بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سَيِّدنا محـمَّدٍ وعلى آلـه وأصحـابه أجمعـين.

އާދެ، ރާއްޖެއަށް ކަރަންޓުގެ ޚިދުމަތް ތަޢާރުފްވިތާ 50 އަހަރު ފުރުމުގެ އުފާވެރި މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އެންމެ އިޚްލާޞްތެރި ތަހުނިޔާއާއި މުބާރަކްބާދީ ވެދުންކުރަން. އާދެ، ހަމައެއާއެކީގައި ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން އަލްފާޟިލް ޢަބްދުﷲ ޔާމީނަށާއި، މެނެޖިންގ ޑިރެކްޓަރ އަލްފާޟިލް ޢަބްދުއްޝަކޫރަށާއި، ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނަށާއި، ސްޓެލްކޯގެ ވެރިންނަށާއި މުވައްޒަފުންނަށް މި މުނާސަބަތުގައި ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން.

އަޅުގަނޑުމެންނަށް ދެންމެ އިވިގެންދިޔަގޮތުގައި، ދިވެހިރާއްޖެއަށް ކަރަންޓް ތަޢާރުފްވީ 1949 ވަނަ އަހަރު. އޭރު ރާއްޖޭގެ ކަންތައްތައް ހިންގެވުމުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނެވީ، ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު. އާދެ، ރާއްޖެއަށް އެކި ރޮނގުރޮނގުން މަތިވެރި ޚިދުމަތްތަކެއް އަދާކުރެއްވި މާތް ޒަޢީމެއް، ރާއްޖެއަށް ފުރަތަމަ ކަރަންޓުގެ އަލިކަމާއި ފަސޭހަކަން ގެނެސްދެއްވީ. އެހެންކަމުން، މި ފުރުޞަތުގައި އެ މާތް ޒަޢީމު ރާއްޖެއަށް ކޮށްދެއްވާފައިވާ ތަފާތު ގިނަގުނަ ޚިދުމަތްތަކުގެ މަތިން ހަނދާންކޮށް، އެ މާތް މަރުޙޫމުގެ ފުރާނަފުޅަށް މާތްﷲ ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާކުރަން.

