بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى خاتم الأنبياء والمرسلين، سيّدنا محـمَّدٍ وَعلـى آلـه وأصـحابه أجمـعـين.

މިއަދު އަޅުގަނޑު، ތިޔަބޭފުޅުންގެ ލޮބުވެތި ރަށް ދިއްދުއަށް އައުމުން، ދިއްދޫގެ ފަރާތުން ތިޔަ ވިދާޅުވި، ވަރަށް އިޚްލާޞްތެރި ހޫނު މަރުޙަބާއަށްޓަކައި، ދިއްދޫގެ އެންމެހައި ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. އަޅުގަނޑު މި އަތޮޅަށް އައުމާއެކު، މި އަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާ އަލްފާޟިލް އަޙްމަދު ސާވީގެ ފަރާތްޕުޅުންވެސް، ވަރަށް ހޫނު މަރުޙަބާއެއް ލިބިގެންދިޔަ. ހަމައެހެންމެ، މި އަތޮޅުގެ އެހެން ޢިއްޒަތްތެރި ބޭފުޅުންނާއި، އަދި ޚާއްޞަކޮށް، ދިއްދޫގެ ވެރިންނާއި، ދިއްދޫގެ ކޮމިޓީތަކުގެ މެންބަރުންނާއި، އަދި ދިއްދޫގައި ވަޒީފާ އަދާކުރައްވާ ސަރުކާރުގެ މުވައްޒަފުންނާއި، މަދަރުސާތަކުގެ ކުދިންނާއި، ޢާންމު ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގައި އުފެދިފައިވާ އިޚްލާޞްތެރި ޝުޢޫރުތައް ފާޅުކޮށްލުމުގެ ބޭނުންކުރަމުން، ތިޔަ ހުރިހާ ބޭފުޅުންނަށް އަދިވެސް އެއްފަހަރު، އަޅުގަނޑުގެ އެންމެ އިޚްލާޞްތެރި ޝުކުރު ދަންނަވަން.

އާދެ، 2001 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީގޮތުން ފާހަގަކުރުން ކުޑަތަންކޮޅެއް ލަސްވެގެންގޮސް، އެހެންނަމަވެސް، މިހާރު އޭގެ ރަސްމީ އިޙްތިފާލު ބާއްވާގޮތަށް ހަމަޖެހިފައިވަނީ ހޯރަފުށީގައި ކަމަށްވާތީ، އަޅުގަނޑު އެ ރަށަށް ދިޔުމަށްޓަކައި މި ފެށި ދަތުރުގައި، އެންމެ ފުރަތަމަ އަޅުގަނޑަށް މި އާދެވުނީ ދިއްދުއަށް. އާދެ، އެއީ ވަރަށް އުފާވެރި ވާޖިބެއް އަދާކުރުމަށްޓަކައި. ދެންމެ، އަތޮޅުވެރިން، އެ ވިދާޅުވި ފަދައިން، މިއަދު ދިއްދޫގައި އަލަށް ޢިމާރާތް ކުރެވުނު މިސްކިތް މި ހުޅުވެނީ. އާދެ، އެ މިސްކިތަކީ، ސަރުކާރުން ދިއްދޫގެ ރައްޔިތުންނަށް ބިނާކޮށްދީފައިވާ މިސްކިތެއް. އަޅުގަނޑު މިތަނަށް އައުމުން، ފެނިގެންދިޔައީ މިސްކިތުގެ ރީތިކަމާއި، ޒީނަތްތެރިކަން. ތައްޔާރުކުރެވިފައިވާލެއް ފުރިހަމަކަން. އެހެންނަމަވެސް، މިސްކިތެއްގެ ބޭނުމަކީ، ހަމައެކަނި ރަށަށް ރީތިކަމާއި، ޒީނަތްތެރިކަން އިތުރުކޮށްދިނުމެއްނޫން. މިސްކިތުގެ އެއަށްވުރެ މާ މާތް، މާ މުހިންމު މަޤްޞަދެއްވޭ.

