بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشرف المرسلين، سـيّدنا محمّد وعلٰـى آلـه وأصـحابه أجمعـين.

އާދެ، މިރޭގެ މި އުފާވެރި ޖަލްސާގައި، އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމަށް ދެކެނީ، މިފަހަރުގެ މި ދިވެހިރާއްޖޭގެ މަސައްކަތްތެރިކަމުގެ 32 ވަނަ މައުރަޒުން އެކިއެކި ކާމިޔާބީތައް ހާސިލުކުރެއްވި، އެކިއެކި އިނާމުތައް ހާސިލުކުރެއްވި ހުރިހާ ފަރާތްތަކަށް، ވަރަށް އިޚްލާޞްތެރިކަމާއެކު މުބާރަކްބާދީއާއި ތަހުނިޔާ ދެންނެވުން.

އާދެ، ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން މިފަހަރު 1 ވަނަ ހޯދީ، ނިލަންދެއަތޮޅު ދެކުނުބުރި. އެހެންކަމުން، އެ އަތޮޅަށް ވަރަށް ޚާއްޞަ ތަހުނިޔާއަކާއި މަރުޙަބާއެއް އަޅުގަނޑު ދަންނަވަން. އަދި 2 ވަނަ ހޯދި މާޅޮސްމަޑުލު އުތުރުބުރިއަށްވެސް ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރަން. ހަމައެހެންމެ، 3 ވަނަ ހޯދި މާޅޮސްމަޑުލު ދެކުނުބުރިއަށްވެސް، ވަރަށް އިޚްލާޞްތެރި ތަހުނިޔާއެއް ދަންނަވަން.

އާދެ، އަޅުގަނޑަށް އެނގިފައިވާގޮތުގައި، މާޅޮސްމަޑުލު ދެކުނުބުރި ނުވަތަ ބ.އަތޮޅަކީ، މީގެކުރީގެ ދެ މައުރަޒުންވެސް 1 ވަނަ ހޯދާފައިވާ އަތޮޅު. އެހެންކަމުން، މިއަހަރު އެ އަތޮޅަށް 1 ވަނަ ލިބުނުނަމަ، ތަށި މިލްކުވީސް. އެހެންނަމަވެސް، މިކަހަލަ މައުރަޒުތަކަކީ އަދި މުބާރާތްތަކަކީ ހުރިހާ ފަހަރަކު އެބަޔަކު އެދޭގޮތަކަށް ކަންތައްތައްދާ ކަންކަމެއް ނޫން. އެކަހަލަގޮތެއް ދިމާވެގެން، މިފަހަރު އެ އަތޮޅަށް ނުލިބުނީ. އެހެންނަމަވެސް، އެ އަތޮޅުގެ މަސައްކަތްތެރިން ކުރައްވާފައިވާ މަސައްކަތްތައް އެ އަތޮޅުންވެސް އަދި އެ އަތޮޅުނޫން އެހެން އަތޮޅުތަކާއި އަވަށްތަކުންވެސް މި މައުރަޒުގައި ފެންނަންހުރީތީ، އެ އަތޮޅުގެ މަސައްކަތްތެރިކަމުގެ ފެންވަރު ފަހަރެއްގައިވެސް ދަށަށްދިޔައީއެކޭ އަޅުގަނޑު ދަންނަވާކަށްނެތިން. އެ މަސައްކަތް އަޅުގަނޑު ދެކޭގޮތުގައި ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ތަރައްޤީވަމުން ކުރިއަރަމުން.