މިވޭތުވެދިޔަ 50 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖެއަށް ކަރަންޓުގެ ފަސޭހަތައް ދެމުން މިގެންދެވުނީ، ވަރަށްގިނަ ބޭފުޅުންގެ އެއްބާރުލެއްވުމާއި އެހީތެރިކަމާއެކީގައި. ވަރަށްގިނަ ބޭފުޅުންގެ ޚިދުމަތް މިކަމުގައި ވަނީ މާޒީވެގެން ގޮސްފައި. އެހެންކަމުން، އެކިއެކި ދުވަސްވަރު ރާއްޖޭގެ ރައްޔިތުންނަށް ކަރަންޓުގެ ފަސޭހަ ލިބިދެއްވުމުގައި ޙަރަކާތްތެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންގެ މަސައްކަތްޕުޅުގެ އަގު ވަޒަންކޮށް، އެ ހުރިހާ ބޭފުޅުންނަށް ޝުކުރު ދެންނެވުމަކީވެސް މިރޭ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އާދެ، މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ކަރަންޓުގެ ޚިދުމަތް ދެއްވުމުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން މިރޭގެ މި ޖަލްސާއިން ފެންނަމުންދާކަމީ، އަޅުގަނޑު ހިތުން މި ޖަލްސާއަށް ލިބޭ އިތުރު ފުރިހަމަ ކަމެއް. އެގޮތުން، އަޅުގަނޑު ރާއްޖޭގެ ރައީސްކަމާ ހަވާލުވިއިރު، ކަރަންޓުގެ ކަންތައްތައް ދެއްވުމުގައި އިސްކޮށް އުޅުއްވި ބޭފުޅަކީ، އަލްފާޟިލް އަޙްމަދު އާދަމް. އޭނާ އަޅުގަނޑަށް މިކަމުގައި ވަރަށްބޮޑު އެހީތެރިކަމެއް ވެދެއްވި. ރާއްޖޭގެ ކަރަންޓުގެ ކަންތައްތައް ތަރައްޤީ ކުރުމުގައި ވަރަށްބޮޑު މަސައްކަތްތަކެއް ކޮށްދެއްވި. އެހެންކަމުން، އޭނާއަށް ވަރަށް ޚާއްޞަ ޝުކުރެއް މިރޭ އަޅުގަނޑު ދަންނަވަން. ހަމައެފަދައިން، އޭގެފަހުން މިތާ ތިއްބެވި ބޭފުޅުންގެ ތެރެއިން އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީން މިކަމުގައި އިސްކޮށް އުޅުއްވައިދެއްވި. ހަމައެހެންމެ، އަލްފާޟިލް މުޙައްމަދު ސަޢީދު، އަލްފާޟިލް މައުމޫން ޝުޖާޢު، މި ހުރިހާ ބޭފުޅުންވެސް ރާއްޖޭގެ ކަރަންޓުގެ ކަންތައް ތަރައްޤީކޮށްދެއްވުމަށްޓަކައި މިންނެތް މަސައްކަތްތަކެއް ކޮށްދެއްވި. އަދި މިރޭގެ މި ޖަލްސާގައި ވަޑައިގެން ނެތް ކަމުގައިވިޔަސް، އެބޭފުޅެއްގެ ނަންފުޅު މިރޭ އަޅުގަނޑުމެން އެހި އެއްބޭފުޅަކު އެބަހުންނެވި. އެއީ އައްނަބީލް ޙަސަން ޒަރީރު. އެހެންވީމާ، މި ހުރިހާ ބޭފުޅުން، ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ދައުރުގައި އެ އަދާކޮށްދެއްވި ޚިދުމަތަށްޓަކައި ސަރުކާރުގެ ނަމުގަޔާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި، އެ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަދި މި ދާއިރާގައި 30 އަހަރު ވަންދެން ޚިދުމަތްކޮށްދެއްވި މިހާރުގެ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޢަބްދުއްޝަކޫރަށްވެސް ވަރަށް ޚާއްޞަ ޝުކުރެއް ދެންނެވުމަކީ، އަޅުގަނޑުގެ އުފަލެއް ކަމުގައި ދެކެން. ހަމައެއާއެކުގައި، ސްޓެލްކޯ މިޒަމާނާ އެއްގޮތަށް ހިންގުމުގައި އެންމެ އިސްކޮށް ހުންނެވި ރާއްޖޭގެ މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް އަދި ސްޓެލްކޯގެ ޗެއަރމަން އަލްފާޟިލް ޢަބްދުﷲ ޔާމީން، އެ ކުރައްވާ މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކޮށް، އެމަނިކުފާނަށްވެސް މި ފުރުޞަތުގައި އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، ދެންމެ ތިޔަބޭފުޅުން އެއްސެވިފަދައިން، ރާއްޖެއަށް ކަރަންޓް ތަޢާރުފްވިއިރު، އޭރު މާލެއަށް ތަޢާރުފްވީ. އޭރު މާލޭގައި ހުރީ ހަމައެކަނި 14 ކިލޯވޮޓުގެ އިންޖީނެއް. އެހެންނަމަވެސް، މިހާރު މާލޭގައި 21 މެގަވޮޓުގެ ބާރު ލިބިދޭ އިންޖީނުތަކެއް އެބަހުރި. އެހެންވީމާ، މިއިން އަޅުގަނޑުމެންނަށް އެނގެނީ، ރާއްޖެ ތަރައްޤީވެ، ކުރިއަށްދާ މިންވަރު. އަދި ރާއްޖޭގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ލިބެމުންދާ މިންވަރު އަދި އޭގެ ބޭނުންހިފެމުންދާ މިންވަރު. އެހެންވީމާ، މިއިން އަޅުގަނޑުމެންނަށް ވަރަށްބޮޑު އެއްޗެއް އެބަ އެނގޭ. އަދި މިހާހިސާބުން މިވަރުން ފުދުނީކީވެސްނޫން. ދެންމެ ޢަބްދުއްޝަކޫރުގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، ކަރަންޓް ތަރައްޤީ ކުރުމުގެ ތިންވަނަ މަޝްރޫޢެއް މިހާރުވަނީ ފަށަން ގަސްތުކުރެވިފައި. މާލަހެއްނުވެ، ހަ މެގަވޮޓުގެ ދެ އިންޖީނު އިތުރަށް މާލޭގައި ބެހެއްޓުމަށް ވަނީ ހަމަޖެހިފައި.

