بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علٰـى خاتم الأنبياء وسيّد المرسلين، سيّدنا محـمَّدٍ وعلى آلـه وأصـحابه أجمعـين.

އާދެ، އަޅުގަނޑު ރާއްޖޭގެ އުތުރުގެ ބައެއް އަތޮޅުތަކަށް މިކުރާ ދަތުރުގައި، ކަނދޮޅުދުއަށް އައުމާ އެކީގައި، ކަނދޮޅުދޫގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަވިދާޅުވި އިޚްލާޞްތެރި އަދި ހޫނު މަރްޙަބާއަށްޓަކައި، ކަނދޮޅުދޫގެ އެންމެހައި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑު މި ރަށަށް އައުމާއެކީގައި، މި އަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާ އަލްފާޟިލް ސަޢުދު އިބްރާހީމް، އަޅުގަނޑާ ބައްދަލުކުރައްވައި، މި އަތޮޅުގެ ފަރާތުން މަރްޙަބާ ވިދާޅުވި. ހަމައެހެންމެ، ކަނދޮޅުދޫގެ ރައްޔިތުންގެ ފަރާތުންވެސް އޭނާ މަރްޙަބާ ވިދާޅުވި. އެއަށްފަހު، އަޅުގަނޑު މި ރަށުގެ ފަސްގަނޑަށް ފޭބުމާއެކީގައި ފެނިގެންދިޔައީ، ރަށުގެ ކުދިބޮޑު، އަންހެން ފިރިހެން އެންމެން އަޅުގަނޑުގެ އިސްތިޤްބާލުގައި ތިބިތަން. އާދެ، ވަރަށްވެސް އުފާވެރި މަންޒަރެއް. އަދި ތިޔަބޭފުޅުން ތިޔަފާޅުކުރެއްވި ޝުޢޫރުތައް އަޅުގަނޑު ބަލައިގަންނަނީ، އިޚްލާޞްތެރިކަމާއި ޝުކުރުވެރިކަމާ އެކީގައި.

އާދެ، އެހެންވީމާ، މިއަދު އަޅުގަނޑު ކަނދޮޅުދުއަށް އައުމާއެކީގައި، ތިޔަވިދާޅުވި މަރްޙަބާއަށްޓަކައި އަތޮޅުވެރިޔާއަށާއި، ރަށުގެ ވެރިންނަށާއި، ރަށުގެ ކޮމިޓީތަކާއި، ޖަމުޢިއްޔާތަކުގެ މެންބަރުންނަށާއި، ރަށުގައި ވަޒީފާ އަދާކުރައްވާ ސަރުކާރުގެ އެކި ދާއިރާތަކުގެ ވެރިންނަށާއި، މުވައްޒަފުންނަށާއި އަދި ލޮބުވެތި ކިޔަވާކުދިންނަށާއި، ޢާންމުކޮށް ކަނދޮޅުދޫގެ ލޮބުވެތި ރައްޔިތުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު އަދިވެސް އެއްފަހަރު، އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، ކަނދޮޅުދުއަކީ މުޅި ރާއްޖެއަށް މަސްވެރިކަމަށް މަޝްހޫރު ރަށެއް. ކަނދޮޅުދޫ މީހުންނަކީ، ރާއްޖޭގެ އެންމެ މުހިންމު އެއް މަސައްކަތް ކަމުގައިވާ މަސްވެރިކަމުގެ ދާއިރާގައި ވަރަށް ޙަރަކާތްތެރި، ވަރަށް މުރާލި، ހީވާގި ބައެއް. އޭގެ ސަބަބުން ކަނދޮޅުދުއަށް އެއްދުވަހުން އަނެއްދުވަހަށް އިތުރު ދިރުން މިދަނީ ލިބެމުން. އެމީހުން އެ ކުރާ ބުރަ މަސައްކަތުގެ ސަބަބުން އެމީހުންގެ އަމިއްލަ ދިރިއުޅުން މިދަނީ ތަނަވަސްވަމުން. އެމީހުންގެ ޢާއިލާތަކަށް އިތުރު ކުރިއެރުން ލިބެމުން މިދަނީ. އަދި އެންމެފަހުން ޤައުމުގެ އިޤްތިޞާދަށްވެސް ކަނދޮޅުދޫގެ މަސްވެރިންގެ ފަރާތުން ވަރަށް ބޮޑު ޙިއްޞާއެއް ލިބެމުން އެބަދޭ. އާދެ، އެހެންވީމާ، އެންމެ ފުރަތަމަ އަޅުގަނޑު ދަންނަވާލާހިތްވަނީ، 2001 ވަނަ އަހަރުގެ ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަސް ރަސްމީގޮތުން ފާހަގަކުރީ، މީގެ ދެ ދުވަސް ކުރިން ހއ. ހޯރަފުށީގައި ކަމަށްވާތީ، މި އުފާވެރި މުނާސަބަތުގައި، ކަނދޮޅުދޫގެ މަސްވެރިންނަށް އާދެ، ކަނދޮޅުދޫގެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދެންނެވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް.