އާދެ، މާލޭގެ އަވަށްތަކުން މިފަހަރު 1 ވަނަ ހޯދީ، މިދިޔަ ތިން މައުރަޒުގައިވެސް 1 ވަނަ ހޯދި މައްޗަންގޮޅި. އާދެ، 4 ވަނަ ފަހަރަށް މައްޗަންގޮޅި މި މަގާމު ހޯދިކަމަށްޓަކައި، އެ އަވަށުގެ ވެރިންނަށާއި ރައްޔިތުންނަށް، ވަރަށް އިޚްލާޞްތެރި ތަހުނިޔާއަކާއި މުބާރަކްބާދީއެއް ދަންނަވަން. 2 ވަނަ ހޯދީ މާފަންނު. 3 ވަނަ ގަލޮޅު. އެހެންވީމާ، އެ ދެ އަވަށަށްވެސް އަޅުގަނޑުގެ އިޚްލާޞްތެރި ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރަން. ހަމައެހެންމެ، އަޅުގަނޑުމެންނަށް އެ އަވަށެއްގެ ނަން ނީވުނު ކަމުގައިވިޔަސް، ހެންވޭރަކީވެސް މީގެކުރިންވެސް މައުރަޒުތަކުގައި އެކިއެކި ވަނަ އެކި ފަހަރު ހޯދާފައިވާ އަވަށެއް. އަދި އެ އަވަށުގައި ވަރަށް ރީތިކޮށް މަސައްކަތްކުރައްވާ ވަރަށް ގިނަ ފަންނާނުން އެބަތިއްބެވި. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަނީ، ދެން އަންނަ މައުރަޒަކުން ހެންވޭރުގެ ނަން، ތަންކޮޅެއް އަޅުގަނޑުމެން އެންމެންވެސް އުފާވާކަހަލަ ގޮތަކަށް އިވިގެންދާނެ ކަމަށް.

އާދެ، ދެވަނަ ގޮފީގެ ޖަމާޢަތްތަކުން 1 ވަނަ ހޯދީ، މީގެކުރިންވެސް 1 ވަނަ ހޯދާފައިވާ ފަރާތެއް. އާދެ، އެއީ ޑޮނާޑް ގާމެންޓް އިންޑަސްޓްރީ. އެފަރާތުން 3 ވަނަ ފަހަރަށް 1 ވަނަ ކާމިޔާބު ކުރެއްވުމާ ގުޅިގެން، ތަށިވެސް މިލްކު ކުރައްވައިފި. އެހެންވީމާ، އެ ކުންފުންޏަށް އަޅުގަނޑުގެ އިޚްލާޞްތެރި ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން. 2 ވަނައަށް އައީ، ގެރެންޓީ ފައިބަރގްލާސް އެންޑް މެޓަލް ފެބްރިކޭޝަން. އެހެންވީމާ، އެ ކުންފުންޏަށްވެސް އަޅުގަނޑު ތަހުނިޔާ ދަންނަވަން. އަދި 3 ވަނަ ހޯދި މަލްޓިލިންކްސް މޯލްޑިވްސްއަށްވެސް މަރުޙަބާއާއި ތަހުނިޔާ އަދާކުރަން.

އާދެ، މައުރަޒުން އެކި ވަނަވަނަ ހޯއްދެވި ފަރާތްތަކަށް ތަހުނިޔާ ދަންނަވާއިރު، މިކަމުގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށްވެސް ޝުކުރު ދަންނަވާލުމަކީ، އަޅުގަނޑުހިތުން ހަމަ ކުރަންޖެހޭނެ ކަމެއް. އޭގެތެރޭގައި، ހިމެނޭ އެންމެ އިސް ފަރާތަކީ، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް. އެ މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ މަސައްކަތްތެރިކަން ކުރިއަށް ގެންދެވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ. ޚާއްޞަކޮށް، އެ މިނިސްޓްރީ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި އެ މިނިސްޓްރީގެ މިނިސްޓަރ އަލްފާޟިލް ޢަބްދުﷲ ޔާމީން މިކަމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ. އެހެންވީމާ، އެ މަނިކުފާނަށާއި، އަދި އެ މަނިކުފާނުގެ މިނިސްޓްރީގެ ހުރިހާ ވެރިންނަށާއި މުވައްޒަފުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވަން.

