بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين وعلى آلـه وأصحـابه أجمعـين

އާދެ، މިރޭ އަޅުގަނޑުމެން އެއްވެ މިތިބީ، "كُلُّ نَفْسٍ ذَآئِقَةُ الْمَوْتِ" މި ވަރުގަދަ އިލާހީ ޤާނޫނުގެ ދަށުން ހިނގައިދިޔަ ކަމަކާ ގުޅިގެން ހިތާމަފާޅުކުރުމުގެ ޖަލްސާއެއްގައި. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ފަރާތުން އިންތިޒާމު ކުރެއްވި ހިތާމަފާޅުކުރުމުގެ ޖަލްސާއެއްގައި. އެހެން ޢިބާރާތަކުން ދަންނަވަންޏާ އަލްފާޟިލް އަޙްމަދު ޙިލްމީދީދީ އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ ޛިކްރާގައި ބޭއްވޭ ތައުބީނުގެ ޖަލްސާއެއްގައި.

އާދެ، މި ހިތާމަވެރި މުނާސަބަތާ ގުޅިގެން، އަޅުގަނޑުގެ އެންމެ އިސް ވާޖިބެއްކަމަށް ދެކެނީ، އެ މާތް މަރުޙޫމުގެ ޢާއިލާގެ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑުގެ އަމިއްލަ ނަމުގައާއި އަދި ދިވެހި ސަރުކާރުގެ ނަމުގައި ތަޢުޒިޔާ ދެންނެވުން. ވަރަށް ޚާއްޞަގޮތެއްގައި، މި ތަޢުޒިޔާގައި އެ މާތް މަރުޙޫމުގެ މާތް އަނބިކަނބަލުން އަލްފާޟިލާ މަރްޔަމް އަމީން އަދި އޭނާގެ ދަރިކަލުން އަލްފާޟިލް އިސްމާޢީލް ޙިލްމީ އަދި ބޭބެ އަލްފާޟިލް އިބްރާހީމް ޙިލްމީދީދީ ޝާމިލު ކުރަން. ހަމައެފަދައިން، އެމާތް ޢާއިލާގެ އެހެން ހުރިހާ މެންބަރުންވެސް ހިމަނަން. އެއާއެކުގައި، އަލްފާޟިލް އަޙްމަދު ޙިލްމީދިދީއަކީ ދިވެހިޤައުމަށް ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު ވަރަށް ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތްކުރެއްވި ބޭފުޅަކަށްވާތީ، އޭނާ އަވަހާރަވުމާ ގުޅިގެން، މުޅި ދިވެހިޤައުމަށްވެސް ތަޢުޒިޔާ އަދާކުރުމަކީ، އަޅުގަނޑުގެ ވާޖިބެއް ކަމުގައި ދެކެން.

