بســم اللّـه الرّحمـن الرّحيــم

اَلْحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّـلام على خاتم الأنبياء وسـيّد المرسـلين، وَعلى آلـه وأصـحَابِه أجمـعـين

އާދެ، ކުޅުދުއްފުށީގައި އަލަށް އިމާރާތް ކުރެވުނު ސަރަޙައްދީ ހަސްފަތާލު ރަސްމީގޮތުން ހުޅުވައިދިނުމަށްޓަކައި ކުޅުދުއްފުށްޓަށް އަޅުގަނޑު އައުމުން، މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިންނާއި އަދި އަތޮޅުއޮފީހުގެ އެހެން ވެރިންނާއި މުވައްޒަފުންނާއި އަދި ކުޅުދުއްފުށީ ވެރިންނާއި، ކުޅުދުއްފުށީގައި ޚިދުމަތް ކުރައްވާ ސަރުކާރުގެ މުވައްޒަފުންނާއި، ކުޅުދުއްފުށީގެ ކޮމިޓީތަކުގެ މެންބަރުންނާއި އަދި ކުލަބް ޖަމުޢިއްޔާތަކުގެ މެންބަރުންނާއި، ކިޔަވާކުދިންނާއި، ޢާއްމު ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ލިބުނު ވަރަށްވެސް އިޚްލާޞްތެރި ހޫނު ތަރުޙީބަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑަށް ވަނީ މީގެ ކުރިންވެސް ވަރަށްގިނަފަހަރު، ތިޔަބޭފުޅުންގެ މި ލޮބުވެތި ރަށް، ކުޅުދުއްފުށްޓަށް ޒިޔާރަތް ކުރުމުގެ އުފާ ލިބިފައި. ކޮންމެ ފަހަރަކުވެސް އަޅުގަނޑު އަންނަ އައުމުން، އަޅުގަނޑަށް ފެނިގެންދަނީ، ކުޅުދުއްފުށީ ރައްޔިތުންގެ ހިތްތަކުގައި ދިވެހިސަރުކާރާ ދޭތެރޭގައި އުފެދިފައިވާ އިޚްލާޞްތެރިކަން. ކުޅުދުއްފުށީ ރައްޔިތުންނަކީ ވަރަށް އިޚްލާޞްތެރި، ކިޔަމަންތެރި، އަދި ސަރުކާރުން ދައްކާ މަގުގައި ހިންމަތާއި ހިތްވަރާއެކީގައި ކުރިއަށްވަޑައިގަންނަވާ ރައްޔިތެއްކަމުގެ މަންޒަރުތައް. މިއަދުވެސް އަޅުގަނޑަށް އެފަދަ މަންޒަރުތަކެއް ފެނިގެންދިޔައީ. އެހެންކަމުން، އެކަމަށްޓަކައި ވަރަށް ބޮޑަށް އުފާކޮށް، ކުޅުދުއްފުށީ ރައްޔިތުންނަށް ސާބަހާއި ތާރީފު ރައްދުކުރަން.

އާދެ، އެންމެ ފުރަތަމަ އަޅުގަނޑު ކުޅުދުއްފުށްޓަށް ޒިޔާރަތްކުރީ، މީގެ ގާތްގަނޑަކަށް 23 އަހަރު ކުރިން. އާދެ، އެއީ، 1979 ވަނަ އަހަރުގެ މާރިޗުމަހުގެ 1 ވަނަ ދުވަހު. މިތާ ތިއްބެވި ގިނަ ބޭފުޅުންނަކީ ޒުވާން ބޭފުޅުން ކަމަށްވާތީ، ފަހަރެއްގައި އެ ދުވަހު އެ ކަންތައްތައް ދެކެވަޑައިނުގަތުން އެކަށީގެންވޭ ނުވަތަ އެކަމުގެ ހަނދާންތައް ނެތުން އެކަށީގެންވޭ. އެހެންނަމަވެސް، ތަންކޮޅެއް ހަރު ބޭފުޅުންނާއި، ޢުމުރުން ދުވަސްވީ ބޭފުޅުންގެ ހަނދުމަފުޅުގައި، އަޅުގަނޑަށް ހީވަނީ، އެ ދުވަހުގެ ކަންތައްތައްވެސް ހުންނާނެހެން. އާދެ، މީގެ ގާތްގަނޑަކަށް ތޭވީހަކަށް އަހަރު ކުރިން، 1979 ވަނަ އަހަރުގެ މާރިޗުމަހުގެ 1 ވަނަ ދުވަހު އަޅުގަނޑު ކުޅުދުއްފުށްޓަށް އައީ، ވަރަށް ޚާއްޞަ ބޭނުމަކު. އެއީ މި އަތޮޅުގައި، އަތޮޅު ތަޢުލީމީ މަރުކަޒު ހުޅުވައިދިނުމުގެ އުފާ ލިބިގަތުމަށްޓަކައި.

