بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سَيِّدنا محـمَّدٍ وعلى آلـه وأصحـابه أجمعـين.

އާދެ، ސަރުކާރުގެ އެހީޔާއެކީގައި، ނ. އަތޮޅު ވެލިދޫ ރައްޔިތުން ބިނާކުރެއްވި، މި ފުރިހަމަ ރީތި ހުކުރު މިސްކިތް ހުޅުވައިދިނުމަކީ، މިއަދު މާތް ﷲ ގެ ވާގިފުޅާއެކު، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އާދެ، މިސްކިތަކީ އެނގިވަޑައިގަންނަވާނޭ ފަދައިން، އިސްލާމްދީނުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ ފަރުޟު ފަސްނަމާދު ޤާއިމުކުރުމަށް އިމާރާތް ކުރެވޭ ތަނެއް. އެހެންކަމުން، މިސްކިތަކީ އިސްލާމްދީން، އަޅުގަނޑުމެންގެ މާތް ޢަޤީދާ ރަމްޒުކޮށްދޭ، ވަރަށް މަތިވެރި ހައިބަތާއި ޤަދަރު ލިބިގެންވާ ތަނެއް. އެއީ اللّـه سبحـانـه وتعـالىގެ ގެކޮޅެއް.

އާދެ، ދެންމެ އަޅުގަނޑުމެންނަށް އިވިގެންދިޔަ އާޔަތްތަކުގެ ތެރޭގައި، އާޔަތެއްގައި ﷲ ވަޙީކުރައްވާ، "وَأَنَّ الْمَسَاجِدَ لِلَّـهِ فَلَاَ تَدْعُواْ مَعَ اللَّـهِ أَحَدً" (الجن : ١٨) "ހަމަކަށަވަރުން މިސްކިތްތައް ވަނީ ﷲ އަށޭ. އެހެންކަމުން، ތިޔަބައިމީހުން ﷲ އާއެކު އެހެންފަރާތެއް، ތިޔަބައިމީހުން ކުރާ ދުޢާގައި ނުވަތަ ތިޔަބައިމީހުން ކުރާ އަޅުކަމުގައި ޝަރީކުނުކުރާށޭ."

އިސްލާމްދީނުގެ އެންމެ މަތިވެރި ޢަޤީދާ އެއްކައުވަންތަކަން. މާތްﷲގެ އެއްކައުވަންތަކަން. އެކަލާނގެއަށް ޝަރީކަކުނުވާކަން. އެކަން ރަމްޒުކޮށްދޭ ތަނަކީވެސް، މިސްކިތް. އެހެންވީމާ، މިފަދަ މަތިވެރި ތަނެއް، އަޅުގަނޑުމެންނަށް އިމާރާތްކުރެވުނީތީ، އެކަމުގެ އުފާ އަޅުގަނޑުހިތުން އަޅުގަނޑުމެން ކުރާއިރު، އެތަނުގެ ބޭނުންވެސް އެންމެ ފުރިހަމަގޮތުގައި ކުރަންވާނެ. ކުރިންވެސް ދެންނެވި ފަދައިން، މިސްކިތުގެ ބޭނުމަކީ، ނަމާދުކުރުން. އެހެންވީމާ، މިފަދަ ރީތި މިސްކިތެއް ލިބުނީމާ، އެކަމުން ހިތްހަމަޖައްސާލަންވިއްޔަކީ ނޫން. އެ މިސްކިތުގެ ބޭނުން ހެޔޮގޮތުގައި އަޅުގަނޑުމެން އެންމެން ކުރަންވީ. އެކަން ވެލިދޫ ރައްޔިތުން ކުރައްވާނެކަމާމެދަކު އަޅުގަނޑު ޝައްކެއްނުކުރަން.

އާދެ، މިސްކިތް ބިނާކުރުމުގެ ފަންނަކީވެސް، ވަރަށްރީތި ފަންނެއް. އިސްލާމީ ތާރީޚުގެ އެންމެ ކުރީކޮޅުން ފެށިގެން މިހާތަނާ ޖެހެންދެން، ދުނިޔޭގެ އެކި ތަންތާނގައި، އެކި ޒަމާންތަކުގައި، ތަފާތު ގޮތްގޮތަށް، ވަރަށް ރީތި ފަންނީ ގޮތްގޮތަށް މިސްކިތްތައް އިމާރާތް ކުރެވެމުން ގޮސްފައިވޭ. މިހާރުވެސް އެކަން ދަނީ ކުރިޔަށް.

މިސްކިތަކީ ޙަޤީޤަތުގައި، މީހަކު ރަށަކަށް ޒިޔާރަތްކުރާއިރު، އަޅުގަނޑުމެންގެ އިސްލާމީ ޝަޚްޞިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދި އެންމެ ރަނގަޅަށް ދައްކައިދޭ ތަން. އަޅުގަނޑުމެން ޒިޔާރަތްކުރާ ރަށެއްގައި، ރީތި މިސްކިތެއް ހުރެއްޖެނަމަ، އަޅުގަނޑުމެންނަށް އެނގޭނެ، އެ ރަށެއްގެ ރައްޔިތުންނަކީ، ދީނަށް ލޯބިކުރާ ބައެއްކަން. މިސްކިތެއް ނެތް ރަށަކަށް ދެވިއްޖެނަމަ، އެއީ އަދި މުސްލިމުން ދިރިއުޅޭ ތަނެއްކަމުގައިވިޔަސް، އެއީ މުސްލިމުން އުޅޭ ތަނެއްކަމުގެ އެއްވެސްކަހަލަ ނިޝާނެއް، ރަމްޒެއް ފެންނާކަށް ނުހުންނާނެ. އެހެންވީމާ، މިފަދަ މަތިވެރި ތަނެއްގެ ބޭނުން، ހެޔޮގޮތުގައި ކުރުމަށް އަޅުގަނޑު ވެލިދޫގެ ރައްޔިތުންނަށް ނަޞޭޙަތްތެރިވެ، އިލްތިމާސްކުރަން.

އާދެ، މިއަދު މި ވަގުތުގައިވެސް މާބޮޑު ފުރުޞަތު ތަނަވެސްވެގެން ނުވާތީއާއެކުގައި، އަޅުގަނޑުގެ ވާހަކަ ކުރުކޮށްލަނީ. އެހެންނަމަވެސް، ކުރުކޮށްލުމުގެ ކުރިން، ވެލިދޫގެ ރައްޔިތުން ކުރައްވާފައިމިވާ ބުރަ އަދި ފުރިހަމަ މަސައްކަތަށްޓަކައި ވެލިދޫގެ ވެރިންނަށާއި ރައްޔިތުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުރީފު ރައްދުކޮށް މުބާރަކްބާދީ އަދާކުރަން.

އާދެ، މި ކުރުކުރު ވާހަކަކޮޅަށްފަހުގައި، ސަރުކާރުގެ އެހީޔާއެކީގައި ވެލިދޫގެ ރައްޔިތުން ބިނާކުރެއްވި ހުކުރު މިސްކިތް "މަސްޖިދުލް ޢަދާލަތު" ރަސްމީގޮތުން ހުޅުވައިދިނުމުގެ އުފަލާއި، މާތްކަން އަޅުގަނޑު ލިބިގަންނަން.

والسّلام عليكم ورحمـة اللّـه وبركاته.