ސަރުކާރުގެ އަމާޒަކީ، ރާއްޖޭގައި އިޤްތިޞާދީ ހަރަކާތްތައް ހިންގޭނެ އިތުރުގޮތްތައް ހޯއްދެވުމާއި، ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ތެރެއިން ވީހާވެސް ގިނަ ބާވަތުގެ ތަކެތި ރާއްޖޭގައި އުފައްދައި ރާއްޖޭގައި އެތަކެތި ބޭނުންކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރާއްޖޭގައި އިއްޔެ، އެންމެ ފުރަތަމަ ފަހަރަށް ފާހަގަކުރެވުނު ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ރޭ ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ އަމާޒަށް ވާޞިލުވުމަށް ކުރަންހުރި މަސައްކަތްތައް ނުހަނު ގިނަކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، ރާއްޖޭގެ ކަންކޮޅުތަކުގައި ދަނޑުވެރިކަމުގެ މަސައްކަތް މިހާރަށްވުރެ މާބޮޑަށް އިތުރުކޮށް، ތަކެތި އުފައްދަން އަޅުގަނޑުމެންނަށް މިވަނީ މަޖުބޫރުވެފައި ކަމަށާއި، ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ މި މަޤްޞަދު، ޙަޤީޤަތަކަށް ހެއްދެވުމަށް ކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި ސަރުކާރުގެ ދަނޑުވެރިކަމުގެ ސިޔާސަތަކީ، ނުވަތަ ކާބޯތަކެއްޗާ ގުޅޭގޮތުން މި ސަރުކާރުން ގެންގުޅުއްވާ އަމާޒަކީ، ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖެއަށް ކާބޯތަކެތި އެތެރެކުރެވޭ މިންވަރު މަދުވެގެން 20 އިންސައްތައަށް ތިރިކުރެއްވުން ކަމުގައި ވިދާޅުވިއެވެ. އެ މަސައްކަތް ކުރެއްވުމަށްޓަކައި ސަރުކާރުން ތަފާތު އެކި ޕްރޮގްރާމްތައް ހިންގަވަމުން ގެންދަވާކަން ހާމަކުރައްވަމުން، އޭގެތެރޭގައި ދަނޑުވެރިންގެ ދުވަސް ފާހަގަކުރެއްވުން ހިމެނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދަނޑުވެރިކަމާގުޅޭގޮތުން، ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ރައްޔިތުންނަށް މަޢްލޫމާތު ދެއްވުމަކީ، މުހިންމު ކަމެއްގެ ގޮތުގައި ސަރުކާރުން ދެކެވަޑައިގަންނަވާކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. ހަމައެއާއެކު، ދަނޑުވެރިކަން ތަރައްޤީ ކުރައްވައިގެން ރާއްޖޭގެ އިޤްތިޞާދީ ޙަރަކާތް ފުޅާ ކުރެވިދާނެ ކަމަށާއި، ރައްޔިތުންގެ ތަނަވަސްކަމާއި ދިރިއުޅުމުގެ ފެންވަރު ފުރިހަމަކުރެވިދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދަނޑުވެރިކަން ތަރައްޤީކުރުމަށްޓަކައި، ބޭނުންވާ ވަކި ޚާއްޞަ ކަންތައްތަކެއް އެބަހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ، ރާއްޖޭގެ ދަނޑުވެރިކަން މިއަދު ތަރައްޤީ ކުރެވެމުން އަންނަ ބައެއް ގޮތްގޮތަށް ބައްލަވާއިރު، ބިމަކީ، ދަނޑުވެރިކަން ފުރިހަމަގޮތުގައި ކުރުމަށް މީގެކުރީގައި އެ ވަސީލަތް ބޭނުންވާ މިންވަރަށްވުރެ މާ ކުޑަކޮށް ބޭނުންވާ އެއްޗެއްގެ ގޮތުގައި ދެކެން މިހާރު އޮތީ މަޖުބޫރުވެފައިކަން ފާހަގަކުރެއްވިއެވެ. އަދި ޓެކްނޮލޮޖީ ބޭނުންކޮށްގެން އިތުރު މަޢްލޫމާތާއި، ދިރާސާތަކަށްފަހު ހިންގޭ ދަނޑުވެރިކަމުގެ ޞިނާޢަތެއް ރާވައި، އެ އިޤްތިޞާދީ ހަރަކާތް ހިންގެން އެބަ އޮތް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ބިމުގެ މުއްސަނދިކަން ކުޑަ ރަށްރަށުގައި މި މަސައްކަތްތައް ފުޅާގޮތެއްގައި ކުރެވޭނެ މަގުތައް ހޯއްދެވުމަށް ކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ބޭރު ޤައުމުތަކުގައި ބޭނުންކުރާ ދަނޑުވެރިކަމުގެ ޓެކްނޮލޮޖީ، ރާއްޖެއަށް ގެނައުމަކީ، ވަރަށް މުހިންމުކަމެއްކަމަށް ސަރުކާރުން ދެކެވަޑައިގަންނަވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ސަރުކާރުން ކަންކަން ކުރައްވަމުން ގެންދަވަނީ، އެއްވެސް މީހެއްގެ ވަކި ޚާއްޞަ ބޭނުމަކަށް ނޫންކަންވެސް ހާމަކުރެއްވިއެވެ.
ރޭގެ ޖަލްސާގައި، ގަސްގަހާގެއްސަށް ޖެހޭ ބަލިތަކާބެހޭ ސީޑީއާއި ގަސްގަހާގެހީގެ ނަން ފޮތް ނެރުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ.
ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ނިލަންދޫގައި ބޭއްވެވި އިޙްތިފާލުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު މާލެވަޑައިގެންފިއެވެ.