އާދެ، އޭގެ ވަރަށްގިނަ އަހަރުތަކެއްފަހުން، މީގެ ގާތްގަނޑަކަށް ހަތަރު އަހަރު ކުރިން، 1998 ގައި، އެ އަހަރުގެ ފެބުރުވަރީމަހުގެ 15 ވަނަ ދުވަހު، އަޅުގަނޑު މިރަށަށް ޒިޔާރަތް ކުރިން. އާދެ، އެއީ އޭރުގެ ނަމުން ދަންނަވަންޏާ، ނޯދަން ސެކަންޑަރީ ސްކޫލް ހުޅުވައިދިނުމުގެ އުފާ ލިބިގަތުމަށްޓަކައި. އާދެ، އެއީ މިހާރުގެ ޖަލާލުއްދީން ސްކޫލް. އަޅުގަނޑުމެން މި ޖަލްސާ ކުރަމުންދާ ސްކޫލް. މި ސްކޫލް ހުޅުވައިދިނުމުގެ އުފާވެސް އަޅުގަނޑަށް ވަނީ ލިބިފައި.

އަދި މީގެ ވިއްސަކަށް އަހަރު ކުރިން، ދެންމެ މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް އަޙްމަދު ޢަބްދުﷲ އެ ވިދާޅުވިފަދައިން، 1982 ވަނަ އަހަރުގެ މާރިޗުމަހުގެ 1 ވަނަ ދުވަހު އަޅުގަނޑު ކުޅުދުއްފުށްޓަށް އައިން. އެއީ، ކުޅުދުއްފުށީގައި ރާއްޖޭގައި ހުޅުވޭ އެންމެ ފުރަތަމަ ސަރަޙައްދީ ހަސްފަތާލު ހުޅުވައިދިނުމަށްޓަކައި. ވަރަށް ކުޑަކުޑަގޮތެއްގައި، ދެންމެ އަޙްމަދު ޢަބްދުﷲ އެ ވިދާޅުވިފަދައިން، އެކަން އެ ދުވަހު ހަމަޖެހިގެންދިޔައީ. އޭރު އަޅުގަނޑުމެންގެ ވަސީލަތްތައް ހުރިގޮތުގެމައްޗަށް ބަލާއިރު، އޭރަށް ފުދޭ ފެންވަރަކަށް.

އާދެ، އެހެންވީމާ، ކުޅުދުއްފުށްޓަކީ އަޅުގަނޑުގެ ނިސްބަތުގައި، ވަރަށް ގިނަ 1 ވަނަތަކެއް ހޯއްދަވާފައިވާ ރަށެއް ކަމަށް ދަންނަވަންޖެހޭ. އާދެ، އަޅުގަނޑު ހުޅުވައިދިން އެންމެ ފުރަތަމަ ތަޢުލީމީ މަރުކަޒު ހުޅުވައިދިނީ، ކުޅުދުއްފުށީގައި. އަޅުގަނޑު މިހާތަނަށް ހުޅުވައިދިން އެންމެ ފުރަތަމަ ސަރަޙައްދީ ހަސްފަތާލު ހުޅުވައިދިނީވެސް ކުޅުދުއްފުށީގައި. އެހެންވީމާ، އެއީ އަޅުގަނޑުގެ ހިތުގައި ވަރަށް ޚާއްޞަގޮތެއްގައި ބިންވަޅުނެގިފައި އޮންނަ ކަމެއް.

އާދެ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ޞިއްޙީ ޚިދުމަތް ދިނުމަކީ، ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތެއްދޭ ކަމެއް. ޝައްކެތްނެތް، ފުރިހަމަ ޞިއްޙަތެއްގައި ތިބުމަކީ، ހަމައެކަނި ވަކިވަކި ފަރުދުންނަށް އޭގެ ފައިދާ ޙާޞިލުވާނެ ކަމެއް ނޫން. އޭގެއިތުރުން، އެއީ މުޅި ޖަމާޢަތަށްވެސް، މުޅި ޤައުމަށްވެސް އޭގެ ފައިދާ ޙާޞިލުވާނެ ކަމެއް. ފުރިހަމަ ޞިއްޙަތެއް ލިބިފައިވާ މީހަކުނަމަ، ފައިދާހުރި އުފެއްދުންތެރި ކަންކަމުގައި ވަގުތު ހޭދަކުރުމުގެ ޤާބިލިއްޔަތުކަން އޮންނާނީ ލިބިފައި. އެއާޚިލާފަށް، ބަލިމީހަކުނަމަ، އެ މީހަކު ކިތަންމެ ބޭނުންވިޔަސް، އެ މީހަކު ބޭނުންވާގޮތަށް މަސައްކަތުގައި އުޅުމުގެ ފުރުޞަތެއް ނުލިބޭނެ. އާދެ، މިއީ އަޅުގަނޑުހިތުން، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް ދަންނާނެ ޙަޤީޤަތެއް. އެހެންވީމާ، އެކަމަށް އަޅުގަނޑުމެން ސަމާލުވާން އެބަޖެހޭ. ފުރިހަމަ ޞިއްޙަތުގެ ބޭނުން، އަޅުގަނޑުމެން އަބަދާއަބަދު ހަނދާންކުރަންޖެހޭ.

