بســم اللّـه الرّحمـن الرّحيــم

اَلْحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّـلام على خاتم الأنبياء وسـيّد المرسـلين، وَعلى آلـه وأصـحَابِه أجمـعـين

އާދެ، މިރޭ އަޅުގަނޑު ތިޔަބޭފުޅުންގެ މި ލޮބުވެތި ރަށަށް، މަނަދުއަށް އައިސް ފޭބުމުން، ތިޔަބޭފުޅުން ތިޔަ ވިދާޅުވި، ވަރަށް އިޚްލާޞްތެރި، ވަރަށް ހޫނު މަރުޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށާއި، އަދި މި އަތޮޅުގެ އަތޮޅުވެރިޔާ އަލްފާޟިލް ޙަސަން ކަލޭގެފާނަށާއި، ރަށުގެ ވެރިންނަށާއި، ރަށުގެ ކޮމިޓީތަކާއި ޖަމުޢިއްޔާތަކުގެ މެންބަރުންނަށާއި، ޢާއްމު ރައްޔިތުންނަށާއި، ކިޔަވާކުދިންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑު މިރޭ މަނަދުއަށް މިއައީ، ހަމައެކަނި އެންމެ ބޭނުމެއްގައި. އާދެ، އެއީ މަނަދޫގެ ލޮބުވެތި ރައްޔިތުންނާ ބައްދަލުކޮށްލުމުގެ އުފާ ލިބިގަތުން. މިރަށަށް މިއައީކީ، އެއްވެސް އެހެން ބޭނުމަކުނޫން. މިދެންނެވީ މިސާލަކަށް، ތަނެއް ހުޅުވައިދޭކަށެއްނޫން، ކަމެއް ފަށައިދޭކަށެއްނޫން. ހަމައެކަނި މަނަދޫ ރައްޔިތުންނާ ބައްދަލުކޮށްލުމަށްޓަކައި.

އާދެ، ތިޔަބޭފުޅުން ހަނދުމަފުޅުހުންނާނެ، މީގެ ގާތްގަނޑަކަށް ތިން އަހަރު ކުރިން، އާދެ، 1999 ވަނަ އަހަރުގެ ޤައުމީދުވަހުގެ މުނާސަބަތާ ގުޅިގެން، މަނަދޫގައި ބޭއްވުނު އިޙްތިފާލުގައި، އަޅުގަނޑު ބައިވެރިވާގޮތަށް އޮތީ ހަމަޖެހިފައި. އެހެންނަމަވެސް، ކަންތައްތައް ދިމާވިގޮތުން، އެދުވަހު އަޅުގަނޑަށް މި ރަށަކަށް ނާދެވުނު. އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް މިހިރީ ދެރަވެފައި. ވަރަށް ހިތާމަކުރިން. އަދި އޭގެފަހުންވެސް މި ރަށަށް އައުމަށް ގަސްތުކޮށް، ކަންތައްތަކެއް ރޭވިން. އެހެންނަމަވެސް، އެފަހަރުވެސް ހަމަ އާދެވޭގޮތްނުވީ. އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ، އެއްވެސް އެހެން ބޭނުމެއްނެތި، ހަމަ މި ރަށަށް އައިސް، މި ރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލާނިއްޔޭ. އެހެންވެގެން މިރޭ އަޅުގަނޑު މަނަދުއަށް މިއައީ. މިފަހަރުގެ ދަތުރު ހަމަޖެހިފައިވާގޮތުން، ދުވާލުގެ ވަގުތެއްގައި ނާދެވުނު ނަމަވެސް، މިރޭ އަޅުގަނޑު މި ރަށަށް އައުމުން، އަޅުގަނޑަށް ފެނިގެންދިޔަ މަންޒަރުތަކަކީ، ވަރަށް ހިތްގައިމު ޖައްވެއްގައި ފެނިގެންދިޔަ، ވަރަށް އުފާވެރި މަންޒަރުތަކެކޭ ދަންނަވާލަންޖެހޭ.

އާދެ، ރަށުގެ ކުދިބޮޑު ރައްޔިތުންގެ އެންމެން ގާތްގަނޑަކަށް ތިބީ، އަޅުގަނޑުގެ އިސްތިޤްބާލުގައި އަތިރިމައްޗަށް ނުކުމެ. ހުރިހާ އެންމެންގެ މޫނުތަކުން ފެނިގެންދިޔައީ، ވަރަށް އުފާވެރި ހިނިތުންވުމެއް. އަދި މަދަރުސާކުދިންގެ މޫނުތަކުންވެސް ފެނިގެންދިޔައީ، އުފާވެރިކަމުގެ މަންޒަރުތައް. އެކުދިންގެ މަރުޙަބާވެސް ހިމެނިގެންދިޔައީ، ވަރަށް ޚާއްޞަ މަރުޙަބާއެއްގެ ގޮތުގައި. އެހެންވީމާ، އަޅުގަނޑަށް މިރޭ ވަރަށް ބޮޑު އުފަލެއް އިޙްސާސް ކުރެވިއްޖެ ވާހަކަ ދަންނަވާލަން. އަދި މި އުފާ އަޅުގަނޑަށް މިގޮތަށް މި ލިބުނީ، އަތޮޅުވެރިންނާއި، މަނަދޫގެ ވެރިންނާއި ރައްޔިތުން، އަޅުގަނޑަށް ވިދާޅުވި ހޫނު މަރުޙަބާގެ ސަބަބުން ކަމަށްވާތީ، އަދިވެސް އެއްފަހަރު، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