އާދެ، ކަނދޮޅުދުއަށް ވަނީ ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހިފައި. އެންމެ ބޮޑު ދެކަމެއް ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވަނީ، ފެނުގެ ދަތިކަމާއި، ބިމުގެ ދަތިކަން. އާދެ، ފެނުގެ ދަތިކަމަށް މިހާރު ކޮންމެވެސްވަރެއްގެ ޙައްލެއް މިވަނީ ހޯދިފައިކަމަށް ވެދާނެ. އެއީ، ލޮނުން ފެންހަދާ މެޝިނެއް، ސަރުކާރުގެ ޚަރަދުގައި މިހާރު ވަނީ ކަނދޮޅުދޫގައި ބަހައްޓައިދީފައި. އަދި އެ މެޝިނުން މިހާރު އެދަނީ ފެން އުފައްދަމުން. ރައްޔިތުން ބޭނުންވާ ޢަދަދަށް ފެން ލިބެމުންދާކަމަށް، މިރަށުގެ ވެރިންގެ ފަރާތްޕުޅުން އަޅުގަނޑަށް މަޢުލޫމާތު ލިބިފައި ވަނީ.

ޝައްކެއްނެތް، މިއީ ވަރަށް މުހިންމު ކަމެއް. ފެނަކީ އަޅުގަނޑުމެންގެ ޙަޔާތާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ އެއްޗެއް. ފެނާނުލައި އިންސާނަކަށްވެސް، ޙައިވާނަކަށްވެސް އަދި ކީއްކުރަންތޯ، ގަހަކަށްވެސް، ދިރުންހުރި އެއްވެސް އެއްޗަކަށް ދުނިޔެއަކު ނޫޅެވޭނެ. އެހެންވީމާ، ފެނުގެ މައްސަލައަށް ޙައްލެއް ލިބުމަކީ، އަޅުގަނޑު ހިތުން އެއީ ވަރަށް މުހިންމު ކަމެއް. ވަރަށް ބޭނުންތެރި ކަމެއް. މި ރަށުގައި ސަރުކާރުން މި ބަހައްޓައިދިން، ލޮނުން ފެންހަދާ މެޝިނަކީ، މާލެ ފިޔަވައި، ރާއްޖޭގައި މީހުން އުޅޭ އެހެން ރަށެއްގައި ސަރުކާރުން ފުރަތަމަފަހަރަށް ބަހައްޓައިދިން، ލޮނުން ފެންހަދާ މެޝިން.