ޙަޤީޤަތުގައި ޞިއްޙަތަކީ ޤުދްރަތީގޮތުން އިންސާނާއަށް ލިބޭ އެންމެ ބޮޑު ރައުސްމާލު. އާދެ، ފައިސާއަކީ ރައުސްމާލެއް ކަމަށްވަންޏާ، އެއީ އެ ލިބެނީ އެމީހަކު ކުރާ މަސައްކަތަކުން ނުވަތަ އެހެން ގޮތަކުން ނަމަވެސް ލިބޭ އެއްޗެއް އެއީ. އެކަމަކު ޞިއްޙަތަކީ، މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅުން އަޅުގަނޑުމެންނަށް ޤުދްރަތީގޮތުން ލިބޭ އެއްޗެއް. އެ ޞިއްޙަތާ ދޭތެރޭގައި ފަރުވާކުޑަކުރަނީ، އަޅުގަނޑުމެން އަމިއްލައަށް. އެ ޞިއްޙަތު ގެއްލިގެން ދިޔުމަށް މެދުވެރިވާ ގިނަ ސަބަބުތަކަކީ، އަޅުގަނޑުމެން ކުރާ ކަންތައްތަކެއްގެ ސަބަބުން މެދުވެރިވާ ސަބަބުތަކެއް. އާދެ، އަޅުގަނޑުވެސް އެއްބަސް، ޢާއިލީގޮތުން ވަކިކަހަލަ ބަލިތަކަކަށް މީހާގެ ހަށިގަނޑު، އެހެން މީހުންނަށްވުރެ ބޮޑަށް ތައްޔާރުވެފައި ހުރެދާނެ. އެމީހަކު ކުރާ ނުވަތަ ކުރިކަމަކާނުލައި ބަލިވާތަން އަތުވެދާނެ. އެހެންނަމަވެސް، ގިނަ ބަލިބައްޔަކީ، އެހެން ހުންނަ ބަލިބައްޔެއްނޫން، މާތް ﷲގެ ފަޟުލުވަންތަވެރިކަމުން ގިނަ ބަލިބައްޔަކީ، އެއިން ދިފާޢުވެވޭނެ ބަލިތަކެއް. ވަކިގޮތަކަށް ތިމާގެ ދިރިއުޅުން ބައްޓަން ކުރީމާ، އެއިން ސަލާމަތްވެވެން ހުންނަ ބަލިތަކެއް.

އާދެ، އެވާހަކަ ކޮންމެހެން މާ ދިގުކޮށް ދައްކާކަށެއް ނޫން. އެހެންނަމަވެސް، އަޅުގަނޑު ހިތަށްއެރީ، އެއީ އަޅުގަނޑުމެން ވަރަށް ބޮޑު އަހަންމިއްޔަތެއް ދޭންޖެހޭނެ ކަމެކޭ. އަޅުގަނޑުމެންގެ ޅަކުދިންނަށްވެސް ދަސްކޮށްދޭން ޖެހޭނެ ކަމެކޭ. އެންމެ ޅައިރުއްސުރެ، އެންމެ ތުއްތުއިރުއްސުރެ، ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ ޞިއްޙަތަށް ރައްކާތެރިވާން، އެކުއްޖެއްގެ ޞިއްޙަތު ރަނގަޅު ގޮތެއްގައި ދެމެހެއްޓޭނީ ކިހިނެއްތޯ އެކުއްޖަކަށް ދަސްކޮށްދޭން. މައިންބަފައިން އެކަމުގެ ރީތި އާދަކާދަ ކުދިންނަށް ދަސްކޮށްދެއްވަން. މައިންބަފައިންގެ އިތުރުން، މަދަރުސާތަކުންވެސް އެކަންތައްތައް ކުދިންނަށް ދަސްކޮށްދެއްވަން. އޭރުން އެކުދިންނަށް ޞިއްޙަތު ސަލާމަތުން ބެހެއްޓޭނެ ގޮތްތައް އެނގި، އެ ގޮތުގެމަތިން ޢަމަލުކުރަމުން ދަނީ ކަމުގައިވަންޏާ، މާތް ﷲ ގެ ރަޙްމަތްފުޅުން އެމީހަކީ ނުވަތަ އެކުއްޖަކީ، އެ ޒުވާނަކީ ފަހުންވެސް މާ އަވަސްއަވަހަށް ބަލިވާނެ މީހެއްނޫން.

އާދެ، ބައްޔަކީ އަޅުގަނޑުމެން އަމިއްލައަށް ޖައްސާ އެއްޗެއް ނޫން. ބައެއް ސަބަބުތައް މެދުވެރިވެގެން ބަލިޖެހެނީ. ދެންމެ އަޅުގަނޑުމެންނަށް މިތަނުން އިވިގެން ހިނގައްޖެ، އަޅުގަނޑުމެންގެ ދަރިވަރު ކިޔަވައިދިން އާޔަތްތައް. އޭގެތެރޭގައި، އިބްރާހީމްގެފާނުގެ ދޫފުޅުމަތިން އަޅުގަނޑުމެންނަށް ވާހަކަތަކެއް ﷲ އަންގަވައިދެއްވާ. އިބްރާހީމްގެފާނު ވިދާޅުވާކަމަށް، اللّـه سبحـانـه وتعـالى އަކީ ތިމަންކަލޭގެފާނު އުފެއްދެވި ކަލާނގެއޭ. އަދި އެ ކަލާނގެއޭ ތިމަންކަލޭގެފާނަށް ހިދާޔަތު ދައްކަވަނީ. ތިމަންކަލޭގެފާނަށް ތެދުމަގު ދައްކަވަނީ. އަދި އެކަލާނގެއޭ ތިމަންކަލޭގެފާނަށް ކާއެއްޗެތިންނާއި ބޯއެއްޗެތިން ރިޒްޤު ދެއްވަނީ. އަދި އެކަލާނގެއޭ ތިމަންކަލޭގެފާނު އާލާސްކަންފުޅާ ވެއްޖެނަމަ، ޝިފާ ދެއްވަނީ.

