بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشرف المرسلين، سـيّدنا محمّد وعلٰـى آلـه وأصـحابه أجمعـين.

އާދެ، އަޅުގަނޑު، 21 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވުމަށްޓަކައި ތިޔަބޭފުޅުންގެ މި ލޮބުވެތި ރަށް، ހޯރަފުށްޓަށް އައުމުން، ހޯރަފުށީގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ލިބުނު ހޫނު ތަރުޙީބަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އާދެ، އަޅުގަނޑު މިއަތޮޅަށް އައުމާއެކީގައި، މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާ އަލްއުސްތާޛު އަޙްމަދު ސާވީގެ ފަރާތްޕުޅުންނާއި، އަތޮޅުއޮފީހުގެ އެހެން ވެރިންގެ ފަރާތްޕުޅުންނާއި، މިއަތޮޅުގެ އެހެން ރަށްރަށުގެ ވެރިންނާއި އަދި ރައްޔިތުންގެ ފަރާތްޕުޅުން، އެ ބޭފުޅުން އަޅުގަނޑަށް ވިދާޅުވި މަރުޙަބާއަށްޓަކައިވެސް، އެ ހުރިހާ ބޭފުޅުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ހޯރަފުށްޓަށް އައުމުން، އަޅުގަނޑަށް ފެނިގެންދިޔައީ، ވަރަށް އުފާވެރި މަންޒަރުތަކެއް. މިރަށުގެ ލޮބުވެތި ރައްޔިތުން، މި އުފާވެރި އަދި ޤައުމީ މުނާސަބަތަށްޓަކައި މިރަށް ތައްޔާރު ކުރައްވާފައި މިވަނީ ވަރަށް ފުރިހަމަގޮތެއްގައި. މިރަށް މިވަނީ ވަރަށް ބޮޑަށް ޒީނަތްތެރި ކުރައްވާފައި. އެކަމުން ދޭހަވަނީ، ހޯރަފުށީ ރައްޔިތުންގެ ހިތްތަކުގައި މަސްވެރިކަމަށް އޮތް ލޯބި. ދިވެހި ޤައުމިއްޔަތަށް އޮތް ލޯބި. އަދި ޤައުމީ ކަންތައްތައް ކުރިއަރުވައި ތަރައްޤީކުރުމަށް އެބޭފުޅުންގެ ހިތްޕުޅުގައި އޮތް ވަރުގަދަ ޝައުޤުވެރިކަން. އެހެންކަމުން، މިކަންކަން ފެނި، އެކަމުން އަޅުގަނޑަށް ލިބުނު އުފަލަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު، ތާރީފުގެ ބަސްތައް ރައްދުކޮށް، ސާބަސް އަރުވަން.

އާދެ، މިރަށަށް އައުމުން އަޅުގަނޑަށް މަރުޙަބާ ވިދާޅުވި ފަރާތްތަކުގެ ތެރޭގައި، މިރަށުގެ ކޮމިޓީތަކާއި ޖަމުޢިއްޔާތަކުގެ ވެރިންނާއި، މެންބަރުންނާއި، ސަރުކާރުގެ އެކިއެކި ދާއިރާތަކުގެ ވެރިންނާއި މުވައްޒަފުންނާއި، ކިޔަވާކުދިން ހިމެނޭ. އަދި ރަށުގެ ކުދިބޮޑު، އަންހެން ފިރިހެން ހުރިހާ ރައްޔިތުން ހިމެނޭ. އެހެންވީމާ، އެހުރިހާ ފަރާތްތަކަކަށްވެސް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދެންނެވުމަކީ، އަޅުގަނޑުގެ އުފަލެއްކަމުގައި ދެކެން.

އާދެ، 2001 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް، ހޯރަފުށީގައި ބޭއްވޭކަމީ އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާ ކަމެއް. އާދެ، އެއީ ހޯރަފުށްޓަކީ މަސްވެރި ރަށަކަށްވާތީ. މަސްވެރިން ދިރިއުޅޭ ރަށަކަށްވާތީ. ހޯރަފުށްޓަކީ މަސްވެރިކަން ކުރިއަރުވައި ތަރައްޤީކުރުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންގެންދާ ރަށަކަށްވާތީ. ހަމައެކަނި މިހާރަކުނޫން، މާޒީވެގެން ގޮސްފައިވާ ދުވަސްތަކުގައިވެސް ހޯރަފުށްޓަކީ ރާއްޖޭގެ މަސްވެރިކަމަށް ވަރަށް މަޝްހޫރު ރަށެއް. އެކަން އެހެން އޮތުމާއެކީގައި، މިރަށުގައި 2001 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލު ބޭއްވޭކަމީ އަޅުގަނޑު ހިތުން ތިޔަބޭފުޅުންވެސް ވަރަށް ބޮޑަށް އުފާކުރައްވާނެ ކަމެއް. ހަމައެފަދައިން، އަޅުގަނޑުވެސް ވަރަށް ބޮޑަށް އުފާކުރާ ކަމެއް.

އާދެ، ހޯރަފުށީ ރައްޔިތުންނަކީ، ދެންނެވުމުގެ ބޭނުމެއްނެތް ފަދައިން، ވަރަށް މަސައްކަތްތެރި، ވަރަށް މުރާލި ބައެއް. ތަފާތު މައިދާންތަކުގައި، ތަފާތު ރޮނގުރޮނގުގައި ހޯރަފުށީ ރައްޔިތުންގެ މުރާލިކަމާއި މަސައްކަތްތެރިކަން އަޅުގަނޑުމެންނަށް ވަނީ ފެނިފައި. އަޅުގަނޑުމެންނަށް ވަނީ ތަޖުރިބާ ކުރެވިފައި. އެހެންކަމުން، މިފަދަ މުރާލި، މަސައްކަތްތެރި، ހީވާގި ރައްޔިތަކު ދިރިއުޅޭ ރަށަކަށް އައުމަކީވެސް އަޅުގަނޑަށް ލިބޭ، ވަރަށް ބޮޑު އުފަލެއް ކަމުގައި ދަންނަވަންޖެހޭ.