އާދެ، މި މެޝިނުގެ މަސައްކަތް އިފްތިތާޙުކޮށްދިނުމުގެ ގޮތުން، ތަންކޮޅެއް ކުރިން އަޅުގަނޑު މި ރަށަށް އައުމަށްވެސް އޮތީ ޚިޔާލުކުރެވިފައި. އެހެންނަމަވެސް، އެވަގުތު ކަންތައްތައް ދިމާވިގޮތުން، އަޅުގަނޑަށް ނާދެވުނީ. އެކަމަށްޓަކައި އަޅުގަނޑު ވަރަށް ދެރަވަން. އެހެންވީމާ، އަޅުގަނޑު ގަސްތުކުރީ، މީގެކުރިން މި ރަށަށް އައުމުގެ އުފާ އެ ދުވަސްވަރު ލިބިފައިނުވާތީ، ލިބުނު އެންމެ އަވަސް ފުރުޞަތެއްގައި މި ރަށަށް ޒިޔާރަތްކުރަން. އެހެންވީމާ، މިފަހަރުގެ މި ދަތުރަކީ، އެ ދަތުރު. އަޅުގަނޑު މި ދަތުރު ފެށީ 2001 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލުގައި ބައިވެރިވުމަށްޓަކައި ހއ. ހޯރަފުއްޓަށް ދާން. އެހެންނަމަވެސް، އެ ދަތުރުގައި އެހެން ބައެއް ރަށްރަށަށްވެސް ޒިޔާރަތްކުރުމުގެ އުފާ އަޅުގަނޑު ޙާޞިލުކުރީ. ހަމައެޔާއެކީގައި، ކަނދޮޅުދޫގައި ވަކި ޚާއްޞަ ކަމެއް މިއަދު އަޅުގަނޑު ކޮށްދޭން ނެތްނަމަވެސް، އަޅުގަނޑު ގަސްތުކުރީ، ކުރިން އައުމުގެ ފުރުޞަތު ލިބިފައިނުވާތީ، މިއަދު ކަނދޮޅުދުއަށް އައިސް، ކަނދޮޅުދޫގެ ރައްޔިތުންނާ ބައްދަލުކޮށްލަން. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު މިއަދު މިދަތުރު ކަނދޮޅުދުއަށް މިއައީ.

އާދެ، ކުރިންވެސް ދެންނެވިފަދައިން، ކަނދޮޅުދުއަށް ދިމާވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ، ފެނުގެ މައްސަލަ. އެންމެބޮޑު އަނެއް މައްސަލައަކީ، ދެންނެވުމުގެ ބޭނުމެއް ނެތްފަދައިން، ބިމުގެ މައްސަލަ. ކަނދޮޅުދުއަކީ ވަރަށް ގިނަ ޢަދަދަކަށް އާބާދީ ދިރިއުޅެމުންދާ ތަނެއް. އާދެ، އަޅުގަނޑަށް އެނގިފައިވާގޮތުގައި، މިހާރު މި ރަށުގައި ބިމުގެގޮތުން މި އޮތް ކުޑަކުޑަ ރަށުގައި 3537 މީހުން ދިރިއުޅެމުން އެބަގެންދޭ. އާބާދީގެ އެންމެފަހުގެ ޢަދަދަކީ އެއީ. އެހެންވީމާ، މިއީ ވަރަށް ބޮޑު މައްސަލައެއް. އެހެންވީމާ، މިކަމާ ދޭތެރޭގައި ސަރުކާރުން ވަރަށް ބޮޑަށް ވިސްނައިފިން. ހަމައެހެންމެ، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތްވެސް ސަރުކާރުން ވަރަށް ބޮޑަށް އޮޅުންފިލުވައިފިން. އެހެންވީމާ، މިކަމާ ބެހޭގޮތުން މިހާރު ގަސްތުކުރެވިފައި އޮތްގޮތް ދަންނަވާލުމަށް އަޅުގަނޑު ބޭނުންވޭ. އާދެ، އިރާދަކުރެއްވިއްޔާ ކަނދޮޅުދޫގެ ފަޅުން ހިއްކެން އޮތް އެންމެ ބޮޑު ސަރަޙައްދެއް ހިއްކައިދިނުމަށް މިހާރު ސަރުކާރުން ގަސްތުކުރޭ. އާދެ، އެ ވާހަކަ އަޅުގަނޑު މި ދަންނަވާލަނީ، ވަރަށް ޚާއްޞަ އުފަލަކާއެކީގައި. އަދި މި މަސައްކަތުގެ ތެރޭގައި، ކަނޑުތޮށްޓާއި، އެއްގަމުތޮށިލުންވެސް ހިމެނޭނެ.

