ދެ ދުނިޔޭގެ ވެރިކަމާއި ހުރިހާ ބާރުތަކެއް މިލްކުވެވޮޑިގެންވާ، ޢާލަމުތަކުގެ ވެރި މާތްރަސްކަލާނގެއަށް ޙަމްދާއި ޝުކުރުކުރަން. ޢަދުލާއި އިންޞާފު ޤާއިމުކުރުމުގެ އުޞޫލުތައް ބަޔާންކުރައްވައި، ވެރިންނާއި ރައްޔިތުންގެ ޙައްޤުތައް ހާމަކޮށްދެއްވި މާތް ރަސޫލާއަށް ޞަލަވާތާއި ސަލާމް ދަންނަވަން. އެ މާތް ރަސޫލާގެ އާލު އަޞްޙާބުންނާއި، އެކަލޭގެފާނު ދެއްކެވި ތެދުމަގުގައި ފައިތިލަ ސާބިތުކުޅަ އެންމެހާ މީސްތަކުން މި ޞަލަވާތާއި ސަލާމުގައި ބައިވެރިކުރަން.

ރާއްޖޭގެ އެންމެހާ ލޮބުވެތި މުވާޠިނުންނޭވެ!

މިއަދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގެ ދެވަނަ ދައުރަކާ ހަވާލުވުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި ޤާނޫނީ ހަމަތަކުގެ މަތިން ހުވާކުރުމަށްފަހު، އަޅުގަނޑުގެ އެންމެ އިސް ވާޖިބެއްކަމުގައި ދެކެނީ ތިޔަބޭފުޅުން އަޅުގަނޑަށް ދެއްވި މަތިވެރި ފުރިހަމަ ތާއީދަށްޓަކައި ތިޔަބޭފުޅުންނަށް އާދެ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ހިތުގެ އެންމެ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރުން. ތިޔަބޭފުޅުން އަޅުގަނޑަށް ތިޔަކުރެއްވި އިތުބާރާއި ތާއީދަކީ، ކުރިއަށް އޮތް ދައުރުގައި އަޅުގަނޑުގެ ވާޖިބުތައް ހަރުދަނާގޮތެއްގައި އަދާކުރުމަށް ލިބުނު، އިތުރު ހިތްވަރަކާއި ބާރެއްކަމުގައި އަޅުގަނޑު ދެކެން.

މިއަދުގެ މި އިޙްތިފާލުގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި، މިތަނަށް ވަޑައިގެން ތިއްބެވި ބޭރުގެ ޢިއްޒަތްތެރި މެހްމާނުންނަށް މަރުޙަބާ ދެންނެވުމަކީވެސް، މިއަދު އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އެބޭފުޅުން މިތަނަށް ހާޒިރުވެވަޑައިގެން ތިއްބެވިކަން އެ ހާމަކޮށްދެނީ، އެބޭފުޅުން އެ ތަމްސީލު ކުރައްވާ ޤައުމުތަކުން އަޅުގަނޑުމެންގެ ޤައުމާމެދު ބަހައްޓާ ގާތްކަމާއި ހިތްހެޔޮކަން.

މިއަދު އަޅުގަނޑު މިކުރި ހުވައަކީ، މީގެ ފަސް އަހަރު ކުރިންވެސް އަޅުގަނޑު ކުރި ހުވާ. އެހެންނަމަވެސް، މިއަދު މި މަގާމުގައި އަޅުގަނޑު ހުވާކުރިއިރު، އަޅުގަނޑުމެންގެ ރާއްޖޭގެ މަސްރަޙުވަނީ މީގެ ފަސް އަހަރު ކުރިއާ ވަރަށް ބޮޑަށް ތަފާތުވެފައި.

1978 ވަނަ އަހަރުގެ ނޮވެންބަރުމަހު 11 ވަނަ ދުވަހު އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރިއިރު ރާއްޖޭގެ އެންމެހާ ރައްޔިތުން، އާދެ، އަޅުގަނޑުމެން އެންމެން ތިބީ ބިރުވެރި ހީވުންތަކެއްގެ ތެރޭގައި. ކުރިމަތިވެދާނެ ނުރައްކާތަކަކަށް ބަލަބަލައި.