އާދެ، މިހާހިސާބަށް އާދެވުނުއިރު، ރާއްޖޭގައި ރައްޔިތުންގެ ވަރަށްބޮޑު ބަޔަކަށް ކަރަންޓުގެ އަލިކަމާއި ފަސޭހަކަން، ސަރުކާރުގެ ފަރާތުން މިހާރު މިދަނީ ދެމުން. މާލޭގެ އިތުރުން، 20 ރަށެއްގައި ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ދެމުން އެބަގެންދޭ. އާދެ، އާބާދީގެ ނިސްބަތަށް ބަލާއިރު، އެއީ ސައްތައިން ފަންސާސް ފަހެއް ކަމުގައި އަޅުގަނޑުމެންނަށް އިވިގެން ހިނގައްޖެ. އަދި މީގެއިތުރުން، ރަށްރަށުގެ ރައްޔިތުންނާއި އަދި ބައެއް އަމިއްލަ ފަރާތްތަކުން ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށަށް ދެމުންގެންދާ ކަރަންޓުގެ ޚިދުމަތަށް ބަލައިލާއިރު، މިހާރު އަޅުގަނޑަށް ހީވަނީ، ނުވަތަ އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ރާއްޖޭގެ އާބާދީގެ އަށްޑިހަ އެކެއް އިންސައްތަ މީހުންނަށް ކަރަންޓުގެ ފަސޭހައާއި އަލިކަން ދަނީ ލިބެމުން. ސައުވީސްގަޑިއިރު ކަރަންޓް ލިބޭ މީހުންގެ ޢަދަދަކީ، މިހާރު ރާއްޖޭގެ އާބާދީގެ އަށްޑިހަ އެކެއް ޕަސެންޓް. އަށްޑިހަ އެކެއް އިންސައްތަ. މިއީ އަޅުގަނޑު ހިތުން މި ސަރަޙައްދުގެ އެހެން ޤައުމުތަކަށް ބަލައިލާއިރު، އަޅުގަނޑުމެން ވަރަށް ފަޚްރުވެރިވުން ޙައްޤު ޢަދަދެއް.

އާދެ، ދެންމެ ޗެއަރމަންގެ ވާހަކަފުޅުގައި ވިދާޅުވެއްޖެ، މިހާރު ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ސަރުކާރުން މި ދެމުންގެންދަނީ، ވިޔަފާރި ކުންފުންޏެއްގެ އުޞޫލުން އެ ކުންފުނީގެ ފަރާތުންނޭ. އާދެ، އެއީ ތެދުފުޅެއް. އެހެންނަމަވެސް، ސަރުކާރުން މިކަން ކުރަނީކީ ފަހަރެއްގައިވެސް ވިޔަފާރީގެ ފައިދާތަކެއް ހޯދުމަކަށްނޫން. ހަމައެކަނި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި. އާދެ، އެހެންވީމާ، އަޅުގަނޑަށް ދަންނަވާލަންޖެހެނީ، ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް މި ދެއްވާ 21 ރަށުގެ ތެރެއިން ޚަރަދު ދެކޮޅުޖެހެނީ ވަރަށްމަދު ތަނަކުންނޭ. އެހެންނަމަވެސް، ބައެއް އެހެން ރަށްރަށުން ފައިދާވާތީ، އެ ކުންފުންޏަށް ސަރުކާރުގެ ބަޖެޓުން އިތުރަށް ފައިސާ މިހާރު ބޭނުންފުޅެއްނުވޭ. އެކަމަކު މިއީ ވިޔަފާރީގެ އުޞޫލުން ގެންދާ ކަމެއްނަމަ، ހުރިހާ ރަށަކުންވެސް ފައިދާވާންޖެހޭނެ. އެހެންނަމަވެސް، އަތޮޅުތަކުގެ ރަށްތަކުގެ ތެރެއިން ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ދެއްވާ ރަށްރަށުން ފައިދާވަނީ ނުވަތަ ޚަރަދު ދެކޮޅުޖެހެނީ ވަރަށްމަދު ރަށަކުން.