އާދެ، އެއަށްފަހުގައި، މިރޭގެ މިޖަލްސާ ބާއްވަވާ، ޖަލްސާގެ ކަންތައްތައް އިންތިޒާމު ކުރެއްވި ފަރާތަށް ޝުކުރުގެ ޢިބާރާތެއް ދެންނެވުމަކީވެސް އަޅުގަނޑުގެ ވާޖިބެއް ކަމަށް ދެކެން. ޝައްކެއްނެތް، މިޖަލްސާއަކީ ވަރަށްމާތް މަޤްޞަދެއްގައި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ފަރާތުން ބޭއްވެވި ޖަލްސާއެއް. އެހެންކަމުން، އެމަރުކަޒު ހިންގެވުމާ ޙަވާލުވެ ހުންނެވި އެ މަރުކަޒުގެ ރައީސް އަލްއުސްތާޛު އައްޝައިޚް މުޙައްމަދު ޖަމީލްދީދީއަށާއި، އެމަރުކަޒު ހިންގަވަން ތިއްބެވި އެހެން ބޭފުޅުންނަށް، އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ޤައުމަށް އެކި ރޮނގުރޮނގުން ޚިދުމަތްކުރާ މީހުން، އެމީހުންގެ ޚިދުމަތުގެ ދައުރު އަދާކޮށް ނިންމުމަށްފަހު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރުމާ ގުޅިގެން، އެމީހުންގެ ހަނދާން އާކޮށް، އެމީހުން މި ދުނިޔެ ދޫކޮށްދިޔަކަމުން، އެކަމުގެ ހިތާމަފާޅުކުރުމަށް މިބާވަތުގެ ޙަފްލާތައް ނުވަތަ ޖަލްސާތައް ބާއްވަމުން ގެންދިޔުމަކީ، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ކުރަމުންގެންދާ ކަމެއް. އާދެ، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ވަރަށްގިނަ ޤައުމުތަކުގައި މިކަހަލަ ޖަލްސާތައް ބާއްވައި، ހިތާމަފާޅުކުރުމުގެ ޝުޢޫރުތައް ފާޅުކުރަމުން ގެންދޭ. މިޞްރުގައިވެސް، އަޅުގަނޑު އެތާނގައި ހުރި ދުވަސްވަރުގައިވެސް، މިކަހަލަ ބައެއް ޖަލްސާތަކަށް ޙާޟިރުވުމުގެ ފުރުޞަތު އަޅުގަނޑަށް އޮތީ ލިބިފައި. އާދެ، އަވަހާރަވީ، ޤައުމަށް ޚިދުމަތް ކުރެއްވި ޒަޢީމަކު ކަމުގައިވިޔަސް ނުވަތަ އެހެން ރޮނގަކުން ޚިދުމަތް ކުރެއްވި ބޭފުޅަކު ކަމުގައިވިޔަސް، ބަހަށް ޚިދުމަތް ކުރެއްވި އަދީބަކު ކަމުގައިވިޔަސް، ޝާޢިރަކު ކަމުގައިވިޔަސް ނުވަތަ ފަންނާނަކު ކަމުގައިވިޔަސް ނުވަތަ އެނޫން ރޮނގަކުންވެސް ޤައުމަށް އެދެވޭ ޚިދުމަތެއް ކުރެއްވި ބޭފުޅަކު ކަމުގައިވާނަމަ، އެބޭފުޅަކު އަވަހާރަވުމާ ގުޅިގެން، ތައުބީނުގެ ޖަލްސާތައް ބާއްވަމުން އެތާނގައި ގެންދޭ. އާދެ، އެފަދަ ޖަލްސާތައް ބާއްވަނީ ހަމައެކަނި އެއް ފަރާތަކުންނެއް ނޫން. އެބަޔަކު ނިސްބަތްވާ ތަފާތު ޖަމާޢަތްތަކެއް ނުވަތަ ފަރާތްތަކެއް ހުރިކަމަށްވަންޏާ، އެހުރިހާ ފަރާތްތަކުންވެސް މިދެންނެވިކަހަލަ ޖަލްސާތައް ބާއްވައި، އެމީސްމީހުންގެ ޛިކްރާ އާކޮށް ހަދާ.

އާދެ، އެހެންވުމާއެކު އަޅުގަނޑަށް ފެންނަގޮތުގައި މިއީ ވަރަށް އެދެވޭ ރަނގަޅު ތަޤްލީދެއް. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ޤައުމަށް ޚިދުމަތް ކުރައްވާ އެކިއެކި ބޭފުޅުން އަޅުގަނޑުމެންނާ ވަކިވެވަޑައިގެންފިނަމަ، އެބޭފުޅުންގެ ޛިކްރާ އާކޮށް، އެ ބޭފުޅުން އެކުރެއްވި ޚިދުމަތްތައް އިޙްސާސް ކުރުމަށްޓަކައި މިބާވަތުގެ ޖަލްސާތައް ނުވަތަ ހިތާމަފާޅުކުރުމުގެ ޖަލްސާތައް ނުވަތަ ތައުބީނުގެ އެއްވުންތައް ބޭއްވުމަކީ އަޅުގަނޑުހިތުން އެދެވޭ ކަމެއް.

