بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وأصـحَابِه أجمـعـين.

އާދެ، ވެލިދޫ އިންޖީނުގެ ރަސްމީގޮތުން ހުޅުވައިދިނުމުގެ މި އުފާވެރި މުނާސަބަތުގައި، ވެލިދޫގެ ލޮބުވެތި ރައްޔިތުންނަށާއި، ވެލިދޫގެ ވެރިންނަށާއި، އަދި މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް އަދި ސްޓެލްކޯގެ ޗެއަރމަން އަލްފާޟިލް ޢަބްދުﷲ ޔާމީނަށާއި، ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށާއި ވެރިންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކުބާދީ ދަންނަވަން.

އާދެ، މި އުފާވެރި މުނާސަބަތަށްޓަކައި މިރަށް ތައްޔާރުކުރައްވާފައި މިވަނީ، ވަރަށް ފުރިހަމަގޮތެއްގައި. މިއަދު އަޅުގަނޑު މިރަށަށް އައިސް ފޭބުމާއެކީގައި، އަޅުގަނޑަށް ލިބިގެންދިޔައީ، މިރަށުގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން، އަދި މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާގެ ފަރާތްޕުޅުން، ވަރަށް އިޚްލާޞްތެރި، ވަރަށް ހޫނު މަރްޙަބާއެއް. އެހެންކަމުން، އެކަމަށްޓަކައި ހުރިހާ ބޭފުޅުންނަށް، ތިޔަ ހުރިހާ ބޭފުޅުންނަށް، އާދެ ރަށުގެ ކުދި ބޮޑު، އަންހެން ފިރިހެން ރައްޔިތުންނަށާއި، އަދި އެކިއެކި ވަޒީފާގައި އުޅުއްވާ ބޭފުޅުންނަށާއި، އަދި އެކި މަސައްކަތްތަކުގައި އުޅުއްވާ ބޭފުޅުންނަށާއި، މަދަރުސާ ކުދިންނަށާއި، މިހެންގޮސް ރަށުގައި ހިމެނޭ ހުރިހާ ބޭފުޅުންނަށް، އަޅުގަނޑު އިޚްލާޞްތެރި ޝުކުރު ދަންނަވަން.

އާދެ، ވެލިދޫ އިންޖީނުގެއަކީ، ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށަށް ކަރަންޓުގެ ޚިދުމަތް ދިނުމަށްޓަކައި، ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ބައެއް. މި މަސައްކަތް ކުރައްވާފައިވަނީ ސްޓެލްކޯއިން. ދެންމެ ސްޓެލްކޯގެ ޗެއަރމަން، އަދި މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް އަލްފާޟިލް ޢަބްދުﷲ ޔާމީނުގެ ވާހަކަފުޅުގައި އެ ވާހަކަ ވިދާޅުވެދެއްވައިފި. އެހެންވީމާ، ކޮންމެހެން އެ ވާހަކަ އަޅުގަނޑު ދަންނަވާކަށްނެތިން. އެހެންނަމަވެސް، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ކަރަންޓުގެ ޚިދުމަތަކީ ރައްޔިތުންނަށް ބޭނުންވާ، ވަރަށް މުހިންމު، ވަރަށް ބޮޑު އަސާސީ ޚިދުމަތެއް. އެހެންނަމަވެސް، ދެންމެ ޔާމީނުގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، އާބާދީ ކުޑަ ތަންތަނަށް މި ޚިދުމަތް ދިނުމަކީ އެއްގޮތަކަށްވެސް ވިޔަފާރީގެ އުސޫލުން ބަލާއިރު ފައިދާވާނެގޮތަކަށް ކުރެވޭ ކަމަކަށްނުވޭ. އެހެންވީމާ، މިވާގޮތަކީ ސަރުކާރުން ވަރަށްގިނަ ރަށްރަށަށް ކަރަންޓުގެ ޚިދުމަތް ދޭން ބޭނުންވި ކަމުގައިވިޔަސް، އެއިން ލިބޭ ގެއްލުން ފޫބެއްދެން ނެތުމާއެކީގައި، އެކަން އެހާ އަވަހަށް ކުރެވެން ނޯންނަނީ. އެކަން އެހެން އޮތްނަމަވެސް، ސަރުކާރުގެ ވަސީލަތްތައް ހުރި މިންވަރުން، އެކި ރަށްރަށަށް ކަރަންޓުގެ ޚިދުމަތް ދެމުން މިގެންދަނީ.

