بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ބޯޑުގެ ރައީސް މިނިސްޓަރ ޢިމްރާން ޢަބްދުﷲ، ސީ.އީ.އޯ ފާޠިމަތު އަފްޝަން ލަޠީފް، ބޯޑުގެ މެންބަރުން އަދި މި ކޮންފަރެންސްގެ އެންމެހައި ބައިވެރިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިހާރު އަޅުގަނޑުމެން ޢަމަލުކުރަމުން މި އަންނަ ޤާނޫނުއަސާސީއަކީ، ރާއްޖެ ލާމަރުކަޒު ކުރުމަށް ވަރަށް ބޮޑަށް މަގު ކޮށައިދިން ޤާނޫނުއަސާސީއެއް. ނަމަވެސް، ޙަޤީޤީ ލާމަރުކަޒީ ނިޒާމަކުން ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ބާރުވެރިވެގެން ދިޔައީ، ލާމަރުކަޒީ ޤާނޫނަށް 2019 ވަނަ އަހަރު މި ސަރުކާރުން ހުށަހެޅި އިސްލާޙުތަކުން.

ލާމަރުކަޒީ ޤާނޫނަށް މި ގެނެވުނު ބަދަލުތަކަކީ، ރާއްޖޭގެ ތަރައްޤީއަށް އެޅުނު އެންމެ މުހިއްމު އެއް ފިޔަވަޅު ކަމަށް އަޅުގަނޑު ދެކެން. ދިވެހިރާއްޖެއަކީ އުފެދުމުގައިވެސް، ލާމަރުކަޒީ ސިފަތަކާއެކު އުފެދިފައި އޮތް ޖަޒީރާ ރާއްޖެއެއް. މާސިންގާ ހިންދު ކަނޑަށް ފެތުރިފައި އޮތް، މި ރަށްތައް ތަރައްޤީ ކުރެވޭނީ، މަރުކަޒީ އުޞޫލުތައް ދޫކޮށްގެން.

ކުރިއަށް އޮތް ލޯކަލް އިންތިޚާބަކީ، ލާމަރުކަޒީ ނިޒާމަށް ގެނައި އިޞްލާޙީ ބަދަލުތައް ތަންފީޒު ކުރުމުގެ ފުރަތަމަ ފިޔަވަޅު. މި އިންތިޚާބުން ލާމަރުކަޒީ ނިޒާމަށް އަންނާނެ އެންމެ ބޮޑު ބަދަލަކީ، އިންތިޚާބު ކުރެވޭ މަގާމުތަކުގައި އަންހެނުން ތަމްސީލުކުރާ މިންވަރު، އެތައް ގުނައަކުން އިތުރުވެގެންދިޔުން. އަޅުގަނޑު ދެކޭގޮތުގައި، މިއީ ރާއްޖޭގެ ތަރައްޤީއަށްވެސް އަދި ސިޔާސީ މަސްރަޙަށްވެސް އަންނާނެ ހެޔޮ އަދި ބޮޑު ބަދަލެއް.

މި ބަދަލުތަކުގެ ހެޔޮ އަސަރު، ރާއްޖޭގެ ކޮންމެ ރަށަކުން ފެނިގެންދާނެ. ފިރިހެނުންނާ އެއް ހަމައެއްގައި، އަދި މަގާމުގެ ގޮތުންވެސް އެއް ފެންވަރެއްގައި، އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުވެގެން ދިޔުމާއެކު، އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރުމާއި، ޤައުމީ ފެންވަރުގައި އެކަމަށް ދެވޭ އަހަންމިއްޔަތުކަން އިތުރުވެގެންދާނެ.

އެންމެފަހުގެ ރިޔާސީ އިންތިޚާބަށް އަޅުގަނޑުމެން ކެމްޕެއިން ކުރަމުން ދިޔައިރު، ޤާނޫނުއަސާސީން ކަނޑައަޅައިދީފައި އޮތް ލާމަރުކަޒީ ނިޒާމު އޮތީ، އޭރުގެ ސަރުކާރުން މުޅިން ގަޑުބަޑުކޮށްފައި. ޤާނޫނު ބަދަލުކޮށް، ކައުންސިލްތަކުގެ ބާރުތައް އޮތީ، ސަރުކާރުގެ އެކިއެކި ވުޒާރާތަކަށް ޖަމާކޮށްފައި. ކައުންސިލަރުންނަށް އެއްވެސް އިޚްތިޔާރެއް، ބާރެއް ނެތްގޮތަށް، ހުރިހާ ކަމެއް ހުރީ މިނިސްޓަރުގެ ބާރުގެ ދަށަށް ބަދަލުކޮށްފައި.