އާދެ، މިރޭގެ މިޖަލްސާގައި، އަޅުގަނޑުގެ ފަހުން ވަރަށްގިނަ ބޭބޭފުޅުން ވާހަކަފުޅުދައްކަވާ ގޮތަށް ޕްރޮގްރާމް ހަމަޖެހިފައިވޭ. އެހެންވުމާއެކު، އަޅުގަނޑު ވާހަކަދައްކަން ޤަޞްދުކުރަނީ، މިވަގުތު އަޅުގަނޑު މިހުރި މަގާމުގެ ގޮތުން، އެ ރޮނގުން. އޮނަރަބްލް އަލްފާޟިލް އަޙްމަދު ޙިލްމީދީދީ ކުރައްވާފައިވަނީ މަތިވެރި ޚިދުމަތްތަކެއް. ރާއްޖޭގެ ޤައުމީ ޚިދުމަތުގައި އޭނާ ސާޅީސް އަހަރުގެ ދިގު ދަތުރުފުޅެއްވަނީ ކުރައްވާފައި. އެ ދަތުރުފުޅު ފެށްޓެވީ މިކަހަލަ ޑިސެންބަރު މަހެއްގައި. އާދެ، 1943 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި. އެންމެ ފުރަތަމަ އަދާކުރެއްވި ވަޒީފާއެއް ކަމުގައި ވަނީ ދޫނިދޫގައި އޭރު ސަރުކާރުން ބެހެއްޓެވި އާރު.އޭ.އެފް.ގެ ވަޔަރލެސް ސެޓެއްގެ އޮޕަރޭޓަރުކަން. އާދެ، މިދެންނެވި އޮޕަރޭޓަރުކަމުގެ ވަޒީފާއިން ފެށިގެން ސާޅީސް އަހަރު ދުވަހުގެ ޤައުމީ ޚިދުމަތުގެ ދިގު ދަތުރުފުޅެއް ނިންމަވައިލެއްވިއިރު، އޭނާ ހުންނެވީ ދައުލަތުގެ ވަރަށްމަތީ މަޤާމެއްގައި. އާދެ، ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ މަޤާމުގައި. ރާއްޖޭގެ މިނިސްޓަރ އޮފް އެގްރިކަލްޗަރގެ މަޤާމުގައި. އެދެމެދުގައި އޭނާ ވަރަށްގިނަ ތަފާތު މަސްއޫލިއްޔަތު އަދާކުރައްވާފައިވޭ، އެކި ރޮނގުރޮނގުން. އެ ހުރިހާ ރޮނގުތަކަކާ ދޭތެރޭގައި ވާހަކަދެއްކުމަކީ މިރޭ އަޅުގަނޑު ކުރަންޖެހޭނެ ކަމެއް ކަމަކަށް ނުދެކެން. އެއީ ކުރިންވެސް އަޅުގަނޑު ދެންނެވިފަދައިން، އަޅުގަނޑުގެފަހުން އަލްފާޟިލް އަޙްމަދު ޙިލްމީދީދީ ޚިދުމަތް ކުރެއްވި އެކިއެކި ރޮނގުތަކާބެހޭ ބޭފުޅުންގެ ވާހަކަފުޅުދެއްކެވުން އެބައޮތް. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވާ އެއްޗަކީ، އަލްމަރްޙޫމް އަޙްމަދު ޙިލްމީދީދީ، ވަފާތެރިކަމާއި ތެދުވެރިކަމާއެކު ވަރަށްގިނަ ރޮނގުރޮނގުން ދިވެހި ޤައުމަށް ޚިދުމަތް ކުރައްވާފައިވެއޭ.