އާދެ، އެހެންވީމާ، އަޅުގަނޑުމެންނަށް އެބައެނގޭ، ބަލިވުމަކީ ފަހަރެއްގައި އަޅުގަނޑުމެންގެ އަމިއްލަ ކޮންޓްރޯލުގެ ދަށުގައިނުވެވާ ކަމަކަށްވެސް ވެދާނެ. އެހެންނަމަވެސް، ކުރިންވެސް ދެންނެވި ފަދައިން، މިހާރުގެ ތަޖުރިބާތަކުންނާއި އަދި ހޯދުންތަކުން އެނގެނީ، ވަރަށްގިނަ ބަލިބައްޔަކީ އެއިން ދިފާޢުވެވޭނެ ބަލިބަލިކަން. އެކަމަށް އަޅުގަނޑުމެން ސަމާލުވާން ޖެހޭނެކަން. އިސްލާމްދީނުގައިވެސް އެކަން އަންގަވާފައިވޭ. ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށް. ތިމާގެ ހަށިގަނޑާއި، ފޭރާމާއި، ދިރިއުޅޭ ތަނާއި، ކާބޯތަކެއްޗާއި، މަސައްކަތުގެ މާޙައުލާ، ހުރިހާ ތަނެއް ސާފުކޮށް ބަހައްޓަން.

ޝައްކެއްނެތް، ސާފުތާހިރުކަމަކީ، ޞިއްޙަތުގެ އެންމެ ފުރަތަމަ ބިންގާ. ހަމައެހެންމެ، ވަކިކަހަލަގޮތަކަށް ތިމާގެ އާދަކާދަ ބެހެއްޓުން، ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުން، ހަށިގަނޑަށް ގެއްލުންހުރި ކާނާ ނުކެއުން، ހަށިގަނޑަށް ގެއްލުންހުރި އެއްޗެތިން އެއްކިބާވުން، ރަނގަޅު އާދަ އަޅުގަނޑުމެންގެ ތެރޭގައި ފެތުރުން. ހަމައެހެންމެ، ކަސްރަތު ކުރުމާއި، އަރާމު ކުރުމާ، މިހެންގޮސް ޞިއްޙަތަށް ބޭނުންވާ ކަންތައްތައް ކުރުން.

ހަމައެއާއެކީގައި، ބައެއްކަހަލަ ބަލިބަލިން ދިފާޢުވުމަށްޓަކައި އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތަކެއްވެސް ހުރޭ. ބައެއްކަހަލަ ބަލިބަލިން ދިފާޢުވުމަށްޓަކައި ވެކްސިނޭޝަން ނުވަތަ އިމުނައިޒޭޝަން އެއީ ކުރަންޖެހޭނެ ކަމެއް. އެ ކަންތައްތައްވެސް ކުރުމުގެ ތަނަވަސްކަމާއި ވަސީލަތްތައް މިހާރުވަނީ ފަހިވެފައި. އެހެންވީމާ، އެއީވެސް ކުރެވިދާނެ ކަމެއް. މިހެންގޮސް އަޅުގަނޑުމެންގެ ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށްޓަކައި އެޅެންހުރި ވަރަށް ގިނަ ފިޔަވަޅުތަކެއް އެބަހުރި. އެ ކަންތައްތައް އަޅުގަނޑުމެން ދަސްކޮށްގެން، އެ ކަންތައްތައް ކުރަމުންގެންދާ ކަމުގައިވަނީނަމަ، އަޅުގަނޑަށް ދަންނަވަން ޖެހެނީ، މާތް ﷲގެ ހެޔޮ ރަޙްމަތްފުޅުން އަޅުގަނޑުމެން ތިބޭނީ ފުރިހަމަ ޞިއްޙަތެއްގައި ކަމުގައި.

