بســم اللّـه الرّحمـن الرّحيــم

ޢިއްޒަތްތެރި މިނިސްޓަރ އޮފް ފިޝަރީޒް، ޢިއްޒަތްތެރި މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް، ވަޒީރުންގެ މަޖިލީހުގެ މެންބަރުން، ރާއްޖޭގެ އުއްތަމަފަނޑިޔާރު، ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި ޢިއްޒަތްތެރިން، މި ބަޙުޘްކުރުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި މާލެއިންނާއި ރާއްޖެތެރެއިން ވަޑައިގެން ތިއްބެވި މަންދޫބުން، އަދި މި ބަޙުޘް ކުރުމުގެ ޖަލްސާ ހުޅުވުމުގެ އިޙުތިފާލަށް މިރޭ މިތަނަށް ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން؛

السّلام عليكم ورحمـة اللّـه وبركاته.

އާދެ، މިރޭ މިހުޅުވޭ ސެމިނާރަކީ، އަޅުގަނޑުހިތުން ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ މުހިންމު ސެމިނާރު. ދުނިޔޭގެ އެކި ޤައުމުތަކުގައި، އެކި މުހިންމު ކަންތައްތަކާ ބެހިގެން ތަފާތު ޖަލްސާތައް ބާއްވައި ޚިޔާލުފާޅުކުރެވެމުންދޭ. ހަމައެފަދައިން، އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ތަފާތު ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރުމަށްޓަކައި މިނޫން އެހެން ޖަލްސާތައް ބޭއްވިފައިވޭ، އެކިއެކި ދާއިރާތަކުގައި. ބައެއްފަހަރަށް އަޅުގަނޑުމެންގެ ޞިއްޙީ ޚިދުމަތްތަކާ ބެހޭގޮތުން. އަނެއްބައިފަހަރަށް އަޅުގަނޑުމެންގެ ތަޢުލީމީ ޚިދުމަތްތަކާ ބެހޭގޮތުން. އަދި މިނޫން ދާއިރާތަކާ ބެހޭގޮތުންވެސް މި ދެންނެވިފަދަ ބަޙުޘް ކުރުމުގެ ޖަލްސާތަކާއި، މަޝްވަރާ ކުރުމުގެ އެއްވުންތައް ދަނީ ބޭއްވެމުން. އެހެންނަމަވެސް، މިހާތަނަށް މަސްވެރިކަމާބެހޭ މިފަދަ ޖަލްސާއެއް ބޭއްވިފައެއް ނެތް. އެހެންކަމާއެކު، މަސްވެރިކަމާބެހޭ މިބާވަތުގެ ޖަލްސާއެއް ބޭއްވުމުގެ ބޭނުންތެރިކަން ވަރަށްގިނަ ފަރާތްތަކަކަށް އިޙްސާސް ކުރެވެމުންދާތާ ދުވަސްތަކެއްވެއްޖެ. ދެންމެ މިސެމިނާރު އިންތިޒާމު ކުރައްވާ އެއްފަރާތެއް ކަމުގައިވާ މިނިސްޓަރ އޮފް ފިޝަރީޒް އެ ވިދާޅުވިފަދައިން، މިސެމިނާރުގެ ޚިޔާލަކީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިއްސުރެ ސަރުކާރުގެ ވުޒާރާތަކުގައި އުޅެމުންދާ ޚިޔާލެއް. މަސްވެރިކަމާބެހޭ ކަންކަމުގައި ސަރުކާރަށް ލަފާދޭ މަޖިލީހުގައިވެސް މި ޚިޔާލުފާޅުކުރެވި، އެއަށް ތަރުޙީބު ލިބިފައިވާ ކަމަށް ދެންމެ މިނިސްޓަރ އަޅުގަނޑުމެންނަށް ހާމަކޮށްދެއްވައިފި. އެހެންނަމަވެސް، ދިމާވި އެތައް ސަބަބުތަކަކަށްޓަކައި މިހާތަނާ ޖެހެންދެން މިއެއްވުން، ނުވަތަ މި ބައްދަލުވުން އަދި މިއޮތީ ނުބޭއްވި.

މިދިޔަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ކަންތައްތައް ރައީސް އޮފީހުން ބެލި ބެލުމެއްގެ ތެރޭގައި، މަސްވެރިކަމާބެހޭ ދާއިރާއާ ދޭތެރޭގައިވެސް ވަރަށްބޮޑަށް ޚިޔާލުކުރެވުނު. އެ ޚިޔާލު ކުރެވުނުއިރު އެންމެބޮޑަށް އަޅައިގަތްކަމަކީ، މަސްވެރިކަންދަނީ އެއްދުވަހުން އަނެއްދުވަހަށް ދަށަށްކަން. ވަރަށް ހިތާމަވެރި ޙަޤީޤަތެއް. އެހެންނަމަވެސް، އަޅުގަނޑުމެން މިއަދު ގަބޫލުކުރަން މަޖުބޫރުވެފައިވާ ޙަޤީޤަތެއް. ރާއްޖޭގެ އުފެއްދުންތެރި ހުރިހާ މަސައްކަތްތަކެއް، ހިތްހަމަޖެހުމާއެކު ދަންނަވަންޖެހެނީ އެއްދުވަހުން އަނެއްދުވަހަށް ދަނީ ކުރިއަށޭ. އަޅުގަނޑުމެންގެ ވިޔަފާރިދަނީ އެއްދުވަހުން އަނެއް ދުވަހަށް ކުރިޔަށް. އަޅުގަނޑުމެންގެ މަސައްކަތްތެރިކަންދަނީ އެއްދުވަހުން އަނެއް ދުވަހަށް ކުރިޔަށް. އަޅުގަނޑުމެންގެ ޓޫރިޒަމް ނުވަތަ ޞިޔާޙަތުދަނީ އެއްދުވަހުން އަނެއް ދުވަހަށް ކުރިޔަށް. އެހެންނަމަވެސް، ޒަމާނުއްސުރެ ރާއްޖޭގެ އެންމެ ގިނަ މީހުން ކުރަމުން އައި، އަދި ރާއްޖޭގެ އިޤްތިޞާދު އޭގެމައްޗަށް ބިނާވެފައިވާ އެންމެ މުހިންމު މަސައްކަތް، މަސްވެރިކަންދަނީ އެއްދުވަހުން އަނެއްދުވަހަށް ދަށަށް. އާދެ، އަޅުގަނޑު އެހެން މިދަންނަވަނީ ސަރުކާރުގެ ކަމާބެހޭ އޮފީސްތަކުން ނަންގަވާފައިވާ މަޢުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް. އަޅުގަނޑުމެން މަސް ބާނާފައިވާވަރު ނުވަތަ އަޅުގަނޑުމެން މަސް ހިފާފައިވާވަރު، އެއަށް ބަލައިލުމުންވެސް، ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި މިދަންނަވާ ޙަޤީޤަތް އެއީ ތެދެއްކަން ގަބޫލުކުރަންޖެހޭ.

އާދެ، 1974 ވަނަ އަހަރު، މީގެ 9 އަހަރު ކުރިން ދިވެހިރާއްޖެއަށް ބޭނި ނުވަތަ ހިފި މަހުގެ ޢަދަދަކީ، މި ދެންނެވި މަޢުލޫމާތުތަކުން ދައްކާގޮތުގައި 37,300 މެޓްރިކްޓަން. ތިރީސް ހަތްހާސް މެޓްރިކް ޓަނަށްވުރެ ގިނަ އަދަދަކަށް މީގެ 9 އަހަރުކުރިން އަޅުގަނޑުމެން މަސްބާނާފައިވޭ. ނުވަތަ މަސްހިފާފައިވޭ. މިދިޔަ އަހަރު، 1982 ވަނަ އަހަރު، އެއީ މިދެންނެވި ތާރީޚުގެ 9 އަހަރު ފަހުން އަޅުގަނޑުމެންނަށް ބޭނިފައިވަނީ ނުވަތަ ހިފިފައިވަނީ އެންމެ 30,300 މެޓްރިކްޓަނުގެ މަސް. އެހެންވީމާ، ވޭތުވެދިޔަ 9 އަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑުމެން ހިފި ނުވަތަ ބޭނިމަހުގެ ޢަދަދު ހަތްހާސް މެޓްރިކްޓަން ދަށަށް ހިނގައްޖެ. ދަށަށް އެ ޢަދަދު ދިޔައިރު، އެހާ މަތީ އަދަދަކަށް އަޅުގަނޑުމެންނަށް ބޭނުނު، ނުވަތަ ހިފުނުމަސް ދަށަށްދާންވީ ސަބަބެއް ސާފުކޮށް އެނގޭކަށްނެތް. އެހެން މިދަންނަވަނީ، މަސްވެރިކަން ތަރައްޤީ ކުރުމަށްޓަކައި، ކުރިއެރުވުމަށްޓަކައި، އެކި ފަރާތްފަރާތުން ކުރަމުންގެންދާ މަސައްކަތްތަކާއި އަދި މަސްވެރިންނަށް ލިބިފައިވާ ފަސޭހަތަކަށް ބަލާއިރު، 1974 ވަނަ އަހަރު، މުޅިރާއްޖޭގައި ހުރީ އިންޖީނު ބެހެއްޓި އެންމެ މަސްދޯންޏެއް. 1982 ވަނަ އަހަރު ނިމުނުއިރު، އިންޖީނު ބެހެއްޓި 1166 މަސްދޯނި ރާއްޖޭގައި ހުރި. މިއަހަރުގެ އޮގަސްޓުމަސް ނިމުނުއިރު، އެ ޢަދަދު 1298 އަށް ބަދަލުވެއްޖެ. އާދެ، ގާތްގަނޑަކަށް އިންޖީނު ބެހެއްޓި 1300 މަސްދޯނި މިހާރު ރާއްޖޭގައި އެބަހުރި.