ނަމަވެސް، ތިޔަ އެންމެ ބޭފުޅުންވެސް އެއްބަސްވެވަޑައިގަންނަވާނޭ ފަދައިން، މިއަދު އަޅުގަނޑުމެން މިތިބީ އެއާ ވަރަށް ތަފާތުގޮތެއްގައި. އަޅުގަނޑުމެން ނޭވާލަމުން މިގެންދަނީ، އަމާންކަމާއި ޞުލްޙަވެރިކަން ފެތުރިފައިވާ މިނިވަން ޖައްވަކަށް. އަޅުގަނޑުމެންގެ ތެރޭގައި އުފެދިފައިވަނީ، އެކުވެރިކަމާއި އެއްބާރުލުމުގެ ރޫޙެއް. އަދި ބިނާކުރަނިވި ޚިޔާލުތަކާއި ޝުޢޫރުތައް ފާޅުކޮށް ހެދުމުގެ އާ ދިރުމެއް.

ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި، މި ހިތްހަމަޖެހުމުގެ މަސްރަޙު އަދި މި އަމަންއަމާންކަން ޤާއިމުވެފައިވާ މާޙައުލު އަޅުގަނޑުމެންގެ ރާއްޖެއަށް ގެނެވިފައި މިވަނީ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ މަސައްކަތުން. ރާއްޖޭގެ ރައްޔިތުންނަކީ ސިޔާސީގޮތުން ހަރުދަނާ، ޤާނޫނަށް ޙުރްމަތްތެރިކޮށްހިތާ، ޑިމޮކްރަސީގެ އުޞޫލުތަކަށް ލޯބިކުރާ ބަޔަކަށްވާކަމުން. އަޅުގަނޑު މިދެންނެވި ބަހުގެ އެންމެ އަލިގަދަ އެއް ދަލީލަކީ، ވޭތުވެދިޔަ ފަސްއަހަރުގެ ތެރޭގައި ރާއްޖެއާ ކުރިމަތިވި އެކިއެކި ހާދިސާތަކުގައި، ރާއްޖޭގެ އިޚްލާޞްތެރި ރައްޔިތުން ދެއްކެވި ކިޔަމަންތެރިކަމާއި ސާބިތުކަން. ހޭލުންތެރިކަމާއި ވިސްނުންތެރިކަން.

އަދި އަޅުގަނޑު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ދެވަނަ ދައުރަކަށް ހަވާލުވެ، އެކަމުގެ މުހިންމު އަދި ބުރަ މަސްއޫލިއްޔަތު ކޮނޑުގައި އަޅަމުން މިއަދު މިވާހަކަދައްކަމުން ގެންދަނީ މުޅި މި ދިވެހި ޤައުމާ. ދިވެހި ޤައުމަކީ، ހަމައެކަނި މިއަދު މިތަނަށް ހާޒިރުވެވަޑައިގެން ތިއްބެވި ބޭފުޅުންނެއްނޫން. އަދި ކީއްތޯ؟ ދިވެހި ޤައުމަކީ، މުޅި ދިވެހިރާއްޖޭގެ އެންމެން. ރާއްޖޭގެ ގަދަ ނޫކުލައިގެ ކަނޑުތަކުގައި މަސްވެރިކަން ކުރަން ތިބި މީހުން. ދޮންފަޅުތަކުގައި ފަރުހިލަންތިބި މީހުން. ފެހިދަނޑުތަކުގައި ގަސް އިންދަން ތިބި މީހުން. ފިހާރަތަކާއި، ކާރުޚާނާތަކުގައި މަސައްކަތް ކުރަން ތިބި މީހުން. ގޭގޭގައި ޅަދަރިން ތަރުބިއްޔަތު ކުރުމުގައާއި، އެ ނޫންވެސް އުފެއްދުންތެރި މަސައްކަތްތަކުގައި ޙަރަކާތްތެރިވަމުންދާ އަންހެނުން. ކުޅިވަރުގެ ދަނޑުތަކުގައި ޙަރަކާތްތެރިވަމުންދާ ޒުވާނުންނާއި، މަދަރުސާތަކުގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުން. މިހެންގޮސް ދިރިއުޅުމުގެ ހުރިހާ މަގުތަކެއްގައި ޙަރަކާތްތެރިވަމުންދާ އެންމެން. އާދެ، އަޅުގަނޑު މި ވާހަކަދައްކަނީ އެ އެންމެންނާ. އަޅުގަނޑު މި މުޚާޠަބު ކުރަނީ
މި ހުރިހާ މީހުންނާ.

