بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

ދިވެހި ފުލުހުންގެ ޚިދުމަތަށް 88 އަހަރު ފުރުމުގެ މިއުފާވެރި މުނާސަބަތުގައި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ އަށާއި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދަށް މަރުޙަބާއާއި ތަހުނިޔާ ދަންނަވަމެވެ. އަދި ފުލުހުންގެ އިސް އޮފިސަރުންނަށާއި، ހުރިހާ ރޭންކްތަކެއްގެ ފުލުހުންނަށާއި، ފުލުހުންގެ އެންމެހައި މުވައްޒަފުންނަށާއި ފުލުހުންގެ ޢާއިލާތަކަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވަމެވެ.


ފުލުހުންގެ އަހަރީ ދުވަހުގެ އުފާ ފާހަގަކުރާއިރު، ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ޚިދުމަތުގައި، ދިވެހި ފުލުހުން އަދާކުރައްވަމުން ގެންދަވާ ޤައުމީ ވާޖިބު ހަނދާންކޮށް، އެންމެހައި ފުލުހުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. ޤައުމަށް މިހާރު ކުރިމަތިވެފައިވާ، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، ފުލުހުންގެ ޒިންމާތަކާއި ވާޖިބުތައް، އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް މިވަނީ އެތައް ގުނައެއް އިތުރުވެފައެވެ. ޤާނޫނު ތަންފީޒުކުރުމުގެ އެންމެ މުހިންމު މަސްއޫލިއްޔަތު އަދާކުރާ މުއައްސަސާގެ ހައިސިއްޔަތުން، އެއްވެސް ވަރުބަލިކަމެއްނެތި، ރެޔާއި ދުވާލު ފުލުހުން އަދާކުރައްވަމުން ގެންދަވަނީ، އަގުނުކުރެވޭވަރުގެ މަތިވެރި ޤައުމީ ޚިދުމަތްތަކެއްކަން ކަށަވަރެވެ.


ދިވެހި ފުލުހުންގެ 88 ވަނަ އަހަރީ ދުވަހާ މި ބައްދަލުކުރީ، އަލަށް އެކުލަވައިލި "ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު"އަށް ޢަމަލުކުރަން ފެށި ތާރީޚީ މުނާސަބަތާވެސް ދާދި އެކުއެކީގައެވެ. މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަމުން އަންނަ ފުލުހުންގެ އައު ޤާނޫނުގެ ސަބަބުން، ޕްރޮފެޝަނަލް މުއައްސަސާއެއްގެ ގޮތުގައި، ދިވެހި ފުލުހުންގެ ޚިދުމަތް ކުރިއަރުވައި ތަރައްޤީކުރުމަށް މަގުފަހިވެގެންދާނެކަމުގައި ޔަޤީންކުރަމެވެ. ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ޙައްޤުތަކާއި، އިންސާނީ ކަރާމާތަށް އިޙްތިރާމުކުރުމާއެކު، ޤާނޫނުގެ ވެރިކަމުގެ ތެރެއިން ދެވޭ ޚިދުމަތަކަށް، ދިވެހި ފުލުހުންގެ ޚިދުމަތް ވެގެންދާނެއެވެ.


ދިވެހި ސިފައިންނާ އެކުގައި ކުރިން އޮތް ދިވެހި ފުލުހުންގެ ޚިދުމަތް، މަދަނީ ޚިދުމަތެއްގެ ގޮތުގައި މުޅިން ވަކި މުއައްސަސާއަކަށް ބަދަލުވުމަށްފަހު، މިވީ 17 އަހަރުގެ ތެރޭގައި، ފުލުހުންގެ ކުރިއެރުމާއި ތަރައްޤީއަށް މިހާތަނަށް އެޅުނު އެންމެ ހަރުދަނާ ފިޔަވަޅެއް ކަމުގައި އަޅުގަނޑު ދެކެނީ، ފުލުހުންގެ ޤާނޫނީ އޮނިގަނޑަށް މިގެނެވުނު މުހިންމު ބަދަލެވެ. މި ބަދަލުގެ އެންމެ މުހިންމު ބޭނުމަކީ، މިނިވަން ޒިންމާދާރު މުއައްސަސާއެއްގެ ގޮތުގައި، ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް، ފުލުހުންނަށް ބޭނުންވާ ޤާނޫނީ ރައްކާތެރިކަމާއި، ޤާނޫނީ ބާރާއި، ޤާނޫނީ ހައިސިއްޔަތު، ފުލުހުންގެ މުއައްސަސާއަށާއި މުވައްޒަފުންނަށް ލިބިދިނުމެވެ.