އާދެ، މިނިސްޓަރ އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ ވާހަކަފުޅުގައި، އަޅުގަނޑާ ބެހޭގޮތުން، ވަރަށް އޯގާތެރި ބަސްފުޅުތަކެއް ވިދާޅުވި. އެކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު ދަންނަވަން. އާދެ، އެމަނިކުފާނަކީ، އަތޮޅުތަކުގެ ހިންގުމާބެހޭ ސަރުކާރުގެ އެންމެ އިސްވެރިޔާ. އޭނާގެ ބެއްލެވުމުގެ ދަށުން، ރާއްޖޭގެ އަތޮޅުތަކަށް ވަރަށް ހެޔޮ ބަދަލުތަކެއް އަންނަމުން އެބަދޭ. އެކަން ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ.

އާދެ، އަޅުގަނޑު މި ރަށަށް އެންމެ ފުރަތަމަ އައި ދުވަހުގެ ވާހަކަވެސް، އޭނާ ދެންމެ ވިދާޅުވެއްޖެ. އާދެ، އެއީ 1979 ވަނަ އަހަރުގެ މާރިޗުމަހުގެ 1 ވަނަ ދުވަހު. މީގެ ގާތްގަނޑަކަށް 23 އަހަރު ކުރިން. އެ ދުވަހު އަޅުގަނޑު މިރަށަށް އައީ، ވަރަށް ޚާއްޞަ ބޭނުމަކު. އެއީ މިރަށުގައި ސަރުކާރުގެ މަދަރުސާއެއް ހުޅުވައިދޭން. އެ މަދަރުސާގެ ނަމަކީ، މަނަދޫ ޕްރައިމަރީ ސްކޫލް. އޭގެކުރިން ސަރުކާރުގެ މަދަރުސާއެއް މި ރަށަކު ނެތް.

އަޅުގަނޑު ރައީސްކަމާ ހަވާލުވެފައި، އަޅުގަނޑު ގަސްތުކުރީ، ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް ސަރުކާރުގެ މަދަރުސާއެއް، އެއް އަހަރު ދުވަހުގެ ތެރޭގައި ހުޅުވަން. އާދެ، އޭރު ކަންތައްތައް ހުންނާނެގޮތް، މިހާރުގެ ކިޔަވާކުދިންނަށާއި ޒުވާނުންނަށް، އެއްގޮތަކަށްވެސް ތަޞައްވުރެއް ނުކުރެވޭނެ. އެދުވަސް ދުށް މީހަކަށް އެކަނި، އެދުވަހު ކަންތައްތައް އޮތްގޮތް އެނގޭނީ.

އާދެ، 1979 ވަނަ އަހަރުގެ މާރިޗުމަހުގެ 1 ވަނަ ދުވަހުގެ ހެނދުނު ހަތެއްޖެހިއިރު، އަޅުގަނޑު މި ރަށަށް ފައިބާ، މި ރަށުގައި މި ދެންނެވި މަނަދޫ ޕްރައިމަރީ ސްކޫލް ހުޅުވައިދިނިން. އެ ސްކޫލް ހުރީ ކޮން ސިފައެއްގައިތޯ؟ ދަނޑިފަނުން ހަދާފައިހުރި ކުޑަކުޑަ ތަންކޮޅެއް. އެއްގޮތަކަށްވެސް ރާނާ ހިޔާކޮށްފައި، މިހާރު މި ފެންނަ ކަހަލަ މަދަރުސާތައް ނުވަތަ ސްކޫލްތައް ހުންނަގޮތަކަށް ނޫން ހުރީކީ. އެހެންނަމަވެސް، އެއީވެސް މަދަރުސާއެއްތާ! ސަރުކާރުގެ ޚަރަދުގައި ހިންގަން ގަސްތުކުރި ތަނެއްވީމާ، މަނަދޫ ޕްރައިމަރީ ސްކޫލް ނަމަކަށް ކިޔާފައި، އެ ދުވަހު އެ މަދަރުސާ ހުޅުވީ. އަދި އެއީ އަޅުގަނޑުހިތުން އަޅުގަނޑުގެ ނިސްބަތުގައިވެސް ވަރަށް ޚާއްޞަ ދުވަހަކަށް ވާނެ. އެއީ، އެ ދުވަހަކީ، އެ ދުވަހުގެ ގަޑިތަކުގެ ތެރޭގައި، ދެ ރަށެއްގައި، ދެ ސްކޫލެއް އަޅުގަނޑަށް ހުޅުވައިދިނުމުގެ އުފާ ލިބުނު ދުވަހެއް.