ދެން އޮތީ ތެލުގެ މައްސަލަ. ތެލުގެ އަގުވެސް ވޭތުވެދިޔަ ބައެއް އަހަރުތަކުގައި ކުޑަކޮށް މައްޗަށްދިޔަކަމުގައިވިޔަސް މިހާރު އެ އަގުދަނީ ދަށަށް. އާދެ، އަޅުގަނޑު އަތުގައި އޮތް ހިސާބު ބުނާގޮތުން 1980 ވަނަ އަހަރު ޑީސަލް ލީޓަރެއް ލިބެނީ 2/52 ރުފިޔާއަށް. 1981 ވަނަ އަހަރު 2/91 ރުފިޔާއަށް ބޮޑުވި. 1982 ވަނަ އަހަރު 2/84 ރުފިޔާއަށް ތިރިވި. މިހާރުވެސް އޮތީ އެވަރަށް. އެހެންވީމާ، ދުނިޔޭގެ އެހެން ޤައުމުތަކާ އަޅައިބަލާއިރު، އަޅުގަނޑުމެންގެ ރާއްޖޭގައި ތެލުގެ އަގު މައްޗަށް ދިޔައީ ވަރަށް ކުޑަކުޑަ ޢަދަދަކަށް، ވަރަށްކުޑަ މިންވަރަކަށް. އެހެން ތަންތާނގައި އެއަށްވުރެ މާބޮޑު ޢަދަދަކަށް، ތެލުގެ އަގު މައްޗަށްދިޔަ. އެކަމަކު އަޅުގަނޑުމެންގެ ރާއްޖޭގައި ދިޔައީ ވަރަށް ކުޑަކޮށް. އަދި އެދިޔަ ދިޔުންވެސް މިހާރު ކުޑަތަންކޮޅެއް ތިރިޔަށް ޖެހިލައިފި.

ދެން އޮތް އަނެއްކަމަކީ، ތެޔޮ ލިބުމުގެ އިންތިޒާމު. އެއީވެސް، މަސްވެރިންނަށް ވަރަށް ދަތިވާކަމެއް. އެކަންވެސްދަނީ ކުރިއަށްވުރެ ފަސޭހަވަމުން. މީގެ ދެތިން ހަތަރު އަހަރުދުވަސް ކުރިން، ރާއްޖެތެރޭގައި މަސްކިރުވާ ބޯޓުފަހަރުން ފިޔަވައި ތެޔޮ ލިބޭނެ އެއްވެސްގޮތެއް އޮތީ ނެތިފައި. އެކަމަކު ވޭތުވެދިޔަ ދުވަސްތަކުގައި ސަރުކާރުގެ ފަރާތުން ކުރި މަސައްކަތްތަކެއްގެ ނަތީޖާއެއްގެ ގޮތުން ރާއްޖެތެރޭގެ ވަރަށް ގިނަ ރަށްރަށުން މިހާރު ތެޔޮލިބެން ހުރޭ. އެމަސައްކަތް ސަރުކާރުން ހަވާލުކުރީމާ ހިންގަވަމުން ގެންދަވަނީ، އެމް.ޓީ.ސީ.ސީ.ގެ ފަރާތުން. އެހެންވީމާ، ތެލާ ބެހޭގޮތުންވެސް މިދެންނެވީ، ތެޔޮލިބުމާ ބެހޭގޮތުންވެސް ދަންނަވަންޖެހެނީ، ގައިމުވެސް ކުރިއަށްވުރެ މިހާރު ދައްޗެއްނޫނޭ. ވިއްޔާވީ ފަސޭހައޭ. އެއީ، ކުރިން ނެތް އެތައް ރަށަކުން ތެޔޮލިބެން ހުރީމާ.

އާދެ، ބައެއް ރަށްރަށުގައި ހުންނަ ތެޔޮތާނގީތައް އޭގެބޭނުން ކުރުމުގެ ސަބަބުން ނުވަތަ ތެޔޮ ވިއްކުމުގެ ސަބަބުން ހުސްވުން އެކަށީގެންވޭ. ހުސްވުމަށްފަހު އަލުން ފުރާނުލެވި ދުވަސްކޮޅެއް ހިނގައިދާނެ. އެއީ، އަޅުގަނޑުމެންގެ ދަތުރުފަތުރުކުރުމާ، އަދި އެނޫންވެސް ދަތިތައް ހުރިގޮތުން. އެކަން އެހެން އޮތް ކަމުގައިވިޔަސް، ކޮންމެވެސްވަރަކަށް ރާއްޖެތެރެއިން މިހާރު ކުރިއަށްވުރެ މާފަސޭހަގޮތެއްގައި ތެޔޮލިބެން އެބަހުރި.

އާދެ، ދެންއޮތީ މަހުގެ އަގު. މަހުގެ އަގުވެސް ދެންނެވެން އޮތީ ގޮސްފައިވަނީ، އެއްދުވަހުން އަނެއްދުވަހަށް މައްޗަށޭ. އާދެ، މިތާނގައި މަސްވެރިން ތިއްބެވުމާއެކު، އޭގެ ތަފުޞީލުތައް ނުދެންނެވިޔަސް އެނގިވަޑައިގަންނަވާނެ، މަހުގެ އަގު އެއްއަހަރުން އަނެއް އަހަރަށް ދަށަށް ގޮސްފައިނުވާކަން. އަބަދުވެސް އަގަށް ބަދަލެއްއައްޔާ އަންނަނީ ރަނގަޅު ބަދަލެއް. އެހެންއައިސް މިހާރު ހިކިމަހުގެ އަގު ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އޮތީ މިއިން ޒަމާނަކު ރާއްޖޭގައި ނުދާހާ މަތީ އަގަކަށް ބަދަލުވެފައި. އަދި ރޯމަހުގެ އަގުވެސް ކުރިޔާ އަޅައިބަލާއިރު މިހާރު ރަނގަޅު.

އާދެ، މި ހުރިހާ ކަމެއް މިހެން ހުރިއިރުވެސް އަޅުގަނޑުމެންގެ ޖުމުލަ ޤައުމީ އުފެއްދުންތެރިކަމަށް މަސްވެރިކަން ޙިއްޞާކުރާވަރު އޮތީ އެއްއަހަރުން އަނެއް އަހަރަށް ދަށަށް ޖެހިލާފައި. އާދެ، އޭގެ ޢަދަދު ދަންނަވާލާ ކަމަށްވަންޏާ 1976 ވަނަ އަހަރު އަޅުގަނޑުމެންގެ ޖުމުލަ ޤައުމީ އުފެއްދުންތެރިކަމުގެ 100 އަކުން 30.97. ދެން ގާތްގަނޑަކަށް 100 އަކުން 31 އެއީ މަސްވެރިކަމުން ހިއްސާކުރާ އެއްޗެއް. 1979 ވަނަ އަހަރު އެ 19 އަށް ދަށަށް ހިނގައްޖެ، 100 އަކުން 19.87، 1980 ވަނަ އަހަރު އަނެއްކާވެސް ޖެހިލީ ދަށަށް. 100 އަކުން 18.48، 1981 ވަނަ އަހަރު ދިޔައީ އަދި އެއަށްވުރެވެސް ދަށަށް، 100 އަކުން 16.41، އަދި 1982 ގައި އެއަށްވުރެވެސް ދަށަށް، 100 އަކުން 16.25. އެހެންވީމާ، މިޢަދަދުތައް ދައްކާގޮތުން، މަސްވެރިކަމުން ރާއްޖޭގެ އިޤްތިޞާދަށް ކުރާ ފައިދާ، މިވޭތުވެދިޔަ ހަތަރު ފަސް އަހަރު ދުވަހުގެ ތެރޭގައި ގޮސްފައިވަނީ އެއްދުވަހުން އަނެއްދުވަހަށް ދަށަށް. އެހެންވީމާ، މި ޙަޤީޤަތްތައް ހޯދިހޯދުމުގައި އަޅުގަނޑަށް ފެނިގެން، އިޙްސާސް ކުރެވިގެން މިދިޔަ އަހަރު، ދެންމެ މިނިސްޓަރ އެވިދާޅުވި ފަދައިން، ޚިޔާލެއް އަޅުގަނޑު ދަންނަވާލީ. ކަންތައްތައް މިހެން ހުރުމާއެކު، މަސްވެރިކަމާބެހޭ ސެމިނާރެއް ބާއްވަންވީ ނޫންތޯއޭ، އެސެމިނާރުގައި މިނިވަންކަމާއެކު އެންމެން ޚިޔާލު ފާޅުކުރަންވީ ނޫންތޯއޭ، ކީއްވެގެންތޯ މަސްވެރިކަން ދަށަށްދަނީ. ސަރުކާރުން މިހާ ބޮޑެތި މަސައްކަތް ކުރާއިރު، މަސްވެރިކަން ކުރިޔަށް ގެންދިޔުމަށްޓަކައި، ތަރައްޤީ ކުރުމަށްޓަކައި. ބޭރުގެ ޤައުމުތަކުންނާއި، ބޭރުގެ ޖަމުޢިއްޔާތަކުން ވަރަށް މަތީ އަދަދަކަށް ދަރަންޏަށް ފައިސާ ނަގައިގެން ސަރުކާރުން އެކިއެކި ބޮޑެތި މަޝްރޫޢު އެބަ ހިންގާ. މިސާލަކަށް، މަސްދޯނިފަހަރުގައި އިންޖީނު ބެހެއްޓުން. އަދި މިހާރުވެސް ކުރިއަށް އެބައޮތް، މަސްވެރިކަމާބެހޭ ދުނިޔޭގެ ބޭންކުގެ ދެވަނަ މަޝްރޫޢު. ރާއްޖޭގައި އެކަންވެސް މިހާރު ހިނގަން ފަށައިފި. އަދި ކުވެއިތު ފަންޑުންވެސް ދަރަންޏަށް ފައިސާ ނަގައިގެން، މަސްވެރިކަމުގެ މުއްސަނދިކަން ރަނގަޅުގޮތުގައި ބޭނުންކުރުމުގެ މަޝްރޫޢެއް ރޭވިގެން މިހާރު ހިނގަން ފަށައިފި. އަދި މިނޫން ގޮތްގޮތުންވެސް ސަރުކާރުން މަސްވެރިކަން ތަރައްޤީކުރުމަށްޓަކައި ކުރާ މަސައްކަތްތަކާއި، ކުރާ ޚަރަދުތައް ވަރަށްބޮޑު.