އާދެ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގާތްގަނޑަކަށް ވިހިއަހަރު ދުވަސްވަންދެން ކުރައްވާފައިވޭ. ވަޒީރުންގެ މަޖިލީހުގެ މެންބަރުކަން، ނުވަތަ މިނިސްޓަރުކަން، ގާތްގަނޑަކަށް ހަމަ އެހާ ދިގު މުއްދަތަކަށް ކުރައްވާފައިވޭ. ޚާރިޖީ ދާއިރާއަށް ވިސްނާއިރު، ދިވެހިރާއްޖޭގެ ސަރުކާރުގެ މުމައްސިލްގެ މުހިންމު މަޤާމުގައި ކޮނޅުބުގައި ރާއްޖޭގެ މަންދޫބެއްގެ ގޮތުގައި ހުންނެވި ނުވަތަ ރެޕްރެޒެންޓެޓިވް މަޤާމުވެސް އޭނާ އަދާކުރެއްވި. އޭގެފަހުން ރާއްޖެ މިނިވަންވުމަށްފަހު، އެމަޤާމު އެއީ ސަފީރުކަމުގެ މަޤާމަށް ބަދަލުވިފަހުންވެސް އެތާނގައި ދިވެހި ސަރުކާރު ތަމްޘީލު ކުރައްވަން އެތައް އަހަރެއްވަންދެން ހުންނެވި. ހަމައެފަދައިން، އ.ދ. މަޖިލީހުގައި ދިވެހިރާއްޖެ ތަމްސީލު ކުރައްވަން ދުވަސްކޮޅެއް ވަންދެން ހުންނެވި. އަޙްމަދު ޙިލްމީދީދީ ވަރަށް ފުރިހަމަ ގޮތެއްގައި ފުރުއްވި މަޤާމުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަންވެސް ހިމެނޭ. ހަމައެފަދައިން، އޭނާ ޤައުމަށް ކުރެއްވި ޚިދުމަތްތަކެއްގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން، ސަރުކާރުން އޭނާއަށް ފާށަނާކިލެގެކަމުގެ ކޮލިވެސްވަނީ ލައްވާފައި. އާދެ، މިހުރިހާ ގޮތަކުން ބަލާއިރު، އަޙްމަދު ޙިލްމީދީދީ ދިވެހިރާއްޖެއަށް ކުރެއްވި ޚިދުމަތްތައް އެއީ ގިނަގުނަ ޚިދުމަތްތަކެއް. ތެދުވެރި ޚިދުމަތްތަކެއް. އެ ޚިދުމަތްތަކުގެ އަގު ދިވެހި ރައްޔިތުން ވަޒަންކުރާކަމީ ޝައްކެއްހުރިކަމެއް ނޫން.

އާދެ، ދިވެހި ރައްޔިތުންނަކީ ވަފާތެރި ބައެއް. އިޚްލާޞްތެރި ބައެއް. އެމީހުންނަށް ޚިދުމަތްކުރާ މީހުންގެ ހަނދާން އަބަދުވެސް އެމީހުން ކުރާނެ. އެ ޚިދުމަތްތަކަށް ޝުކުރުވެރިވާނެ. އެގޮތުން އަޅުގަނޑު ދަންނަވާނީ ދިވެހިރާއްޖޭގެ ރައްޔިތުން، އަލްމަރްޙޫމް އަޙްމަދު ޙިލްމީދީދީ ތެދުވެރިކަމާއެކު އެ ކުރެއްވި ޚިދުމަތްތަކުގެ އަގު އަބަދުވެސް ވަޒަންކުރާނެއޭ.