އެހެންވީމާ، އަޅުގަނޑު މި ދަންނަވަނީ، މިއީ ޚިދުމަތެއްގެ ގޮތުގައި ސަރުކާރުން ރައްޔިތުންނަށް ދޭ ޚިދުމަތެކޭ. އެހެންވީމާ، އަގުގެ މައްސަލަ އެއީކީ މާބޮޑު މައްސަލައަކަށް ވާނެހެނެއް އަޅުގަނޑަކަށް ހިއެއްނުވޭ. މާލޭގައި މި ހުންނަނީ ޔުނިޓެއް، ދެ ރުފިޔާއާއި ހަތަރު ރުފިޔާއާ ދޭތެރޭގައި. އަތޮޅުތަކުގައި ސްޓެލްކޯއިން އެ ޚިދުމަތް ދެއްވަނީ، ދެ ރުފިޔާބަޔާއި ހަތަރު ރުފިޔާއާ ދޭތެރޭގެ ރޭޓަކުން. އަމިއްލަ ބައެއް ފަރާތްތަކުން އަތޮޅުތަކަށް ކަރަންޓުގެ ޚިދުމަތް ދޭއިރު، އެއަށްވުރެ މާމަތީ އަގެއް ނަގަމުން ގެންދަނީ. ހަތަރު ރުފިޔާ، ފަސް ރުފިޔާ، ހަ ރުފިޔާ، އެހެންގޮސް، ބައެއް ރަށްރަށުގައި ޔުނިޓަކަށް ނުވަ ރުފިޔާވެސް އެބަނަގާ. އެހެންވީމާ، އެކަމުންވެސް އަޅުގަނޑު ހިތުން ރާއްޖޭގެ ރައްޔިތުންނަށް ވިސްނިވަޑައިގަންނަވާނެ، މިއީކީ ސަރުކާރުން އެއްގޮތަކަށްވެސް ފައިދާ ހޯދުމުގެ ގޮތުން ރާއްޖެތެރޭގައި ދެމުންގެންދާ ޚިދުމަތެއް ނޫންކަން. އަދި ރާއްޖެތެރޭގައި ދެމުންމިގެންދާ ޚިދުމަތް މިދެނީ ވަރަށް ކުޑަކުޑަ އަގެއްގައި. އަދި އޭގެ ސަބަބުން ކުންފުންޏަށް ގެއްލުންވެސްވާ އަގެއްގައިކަން އަޅުގަނޑު ހިތުން ރާއްޖޭގެ ރައްޔިތުންނަށް ރަނގަޅަށް ވިސްނިވަޑައިގަންނަވާނެ. އާދެ، ކޮންމެއަކަސް އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން، މި ޚިދުމަތް ދެމުންމިގެންދަނީ ހަމަ ޚިދުމަތެއްގެ ގޮތުގައި. ފަހަރެއްގައިވެސް ވިޔަފާރީގެ ބޭނުމަކުނޫން.

އާދެ، 11 ނޮވެމްބަރ 1998 ގައި ރިޔާސީ އާ ދައުރަކަށް އަޅުގަނޑު ހުވާކުރުމަށްފަހު، ޤައުމާ މުޚާޠަބުކޮށް ދެއްކި ވާހަކައިގައި، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ ރަށްރަށަށް ކަރަންޓުގެ ފަސޭހައާއި، އަލިކަމާއި، ޚިދުމަތް ފޯރުވައިދިނުމަށްޓަކައި ޚާއްޞަ މަސައްކަތްތަކެއް ކުރަން ގަސްތުކުރާ ވާހަކަ ވާނީ ދަންނަވާލާފައި. އާދެ، އެ މަސައްކަތް މިހާރު ދަނީ ހިނގަމުން. މިގޮތުން ވަރަށް އުފަލާއެކު އަޅުގަނޑަށް މިރޭ ދަންނަވައިލެވެން އެބައޮތް، ރާއްޖޭގައި މިހާރު ކަރަންޓް ނުލިބޭ އޮތީ ހަމައެކަނި ފަސް ރަށޭ. އާދެ، އެ ފަސް ރަށުގެ އާބާދީއަކީ، ރާއްޖޭގެ އާބާދީގެ ސަތޭކައަކުން ދޭއް. އިރާދަކުރެއްވިއްޔާ، މިއަހަރު ނިމުމުގެ ކުރިން، އެ ފަސް ރަށަށްވެސް ކަރަންޓުގެ އަލިކަމާއި ފަސޭހަކަން ލިބިދެވޭނެ.