އެކަންކަން އެހެން ހުރިއިރުވެސް މަސްވެރިކަމަށް އެދެވޭ ބަދަލެއް، އެދެވޭ ތަރައްޤީއެއް، އެދެވޭ ކުރިއެރުމެއް ނުލިބެނީ ކީއްވެގެންބާވައޭ އަޅުގަނޑު ދެންނެވީ. އަޅުގަނޑުމެން ވިސްނަންވެއްޖެއޭ، އަޅުގަނޑުމެން އެންމެން ޚިޔާލުފާޅުކޮށް މަޝްވަރާ ކުރަންވެއްޖެއޭ، ކީއްވެގެންތޯ މިހެންވަނީ. ސަރުކާރަށް ނޭނގޭ އިތުރު ސަބަބުތަކެއް ހުރިތޯ ބަލަންވެއްޖެއޭ. ހުރުން އެކަށީގެންވޭ. އެއީ، ކޮންމެ ކަމެއްގައިވެސް ފޮރުވިފައިވާ ސިއްރުތަކެއް ހުރުން އެކަށީގެންވޭ. އަޅުގަނޑު މިދެންނެވި މަޢުލޫމާތުތަކާއި ޢަދަދުތައް އެއީ ޙަޤީޤަތަކަށްވިޔަސް، ފަހަރެއްގައި މަސްވެރިންނަށް ދިމާވާ އެތަކެއް ދަތިތަކެއް ހުރެދާނެ. އެދަތިތައް އެއީ ކިހާވަރެއްގެ ދަތިތަކެއްކަން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ރަނގަޅަށް އިޙްސާސް ނުކުރެވެންޏާ، އެދަތިތައް ފިލުވައިދިނުމާ ބެހޭގޮތުން ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް ނޭޅިފައި އޮވެދާނެ.

އެހެންވީމާ، ބޭނުމަކީ މިފަދަ ބައްދަލުވުމެއް ބައްދަލުވާއިރު، މަސްވެރިކަމާބެހޭ ހުރިހާ ދާއިރާއެއްގެ ބޭފުޅުން، އެކަމުގައި އުޅުއްވާ ފަރާތްތަކާ ޚިޔާލު ބަދަލުކުރެއްވުން. ކީއްވެގެންތޯ މިހެންމިވަނީ. މަސްވެރިކަން ކުރިޔަށްނުދަނީ ކީއްވެގެންތޯ؟ ކޮބައިތޯ ހުރި ދަތިތަކަކީ، އެ ދަތިތައް ފިލުވައިލަން އަޅާނީ ކޮންކޮން ފިޔަވަޅެއްތޯ؟ އެހެންވީމާ، މި ސެމިނާރު އެންމެފަހުން އިންތިޒާމު ކުރެވިގެން މިރޭ މިފެށެނީ. އަޅުގަނޑުގެ އެދުމަކީ، މި ސެމިނާރުގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކަކުން، ވީހާ ޞަރީޙަކޮށް އެއްވެސް ފޮރުވުމެއްނެތި، މައްސަލަ އޮތްގޮތް ސާފުކޮށްދެއްވަމުން ގެންދެވުން. މަސްވެރިންވެސް ބަޔާންކުރަންވީ، ކީއްވެގެންތޯ އެމީހުންނަށް މަހަށްދިޔުން ދަތިކަމަކަށްވެފައި އޮންނަނީ. ކީއްވެގެންތޯ، މަސްވެރިކަން އެދެވޭގޮތަކަށް ނުކުރެވެނީ. ކޮބައިތޯ، އެމީހުންނާ ކުރިމަތިވާ ދަތިތަކަކީ. އެމީހުން ސާފުކޮށް ބުނަންވީ. ސަރުކާރުގެ ކަމާބެހޭ އެހެން ފަރާތްތަކުންވެސް އެކަމާ ދޭތެރޭގައި ޚިޔާލުފާޅުކުރައްވައި ހައްދަވަންވީ. ކޮބައިތޯ، އެދަތިތައް ފިލުވައިލުމަށްޓަކައި ސަރުކާރުން އެޅެންއޮތް ފިޔަވަޅުތަކަކީ. ސަރުކާރަށް އެފިޔަވަޅުތައް އެނގިގެންނޫނީ، އެދަތިތައް ފިލުވައިލެވޭކަށް ނޯންނާނެ. އެހެންވީމާ، އަޅުގަނޑުގެ އެދުމަކީ، މިދެންނެވިފަދައިން، ހަމަ ކޮންމެ ބައިވެރިޔަކުވެސް މިނިވަންކަމާއެކު، އެމީހަކަށް ކުރިމަތިވާ ނުވަތަ އެމީހާގެ ނަޒަރުގައި މަސްވެރިކަމަށް ކުރިމަތިވާ ދަތިތައް، މި ސެމިނާރުގައި ފާޅުކުރެއްވުން. އޭރުން މިސެމިނާރުގެ ނަތީޖާ އަޅުގަނޑުމެންނަށް ލިބޭނީ.

މި ސެމިނާރުގެ މަޤްޞަދު ދެންމެ މިނިސްޓަރ ބަޔާންކުރެއްވިއިރު އެވިދާޅުވި ފަދައިން، މީގެ މަޤްޞަދަކީ، މަސްވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގައި އެހާ މުހިންމު ބައެއް އަދާކުރާ މަސައްކަތަކަށްވެފައި، މަސްވެރިކަމަށް ކުރިމަތިވެފައިވާ ދަތިތަކެއްގެ ސަބަބުން މަސްވެރިކަން ކުރިޔަށްނުދާތީ، އެކަމާ ބެހޭގޮތުން މަސްވެރިކަމުގެ ދާއިރާގައި އުޅޭ އެންމެން އެއްތަނަކަށް އެއްވެ ޚިޔާލުފާޅުކޮށް، މަޝްވަރާކޮށް، ޤައުމީ ފެންވަރެއްގައި ގޮތްތަކެއް ހުށަހެޅުން. ސަރުކާރަށް އެ ގޮތްތައް ހުށަހަޅަންވީ. އޭރުން ސަރުކާރުން އެކަމާ ދޭތެރޭގައި ޚިޔާލުކޮށްފައި، އޭގެތެރެއިން ޢަމަލީގޮތުން ކުރެވެންއޮތް ކަންތައްތައް ކުރަމުން ގެންދާނެ.