އާދެ، އަޅުގަނޑުމެންގެ ވަސީލަތްތައް މިހެން ހުރުމާއެކީގައި، ރަށްރަށުގެ ރައްޔިތުން އިސްނަންގަވައިގެން، އެ ރަށްރަށަށް ކަރަންޓް ލެއްވުމަށް ކުރައްވާ މަސައްކަތަށް ސަރުކާރުން ވަރަށް ބޮޑަށް ހިތްވަރުދީ، ވަރަށް ބޮޑަށް ތަރުޙީބުދޭ. އާދެ، އަދި އެކަމަށް ވެވެންއޮތް ހުރިހާ ރޮނގަކުން އެހީވެސްވޭ. ސަރުކާރުން ފައިސާގެ އެހީވޭ. ބައެއްފަހަރަށް އިންޖީނުދޭ، ނުވަތަ ކޭބަލްދޭ، ނުވަތަ އެނޫންވެސް ތަކެތީގެ އެހީވެދޭ. މިގޮތުން އަމިއްލަ ރައްޔިތުން، ނުވަތަ ރައްޔިތުންގެ ތެރެއިން ބައެއް، ނުވަތަ ޖަމާޢަތެއް، ކަރަންޓުގެ ޚިދުމަތް، އެ ރަށެއްގެ ރައްޔިތުންނަށް ދިނުމަށްޓަކައި ކުރާ މަސައްކަތްތަކަށް ސަރުކާރުން ވަރަށް ބޮޑަށް ތަރުޙީބުދީ އެހީވަމުން މިގެންދަނީ.

ވެލިދޫ އިންޖީނުގޭ މަސައްކަތް ހިނގަމުން ދިޔައިރު، ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލެއްވުން، ވަރަށް ފުރިހަމައަށް ލިބިފައިވާކަން އަޅުގަނޑަށް އެނގޭ. އާދެ، ރައްޔިތުން އެކަން ކޮށްދެއްވާފައިވަނީ، ހިލޭ ސާބަހަށް. އެހެންކަމުން، ވެލިދޫ ރައްޔިތުން މި ކުރައްވާފައިވާ ބޮޑު މަސައްކަތަށް ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، ހަމައެއާއެކީގައި މިހާއަވަހަށް، މިހާ ފުރިހަމަގޮތެއްގައި، މި އިންޖީނުގެ އިމާރާތްކުރައްވައި، އަދި އިންޖީނުތައް ބަހައްޓަވައި، ކަރަންޓުގެ ޚިދުމަތް މިރަށުގެ ރައްޔިތުންނަށް ދެއްވިކަމަށްޓަކައި، މިނިސްޓަރ އޮފް ޓްރޭޑް އިންޑަސްޓްރީޒް އަދި ސްޓެލްކޯގެ ޗެއަރމަން އަލްފާޟިލް ޢަބްދުﷲ ޔާމީނަށާއި، އަދި މިކަމުގައި އުޅުއްވި ސްޓެލްކޯގެ ވެރިންނާއި، މުވައްޒަފުންނާއި، އަދި މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާއާއި، ވެލިދޫ ރައްޔިތުންނާއި އަދި ސްޓެލްކޯގެ ވެރިންނާއި، އަދި މިރަށުގެ ވެރިންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އެހުރިހާ ބޭފުޅުންގެ އެއްބާރުލެއްވުން، މިހާ ފުރިހަމަގޮތެއްގައި ލިބިގެންނޫނީ ޝައްކެއްނެތް، މިވަރުގެ ބޮޑު މަސައްކަތެއް މިހާ އަވަހަކަށް ނިމިގެންނެއް ނުދާނެ. އަދި މިހާ ފުރިހަމަގޮތެއްގައި ރައްޔިތުންނަށް އޭގެ ޚިދުމަތާއި ފައިދާ ލިބެމަކުން ނުދާނެ.