އާދެ، އަޅުގަނޑު ކުރިންވެސް މިދެންނެވި ޤައުމީ ޚިދުމަތުގެ ސާޅީސް އަހަރުގެ ދަތުރުފުޅު އަޙްމަދު ޙިލްމީދީދީ ކަޑައްތު ކުރެއްވީ ހިމޭން އޮމާން ކަނޑެއްގައެއް ނޫން. ދިވެހިރާއްޖޭގެ ސިޔާސީ ކަނޑަކީ، އެކި ޒަމާނުގައި އެކިގޮތަށް އޮތް ކަނޑެއް. ހަލަބޮލި ރާޅުތަކެއް އެކުލެވިގެންވާ ކަނޑެއް، ބައެއްފަހަރުފަހަރަށް. އެހެންވުމާއެކު، އޮމާންކަމާއި އަމާންކަމާއެކު ވަރަށްގިނަ ދުވަސްތަކެއްގެ ރާސްތާ އެމަނިކުފާނު ސަރުކާރުގެ ސިޔާސީ ކަނޑުގައި ހޭދަކުރެއްވި ކަމުގައިވިޔަސް، ބައެއްފަހަރަށް ކަންތައްތައް ދިމާވެފައި ހުރިގޮތުން، މާ އޮމާންނޫން ގޮތެއްގައިވެސް ދުވަސްތަކެއް އޭނާވަނީ ހޭދަކުރައްވަން ޖެހިވަޑައިގެންފައި. އާދެ، 1953 ވަނަ އަހަރުން ފެށިގެން 1956 ވަނަ އަހަރާ ދޭތެރޭގައި ހުންނަވަން ޖެހިވަޑައިގަތީ، އެކަހަލަ ކަމެއް ދިމާވެގެން ސަރުކާރުގެ ދާއިރާއާ ދުރުގައި. އެހެން ހުންނަވަން ޖެހުނު ކަމުގައިވިޔަސް، އެއްވެސް ހިނދުކޮޅެއްގައި އަޙްމަދު ޙިލްމީދީދީގެ ހިތްވަރުފުޅަށް، ނުވަތަ އޭނާގެ ސާބިތުކަމަށް އެއްވެސް ބަދަލެއް އައިސްފައެއްނުވޭ. އާދެ، އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއިން ދަންނަވާކަމަށްވަންޏާ، އަޅުގަނޑަށް ދެންނެވެން އޮތީ، އަލްމަރްޙޫމް އަޙްމަދު ޙިލްމީދީދީއަކީ، ކުރީގެ ޖީލުގެ ވަރަށް ހަރުދަނާ ގޮތްތަކެއްހުރި ބޭފުޅެކޭ.

އާދެ، އަޙްމަދު ޙިލްމީދީދީއަކީ، ޢުމުރުފުޅުގެ ގޮތުންނާއި، ތަޖުރިބާގެ ގޮތުންނާއި އަދި ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށްވެސް އަޅުގަނޑަށްވުރެ މާދޮށީ ބޭފުޅެއް. އެހެންކަމުގައިވިޔަސް، ކަންތައްތައް ދިމާކުރިގޮތުން އަޅުގަނޑު މިހުރި މަޤާމުގައި ހުރެގެން އަޙްމަދު ޙިލްމީދީދީއާ ޙަވާލުކުރި ކޮންމެ ކަމެއް އޭނާ ކުރައްވަމުން ގެންދެވީ ތެދުވެރިކަމާއެކު، އިޚްލާޞްތެރިކަމާއެކު. އެއްވެސް ފަހަރެއްގައި ޤާނޫނީގޮތުން ބާރު ލިބިފައިވާ ފަރާތެއްގެ މަޝްވަރާ ނުވަތަ ލަފާ ޤަބޫލުކުރެއްވުމުގައި އެއްވެސްކަހަލަ ޖެހިލުންވެވަޑައިގަތުމެއް ނެތް. އާދެ، މިއީ ކުރީގެ ޖީލުގައި ވަރަށް ހަރުދަނާ ގޮތެއްގައި ފާހަގަކުރެވޭ ސިފައެއް. މިހާރު އަޅުގަނޑުމެންގެ ޒުވާނުންގެ ތެރޭގައި، މި ސިފަ އެހާ މަތީ ދަރަޖައަކަށް ހުއްޓެކޭ ދެންނެވޭކަށް ނެތް. ބައެއް މީހުންނަށް، ތިމާމެންގެ މުހިންމުކަން އޮންނަނީ މާބޮޑަށް ވަޒަންކުރެވިފައި. ތިމާއަށް ފެންނަގޮތް އެއީ އެންމެ މޮޅުގޮތް ކަމަށް ބައެއް ޒުވާނުންނަށް އޮންނަނީ ގަބޫލުކުރެވިފައި. އެކަންތައްތައް އެހެންވުމާއެކު، ޤާނޫނީގޮތުން ބާރު ލިބިފައިވާ ފަރާތުގެ މަޝްވަރާއާއި ލަފާ ގަބޫލުކުރުމަށް ބައެއް މީހުންނަށް އެއީ، އޮންނަނީ ދަތިކަމަކަށްވެފައި. އެހެންނަމަވެސް އެކަހަލަ އެއްވެސް ކަމެއް އަޙްމަދު ޙިލްމީދީދީގެ ފަރާތަކުން އަޅުގަނޑަށް ފެނިފައެއް ނެތް. ކުރިންވެސް ދެންނެވިފަދައިން، އޭނާއަކީ ރާއްޖޭގެ ސިޔާސީ މަސްރަޙަށް އަޅުގަނޑަށްވުރެ މާ ތަޖުރިބާ ގިނަ ބޭފުޅެއް. އެހެންނަމަވެސް، ހުރިހާ ކަމެއްވެސް ގެންދެވީ، މިވަގުތު ސަރުކާރު ހިންގަންހުރި މީހަކީ އަޅުގަނޑުކަން އޭނާ ގަބޫލުކުރައްވައި، އަޅުގަނޑު އެރުވި ލަފާއާއި މަޝްވަރާއާ އެއްގޮތްވާގޮތުގެ މަތިން، ވަރަށް އިޚްލާޞްތެރިކަމާއެކު. އަދި އަޅުގަނޑު ދަންނަވާނީ ކިޔަމަންތެރިކަމާއެކުގައޭ.