އެނގިވަޑައިގަންނަވާނެ ފަދައިން، ރަށްރަށުގެ ފަޅު ފުންކުރުމާއި، ބިން ހިއްކުމާ، މިކަންކަމަކީ ސަރުކާރުން ވަރަށް ބޮޑު ހޭދައެއްކޮށްގެން ކުރަމުންގެންދާ ކަންތައްތައް. މިކަންކަމަކީ، ބޭރުގެ އެހީއެއް ލިބޭ ކަންކަމެއް ނޫން. ވަރަށް ގިނަ ރަށްރަށުގެ ފަޅު އޮންނާނީ، ވަރަށް ދަތިކޮށް. އެހެންވީމާ، އެ ފަޅު ފުންކުރުމުގެ މަސައްކަތް، ސަރުކާރުން ކުރަމުން އަންނަތާ ވަރަށް ގިނަ ދުވަސްތަކެއްވެއްޖެ. ކޮންމެ އަހަރަކުވެސް ވަކި ޢަދަދަކަށް ރަށްރަށުގެ ފަޅު ފުންކޮށްދެމުން ސަރުކާރުން މިގެންދަނީ. ބަޖެޓް ތަންދިން މިންވަރަކުން. އާދެ، އަޅުގަނޑުމެންގެ ބަޖެޓަކީ، މާތަނަވަސް ބަޖެޓެއްނޫން. އެކަން ކަނދޮޅުދޫގެ ރައްޔިތުންނަށްވެސް އިޙްސާސް ކުރެއްވޭނެ. އެހެންނަމަވެސް، ކޮންމެ އަހަރަކަށް ވަކިވަރަކަށް ބައެއް ރަށްރަށުގެ ފަޅު ފުންކޮށްދެމުން ސަރުކާރުން މިގެންދަނީ. އެޔާއެކީގައި، ބިމުގެ ދަތިކަން އިޙްސާސް ކުރަން ޖެހިފައިވާ ބައެއް ރަށްރަށަށް ބިން އިތުރުކޮށްދިނުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަމުން އެބަގެންދޭ. އެގޮތަށް ޅ. ހިންނަވަރަށާއި، އަދި ބ. އަތޮޅު ތުޅާދުއަށް އެ ޚިދުމަތް ވަނީ ސަރުކާރުން ދީފައި. ވަނީ ބިން ހިއްކައިދީފައި. އެހެންވީމާ، އެގޮތުން އިރާދަކުރެއްވިއްޔާ، މިހާރު މި އަހަރު އެންމެ އިސްކަމެއްދޭގޮތުގައި ސަރުކާރުން ކުރާނީ، ދެންމެ ދެންނެވިހެން، ކަނދޮޅުދޫގެ ފަޅު ހިއްކުމުގެ މަސައްކަތް.