އާދެ، މިއަދަކީ 21 ވަނަ މަސްވެރިންގެ ދުވަހުގެ އިޙްތިފާލުތައް ރަސްމީގޮތުން ބާއްވާ ދުވަސް. އެހެންކަމުން، މި އުފާވެރި މުނާސަބަތުގައި ރާއްޖޭގެ ހީވާގި މަސްވެރިންނަށާއި، މަސްވެރި ޢާއިލާތަކަށާއި، މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް، އަދި ޚާއްޞަކޮށް، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރީން ރިސޯސަސް އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިނަށާއި، އެ މިނިސްޓްރީއާއި، އެ މިނިސްޓްރީގެ ދާއިރާގެ ވެރިންނަށާއި މުވައްޒަފުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން.

އާދެ، މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރައްވައި ކުރިއެރުވުމަށްޓަކައި މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރީން ރިސޯސަސް އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ. އެހެންކަމުން، މި ރޮނގުގައި އެ މަނިކުފާނު ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، އެ މަނިކުފާނަށް ވަރަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވަން.

އާދެ، މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން އެ މިނިސްޓްރީގެ އެކި ފެންވަރުގެ ވެރިންނާއި މުވައްޒަފުންނާއި އަދި އެ މިނިސްޓްރީގައި މިކަމުގެ ތަޖުރިބާއާއި މަޢުލޫމާތު ލިބިވަޑައިގެން ވަޒީފާ އަދާކުރައްވަމުން ގެންދަވާ ހުރިހާ ބޭފުޅުންނަށްވެސް، މި މުނާސަބަތުގައި އަޅުގަނޑު ޝުކުރު ދަންނަވަން.

ހަމައެހެންމެ، ރާއްޖޭގެ މަސްވެރިކަން ތަރައްޤީކޮށް، ކުރިއެރުވުމަށްޓަކައި މީގެކުރިންވެސް އެކި ދުވަސްވަރު އިސްވެ ހަރަކާތްތެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް މިއަދުގެ މުނާސަބަތުގައި ޝުކުރު ދަންނަވަން. އޭގެތެރެއިން ބައެއް ބޭފުޅުންނަކީ އަޅުގަނޑުމެންނާ ވަކިވެވަޑައިގެންފައިވާ ބޭފުޅުންކަމުގައިވިޔަސް، އެ ބޭފުޅުން ކުރައްވާފައިވާ ޚިދުމަތްތަކަކީ، އަޅުގަނޑުމެންނަށް އެއްގޮތަކަށްވެސް އޭގެމަތިން ހަނދާންނައްތާލެވޭނެ ޚިދުމަތްތަކެއްނޫން.

ހަމައެހެންމެ، އޭގެތެރޭގައި މިއަދު އަޅުގަނޑުމެންނާ އެކީގައި ދުނިޔޭގައި ތިއްބެވި، ވަރަށް ގިނަ ބޭފުޅުންވެސް އެބަތިއްބެވި. އެހުރިހާ ބޭފުޅުންވެސް ޝާމިލުވާގޮތުން، އެ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އެ ބޭފުޅުންގެ ތެރޭގައި އަލްފާޟިލް ޢަބްދުއްސައްތާރު މޫސާދީދީ، އަލްފާޟިލް ޢަބްދުﷲ ޖަމީލް، އަލްފާޟިލް ޢައްބާސް އިބްރާހީމް، އަލްފާޟިލް ޙަސަން ޞާބިރު، މި ބޭބޭފުޅުން ހިމެނިވަޑައިގަންނަވާ.

މަސްވެރިންގެ ދުވަހުގެ ވާހަކަދައްކާއިރު އަދި މަސްވެރިކަން ތަރައްޤީކުރުމުގެ މަސައްކަތުގެ ވާހަކަދައްކާއިރު، އަޅުގަނޑުހިތުން ވަރަށް ޚާއްޞަ ބޭފުޅެއްގެ ވާހަކަވެސް ދަންނަވާލަންޖެހޭ. އާދެ، އެބޭފުޅަކީ، މަސްވެރިންގެ ދުވަހެއް ރާއްޖޭގައި ފާހަގަކުރުމާ ބެހޭގޮތުން ވަރަށް އުފެއްދުންތެރި ބިނާކުރަނިވި ޚިޔާލުތަކެއް އަޅުގަނޑަށް ދެއްވި، އަދި ވަރަށް އިޚްލާޞްތެރި މަޝްވަރާތަކެއް އަޅުގަނޑަށް ދެއްވި ބޭފުޅެއް. އެ ބޭފުޅަކީ، އެ ބޭފުޅެއްގެ ހިތްޕުޅުގައި މަސްވެރިކަން ތަރައްޤީކުރުމުގެ ޝައުޤުވެރިކަން ވަރަށް ބޮޑަށް އުފެދިފައި އޮތް ބޭފުޅެއް. އަދި އެ ބޭފުޅަކު ދުނިޔޭގައި ހުންނެވި ދުވަސްވަރު، މަސްވެރިކަން ތަރައްޤީކުރެއްވުމަށް އަމިއްލަފުޅުގޮތުންނާއި އަދި އޭނާ ހުންނެވި ރަސްމީ މަޤާމުގެ ގޮތުންވެސް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް. އާދެ، އެ ބޭފުޅަކީ އަންނަބީލް އަޙްމަދު ޢަލިދީދީ. އެހެންކަމުން، އަންނަބީލް އަޙްމަދު ޢަލިދީދީ މިއަދު އަޅުގަނޑުމެންނާ ވަކިވެވަޑައިގެންފައިވާތީ، އޭނާގެ ފުރާނަފުޅަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި އަޅުގަނޑު ދުޢާ ދަންނަވަން. އަދި އޭނާ ދިވެހި ޤައުމަށް އެ ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކުގެ ހެޔޮޖަޒާ އެކަލާނގެ އޭނާއަށް ދެއްވުންއެދި ދުޢާ ދަންނަވަން.