އާދެ، އަޅުގަނޑު ރައީސްކަމާ ޙަވާލުވިތާ ކުރީކޮޅުގައި، ކަންދިމާވިގޮތުން އޭނާއަށް ހުންނަވަން ޖެހިވަޑައިގަތީ ޢަމަލީ ދާއިރާއިން ތަންކޮޅެއް ދުރުގައި. އެހެންނަމަވެސް، އެދުވަސްކޮޅުގެ ތެރޭގައިވެސް އޭނާގެ ހުރިހާ ޢަމަލުފުޅުތަކެއް ހުރީ ވަރަށް އެކަށީގެންވާ އިޚްލާޞްތެރި ރަނގަޅު ގޮތެއްގައި. އެހެން ހުންނެވުމުގެ ސަބަބުން އެމަނިކުފާނަށް އޭނާއަށް ޙައްޤުވެވަޑައިގެންވާ ވަޒީރުކަމުގެ މަޤާމުވެސް ފަހުން އޮތީ ލިބިވަޑައިގެންފައި. އަދި އެ މަގާމުގައި އެންމެފަހާ ޖެހެންދެންވެސް ސާބިތުވެ ހުންނެވީ، ކުރިންވެސް ދިވެހިސަރުކާރަށް، ދިވެހި ސަރުކާރު ހިންގަވަން ހުންނެވި ވެރިޔަކަށް، އެއިރަކު އޭނާ އެ އަދާކުރެއްވި ކިޔަމަންތެރިކަމާއި އިޚްލާޞްތެރިކަމާ އެކުގައި.

އާދެ، އަޙްމަދު ޙިލްމީދީދީގެ މިޒާޖުފުޅާއި، އަޚްލާޤާއި، ޝަޚްޞިއްޔަތުގެ ކަންތައްތައް ހުރިގޮތް، އަޅުގަނޑަށްވުރެ މާބޮޑަށް ދެނެވަޑައިގަންނަވާ ބޭފުޅުން މިތާނގައި އެބަ ތިއްބެވި. އެހެންވީމާ، އެކަމާ ގުޅޭގޮތުން އަޅުގަނޑު މާދިގު ވާހަކަތަކެއް މިރޭ ދައްކާކަށް ޤަޞްދެއްނުކުރަން. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން އޮތީ، އެންމެފަހުން ރަސްމީގޮތުން އަޙްމަދު ޙިލްމީދީދީ އަޅުގަނޑާ ބައްދަލުކުރެއްވި ދުވަހުވެސް، އޭނާގެ ހިތްޕުޅުގައި ޤައުމަށް ޚިދުމަތް ކުރެއްވުމުގެ ޝުޢޫރު އޮތްވަރާއި އަދި އޭނާގެ އަރިހުގައި މަސައްކަތް ކުރަން އުޅޭ މީހުންނަށް އޭނާގެ ހިތްޕުޅުގައި އޮންނަ އިޚްލާޞްތެރިކަމުގެ ޝުޢޫރު ވަރަށްބޮޑަށް ހާމަވެގެންދިޔައޭ.