އާދެ، ހެނދުނު ހަތެއް ޖެހިއިރު، މަނަދޫ ޕްރައިމަރީ ސްކޫލް ހުޅުވައިދިނީ. އެދުވަހު މެންދުރުފަހު ތިނެއް ޖެހިއިރު، ކުޅުއްދުއްފުށީ އަތޮޅު ތަޢުލީމީ މަރުކަޒު ހުޅުވައިދިނީ. އެއް ދުވަހެއްގައި ދެ މަދަރުސާއެއް ހުޅުވުނު ހަމައެކަނި ދުވަހަކީ އެއީކަމަށްވުންވެސް އެކަށީގެންވޭ. ކޮންމެއަކަސް، އަޅުގަނޑު މި ދަންނަވާލީ، އެންމެ ފުރަތަމަ އަޅުގަނޑު މި ރަށަށް އައި ދުވަހުގެ ވާހަކަ. އެ ދުވަހު ކަންތައްތައް ހުރިގޮތާ މިހާރު ހުރި ތަފާތު ތިޔަބޭފުޅުންނަށް ވަޒަންކުރެއްވޭނެ. އޭރުހުރީ ކުޑަކުޑަ ޖިފުޓިއެއްކަހަލަ ތަނެކޭ ދެންނެވިޔަކަސް ދޮގަކަށްނުވާނެ. ފަނުންހަދާފައި، ކުޑަތަންކޮޅެއްގައި މަދަރުސާ ހިންގަން ފެށީ. އެހެންނަމަވެސް، މާތް ﷲގެ ހެޔޮ ރަޙްމަތްފުޅުން، ރާއްޖެއަށް ލިބެމުންމިދާ ތަނަވަސްކަމުގެ ސަބަބުން، އަދި ސަރުކާރުން ތަޢުލީމަށްދޭ ސަމާލުކަމުގެ ސަބަބުން، މިހާރު އަތޮޅުތަކުގައި ވަރަށް ރަނގަޅު ފެންވަރަކަށް ހެދިފައިހުރި، ވަރަށް ގިނަ ސްކޫލް މަދަރުސާތައް އެބަހުރި. އޭގެތެރެއިން، އެއްތަނެއްގައި އަޅުގަނޑުމެން މިރޭ މި ޖަލްސާ ކުރަމުން މިގެންދަނީ. އެހެންވީމާ، މިވޭތުވެދިޔަ ތޭވީހަކަށް އަހަރު ދުވަހުގެ ތެރޭގައި، ރާއްޖެއަށް ވަރަށް ބޮޑު ބަދަލު އަތުވެއްޖެ. ކޮންމެ ރޮނގަކުން ވިސްނާލިޔަސް، އެ ބަދަލުތައް މިހިރީ ފެންނަން.

އާދެ، އެ ބަދަލުތައް އެއައީކީ ފަހަރެއްގައިވެސް އަޅުގަނޑު ނުދަންނަވަން، އަޅުގަނޑު ކުރި މަސައްކަތަކުންނެކޭ. އެ ބަދަލުތައް އެއައީ، ރައްޔިތުން އެ ބަދަލުތަކަށް ޝައުޤުވެރިވާތީ. ރައްޔިތުން އެ ބަދަލުތައް ގެނައުމަށް ބޭނުންވާތީ އަދި ރައްޔިތުންގެ ހިންމަތާއި މިންނަތުން. ސަރުކާރުން ހަމައެކަނި މަގު ކޮށައިދިނީ. މަގު ދައްކައިދިނީ. އެ ކަންތައްތައް ކުރެވޭނެ ވަސީލަތްތައް ހޯދައިދިނީ. ހުރިހާ މަސައްކަތެއް ކުރީ ރައްޔިތުން. އެހެންވީމާ، އެކަމުގެ ޝުކުރާއި ތާރީފު ޙައްޤުވާ ފަރާތަކީ، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންކަމާމެދަކު ޝައްކެއްނެތް.

އާދެ، މި އަތޮޅަކީ ތަރައްޤީގެ މަގުގައި ހަލުވި ފިޔަވަޅުތަކެއް ކުރިއަށް އަޅަމުންދާ އަތޮޅެއް. މި އަތޮޅުގެ ރައްޔިތުންގެ މެދުގައި އޮތީ އެކުވެރިކަމާއި އެއްބާރުލުން. މި އަތޮޅުގެ ރައްޔިތުންގެ މެދުގައި އެއްވެސްކަހަލަ ފިތުނަވެރިކަމެއް، ބައިބައިވުމެއް ނެތް. އާދެ، އޭގެ ސަބަބަކީ، އަޅުގަނޑުހިތުން ރައްޔިތުން ތަރައްޤީއަށް ލޯބިކުރައްވާ މިންވަރު. ރައްޔިތުންނަށްވެސް، ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ ހަމަޖެހުމާއި، އެކުވެރިކަމާއި، އެއްބާރުލުމުގެ މުހިންމުކަން ވަޒަންކުރެއްވޭ މިންވަރު.