އާދެ، މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، ސަރުކާރުންދޭ ޚާއްޞަ އިނާމާއި، ހަނދާނީ ލިޔުން ލިބިވަޑައިގެންނެވި ފަރާތްތަކަށް ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން. އަދި ޚާއްޞަކޮށް، ކޮންމެ އަތޮޅަކުންވެސް ހޮވިގެން އެދިޔަ އެންމެ ހަރަކާތްތެރި ޒުވާން ކެޔޮޅަށް އިނާމު ހަވާލުކުރެވުނު މަންޒަރަކީ، އަޅުގަނޑުގެ ހިތަށް ވަރަށް ބޮޑު އުފަލެއް އިޙްސާސްވެގެންދިޔަ މަންޒަރެއް. އެހެންކަމުން، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރީން ރިސޯސަސްއިން އެކަން ކުރައްވަމުން ގެންދަވާތީ، އެ މިނިސްޓްރީއަށް ސާބަސް އަރުވަމުން، އަދި އެންމެ ހަރަކާތްތެރި ޒުވާން ކެޔޮޅުންގެ ގޮތުގައި، ކޮންމެ އަތޮޅަކުން ހޮވިގެން އެ އިނާމު މިއަދު ހާސިލުކުރި ފަރާތްތަކަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން މަރުޙަބާއާއި، ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރަން.

އާދެ، މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ޝިޢާރަކީވެސް ޒުވާނުންނާ ވަރަށް ބޮޑަށް ގުޅޭ ޝިޢާރެއް. އާދެ، އެ ޝިޢާރަކީ، "ޒުވާން ހުނަރުވެރި މަސްވެރިން - ކެރިތިބި ދިވެހި ދަރިން." ޝައްކެއްނެތް، މި ޝިޢާރަކީ، ހަމައެކަނި މަސްވެރިކަމުގެ މުހިންމުކަން ދައްކައިދޭ ޝިޢާރެއްނޫން. މަސްވެރިކަމުގެ މުހިންމުކަމާއި، މަސްވެރިކަމަކީ ދިވެހިންގެ ލެޔާ ގުޅިފައިވާ، ދިވެހި ފަސްގަނޑާ ގުޅިފައިވާ، ދިވެހި ކަނޑުތަކާ ގުޅިފައިވާ، ވަރަށް މުހިންމު މަސައްކަތެއްކަން ދައްކައިދޭ ޝިޢާރެއް. އަދި މި ޝިޢާރު، އަޅުގަނޑުމެންނަށް އަންގައިދެނީ، މުސްތަޤްބަލުގައި އާދެ، ކުރިމަގުގައި މަސްވެރިކަން ތަރައްޤީކޮށް، ކުރިއަށް ގެންދެވޭނީ މަސްވެރިކަމުގެ ތެރެއަށް، އާ ޖީލުތަކެއް ވަދެގެންކަން.

ޝައްކެއްނެތް، އެއީ ހަމައެކަނި މަސްވެރިކަމަށް އޮތްކަމެއްނޫން. ދުނިޔޭގެ ކަންތައްތައް ހިނގަމުންދާގޮތުން އާދެ، އިލާހީ ޤާނޫނުތަކާއި އުސޫލުތައް ހިނގަމުންދާގޮތުން، ކޮންމެ ރޮނގެއްގައިވެސް އާ ޖީލުތަކެއް އަބަދުވެސް އުފެދެންޖެހޭ. އެއްބައި ޖީލުތަކުން ކުރަމުންގެންދާ މަސައްކަތް، ވަކިހިސާބަކަށް ދިޔުމަށްފަހުގައި ހުއްޓެނީ ނުވަތަ އެހެންގޮތަކަށް ބަދަލުވެގެންދަނީ. އެ ރޮނގުތައް ތަރައްޤީކުރެވެން އޮންނާނީ، އާ ޖީލުތަކެއް އެރޮނގަށް ވަދެގެން، އިތުރަށް މަސައްކަތްކޮށްގެން. އެހެންކަމުން، މަސްވެރިކަމުގެ ދާއިރާއަކީ، އަޅުގަނޑުމެންގެ އިޤްތިޞާދާ ގުޅިފައިވާ ނުވަތަ އަޅުގަނޑުމެންގެ އިޤްތިޞާދުގެ އެންމެ މައިގަނޑު، އެންމެ އަސާސީ، އެންމެ މުހިންމު އެއް ދާއިރާ ކަމަށްވާތީ، މަސްވެރިކަން އަބަދުވެސް ކުރިއަރުވައި ތަރައްޤީކުރަން ޒުވާން ލޭ ބޭނުންވާނެ. އެހެންވީމާ، މިއަހަރުގެ ޝިޢާރު "ޒުވާން ހުނަރުވެރި މަސްވެރިން - ކެރިތިބި ދިވެހި ދަރިން" އެއީ، އަޅުގަނޑު ހިތުން އަޅުގަނޑު މި ދެންނެވި ޙަޤީޤަތް ވަރަށް ބޮޑަށް ތަމްސީލުކޮށްދޭ ޝިޢާރެއް.

އާދެ، ޒުވާނުން މަސްވެރިކަމުގައި އަދާކުރާ ދައުރުގެ މުހިންމުކަމުން، ސަރުކާރުން ގަސްތުކުރަނީ، "މަސްވެރިކަމުގައި ހަރަކާތްތެރިވާ ޒުވާނުންގެ ޤައުމީ އިނާމު" މިނަމުގައި މިއަންނަ އަހަރުން ފެށިގެން އިރާދަކުރެއްވިއްޔާ އިނާމެއް ދޭން. އާދެ، މި އިނާމަކީ، މަސްވެރިކަން ކުރިއަރުވައި ތަރައްޤީކުރުމަށް، ޒުވާން ހުނަރުވެރިން އަދާކުރާ މުހިންމު ދައުރު ދެނެގަތުމަށާއި، އެފަދަ ޒުވާނުންނަށް ހިތްވަރުދީ، މަސްވެރިކަމުގެ މަސައްކަތްތަކަށް ޒުވާނުން ޝައުޤުވެރިކުރުވައި، އިތުރު ޒުވާނުން މިދާއިރާއަށް ވަނުމަށް ބާރުއެޅުމުގެގޮތުން، ސަރުކާރުން ދޭން ހަމަޖައްސާފައިވާ އިނާމެއް. އާދެ، މި ރޮނގުން ފާހަގަކުރެވޭ ފަރާތްތަކަށް، މި އަންނަ އަހަރުގެ މަސްވެރިންގެ ދުވަހުގައި އިރާދަކުރެއްވިއްޔާ، މި އިނާމު ދެވޭނެ.