ހަމައެއާއެކީގައި، މިނިސްޓަރުގެ ވާހަކަފުޅުގައިވެސް ވިދާޅުވި ފަދައިން، އަތޮޅުތަކުގައި މިކަންތައްތައް ކުރިއަށް މިދަނީ، އަތޮޅުތައް ހިންގަވާ ވުޒާރާއިންވެސް މިކަމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން. އާދެ، އެ ވުޒާރާގެ އިސްވެރިޔާ އަލްއުސްތާޛު ޢަބްދުﷲ ޙަމީދު މި ޖަލްސާގައި ވަޑައިގެންނެތްކަމީ، މި ޖަލްސާއަށް ލިބުނު އުނިކަމެއްކަމަށް އަޅުގަނޑެކޭ އެއްފަދައިން ތިޔަބޭފުޅުންވެސް ދެކެވަޑައިގަންނަވާނެ. އެހެންނަމަވެސް، އޭނާ އެ ކުރައްވާ މަސައްކަތްޕުޅުތަކަށާއި، އެ މިނިސްޓްރީގެ ވެރިންނާއި، އެ މިނިސްޓްރީގެ މުވައްޒަފުން، އަތޮޅުތަކުގައި މިކަން ކުރިއަށް ގެންދިޔުމަށް ކުރައްވާ މަސައްކަތްޕުޅުތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން.

ހަމައެފަދައިން، މާލޭގެ އަވަށްތައް ހިންގަވާ ފަރާތް، ސަރުކާރުގެ ފަރާތާއި އަދި އަވަށްތަކުގެ އިސްވެރިންނާއި، އަވަށްތަކުގެ ބޭފުޅުންވެސް މިކަމަށް ދެއްވާ ސަމާލުކަމާއި، އަދި އަވަށްތަކުގައި މަސައްކަތްތެރިކަން ކުރިއެރުވުމަށްޓަކައި ކުރައްވާ މަސައްކަތްޕުޅުތައް އަޅުގަނޑަށް އެނގޭތީ، އެ ހުރިހާ ފަރާތްތަކަކަށްވެސް ޝުކުރު ދަންނަވަން.

ހަމައެއާއެކީގައި، މަސައްކަތްތެރިކަން ކުރިއަށްގެންދިޔުމަށް ހިތްވަރު ދެއްވާ އަމިއްލަ ފަރާތްތަކަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އެއީ، އަޅުގަނޑުމެންނަށް އިވިގެންދިޔަގޮތުގައި، މި މައުރަޒުގެ އެކި ވަނަވަނައަށް އައި ފަރާތްތަކަށް އިނާމު ހުށަހަޅުއްވާފައިވާ އަމިއްލަ ކިތަންމެ ފަރާތެއްވޭ. އެހެންވީމާ، އެ ފަރާތްތަކުންވެސް ޙަޤީޤަތުގައި އެ ކުރައްވާ މަސައްކަތަކީ، މަސައްކަތްތެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް ހިތްވަރު ދެއްވުން ކަމަށްވެފައި، އެ ކުރައްވާ މަސައްކަތުގެ ސަބަބުން އަޅުގަނޑުމެންގެ އިޤްތިޞާދަށް އެކަށީގެންވާ ފައިދާއެއް ކުރަމުންދާތީ، އެ ހުރިހާ ފަރާތްތަކަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އަދި މިރޭ ފަނޑިޔާރުންގެ ފަރާތުން ވާހަކަފުޅުދެއްކެވި އަލްފާޟިލް ކ.ދ. އަޙްމަދު މަނިކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އެއީ، އޭނާގެ ވާހަކަފުޅުގައި، ފަނޑިޔާރުންގެ ފަރާތުން ވަރަށް އަގުހުރި ޚިޔާލުތަކެއް ހުށަހަޅުއްވައިދެއްވީތީ. މައުރަޒުގެ ފެންވަރު ރަނގަޅު ކަމަށް ވިދާޅުވަމުން، އެހެންނަމަވެސް، މައުރަޒުން ފާހަގަކުރެއްވުނު ބައެއް އުނި ކަންތައްތަކުގެ ވާހަކަ ވިދާޅުވެދެއްވި. އޭގެތެރޭގައި، މައުރަޒުގެ ކަންތައްތައް އިންތިޒާމުކުރައްވައި، ހިންގަވައި، ގަވާއިދު ހައްދަވާ ފަރާތުން ވިސްނާވަޑައިގަންނަވަންޖެހޭ ކަންތައްތަކާއި، މައުރަޒުގައި ތަކެތި ބައިވެރިކުރައްވާ ފަރާތްތަކުން ވިސްނާވަޑައިގަންނަވަންޖެހޭ ކަންތައްތަކެއް އެބަހުރި. އެހެންވީމާ، އެފަދަ ކަންތައްތައް އެނގުމަކީ މުސްތަޤްބަލުގައި މައުރަޒުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމެއް ކަމަށް އަޅުގަނޑު ދެކޭތީ، އަލްފާޟިލް ކ.ދ. އަޙްމަދު މަނިކަށާއި، އަދި ހުރިހާ ފަނޑިޔާރުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވަން.