އާދެ، ރާއްޖޭގައި ހެދިފައިވާ ހަސްފަތާލުތައް، އެއް ދުވަހުން އަނެއް ދުވަހަށް މިދަނީ ތަރައްޤީވަމުން. އަދި އެ ހަސްފަތާލުތަކުން ދެވެން ހުންނަ ޚިދުމަތްތައް މިދަނީ ފުޅާވަމުން، ކުރިއަރަމުން. ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި، ކުޅުދުއްފުށީ ސަރަޙައްދީ ހަސްފަތާލުގެ އާ އިމާރާތުގައި، ކުރިން ނެތް ވަރަށް ގިނަ ތަފާތު ޚިދުމަތްތައް ލިބެންހުރި ކަމަށް ވިދާޅުވެއްޖެ. ވަރަށްގިނަ ބަލިބައްޔަށް ފަރުވާކުރެވެން މިހާރު ހުރި ކަމަށް ވިދާޅުވެއްޖެ. އާދެ، އެއީ މިރަށުގައި މިހިރަ ސަރަޙައްދީ ހަސްފަތާލުގައި. އަދި ރާއްޖޭގެ އެހެން ދިމަދިމާގައި ހުރި ސަރަޙައްދީ ހަސްފަތާލުތަކުގައިވެސް ވަރަށްގިނަ ޚިދުމަތްތައް މިހާރު ލިބެން އެބަހުރި. މާލޭގައިވެސް އެބަހުރި. މާލޭގައި ސަރުކާރުގެ ހަސްފަތާލާއި އަދި އަމިއްލަ ހަސްފަތާލަކުންވެސް ވަރަށްގިނަ ބަލިބައްޔަށް ފަރުވާލިބޭނެ ގޮތްތައް ތަނަވަސްވެފައި އެބަހުރި.

މި ކަންކަން ރާއްޖޭގައި ތަރައްޤީވެ، އެއް ދުވަހުން އަނެއް ދުވަހަށް މި ޚިދުމަތް ފުޅާވަމުންދާއިރުވެސް، ހިތާމަޔަކީ ރާއްޖެއިން ބޭރަށް ބޭހަށްދާ މީހުންގެ ޢަދަދަށް ބަދަލެއްނާންނަކަން. އަޅުގަނޑުހިތުން މިއީ އަޅުގަނޑުމެން ވިސްނާލަން ޖެހިއްޖެ ނުކުތާއެއް. އަޅުގަނޑުމެން ރާއްޖެއިން ލިބެން ހުންނަ ފަރުވާއެއް ހޯދުމަށްޓަކައި ކީއްކުރަންތޯ ރާއްޖެއިން ބޭރަށްދާންވީ؟ ނުވަތަ ތިމާ އުޅޭ ރަށުން ލިބެންހުރި ފަރުވާއެއް ހޯދުމަށްޓަކައި ކައިރި ރަށަކަށް ދާންވީވެސް ކީއްކުރަންތޯ؟ ސަރަޙައްދީ ހަސްފަތާލަކުން ލިބެންހުރި ފަރުވާއެއް ނުހޯދައި، ހަމަ އެ ފަރުވާ ހޯދުމަށްޓަކައި މާލެއަށް ދާންވީ ކިއްކުރަންތޯ؟ އަދި ރާއްޖެއިން ލިބެންހުރި ފަރުވާއެއް ހޯދުމަށްޓަކައި އަވަށްޓެރި ޤައުމުތަކަށް ދާންވީ ކީއްކުރަންތޯ؟

ޝައްކެއްނެތް، އެ ކުރެވެނީ ވަރަށް ބޮޑު ބޭކާރު ޚަރަދުތަކެއް. އަދި ގިނައިން ވާގޮތަކީ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ބޭސްވެރިކަމުގެ ތެރެއަށްވެސް ވަރަށް ބޮޑަށް މިހާރު ވަނީ ވިޔަފާރި ވަދެފައި. ޚާއްޞަކޮށް، ދިވެހިންނަކީ ވަރަށްގިނަ ޢަދަދަކަށް ރާއްޖެއިން ބޭރަށް ބޭހަށްދާ ބައެއްކަން، އަވަށްޓެރި ޤައުމުތަކުގެ ފަރުވާއާބެހޭ ފަރާތްތަކަށް އެނގުނީމާ، އެ ފުރުޞަތުގެ ބޭނުން، އެމީހުން ކުރަނީ، އެމީހުންނަށް އޭގެ ފައިދާ ޙާޞިލުވާގޮތަށް. އާދެ، ކިތަންމެ އާދައިގެ ބައްޔެއްގައިދާ މީހަކު ގާތުގައިވެސް ބުނާނެ، ހަމަސްދުވަސް ފަހުން އަންނާށޭ. ނޫނީ ތިންމަސްދުވަސް ފަހުން އަންނާށޭ. ނޫނީ މިވެނިކަމެއް މިހެން ހަދާށޭ. އެއީ، އެމީހުން ބޭނުންވަނީ، އަނބުރާ އަނެއްކާ އެ ބަލިމީހާ ގެންގޮސްގެން، އޭނާއަށް ފަރުވާދީގެން، އޭނާގެ އަތުން އެމީހުންނަށް ފައިދާތަކެއް ޙާޞިލުވާން. ދެން އަޅުގަނޑުމެންގެ ބައެއް މީހުންގެ ވިސްނުމުގެ ފެންވަރު ހުންނަގޮތުން ހީވަނީ، އެއީ ރަނގަޅު ވާހަކައެއްހެން. އަދި ވަރަށް ފަސޭހައިން އެ ބުނާ ބަހަށް ތަބާވެގެން ދާން ބޭނުންވާނެ. ބައެއްފަހަރަށް ކުރަން ނުޖެހޭ އޮޕަރޭޝަންތައްވެސް އެބަ ކުރުވާ. މިކަހަލަ ވަރަށްގިނަ ކަންތައްތައް އެބަވޭ. އެހެންވީމާ، މިކަމަށް އަޅުގަނޑުމެން ސަމާލުވާންވެއްޖެ.