އަޅުގަނޑުމެންގެ މަސްވެރިކަމަށް ކުރިމަތިވެފައިވާ މައްސަލަތަކަކީ، ދަތިތަކަކީ، ހަމައެކަނި ސަރުކާރަށް އެނގޭނެ އެއްޗެއްނޫން. އަދި އެއާ ދޭތެރޭގައި އަޅަންޖެހޭނެ ފިޔަވަޅުތަކަކީވެސް ހަމައެކަނި ސަރުކާރަށް ނިންމޭނެ ފިޔަވަޅުތަކެއްނޫން. އެއަށްވުރެ މަސްވެރިކަން އެއީ، މާ މުހިންމު މަސައްކަތެއް. މަސްވެރިކަން އެއީ ހަމައެކަނި ސަރުކާރާބެހޭ މަސައްކަތެއް ނޫން. ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނާބެހޭ މަސައްކަތެއް. ދިވެހިރާއްޖޭގެ ކުރިއެރުމާއި ތަރައްޤީއާބެހޭ ކަމެއް. ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް އާމްދަނީ ހޯދުމަށްޓަކައި މީހުންކުރާ މަސައްކަތަކީ މަސްވެރިކަން. ސަރުކާރުގެ ކަމާބެހޭ ތަފާސް ހިސާބު ދޫކުރައްވާ ފަރާތުން ވިދާޅުވާގޮތުގައި، އާމްދަނީ ހޯދުމަށް މަސައްކަތްކުރާ މީހުންގެ ތެރެއިން ސަތޭކައަކުން ސާޅީސްފަހެއް އެއީ، މަސްވެރިކަމުގެ ދާއިރާގައި އުޅޭ މީހުން. އަދި މުޅި ރާއްޖޭގެ ރައްޔިތުންގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި، އެމީހުންގެ ދިރިއުޅުން ބިނާކޮށްފައި އޮންނަނީ، ސީދާގޮތެއްގައި ނުވަތަ ނުސީދާގޮތެއްގައި މަސްވެރިކަމުގެ މައްޗަށް. އެހެންވީއިރު، ކަމުގެ މުހިންމުކަން އެއީ އަޅުގަނޑުހިތުން އެއްވެސް މީހަކަށް ވަންހަނާވެގެންވާނެ ކަމެއްނޫން. މިފަދަ މުހިންމު ކަމަކަށް ކުރިމަތިވެފައިވާ ދަތިތައް ހޯދައި އަދި އެދަތިތައް ފިލުވައިލެވޭނެ ގޮތްތައް ރާވައި، ނުވަތަ އެއާ ދޭތެރޭ ޚިޔާލުކޮށް، ސަރުކާރަށް ލަފާދިނުމަކީ، އަޅުގަނޑު ދަންނަވާނީ މުޅި ޤައުމުގެ ވާޖިބެކޭ. އެއީ، ހަމައެކަނި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކުރެވޭނެ ކަމެއްނޫނޭ. އެހެންވީމާ، މި ސެމިނާރު މި ބޭއްވުނީ. އަދި މި ސެމިނާރުގައި ކަމާބެހޭ ހުރިހާ ފަރާތްތަކަށް ދަޢުވަތު އެރުވިގެން، އެހުރިހާ ފަރާތްތަކެއް މިސެމިނާރުގައި ބައިވެރިވެވަޑައިގަންނަވާ ގޮތަކަށް ހަމަޖެހިފައި މިވަނީ.

އާދެ، މަސްވެރިކަމުގެ މުހިންމުކަން އެއީ، އަޅުގަނޑުހިތުން އަޅުގަނޑުމެން މާގިނައިރު ބަޙުޘް ކުރަންޖެހޭނެ ކަމެއްނޫން. އަޅުގަނޑުމެންގެ ތާރީޚަށް ބެލިޔަސް އޭގެ މުހިންމުކަން އަޅުގަނޑުމެންނަށް އެނގޭ. މިހާތަނާ ޖެހެންދެން ރާއްޖޭގައި މިވޭތުވެދިޔަ ދެހާސް އަހަރު ނުވަތަ ތިންހާސް އަހަރު، މީހުން ދިރިއުޅެމުން އައިސްފައިވަނީ ކިހިނެއްތޯ ބެލިޔަސް، އަޅުގަނޑުހިތުން މަސްވެރިކަމުގެ މުހިންމުކަން އަޅުގަނޑުމެން އެންމެންނަށް ސާފުކޮށް ފިލާނެ. މިހާރު ކާބޯތަކެތި އަޅުގަނޑުމެން ރާއްޖެއަށް ވަރަށްގިނަ ޢަދަދަކަށް ބޭރުން އެތެރެކުރަމުން އެބަގެންދަމު. އަޅުގަނޑުމެން މި ކައިބޮއި އުޅޭ ކާޑުގެ ހުރިހާ ބާވަތްތައް، އަޅުގަނޑުމެން އެ ބޭނުންކުރަމުން މިގެންދަނީ ބޭރުން ރާއްޖެއަށް އެތެރެކޮށްގެން. ހަނޑޫ، ހަކުރު، ފުށް. އަދި އެނޫންވެސް އެއްޗެތި. އެކަމަކު މީގެ އެއްހާސް އަހަރު ކުރިން ނުވަތަ ދެހާސް އަހަރު ކުރިން، ޝައްކެއްނެތް، އަޅުގަނޑުމެންގެ ރާއްޖެއަކީ، އެބާވަތުގެ ތަކެތި އެތެރެކުރާ ތަނަކަށް ނުވާނެ. އޭރު ދަތުރުފަތުރު ކުރުމުގެ ކަންތައްތައް ހުރިގޮތާއި، މުވާސަލާތުގެ ދަތިކަމާއި، އަދި ވިޔަފާރީގެ ކަންތައްތައް ދުނިޔޭގައި ހުރިގޮތް. އެކަންކަމާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާލައިފިނަމަ އެނގޭނެ، އެ ޒަމާނުގައި ޤައުމުގެ ދިރިއުޅުން ބޭރުން ގެންނަ ތަކެތީގެ މައްޗަށް ބިނާކޮށްގެން ނުތިބެވޭނެކަން.

ދެން އޮތީ، ރާއްޖޭގައި އުފައްދާ ކާބޯތަކެތި. ރާއްޖޭގެ ޖަޒީރާތައް އެކުލެވިގެންވާގޮތާއި، ރާއްޖޭގެ ފަސްގަނޑާއި، އަދި އެ ފަސްގަނޑުގައި ހުންނަ އެކިއެކި މާއްދާތަކާ، މިހުރިހާ ކަމަކަށް ވިސްނާއިރު އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ، ހަމައެކަނި ރާއްޖޭގައި އުފައްދާ ކާބޯތަކެއްޗަކުން ރާއްޖޭގެ ރައްޔިތުންނަށް ދިރިއުޅެވޭވަރެއް ނުވާނެކަން. އެޒަމާނުގައިވެސް އަދި މިހާރުވެސް ދުނިޔޭގެ ބައެއް ޤައުމުތަކުގައި، އެޤައުމުތަކުން އުފައްދާ ކާބޯތަކެތިން ދިރިއުޅެވޭގޮތްވޭ. އަދި ގޮވާން ކުރުމަށާއި، ކާބޯތަކެތިއަޅާ ގަސްގަހާގެހި އިންދައި ހެއްދުމަށް އެކަށީގެންވާ މުއްސަނދި، ވަރަށްބޮޑެތި ބިންތައް ހުންނަ ތަންތާނގައި އެތަންތަނަށް ފުދޭވަރަށް ކާބޯތަކެތި އުފައްދައި ހަދާ. އަދި އެއަށްވުރެ އިތުރުވެގެން އެހެން ރަށްރަށަށް ބޭރުކޮށްވެސް ހަދާ. އެކަމަކު ރާއްޖެއަކީ، ދުވަހެއްގައިވެސް އެކަހަލަ ތަނަކަށް ވެފައިއޮތެކޭ އަޅުގަނޑަކަށް ހިޔެއްނުވޭ. އަދި ވާނެއެކޭވެސް ހިޔެއްނުވޭ، އެއީ، ކުރިންވެސް ދެންނެވިފަދައިން، ރާއްޖޭގެ ބިންގަނޑާއި، ރާއްޖޭގެ ޖަޒީރާތައް ހުރިގޮތުގެ މައްޗަށް ވިސްނާއިރު. އެހެންވީމާ، ޝައްކެއްނެތްގޮތުގައި އަޅުގަނޑުމެން ކެއުމަށް ބޭނުންކުރި ކޮންމެވެސް އެއްޗެއް އޮވެގެން ނުވަތަ ކޮންމެވެސް ތަކެއްޗެއް ހުރެގެން، މި ވޭތުވެދިޔަ ދެހާސް ނުވަތަ ތިންހާސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައްޔިތުންނަށް ދުނިޔޭގައި ތިބެވިފައި އޮންނާނީ. ޝައްކެއްނެތް، اللّـه سبحـانـه وتعـالىގެ ނިޢުމަތުން އެކަލާނގެ ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސްކޮށްދެއްވި ރިޒްޤުގެ މަގުތަކެއް ހުރެގެން، މިހުރިހާ ދުވަހު މިޤައުމު ދުނިޔޭގައި ދެމިއޮވެފައިވާނީ. އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ އެއްޗަކީ، އެ އެއްޗަކަށްވާނީ މަހޭ. އަދި އަޅުގަނޑުމެންގެ ދިރިއުޅުން، މިދިޔަ ދެހާސް ނުވަތަ ތިންހާސް އަހަރު ދުވަހުގެ ތެރޭގައި މަސްވެރިކަމުގެ މައްޗަށް ބިނާކޮށްގެންނޫނީ، މިއަދާ ޖެހެންދެން ދިވެހި ޤައުމު ދުނިޔެއަކު ނުއޮތީހޭ. އެހެންވީމާވެސް، އަޅުގަނޑުމެންނަށް އެނގޭ މަސްވެރިކަމުގެ މުހިންމުކަން. އެއީ އަޅުގަނޑުމެންނަށް ދުވަހެއްގައިވެސް އެ ދެރަކޮށްލައިގެން ނުވަތަ އިހުމާލުކޮށްލައިގެން ކުރިއަށްދެވޭނެ އެއްޗެއް ނޫންކަން.