އާދެ، ދިވެހިރާއްޖޭގެ މަސައްކަތްތެރިކަމުގެ 32 ވަނަ މައުރަޒު ބަލައިލުމުގެ އުފާ އަޅުގަނޑަށް ރޭ ވަނީ ލިބިފައި. އަޅުގަނޑު މިތަނަށް އައިސް ނުވަތަ މައުރަޒުގެ ސްޓޯލްތައް ހުރި އިމާރާތަށްގޮސް އެ ސްޓޯލްތައް ބަލައިލުމުގެ ފުރުޞަތު ހޯދީ. އެއީ، މިރޭ އެ ހުރިހާ ތަނަކަށް ޒިޔާރަތް ކުރުމުގެ ފުރުޞަތު ވަރަށްކުޑަވާނެ ކަމަށް އަޅުގަނޑަށް ލަފާކުރެވޭތީ. އަޅުގަނޑަށް ރޭ ފެނުނު މަންޒަރުތަކުން ބައެއް ވާހަކަ ދަންނަވާލާނަމޭ އަޅުގަނޑު ހިތަށްއަރާ.

އާދެ، އެއީ އެންމެ ފުރަތަމަ ކަމަކީ، މީގެކުރިން ވާހަކަފުޅުދެއްކެވި ބޭފުޅުންވެސް ވިދާޅުވި ފަދައިން، މިފަހަރުގެ މި މައުރަޒުގައި ހުށަހެޅިފައިވާ ތަކެތީގެ ފެންވަރު، ކުރީފަހަރުގެ މައުރަޒަށްވުރެ ރަނގަޅުކަން. ޝައްކެއްނެތް، އެއީ އަޅުގަނޑުމެން އެންމެންވެސް ވަރަށް އުފާކުރުން އެކަށީގެންވާ ކަމެއް. މި މައުރަޒު ބޭއްވުމުގެ ބޭނުމަކީވެސް، އެއް އަހަރުން އަނެއް އަހަރަށް އަޅުގަނޑުމެން އުފައްދާ ތަކެތީގެ ފެންވަރު ރަނގަޅުވެގެން ދިޔުން. އެ ތަކެތީގެ އަގު މައްޗަށް ދިޔުން. އަދި އެތަކެއްޗަށް ބާޒާރު ލިބުމުގައި އިތުރު އެހީއަކަށްވެގެން ދިޔުން. ޝައްކެއްނެތް، މައުރަޒުގައި ބައިވެރިކުރެވޭ ތަކެތީގެ ފެންވަރު، އެއް އަހަރުން އަނެއް އަހަރަށް ރަނގަޅުވެގެންދާ ކަމަށްވަންޏާ، އަޅުގަނޑު މި ދެންނެވި މަޤްޞަދުތައް ހާސިލުވާނެ.