އަޅުގަނޑު މި ދަންނަވަނީ، ކޮންމެހެން މިކަމުގައި ސަރުކާރުން ކުރަންޖެހޭ ޚަރަދު ބޮޑުވާތީކީނޫން. ސަރުކާރުން ކުރާ ޚަރަދުވެސް ވަރަށް ބޮޑު، ބަލިމީހުން ރާއްޖެއިން ބޭރަށް ބޭހަށް ފޮނުވުމަށްޓަކައި. އޭގެއިތުރުން، އަމިއްލައަށް ޚަރަދުކޮށްގެންވެސް ވަރަށްގިނަ މީހުން ރާއްޖެއިން ބޭރަށްދޭ. އެއީވެސް އަޅުގަނޑު ދަންނަވާނީ، ޤައުމަށް ލިބޭ ގެއްލުމެކޭ. އެމީހެއްގެ އަމިއްލަ ޖީބުން ޚަރަދުކުރިނަމަވެސް، އެ ޚަރަދުކުރަނީ ޤައުމީ މުއްސަނދިކަމުގެ ތެރެއިން ބައެއް، ބޭނުމެއްނެތްގޮތުގައި. އެހެންވީމާ، އަޅުގަނޑުމެންގެ ޞިއްޙީ ޚިދުމަތްތައް ފުޅާވެގެންދާއިރު އަދި އެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވަމުންދާއިރު، އެ ޚިދުމަތްތަކުގެ ބޭނުން، އަޅުގަނޑުމެން ރާއްޖޭގައި ތިބެގެން ކުރުން މާ އައުލާކަންބޮޑޭ އަޅުގަނޑަށް ދަންނަވަންޖެހެނީ.

އާދެ، ކުރިންވެސް ދެންނެވި ފަދައިން، ހުރިހާ ގޮތަކުންވެސް ރަނގަޅީ، ބަލިން ރައްކާތެރިވުން. މިކަމަށް މަގުފަހިވާނެ ކިތަންމެ ކަންތައްތަކެއް މިހާރު އަޅުގަނޑުމެންގެ ތެރޭގައި ހަމަޖެހިފައި އެބަހުރި. އަދި އެކަމުގެ މަޢުލޫމާތު އަޅުގަނޑުމެންނަށް، ކަމާބެހޭ ދާއިރާތަކުން އާދެ، މިނިސްޓްރީ އޮފް ހެލްތާއި، ޕަބްލިކް ހެލްތް ޑިޕާޓްމަންޓުންނާއި އަދި ސަރުކާރުގެ ހަސްފަތާލުތަކާއި އަދި އެތަންތާނގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންގެ ފަރާތުން އަޅުގަނޑުމެންނަށް ލިބެމުންދޭ. އިރުޝާދުތައް ރޭޑިޔޯގެ ޒަރީޢާއިން، ޓެލެވިޜަނުގެ ޒަރީޢާއިން، ނޫސްތަކުން އަދި އެ ނޫން ގޮތްގޮތުން އެބޭފުޅުން އަމިއްލަފުޅަށް ތަންތަނަށް ޒިޔާރަތް ކުރައްވައި ދައްކަވާ ވާހަކަފުޅުތަކުންވެސް އަޅުގަނޑުމެންނަށް އެކަންކަން ކުރިއަށްވުރެ މާބޮޑަށް މިހާރު އޮޅުންފިލަމުންދޭ. އެހެންވީމާ، އެކަންކަމަށް ސަމާލުކަންދީގެން، އެބޭފުޅުން އެ ދެއްވާ އިރުޝާދަށް ޙުރްމަތްތެރިކޮށްހިތުމަކީ، އަޅުގަނޑުހިތުން ވަރަށް މުހިންމު ކަމެއް.

އާދެ، ޢާއްމު ހޭލުންތެރިކަން އިތުރުކުރުމަކީ، މި ދެންނެވިގޮތުން އެޅެންއޮތް އެންމެ މުހިންމު އެއް ފިޔަވަޅު. އަދި އޭގެއިތުރުންވެސް، ހެލްތް މިނިސްޓްރީއިން އަޅުއްވާ ފިޔަވަޅުތަކެއް އެބަހުރި. އޭގެތެރޭގައި، ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަނަށާއި ސައިހޮޓާތަކަށް، ޞިއްޙީގޮތުން ރައްކާތެރި މިންގަނޑުތަކެއް ކަނޑައެޅުއްވުން ހިމެނޭ. ހަމައެހެންމެ، ޑޮކްޓަރީ ބޭސް ހެޔޮގޮތުގައި ބޭނުންކުރުމަށް ބާރުއެޅުއްވުންވެސް ހިމެނޭ.