އާދެ، މިސްކިތުގެ އެންމެ މުހިންމު ބޭނުމަކީ، މުސްލިމުން އެތާނގައި ފަރުޟު ފަސްނަމާދު ޤާއިމުކުރުން. އަދި ހުކުރުދުވަހު ހުކުރުނަމާދު ޤާއިމުކުރުން. ނަމާދު ޤާއިމުކުރުމާ ވިދިގެން މިސްކިތުގައި ހޭދަކުރަންޖެހޭ ވަގުތުތަކުގައި ޤުރްއާން ކިޔެވުމާއި، ދުޢާކުރުމާއި، ޒިކުރު ތަސްބީޙަ ކިޔުމާއި، އަދި އެކިއެކި ސުންނަތް ނަމާދުކުރުމާ، މި ކަންކަން މިއީވެސް މިސްކިތުގައި ކުރެވޭ އަދި ކުރުން ވަރަށް މުހިންމު އަދި އެކަމަށްޓަކައި މިސްކިތްތައް ޢިމާރާތް ކުރެވޭ ކަންތައްތައް. އެހެންވީމާ، މިއަދު މި ހުޅުވޭ މިސްކިތުގެ، މި ރީތި ފުރިހަމަ މިސްކިތުގެ ފުރިހަމަ ބޭނުން، ދިއްދޫގެ ރައްޔިތުން ވަރަށް ރަނގަޅަށް ކުރައްވާނެކަމާމެދަކު، އަޅުގަނޑު ޝައްކެއް ނުކުރަން.

އާދެ، ދެންމެ، އަޅުގަނޑުމެންނަށް އިވިގެންދިޔަ އާޔަތްތަކުގައިވެސް، މިސްކިތްތައް ފަޅުފިލުވާލާ މީހުންނަކީ ކޮބައިކަން ބަޔާންވެގެން ހިނގައްޖެ. އާދެ، މާތް ﷲ ވަޙީކުރައްވަނީ، "إِنَّمَا يَعْمُرُ مَسٰجِدَاللَّـهِ مَنْ ءَامَـنَ بِاللَّـهِ وَالْيَوْمِ الْآخِرِ وَأَقَامَ الصَّلَاةَ وَءَاتَى الزَّكَـــوٰةَ وَلَمْ يَخْشَ إِلَّااللَّـهَ ۖ فَعَسَىٰ أُوْلَـٰئِكَ أَن يَكُونُواْ مِنَ الْمُهْتَدِينَ." (التوبة : ١٨) އާދެ، މާތް ﷲ އަޅުގަނޑުމެންނަށް އަންގަވަނީ، "މާތް ﷲގެ މިސްކިތްތައް ފަޅުފިލުވާލަނީ ކޮންބައެއްކަން. އެ ބަޔަކީ، މާތް ﷲ އަށާއި، އާޚިރަތްދުވަހަށް އީމާންވާ މީހުންނޭ. އަދި ނަމާދު ޤާއިމުކުރާ މީހުންނޭ. އަދި ޒަކާތްދޭ މީހުންނޭ. އަދި ﷲ ފިޔަވައި އެހެން ފަރާތަކަށް ބިރުވެތިނުވާ މީހުންނޭ."

އާދެ، މިސްކިތްތައް ފަޅުފިލުވާލާ މީހުންގައި މި މާތް، މުހިންމު ހަތަރުސިފަ ހުންނަންޖެހޭނެ. އެންމެ ފުރަތަމަ، މާތް ﷲ އަށާއި އާޚިރަތްދުވަހަށް އީމާންވުން. އެއަށްފަހުގައި، ނަމާދު ޤާއިމުކުރުން. ފަރުޟު ފަސްނަމާދު ޤާއިމުކުރުން. ހުކުރުނަމާދު ޤާއިމުކުރުން. އަދި އެއާވިދިގެން ކުރަންޖެހޭ އެހެން ސުންނަތް ނަމާދުތައް ކުރުން. ހަމައެހެންމެ، ޒަކާތްދިނުން. ޒަކާތްދިނުމަކީ، އިސްލާމްދީނުގައި ވަރަށް މުހިންމުކަން ދެއްވާފައިވާ ރުކުނެއް. މުދަލުގެ ޒަކާތާއި، ފިޠުރު ޒަކާތް. އެއީ އަޅުގަނޑުމެން އަހަރަކު އެއްފަހަރު ދޭންޖެހޭ އެއްޗެއް. މި ޒަކާތްދޭ މީހުންނާއި، ނަމާދު ޤާއިމުކުރާ މީހުންނާއި، މާތް ﷲ އަށާއި އަދި އާޚިރަތް ދުވަހަށް އީމާންވާ މީހުންނާއި، އަދި ﷲ ފިޔަވައި އެހެން ފަރާތަކަށް ބިރުވެތިނުވާ މީހުންނޭ މިސްކިތްތައް ފަޅުފިލުވާލާ ބަޔަކީ، މާތް ﷲ ވަޙީކުރައްވައި، އަޅުގަނޑުމެންނަށް އަންގަވާފައި އެވަނީ.