އާދެ، ދެވަނަ ކަމަކަށް އަޅުގަނޑަށް ފެނުނީ، ދިވެހިންގެ އުފެއްދުންތެރި ޚިޔާލުތައް ގިނަކަން. އާދެ، އަޅުގަނޑުމެންނަކީ ވަރަށް މީސްކޮޅު މަދު ޤައުމެއް ކަމުގައިވިޔަސް، އަޅުގަނޑުމެންގެ ތެރޭގައި ތިއްބަވާ މަސައްކަތުގެ ދާއިރާގައި އުޅުއްވާ ބޭފުޅުންނާއި، ފަންނާނުންގެ ޚިޔާލުފުޅުތައް ވަރަށްވެސް ތަނަވަސް، ވަރަށް މުއްސަނދި. އެ ބޭފުޅުންގެ އާ ޚިޔާލުފުޅުތައް، މި މައުރަޒުން ފެނިގެންދިޔަކަން އެއީ، އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް.

ހަމައެހެންމެ، ޢާއްމުކޮށް އުކާލާ ތަކެތީގެ ބޭނުން ރަނގަޅު ގޮތުގައި ކުރެވޭގޮތަށް ވަރަށްގިނަ އެއްޗެތި، މި މައުރަޒުގައި ތައްޔާރުކުރައްވާފައި އެބަހުރި. އޭގެތެރެއިން، އެކި ވަނަވަނައަށް އިނާމުވެސް ލިބި އަދި އޭގެ މަންޒަރުތައް ތިޔަބޭފުޅުންނަށް ފެނިވަޑައިގެންފައިވަނީ. އަދި އެނޫންގޮތްގޮތުންވެސް އެބަހުރި، އަޅުގަނޑުމެން ބޭނުންނުކުރާ އުކާލާ އެއްޗެތި، އޭގެ ބޭނުންކުރެވޭގޮތަށް ބައެއް ބޭފުޅުން އެއްޗެހި ތައްޔާރު ކޮށްދެއްވާފައި. އަޅުގަނޑުހިތުން އެއީވެސް އަޅުގަނޑުމެން މަރުޙަބާ ކިޔަންޖެހޭނެ ކަމެއް. އޭރުން މުސްތަޤްބަލުގައި އެތަކެތީގެ ބޭނުންކޮށްގެން، އަގުހެޔޮގޮތެއްގައި އަޅުގަނޑުމެންގެ ބޭނުންތައް ފުއްދުމަށް އެކަމުން ވަރަށް ބޮޑު އެހީއެއް ލިބިގެންދާނެ.

އާދެ، އަދިވެސް އަޅުގަނޑަށް ފެނުނު ކަމެއްގެ ވާހަކަ ދަންނަވާލާނަން. އެއީ، މަސައްކަތްތަކަށް ފަސޭހަކުރުމުގެ ގޮތުން ނުވަތަ މަސައްކަތުގެ ޚަރަދު ކުޑަވާނެ ގޮތްތައް ހޯދުމުގެ ގޮތުން، ވަރަށް ގިނަ އާ އީޖާދު މި މައުރަޒުން ފެންނަން ހުރިކަން. އެއީވެސް އަޅުގަނޑުހިތުން އަޅުގަނޑުމެން އެންމެންވެސް ހަމަ މަރުޙަބާ ކިޔަންޖެހޭނެ ކަމެއް. ޙަޤީޤަތުގައި ބާޒާރުން އެއްޗެތި މީހުން ގަންނާނީ، އެ ލިބެން ހުންނަ އަގުވެސް ހެޔޮވީމާ ނުވަތަ އެމީހުންގެ ޖީބަށް ކުޅަދާނަވާވަރަށް އެ އަގު ތިރިއަށް ދިޔައިމާ. އެހެންވީމާ، މަސައްކަތް ފަސޭހަކުރުމަށް ނުވަތަ މަސައްކަތުގެ ޚަރަދު ކުޑަކުރުމަށް އެކިކަހަލަ އީޖާދުތައް ހޯދޭ ކަމަށްވަންޏާ، އޭގެ ސަބަބުން މަސައްކަތުގެ އަގު ކުޑަވީމާ، އެ ވިއްކާ އެއްޗެއްގެ އަގުވެސް ކުޑަވާނެ. އެހެންވީމާ، އެއަށް ބާޒާރު ލިބޭލެއްވެސް ފަސޭހަވާނެ.