މަސްވެރިކަން ކުރިއަރުވައި، ތަރައްޤީކުރުމަށް މިހާރުވެސް ޚާއްޞަ އިނާމުތަކެއް ސަރުކާރުން މިގެންދަނީ ދެމުން. މި ޖަލްސާގައިވެސް، އެ އިނާމުތައް އޭގެ ޙައްޤުވެރި ފަރާތްތަކާ ހަވާލުކުރެވިއްޖެ. މިރޮނގުން ވާހަކަދައްކާއިރު، މަސްވެރިކަމުގެ ރޮނގުން މަޢުލޫމާތު ފެތުރުމުގައި އެންމެ ބޮޑަށް ޚިދުމަތްކުރައްވާ ފަރާތަކަށްދޭ އިނާމު، އަޅުގަނޑު ހިތުން އެއީ، ވަރަށް ޚާއްޞަ އިނާމެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެންޖެހޭ އިނާމެއް. އެއީ މަސްވެރިކަމުގެ މަޢުލޫމާތު ފެތުރުމަކީ މުހިންމު ކަމަކަށްވާތީ. އަޅުގަނޑުމެންނަށް އެއްވެސް ކަމެއް އެކަށީގެންވާގޮތުގައި ތަރައްޤީކުރެވޭނީ، އެކަމާބެހޭ މަޢުލޫމާތު ލިބިގެން، އެ މަޢުލޫމާތަކީ އެންމެންގެ އަތްފޯރާފަށުގައި ހުންނަ އެއްޗަކަށްވެގެން. އެހެންވީމާ، މިރޮނގުން ޚިދުމަތް ކުރައްވާ ފަރާތްތަކަށް އެ އަރުވާ އިނާމަކީ، އަޅުގަނޑު ހިތުން ވަރަށް ޙައްޤު، ވަރަށް މުހިންމު އިނާމެއް.

ހަމައެހެންމެ، ކުރިމަގުގައި ޒުވާނުން އަދާކުރަންޖެހޭ ދައުރުގެ މުހިންމުކަމުގެ ސަބަބުން، ސްކޫލުތަކުގައި ކިޔަވާކުދިންނަށްވެސް، މަސްވެރިކަމާބެހޭ މަޢުލޫމާތު ލިބިދޭންޖެހޭ. އާދެ، ފިޝަރީޒް ސައެންސްގެ ތެރެއިންލާފައި އެ މަޢުލޫމާތު މިހާރު އެކުދިންނަށް އެދަނީ ލިބެމުން. އެހެންވީމާ، މިރޮނގުން އެންމެމަތީ ވަނަތައް ހާސިލުކުރާ ސްކޫލުތަކަށްވެސް އިނާމުދޭގޮތަށް ހަމަޖެއްސުމަކީ، އަޅުގަނޑު ހިތުން މަސްވެރިކަން ދިރުވައި އާލާކޮށް އަދި ކުރިމަގުގައި މަސްވެރިކަމުން މިހާރަށްވުރެ ބޮޑު ފައިދާ، ޤައުމަށް ހޯދުމަށްޓަކައި ކޮންމެހެން ކުރަންޖެހޭނެ ކަމެއް.

އާދެ، މަސްވެރިންގެ ދުވަހާ ދޭތެރޭގައި އަޅުގަނޑުމެން ޚިޔާލުކުރާއިރު، އަޅުގަނޑުމެންގެ ހިތަށް އަންނަ ކަންތައްތަކެއްވޭ. އާދެ، އެންމެ ފުރަތަމަ އަޅުގަނޑުމެން ވިސްނާލަންވީ، މަސްވެރިކަމަކީ މާތްﷲ ގެ ނިޢުމަތެއްކަން. އާދެ، اللّـه سبحـانـه وتعـالى އިންސާނުންނަށް ދެއްވާ ނިޢުމަތްތައް ގިނަގުނަ. އެކަލާނގެ ދެއްވާ ނިޢުމަތްތައް ޢަދަދުނުކުރެވޭހާ ގިނަ. ކަނޑުރޯއްޖަކީ އާދެ، ކަނޑުގައިވާ ދިރުންހުރި އެއްޗެއްސާއި އަދި އެނޫން އެއްޗެހިން އިންސާނުންނަށް ލިބޭ މުއްސަނދިކަމާއި ކުރިއެރުމަކީ ޝައްކެއްނެތް، މާތްﷲ އިންސާނުންނަށް ދެއްވާފައިވާ ވަރަށް މަތިވެރި ނިޢުމަތެއް.

ކީރިތި ޤުރްއާނުގައި މާތްﷲ ވަޙީކުރައްވާފައިވާ އާޔަތްތަކެއްގެ އަޑު އަޅުގަނޑުމެންނަށް މި ޖަލްސާ ފެށުމުގައި އިވިގެން ހިނގައްޖެ. އޭގެތެރެއިން، އެއް އާޔަތެއްގައި މާތްﷲ އަންގަވާފައި އެބައޮތް، "އެކަލާނގެއީ ތިޔަބައިމީހުންނަށްޓަކައި ކަނޑު ޚިދުމަތްކުރެއްވި މާތްރަސްކަލާނގެއޭ. އަދި ކަނޑުގައިވާ ތަކެތި ޚިދުމަތްކުރެއްވި މާތްރަސްކަލާނގެއޭ. އެއީ، ތިޔަބައިމީހުން ކަނޑުން ރޯދި ހޯދުމަށްޓަކައޭ. ރަހަމީރު، މަޑުމަސް ތިޔަބައިމީހުން ކެއުމަށްޓަކައޭ. ހަމައެފަދައިން، ތިޔަބައިމީހުން ބޭނުންކުރާ އެކިއެކި ގަހަނާ ހޯދުމަށްޓަކައޭ. އަދި އެނޫންވެސް ކުރިއެރުމާއި ތަރައްޤީގެ ގޮތްތައް ހޯދުމަށްޓަކައޭ." އެހެންވީމާ، އަޅުގަނޑުމެންގެ ވަށައިގެންމިވާ ކަނޑަކީ، ﷲގެ މަތިވެރި ޚަޒާނާއެއް. މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ނިޢުމަތެއް. އެ ނިޢުމަތުގެ ބޭނުން ހެޔޮގޮތުގައި ކުރުމަކީ އަޅުގަނޑުމެންނަށް އޮތް ކަމެއް. އެކަމަށް ބާރުއަޅުއްވައި، ކީރިތި ޤުރްއާނުގައި މި އާޔަތްތައް ވަޙީކުރައްވާފައި މިވަނީ.