ކުރިންވެސް ދަންނަވާލިފަދައިން، ސަރުކާރުގެ ފަރާތުން ސްޓެލްކޯއިން ރާއްޖޭގެ ރައްޔިތުންނަށް ކަރަންޓުގެ ފަސޭހަކަން ހޯދައިދިނުމުގެ އިތުރަށް، ރާއްޖޭގެ ވަރަށްގިނަ ޢަދަދެއްގެ ރަށްރަށުގެ އަމިއްލަ ރައްޔިތުން، ރައްޔިތުން އަމިއްލައަށް އިންޖީނު ބަހައްޓަވައިގެން، އެ ރަށަށް ކަރަންޓް ދެއްވަމުން ގެންދަވާ. އަދި އޭގެއިތުރުން، އަމިއްލަ ފަރާތްތަކުންވެސް އެ މަސައްކަތް ކުރައްވަމުން ގެންދަވާ. އެހެންވީމާ، އެ މަސައްކަތަކީ ސަރުކާރުން ވަރަށް ބޮޑަށް މަރުޙަބާކިޔާ، ވަރަށް ބޮޑަށް ހިތްވަރުދޭ މަސައްކަތެއް ކަމުގައި އަޅުގަނޑު މިރޭ ދަންނަވާލަން. ރާއްޖޭގެ ރައްޔިތުން އެ މަސައްކަތް އެގޮތަށް ކުރިއަށް ގެންދެވުމަކީ ސަރުކާރުގެ އެދުމެއް. ހަމައެއާއެކީގައި، އަމިއްލަ ފަރާތްތަކުންވެސް ރާއްޖޭގެ ރަށްރަށަށް ކަރަންޓުގެ ޚިދުމަތް ދެއްވަމުން ގެންދަވާތީ، އެއީ ވަރަށް ރަނގަޅު ކަމެއް ކަމުގައި ސަރުކާރުން ދެކޭ ވާހަކައާއި، އެ ފަރާތްތަކުން އެ ދެއްވާ ޚިދުމަތުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށްވެސް ސަރުކާރުން ޝުކުރު ދަންނަވާ ވާހަކަ މިރޭ އަޅުގަނޑު ދަންނަވާލަން.

އާދެ، ކުރިން ދެންނެވި 21 ރަށަކީ، ސްޓެލްކޯގެ ފަރާތުން ސައުވީސްގަޑިއިރުގެ ކަރަންޓް ލިބިދޭ 21 ރަށް. އޭގެއިތުރަށް، އެހެން ރަށްރަށަށް ކަރަންޓުގެ ފަސޭހަ ލިބިދިނުމުގައި، ސަރުކާރުގެ ތަފާތު އެހީތައް ވަމުން އެބަގެންދެވޭ. އޭގެތެރޭގައި، 108 ރަށަކަށް ވަނީ ސަރުކާރުން ހިލޭ އިންޖީނު ހަދިޔާކޮށްފައި. އަދި 144 ރަށަކަށް ވަނީ ސަޕްލައި އާއި، ފައިސާގެ އެހީ ވެދީފައި. އެހެންވީމާ، މިގޮތުންވެސް ސައުވީސްގަޑިއިރުގެ ކަރަންޓް، ސްޓެލްކޯގެ ފަރާތުން އަދި ދެވެން ނެތް ރަށްރަށަށް، ސަރުކާރުގެ އެހީއާ އެކީގައި، އެ ޚިދުމަތް ލިބިދެވޭނެ ނުވަތަ ޙާޞިލުކުރެވޭނެ މަގު ދަނީ ސަރުކާރުން ފަހިކޮށްދެމުން.