ކައުންސިލަރުން ސަސްޕެންޑް ކުރުމާއި، ކައުންސިލްތަކަށް ޖެއްސުންކޮށް ދަތިކުރުން އޮތީ، ސަރުކާރުގެ އާދައަކަށް ހަދާފައި. ވަކިން ޚާއްޞަކޮށް، ސިޓީ ކައުންސިލްތަކުގެ އެއްވެސް ބާރެއް ނެތްގޮތަށް، ހުރިހާ ކަމެއް ސަރުކާރުގެ ބާރުގެ ދަށަށް ބަދަލުކުރި.

އެހެނަސް، އިރާދަކުރެއްވީތީ މިއަދު ރާއްޖެ މިހާރު މިއޮތީ އެ ޙާލަތަކު ނޫން. މިއީ ރައްޔިތުންގެ ސަރުކާރެއް. މިއީ، ރައްޔިތުން ބާރުވެރިކޮށްގެން، ރައްޔިތުންގެ ބައިވެރިވުމާއެކު، ލާމަރުކަޒީ ނިޒާމު ހިންގަން ޖާގަދޭނެ ސަރުކާރެއް. މިއަދު ކައުންސިލަރުންނަށް ޤާނޫނީ ބާރު ލިބިއްޖެ. ރަށްރަށުގެ އިޚްތިޞާޞް ކަނޑައަޅައިފި.

ރަށްރަށުގެ އިޚްތިޞާޞްގައި ހިމެނޭ ބިންތަކާއި ފަޅުތަކާއި، އެހެން ވަސީލަތްތަކުގެ މިލްކުވެރި ފަރާތަކީ، ރަށު ކައުންސިލް. އެ ވަސީލަތްތަކުން ހޯދާ އާމްދަނީ ލިބޭނީ އެ ރަށަކަށް. މިއީ ދިވެހި ތާރީޚުގައިވެސް، ރަށުގެ މިލްކުވެރިކަން ރަށުގެ ރައްޔިތުންނަށް ލިބިގެން އައި ފުރަތަމަ ފަހަރުކަން، އަޅުގަނޑު އުފަލާއެކު ފާހަގަކޮށްލަން.

އަތޮޅު ކައުންސިލްތަކުގެ ދައުރު އެތައް ގޮތަކުން ފުޅާވެ، އަތޮޅު ތަރައްޤީކޮށް، މުޅި އަތޮޅަށް ޚިދުމަތް ކުރެވޭނެ ގޮތަށް، ޒިންމާތަކާއި ވާޖިބުތައް، އަތޮޅު ކައުންސިލްތަކާ ޙަވާލުކުރެވިއްޖެ. ދެން އޮތީ މަސައްކަތް ކުރުން. މި ޤާނޫނުން ލިބިދޭ ބާރުތަކާއި ވަސީލަތްތަކާއެކު، ރަށާއި އަތޮޅާއި ސިޓީތަކުގެ ތަރައްޤީއަށް މުހިއްމު މަސައްކަތްތައް ކުރުން. އެކަމަށްޓަކައި ކައުންސިލްތަކަށް ބޭނުންވާ ފަންނީ ލަފަޔާއި، އެހީތެރިކަން ސަރުކާރުން ދޭނެ.

ކައުންސިލްތަކުގެ މަސައްކަތްތައް މި އޮންނަނީ، މަރުކަޒީ ސަރުކާރުގެ މަސައްކަތްތަކާ ވަރަށް ބޮޑަށް ގުޅިފައި. އެހެންކަމުން، ކައުންސިލްތަކާ މަތިކޮށްފައިވާ ޤާނޫނީ ޒިންމާތައް، އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށް، ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ އެއްބާރުލުން ލިބެންޖެހޭ. އަދި ސަރުކާރު ހިންގުމުގައި، ޒަމާނުއްސުރެ ގެންގުޅެމުން އައި މަރުކަޒީ ވިސްނުން ދޫކޮށް، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމާއި، ޚިދުމަތްތައް ދިނުމުގައި، ލާމަރުކަޒީ އުޞޫލަށް އަޅުގަނޑުމެން ބަދަލުވާންޖެހޭ.

އަޅުގަނޑުމެން އެންމެން ރަށު ބަންދުގައި ތިބޭތާ، މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ފާއިތުވެގެން މިދަނީ. މުޅި ދުނިޔެ މިވަނީ ހުއްޓުމަކަށް އައިސްފައި. މި ހޭދަކުރި ދަތި ދުވަސްތަކުން ލިބުނު އެންމެ ބޮޑު ޢިބްރަތަކީ، މާލޭގެ ތޮއްޖެހުމާމެދު ފިޔަވަޅު އެޅުން މާބޮޑަށް ލަސްވެފައިވާކަން. މާލެއަށް ޖަމާކޮށްފައިވާ ބާރުތަކާއި ޚިދުމަތްތައް، މުޅި ރާއްޖެއަށް ބަހާލަންޖެހޭކަން.