އެހެންވީމާ، މިސްކިތުގެ ބޭނުންކުރާއިރު، އަޅުގަނޑުމެން މި ހުރިހާ ކަމަކަށް ސަމާލުކަންދިނުން ލާޒިމު. އެއީ، މި އާޔަތުގެ ފަހުބައިގައި އަންގަވާފައިވާ ފަދައިން، އެބައިމީހުންނަކީ އާދެ، އެއީ މި ދެންނެވި ހަތަރުސިފަ އެބައެއްގައި ފުރިހަމަވެފައިވާ މީހުންނަކީ، ހިދާޔަތު ލިބުން ގާތްބައެކޭ ﷲ އަންގަވާފައިވަނީ. އެބައިމީހުންނަކީ، މާތް ﷲގެ ހިދާޔަތު ލިބިގަތުން ވަރަށްގާތް ބައެކޭ. "فَعَسَىٰ أُوْلَـٰئِكَ أَن يَكُونُواْ مِنَ الْمُهْتَدِينَ." (التوبة : ١٨). "ހިދާޔަތު ލިބުމުގެ އުއްމީދުގައި ތިބި ބައެކޭ."

ޝައްކެއްނެތް، މާތް ﷲގެ ހިދާޔަތަކީ، އަޅުގަނޑުމެންނަށް ލިބޭނެ އެންމެ މަތިވެރި ނިޢުމަތް. އެ ނިޢުމަތް ލިބެންއޮތީ، މި ހަތަރުސިފަ އެބައެއްގައި ހުންނަ މީހުންނަށް. މި ކަންތައްތައް ފަރުވާތެރިކަމާއި، އިޚްލާޞްތެރިކަމާއެކީގައި ކުރާ މީހުންނަށް. އެހެންވީމާ، އަޅުގަނޑުގެ އިޚްލާޞްތެރި އެދުމަކީ، ދިއްދޫގެ ރައްޔިތުން މިސްކިތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިއްޕެވުން. މާތް ﷲ އަންގަވާފައިވާ ގޮތުގެމަތިން، ފަރުޟު ފަސްނަމާދު ޤާއިމުކުރުމުގައި ހީވާގިކަމާއި، މުރާލިކަމާ އެކީގައި، ވަގުތަށް ރައްކާތެރިވެވަޑައިގެން ތިއްބަވައިގެން، އެ ފަރުޟު އަދާކުރައްވަމުން ގެންދެވުން. ހަމައެހެންމެ، މިސްކިތުގައި ކުރުން ހުއްދަކުރައްވާފައިވާ ހެޔޮ ކަންތައްތައް ކުރެއްވުމުގައި ދިއްދޫގެ ރައްޔިތުން މަޝްޣޫލުވެވަޑައިގަތުން.

އާދެ، މި ކުރު ވާހަކަކޮޅަށްފަހުގައި، ދިއްދޫގައި އަލަށް ޢިމާރާތްކުރެވުނު ހުކުރު މިސްކިތް، އާދެ، "މަސްޖިދުލް ޣުފްރާން" ރަސްމީގޮތުން ހުޅުވައިދިނުމުގެ އުފަލާއި ޝަރަފު، އަޅުގަނޑު ލިބިގަންނަން.

والسّلام عليكم ورحمـة اللّـه وبركاته.