ދެންމެ، މި ރަށުގެ މުދިމު އެ ކިޔަވައިވިދާޅުވި އާޔަތްތަކުންވެސް އަޅުގަނޑުމެންނަށް އެބައެނގޭ. ﷲ ވަޙީކުރައްވާފައިވާ އާޔަތެއް އަޅުގަނޑުމެންނަށް އިވިގެން ހިނގައްޖެ. وَاعْتَصِمُواْ بِحَبْلِ اللَّـهِ جَمِيعًا وَلَا تَفَرَّقُواْ (آل عمران: ١٠٣). "ތިޔަބައިމީހުން އެކުގައި ތިބެގެން ﷲ ގެ ވާފަށުގައި، އެބަހީ ﷲ ގެ ދީނުގައި ހިފަހައްޓާށޭ. އަދި ތިޔަބައިމީހުން ބައިބައިނުވާށޭ." މިއީ މާތްވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނަށް ގެނެސްދޭ، އެންމެ މަތިވެރި ރިސާލަތަކީ ނުވަތަ މެސެޖަކީ. އެންމެން އެކަތިގަނޑަކަށްވުން. އެއްގޮތަކަށްވެސް ބައިބައިނުވުން.

އާދެ، ކޮންމެއަކަސް ވަރަށް އެކުވެރި ރައްޔިތަކު ދިރިއުޅޭ ތަނެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މި އަތޮޅު ސިފަވަމުން މިދަނީ، ފެންނަމުން މިދަނީ. އާދެ، އޭގެ އެއް ސަބަބަކީ، އަޅުގަނޑު މިދެންނެވިހެން، އަތޮޅުގެ ރައްޔިތުންނަށް އެކުވެރިކަމާއި އެއްބަނޑުއެއްބަފާކަމުގެ މުހިންމުކަން ވަޒަންކުރެއްވޭކަން. ހަމައެހެންމެ، އަތޮޅުގައި ވަރަށް ޚިދުމަތްތެރި، ވިސްނުންތެރި ވެރިންތަކެއް ތިއްބެވިކަން. އާދެ، އޭގެތެރެއިން ޝައްކެއްނެތް، އެއް ބޭފުޅެއް، މި އަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާ އަލްފާޟިލް ހޮޅުދޫ ޙަސަން ކަލޭގެފާނު. ޙަސަން ކަލޭގެފާނަކީ، ސަރުކާރަށް ވަރަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއް. އަޅުގަނޑަށް އެނގިފައިވާގޮތުގައި، ގާތްގަނޑަކަށް 35 އަހަރު ނުވަތަ 36 އަހަރު ޚިދުމަތް ކުރައްވައިފި. އޭގެތެރޭގައި، އަތޮޅުވެރިކަންވެސް ތިންފަހަރެއްގެމަތިން، ގާތްގަނޑަކަށް ސޯޅަވަރަކަށް އަހަރު ކުރައްވައިފި. މިފަހަރުވެސް މިހާރު އަޅުގަނޑަށް ހީވާގޮތުގައި، މި އަހަރުގެ ތެރޭގައި 9 އަހަރު ހަމަވާނެ. އޭނާ، އަތޮޅު ތަރައްޤީ ކުރައްވަން ވަރަށް މަސައްކަތް ކުރައްވާ. އަދި އަތޮޅު ކުރިއަރުވާ ކޮމިޓީއާއި އަދި ރަށްރަށުގެ ވެރިންނާއި ކޮމިޓީތަކުގެ މަޝްވަރާއާ އެކީގައި، މި އަތޮޅަށް ތިން އަހަރު ދުވަހުގެ މަޝްރޫޢެއްވެސް ކަނޑައަޅުއްވައި، އެ މަޝްރޫޢެއްގެ މަސައްކަތްތައް ކުރައްވަމުން އެބަގެންދަވާ. އެ މަޝްރޫޢަށް ސަރުކާރުގެ ބަޖެޓުންވެސް އެހީ ލިބޭ. ހަމައެހެންމެ، ބޭރުގެ ފަރާތްތަކުގެ އެހީވެސް، ސަރުކާރު މެދުވެރިވެގެން، އެ މަޝްރޫޢަށް އެބަ ލިބޭ. މިގޮތުން، އަތޮޅުގައި ވަރަށް ފައިދާހުރި، ބޭނުންތެރި ކަންތައްތަކެއް މިހާރުވަމުން އެބަދޭ.

އާދެ، އަޅުގަނޑުގެ އިލްތިމާސަކީ ނުވަތަ ނަސޭހަތަކީ، އެ މަސައްކަތްތައް އެގޮތަށް ކުރިއަށް ގެންދެވުން. ރައްޔިތުންގެ ހިތުގައި ތަރައްޤީގެ ޚިޔާލު އުފެދިގެން، ރައްޔިތުން އަމިއްލައަށް ތަރައްޤީގެ މަސައްކަތްތައް ކުރަމުން ގެންދިޔުން. އަދި ސަރުކާރަށްވެސް، ރައްޔިތުން ބޭނުންވާ ކަންތައްތައް އަންގައިދީ، އެ ކަންތައްތައް ކުރެވެން އޮތް މަގަކީ ކޮބައިކަން ބުނެދީ، މިގޮތަށް ކަންތައްތައް ގެންދިޔުން.

އާދެ، މަނަދުއަކީ ހީވާގި ރައްޔިތަކު ދިރިއުޅޭ ރަށެއް. މިރަށުގެ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ވަޑާންކުރުމާއި، ރާނާ ސިމެންތި ޖެހުމާ، މިބާވަތުގެ ވަރަށް ގިނަ ކަންތައްތައް. އަދި އާމްދަނީ ލިބޭ ފެންވަރަށް ރަށުގެ ރައްޔިތުން، މި ހުރިހާ މަސައްކަތެއްވެސް ކުރަމުންގެންދޭ.