އާދެ، މިއީވެސް އަޅުގަނޑުމެން ވިސްނާލަންޖެހޭ ނުކުތާއެއް. ބައެއްކަހަލަ ބޭސް ބޭނުންކުރުމުން، ހަށިގަނޑަށް ގެއްލުންތަކެއް ލިބޭ. އެހެންވީމާ، އެއްވެސް ބޭހެއް ބޭނުންކުރަންވާނީ، އެ ޑޮކްޓަރު އިރުޝާދު ދެއްވާގޮތަށް. އިރުޝާދު ދެއްވާގޮތަށްވުރެ އިތުރަށް، އެ ބޭހެއް ބޭނުންކޮށްފީވިއްޔާ، އެއިން ލިބެންވީ ފަސޭހައަށްވުރެ ލިބޭނެ ގެއްލުން ބޮޑުވެގެން ހިނގައިދާނެ. އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖެއަކީ، އަޅުގަނޑުހިތުން ވަރަށް ގިނަ ޢަދަދެއްގެ މީހުން، ވަރަށްގިނަ ޢަދަދަކަށް ބޭސް ބޭނުންކުރާ ތަނަކަށްވާތީ، މި ނުކުތާއަށް ސަމާލުވުމަކީ ކޮންމެހެން މުހިންމު ކަމެއް.

އާދެ، އަޅުގަނޑުގެ މިރޭގެ މި ވާހަކައިގައި، މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް އަޙްމަދު ޢަބްދުﷲ، ޞިއްޙީ ދާއިރާ ތަރައްޤީ ކުރެއްވުމަށްޓަކައި ކުރައްވާ މަސައްކަތްޕުޅުތަކަށް ޝުކުރު ދަންނަވާލަން ބޭނުންވޭ. ޝައްކެއްނެތް، އޭނާއަކީ ވަރަށް އިޚްލާޞްތެރިކަމާއި، މުރާލިކަމާއި، ހީވާގިކަމާއެކީގައި ޞިއްޙީ ދާއިރާ ތަރައްޤީ ކުރައްވައި، އެ ޚިދުމަތްތަކުގެ ފެންވަރު މަތިކުރައްވައި، ޚިދުމަތްތައް ފުޅާކުރެއްވުމަށް މަސައްކަތް ކުރައްވާ ބޭފުޅެއް. މާލޭގައިވެސް ރާއްޖެތެރޭގައިވެސް އަތޮޅުތަކަށް ޒިޔާރަތް ކުރައްވައި، އަތޮޅުތަކުގައި ދެވެންހުރި ޞިއްޙީ ފަރުވާ، އެއް ދުވަހުން އަނެއް ދުވަހަށް ތަރައްޤީ ކުރެއްވުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް އޭނާ ކުރައްވަމުން ގެންދަވާ. އެހެންކަމުން، އަލްފާޟިލް އަޙްމަދު ޢަބްދުﷲ އަށާއި އަދި ސަރުކާރުގެ ހަސްފަތާލުތަކުގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންނާއި، އެނޫން ބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ޑޮކްޓަރުންނާއި، ނަރުހުންނާއި އަދި އޭގެ އިތުރުން ޞިއްޙީ ދާއިރާގެ ވަރަށްގިނަ ޚިދުމަތްތެރިން، ވަރަށް ބޮޑެތި ޚިދުމަތްތަކެއް ކުރައްވާ ބޭފުޅުން، އަޅުގަނޑުމެންގެ ތެރޭގައި އުޅުއްވާ. އޭގެތެރޭގައި، ޖަމާޢަތުގެ ޞިއްޙީ އެހީތެރިން، ޢާއިލާގެ އެހީތެރިން، ހޮސްޕިޓަލުތަކުގެ ހިންގުންތެރިން، މި ހުރިހާ ބޭފުޅުންނަށްވެސް މި ފުރުޞަތުގައި އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެހެންމެ، ރާއްޖޭގައި ޞިއްޙީ ޚިދުމަތް ދެއްވަމުން ގެންދަވާ އަމިއްލަ ފަރާތްތަކަށްވެސް ޝުކުރު ދަންނަވަން. އަދި ހޭލުންތެރިކަން އުފެއްދުމަށް މަސައްކަތްކުރާ އަމިއްލަ ޖަމާޢަތްތަކާއި، އަމިއްލަ އަފުރާދުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، މިހާރަކަށްއައިސް އަޅުގަނޑުމެންނަށް އެބަ ފެނޭ، ބައެއް ބޭފުޅުން ލިޔުއްވާ ފޮތްތައް، އެކިއެކި ބަލިބައްޔާ ބެހޭގޮތުން ފޮތް ޝާއިޢު ކުރައްވާ. އަޅުގަނޑުހިތުން އެއީ ވަރަށް މުހިންމު ކަމެއް. ވަރަށް ފައިދާހުރި ކަމެއް. އެހެންވީމާ، އެ ބޭފުޅުން އެ ކުރައްވާ މަސައްކަތްޕުޅަށް ހިތްވަރުދީ، އަދި އިތުރު ބޭފުޅުން ޞިއްޙަތާ ބެހޭގޮތުން، އިތުރު ބަލިބައްޔާ ބެހޭގޮތުން، އަޅުގަނޑުމެންނަށް މަޢުލޫމާތު ދެއްވުމުގެ ގޮތުން، އިތުރު ފޮތް ޝާއިޢު ކުރެއްވުމަކީ، އަޅުގަނޑު ވަރަށް އެދޭ ކަމެއް ކަމުގައި ދަންނަވާލަން.

