ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އޭ. ކޭ. ޢަބްދުލް މޮމެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ބަންގްލަދޭޝްގެ އިންޓަރ ކޮންޓިނެންޓަލް ހޮޓަލުގައެވެ.

މި ބައްދަލުކޮށްލެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝްގެ ބާނީކަމުގައިވާ ޝައިޚް މުޖީބުއްރަޙްމާން އުފަންވެވަޑައިގަތްތާ 100 އަހަރު ފުރުން ފާހަގަކުރުމާ ގުޅިގެންނާއި މި އަހަރަކީ ބަންގްލަދޭޝްގެ މިނިވަންކަމަށް ރަންޔޫބީލް ފުރުން ފާހަގަކުރާ އަހަރުކަމަށްވާތީ އެޤައުމުގެ ރައްޔިތުންނަށް މަރުހަބާ ދަންނަވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝްގެ ސަރުކާރުން އެކި ގޮތްގޮތުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ، އަދި ވަކިން ހާއްސަކޮށް ކޮވިޑް-19 އާއި ގުޅިގެން ފޯރުކޮށްދެއްވި ދީލަތި އެހީތެރިކަން ފާހަގަކުރައްވާ އެކަމަށްޓަކައި ބަންގްލަދޭޝް ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން އެމަނިކުފާނު ވަނީ ކޮވިޑް-19 ގެ މި ނުރައްކާތެރި ހާލަތަކީ ހުރިހާ ޤައުމަކަށްވެސް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވިޔަނުދީ އެހާލަތުން އަރައިގަތުމަށް ކުރާ މަސައްކަތް ފުރިހަމަކަމާ ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް ބަންގްލަދޭޝް އެއަރ ފޯސްގެ ޞިއްޚީ ޚިދުމަތްތެރިންގެ 2 ޓީމެއް ކުރެއްވި މިންނެތް މަސައްކަތް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ބަންގްލަދޭޝަގް ފޮރިން މިނިސްޓަރ ވަނީ ދެ ޤައުމުގައި އޮތް ގުޅުން ބަދަހިކުރުމަށް ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މި ގޮތުން ވާހަކަފުޅު ދެއްކެވި ދާއިރާތަކުގެ ތެރޭގައި ދެ ޤައުމުގެ ދޭދޭ ގުޅުން ވަރުގަދަ ކުރުމަށާއި، ތަރައްޤީގެ ރޮނގުން އެކުގައި މަސައްކަތްކުރުމަށާއި، ހާއްސަ ގޮތެއްގައި އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށާއި، ބައިނަލްއަޤުވާމީ މަޝްރަހުގައި އެކުގައި މަސައްކަތްކުރުމަށާއި، ހިޔާލު އެއްގޮތް ކަންކަމުގައި އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާތައް ކުރެއްވެވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ވަނީ ކޮވިޑް-19 ގެ ހާލަތުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވުނުކަމަށްޓަކައި އުފާފުޅުކުރައްވާކަމުގައި ވިދާޅުވެފައެވެ. އަދި ފޮރިން މިނިސްޓަރ ވަނީ، ޞައްޙަ ލިޔެކިޔުން ނެތި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން އަމިއްލައަށް އެދިގެން އެނބުރި ޤައުމަށް ދާން ބޭނުންވާ މީހުންނަށް އެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ސަރުކާރުން އިސް ނަގައިގެން ހިންގާ ޕުރޮގުރާމަށް ތަޢުރީފު ކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަކީ، މިފަދަ ދަތި ހާލަތެއްގައި ޤައުމެއްގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން ބަންގްލަދޭޝައަށް ފުރަމާނަ ދަތުރުފުޅެއްކުރެއްވި ފުރަތަމަ ބޭފުޅާކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އެކަމުން ދޭހަވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ކުރައްވާ އިތުބާރުކަމަށެވެ.

މިއަދުގެ ބައްދަލުކޮށްލެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ދުޅަހެޔޮކަމަށާއި، ރައްކާތެރިކަން މި ސަރުކާރުން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އަރުވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި ދިރިއުޅެމުންދާ އެންމެހާ ރައްޔިތުނަށް، ބިދޭސީންވެސް ހިމެނޭގޮތައް، ހިލޭ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ވެކްސިން ދެމުންގެންދަވާނެކަން ތަކުރާރުކުރައްވާފައެވެ. މި ބައްދަލުކޮށްލެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ފޮރިން މިނިސްޓަރ ވަނީ ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.