންފީޒުކުރީމާ، އަޅުގަނޑުމެންނަށް އެއިންވެސް ފައިދާއެއް ލިބޭނީ. އެހެންވީމާ، އަޅުގަނޑަށް ހީވަނީ، އެ މަސައްކަތް މިފަހަރު ހިނގައިގަންނާނެހެން. އަދި އަޅުގަނޑުގެ ވާހަކައިގައި ބުނިން، މި ކިޔޯޓޯ ޕްރޮޓޮކޯލް މި ސަރަޙައްދުގެ ހުރިހާ ޤައުމަކުން ތަޞްދީޤުކޮށް ބަލައިގަތުމަކީ، ވަރަށް މުހިންމު ކަމެއްކަމުގައި އަޅުގަނޑު ދެކެމޭ. އެއީ، ކުރިމަތިވަމުން މި އަންނަ ތިމާވެށީގެ އެކިއެކި ނުރައްކާތަކަކީ، މުޅިދުނިޔެއަށް ކުރިމަތިވަމުން އަންނަ ނުރައްކާތަކަކަށްވެފައި، މުޅި ދުނިޔޭގެ ފެންވަރުގައި ކުރެވިފައިވާ އެކަހަލަ މުޢާހަދާއެއްގައި އަޅުގަނޑުމެން ބައިވެރިވުމަކީ މުހިންމު ކަމެއް ކަމަށްވާތީ. އެހެންވީމާ، އަޅުގަނޑަށް ހީވަނީ، ތިމާވެށްޓާ ބެހޭގޮތުންވެސް އެއްދުވަހުން އަނެއް ދުވަހަކަށް ކުރެވެމުންދާ މަސައްކަތްތައް އިތުރުވެ، އޭގެ ފައިދާ ލިބެމުންދާނެހެން.

ނޫސްވެރިން:

ޝުކުރިއްޔާ!