އާދެ، އަދި އަޅުގަނޑު ހިތަށްއަރަނީ، ވަރަށް ގިނަ ކަންކަމުގައި ސަރުކާރުން އެބަ އިނާމުދެޔޭ. އެހެންވީމާ، ޞިއްޙީ ހޭލުންތެރިކަން އުފެއްދުމުގޮތުން އެންމެ ރަނގަޅު ފޮތެއް، ކޮންމެ އަހަރަކު ޝާއިޢު ކުރައްވާ ބޭފުޅަކަށް މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ނުވަތަ ސަރުކާރުން އިނާމެއް ދެއްވުމަކީ، އަޅުގަނޑުހިތުން އެކަމަށް ވަރަށް ބޮޑު ހިތްވަރަކަށް ވެގެންދާނެ ކަމެއް. އަޅުގަނޑު އެދެނީ، މިކަމާ ބެހޭގޮތުން އަލްފާޟިލް އަޙްމަދު ޢަބްދުﷲ، މިނިސްޓަރ އޮފް ހެލްތް ވިސްނަވާފައި، ފިޔަވަޅެއް އެޅުއްވުން. އަޅުގަނޑުމެންގެ ތެރޭގައި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް ބާރުއެޅުމުގެގޮތުން، އެކި މަސައްކަތް ކުރައްވާ ފަރާތްތަކަށް އެކި އިނާމު ދެއްވާގޮތަށް ހަމަޖެއްސެވުމަކީ، އަޅުގަނޑުހިތުން އަޅުގަނޑުމެންގެ އެހެން ދާއިރާތަކުގެ ޚިދުމަތްވެސް ތަރައްޤީ ކުރުމަށް ބާރުއަޅާ ފަދައިން، އެޅޭ ބާރަކަށްވާނެ.

އާދެ، މިހާރުވެސް ވަރަށްގިނަ ލިޔުންތެރިން އެ މަސައްކަތް ކުރައްވާ. ޚަބަރުފަތުރާ ވަސީލަތްތަކުން އާދެ، ރޭޑިޔޯ، ޓީވީ، އަދި ނޫސްތަކުގައިވެސް، ޞިއްޙަތާބެހޭ މަޢުލޫމާތު، އެ ވަސީލަތްތަކުގެ ފަރާތުންވެސް ޝާއިޢުކުރޭ. އަދި އަމިއްލަ ބައެއް ޑޮކްޓަރުންނާއި، ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިންވެސް ޝާއިޢު ކުރައްވާ. އެހެންވީމާ، އެ ހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި އެ ބޭފުޅުން އެ ކުރައްވާ މަސައްކަތުގައި، އިތުރަށް ކުރިއަށް ވަޑައިގަތުމަށް ހިތްވަރު އަރުވަން.

އާދެ، މި ކުރުކުރު ވާހަކަކޮޅަށްފަހުގައި، މިރޭ އަޅުގަނޑަށް ލިބޭ އެންމެބޮޑު އުފަލަކީ، އަޅުގަނޑުމެން މިތިބީ ކުޅުދުއްފުށީ ސަރަޙައްދީ ހަސްފަތާލުގެ އާ އިމާރާތުގައި ނޫންކަމުގައިވިޔަސް، މި ބަސްކޮޅަށްފަހުގައި މާތް ﷲގެ އިސްމުފުޅުގެ ބަރަކާތުން، ކުޅުދުއްފުށީ ސަރަޙައްދީ ހަސްފަތާލުގެ އާ އިމާރާތް ހުޅުވައިދިނުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް.

އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ހެޔޮ ވިސްނުން ދެއްވުން. ކޮންމެ ރޮނގެއްގައިވެސް ކުރިއަށްދާންވީ މަގު އަޅުގަނޑުމެންނަށް ދައްކަވައި ދެއްވުން. އަދި އެކަލާނގެ އަޅުގަނޑުމެންނަށް ހިދާޔަތު ދެއްކެވުމުގެގޮތުން ބާވައިލައްވާފައިވާ މާތްވެގެންވާ އިސްލާމްދީނުގައި ސާބިތުކަމާއެކީ ދެމިތިބުމުގެ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން. ހަމައެހެންމެ، އަޅުގަނޑުމެންނަކީ ދުޅަހެޔޮ ޞިއްޙަތެއް ލިބިގެންވާ އަދި އަޅުގަނޑުމެންގެ ފަރާތުން ޤައުމަށާއި މުޖުތަމަޢަށް ފައިދާކުރަނިވި ބައެއް ކަމުގައި އަޅުގަނޑުމެން ލެއްވުން. އަޅުގަނޑުމެންގެ ރާއްޖެއަށް އަބަދުވެސް އަމަންއަމާންކަމާއި، ޞުލްޙަމަޞްލަޙަތާއި، ތަރައްޤީއާއި، މަންފާ، އެކަލާނގެ މިންވަރުކުރެއްވުން.

والسّـلام عليـكم ورحـمة اللّـه وبـركاتـه.