އާދެ، ޝައްކެއްނެތް، އަޅުގަނޑުމެންގެ ވަށައިގެންވާ ނުވަތަ އަޅުގަނޑުމެންގެ ރާއްޖޭގައި އޮތް އެންމެބޮޑު ޤުދުރަތީ ޚަޒާނާއަކީ އަޅުގަނޑުމެންގެ ވަށައިގެންވާ ކަނޑު. ދެންމެ މި ޖަލްސާ ހުޅުވުނުއިރު، ހުޅުވުމަށްޓަކައި ޤުރްއާން ކިޔަވައިވިދާޅުވި ބޭފުޅަކު އެ ވިދާޅުވި އާޔަތްތަކުންވެސް އަޅުގަނޑުމެންނަށް އެކަން އެނގޭ. ﷲގެ ނިޢުމަތްތައް ބަޔާންކުރައްވަމުން ގެންދެވި ގެންދެވުމެއްގައި، ކަނޑުގެ މުހިންމުކަމާއި، އެއީ ކޮންފަދަ ނިޢުމަތެއްކަން އެކަލާނގެ އަޅުގަނޑުމެންނަށް އަންގަވައިދެއްވާފައި އެބައޮތް. ޤުދްރަތީގޮތުން ﷲ މިދުނިޔެއަށް މެދުވެރިކޮށްދެއްވާފައިވާ ނިޢުމަތްތައް ބަޔާންކޮށްދެއްވި ކޮށްދެއްވުމެއްގައި، އާދެ، ފަރުބަދަތައް، ކޯރުތައް. މިތަކެތި ބިމުގައި ލައްވާފައިވަނީ ކީއްވެގެންކަން ބަޔާންކޮށްދެއްވައި، އަދި ﷲގެ ނިޢުމަތްތައް އެއީ، އަޅުގަނޑުމެން ކިތަންމެވަރަކަށް އޭގެ ޢަދަދު ބެލޭތޯ ގުނައި ހެދިކަމުގައިވިޔަސް، އޭގެ ޢަދަދު ބެލޭވަރަށްވުރެ މާގިނަގުނަ ނިޢުމަތްތަކެއްކަން ބަޔާންކޮށްދެއްވަމުން ﷲ ބަޔާންކޮށްދެއްވާފައިވޭ، ކަނޑުގެ ނިޢުމަތުގެ ބޮޑުކަންވެސް.

އާދެ، އެ އާޔަތުގައި ތިންކަމެއް އޮތްކަމަށް އަޅުގަނޑުގެހިތަށް ވިސްނޭ. އޭގެތެރެއިން އެއްކަމަކީ، ކަނޑުން ލިބޭ މަހުގެ މުހިންމުކަން. ކަނޑުން އިންސާނުންނަށް ލިބޭ ޣިޛާގެ މުއްސަނދިކަން. އެއަށް ޤުރްއާނުގެ އާޔަތުގައި އިޝާރާތް ކުރައްވާފައިވޭ. ދެވަނަކަމަކަށް އިޝާރާތް ކުރައްވާފައިވަނީ، ކަނޑުން ލިބޭ އެހެނިހެން މަޢުދަންތަކާއި، އަގުހުރި ތަކެއްޗަށް. ޝައްކެއްނެތްގޮތުގައި، ކަނޑަކީ އޭގައި މަސް ފިޔަވައި، އެނޫން ވަރަށް މުއްސަނދި މަޢުދަންތަކެއް، މުއްސަނދި ތަކެއްޗެއް ﷲ ލައްވާފައިވާ ތަނެއް. އަޅުގަނޑުމެންނަށްވެސް އެކަން އެނގޭ. އަޅުގަނޑުމެންގެ ރާއްޖެއިންވެސް ކޮންމެވެސްވަރަކަށް މަސް ފިޔަވައި ކަނޑުން ލިބޭ އެހެން މުއްސަނދިކަންވެސް އެބަހުރި. ދުނިޔޭގެ އެހެން ތަންތާނގައި އެއަށްވުރެ މާބޮޑަށް، މާގިނަ ވައްތަރު ވައްތަރު އެބަހުރި. މިސާލަކަށް ތެޔޮ، އެއީ ކަނޑު އަޑިންވެސް ނަގާ އެއްޗެއް. ދުނިޔޭގެ ބައެއް ޤައުމުތަކުގައި ކަނޑުއަޑިން ތެޔޮނަގައި ހަދާ. އަދި އެނޫންވެސް އެބާވަތުގެ މުއްސަނދި އެތައް އެއްޗެއް ކަނޑުގައި ﷲ ވަނީ ލައްވަވާފައި. އެހެންވީމާ، އެކަމަށްވެސް އެ އާޔަތުގައި އިޝާރާތް ކުރައްވާފައިވޭ.

ދެން އިޝާރާތް ކުރައްވާފައިވަނީ، ކަނޑަކީ މުވާޞަލާތުގެ ވަރަށް މުހިންމު މަގެއްކަމަށް. ކަނޑުގައި ދަތުރުފަތުރުކޮށް އުޅޭ ނާފަހަރުގެ ސަބަބުން އިންސާނުންނަށް ލިބޭ ކުރިއެރުމާއި، ތަނަވަސްކަން، އެއަށްވެސް މާތްﷲ އިޝާރަތް ކުރައްވާފައިވޭ. އެހެންވީމާ، ކަނޑުގެ މުހިންމުކަމާއި، ކަނޑަކީ ޤުދްރަތީގޮތުން އޮތް ވަރަށްބޮޑު ޚަޒާނާއެއްކަން، އަޅުގަނޑުމެންނަށް ދެންމެ އިވިގެންދިޔަ އާޔަތުންވެސް އެނގޭ. އަޅުގަނޑުމެން، ކުރިންވެސް ދެންނެވިހެން އަޅުގަނޑުމެންގެ އަމިއްލަ ޙަޔާތަށް ވިސްނާލިޔަސް، ރާއްޖޭގެ މާޒީއަށް ވިސްނާލިޔަސް، އަޅުގަނޑުމެންގެ ތާރީޚަށް ވިސްނާލިޔަސް، އެއީ ވަރަށް ބޮޑު ޙަޤީޤަތެއްކަން އަޅުގަނޑުމެންނަށް އިޙްސާސްކުރަންޖެހޭ.

އާދެ، ދެން މިސެމިނާރު ބޭއްވުމުގެ މުހިންމުކަން އަޅުގަނޑުމެންނަށް އިޙްސާސްކުރެވޭ އަނެއްކަމަކީ، ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، މި މުހިންމު މަސައްކަތަށް އައި ބޮޑެތި ބަދަލުތައް. މިހާރު އަޅުގަނޑުމެން މަސްވެރިކަން ކުރަމުން މިގެންދަނީ މީގެ ދިހައަހަރު ދުވަސް ކުރިން، މަސްވެރިކަން ކުރަމުން ގެންދިޔަ ގޮތަކަށް ނޫން. މީގެ ދިހައަހަރު ދުވަސް ކުރިން، ކުރިންވެސް އަޅުގަނޑު ދެންނެވިހެން ރާއްޖޭގައި، އިންޖީނު ބެހެއްޓި މަސްދޯނިފަހަރެއް ނެތް. މިހާރު މަސްވެރިކަން ކުރާ އެއްޗަކީ އިންޖީނު ބެހެއްޓި މަސްދޯނިފަހަރު. ރިޔާނެގި ދޯނިފަހަރުގައި މަސްވެރިކަން އެއްގޮތަކަށްވެސް ނުކުރެވެއޭ ދެންނެވިޔަސް އެއީ ދޮގަކަށް ނުވާނެ. އެހެންވީމާ، އެގޮތުންވެސް ވަރަށްބޮޑު ބަދަލެއް އަޅުގަނޑުމެންގެ މަސްވެރިކަމަށް އަތުވެއްޖެ. ހަމައެފަދައިން، އަޅުގަނޑުމެން ބާނާ ނުވަތަ ހިފާމަސް ރާއްޖެއިން ބޭރުކުރުމުގައިވެސް ވަރަށްބޮޑު ބަދަލުތަކެއް، މިދިޔަ ދިހައަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ކުރިމަތިވެގެން ހިނގައްޖެ.