އަޅުގަނޑުމެން މަސްވެރިކަން ތަރައްޤީކޮށް، މަސްވެރިކަމުން، މަސްވެރި ޢާއިލާތަކަށާއި، ދިވެހި ޤައުމަށާއި، ދިވެހި އިޤްތިޞާދަށް ލިބޭ ފައިދާތައް އިތުރުކުރުމަށް މަސައްކަތްކުރާއިރު، މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ މަތިވެރި ނިޢުމަތެއްކަމުގެ މަތިން ދުވަހަކުވެސް ހަނދާންނައްތާލައިގެންނުވާނެ. އަޅުގަނޑުމެން މިކަން ކުރަންވާނީ، އެހެން ހުރިހާ ކަމެއް ކުރާ ފަދައިން، ހުރިހާ ނިޢުމަތްތަކެއްގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ދަންނަވަމުން، އެކަލާނގެ އޯގާވަންތަކަމާއި، ފަޟުލުވަންތަވެރިކަމަށްޓަކައި، އެކަލާނގެއަށް ޙަމްދު ކުރަމުން.

އާދެ، މަސްވެރިކަމުން ރާއްޖެއަށް ލިބޭ އާމްދަނީގެ ވަރަށް ބޮޑު ބައެއް ގުޅިފައިވަނީ ބޭރުގެ އިޤްތިޞާދާ. މިއީވެސް މިކަހަލަ މުނާސަބަތެއްގައި އަޅުގަނޑުމެން ދަންނަންޖެހޭނެ ޙަޤީޤަތެއް. އަޅުގަނޑުމެން މަސްވެރިން ބާނާމަސް، ސަރުކާރުން ގަތަސް ނުވަތަ އެނޫން ފަރާތްތަކުން ގަތަސް، އެމަސް ބޭރުކޮށްގެން އެއަށް ދިވެހި ޤައުމަށް ފައިދާއެއް، އާމްދަނީއެއް މި ލިބެނީ، ބޭރުން އެ މަސްގަންނަ ފަރާތްތަކުން އެކަށީގެންވާ އަގެއްގައި މަސް ގަންނާތީ. އެހެންވީމާ، އަޅުގަނޑުމެންގެ މަސް އެކްސްޕޯޓްކޮށްގެން ނުވަތަ ބޭރުކޮށްގެން މި ލިބޭ އާމްދަނީ ގުޅިފައި މިވަނީ، ބޭރުގެ އިޤްތިޞާދުތަކާ. ބޭރުގެ އިޤްތިޞާދަކީ، ރާއްޖޭގެ އިޤްތިޞާދު ފަދައިން، އެކި ދުވަސްވަރު އެކިގޮތަށް ކުރިއަށްދާ އެއްޗެއް.

އާދެ، މިނިސްޓަރުގެ ވާހަކަފުޅުގައިވެސް ދެންމެ އެ ވިދާޅުވި ފަދައިން، މިވަގުތު ދުނިޔޭގެ އިޤްތިޞާދަށް ވަނީ ބަނަކަމެއް ކުރިމަތިވެފައި. ހީނަރުކަމެއް އައިސްފައި. އެކަމުގެ އަސަރު، ރާއްޖޭގެ އިޤްތިޞާދަށްވެސް މިދަނީ ކުރަމުން. އެއް ރޮނގަކުންނޫން، ވަރަށް ގިނަ ރޮނގުރޮނގުން. ފަތުރުވެރިކަމުގެ ރޮނގުންވެސް، މި ވޭތުވެދިޔަ އަހަރުގެ އެންމެފަހު ހަތަރުފަސްމަސްދުވަހުގެ ތެރޭގައި އެކަމުގެ ނޭދެވޭ އަސަރު، ރާއްޖޭގެ އިޤްތިޞާދަށް ވަނީ ކޮށްފައި. ރާއްޖޭގެ ފަރުތުރުވެރި ކަމަށް ވަނީ އެކަމުގެ ނޭދެވޭ އަސަރުކޮށްފައި. ހަމައެހެންމެ، ރާއްޖޭގެ ވިޔަފާރިއަށްވެސް ވަނީ އެ އަސަރުކޮށްފައި. އަދި ރާއްޖޭގެ މަސްވެރިކަމަށްވެސް އެ އަސަރު ވަނީ ކޮށްފައި.

ބޭރުގައި މަހަށް ލިބެން ހުންނަ އަގު ކުޑަވުމުން، އެއިން އަޅުގަނޑުމެންނަށް ވަރަށް ބޮޑު ގެއްލުން އެބަ ލިބޭ. ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ބައިނަލްއަޤްވާމީ މާރުކޭޓުތަކުގައި، ބައިނަލްއަޤްވާމީ ބާޒާރުގައި އަޅުގަނޑުމެންގެ މަހަށް ލިބޭ އަގު ދަށްވުމުގެ ސަބަބުންނާއި އަދި ތެލުގެ އަގު އެތައް ގުނައަކަށް ބޮޑުވުމުގެ ސަބަބުން، އަޅުގަނޑުމެންގެ އިޤްތިޞާދަށް ވަނީ ވަރަށް ނޭދެވޭ އަސަރުތަކެއް ކޮށްފައި. ވަރަށް ބޮޑު ހީނަރުކަމަކާ ކުރިމަތިލާން ޖެހިފައި. މި ހުންނަނީ އަޅުގަނޑުމެން ދަންނަންޖެހޭނެ ޙަޤީޤަތްތަކެއް. މިކަމާދޭތެރޭގައި އަޅުގަނޑުމެންނަށް ކުރެވޭނެ މާބޮޑު ކަމެއް ނެތް ނަމަވެސް، މި ކަންކަން ދެނެގެން، އަޅުގަނޑުމެންގެ އިޤްތިޞާދަށް މިކަންކަމުން އެ ލިބޭ ލޮޅުންތައް ކުޑަކުރެވޭތޯ އަޅުގަނޑުމެން ޖެހޭނެ މަސައްކަތް ކުރަން.