ލޮބުވެތި މުވާޠިނުންނޭވެ!

މި ތާރީޚީ މުނާސަބަތުގައި، ވޭތުވެދިޔަ ފަސްއަހަރު ތެރޭގައި ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރެވުނު މަސައްކަތްތައް ރަމްޒުކޮށްދޭ ތަނެއްގައި، އާދެ، ރާއްޖޭގެ ވެރިކަން ކުރާ ރަށް މާލެ ބޮޑުކުރުމަށްޓަކައި އިތުރުކުރެވިފައިވާ ބިމުގައި ހުރެ އަޅުގަނޑު އަނެއްކާވެސް ތިޔަބޭފުޅުންނަށް ޔަގީންކޮށް މި އަރުވަނީ، އަޅުގަނޑު މި މަގާމުގައި ހުރިހާ ދުވަހަކު، މާތް ﷲ ގެ ވާގިފުޅާއެކު އަޅުގަނޑު ހުންނާނީ، އަޅުގަނޑު ދެންމެ މިކުރި ހުވައާ އެއްގޮތަށް ޢަމަލުކުރުންމަތީގައިކަން. އިސްލާމްދީނަށާއި، ރާއްޖޭގެ ޤާނޫނުއަސާސީއަށާއި، ރައްޔިތުންގެ ޙައްޤުތަކަށް ޙުރްމަތްތެރިކޮށްހިތައި، އެއިން ކަމަކަށް ޚިޔާނާތްނުވެ، އަޅުގަނޑުގެ ލިޔާޤަތު ތަންދިން އެންމެމަތީ ދަރަޖައަކަށް ޤައުމަށް ޚިދުމަތް ކުރުންމަތީގައިކަން. މާތްﷲ އަޅުގަނޑަށް މި ޢަޒުމުގައި ސާބިތުވެ ހުރުމުގެ ތައުފީޤު ދެއްވާށި.

މި ފުރުޞަތުގައި އަޅުގަނޑު ވިސްނާލަންޖެހެނީ، ހަމައެފަދައިން ތިޔަބޭފުޅުންގެ ވިސްނެވުމަށް ދަންނަވާލަންޖެހެނީ، ދެންމެ އަޅުގަނޑު މިކުރި ހުވާގައި އެކުލެވިފައިވާ މުހިންމު ބައިތަކުގެ މައްޗަށް. އިސްލާމްދީނަށާއި، ރާއްޖޭގެ ޤާނޫނުއަސާސީއަށާއި، ރައްޔިތުންގެ ޙައްޤުތަކަށް ޙުރްމަތްތެރިކޮށްހިތުން، މިއިން ކޮންމެ ބަޔަކީވެސް ނުހަނު ޚާއްޞަ ބަޔަކަށްވާއިރު، އަޅުގަނޑު ދެކޭގޮތުގައި އެ ތިންބައި އެކުވެގެން އެ ރަމްޒުކޮށްދެނީ، މުޅި ޤައުމުގެ ރައްކާތެރިކަމާއި ސަލާމަތް. މުޅި ޤައުމުގެ ޞުލްޙަމަޞްލަޙަތާއި ހަމަޖެހުން. މުޅި ޤައުމުގެ ދެމިއޮތުމުގެ ތަރައްޤީ.