ކުރިން އަޅުގަނޑުމެން ގާތްގަނޑަކަށް ހުރިހާ މަހެއްހެން ބޭރުކުރަމުން ގެންދިޔައީ އޮޅުދޫކަރަޔަށް، ހިކިމަހުގެ ގޮތުގައި. އޭގެފަހުން ގާތްގަނޑަކަށް 1972ން ފެށިގެން އޮޅުދޫކަރައިގެ ސަރުކާރުން މަސްގަތުން ހުއްޓާލުމާ ގުޅިގެން، ނުވަތަ މަދުކުރަމުން ގެންދިޔަ ގެންދިޔުމާ ގުޅިގެން، އަޅުގަނޑުމެން މަހަށް އެހެންގޮތެއް ހަދަންއޮތީ މަޖުބޫރުވެފައި. މަސްކައްކައި ހިއްކުމުގެ ބަދަލުގައި ރޯމަހުގެ ގޮތުގައި މަސް ވިއްކަން އަޅުގަނޑުމެން ފެށީ. އެގޮތުންވެސް އަޅުގަނޑުމެން މަސްވިއްކުމަށް ވަރަށްބޮޑު ބަދަލެއް މިދިޔަ ދިހައަހަރު ދުވަހުގެ ތެރޭގައި އަތުވެއްޖެ. ހަމައެއާއެކު، ރާއްޖޭގައި ތަފާތު މަސައްކަތްތައް ފެށިގެން ކުރިއަރަމުންދިޔަ ދިޔުމުންވެސް މަސްވެރިކަމަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރަމުން އެބަދޭ. މިހާރު އަޅުގަނޑުމެންގެ ރާއްޖޭގައި، ކުރިންވެސް އިޝާރާތް ކުރިފަދައިން، ތަފާތު މަސައްކަތްތައް ހިނގަމުން އެބަދޭ. ވަރަށްބާރަށް ކުރިއަރަމުން އެބަދޭ. އޭގެ އެއް މަސައްކަތެއް ޞިޔާޙަތަކީ. އޭގެ ސަބަބުންވެސް ކޮންމެވެސްވަރަކަށް މަސްވެރިކަމަށް އަސަރުކުރާނެކަން ކަށަވަރު.

މިހާރުވެސް، މަސްވެރިކަމުގެ ދާއިރާއިން މީހުން ބަދަލުވުންވެސް އެއީ މަސްވެރިކަމަށް ކުރިމަތިވެފައިވާ ކޮންމެވެސްވަރެއްގެ ދައްޗެއްކަމުގައި ކަމާބެހޭ ފަރާތްތަކުން ފާހަގަކުރައްވާފައިވޭ. އެއާއެކު، އަޅުގަނޑުމެން މިހާރު މަސްވެރިކަމާބެހޭ ވަރަށްބޮޑެތި، މުހިންމު ނިންމުންތަކެއްވެސް ނިންމަން ޖެހިއްޖެ. ކޮންމެ އިންސާނެއްގެ ޙަޔާތުގައިވެސް އާދޭ ކޮންމެވެސް ދުވަސްވަރެއް މުހިންމު ނިންމުންތަކެއް ނިންމަންޖެހޭ. ކިޔަވާކުދިންގެ ޙަޔާތުގައިވެސް. މިތާނގައި ސައިންސް އެޑިޔުކޭޝަން ސެންޓަރުގެ ކުދިންނާއި، މަޖީދިއްޔާ ސްކޫލާއި، އަމީނިއްޔާ ސްކޫލާއި އަދި އެނޫންވެސް ބައެއް މަދަރުސާތަކުގެ ކުދިން ތިބުމާއެކު، މި މިސާލު އަޅުގަނޑު މިދަންނަވާލަނީ. ކުއްޖާގެ ތަޢުލީމީ ޙަޔާތުން ވަކިހިސާބަކަށް ދެވުމުން މުސްތަޤްބަލުގައި ޢަމަލީގޮތުން އެކުއްޖަކު ދާނީ ކޮން ރޮނގަކުންތޯ ވިސްނައި، ކޮންމެވެސް ނިންމުމެއް ނިންމަންޖެހޭ. ޤައުމަށް ޚިދުމަތް ކުރާނީ ޑަކްޓަރެއްގެ ޙައިޘިއްޔަތުންތޯ ނުވަތަ އިންޖިނޭރެއްގެ ގޮތުންތޯ ނުވަތަ މުދައްރިސެއްގެ ގޮތުންތޯ، ނުވަތަ ޤާނޫނީ ވަކީލެއްގެ ޙައިޘިއްޔަތުންތޯ، ދިރިއުޅުމަށް ކުރާނީ ކޮން މަސައްކަތެއްތޯ މިއީ، އެކުއްޖަކު ވަކި ޢުމުރަކަށް ދިޔުމުން ނުވަތަ ތަޢުލީމީ ގޮތުން ވަކި ފެންވަރަކަށް ދިޔުމުން ނިންމަންޖެހޭ ނިންމުމެއް. އެ ނިންމުމަކީ، ވަރަށް މުހިންމު ނިންމުމެއް. އެކުއްޖާގެ މުޅި ދިރިއުޅުން ބިނާވެގެންދާނީ، އެ ނިންމުމުގެ މައްޗަށް.

ހަމައެފަދައިން، އެހެން މީހުންވެސް ބައެއް ކަންތައްތަކުގައި ވަކި ހިސާބަކަށް ދިޔުމުން، ކޮންމެވެސް އެއް މިޞްރާބަކަށް އަނބުރާލަންޖެހޭ، ވަރަށް ބޮޑަށް ވިސްނާފައި. ދެން ކުރިޔަށްދާނީ ކޮންގޮތަކަށްތޯ ވިސްނާފައި، އެގޮތެއް އެކަށައަޅަންޖެހޭ. އެހިސާބުން އެގޮތެއް ކަނޑަނާޅައިފިނަމަ، ފަހުން އޮންނާނީ ފުރުޞަތު ގެއްލިފައި. މާފަހުން ހިތާމަކުރިޔަސް އެކަމުން ކުރާނެ އެއްވެސް ފައިދާއެއް ނޯވޭ. ޤައުމުގެ ކަންތައްތައްވެސް އޮތީ ހަމަ އެފަދަ ގޮތަކަށް. ވަކިހިސާބަކަށް ޤައުމުގެ ކަންތައްތައް ދިޔުމުން ވަރަށް ބޮޑަށް ވިސްނާފައި މުހިންމު ނިންމުންތަކެއް ނިންމަންޖެހޭތަން ވަރަށް ގިނައިން އާދޭ.

އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ އިޤްތިޞާދީ ކުރިއެރުން މިހާރު ގޮސްފައި އޮތް ހިސާބުން، ކުރިޔަށް އޮތް ދެތިން އަހަރަކީ ވަރަށްބޮޑެތި ނިންމުންތަކެއް ޤައުމީ ފެންވަރުގައި އަޅުގަނޑުމެން ނިންމަންޖެހޭނެ ދެތިން އަހަރޭ. އޭގެތެރެއިން ބައެއް ކަންތައްތަކަކީ، ދެތިން އަހަރުގެ ކުރިންވެސް ނިންމަންޖެހިދާނެ ކަންތައްތައް. މިސާލެއް ދަންނަވަންޏާ، މަސްވެރިކަމާ ބެހޭގޮތުން އަޅުގަނޑުމެން މިއޮތީ މިހާރު އަޅުގަނޑުމެންގެ އިޤްތިޞާދީ ސަރަޙައްދެއް ކަނޑައަޅާފައި. އެކަމާބެހޭ ޤާނޫނެއް ފާސްކޮށްފައި. އަޅުގަނޑުމެންގެ އިޤްތިޞާދީ ސަރަޙައްދަކީ 200 މޭލު ކަމުގައި ހަމަޖައްސާފައި. އެހެންވީމާ، އެ 200 މޭލުގެ ބޭނުންކުރާނީ ކިހިނެއްތޯ މިއަދު އަޅުގަނޑުމެންވަނީ ނިންމަންޖެހިފައި. ހަމައެކަނި އަޅުގަނޑުމެންގެ އިޤްތިޞާދީ ސަރަޙައްދަކީ 200 މޭލޭ، އެހެން ޤާނޫނެއްގައި ފާސްކޮށްފައި އޮތަކަސް، އެއިން އަޅުގަނޑުމެން އެ ބޭނުންވާ ފައިދާއެއް ނުކުރާނެކަން ކަށަވަރު. އެ 200 މޭލުގެ ބޭނުން ކޮންމެވެސްގޮތަކަށް ކުރަންޖެހޭ. އެހެންވީމާ، ކިހިނެއްތޯ އެ 200 މޭލުގެ ބޭނުންކުރާނީ، ކޮންކަހަލަ މަސްވެރިކަމެއްތޯ ކުރެވޭނީ، މިހާރު އަޅުގަނޑުމެން މަސްވެރިކަން މިކުރާގޮތަށް ކޮށްގެން، އެ 200 މޭލުގެ މުއްސަނދިކަން، އެއިން އަޅުގަނޑުމެންގެ ޤައުމަށް، އަޅުގަނޑުމެންގެ އިޤްތިޞާދަށް އެކަށީގެންވާ ފައިދާއެއް ލިއްބައިދެވިދާނެތޯ ނުވަތަ ނޫންތޯ އެއީ އަޅުގަނޑުމެން ވިސްނައި، ކޮންމެވެސްގޮތެއް ނިންމަންވެއްޖެ ކަމެއް.