އަޅުގަނޑުމެން މިއަދު ދަންނަންވީ ޙަޤީޤަތަކީ، ކުރިއަށް ދެވޭނީ މަސައްކަތް ކޮށްގެންކަން. އެއްވެސް ބަޔަކު ދުނިޔޭގައި އެއްވެސްއިރެއްގައި، އެއްވެސް ތަނެއްގައި، މަސައްކަތެއް ނުކޮށެއް ކުރިއަށް ގޮސްފައެއް ނެތް. ބުރަ ނުއުފުލައެއް ތަރައްޤީވެފައެއް ނެތް. އެހެންވީމާ، އެއީ އަޅުގަނޑުމެން ލިބިގަންނަންވީ ފިލާވަޅަކީ. އަޅުގަނޑުމެން ކުރިއަށްދާން ބޭނުން، ތަރައްޤީވާން ބޭނުން. އެކަމަށް އޮތް ހަމައެކަނި މަގަކީ، މަސައްކަތް ކުރުން. ހިންމަތް ކުރުން. އެ މަސައްކަތް ކުރަންވީ، ކުރިންވެސް ދެންނެވި ފަދައިން، ހުރިހާ އެންމެން އެއްބަނޑުއެއްބަފާ ކަމުގެ ރޫޙެއްގައި އެކަތިގަނޑަކަށްވެ ތިބެގެން.

އާދެ، ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑު މި ހުރި މަގާމާ މީގެ ގާތްގަނޑަކަށް 23 އަހަރު ކުރިން ހަވާލުވިފަހުން، އެންމެ ފުރަތަމަ މަދަރުސާއެއް ހުޅުވައިދިނުމުގެ އުފާ އަޅުގަނޑަށް ލިބުނު މަދަރުސާއަކީ، މަނަދޫ ޕްރައިމަރީ ސްކޫލް. އެހެންކަމުން، މަނަދުއަކީ އަޅުގަނޑު ދެކޭގޮތުގައި، ރާއްޖޭގެ ތަޢުލީމީ ތާރީޚުގައި، ވަރަށް މުހިންމު ބިންގަލެއް އެޅިފައިވާ ރަށެއް. ކަން މިހެން ހުރުމާއެކު، މި އަހަރުގެ ދިރާސީ އަހަރު ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ ކިޔަވާކުދިންނަށާއި، މުދައްރިސުންނަށާއި، މައިންބަފައިންނަށާއި އަދި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް ތަހުނިޔާ ފޮނުވުމަކީ، މުނާސިބު ކަމެއް ކަމުގައި އަޅުގަނޑު ދެކެން.

އާދެ، މި އަހަރުގެ ދިރާސީ އަހަރު ނުވަތަ ތަޢުލީމީ އަހަރު މިވަނީ، މީގެ ދެތިންހަތަރު ދުވަސް ކުރިން ފެށިފައި. މި އަހަރަކީ، ރާއްޖެއަށް ހުރިހާ ގޮތަކުންވެސް، ތަޢުލީމީ ގޮތުންނާއި، އެނޫން ގޮތްގޮތުންވެސް ބާއްޖަވެރި، ކާމިޔާބު އަހަރެއް ކަމުގައި ލެއްވުން އެދި އަޅުގަނޑު ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. އަދި މި އަހަރުގެ ތެރޭގައި، ރާއްޖޭގެ ކިޔަވާކުދިންނަށް އިތުރު ފައިދާތަކެއް ލިބިގެންދާނެކަމަށްވެސް އަޅުގަނޑު އުންމީދު ކުރަން.

ރާއްޖޭގެ ކިޔަވާކުދިންނަށް އަޅުގަނޑު ދޭންއޮތްހާވެސް ނަސޭހަތަކީ، ތިޔަކުދިންނަށް ލިބިފައިވާ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ކުރާށޭ. ތިޔަކުދިންނަށް ތިޔަ އުމުރުގައި ލިބިފައި މިވަނީ ރަނުގެ ފުރުޞަތެކޭ. އެ ފުރުޞަތު ނަގައިނުލާށޭ. އެ ފުރުޞަތުގެ ބޭނުން، އެންމެ އެދެވޭގޮތުގައި ކޮށްފިނަމަ، އެކަމުގެ އުފަލާއި ނިޢުމަތްތައް ޙާޞިލުކުރަން ތިބޭނީވެސް، ހަމަ ތިޔަކުދިންނޭ. ތިޔަކުދިންނަށް މިއަދު ލިބިފައިމިވާ އަގުހުރި ފުރުޞަތު، ރަނުގެ ފުރުޞަތު ނަގާލައިފިނަމަ، ހަމަ ހިތާމަކުރާނީވެސް ތިޔަކުދިންނޭ.