އާދެ، އަޅުގަނޑުމެންނަށް އިތުރު ބިން ލިބޭއިރު، އެ ބިމުގެ ބޭނުން އެންމެ ރަނގަޅަށް ކުރެވޭނެ ގޮތެއްވެސް ވާނީ ހޯދާފައި ބާއްވަން. އެހެންވީމާ، ޖެހޭނެ ބިން ޕްލޭންކުރަން. ބޭނުންކުރާނެ ގޮތްތަކެއް ކުރިން ރާވަން. ހަމައެހެންމެ، ކުރިން އަޅުގަނޑުމެން ގެދޮރުއަޅަމުންދިޔަގޮތަށް ގެދޮރުއެޅުމަކީ އެއްގޮތަކަށްވެސް މި ޒަމާނާ އެކަށީގެންވާ ކަމަކަށްނުވާތީ، އާދެ، ކުރިން އަޅަމުންދިޔަގޮތުންވިއްޔާ، އަޅުގަނޑުމެންނަކަށް މާބޮޑު އެހެން ބޭނުންތަކަކަށް އަޅައެއްނުލެވޭ. ގެދޮރު ބިނާކުރެވޭގޮތުން އިންސާނުންގެ ޞިއްޙަތަށް ކުރާނެ އަސަރަކާ ދޭތެރޭގައި ކުރިއަކުން މާބޮޑަކަށް ޚިޔާލުކުރެވިފައެއްނޯވޭ. އަދި ތިމާވެށްޓަށް ކުރާނެ އަސަރަކާ ބެހޭގޮތުންވެސް ޚިޔާލުކުރެވިފައެއްނޯވޭ. އެކަމަކު އެއީއެއްނޫން ގޮތަކީ. ގޮތަކީ މިހާރު ކަންތައްތައް ކުރާއިރު، މިހާރުގެ މަޢުލޫމާތުގެ އަލީގައި، އެންމެ ފައިދާހުރި ގޮތަކަށް ކަންތައް ކުރުން. އެހެންވީމާ، މި ރަށަށް ބިން އިތުރުކުރެވޭއިރުވެސް ސަރުކާރުން ވަރަށް ބޮޑަށް ރާވައިގެން، ވިސްނައިގެން، ރަށުގެ ރައްޔިތުންނާއި އަދި އަތޮޅުވެރިންނާއި، އަތޮޅުގެ އިސްބޭފުޅުންނާ މަޝްވަރާކޮށްގެން، ރަށުގެ ވެރިންނާ މަޝްވަރާކޮށްގެން އެންމެ ރަނގަޅު ގޮތަކަށް އެ ބިން ޖެހޭނީ ޕްލޭންކުރަން، ރާވަން. އެއަށްފަހުގައި ގޯތި ދިނުމުގެ ކަންތައް ކުރިއަށްގެންދިޔުން ހަމަޖެހޭގޮތަކަށްވާނީ.

އާދެ، އަދި މީގެއިތުރުން އެއް ވާހަކަ ދަންނަވާލާނަން. އެއީ ކަނދޮޅުދޫ ރައްޔިތުންގެ ތެރެއިން، އަތޮޅުގެ އެހެން ރަށްރަށުން ގޯތި ހޯދަން އެދޭ މީހުން ތިބިކަމަށް މަޢުލޫމާތު ލިބިފައިވާތީ، އެފަދަ މީހުންނަށް އެ ރަށްރަށުން ގޯތި ދޫކުރާގޮތަށްވެސް މިހާރު ވަނީ ހަމަޖެހިފައި.

އާދެ، މި ދެންނެވި ކަންތައްތައް މިގޮތުގެމަތިން ނިމުމުން، ކަނދޮޅުދޫގެ ބިމުގެ ދަތިކަމަށް ކޮންމެވެސްވަރެއްގެ ޙައްލެއް އަންނާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. ކޮންމެވެސްވަރެއްގެ ޙައްލެކޭ މި ދެންނެވީ، އެއީ ރަށުގެ އާބާދީ ބޮޑުކަމާއެކީގައި އަދި ފަޅުން ހިއްކެން އޮތް އެންމެ ބޮޑު ބައެއް ހިއްކިނަމަވެސް އަދި އެއީ އެ މައްސަލައަށް އެންމެ ފުރިހަމަ ޙައްލު އައީކަމަށް ނުވެހިނގައިދާނެތީ. އެހެންވީމާ، އަނެއްދޮރުވެސް ސަރުކާރުން މި ހުޅުވާލީ. ކަނދޮޅުދޫ ރައްޔިތުންގެ ތެރެއިން، މީހުން އުޅޭ އެހެން ރަށްރަށަށް ބަދަލުވާން އެދޭ މީހުންނަށް ބަދަލުވެވޭގޮތް ނުވަތަ އެމީހުންނަށް ގޯތި ދޫކުރެވޭގޮތް. އޭރުންވެސް އެކަމަށް އިތުރު ޙައްލެއް ލިބިގެންދާނެ ކަމަށް އަޅުގަނޑު ދެކެން.

