ޔުނިސެފް އިން ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި ރެޒިޑެންޓް ރެޕްރެޒެންޓެޓިވް މަރްޖާން މޮންޓަޒޭމީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޔުނިސެފް ރެޒިޑެންޓް ރެޕްރެޒެންޓެޓިވްއަށް މަރުޙަބާ ވިދާޅުވެ، ޔުނިސެފްގެ ފަރާތުން ރާއްޖެއަށް ދެމުންދާ އެއްބާރުލެއްވުމާއި، އެހީތެރިކަން ފާހަގަކުރައްވާފައެވެ. މިގޮތުން އެމަނިކުފާނު ވަނީ ޚާއްޞަކޮށް ކޮވިޑް-19 ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖޭގައި ހިންގާ ވެކްސިން ދިނުމުގެ ކެމްޕެއިނަށް، އިންޑިޔާގެ ސިރަމް އިންސްޓިޓިއުޓް އިން އުފައްދާފައިވާ އޮކްސްފޯޑް އެސްޓްރާ ޒެނެކާ ވެކްސިންގެ 12,000 ޑޯޒް އަދި، ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ފައިޒަރ ވެކްސިންގެ 5,850 ޑޯޒް ރާއްޖެއަށް ހޯދައިދިނުމުގައި ޔުނިސެފްއިން އަދާކޮށްދެއްވި ދައުރު ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

ޔުނިސެފް ރެޒިޑެންޓް ރެޕްރެޒެންޓެޓިވް ދެއްކެވި ވާހަކަފުޅުގައި އެކަމަނާ ވަނީ ރާއްޖޭގެ ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމުގެ ގޮތުން ކުރިޔަށް އޮތް ދުވަސްތަކުގައި ޔުނިސެފްގެ ފަރާތުން ކުރުމަށް ރާވާފައިވާ މަސައްކަތްތަކަަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން، ތިމާވެށި ހިމާޔަތްކުރުމުގައި ޒުވާނުންގެ ދައުރު މިހާރަށް ވުރެ ފުޅާކުރުމާއި، ކުޑަކުދިންނާ ގުޅޭ ކަންކަމުގައި މުޖުތަމަޢު މިހާރަށްވުރެ ބޮޑަށް ބާރުވެރިކުރުވުމާ ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، އެމަނިކުފާނު ވަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް އެ ކުދިންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަކީ މި ސަރުކާރުގެ މުހިންމު އެއް ސިޔާސަތު ކަމުގައި ވިދާޅުވެ، މިގޮތުން، ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަފައެވެ. މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން އެމަނިކުފާނު ވަނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ތަންފީޒުކުރެވިފައިވާ ކަމުގައި ވިދާޅުވެ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ޢަމަލުކުރާ މިންވަރު ދެނެގަނެ، ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވާފައިވާ ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ރާއްޖެއާއި ޔުނިސެފްއިން ގުޅިގެން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި މިހާރަށްވުރެ ބޮޑަށް ގުޅިގެން މަސައްކަތްކުރާނެ ކަމުގައި ވިދާޅުވެފައެވެ.