އާދެ، އެންމެ ފުރަތަމަ މާތްވެގެންވާ އިސްލާމްދީނަށް ޙުރްމަތްތެރިކޮށްހިތުން. އިސްލާމްދީނަށް ޙުރްމަތްތެރިކޮށްހިތުމަކީ ރާއްޖޭގައި އިސްލާމްދީނުގެ ކަންތައްތައް ހިންގައި، އިސްލާމީ ޢަޤީދާ ދިރުވައި، އިސްލާމީ ޝިޢާރުތައް ފާޅުކުރަމުން ގެންދިޔުން. އެހެންކަމުން އިސްލާމްދީނުގެ ޢަޤީދާ ފިޔަވައި އެހެން ޢަޤީދާތައް ރާއްޖޭގައި އަށަގަތަ ނުދިނުން، އަދި އިސްލާމީ އުޞޫލުތަކަށް ޙުރްމަތްތެރިކޮށްހިތައި، އެ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރަމުން ގެންދިޔުން. އެއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަ މީހަކު މަސައްކަތްކުރަން ޖެހޭނެކަމެއްކަމާމެދަކު ޝައްކެއްނެތް. ވީމާ، މީގެ ކުރިންވެސް އަޅުގަނޑު މަސައްކަތް ކުރަމުން އައި ފަދައިން، މިއަދު މިފެށޭ އާ ދައުރުގައިވެސް އަޅުގަނޑު ކެރިހުރެ މަސައްކަތް ކުރަމުންދާނީ، ރާއްޖޭގައި އިސްލާމީ ޢަޤީދާ ހަރުދަނާކޮށް، އިސްލާމްދީނުގެ މައިގަނޑު އުސޫލުތަކާ އެއްގޮތަށް ކަންތައްތައް ހިންގަމުން ގެންދިޔުމަށް ކަމުގައި ދަންނަވަން. ރާއްޖެއަށް މިހާރު ހިސާބަކަށް ނަމަވެސް ފެތުރެމުންދާ، އިސްލާމްދީނާ ކަނޑައެޅިގެން ޚިލާފުވާ ކަންތައްތައް ހުއްޓުވަން މަސައްކަތް ކުރާނެ ވާހަކަ ޚާއްޞަ ގޮތެއްގައި މި ފުރުޞަތުގައި ހާމަކުރަން. މިގޮތުން ކުރާ މަސައްކަތަކީ، ބައެއް ކަހަލަ މީހުން ނުރުހޭ ކަމެއްކަމުގައިވިޔަސް، އެއީ ﷲ ގެ މަގުގައި، އިސްލާމްދީނަށްޓަކައި، އަދި އަޅުގަނޑުމެންގެ ލޮބުވެތި ޤައުމަށްޓަކައި ކުރާ ޖިހާދެއްގެ ގޮތުގައި އަޅުގަނޑު ފިސާރި ކެރިހުރެ ކުރަމުން ގެންދާނެ މަސައްކަތެއް ކަމުގައިވެސް ދަންނަވަން.

ދެން އޮތީ ޤާނޫނުއަސާސީއަށް ޙުރްމަތްތެރިކޮށްހިތުން. ކޮންމެ ޤައުމެއްގައިވެސް ޤާނޫނުއަސާސީއަކީ، އެތާނގެ ރައްޔިތުން ގަބޫލުކުރާ އެންމެ މަތީ ބާރު. އަދި އެތަނެއްގައި ހިނގާ ޤާނޫނުތަކާއި ގަވާއިދުތައް، އޭގެ މައްޗަށް ބިނާވެފައި އޮންނަންޖެހޭ ބިންގާ. ޤާނޫނުއަސާސީ އޮންނަންވާނީ އެންމެންނަށްވުރެ މަތީގައި. ޤާނޫނުއަސާސީއަށްވުރެ މަތީގައި ހަމަ އެކަކަށްވެސް ހުރެވިގެންނުވާނެ. ކޮންމެ ރައްޔިތަކުވެސް އަދި ޤައުމުގެ ރައީސަކަށް ހުންނަ މީހަކުވެސް އެ ޤާނޫނުއަސާސީއަށް ޙުރްމަތްތެރިކޮށްހިތަންޖެހޭނެ. އެ ޤާނޫނުއަސާސީ ރައްކާތެރިކޮށް، އެ ޤާނޫނުއަސާސީ ހިންގާ ދެމެހެއްޓުމަށް މަސައްކަތްކުރަންވާނެ.