ހަމައެފަދައިން، އެ 200 މޭލު ބަލަހައްޓާނީ ކިހިނެއްތޯ، ކުރިންވެސް ދެންނެވިހެން، ޤާނޫނެއްގައި "ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދަކީ 200 މޭލު" އެހެން ބުނިކަމުގައިވިޔަސް އެކަށީގެންވާ ގޮތެއްގައި އެ 200 މޭލުގެ ސަރަޙައްދު ނުބެލެހެއްޓޭ ކަމަށްވަންޏާ އެއީ، މާނައެއްހުރި ޤާނޫނަކަށް ނުވާނެ. ދުނިޔޭގެ އެއްވެސް ތަނަކުން އެއަށް އިޙްތިރާމެއްވެސް ނުކުރާނެ. އެކަން އަޅުގަނޑުމެންނަށް ތަޖުރިބާއިންވެސް އެނގޭ. މިހާރުވެސް ރާއްޖޭގެ ސަރަޙައްދުގެ ތެރެއަށް މިދެންނެވި އިޤްތިޞާދީ ސަރަޙައްދުގެ ތެރެއަށް ބޭރުގެ ބޯޓުފަހަރު ވަންނަކަން އެންމެންވެސް ދަނޭ. މަސްވެރިކަންވެސް ކުރޭ. ޤާނޫނާ ޚިލާފަށް، ޤަވާޢިދާ ޚިލާފަށް. އެކަމާ ދޭތެރޭގައި ސަރުކާރުން އެޅެންހުރި ފިޔަވަޅުތައް ކޮންމެ ވަގުތެއްގައިވެސް އަޅަމުންގެންދޭ. ބައެއްފަހަރަށް އަޅުގަނޑުމެންގެ މަސައްކަތްތައް ކާމިޔާބުވޭ. ބޭރުގެ ބައެއް ބޯޓުފަހަރު އަޅުގަނޑުމެންގެ އަތްދަށުވޭ. އެ ބޯޓުފަހަރު ސަރުކާރަށް ނަގައި، އެ ބޯޓުފަހަރުގައި އެ ގަވާއިދާ ޚިލާފު ޢަމަލުހިންގި މީހުންނާ ދޭތެރޭގައި ޤާނޫނީ ފިޔަވަޅުއަޅައި، މިހެން އަޅުގަނޑުމެން އެބަ ހަދަމު. އެކަމަކު ވަރަށްގިނަފަހަރަށް އަޅުގަނޑުމެން އަތުނުޖެހި އެބޯޓުފަހަރު ފިލައިގެންދޭ.

އެހެންވީމާ، ހަމައެކަނި 200 މޭލު އެއީ، އަޅުގަނޑުމެންގެ އިޤްތިޞާދީ ސަރަޙައްދޭ ކިޔާފައި ޤާނޫނެއް ފާސްކުރި ކަމުގައިވިޔަސް، އެ ބެލެހެއްޓޭނެ ގޮތެއްނެތިއްޔާ އެއީ އެއްގޮތަކަށްވެސް އަޅުގަނޑުމެންނަށް ފައިދާކުރާނެ ކަމެއް ނޫން. އެހެންވީމާ، އެ 200 މޭލު ބެލެހެއްޓުމަށްވެސް އަޅުގަނޑުމެން އެކަށައަޅަންވީ ސިޔާސަތެއް އޮންނަން ޖެހޭނެ. ދުނިޔޭގެ އެކިއެކި ޤައުމުތަކުން އެކި ގޮތްގޮތް ގެންގުޅޭ. ބައެއް ބާރުގަދަ ޤައުމުތަކުން ހަދާގޮތަކީ، އެމީހުންގެ އަސްކަރީ ބާރުތައް ވަރުގަދަކޮށްގެން، ބާރަށްދުވާ އެކިއެކި ބޯޓުފަހަރާއި، ލާންޗުތަކާއި، އެކިއެކި ހަތިޔާރު ހޯދައިގެން އެމީހުން އަމިއްލައަށް ބަލަހައްޓަމުން ގެންދަނީ. އެކަމަކު، ދިވެހިރާއްޖެއަކީ ވަރަށް ކުޑަ ޤައުމެއް. ވަރަށް މަދު މީސްކޮޅެއް ދިރިއުޅޭ ތަނެއް. އަޅުގަނޑުމެންގެ މުއްސަނދިކަންވެސް އެވަރަކަށްނެތް. ތަނަވަސްކަންވެސް ނެތް. އަދި އަޅުގަނޑުމެންނަށް އެކަހަލަ ބޯޓުފަހަރު ލިބުނު ކަމުގައިވިޔަސް އެދުއްވާނެ ބަޔަކުވެސް ފުދޭވަރަކަށް ނުތިބޭނެ. އެއީ، 200 މޭލު ބެލެހެއްޓުމަށްޓަކައި.

އެހެންވީމާ، ދުނިޔޭގެ ބައެއް އެހެން ޤައުމުތަކުން އެކި ގޮތްގޮތަށް ޚިޔާލުކޮށް، ހަމަޖައްސަމުން ގެންދޭ. ބައެއް ޤައުމުތަކުން ބޭރުގެ ފަރާތްތަކާ ގުޅިގެން، މަސްވެރިކަން ކުރުމުގެ ކޮންމެވެސް ގޮތްތަކެއް ރާވައި ހަދާ. ހަމައެކަނި އެ ޤައުމު އެކަންޏެއްނޫން. ބޭރުގެ އެހެން މީސްމީހުންނާ ގުޅިގެން އެމަސައްކަތްކުރާ ގޮތަކުން އެ 200 މޭލުގެ ބޭނުން، އޭގައިވާ މަހުގެ ބޭނުން، އެއްބައި އެ ޤައުމަކަށް ލިބުމާއި އަދި އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމާއި، އޭރުން އެމީހުން ފިޔަވައި އެހެން ބަޔަކަށް ނުވަދެވޭގޮތަށް ބެލެހެއްޓުމާ، މިކަންތައްތައް ކުރެވެމުންދޭ. މިސާލަކަށް، ނިއުޒީލެންޑުން އެހެންހަދަނީ. ސިންގަޕޫރުންވެސް އެހެންހަދާ. ހޮންގކޮންގުންވެސް އެހެންހަދާ. ދުނިޔޭގެ ވަރަށް ގިނަ އެހެން ތަންތާނގައި އެގޮތަށް މަސައްކަތް ކުރަމުން ގެންދޭ. އެއީވެސް އަޅުގަނޑުމެން ކޮންމެވެސްގޮތަކަށް ނިންމަން ޖެހިއްޖެ ކަމެއް. ހަމައެފަދައިން، އަޅުގަނޑުމެންގެ ޚަރަދުތައް އެއްދުވަހުން އަނެއް ދުވަހަށް ބޮޑުވަމުން ދިޔުމާއި، އަދި މަސްވެރިކަމުން ކުރިން ކުރެވޭ ޚަރަދުތައް މިހާރު ނުކުރެވޭތީވެސް، މަސްވެރިކަން ތަރައްޤީކޮށް އެއިން ލިބޭ އެއްޗެއް އިތުރުކުރަން ބޭނުންވެއްޖެ.

އަޅުގަނޑު ކުރިންވެސް އިޝާރާތްކުރި ފަދައިން، މިދިޔަ 9 އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ބޭނުނު މަހުގެ ޢަދަދު ދިޔައީ ދަށަށް. ވަރަށްބޮޑުތަން ދަށަށް. އޭގެ އަނެއްކޮޅަށް ވިސްނާއިރު، އަޅުގަނޑުމެންގެ ކާޑުގެ ބާވަތްތައްވެސް ބޭނުންވާ ޢަދަދުތައް ދިޔައީ އިތުރުވެގެން. އެއީ ރާއްޖޭގައި މީހުންވެސް ދިޔައީ އިތުރުވެގެން، މިދިޔަ ދިހައަހަރު ދުވަހުގެ ތެރޭގައި. ވަރަށް ބޮޑުތަން މީހުންގެ ޢަދަދުވެސް އިތުރުވެއްޖެ. އެއީ އަޅުގަނޑުމެންގެ ރާއްޖެއަށް އެހެނިހެން ކަންތަކުގައިވެސް މީހުން އެބައާދޭ. ކުރިންވެސް ދެންނެވިހެން، އެމީހުން އައިސްތިބޭ ތިބުމުގައި އެމީހުންވެސް ކާއެއްޗެއްސަށް ބޭނުންވާނެ. އެހެންވީމާ، ރާއްޖެއަށް އެތެރެކުރަންޖެހޭ ކާޑުގެ ބާވަތްތައް، މިދިޔަ 10 އަހަރު ދުވަހަށްވުރެ މިހާރު މާބޮޑުތަން އިތުރުވެގެން ހިނގައްޖެ. ހަމައެއާއެކު، ކާޑުގެ އަގުވެސް އެތައް ގުނައަކަށް އިތުރުވެގެން ހިނގައްޖެ.