އާދެ، ރާއްޖެއިން ބޭރުކުރާ މަހަށް އެކަށީގެންވާ ބާޒާރު ނުލިބުމުގައި އަދި އެހެން ކަމެއްވެސް އެބަ މެދުވެރިވޭ. އަޅުގަނޑު ހިތުން އެއީ، އަޅުގަނޑުމެންގެ މަސްވެރިންނާއި އަދި މަސްބޭރުކުރުމަށް ތައްޔާރުކުރާ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުކަން ދެއްވަންޖެހޭނެ ކަމެއް. އެއީ، އެ މަސް ތައްޔާރުކޮށްފައި ހުންނަ ފެންވަރު ދެރަވުން. އަޅުގަނޑަށް އެނގިފައިވާގޮތުގައި، ރާއްޖޭގެ މަސް ބޭރުކުރާ ފަރާތްތަކަށް މިކަމާ އޮތީ ކުރިމަތިލާންޖެހިފައި. އާދެ، ބޭރުކުރާ މަހުގެ ފެންވަރު ދެރަވުމުގެ ސަބަބުން، ބޭރުގެ ފަރާތްތަކުން އެ މަސް ގަބޫލުނުކުރަނީ. އަނބުރާ ފޮނުވާލަނީ ނުވަތަ ވަރަށް ދަށް އަގެއްގައި ގަންނަނީ. އަޅުގަނޑު ހިތުން މިއީ، އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުވާންވެއްޖެ ކަމެއް.

އަޅުގަނޑުމެން ކުރާ ކޮންމެ ކަމަކީ، އެކަމެއް ކުރެވެން އޮންނަ އެންމެ ރަނގަޅު ފެންވަރަކަށް ކުރަންޖެހޭނެ ކަމެއް. މާތްވެގެންވާ އިސްލާމްދީނުގައިވެސް އަންގަވާފައިވަނީ އެހެން. ﷲ ލޯބިވެވޮޑިގެންވަނީ، ތިޔަބައިމީހުންކުރެ ކޮންމެ މީހަކުވެސް ކުރާ ކޮންމެ ކަމެއްވެސް، އެކަމުގައި އޮތް އެންމެ މޮޅުގޮތަށް ކުރުމަށޭ. ކީރިތިރަސޫލާގެ ޙަދީޘްފުޅެއްގައި އަންގަވާފައިވަނީ، ﷲ ލޯބިވެވޮޑިގެންވަނީ ކޮންމެ މީހަކުވެސް އެކުރާ ކަމެއް އެންމެ ފުރިހަމައަށް، އެންމެ ރަނގަޅަށް ކުރުމަށޭ. އެހެންވީމާ، އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްވެސް ކުރަންޖެހޭނީ، އެކަމެއް ކުރެވެންއޮތް އެންމެ މޮޅަކަށް، އެންމެ ރަނގަޅަކަށް.

އާދެ، ދިވެހިރާއްޖޭގެ މަސައްކަތްތެރި ކަމުގެ މައުރަޒު ހުޅުވައިދިނުމުގެ ޖަލްސާގައި އަޅުގަނޑު ދަންނަވާލި ފަދައިން، އަޅުގަނޑުމެން ކުރާ މަސައްކަތް ރަނގަޅުވެއްޖެނަމަ، ބޭރުގެ ފަރާތްތަކުގެ ތާރީފާއި ސާބަސް ވަރަށް ބޮޑަށް ލިބެމުންދޭ. ދިވެހިރާއްޖޭގައި ހަދާފައިހުރި މަސައްކަތްތެރިކަމުގެ ބައެއް އެއްޗެހި ދުށް، ބޭރުގެ ފަރާތެއްގެ ވާހަކަ އަޅުގަނޑު ދަންނަވާލިން. އާދެ، އަޅުގަނޑު ދެންނެވީ އެ މީހަކު ބުންޏޭ، ތިޔަ އެއްޗެއް ދިވެހިން ނުވަތަ ތިޔަ ހެދި މީހަކު ހަދާފައި ތިޔަވަނީ ލޯބިންނޭ. މާނައަކީ، އެކަމަށް ވަރަށް ޚާއްޞަ ޝައުޤުވެރިކަމެއް، އެމީހެއްގެ ހިތުގައި އޮވެގެންނޭ. އަދި އެ ފުރިހަމަ ފެންވަރަކަށް ހެދީމާ، އެމީހަކަށް އެއިން އުފަލެއް ލިބޭތީއޭ. އެމީހަކަށް ފަޚުރެއް ލިބޭތީއޭ. އެހެންވީމައޭ އެހާ ފުރިހަމަކޮށް، ރީތިކޮށް ތިޔަ އެއްޗެހި ހަދާފައި ތިޔަހުރީ.

އަޅުގަނޑު ހިތުން މިކަހަލަ ތާރީފުގެ ބަހެއް، އަޅުގަނޑުމެންގެ މަހުގެ އުފެއްދުންތަކާ ބެހޭގޮތުންވެސް ލިބުމަކީ، ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ރީތިނަމަކަށްވާނެ. ދިވެހިރާއްޖޭގެ މަސް، ބޭރުގެ ފަރާތަކުން ބަލާފައި، ކަލޭމެން މަސް ތައްޔާރުކޮށްފައި ތިޔަހަރީ ހާދަ ފުރިހަމަކޮށޭ، ހާދަ ޝައުޤުވެރިކަމަކާ އެކީގައޭ، ހާދަ ލޯބިންނޭ، މިހެން ބުނާތަން އަތުވެއްޖެނަމަ، އަޅުގަނޑު ހިތުން އަޅުގަނޑުމެން ކޮންމެ ދިވެހި ރައްޔިތަކަށްވެސް އެކަމުން ވަރަށް ބޮޑު ފަޚުރެއް އިޙްސާސްވެގެންދާނެ.

އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، އަޅުގަނޑުމެން މަސް ތައްޔާރުކުރަންވާނީ، ތައްޔާރުކުރެވެން އޮތް އެންމެ ރަނގަޅު ފެންވަރަކަށޭ. ކަންފަސޭހަކޮށްލައިގެނެއް ނުވާނެޔޭ. އަވަސްކޮށްލައިގެނެއް ނުވާނެޔޭ. އަވަހަށް ލާރިއެއް ލިބޭތޯ މަސައްކަތް ކުރުމުގެ ގޮތުން، އަޅުގަނޑުމެން ކުރާ ކަންކަމަށް ފަރުވާކުޑަކޮށްގެނެއް ނުވާނެޔޭ. ފަރުވާތެރިކަމާއި އިޚްލާޞްތެރިކަމާއެކީގައި ރަނގަޅު ފެންވަރަކަށް އަޅުގަނޑުމެން މަސް ތައްޔާރުކޮށްފިއްޔާ، އަޅުގަނޑު ހިތުން އެއީ، ދުނިޔޭގެ ބާޒާރުތަކުގައި ވަރަށް ބޮޑަށް ވާދަކުރާނެ އެއްޗަކަށްވާނެޔޭ.

ދިވެހިމަހަކީ ދުނިޔޭގެ ބާޒާރުތަކުގައި މަޤްބޫލު އެއްޗެއް. އަޅުގަނޑުމެންގެ ހިކިކަނޑުމަހަކީވެސް އަދި ހަމައެހެންމެ، އަޅުގަނޑުމެން ދަޅުގައި ބަންދުކޮށްގެން މި ބޭރުކުރާ މަހަކީވެސް ބޭރުގެ ބާޒާރުތަކުގައި ވަރަށް މަޤްބޫލު އެއްޗެއް. އެމީހުން ބޭނުންވާވަރަށް އަޅުގަނޑުމެންނަށް އޮންނަނީ މަސް ތައްޔާރުނުކުރެވިފައި. އެއީ، އަޅުގަނޑުމެންގެ މަހުގެ ފެންވަރު ރަނގަޅުކަމުން. އެހެންވީމާ، ފެންވަރު ހިފެހެއްޓުން މިއީ، އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެންވެސް ވަރަށް ބޮޑަށް ސަމާލުވާންވެއްޖެ ކަމެއް. އަޅުގަނޑުގެ ހިތަށްއެރީ، މަސްވެރިންގެ ދުވަހުގެ ވާހަކަދައްކާއިރު، ދިވެހި މަސްވެރިކަމުން ޤައުމަށް ލިބޭ އާމްދަނީ ގުޅިފައިވަނީ ބޭރުގެ އިޤްތިޞާދާއޭ ބުނާއިރު، މިކަންކަމަށް އަޅުގަނޑުމެން ސަމާލުވާންޖެހޭނެޔޭ.

އާދެ، އަޅުގަނޑު މި ދެންނެވި ކަންތައްތަކުގެ އިތުރުން، ދިވެހި މަސްވެރިންނަށްވެސް، މަސްވެރި ޢާއިލާތަކަށްވެސް ދަތިތަކެއް ކުރިމަތިވެފައިވާކަން އަޅުގަނޑަށްވެސް އެނގޭ. އެއީ މަސްވެރިން ބާނާ ހުރިހާ މަހެއް، ސަރުކާރުގެ ކަމާބެހޭ ކުންފުންޏަކަށްވެސް ނުގަނެވޭ. އަދި އެހެން ފަރާތްތަކަކަށްވެސް ނުގަނެވޭ. އެހާވަރަށް އެކަމުގެ ވަސީލަތްތަކެއް އަޅުގަނޑުމެންނަކަށް ލިބިފައެއް ނެތް. އެހެންނަމަވެސް، އެކަންތައްތައް ރަނގަޅުކުރެވޭތޯ ނުވަތަ އެކަމަށް މަސައްކަތް ކުރުމަށް ހުރި ވަސީލަތްތައް ފުރިހަމަކުރެވޭތޯ ސަރުކާރުން މިގެންދަނީ މަސައްކަތް ކުރަމުން. އަދި ސަރުކާރުގެ ކަމާބެހޭ ކުންފުނިންވެސް އެ މަސައްކަތް ކުރައްވާ. އަޅުގަނޑަށް އެނގޭ، މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވާ އަމިއްލަ ފަރާތްތަކުންވެސް އެ މަސައްކަތް ކުރައްވާކަން. އެހެންނަމަވެސް، މަސްވެރިކަމަކީ ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑުމެންނަށް ކުރިން އެކަން ވާނެގޮތް ބުނަން އެނގޭކަމެއް ނޫން. ބައެއްފަހަރަށް މަސްވެރިކަން ވަރަށް ރަނގަޅުވެދާނެ. އަނެއްބައިފަހަރަށް މަސްވެރިކަން އެއްގޮތަކަށްވެސް ނެތިހިނގައިދާނެ.