ވީމާ، މިމަގާމުގައި އަޅުގަނޑު ހުންނަހާ ހިނދެއްގައި އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ޤާނޫނުއަސާސީ ރައްކާތެރިކުރުމަށް މަސައްކަތްކުރާނަން. އަޅުގަނޑު ތަކުރާރުކޮށް ދަންނަވަން. ހަމަ އެއްވެސް މީހަކު ޤާނޫނުއަސާސީއާ ޚިލާފު ޢަމަލެއް ހިންގައިފިނަމަ، އެމީހަކާމެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އަޅާނަން.

އަޅުގަނޑު މިއަދު ކުރި ހުވާގައި ހިމެނޭ ތިންވަނަ ބަޔަކީ، ރައްޔިތުންގެ ޙައްޤުތަކަށް ޙުރްމަތްތެރިކޮށްހިތުން. ރައްޔިތުންގެ ޙައްޤުތަކޭ ބުނުމުން، އޭގައި ދެ ބާވަތެއްގެ ޙައްޤުތަކެއް ހިމެނޭކަން ފާހަގަކޮށްލަންޖެހޭ. އެއްބާވަތަކީ ޖުމުލަކޮށް ޖަމާޢަތުގެ، އާދެ، ހުރިހާ ރައްޔިތުންގެ ނުވަތަ މުޅި ޤައުމަށް ނިސްބަތްކުރެވޭ ޙައްޤުތައް. މީގެތެރޭގައި ހިމެނޭ މުހިންމު ކަންކަމަކީ، ޤައުމުގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު، އަމަންއަމާންކަމާއި މަޞްލަޙަތު، ސިޔާސީ ހަމަޖެހުމާއި ހަރުދަނާކަން، އިޤްތިޞާދީ ކުރިއެރުމާއި، އިޖުތިމާޢީ ތަރައްޤީ.

ވީމާ، ޤައުމުގެ މިނިވަންކަމާއި އަމިއްލަވަންތަކަން ރައްކާތެރިކުރުމަށް އަދި ބޭރު ބައެއްގެ ނުފޫޒު ރާއްޖެއަށް ވެރިވިޔަނުދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހަކު މަސައްކަތްކުރަންޖެހޭނެ. ތަނުގެ ސިޔާސީ ހަމަޖެހުމާއި ހަރުދަނާކަން ދެމެހެއްޓުމަށް އަދި ޤައުމު އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީކުރުމަށް ފިޔަވަޅުތައް އަޅަންޖެހޭނެ. ރާއްޖޭގެ ކަންތައްތައް ހަރުދަނާގޮތެއްގައި އިޞްލާޙުގެ މަގުން ކުރިއަށް ގެންދެވޭތޯ އަޅުގަނޑަށް ކުރެވެން އޮތްހާ މަސައްކަތެއް ވޭތުވެދިޔަ ފަސްއަހަރު ތެރޭގައިވެސް މިއައީ ކުރަމުން. ކުރިއަށް އޮތް ތާނގައިވެސް، އަޅުގަނޑު ޢަމަލުކުރަމުން ގެންދާނީ މާތް ﷲ ގެ ތައުފީޤާއެކު، އެގޮތުގެމަތިންކަން ޔަޤީންކޮށް އަރުވަން.