އާދެ، އާބާދީގެ މައްސަލައަކީ، ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ކުރިމަތިވެފައިވާ މައްސަލައެއް. އެ މައްސަލައަށް ޙައްލު ހޯދުމުގެގޮތުން ސަރުކާރުން ތަފާތު މަސައްކަތްތައް ކުރަމުން އެބަގެންދޭ. ވަރަށް ގިނަ ދިރާސާ އެބަކުރޭ. ވަރަށް ގިނަ ޚަރަދު އެބަކުރޭ. މިކަންކަމުގެ ހެޔޮނަތީޖާ، މަތްﷲގެ ހެޔޮ ރަޙްމަތްފުޅުން މުސްތަޤްބަލުގައި އަޅުގަނޑުމެންނަށް ފެނިގެންދާނެ.

އާދެ، މިއަދުގެ މި ވަގުތަކީ، ވަރަށް ހޫނުވެސްގަދަ ވަގުތެއް. ވަރަށް ގިނަ ބޭފުޅުން މިތަނަށް އެއްވެ ތިއްބެވީ. އެހެންވީމާ، މާ ދިގުކޮށް ވާހަކަދެއްކުމުގެ ބޭނުމެއް ނެތްކަންނޭނގެ. ވާހަކަ ނިންމާލުމުގެ ކުރިން، އެއް ވާހަކައެއް ދަންނަވާލާނަން. އާދެ، އެއީ ކަނދޮޅުދޫގެ ރައްޔިތުންގެ މެދުގައި މިއޮތް ހަމަޖެހުމާއި، އެކުވެރިކަމާއި، އެއްބާރުލުމަކީ، އަޅުގަނޑު ވަރަށް އުފާކުރާ ކަމެކޭ ދަންނަވާލުން.

ޝައްކެއްނެތް، އަޅުގަނޑުމެންގެ ކުރިއެރުން ބިނާވެފައި އޮންނަނީ، އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ހަމަޖެހުމުގެ މައްޗަށް. އަޅުގަނޑުމެންނަކީ އެއްދީނެއްގެ އަހުލުވެރި ބައެއް. އެއްދީނެއް އެކަންޏެއްނޫން، އެންމެމާތް ދީނުގެ އަހުލުވެރިން. އަޅުގަނޑުމެންނަކީ މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން މުސްލިމުން. މުސްލިމުންގެ މެދުގައި އޮންނަންޖެހޭނީ އެކުވެރިކަމާއި އެއްބަނޑުއެއްބަފާކަން. އަޅުގަނޑުމެންނަށް އެނގޭ ޙަޤީޤަތެއް. އެހެންނަމަވެސް، ދިރިއުޅުމުގައި ކަންތައްތައް ދިމާވާގޮތުން، ބައެއްފަހަރަށް އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން އެކަން ހަނދާންނެތިގެންދަނީ. އެކަމުގެމަތިން ހަނދާންނެތުމުން، ވަރަށް ގިނަ މައްސަލަތަކާ، ބައެއް ރަށްރަށުގައި ކުރިމަތިލާން އެބަޖެހޭ. ރާއްޖޭގައި އިރާދަކުރެއްވިއްޔާ، އެކަހަލަ މާބޮޑެތި މައްސަލަތަކެއް ނެތް. އެހެންނަމަވެސް، އަޅުގަނޑުމެންގެ ވަށައިގެންވާ އަވަށްޓެރި ޤައުމުތަކަށް ބަލައިލިނަމަވެސް، އަޅުގަނޑުމެންނަށް ފެނިގެންދާނެ، އެތަންތާނގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން ނެތުމުން ނުކުމެގެން އުޅޭ ތަފާތު ނުރައްކާތެރި ބޮޑެތި މައްސަލަތައް. ބަލައިލި ކޮންމެ ދިމާއަކުން، އެކަން އަޅުގަނޑުމެންނަށް އެބަ ފެނޭ.