އާދެ، އަޙްމަދު ޙިލްމީދީދީ އަވަހާރަވީ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، މި މަހުގެ 13 ވަނަ ދުވަހު. އޭގެ ދެ ދުވަސް ކުރިން، މި މަހުގެ 11ވަނަ ދުވަހު އެޕޮއިންޓްމަންޓަކަށް އޭނާ ރައީސް އޮފީހަށް ވަޑައިގެންނެވި. ވަޑައިގެން އަޅުގަނޑާ ބައްދަލުކުރެއްވި. އެދުވަހު ދެއްކެވި ވާހަކަފުޅަކީވެސް ރާއްޖެއަށް ފައިދާހުރި ކަމެއް ހަމަޖެއްސެވުމަށް ބޭނުންފުޅުވެގެން، ރާއްޖޭގައި މިހާރު ހުރި ރުއްތަކުގެ ޢަދަދު މަދުކަމުން، ރާއްޖޭގެ ފަޅު ރަށްރަށާއި އަދި މީހުން އުޅޭ ރަށްތަކުގައި އިތުރަށް ރުއް އިންދުމުގެ މަޝްރޫޢެއް ކުރިޔަށް ގެންދެވުމަށް ބޭނުންފުޅުވެގެން، އެކަމަށް ބޭނުންވާ ކާށި ހޯއްދެވުމަށްޓަކައި ޚުދު އޭނާ ކުރައްވާ އަދި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ވާހަކަ. އެ މަސައްކަތްތައް ފުރިހަމަކުރެއްވުމަށްޓަކައި ބޭރަށް ދަތުރުފުޅެއް ކުރައްވަން ބޭނުންފުޅުވާ ވާހަކަވެސް ވިދާޅުވި. އޭރުވެސް އޭނާ ހުންނެވީ ޞިއްޙީގޮތުން މާފުރިހަމަ ޙާލުކޮޅެއްގައެއް ނޫން. ފަހުން އޭނާގެ ޙާލުކޮޅު ހުރިގޮތް، އަޅުގަނޑުހިތުން އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ މީހުންނަށް އެނގޭނެ. އެހެންނަމަވެސް، އޭނާގެ ޞިއްޙީ ޙާލުކޮޅު ހުރިގޮތަކީ، މިކަހަލަ ދަތުރުފުޅުތައް ކުރެއްވުމަށް މާއެކަށީގެންވާ ޙާލުކޮޅެއް ކަމުގައިނުވިޔަސް، އޭނާ ޤަސްދުކުރެއްވީ ޤައުމުގެ މަޞްލަޙަތު އެއަށްވުރެ ކުރިޔަށް ޖައްސަވައިލައްވަން. އަދި މިދެންނެވި މުހިންމު މަޤްޞަދު ޙާޞިލު ކުރެއްވުމަށްޓަކައި ދަތުރުފުޅު ކުރައްވައިގެން، ރާއްޖެއިން ބޭރު ޤައުމަކަށް ވަޑައިގެން، ރާއްޖެއަށް އެއްލައްކަ ކާށި ހޯއްދަވައިދެއްވުމުގެ މަސައްކަތްޕުޅު ޚުދު އޭނާ ކުރައްވަން. އެހެންވީމާ، އެއިންވެސް އެނގޭ އެއްޗަކީ، އޭނާގެ ހިތްޕުޅުގައި އެންމެފަހާ ޖެހެންދެން ޤައުމީ ޚިދުމަތް އޮތްލެއް ބޮޑުކަން. ހަމަ އެއާއެކު، އެދުވަހު އޭނާ އެ ބައްދަލުކުރެއްވުމުގައި، އޭނާގެ މިނިސްޓްރީގައި އެކަށީގެންވާގޮތަކަށް އިޚްލާޞްތެރިކަމާއެކު ވަޒީފާ އަދާކުރަމުންގެންދާ މުވައްޒަފުންގެ ވާހަކަ ވިދާޅުވެދެއްވި. އަދި އެމީހުން އެ އަދާކުރާ މަސައްކަތްތައް އެހާ ފުރިހަމަކަމާއި އަދި އިޚްލާޞްތެރިކަމާއެކު ކުރަމުންގެންދާތީ، އެމީހުންނަށް އިތުރު ކުރިއެރުމެއް ހޯއްދަވައިދެއްވަން ބޭނުންފުޅުވާ ވާހަކަވެސް ވިދާޅުވި. އެހެންވީމާ، އަޅުގަނޑަށް ހީވަނީ އެކަން އޮންނާނީ ހަމަ މިއަދު ހަމަޖެހިފައިހެން.