އާދެ، އަޅުގަނޑުމެން މިހާރު މިތިބީ އާ ސާސްކަފަކަށް ކުރިމަތިލައިގެން، އާ ސައްތައެއްގެ ތެރޭގައި. އެހެންވީމާ، އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ، މުސްތަޤްބަލުގައި ރާއްޖޭގެ ކަރަންޓް އޮންނާނީ ކިހިނެއްތޯ. މިހާރު ރާއްޖޭގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ލިބިދެވެމުން މިގެންދެވެނީ، އެންމެ އެކަށީގެންވާ ރަނގަޅު ގޮތުގައިތޯ. އާދެ، މިހާރު އަޅުގަނޑުމެން ވިސްނާލަންޖެހޭ އެންމެބޮޑު އެއްކަމަކީ، އަޅުގަނޑުމެންގެ ތިމާވެށްޓަށް ދިމާވާ މައްސަލަތައް. ޝައްކެއްނެތް، މިހާރު ރާއްޖެއަށް ތަޢާރުފްވެގެން، ރާއްޖޭގައި ދެމުންމިދާ ކަރަންޓުގެ ޚިދުމަތަކީ، ޑީސަލް އިންޖީނު ބޭނުންކޮށްގެން ދެވޭ ޚިދުމަތެއް. ތެޔޮ އަންދައިގެން ދެވޭ ޚިދުމަތެއް. އެއީ ތިމާވެށީގެ ގޮތުން ބަލާއިރު، ތިމާވެށްޓާ އެކުވެރި ނުވަތަ ރަޙްމަތްތެރި ޚިދުމަތެކޭ ދެންނެވޭކަށް ނެތް. އެހެންވީމާ، އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ، މިނޫން އެހެން ގޮތެއް ރާއްޖެއަށް އޮތްތޯ. އެކަމާބެހޭ ހޯދުންތައް މިހާރު ގެންދަނީ ހޯދަމުން. އާދެ، އެނޫން ބައެއް ހަކަތައިގެ ވަސީލަތްތައް އެބަހުރި. އާކޮށް އާކުރެވޭ ވަސީލަތްތަކޭ ކިޔޭ ވަސީލަތްތަކެއް އެބަހުރި. އޭގެތެރޭގައި، އިރުގެ އަލިކަން ބޭނުންކުރުން، ވައިގެ ބާރުމިން ބޭނުންކުރުން، ފެނުން ކަރަންޓް އުފެއްދުން، ރާޅުގެ ޙަރަކާތުން ކަރަންޓް އުފެއްދުން. މިކަންތައްތައް ދުނިޔޭގެ ބައެއް ތަންތާނގައި ތަޖުރިބާ ކުރަމުން އެބަގެންދޭ. މިގޮތުން އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ، މި ދެންނެވި ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓް އުފެއްދުމަކީ، މިހާރަށްވުރެ ބޮޑަށް ތިމާވެށްޓާ ރަޙްމަތްތެރި ކަމަކަށްވާތީ، އެއީ ރާއްޖޭގައި ވެދާނެ ކަމެއްތޯ.

އާދެ، އެގޮތުން ވިސްނާއިރު، އިރުގެ އަލިކަން ބޭނުންކޮށްގެން ކަރަންޓް އުފެއްދޭތޯ ބެލުމުގެ ދިރާސާއެއް މިހާރުވަނީ ސްޓެލްކޯއިން ކުރައްވާފައި. ޖަޕާނުގެ ކުންފުންޏަކާ ގުޅިގެން އެ ކުރެއްވި ދިރާސާއިން ދެ ކަމެއް ދޭހަވި. އޭގެތެރެއިން އެއްކަމަކީ، ކަރަންޓް އުފެއްދުމަށް ކުރަންޖެހޭ ކެޕިޓަލް ޚަރަދު، އިރުގެ އަލިކަން ބޭނުންކޮށްގެން ކަރަންޓް އުފެއްދުމަށް ކުރަންޖެހޭ ކެޕިޓަލް ޚަރަދު، ތެޔޮ އަންދައިގެން ކަރަންޓް އުފެއްދުމަށް ކުރަންޖެހޭ ޚަރަދަށްވުރެ ވަރަށްބޮޑުތަން އިތުރު. އެހެންވީމާ، މިހާރު ލަފާކުރެވޭގޮތުގައި، އިރުގެ އަލިކަން ބޭނުންކޮށްގެން ކަރަންޓް އުފައްދާނަމަ، އެކަމަށްދާ ޚަރަދު، އެއްރަށަކަށް އެ ޚިދުމަތް ދިނުމަށްދާ ޚަރަދުން، ތެޔޮ އަންދައިގެން އެ ޚިދުމަތް، ގާތްގަނޑަކަށް ހަތަރު ފަސް ރަށަކަށް ދެވޭ. އެހެންވީމާ، ޚަރަދުގެ ގޮތުން އެއީ އަދި މާ އެކަށީގެންވާ ނުވަތަ އަޅުގަނޑުމެންނަށް ފަސޭހަކަމަކަށްނުވޭ.

ދެވަނަކަމަކީ، އިރުގެ އަލިކަން ބޭނުންކޮށްގެން ކަރަންޓް އުފެއްދުންނަމަވެސް، ރޭގަނޑުގެ ގަޑިތަކުގައި ބޭނުންކުރެވޭ މިންވަރަށް ކަރަންޓް އުފެއްދޭނެކަމަށްނުވާކަން. އެހެންވީމާ، ކޮންމެވެސްވަރަކަށް ތެޔޮ އަންދައިގެން، ޑީސަލް އިންޖީނު ބޭނުންކޮށްގެން، ރޭގަނޑުގެ ވަގުތުތަކުގައި އެކަން ފޫބައްދަން އެބަޖެހޭ. އެހެންވީމާ، އެގޮތުން ބަލާއިރުވެސް އަދި އަޅުގަނޑުމެންނަކަށް ހަމައެކަނި އިރުގެ އަލިކަމުން ކަރަންޓް އުފައްދައިގެން، އެކަން އެގޮތަށް ކުރެވޭކަށެއް ނެތް.