އާދެ، އަޅުގަނޑުމެންގެ ޒުވާން ދައުރުގައި، މި ކަންތައްތައް މިހާ ރަނގަޅަކަށް ނުއެއްވިސްނޭނެ. ބައެއް ކުދިންނަށް ކަންތައްތައް ދިމާވާގޮތުން، ކިޔެވުމަށް ފަރުވާކުޑަކުރެވޭތަން އަތުވެދާނެ. އެހެންނަމަވެސް، އެތައް އަހަރުތަކެއް ފާއިތުވެގެންދާފަހުން، އިޙްސާސް ކުރެވޭނީ އެކަމުގެ ހިތާމަ. އޭރުން ހިތަށްއަރާނެ، ތިމަންނާއަށް އެ ފުރުޞަތު ލިބިފައި އޮތް ދުވަހު ކިޔެވުނުނަމައޭ. މިވެނި ޑިގްރީއެއް ޙާޞިލު ކުރެވުނުނަމައޭ. އޭރުން ތިމަންނާ މިހާރު މިއުޅޭގޮތަކަށް އުޅޭކަށެއް ނުޖެހުނީހޭ. އޭރު ހުންނާނީ މާ މަތީ މަގާމެއްގައޭ. އޭރު ދިރިއުޅޭނީ މާ ތަނަވަސްކޮށޭ. ހުރިހާ ކަމެއްވެސް ތިމަންނާޔަށް އޮންނާނީ ފަހިވެފައޭ. އެހެން ހިތަށްއަރާނީ މާފަހުން. އެހެންވީމާ، މިއަދުގެ ކިޔަވާކުދިން މިކަން ދަތުމަކީ އަޅުގަނޑުހިތުން ވަރަށް މުހިންމު ކަމެއް. ތިޔަކުދިންނަށް ލިބިފައިތިޔަވަނީ، ވަރަށް ނާދިރު، ވަރަށް މުހިންމު، ވަރަށް އަގުހުރި ފުރުޞަތެއް. އެ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ކުރަންވާނެ. ކޮށްފިއްޔާ، ތިޔަކުދިންނަށް މުސްތަޤްބަލުގައި ވަރަށް ގިނަ ފައިދާތަކެއް ލިބޭނެ. ތިޔަކުދިން ބޭނުންވާ މަންޒިލް މަޤްޞޫދަށް ވާސިލުވުމުގެ މަގު، މާތް ﷲ ގެ ވާގިފުޅާއެކު ތަނަވަސްވެގެންދާނެ.

އާދެ، ތަޢުލީމާބެހޭ ވާހަކަދައްކާއިރު، ޚާއްޞަކޮށް މިދަނޑިވަޅުގައި، ރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި ހިނގި، ވަރަށް ހިތާމަވެރި ވާހަކައެއްވެސް ދަންނަވާލަން އަޅުގަނޑު ބޭނުން. އެ ވާހަކަ ތިޔަބޭފުޅުންނާ ޙިއްޞާކޮށްލަން. އާދެ، އެނގިވަޑައިގަންނަވާނެ ފަދައިން، މި އަހަރުގެ ލަންޑަން ޖީ.ސީ.އީ. އޯ.ލެވެލް އިމްތިޙާނު ފެށުމުގެ ކުރިން، ބައެއް މާއްދާތަކުގެ ސުވާލު ކަރުދާސްތައް ވަނީ ބޭރުވެފައި. ޤަވާޢިދާ ޚިލާފަށް ބޭރުވެފައިވަނީ. މިއީ ޝައްކެއްނެތް، ވަރަށް ހިތާމަހުރި ކަމެއް. އަޅުގަނޑުމެން އެންމެން ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް. މުޅި ޤައުމަށް ލިބުނު ވަރަށް ބޮޑު ލަދެއް. މި އިމްތިޙާނަކީ، ހަމައެކަނި ރާއްޖޭގައި ބޭއްވޭ އިމްތިޙާނެއް ނޫން. ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކެއްގައި، އެއްދުވަހެއްގައި، އެއް މާއްދާގެ ކަރުދާސްތަކުގެ އެ އިމްތިޙާނު ބޭއްވެނީ. މިހެން މިކަން އޮއްވައި، ރާއްޖެ ކަހަލަ ސައްތައިންސައްތަ މުސްލިމް ޤައުމެއްގައި، މިފަދަ ކަމެއް ހިނގައިދިޔުމަކީ ޝައްކެއްނެތް، އަޅުގަނޑުމެން ވަރަށް ބޮޑަށް ދެރަވާންޖެހޭނެ ކަމެއް. އަޅުގަނޑުމެންގެ ރީތި ނަމަށް ވަރަށް ބޮޑު ހުތުރެއް ލިބިގެންދާނެ ކަމެއް.