ކޮންމެއަކަސް އަޅުގަނޑު ދަންނަވާލަން ބޭނުންވި އެއްޗަކީ، މިކަންކަމުން ދޭހަވާގޮތުގައި، އަލްފާޟިލް އަޙްމަދު ޙިލްމީދީދީއަކީ، ޤައުމީ ޚިދުމަތުގެ ޝުޢޫރު އޭނާގެ ހިތްޕުޅުގައި ވަރަށް މަތިވެރި ދަރަޖައަކަށް އުފެދިފައިވާ ބޭފުޅެކޭ. ހަމައެކަނި ޤައުމީ ޚިދުމަތުގެ ޝުޢޫރެއްނޫން. ޤައުމީ ޚިދުމަތުގެ ޝުޢޫރާ އެކުގައި، އޭނާގެ އަރިހުގައި މަސައްކަތްކުރާ މީހުން އެކުރާ މަސައްކަތުގެ އަގުވެސް ފިސާރި ރަނގަޅަށް ވަޒަންކުރައްވާ ބޭފުޅެކޭ، އަލްފާޟިލް އަޙްމަދު ޙިލްމީދީދީއަކީ. އެހެންވުމާއެކު، އަޅުގަނޑުމެންނަށް ދިވެހި ޤައުމަށް ގެއްލިގެން އެދިޔައީ ވަރަށް އަގުހުރި ދަރިއެކޭ.

އާދެ، ކުރިންވެސް ދެންނެވިފަދައިން، އަޅުގަނޑުގެފަހުން ވާހަކަދައްކަވަން ތިއްބެވި ވަރަށް ގިނަ ބޭފުޅުން ތިއްބެވުމާއެކު، އަޅުގަނޑު ދެން މިތާނގައި މާގިނައިރު ހުންނާކަށް ޤަޞްދެއްނުކުރަން.

އަޅުގަނޑުގެ ދުޢާއަކީ اللّـه سبحـانـه وتعـالى އެކަލާނގެ ތަނަވަސް ރަޙްމަތުގައި އަލްމަރްޙޫމް އަޙްމަދު ޙިލްމީދީދީ ހިމެނުއްވުން. އޭނާއަށް ފުރިހަމަ ރަޙްމަތާއި ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން. އަދި އޭނާގެ ޢާއިލާގެ ބޭފުޅުންނަށް، ޚާއްޞަކޮށް، އޭނާގެ އަނބިކަނބަލުންނަށާއި، ދަރިކަލުންނަށާއި، ޢާއިލާގެ އެހެން ބޭފުޅުންނަށް ކެތްތެރިކަން ދެއްވައި ޘަވާބު އިތުރުކުރެއްވުން. ދިވެހި ޤައުމަށް އަބަދުވެސް ޤައުމަށް ވަފާތެރި އިޚްލާޞްތެރި ދަރިންތަކެއް اللّـه سبحـانـه وتعـالى އުފައްދަވައި، އެމީސްމީހުންގެ ޚިދުމަތް އަބަދުގެ އަބަދަށް ދިވެހި ޤައުމަށް ލިބޭނެގޮތްތައް މެދުވެރިކޮށްދެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.