ރައްޔިތުންގެ ޙައްޤުތަކުގައި ހިމެނޭ އަނެއް ބަޔަކީ، ރައްޔިތުންގެ އަފުރާދުންގެ އަމިއްލަ ޙައްޤުތައް. އަފުރާދުންގެ ޙައްޤުތައް ރައްކާތެރިކޮށްދޭނޭ ޤާނޫނުތައް ވަނީ ހެދިފައި. ވެރިކަމުގެ ފަރާތުން ރައްޔިތުންގެ ޙައްޤުތަކަށް ޙުރްމަތްތެރިކޮށްހިތުމަކީ ޝަރީޢަތާއި ޤާނޫނުން، މީހުންނަށް ލިބިދޭ ޙައްޤުތައް ރައްކާތެރިކޮށްދިނުން. އެ ޤާނޫނުތައް ހަރުދަނާގޮތެއްގައި ހިންގަމުން ގެންދިޔުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރުމުގައި، މިއަދު މި ފެށޭ ރައީސްކަމުގެ އާ ދައުރުގައިވެސް، ﷲ ގެ ޙަޟްރަތުން ވާގި އެދިހުރެ އަޅުގަނޑު ދެމިހުންނާނެ ވާހަކަ މި ފުރުޞަތުގައި ދަންނަވަން.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ދެވަނަ ފަހަރަށް އަޅުގަނޑު ހޮވުނުކަމީ، އަދި މިކަމުގައި ރައްޔިތުންގެ ތާއީދާއި އިތުބާރު އިތުރުވެގެންދިޔަކަމީ، ވޭތުވެދިޔަ ފަސް އަހަރު ހިންގަމުން އައި ސިޔާސަތު ކުރިއަށް ގެންދިޔުމަށް، ރައްޔިތުން އެދޭކަމުގެ ދަލީލެއް. އެހެންކަމުން، މި މަގާމުގައި ހުރެ އަޅުގަނޑު ދަންނަވާނީ، މިއަދު މިފެށޭ ރިޔާސީ އާ ދައުރުގައިވެސް ދައުލަތް ހިންގުމުގެ ސިޔާސަތަކަށްވާނީ، މީގެކުރިންވެސް ހިންގަމުން އައިސްފައިވާ ސިޔާސަތޭ. ރާއްޖޭގެ ދާޚިލީ ސިޔާސަތަކަށް އަދި ޚާރިޖީ ސިޔާސަތަކަށްވެސް ބަދަލެއް ނާންނާނެއޭ. އަޅުގަނޑުމެންގެ ދާޚިލީ ސިޔާސަތު ބިނާވެފައިވަނީ، ރައްޔިތުންގެ މެދުގައި ޢަދުލުއިންޞާފާއި ހަމަހަމަކަން ޤާއިމުކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ތަރައްޤީކުރުމުގެ މަގުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރުމުގެ މައްޗަށް. އަދި މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުން ޤައުމުގެ ކަންތައްތައް އިޞްލާޙުކޮށް ކުރިއަށް ގެންދިޔުމަށް ބާރުއެޅުމުގެ މައްޗަށް.

އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތަކީ، ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވެރިކަމަށް ޤަދަރުކުރާ ހުރިހާ ފަރާތްތަކާ، އަދި ޚާއްޞަކޮށް، އިސްލާމީ ޤައުމުތަކާ ގުޅުން ބަދަހިކޮށް އެކުވެރިކަން އާލާކުރުން. ދުނިޔޭގައި ޢަދުލުއިންޞާފާއި ޞުލްޙަ ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ތާއީދުކޮށް، އެ މަސައްކަތްތަކުގައި ވެވުނުވަރަކުން ބައިވެރިވުން. ވަކި ފަރާތަކަށް ނުޖެހުމުގެ އުސޫލުގައި ހިފެހެއްޓުމާއެކު، ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި ދެކޮޅުވެރިކަން އުފެދުނަ ނުދިނުމަށާއި، ހަތިޔާރުގެ ވާދަވެރިކަން ނައްތާލުމަށް، އަދި މިކަންކަމުން ދުނިޔެއަށް ވެރިވަމުންދާ ނުރައްކާތެރިކަމާއި ބިރުވެރިކަން، ވީވަރަކުން ކުޑަކުރުމަށް. އ.ދ. މަޖިލީހާއި، އެހެންވެސް ރަޙްމަތްތެރި ޤައުމުތަކާއެކު މަސައްކަތްކުރުން.

ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް މިނިވަންކަމަށްޓަކައި މަސައްކަތްކުރާ މީހުންނަށް އަޅުގަނޑުމެން ތާއީދުކުރަން. ވަކީން ޚާއްޞަކޮށް، ފަލަސްޠީނުގެ މީހުން، އެމީހުންގެ ޙައްޤުތައް ހޯދުމަށް ކުރާ ޖިހާދަށާއި، އަނިޔާ ލިބެމުންދާ ދެކުނު އެފްރިކާގެ މީހުންގެ މަސައްކަތަށް އަޅުގަނޑުމެންގެ އެއްބާރުލުން ލިބެމުންދާނެ.

އެއްވެސް ޤައުމެއް، އެހެން ޤައުމެއްގެ ދާޚިލީ ކަންތައްތަކާ ބެހުމަކީ، އަޅުގަނޑުމެން ދެކޮޅުހަދާ ކަމެއް. އަދި ކުދިކުދި ޤައުމުތަކުގައި ހިނގާ ދާޚިލީ މައްސަލަތަކާ ގުޅިގެން ހަތިޔާރު ބޭނުންކޮށްގެން އެހެން ޤައުމުތައް، އެތަންތަނަށް ވަނުމަކީ އަޅުގަނޑުމެން ވަރަށް ހިތްހަމަނުޖެހޭ ކަމެއް. އަޅުގަނޑުމެންނަކީވެސް ވަރަށް ކުޑަކުޑަ ޤައުމަކަށްވާތީ، މިފަދަ ކަންތައްތަކާ އަޅުގަނޑުމެން މިތިބީ ކަންބޮޑުވެފައި. ވީމާ، އަޅުގަނޑުމެންގެ ސަލާމަތަށްޓަކައި، އަދި ދުނިޔޭގެ ޞުލްޙައަށްޓަކައިވެސް، އެ ކަނޑެއްގައި އަޅުގަނޑުމެން މިތިބަ އިންޑިޔާކަނޑު، ޞުލްޙައިގެ ސަރަޙައްދަކަށް ހެދުމުގެ ބޭނުންތެރިކަން އިހަށްވުރެވެސް މިހާރުވަނީ ބޮޑުވެފައިކަން އަޅުގަނޑުމެންނަށް އިޙްސާސްކުރެވޭ. ދުނިޔޭގެ އިޤްތިޞާދީ ކަންތައްތަކުގައި، ތިންވަނަ ދުނިޔޭގެ ޤައުމުތަކުގެ ޙައްޤުތައް ރައްކާތެރިކޮށްދޭ އިންޞާފުވެރި އުސޫލުތަކެއް ޤާއިމުކުރުމަށާއި، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކަށް ޚާއްޞަ ޢިނާޔަތްތަކެއް ލިބިދިނުމަށްޓަކައި ކުރެވޭ މަސައްކަތްތަކަށް އަޅުގަނޑުމެން ތާއީދުކުރަން.

ލޮބުވެތި މުވާޠިނުންނޭވެ!

