ސަރުކާރުން ހިންގާ އިތުރު ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތާއި، ހިޔާ މަޝްރޫޢުގެ ފްލެޓްތަކުގެ އަގުތަކާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ހާމަކުރައްވައިފިއެވެ. އެމަނިކުފާނު މި މަޢުލޫމާތު ހާމަކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މުޙައްމަދު މަބްރޫކް ޢަޒީޒް ސަރުކާރުގެ މުހިންމު މަޢުލޫމާތުތައް ހާމަކުރެއްވުމަށް ސިލްސިލާކޮށް ކުރިޔަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިގޮތުން، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަރޗުއަލްކޮށް ކުރިޔަށް ގެންދިޔަ މި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަށް ޖަވާބުދެެއްވަމުން ހިޔާ މަޝްރޫޢުގެ ފްލެޓްތަކުގެ އަގުތަކާއި ބެހޭގޮތުން މިނިސްޓަރ އަސްލަމް ވިދާޅުވީ، ޑައުންޕޭމަންޓް ނުދައްކާނަމަ، މި ފްލެޓްތަކަށް ދައްކަން ޖެހޭ ކުލީގެ އަގަކީ 7,500 ރުފިޔާކަމަށާއި، ޑައުންޕޭމަން ދައްކާ ނަމަ، ދައްކާ ޑައުންޕޭމަންޓަށް ބެލުމަށްފަހު މި ޢަދަދު ކުޑަވެގެންދާނެކަމުގައެވެ. އަދި، މި އަގަކީ މިހާރުވެސް ވަރަށް ބޮޑަށް ސަބްސިޑައިޒް ކުރެވިފައވާ އަގެއްކަން ހާމަކުރައްވަމުން މިނސްޓަރ އަސްލަމް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ގުރުލުމާއި، އެގްރީމަންޓް ހެދުން ހިމެނޭހެން ތަން ޙަވާލުކުރުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމުގައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަސްލަމް ވަނީ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ އެެހެން މަޝްރޫޢުތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަންނަ މޭ މަހު ހުޅުވާލާނެކަން ހާމަކުރައްވައި، އެކަމާ ގުޅޭ ބައެއް މަޢުލޫމާތު ނޫސްވެރިންނާ ހިއްސާކުރައްވާފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުން ފައްޓަވައިދެއްވަމުން ސްޕޯކްސްޕަރސްން މަބްރޫކް ވަނީ ކުރިޔަށް އޮތް ރޯދަ މަހާއި ދިމާކޮށް ސަރުކާރުން ވަމުންދާ ޚާއްޞަ ތައްޔާރީތަކުގެ މައްޗަށް އަލި އަޅުވާލައްވާފައެވެ. އެގޮތުން، މަބްރޫކް ވިދާޅުވީ މިއަހަރުގެ ރޯދަ މަސް ދިމާވަނީ ހޫނު މޫސުމާއިކަމަށް ވުމުން، ހޫނު މޫސުމުގައި ޢާންމުކޮށްވެސް ކަރަންޓްކުގެ ޕީކް ލޯޑް އިތުރުވާތީ، ދުރާލާ އެކަމަށް ތައްޔާރުވަމުގެ ގޮތުން ސަރުކާރުން މަސައްކަތްތަކެއް ކުރަމުން ގެންދަވާކަމުގައެވެ.

މީގެ އިތުރުންވެސް މަބްރޫކް ވަނީ ރޯދަމަހާއި ދިމާކޮށް ކާބޯތަކެތީގެ އަގު ހިފެހެއްޓުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އަލި އަޅުއްވާލައްވާފައެވެ. މިގޮތުން، އެސް.ޓީ.އޯ. އިން ކާޑު އެއް އަގެއްގައި ހިފެހެއްޓުމާއި، ކާޑުގެ އިތުރު ޝިޕްމަންޓްތައް މަދުނުވާނެހެން، ރާއްޖެ އެތެރެކުރުމުގެ މަސައްކަތް ކުރިޔަށްގެންދާ ކަމުގައި މަބްރޫކް ވިދާޅުވިއެެވެ. މީގެ އިތުރުންވެސް މަބްރޫކް ވަނީ، ރާއްޖެއަށް ކާބޯތަކެއްޗާއި، މުދާ އެތެރެކުރުމުގައި އިމްޕޯޓަރުމްނަށް ދިމާވާ ދަތިތައް ޙައްލުކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކާއި ބެހޭ މަޢުލޫމާތު ނޫސްވެރިންނާ ހިއްސާކުރައްވާފައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަސްލަމް އަދި، ސްޕޯކްސްޕަރސަން މަބްރޫކް ވަނީ ސަރުކާރުގެ އެކިއެކި މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިން ކުރެއްވި ސުވާލުތަކަށްވެސް ޖަވާބުދެއްވާފައެވެ.