ދެން އޮތީ، ވައިޖެހޭ ބާރުމިން ބޭނުންކޮށްގެން ކަރަންޓް އުފެއްދުން. ހަކަތަ އުފެއްދުން. އެކަމާބެހޭ ދިރާސާއެއް ކުރުމުގެ މަޝްވަރާތައް މިހާރު ސްޓެލްކޯއިން ހޮލެންޑުގެ ކުންފުންޏަކާ ގުޅިގެން ކުރިއަށް އެބަގެންދަވާ. ދެން އެ މަޝްވަރާތައް ނިމި، އޭގެ ދިރާސާއެއް ނިމުނީމާ އަޅުގަނޑުމެންނަށް އެނގޭނީ، އެއީ ކިހާވަރެއްގެ ކަމެއްކަން. އެއީ ރާއްޖޭގައި ކުރެވެންހުރި ކަމެއްކަން ނުވަތަ ނޫންކަން. އެހެންނަމަވެސް، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، އަޅުގަނޑުމެންވެސް ކުރިމަގަށް އެބަ ވިސްނަންޖެހެއޭ. އަބަދު ކަންތައް ކުރަމުން އައި ގޮތްނޫން އެއަށްވުރެ މޮޅު ގޮތެއް އޮތްތޯ، އެއަށްވުރެ ތިމާވެށްޓާ ގުޅުންބޮޑު، ތިމާވެށްޓަށް ގެއްލުން ނުލިބޭނެ ގޮތެއް އޮތްތޯ ބަލަން އެބަޖެހޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ސަރުކާރުގެ ފަރާތުން އެކަންކަމަށް ވިސްނައި، އެކަންތައްތައް ދިރާސާ ކުރަމުން ގެންދާނެ ވާހަކަ ދަންނަވާލަން.

އާދެ، މިރެޔަކީ ސްޓެލްކޯގެ ޚިދުމަތަށް އިތުރު ދިރުމެއް ލިބިގެންދާނެ ރެއެއް. އާދެ، އެއީ ސްޓެލްކޯ ހިންގުމަށް މި ފުރިހަމަ އާ ޢިމާރާތް މިރޭ ހުޅުވުނީތީ. އާދެ، މި ޢިމާރާތަކީ ވަރަށްމޮޅު ފެންވަރެއްގައި ތައްޔާރުކުރެވިފައިވާ ޢިމާރާތެއް. އެހެންކަމުން، މިކަމުގައި އުޅުއްވި ހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ތަހުނިޔާ ދަންނަވަން. މުބާރަކްބާދީއާއި އަދި ޝުކުރުވެސް ދަންނަވަން. އާދެ، ޢިމާރާތް ފަރުމާކުރެއްވި ފަރާތަށާއި، ޢިމާރާތުގެ މަސައްކަތް ކުރެއްވި ފަރާތަށާއި، އަދި އިންޓީރިއަރ ޑެކަރޭޝަން ކަހަލަ އެތެރޭގެ ކަންތައްތައް ކުރެއްވި ފަރާތަށް، އަދި މިކަންކަން ބަލަހައްޓަވައި ހިންގެވި ފަރާތަށާއި، ހުރިހާ ފަރާތްތަކަކަށް އިޚްލާޞްތެރި ޝުކުރު ދަންނަވަން.