އެހެންވީމާ، ވާހަކައަކީ މީގެ 9 އަހަރު ކުރިން މަސްވެރިކަމުން އަޅުގަނޑުމެންނަށް ލިބުނު އާމްދަނީ އޭރު ރާއްޖޭގެ ބޭނުންތަކަށް، ރާއްޖޭގެ ރައްޔިތުންގެ ބޭނުންތަކަށް، އެ އާމްދަނީ ފުދުނު ކަމުގައިވިޔަސް، މިހާރު މަސްވެރިކަންވެސް ދަށަށްގޮސް، އަޅުގަނޑުމެންނަށް ބޭނުނު މަސްވެސް އޭގެ ޢަދަދު މާބޮޑުތަން ދަށަށްގޮސް، އަދި ކާޑު ބޭނުންވާ ޢަދަދުވެސް މައްޗަށްގޮސް، އޭގެ ޚަރަދުވެސް މައްޗަށް ދިޔައީމާ، މިހާރު އެއްގޮތަކަށްވެސް މީގެ 9 އަހަރު ކުރިން ދެކޮޅުޖެއްސުނުވަރަކަށް ދެކޮޅުޖެއްސޭކަށް ނެތޭ. އެއީ، ހަމަ ހިސާބު ނަންބަރެއްހެން ހަދާލެވެން އޮތް އެއްޗެއް. އެހެންވީމާ، މިކަމާ ދޭތެރޭގައިވެސް އަޅުގަނޑުމެން ވިސްނަންވެއްޖެ. ކިހިނެއްތޯ މަސްވެރިކަން ކުރިޔަށް ގެންދާނީ. މިހާރު އަޅުގަނޑުމެން މަސްވެރިކަން މިކުރާގޮތަށް ކޮށްގެން އެއްވެސް އުންމީދެއް އެބައޮތްތޯ، އަޅުގަނޑުމެން ބޭނުންވާވަރަށް ރާއްޖޭގެ އާމްދަނީ ތިންގުނައަށް، ހަތަރުގުނައަށް އިތުރުވެގެންދާން.

މިހާރު މަސްވެރިކަމުން ލިބެނީ، މިސާލަކަށް، އަހަރެއްގެ މައްޗަށް ބޭރުގެ ފައިސާއިން ބަލަންޏާ، ހަތްމިލިއަން ޑޮލަރު ކަމުގައިވިޔަސް، ނުވަތަ ހަމިލިއަން ޑޮލަރު ކަމުގައިވަންޏާ، އަޅުގަނޑުމެން މިހާރު ބޭނުންވޭ މަސްވެރިކަމުން ވިހި މިލިއަން، ނުވަތަ އެކާވީސް މިލިއަން ލިބެން. ނުވަތަ ފަންސަވީސް މިލިއަން ލިބެން، މިހާރުގެ ޚަރަދުތަކާއި، މިހާރުގެ ބޭނުންތަކަށް ބަލާއިރު. އެވަރު ހޯދާނީ ކިހިނެއްތޯ އެއީވެސް އަޅުގަނޑުމެންގެ ކުރިމަތީގައި ވަރަށްބޮޑު ސުވާލެއް. އެހެންވީމާ، ދަންނަވާނީ އަޅުގަނޑުމެންނަށް މިހާރު އާދެވިފައި މިތިބީ ރާއްޖޭގެ އިޤްތިޞާދާ ބެހޭގޮތުންވެސް، އަދި ޚާއްޞަކޮށް، ރާއްޖޭގެ މަސްވެރިކަމާ ބެހޭގޮތުންވެސް ވަރަށް މުހިންމު ފައްތަރެއްގެ މައްޗަށޭ. ވަރަށް ނާޒުކު ފައްތަރެއްގެ މައްޗަށޭ. މިހާރު އަޅުގަނޑުމެން ގޮތެއް ކަނޑައަޅައިގެން ނޫނީ، ކުރިޔަށްއޮތްތާނގައި ދާނެ މިޞްރާބެއް އަޅުގަނޑުމެންނަށް ނޭނގޭނެއޭ. އެހެންނަމަވެސް، އެ ކަނޑައެޅުން ކަނޑައަޅަންޖެހޭނީ، ވީހާ ފުޅާ ދައިރާއެއްގައި ޚިޔާލުބަދަލުކުރެވިގެން، މުޅި ޤައުމަށް އެންމެ ފައިދާހުރި ގޮތެއް ބެލިގެންނޭ. އެއީ ފަހަރެއްގައިވެސް ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި އިނދެފައި ނެރޭ ޤަރާރަކުން ވާންވީ ކަމެއްނޫނޭ. ނޫނީ ވަޒީރުންގެ މަޖިލީހުންވެސް ނިމެންވީ ކަމެއް ނޫނޭ. އަދި އަޅުގަނޑު ދަންނަވާނީ، ރައްޔިތުންގެ މަޖިލީހުން އެކަނިވެސް ވާންވީ ކަމެއްނޫނޭ. އެއަށްވުރެވެސް ފުޅާ ދާއިރާއެއްގައި، މިދެންނެވި ޤާނޫނީ ހަމަތަކުގެމަތިން، އެހިސާބަށް ދިޔައިމާ ރައްޔިތުންގެ މަޖިލީހުން ޤާނޫނު ފާސްކުރެވިދާނެ. ވަޒީރުންގެ މަޖިލީހުންވެސް ކަންކަން ފާސްކުރެވިދާނެ. އަދި ރައީސަށް ލިބިފައިވާ ޤާނޫނީ ބާރުގެދަށުންވެސް އެކި ކަންކަން ނިންމިދާނެ. އެކަމަކު އެހިސާބަށް ދާންވާނީ، އަޅުގަނޑު ދެކޭގޮތުގައި އެއަށްވުރެ ފުޅާ ދާއިރާއެއްގައި މުޅި ޤައުމުގެ އެންމެން މިކަމަށް މަޝްވަރާކޮށްގެން، އެމީހުންގެ ޚިޔާލާވެސްއެކުގައޭ. އެހެންވީމާ، އަޅުގަނޑުހިތުން މި ސެމިނާރު ބޭއްވުމުގެ ބޭނުންތެރިކަން ބޮޑީ.

އާދެ، ކުރުކޮށް ދަންނަވަންޏާ، އަޅުގަނޑު މިރޭ ދަންނަވަން ޤަޞްދުކުރި ނުކުތާތައް އެ ނިމުނީ. ކޮންމެއަކަސް އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން، އަޅުގަނޑުގެ އެދުމަކީ ސެމިނާރުގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ބޭފުޅުންވެސް، ހުރިހާ ފަރާތްތަކުންވެސް މިކަންކަމާ ދޭތެރޭގައި ވަރަށް ފުންކޮށް ވިސްނެވުން. އަދި ކޮންމެ ފަރާތަކަށްވެސް ފެނިވަޑައިގަންނަވާ ޚިޔާލު ސާފުކޮށް ހުށަހެޅުއްވުން. އެހެންނޫނީ، އަޅުގަނޑުމެން މިތާނގައި ތިންދުވަސް ނުވަތަ ހަތަރުދުވަސް ހެނދުނާއި ހަވީރު މަސައްކަތް ކުރަމުން ވަގުތުތަކެއް ހޭދަކުރުމުގެ ބޭނުމެއް ނޯންނާނެ.

އެހެންވީމާ، އަޅުގަނޑުގެ އެދުމަކީ ސެމިނާރުގެ ހުރިހާ ބައިވެރިންވެސް އަޅުގަނޑު މިދެންނެވި ނުކުތާތަކާ ދޭތެރޭ ވިސްނެވުން. އަދި އޭގެ އިތުރުންވެސް މަސްވެރިކަމާބެހޭ ވަރަށްގިނަ ނުކުތާތައް އެބަހުރި. ފިޝަރީޒް މިނިސްޓްރީން ތައްޔާރުކުރެއްވި ކަރުދާސްތަކުގައިވެސް އެބަހުރި އެ މައްސަލަތައް. މަސް އުފެއްދުން، އެއްކުރުން، ވިއްކުން، މަސްވެރިކަން ބެލެހެއްޓުން، ހިންގުން، މިކަންކަމާބެހޭ ވަރަށްގިނަ މައްސަލަތައް އެބަހުރި، އެކަރުދާސްތަކުގައި. އެހެންވީމާ، މި ހުރިހާ ކަމަކާ ދޭތެރޭގައިވެސް ފިސާރި ރަނގަޅަށް ހުރިހާ ބައިވެރިން ޚިޔާލުކުރައްވައި ވާހަކަފުޅުދައްކަވައި، ކޮންމެވެސް ގޮތްތަކެއް ޞަރީޙަކޮށް ހުށަހެޅުއްވުން، އެއިއްޔޭ މިސެމިނާރުގެ މަޤްޞަދު ޙާޞިލުވާނެ ކަމަކީ.

އާދެ، މިވާހަކަކޮޅު ދައްކާލުމުގެ ފުރުޞަތު އަޅުގަނޑަށް ދެއްވިކަމަށްޓަކައި، ސެމިނާރު އިންތިޒާމު ކުރެއްވި ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އެ ޝުކުރާއެކު، ރާއްޖޭގައި ބޭއްވޭ މަސްވެރިކަމާބެހޭ އެންމެ ފުރަތަމަ ސެމިނާރު، އާދެ "މަސްވެރިކަން ކުރިއެރުވުމާއި ހިންގުމާ ބެހޭގޮތުން ޚިޔާލުފާޅުކުރާ ސެމިނާރު" ހުޅުވައިދިނުމުގެ އުފާ ﷲގެ ވާގިފުޅާއެކު އަޅުގަނޑު ލިބިގަންނަން.

والسّلام عليكم ورحمـة اللّـه وبركاته.