އެހެންވީމާ، އަޅުގަނޑުމެންގެ ވަސީލަތްތައް ތައްޔާރުކުރަންވީ ކިހާފެންވަރަކަށްކަން، އަދި ކިހާވަރަކަށް ފައިސާ ޚަރަދުކޮށްގެން، ކިހާވަރެއްގެ ތަންތަނެއްކަމެއް ހަދަންވީ، އެކަން އޮންނަނީ ނޭނގުމެއްގެ ތެރޭގައި. ބައެއްފަހަރަށް ވަރަށް ބޮޑެތި ތަންތަން ހަދައިގެން، ވަރަށް ގިނަ ޚަރަދުކޮށްގެން، ވަރަށް ބޮޑެތި އިންވެސްޓްމަންޓްތައް ކޮށްގެން ތަންތަން ތައްޔާރުކުރާފަހުން، އެކަށީގެންވާ ޢަދަދަކަށް މަސް ނުލިބިއްޖިއްޔާ، އެކަންވަނީ ވަރަށް ބޮޑު ގެއްލުމަކަށް. މިހެންވެސް ދިމާވެފައި އެބަހުރި. އެހެންވީމާ، އަޅުގަނޑުމެން ވާނެ މިކަންކަމާ ދޭތެރޭގައި ވިސްނައި، އެޅެންހުރި ފިޔަވަޅުތަކެއް އަޅައި، ރަނގަޅު ކުރެވެންހުރި ކަންތައްތަކެއް ރަނގަޅުކުރަން. އާދެ، މަސްވެރިންނަށާއި، މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި، މަސް ބޭރުކުރާ ފަރާތްތަކަށާ، މި ހުރިހާ ފަރާތަކަށް މިކަމުގައި ދިމާވެފައިވާ ދަތިތައް ޙައްލުކުރެވޭތޯ ސަރުކާރުން މަސައްކަތްކުރަމުން އެބަގެންދޭ.

އާދެ، އަޅުގަނޑުމެންގެ މަސްވެރިކަން ތަރައްޤީކުރުމަށްޓަކައި އަޅަމުންގެންދާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި، މަސްވެރިންގެ އަތުން ރޯމަސްގަނެ، ފިނިކުރި މަހުގެ ގޮތުގަޔާއި، ދަޅުގައި ބަންދުކުރި މަހުގެ ގޮތުގައި އެކްސްޕޯޓް ކުރުމުގެ ފުރުޞަތު މިހާރުވަނީ ޢާއްމުކޮށް ދިވެހިންނަށް ހުޅުވާލާފައި. މި ހުޅުވާލި ފުރުޞަތުގެ ތެރެއިން އެންމެ ފުރަތަމަ ބީލަމަށްލާގޮތަށް ހަމަޖެއްސީ، އެންމެ އުތުރުގެ ހަތަރު އަތޮޅު ހިމެނޭ، "ސަރަޙައްދު އެކެއް". ހަމަޖެހިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން މިކަމަށް ސަރުކާރުން ހުށަހެޅި ބީލަމަށް އިޖާބަދިން ފަރާތްތަކުން ހުށަހެޅި ހުށަހެޅުންތައް، ކަމާބެހޭ ފަރާތުން ބައްލަވާފައި، ވަރަށް އަވަހަށް އެކަން ނިންމަވައި، އެކަން ނިމުނުގޮތެއް އިޢުލާނު ކުރައްވާނެ.

އާދެ، މަސްވެރިކަމަށް މި އަންނަނީ ތަފާތު ބަދަލުތަކެއް. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އެންމެ ފުރަތަމަ އެކަން އޮތީ އެއީ، މުޅިން ސަރުކާރުން ކުރާ ވިޔަފާރިއެއްގެ ގޮތުގައި. ހިކިމަސް ރާއްޖެއިން ބޭރުކުރުމަކީވެސް ހަމައެކަނި ސަރުކާރުން ކުރާ ކަމެއްގެ ގޮތުގައި. އެގޮތަށް އެތައް ޒަމާންތަކެއްދިޔަ. އެހެންނަމަވެސް، ފަހުން އެކަންވެސް މިނިވަން ވިޔަފާރިއެއްގެ ގޮތުގައި ސަރުކާރުން ދޫކޮށްލީ. އަމިއްލަ ފަރާތްތަކަށްވެސް ހިކިމަސް އެކްސްޕޯޓް ކުރުމުގެ ފުރުޞަތު ހުޅުވާލަދިނީ. ހަމައެހެންމެ، ރޯމަހުގެ ކަންތައްވެސް މިހާރު މިވަނީ މިހެން ހަދާފައި. އެއީ، ދުނިޔެއަށް މިއަންނަ ބަދަލުތަކާއި، ރާއްޖޭގެ އިޤްތިޞާދަށާއި އަދި ދުނިޔޭގެ އިޤްތިޞާދަށް މިއަންނަ ބަދަލުތަކުގެ ސަބަބުން، މިހެން ހެދުމުން ޤައުމަށް ބޮޑަށް ފައިދާވާނެ ކަމަށް ފެންނާތީ. އެހެންވީމާ، އަޅުގަނޑު ހިތުން ސަރުކާރުން މި ކަނޑައަޅާ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ރާއްޖޭގައި މި ދާއިރާގައި ހަރަކާތެރިވެވަޑައިގަންނަވާ ފަރާތްތަކުން ރަނގަޅަށް ޢަމަލުކުރައްވަމުން ގެންދަވާ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް މަސްވެރިކަމުން ލިބޭ ފައިދާ އެއްދުވަހުން އަނެއްދުވަހަކަށް އިތުރުވެގެންދާނެ.

އާދެ، މިއަދުގެ މުނާސަބަތުގައި އަދިވެސް އެއްފަހަރު، ރާއްޖޭގެ ހީވާގި ހުރިހާ މަސްވެރިންނަށް ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން. އަދި ރާއްޖޭގެ މަސްވެރިކަމަށް އިތުރު ކުރިއެރުމާއި ތަރައްޤީއަށް އަޅުގަނޑު އެދެން. ރާއްޖޭގެ އިޤްތިޞާދަށް އިތުރު ފަހިކަމަށް އެދެން.

އަޅުގަނޑުމެންނަކީ، މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބި، އަދި اللّـه سبحـانـه وتعـالى ގެ އަމުރުފުޅުތަކަށް ކިޔަމަންވާ، އެކަލާނގެ ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވެގެން ތިބޭ އަދި އީމާންކަންމަތީ، ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް މަސައްކަތްކުރާ ބަޔަކު ކަމުގައި ލެއްވުންއެދި اللّـه سبحـانـه وتعـالىގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަނީ.

والسّـلام عليـكم ورحـمة اللّـه وبـركاتـه.