އާދެ، އެހެން ދަންނަވާއިރު، އަޅުގަނޑަށް ދަންނަވާލަންޖެހޭ، ވެލިދޫ ރައްޔިތުންނަކީ، ތަރައްޤީއަށްޓަކައި ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ، ވަރަށް ހީވާގި ރައްޔިތެކޭ. މިރަށަށް އައިސް ފައިބާ ކޮންމެ މީހަކަށްވެސް އެކަމުގެ ދަލީލުތައް، ނިޝާންތައް ފެނިގެންދާނެ. ރަށަށް އަންނަ ތަރައްޤީތައް، އެއްދުވަހުން އަނެއްދުވަހަށް. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑަށްވެސް އެއްފަހަރަށްވުރެ ގިނަފަހަރު މިރަށަށް ޒިޔާރަތް ކުރެވިއްޖެ. މިރަށަށް އަންނަ ކޮންމެ ފަހަރެއްގައި، ކުރީފަހަރަށްވުރެ މާމޮޅަށް ކަންތައް ރޭވިފައި އަދި މާރަނގަޅު ކަންތައްތައް ވެފައިހުއްޓާ އަޅުގަނޑަށް އެބަފެނޭ. ތަރައްޤީގެ ކުލަވަރު، ވަރަށް ޒީނަތްތެރިގޮތެއްގައި، ވަރަށް ކުލަގަދަ ގޮތެއްގައި، ކޮންމެ ފަހަރަކު އަޅުގަނޑަށް ފެނޭ. އެހެންކަމުން، އެކަމަށްޓަކައިވެސް، ވެލިދޫ ރައްޔިތުންނަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެންގެ ރާއްޖޭގެ ކުޑަކަމާއި، ވަސީލަތްތައް މަދުކަމާ އެކީގައި، ލިބެންހުރި ވަސީލަތްތަކުގެ ބޭނުން، އެންމެ ފުރިހަމަގޮތުގައި ކުރުމަކީ، އަޅުގަނޑުމެންނަށް އޮތް ވާޖިބެއް. އޭރުން އަޅުގަނޑުމެންނަށް، އަޅުގަނޑުމެން އެދޭ މަންޒިލަށް ކުރިއަށް ދެވޭނީ.

އާދެ، މިހެން ދަންނަވާއިރު، ރާއްޖޭގެ ރައްޔިތުން، ވަރަށް ގިނަ ތަފާތު ރޮނގުރޮނގުން ތަރައްޤީގެ މަސައްކަތްތައް ކުރައްވާކަން އަޅުގަނޑަށް އެނގޭ. އަދި އެ މަސައްކަތްތަކަށް ސަރުކާރުން ވަރަށް ބޮޑަށް ތަރުހީބުވެސްދޭ. އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، އަޅުގަނޑުމެންނަކީ މިފަދަ ކުޑަ ޤައުމެއްގެ ރައްޔިތުން ކަމަށްވީތީ، އަދި އަޅުގަނޑުމެންގެ ވަސީލަތްތައް މަދުކަމުން، އަޅުގަނޑުމެން ޖެހޭނެއޭ، އެހެން ތަންތާނގެ މީހުން މަސައްކަތްކުރާވަރަށްވުރެ މާބޮޑަށް މާފަރުވާތެރިކަމާއެކީގައި، މާގިނަވަގުތު މަސައްކަތް ކުރަން. އޭރުންނޭ އަޅުގަނޑުމެންނަށް އެހެން ޤައުމުތަކާ އެކީގައި ފައިހަމަކޮށްލެވޭވަރުވާނީ.

އާދެ، ކޮންމެއަކަސް މިރަށަށް އައުމުން މިރަށުގެ ރައްޔިތުންނާއި ވެރިންގެ ފަރާތުން އަޅުގަނޑަށް މި ލިބުނު މަތިވެރި މަރްޙަބާއަށްޓަކައި އަދިވެސް އެއްފަހަރު ރަށުގެ ރައްޔިތުންނަށް ޝުކުރު ދަންނަވަން. ހަމައެއާއެކީގައި، މިއަދު މިރަށަށް އައުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމުގައިވެސް ދަންނަވަން. މިރަށަށް އައިސް، ވަރަށް މުހިންމު ދެކަމެއް އަޅުގަނޑަށް ކޮށްދިނުމުގެ އުފާ މި ލިބުނީ. އެއްކަމަކީ، މިރަށުގެ އަލަށް އިމާރާތްކުރެވުނު ހުކުރު މިސްކިތް، އާދެ، މަސްޖިދުލް ޢަދާލަތު ރަސްމީގޮތުން އިފްތިތާޙުކޮށްދިނުން. އަނެއްކަމަކީ، ވެލިދޫ އިންޖީނުގެ ރަސްމީގޮތުން އިފްތިތާޙުކޮށްދިނުން.

މާތް ﷲ ގެ އިސްމުފުޅުގެ ބަރަކާތުން މި ކުރުކުރު ވާހަކަކޮޅަށްފަހުގައި، ވެލިދޫ އިންޖީނުގެ ރަސްމީގޮތުން އިފްތިތާޙުކޮށްދިނުމުގެ އުފާ އަޅުގަނޑު ލިބިގަންނަން.

والسّلام عليكم ورحمـة اللّـه وبركاته.