ޝައްކެއްނެތް، މިފަދަ ޢިމާރާތެއް ލިބުމުން، ސްޓެލްކޯގެ ޚިދުމަތަށް ފަސޭހަކަމެއް ލިބިގެންދާނެ. އެބޭފުޅުންގެ ޚިދުމަތުގެ ދާއިރާ ފުޅާވެގެންދާނެ. އަދި ރައްޔިތުންނަށް ލިބިދެވޭ ޚިދުމަތްވެސް އެތައް ގުނަޔަކަށް އިތުރުވެގެން، ލުއިވެގެން، އަވަސްވެގެންދާނެ. އާދެ، އެހެންނަމަވެސް، އަޅުގަނޑުމެން ވިސްނާލަންޖެހޭ ނުކުތާއެއް، ޢިމާރާތެއް ލިބުމުން، ހަމައެކަނި އެކަމަކުން ޚިދުމަތެއް އިތުރަކަށް ފުރިހަމަވެގެނެއްނުދާނެ. ޚިދުމަތް ދިނުމުގައި ޢިމާރާތް ބޭނުން، ފައިސާ ބޭނުން. އެހެންނަމަވެސް، އަޅުގަނޑު ދެކޭގޮތުގައި، ޚިދުމަތް ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ފަރާތަކީ މީހުން، އިންސާނުން.

އެހެންވީމާ، އަޅުގަނޑަށް ދަންނަވަންޖެހެނީ، އަޅުގަނޑުމެން ބޭނުންވަނީ، އާ ޢިމާރާތެއް ހެދުމުގެ އިތުރަށް، އެ ޢިމާރާތުގައި ވަޒީފާ އަދާކުރައްވާ ބޭފުޅުންނަކީ ކަމަށް ޤާބިލު، ކަމުގެ ތަޖުރިބާއާއި ތަމްރީނު ފުރިހަމައަށް ލިބިވަޑައިގެންފައިވާ އަދި ކަމަށްކަމޭހިއްތަވާ، ރައްޔިތުންނަށް ޚިދުމަތް ދެއްވުމުގެ ރޫޙު، އެބޭފުޅުންގެ ހިތްޕުޅުގައި އަށަގެންފައިވާ ބަޔަކަށްވުމޭ. އެއީކަންނޭނގެ، އެންމެ ފުރިހަމަ ޚިދުމަތް ދެވޭނެގޮތަކީ.

މި ރޮނގުން އެއްޗެއް ދަންނަވާއިރު، އަޅުގަނޑު ވަރަށް އުފަލާއެކު ދަންނަވަންޖެހޭ، އަޅުގަނޑަށް ދެންމެ އިވުނުގޮތުގައި، ސްޓެލްކޯގައި ޚިދުމަތް ކުރައްވާ 722 މުވައްޒަފުންނަކީ، ކަމަށް ވަރަށް އެކަށީގެންވާ ޤާބިލް ބޭފުޅުންކޮޅެއް. އަދި ވަރަށް އިޚްލާޞްތެރި، ވަފާތެރި ޚިދުމަތެއް ސަރުކާރަށާއި ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ ބޭފުޅުންކޮޅެއް. އެހެންވީމާ، ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް އާދެ، ސްޓެލްކޯގެ ޗެއަރމަނުން ފެށިގެން، މެނެޖިންގ ޑިރެކްޓަރާއި އަދި ބޯޑުގެ މެންބަރުންނާއި، އަދި ސްޓެލްކޯގެ ހިންގުންތެރިންނާއި، ހުރިހާ މުވައްޒަފުންނަށް މި މުނާސަބަތުގައި ތަހުނިޔާ ދަންނަވައި، އެބޭފުޅުން އެ ކޮށްދެއްވާ ޚިދުމަތުގެ އަގު ވަޒަންކޮށް، އެ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ކުރިއަށް ދިޔުމުގެ މަގު اللهُ سُبْحَانَهُ وَتَعَالَى ދިވެހިރާއްޖެއަށް ފަހިކޮށްދެއްވުން. ދިވެހި ސަރުކާރުން ރައްޔިތުންގެ ތަރައްޤީއަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތް ލެއްވުން. ހަމައެހެންމެ، ރައްޔިތުންގެ ތެރެއިން ތަރައްޤީގެ މަސައްކަތްތައް ހިންގަވާ ފަރާތްތަކުން އެ ކުރައްވާ މަސައްކަތްތަކަކީވެސް ކާމިޔާބު މަސައްކަތްތަކެއް ކަމުގައި ﷲ ލެއްވުން. އަދި މުސްތަޤްބަލުގައި ދިވެހިރާއްޖެއަކީ އަދަށްވުރެ ހުރިހާ ގޮތަކުންވެސް ކުރިއަށް ގޮސްފައިވާ، ތަރައްޤީގެ މަގުގައި ހަލުއި ފިޔަވަޅުތަކެއް އަޅަމުންދާ ޤައުމެއް ކަމުގައި ﷲ ލެއްވުން.

والسّلام عليــكم ورحـمــة اللّـه وبـركاتـه.