އެހެންވީމާ، އެކަމުން އަޅުގަނޑުމެންޖެހޭނެ، ފިލާވަޅު ލިބިގަންނަން. އެ ޢިބްރަތް ޙާޞިލުކުރަން. އަޅުގަނޑުމެންގެ ރާއްޖޭގައި ދުވަހެއްގައިވެސް އެކަހަލަ ކަމެއް ފެށިގެން ހިނގަމުންދިޔުމަކީ އަޅުގަނޑު ހިތުން، ދިވެހިރާއްޖެ ދެކެ ލޯބިވާ އެއްވެސް ދިވެހި ރައްޔިތަކު އެދޭނެ ކަމެއް ނޫން. އެއްވެސް ސިފައެއްގައި، އެއްވެސް މާނައެއްގައި، އެއްވެސް ސަބަބަކަށްޓަކައި ބައިބައިވުން އުފެދުމަކީ، އަޅުގަނޑުމެން އެކަމަށް ތަންދީގެންވާނެ ކަމެއްނޫން. އެކަމުގެ މަސްއޫލިއްޔަތު އެޅެނީ ހަމައެކަނި ސަރުކާރުގެ ކޮނޑުގައެއްނޫން. އެ މަސްއޫލިއްޔަތަކީ، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހެއްގެ ކޮނޑުގައިވެސް އެޅިފައިވާ މަސްއޫލިއްޔަތެއް.

އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި މިއޮތް ހަމަޖެހުމާއި، އަމަންއަމާންކަމާއި، ޞުލްޙަމަޞްލަޙަތު ރައްކާތެރިކުރުމަށް، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް މަސައްކަތް ކުރަންވާނެ. އަޅުގަނޑުމެންގެ ތެރެއިން އެކިއެކި ޖަމާޢަތްތަކުގެ މީހުންވެސް މަސައްކަތްކުރަންވާނެ. ވެރިން މަސައްކަތްކުރަންވާނެ. ކްލަބުތަކުގެ މީހުން މަސައްކަތްކުރަންވާނެ. ޖަމުޢިއްޔާތަކުގެ މެންބަރުން މަސައްކަތްކުރަންވާނެ. އޭރުން، އަޅުގަނޑުމެންނަށް، އަޅުގަނޑުމެން ބޭނުންވާގޮތުގައި އަމަންއަމާންކަންމަތީ އުފަލުގައި ދިރިއުޅެވޭނީ.

އާދެ، އަޅުގަނޑުގެ ވާހަކަ ދެން މާ ދިގުކުރާކަށް ނެތިން. އަޅުގަނޑު ކަނދޮޅުދުއަށް އައުމާއެކީގައި، ކަނދޮޅުދޫގެ ވެރިންނާއި ރައްޔިތުންގެ ފަރާތުންނާއި އަދި އަތޮޅުވެރިންގެ ފަރާތުން ލިބުނު މިހޫނު ތަރުޙީބަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން.

އަޅުގަނޑު އެދެނީ، މާތްﷲ އަޅުގަނޑުމެން އެންމެންނަށް، އެކަލާނގެ ދެއްކެވި ތެދުމަގުގައި ސާބިތުވެ ތިބުމުގެ ހެޔޮ ތައުފީޤު ދެއްވުން، އަޅުގަނޑުމެންނަކީ އަބަދުވެސް، މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން ކަމުގައި ލެއްވުން. އެދީނުގެ މާތް އުޞޫލުތަކާއި، ރީތި އަޚުލާޤާ އެއްގޮތަށް ޢަމަލުކުރާ ބަޔަކުކަމުގައި އަޅުގަނޑުމެން ލެއްވުން. އަދި އަޅުގަނޑުމެން ކުރާ މަސައްކަތުގައި އެކަލާނގެ ބަރަކާތްލައްވައި، ތަރައްޤީގެ މަގުގައި ހަލުވި ފިޔަވަޅުތަކެއް އެޅުމުގެ ކުޅަދާނަކަން، އެކަލާނގެ އަޅުގަނޑުމެން އެންމެންނަށް ދެއްވުން. އަދި ކަނދޮޅުދޫގެ ރައްޔިތުންނަށް އިތުރު ތަނަވަސްކަމާއި، ފާގަތިކަމާއި، އުފާވެރިކަން، އެކަލާނގެ މިންވަރުކުރެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.