ރާއްޖޭގައި ކޯވިޑް ފެތުރެން ފެށުމާއެކު، އަޅުގަނޑުމެން ސަމާލުކަންދިނީ، ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް. ކޯވިޑުގެ ދަތިކަމުގައި މި ހޭދަވި އަހަރަކަށްވުރެ ގިނަ ދުވަހު، އަޅުގަނޑުމެން މި މަސައްކަތްކުރީ، ރާއްޖޭގެ 5 ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ޢުމްރާނީ ތަރައްޤީއާއި، ވަސީލަތްތައް ހޯދައި އެތަންތަން ތަރައްޤީކުރަން.

އަޅުގަނޑު ދެކޭގޮތުގައި، މިއީ ކޯވިޑުގެ ތެރޭގައި އަޅުގަނޑުމެންނަށް ކުރެވުނު އެންމެ މުހިއްމު އެއް މަސައްކަތް. ކޯވިޑްގެ ސަބަބުން އެތައް މަހެއް ވަންދެން މާލެ ބަންދުވެފައި އޮތަސް، އަތޮޅު ހޮސްޕިޓަލްތަކާއި، ރީޖަނަލް ހޮސްޕިޓަލްތަކުން، ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ފޯރުކޮށްދެމުންދިޔަކަން އަޅުގަނޑު ފާހަގަކުރަން. އެއީ، ޞިއްޙީ ޚިދުމަތް ލާމަރުކަޒު ކުރުމަށް، 2019 ވަނަ އަހަރުން ފެށިގެން ކުރަމުން މި އަންނަ މަސައްކަތްތަކުގެ ނަތީޖާ.

މިކަންކަން ފުރިހަމައަށް ކުރެވޭނީ، ސަރުކާރުގެ ހުރިހާ ވުޒާރާއެއްގެ ވިސްނުން، ލާމަރުކަޒީ ޤާނޫނުގެ ރޫޙާ އެއްގޮތްވެގެން. އަޅުގަނޑުމެން މި ކުރާ މަސައްކަތް ކާމިޔާބު ކުރެވޭނީ، ސަރުކާރުގެ ކޮންމެ މުވައްޒަފެއްގެ ވިސްނުމާއި މަސައްކަތް، މި މަގަށް ބަދަލުކޮށްގެން. އަޅުގަނޑު މިއަދު އެދެނީ މިފަދަ މުނާސަބު ވަގުތެއްގައި، މި ވިސްނުމާއެކު ތިޔަ ހުރިހާ ބޭފުޅުން މަސައްކަތް ފެށްޓެވުން. އަދި ލާމަރުކަޒީ ނިޒާމަށް ރާއްޖެ ބަދަލުކުރުމަށް، ކުރެވެންހުރި ކަންކަމާމެދު މަޝްވަރާ ކުރެއްވުމަށް. މިކަން ކުރެވޭނެގޮތަށް ވިސްނުން ބެހެއްޓެވުމަށް. މިއީ އެކި ކަންކަމާ ގުޅޭ ސިޔާސަތުތައް އެއްގޮތްކުރުމަށްވެސް ލިބޭ ރަނގަޅު ފުރުޞަތެއް. މީގެ އިތުރުން، ޓެކްނިކަލް ލެވެލްގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން، މިފަދަ ކޮންފަރެންސްތަކުގައި މަޝްވަރާ ކުރެވި، މިކަންކަން ރަނގަޅުކުރާނެ ގޮތްތައް ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެ.

މި މަސައްކަތުގައި އަޅުގަނޑުމެންނާއެކު ބައިވެރިވާ އެކި ފަރާތްތަކާއި، އައި.އާރް.އައި، ޔޫ.އެސް.އެއިޑް ފަދަ ބައިނަލްއަޤްވާމީ އެކި ޖަމާޢަތްތަކުން އަޅުގަނޑުމެންނަށް ފޯރުކޮށްދޭ އެހީތެރިކަން އަޅުގަނޑުމެން ބަލައިގަންނަން.

އަދިވެސް އެއްފަހަރު، މި ކޮންފަރެންސް އިންތިޒާމުކުރެއްވި ކަމަށްޓަކައި އެލް.ޖީ.އޭ.އާއި، ލޯކަލް ކައުންސިލްތަކާއި، ޔޫ.އެސް.އެއިޑް އަދި އިންޓަރނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، ރައްޔިތުން ބާރުވެރިކުރުވުމަށްޓަކައި، ދިވެހިރާއްޖެ ލާމަރުކަޒު ކުރުމަށް މިކުރާ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ކާމިޔާބާއި ހެޔޮ ގޮތްތައް މިންވަރުކުރެއްވުން. ރައްޔިތުންނަށް ޚިދުމަތް ކުރުމާ ޙަވާލުވެ ތިއްބެވި ހުރިހާ ބޭފުޅުންނަށްވެސް، ހެޔޮ ވިސްނުން ދެއްވައި، ޤައުމުގެ ތަރައްޤީގައި ބައިވެރިވުމުގެ ހެޔޮ ނަސީބު، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ދެއްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.