ރާއްޖޭގެ ސުމާޢަތަކީ، ރާއްޖޭގެ ރީތި ނަމަކީ، މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅުން މިހާތަނާ ޖެހެންދެން، މީހުން ވަރަށް ތާރީފުކުރާކަހަލަ ގޮތެއްގައި މުޅި ދުނިޔޭގައި މަޝްހޫރުވެފައިވާ ނަމެއް. އަޅުގަނޑުމެންގެ ރާއްޖޭގައި މިއޮތް ހަމަޖެހުމުގެ ވާހަކަ، ދުނިޔޭގެ ވަރަށް ގިނަ މީހުން ދައްކާ. އަޅުގަނޑުމެންގެ ވަސީލަތްތައް މަދުކަމާއެކީގައިވެސް، ރާއްޖެ ތަރައްޤީވާލެއް ހަލުވިކަމުގެ ވާހަކަ، ވަރަށްގިނަ ފަރާތްތަކުން، ބޭރުގެ ފަރާތްތަކުން ދައްކާ. ބޭރުގެ ޤައުމުތަކުގެ ވެރިންވެސް ދައްކަވާ. އަދި ބޭރުގެ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުގެ ވެރިންވެސް ދައްކަވާ. ރާއްޖެއަކީ ކުރިއަށް ދިޔުމުގެ ލާމަސީލު މިސާލެއް ކަމުގައި ބައެއް މީހުން ބުނެއުޅޭ. މިކަހަލަ ރީތި ނަމެއް ރާއްޖެއަށް ލިބިފައި ވަނިކޮށް، މިކަހަލަ ހިތާމަވެރި ހާދިސާއެއް ދިމާވުމަކީ، އަޅުގަނޑުހިތުން ރާއްޖޭގެ އެންމެންވެސް ހަމަ ވަރަށް ބޮޑަށް ދެރަވެ ހިތާމަކުރާނެ ކަމެއް. އެހެންނަމަވެސް މިކަން މިއޮތީ ވެފައި.

ކޮންމެ ތަނެއްގައިވެސް ގަވާއިދާ ޚިލާފަށް ކަންތައް ކުރާ މީހުން އުޅޭނެ. އެހެންވީމާ، އަޅުގަނޑަށް ހީވަނީ މިކަންކަން މިހެން މިވަނީ، އަޅުގަނޑުމެން ކަންކަމަށް ސަމާލުވާންވީވަރަށް ސަމާލުނުވެވޭތީހެން. އެއްވެސްއިރެއްގައި މިކަހަލަ ކަމެއް ހިނގާފައިނެތީމާ، އަޅުގަނޑުމެންނަށް ހީވަނީކަންނޭނގެ، ރާއްޖޭގައި މިކަހަލަ ކަމެއް ނުހިނގާނެއޭ. އެކަމަކު އެއީކީނޫންކަންނޭނގެ އެކަންތައް ކުރަންވީ ގޮތަކީ. ކޮންމެ ކަމެއްވެސް ހިނގާފާނެކަމަށް ވިސްނަންޖެހޭނެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭނެ. އެފަދަ ފިޔަވަޅުތައް ނޭޅިއްޖެނަމަ، އަޅުގަނޑުމެންނަށް މިއަދު މި ދިމާވިކަހަލަ ލަދެއް ދިމާވުމަކީ ނުވަތަ ހިތާމަޔެއް ދިމާވުމަކީ، ހަމަ ވަރަށް ކައިރީގައި އޮންނާނެ ކަމެއް.

އާދެ، މައްސަލައިގެ ތަޙްޤީޤު، ކަމާބެހޭ ފަރާތްތަކުން ކުރިއަށް އެބަގެންދަވާ. ޝައްކެއްނެތްގޮތުގައި، ކޮންމެވެސް ބަޔަކު ގަވާއިދާ ޚިލާފަށް މިކަން މިވަނީ ކޮށްފައި. އެހެންވީމާ، އެ ތަޙްޤީޤު ނިމުމުން، އެކަމުގައި މަސްއޫލުވާންޖެހޭ ފަރާތްތައް، ޒިންމާވާންޖެހޭ ފަރާތްތައް ގަވާއިދާ ޚިލާފަށް ކަންތައްކުރި ފަރާތްތަކާ ދޭތެރޭގައި، ސަރުކާރުން ޤާނޫނީ ގޮތުން އެޅެންއޮތް އެންމެ ހަރުކަށި ފިޔަވަޅެއް އެޅުމަކީ އަޅުގަނޑުހިތުން، އަޅުގަނޑުމެންގެ ތަޢުލީމީ ޙަޔާތުގެ މަންފާއަށްޓަކައި އަދި އަޅުގަނޑުމެންގެ ސުމްޢަތު ދުނިޔޭގައި ހިފެހެއްޓުމަށްޓަކައި، ކޮންމެހެން ކުރަންޖެހޭނެ ކަމެއް.

އާދެ، މިކަން މިހެންދާއިރު، އަޅުގަނޑުހިތުން މަދަރުސާތަކުގެ ޓީޗަރުންނާއި، ބެލެނިވެރިންނާއި، އަދި މައިންބަފައިންނާ މި އެންމެން، ރާއްޖޭގެ އިސްލާމީ އާދަކާދަ ހިފެހެއްޓުމަށް، އިސްލާމީ އަދަބުތަކާއި، އިސްލާމީ އަޚްލާޤު، ކުދިންގެ ހިތްތަކުގައި އަށަގެންނެވުމަށް، ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭނެ.

