ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އަރުވާފައިވާ އިބްރާހީމް ރަޝީދުގެ ވަކިވެވަޑައިގަތުމަކީ، ދިވެހިރާއްޖޭގެ ޤައުމީ އަދި ސިޔާސީ ހަޔާތަށް ލިބުނު ފޫނުބެއްދޭނެ ވަރުގެ ބޮޑު ގެއްލުމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ، މިނިސްޓްރީ އޮފް ހެލްތްގައި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އަރުވާފައިވާ އަލްމަރުހޫމް އިބްރާހީމް ރަޝީދުގެ ހަނދާނުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި މިރޭ ސޮއިކުރައްވާ ލިޔުއްވި ބަޔާނުގައެވެ.

ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި، އަލްމަރުހޫމް އިބްރާހީމް ރަޝީދަކީ ރައީސުލްޖުމްހޫރިއްޔާއާއި ވަރަށް ގާތް ގުޅުމެއްބޭއްވި ވަރަށް އެކުވެރި ބޭފުޅެއްކަމުގައި ބަޔާންކުރައްވާފައިވެއެވެ. އަދި އެމަނިކުފާނު ވަކިވެ ވަޑައިގެންނެވިއިރު ޤައުމީ ޚިދުމަތުގެ ތާރީޚުން، މިހާރުގެ ޖީލުތަކަށް ދޫކުރެއްވި އެންމެ ރީތި ނަމޫނާއަކީ، އިޚްލާސްތެރިކަމާއި، ތެދުވެރިކަމާއެކު ޤައުމަށް ޚިދުމަތްކުރެއްވުމުގެ މަތިވެރި ސިފަކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ލިޔުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާން ނިންމާލައްވާފައިވަނީ، އަލްމަރްޚޫމް އިބްރާހީމް ރަޝީދަށް ސުވަރުގޭގެ ތަނަވަސް ރަޙްމަތާއި ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވައި، އެމަނިކުފާނުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގަންނަވަމުންނެވެ.

އިބްރާހީމް ރަޝީދަކީ، ހުރަވީދަރިކޮޅުގެ ޝާހީ ރަސްކަމުގެ ޢާއިލާއާއި ވެރިކަމުގެ ޢާއިލާއިން ވަޑައިގެންނެވި ބޭފުޅެކެވެ. އިބްރާހީމް ރަޝީދު، ސަރުކާރުގެ ޚިދްމަތް ފަށްޓަވާފައިވަނީ، 24 ނޮވެމްބަރ 1942 ގައެވެ. 65 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވެއެވެ. ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާވެސް އިބްރާހީމް ރަޝީދަށް ވަނީ ލިބިވަޑައިގެންފައެވެ. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް، އެމަނިކުފާނަށް އަރުވާފައިވަނީ 26 ޖުލައި 2011 ގައެވެ. އިބްރާހީމް ރަޝީދު އަވަހާރަވެފައިވަނީ 31 ޖެނުވަރީ 2021 ގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 92 އަހަރެވެ.