އިބްރާހީމް ޚަލީލު - ޓީ.ވީ މޯލްޑިވްސް:

އައްޑުއަތޮޅަކީ މިހާރު ރާއްޖޭގެ ތަރައްޤީގެ ވަރަށްބޮޑެތި މަޝްރޫޢުތައް ހިނގަމުންދާ ތަނެއް. އަދި ބައެއް މަޝްރޫޢުތައް ނިމި، އަނެއްބައި މަޝްރޫޢުތައް މިހާރުވަނީ ފެށުމުގެ މަގުމަތީގައި. މިއަތޮޅާ ދޭތެރޭގައި މަނިކުފާނުގެ ތަޞައްވުރަކީ ކޮބައިތޯ ކުރިމަގަށް ކުރައްވާ.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އައްޑުއަތޮޅަކީ އަބަދުވެސް ޢިލްމީގޮތުންނާއި، ވިޔަފާރީގެގޮތުން ކުރިއަރާފައި އޮންނަ އަތޮޅެއް، ވަރަށް ކުރިއްސުރެ. އައްޑުއަތޮޅުގައި އެކަމުގެ ޢިލްމުވެރިންވެސް ވަރަށް ކުރިއްސުރެ އުފެދިފައިވަނީ. ތަޢުލީމީ ގޮތުން ވަރަށް ކުރިއަރާފައިވާ އަތޮޅެއް. މިހާރުވެސް އެގޮތުގައި މިއޮތީ. ޙަޤީޤަތުގައި ސަރުކާރުން ބޭނުންވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްވެސް ތަރައްޤީކުރަން. އެހެންނަމަވެސް، އަތޮޅުގެ ކަންތައްތައް ތަފާތުވާނެ. ބައެއް އަތޮޅުތަކަކީ ކުދި އަތޮޅު. އަނެއްބައި އަތޮޅުތަކަކީ ތަންކޮޅެއް ބޮޑެތި އަތޮޅު. އެއްބައި އަތޮޅުތަކުގެ ބިން ވަރަށް ކުދި. އަނެއްބައި އަތޮޅުތަކުގައި ތަންކޮޅެއް ބިން ބޮޑުކޮށް މި ހުންނަނީ. އެހެންވީމާ، ތަރައްޤީއަށް ބޭނުންވާ ވަސީލަތްތައް ހުރި އަތޮޅުތަކުގައި އަވަހަށް ކަންތައްތައް ކުރިއަށްދާގޮތް މެދުވެރިވާނެ.

އެހެންވީމާ، އައްޑުއަތޮޅަކީ އެގޮތުން ބަލާއިރު ބިމުގެގޮތުންވެސް ވަރަށް ތަނަވަސް އަތޮޅެއް. މީސްވެސް ވަރަށް ގިނަ. ކުރިން ދެންނެވިހެން، ތަޢުލީމީގޮތުންވެސް ހަމަ ކުރިއަރާފައިވާ އަތޮޅެއް. އެހެންވީމާ، މިއަތޮޅުގެ ކަންތައްތައް ތަރައްޤީވަމުންދާލެއް، ބައެއް އެހެން އަތޮޅުތަކަށްވުރެ ތަންކޮޅެއް އަވަސްވެދާނެ. އެކަމަކު ސަރުކާރުން ބޭނުންވަނީ މުޅިރާއްޖެ އެކީގައި ތަރައްޤީކުރަން.

އިބްރާހީމް ޚަލީލު - ޓީ.ވީ މޯލްޑިވްސް:

އައްޑުއަތޮޅަށާއި ފުވައްމުލަކަށް މަނިކުފާނު މި ކުރެއްވި ދަތުރުފުޅުން، މި ދެ އަތޮޅުން ރައްޔިތުންގެ ކިބައިން، އަދި މިތަނުގައި ހިނގާ ކަންތައްތަކުގެ ސަބަބުން، ފާހަގަކުރެއްވި މުހިންމު ކަންތައްތަކަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އަޅުގަނޑު ފާހަގަކުރި އެންމެ މުހިންމު ކަމަކީ، މި ދެއަތޮޅުގެވެސް ރައްޔިތުން، ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގައި އެއްބާރުލައްވާލެއް ބޮޑުކަން. ވަރަށްބޮޑު އެހީތެރިކަމަކާއި އެއްބާރުލެއްވުމެއް އެބަ ލިބޭ، ފުވައްމުލަކު ރައްޔިތުންގެ ފަރާތުންވެސް، އައްޑުއަތޮޅުގެ ރައްޔިތުންގެ ފަރާތުންވެސް، މި ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫޢުތަކަށް. އެހެންވީމާ، އެއީ އަޅުގަނޑަށް އެންމެބޮޑަށް ފާހަގަކުރެވުނު ކަމަކީ. ދެން އެގޮތުގެމަތީގައި، ހުރިހާ އަތޮޅުތަކެއްގެވެސް ކަންތައްތައް ހިނގަމުންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ - ހަވީރު ނޫސް:

ޒުވާނުންނަށްޓަކައި ސަރުކާރުން ވަރަށްގިނަ ކަންތައްތައް ކޮށްދެއްވަމުން ގެންދަވަނީ. ދެން އޭގެތެރެއިން ބައެއް ކަންތައްތައް މަނިކުފާނު މިއަދު ވަރަށްގާތުން ބައްލަވައި، ދެކެވަޑައިގަތީ އިނގޭތޯ؟ ދެން ޢާންމުންގެ ފަރާތުން އެދިވަޑައިގަންނަވާ ކަމެއް އެބައޮތްތޯ، ޒުވާނުންގެ ކަންތައްތައް ތަރައްޤީކޮށް ކުރިއެރުވުމަށް.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އަޅުގަނޑު އެދެނީ ޢާންމުންގެ ފަރާތުންވެސް ޒުވާނުން ތަރައްޤީ ކުރުމުގައި ހުރިހާ ކަމެއްގައިވެސް ބައިވެރިވެވަޑައިގެން ދެއްވުން. އެއީ ޒުވާނުންނަކީ ވަރަށް މުހިންމު ބައެއް، ހަޤީޤަތުގައިވެސް. ޒުވާނުންނަކީ ތަޢުލީމީ، އަދި ހުނަރުހުރި، ޤާބިލް ރަނގަޅު ބަޔަކަށް ވެއްޖިއްޔާ، އޭގެ ސަބަބުން، ރާއްޖޭގެ މުސްތަޤްބަލް ވަރަށްބޮޑަށް ރަނގަޅުވެގެންދާނެ. އެހެންވީމާ، ޒުވާނުން ތަރައްޤީ ކުރުމަކީ ވަރަށް މުހިންމު ކަމެއް. ހަމައެކަނި ތަޢުލީމީ ގޮތަކުންނޫން. ތަޢުލީމީ ގޮތުންނާއި އަދި އެނޫން ގޮތްގޮތުންވެސް ޒުވާނުން ތަރައްޤީކުރަންޖެހޭ. އޭގެތެރެއިން، އެމީހުންގެ ޞިއްޙަތު ސަލާމަތުން ހުރުމާއި، ހަށިގަނޑުގެ ބާރުތައް ފުރިހަމައަށް ހުރުމަކީ، ވަރަށް މުހިންމު ކަމެއް. އެހެންވެގެން މި ސަރުކާރުން ކުޅިވަރު ތަރައްޤީ ކުރުމަށް މިހާބޮޑު އިސްކަމެއް މިދެނީ. ޢާންމު ފަރާތަކުން މިހާރުވެސް ބައިވެރިވެވަޑައިގެންދެއްވާ. ހަމައެގޮތުގެމަތިން ޢާންމުންގެ ފަރާތުންވެސް ވީހާ ފުރިހަމަ އެއްބާރުލެއްވުމެއް މިކަމުގައި ލިބުން، އަޅުގަނޑު އެދެނީ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ - ހަވީރު ނޫސް:

މަނިކުފާނުގެ ވެރިކަމުގައި އިނގޭތޯ، ރާއްޖޭގެ ޒަޢާމަތާ ހަވާލުވެވަޑައިގަތްފަހުން، އައްޑުއަތޮޅުގެ ކަންތައްތައް، ރާއްޖޭގެ ކަންތައްތައްވެސް ތަރައްޤީ ކުރައްވަމުން، ވަރަށްބޮޑެތި މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވަނީ. ދެން މިފަހަރު ތިޔަކުރެއްވި ދަތުރުފުޅުގައިވެސް އެކަން އަޅުގަނޑުމެން އެންމެން ޤަބޫލުކުރަން އެބަޖެހޭ. ބައެއް މަޝްރޫޢުތައް ފަށްޓަވައިދެއްވި. އަދި ބައެއް މަޝްރޫޢުތަކުގެ ނިމިފައި ހުރި ބައެއް ކަންތައްތައް ބައްލަވައިލެއްވި. ދެން އެގޮތަށް ބަލާއިރު މިއަތޮޅަކީ، ތަޢުލީމީ ދާއިރާއަށް ބަލާއިރު، އަހަރަކު އެތައް ސަތޭކަ ކުދިން ނުކުމެގެން އެބަދޭ ސްކޫލްތަކުން. އެގޮތަށް ބަލާއިރު ވަޒީފާގެ ފުރުޞަތުތައް އަންނަނީ ހަނިވަމުން. އެގޮތަށް ބަލާއިރު ކުރިޔަށް އޮތްތާނގައި އަޅުގަނޑަށް ފެންނަނީ، މަސްވެރިކަން ކަހަލަ ދާއިރާތައް ތަރައްޤީ ކުރެވިއްޖިއްޔާ ވަޒީފާގެ ފުރުޞަތު އިތުރުވެގެންދާނެ ކަމަށް. އެހެންވީމާ، އަތޮޅަކީ މަސްވެރި އަތޮޅަކަށްވާއިރު، އެކަހަލަ ކަމެއް ސަރުކާރުން ރާއްވަވާފައެއް ނެތްތޯ؟ ނޫނީ ރާއްވަވަން ޚިޔާލެއް ނުކުރައްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، ޒުވާނުންނަށް ނުވަތަ ތަޢުލީމު ޙާޞިލުކޮށްގެން ސްކޫލްތަކުން ނުކުންނަ ކުދިންނަށް ވަޒީފާ ހޯދައިދިނުމުގެ މައްސަލައަކީ ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދީގެން ބަލަމުންގެންދާ މައްސަލައެއް. މިހާރު އެކަމާބެހޭ ޚާއްޞަ ވުޒާރާއެއްވެސް އެބައޮތް. އަނެއްކާ އަޅުގަނޑު ދާދިފަހުން ދެއްކި ވާހަކައެއްގައިވެސް މިވާހަކައަށް އިޝާރާތްކުރިން. އެއީ، ވަޒީފާ ހޯދައިދިނުމަކީ މުހިންމު ކަމެއްކަން، ވަޒީފާއަށް ބޭނުންވާ އެންމެންނަށް. ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ކުރިމަތިވާ މައްސަލައެއް އަޅުގަނޑުމެންނާ ކުރިމަތިވަމުން މިދަނީ. އެއީ ތަޢުލީމު ތަރައްޤީވިވަރަކަށް، ތަޢުލީމުގެ ދާއިރާ ފުޅާވެގެންދިޔަވަރަކަށް، ތަޢުލީމު ޙާޞިލުކޮށްގެން ވަޒީފާއަށް އެދޭ މީހުންގެ އަދަދު ގިނަވާނެ. އެހެންވީމާ، އެގޮތުން ސަރުކާރުން މަސައްކަތް މިކުރަނީ މުޅި ރާއްޖޭގެ ހުރިހާ ޒުވާނުންނަށާއި، ވަޒީފާއަށް ބޭނުންވާ ހުރިހާ އެންމެންނަށް ވަޒީފާ ހޯދައިދެވޭތޯ. އެހެންވީމާ، އެގޮތުން އިރާދަކުރެއްވިއްޔާ އައްޑުއަތޮޅުގައިވެސް ހަމަ އެކަންތައްތައް އެހެން ހިނގާނެ އިނގޭތޯ.