އިސްލާމްދީނުގައި އޮންނަނީ ތެދުވެރިވާން. އަމާނާތްތެރިވާން. ތެދުބުނަން. ބަހާއި ޢަމަލުން، އިޚްލާޞްތެރި ތެދު ޢަމަލުކުރަން. އެއްވެސް ޙާލެއްގައި އިސްލާމްދީން ހުއްދައެއްނުކުރޭ މަކަރު ހަދާކަށް، ޙީލަތް ހަދާކަށް، ގަވާއިދާ ޚިލާފަށް ޢަމަލުކުރާކަށް، ނާޖާއިޒު ފައިދާ ހޯދާކަށް. މިކަންކަން، އަޅުގަނޑުމެންގެ ކުދިންނަށް، ރަނގަޅަށް ދަސްކޮށްދޭން ވެއްޖެ. އަދި މިކަންކަން، އަޅުގަނޑުމެންގެ ޒުވާނުންނަށާއި އަދި އެނޫން ޢުމުރުފުރައިގެ މީހުންނަށްވެސް، ރަނގަޅަށް ދަސްކޮށްދޭންވެއްޖެ. އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވީތީ، އަޅުގަނޑުމެން ވާންޖެހޭނެ ތެދުވެރި ބަޔަކަށް. ގަވާއިދާ ޚިލާފަށް ކަމެއް ކޮށްގެންނެއް ނުވާނެ. މަކަރު ހަދައިގެންނެއް ނުވާނެ. އަދި އަމުދުން މިކަހަލަ ކަންތައްތަކުގައި، ޤައުމުގެ އަގުވެއްޓޭގޮތަށް، އަޅުގަނޑުމެން ޢަމަލުކޮށްގެންނެއް ނުވާނެ.

އަޅުގަނޑުމެން ރީތި އިޖުތިމާޢީ އަގުތައް ހިފަހައްޓައި މަތިކުރުމަށް ބަހައްޓަންޖެހޭ ފަރުވާތެރިކަން އިތުރުކުރުމަށް، އަޅުގަނޑު މިއަދު ދިވެހި ޤައުމަށް އިލްތިމާސް ކުރަން. އަޅުގަނޑުމެންގެ އަޚްލާޤު މަތިވެރިކުރުމަށް، ޒަމާނުއްސުރެ ރާއްޖޭގައި އަށަގެންފައިވާ އަޅުގަނޑުމެންގެ ރީތި އާދަކާދަތަކާއި، އިސްލާމީ އަދަބުތަކާއި އަޚްލާޤުތައް، އަޅުގަނޑުމެންގެ ކުދިންނަށާއި ޒުވާނުންނަށް ރަނގަޅަށް ދަސްކޮށްދީ، އެކުދިންގެ އުޅުމާއި ސުލޫކު އެގޮތަށް ބައްޓަންކުރުމަށް މަސައްކަތް ކުރުމަށް، އަޅުގަނޑު ދިވެހި ޤައުމަށް މިރޭ ގޮވާލަން.

އާދެ، ޝައްކެއްނެތް، މިފަދަ ހިތާމަވެރިކަމެއް ދިމާވުމުން، އަޅުގަނޑުމެން އެންމެންނަށް ވަރަށް ބޮޑު ދެރައެއް އިޙްސާސް ކުރަންޖެހޭނެ. އެހެންނަމަވެސް، މިފަދަ ކަމަކުންވެސް ސަލާމަތްވެވެންއޮތީ، ކުރިއަށް އޮތް ތާނގައި، އަޅުގަނޑު މި ދެންނެވި ފަދައިން، އިސްލާމީ އަޚްލާޤާ ދޭތެރޭގައި އިތުރަށް ވިސްނައި، އެކަންކަން އަޅުގަނޑުމެންގެ ހިތްތަކުގައި ހަރުދަނާ ކުރުމަށް މަސައްކަތްކޮށްގެން.

އާދެ، އަޅުގަނޑުގެވާހަކަ، މާ ދިގުކުރާކަށްނެތިން. ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑު މިރޭ މި ރަށަށް މިއައީ، ހަމައެކަނި މި ރަށުގެ ލޮބުވެތި ރައްޔިތުންނާ ބައްދަލުކޮށްލުމުގެ އުފާ ޙާޞިލު ކުރުމަށްޓަކައި. އެ އުފާ ލިބުނުކަމަށްޓަކައި، اللّـه سبحـانـه وتعـالى ގެ ހަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. އަދި އަޅުގަނޑު މި ރަށަށް އައުމުން، މި ރަށުގެ ލޮބުވެތި ރައްޔިތުން، އަޅުގަނޑަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެން އެންމެންނަށް ހެޔޮވިސްނުން ދެއްވުން. އަޅުގަނޑުމެންނަށް މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި ސާބިތުވެ ތިބުމުގެ ހެޔޮ ތައުފީޤު ދެއްވުން. އަދި އަޅުގަނޑުމެން ކުރާ ޢަމަލުތަކާއި އަދި ބުނާ ބަސްތަކުން، ދިވެހިޤައުމަށް ރީތިނަމާއި އަބުރުވެރިކަން އިތުރުވެގެންދިޔުން. އަޅުގަނޑުމެންނަކީ އަބަދުވެސް ހެޔޮބަސްއަހާ، ހެޔޮބަސް ގަބޫލުކުރާ ބަޔަކު ކަމުގައި ލެއްވުން.

والسّـلام عليـكم ورحـمة اللّـه وبـركاتـه.