ފުލުހުންގެ ޤާނޫނަށް މިގެނައި ބަދަލާ ގުޅިގެން، ފުލުހުންގެ ޚިދުމަތް މިހާރަށްވުރެ ބޮޑަށް ލާމަރުކަޒު ކުރެވި، ކޮމިޔުނިޓީ ޕޮލިސިންގެ އުސޫލުން، ރަށްރަށުގެ ރައްޔިތުންނާއި، ކައުންސިލްތަކާއި، މަދަނީ ޖަމުޢިއްޔާތަކާ ގުޅިގެން ދެވޭ ޚިދުމަތެއްގެ ގޮތުގައި ބައްޓަންވެގެންދާނެއެވެ. މިބަދަލުގެ ސަބަބުން، އަތޮޅުތަކަށް ނިސްބަތްވާ ވަކިވަކި ފުލުހުންނަށްވެސް، އެމީހުންގެ އަތޮޅާއި ރަށުގައި ތިބެގެން، ޢާއިލާއާ ގާތުގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. އަޅުގަނޑުގެ އުންމީދަކީ، މި މުހިންމު ބަދަލުތަކުގެ ސަބަބުން، ރައްޔިތުންނާ ގާތުން ޚިދުމަތް ދެވި، ރައްޔިތުންގެ ހިތްތަކުގައި ދިވެހި ފުލުހުންގެ ޚިދުމަތާމެދު އިތުބާރާއި ޔަޤީންކަން އިތުރުވެގެންދިޔުމެވެ.


ދިވެހި ފުލުހުންގެ ޚިދުމަތަށް ނުކުންނަ ޒުވާނުންނަކީ، ތަޢުލީމީ ގޮތުންނާއި ހުނަރުވެރިކަމުގެ ގޮތުން ޤާބިލް ބަޔަކަށް ހެދުމަށް، ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް، ކުރިމަގުގައި މިހާރަށްވުރެ ފުޅާވެގެންދާނެއެވެ. ހަމައެފަދައިން، ދިވެހި ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކުގެ ވެލްފެއަރގެ ކަންތައްވެސް، މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި، އަދި މިހާރަށްވުރެ އިތުބާރު ހުރި ގޮތެއްގައި ލިބެމުންދާނެ މަގުވެސް ސަރުކާރުން ފަހިކޮށްދޭނެއެވެ.


ދިވެހި ފުލުހުންގެ ޚިދުމަތުގައި ބަރަކާތް ލައްވައި، ޤައުމުގެ ހެވާއި ލާބަޔަށް މަސައްކަތްކުރުމުގެ ހެޔޮ ތައުފީޤު، ދިވެހި ފުލުހުންނަށް ދެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟުރަތުގައި ދުޢާ ދަންނަވަމެވެ. ޤައުމުގައި ހަމަޖެހުން ޤާއިމުކޮށް، ކުށްތަކުން ދިވެހި މުޖުތަމަޢު ރައްކާތެރިކުރުމަށް ދިވެހި ފުލުހުން ކުރާ މަސައްކަތް ކާމިޔާބު ކުރައްވައި، ފުލުހުންނަށާއި ފުލުހުންގެ ޢާއިލާތަކަށް ފާގަތި އަދި ބާއްޖަވެރި ދުވަސްތަކެއް އެކަލާނގެ މިންވަރު ކުރައްވާށިއެވެ. އާމީން.