އަޅުގަނޑުމެންގެ ޤައުމުގެ ޙަޔާތުގައި މިހާރު މިވަނީ އާ ދައުރެއް ފެށިފައި. ޤައުމުގެ ދާޚިލީ ކަންތައްތަކަށް ބަލާއިރު، ސިޔާސީ ރޮނގުން އަޅުގަނޑުމެން މިހާރު މިވަނީ އާ ހިސާބަކަށް އައިސްފައި. އިޤްތިޞާދީގޮތުން އަޅުގަނޑުމެން މި ތިބީ އާ ފެންވަރަކަށް ނުކުމެވިފައި. ޚާރިޖީގޮތުން ވިސްނާއިރު، ބައިނަލްއަޤްވާމީ ދުނިޔޭގައި އާ މަންޒިލަކަށް ދަތުރުކޮށްފައި. ބޭރު ޤައުމުތައް، އަޅުގަނޑުމެންނާމެދު މިހާރު ބަލަމުންދަނީވެސް އާ ދުރުމީތަކަކުން.

ކަން މިހެން ހުރުމާއެކު، އަޅުގަނޑުމެންގެ ޤައުމީ ޙަޔާތުގެ މި އާ ދައުރު، މިހާރަށްވުރެ ބާއްޖަވެރިކުރުމަށްޓަކައި އިތުރު މަސައްކަތްތައް ކުރުމަކީ އަޅުގަނޑުމެން އެންމެންގެ ވާޖިބެއްކަން ކަށަވަރު. ޤައުމުގެ ތަނަވަސްކަމާއި ކުރިއެރުމަކީ، ސަރުކާރު ހިންގަން ތިބި ބައެއްގެ އެކަނި މަސައްކަތުން ހޯދޭނެ އެއްޗެއްނޫން. ނުވަތަ ޤައުމުގެ ވަކި ބަޔަކު އެކަނި ކުރާ މަސައްކަތަކުންވެސް ލިބޭނެ އެއްޗެއްނޫން. ޤައުމުގެ ތިޔާގިކަމާއި ތަރައްޤީ ބިނާވެފައިވަނީ ޤައުމުގެ އެންމެންގެ ލެޔާއި ދާ އެއްކޮށްލައިގެން ކުރާ މަސައްކަތެއްގެ މައްޗަށް. ޤައުމުގެ އެންމެން އެއްހިތުންވާ ޤުރުބާނީއާއި ކުރާ ހިންމަތެއްގެ މައްޗަށް.

އެހެންކަމާއެކު، މިއަދު މި ފެށޭ އާ ދައުރާއެކު، އަޅުގަނޑުމެންގެ ޤައުމު މިހާރަށްވުރެ ބާއްޖަވެރިކުރެވޭތޯ އަޅުގަނޑުމެން އެންމެން އެއްބާރުލައިގެން މަސައްކަތް ކުރަން ފަށަމާ ހިންގަވާ!

މި އިސްލާމީ ޤައުމުގައި މާތްވެގެންވާ އިސްލާމްދީނުގެ ދިދައިގެ މައްޗަށް އެހެން އެއްވެސް ދިދައެއް އުފުލުނަ ނުދެމާ ހިންގަވާ!

މި މިނިވަން އުންމަތުގެ މިނިވަންކަމާއި ސިޔާދަތަށް އެއްވެސްކަހަލަ އުނިކަމެއް އަޔަނުދީވޭތޯ ބަލަމާ ހިންގަވާ!

މި ދިވެހި ވަޠަނުގެ ދިވެހިވަންތަކަން ދިރުވުމަށް އާ ހިތްވަރެއް ލަމާ ހިންގަވާ!

މާތްﷲ، އަޅުގަނޑުމެންގެ ދިވެހި ޤައުމު އަބަދުވެސް ނަޞްރާއި ނަޞީބުގެ މަގުގައި ސާބިތުކަމާއެކު ކުރިއަރަމުން ދިޔުމުގެ ތައުފީޤު ދެއްވާށި! އާމީން.

”وَمَا جَعَلَهُ اللَّـهُ إِلَّا بُشْرَىٰ وَلِتَطْمَئِنَّ بِهِ قُلُوبُكُم وَمَا النَّصْرُ إِلَّا مِنْ عِندِ اللَّـهِ إِنَّ اللَّه عَزِيزٌ الْحَكِيمِ. رَبَّنَا ءَاتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا.“

والسّلام عليكم ورحمـة اللّـه وبركاته.