ހަމައެހެންމެ، ތިމާވެށްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ތަރައްޤީއަށް ހިތްވަރުދޭ ޒާތުގެ ތަކެތިވެސް، މި މައުރަޒުގައި އިތުރުވެފައިވާކަން އަޅުގަނޑަށް ރޭ ފެނުނު. އެއީވެސް އަޅުގަނޑު ހިތުން އަޅުގަނޑުމެން އުފާކުރަންޖެހޭނެ ކަމެއް. އަޅުގަނޑުމެންގެ ތިމާވެށްޓަށް އެންމެ ބޮޑަށް ރައްކާތެރިވާންޖެހެނީ އަޅުގަނޑުމެން. އެހެންވީމާ، އަޅުގަނޑުމެން އުފައްދާ ތަކެއްޗަކީ ތިމާވެށްޓާ ރައްޓެހި، އޭގެ ސަބަބުން ތިމާވެށްޓަށް އެއްވެސް ގެއްލުމެއް ނުލިބޭ ތަކެތި ކަމުގައި ވާން އެބަޖެހޭ.

އާދެ، ދެން ދަންނަވާލަން އޮތީ، ދިވެހިންގެ މެދުގައި އެންމެ ކުރިއްސުރެ ކުރެވެމުން އަންނަ އަތްތެރި މަސައްކަތުގެ އެންމެ މަޝްހޫރު ދެ މަސައްކަތަކީ، ލިޔެލާޖެހުމާއި ކުނާ ވިޔުން. ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައިވެސް އެ ވާހަކަ ވިދާޅުވެއްޖެ. މި ފަހަރު މި ދެ ފަންނުން ހުށަހެޅިފައިވާ ތަކެތީގެ ފެންވަރު ރަނގަޅު ކަމަށް އަޅުގަނޑަށްވެސް ފެނުނު. އަދި އަޅުގަނޑަކީ މިކަމުގެ މާހިރަކަށް ނުވާތީ، އެއަށް އެގޮތަށް ދަންނަވަނީކީނޫން. އެހެންނަމަވެސް، އަޅުގަނޑުހިތުން ފަނޑިޔާރުންވެސް ވަނީ އެކަން އެގޮތަށް ފާހަގަކުރައްވާފައި. އެއީވެސް އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެން ހަމަ ހިތްހަމަޖެހުން އެކަށީގެންވާ ކަމެކޭ. އެހެންނަމަވެސް، އެއީކީ މިހާރު އަޅުގަނޑުމެން ބޭނުންވާ ފެންވަރަށް އަދި އެ ދެ ފަންނު ގެންދެވުނީ ކަމަށް ދެކެންވީ ކަމެއް ނޫން. އަޅުގަނޑުމެންގެ މަޤްޞަދަކަށް ވާންވާނީ، އެއްފަހަރުން އަނެއްފަހަރަށް ފެންވަރު މަތިކުރަމުން ގެންދިޔުން. މިފަހަރު މައުރަޒުގައި ހުރި ތަކެތީގެ ފެންވަރު، މިދިޔަ އަހަރުގެ މައުރަޒުގެ ތަކެއްޗަށްވުރެ ރަނގަޅު ކަމަށްވިޔަސް، އެކަމުން އަޅުގަނޑުމެންނަށް ލިބޭ ހިތަހަމަޖެހުން ކިތަންމެ ރަނގަޅަކަސް، އަޅުގަނޑުމެން މަސައްކަތް ކުރަންވާނީ އަދި މިހާރު އެތަކެތި އުފެދިފައިވާ ވަރަށްވުރެވެސް ފުރިހަމަކޮށް، ރީތިކޮށް، މޮޅަށް، ދެން އަންނަ މައުރަޒެއްގައި ތަކެތި އުފައްދައި ހުށަހެޅޭތޯ ބަލަން.

އާދެ، މައުރަޒުގައި ބައިވެރިކުރައްވާފައިވާ ތަކެތި ހެއްދެވި ހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވައި، ތާރީފު ރައްދުކުރާއިރު، ދިވެހިންނަކީ އުފެއްދުންތެރި ބައެއްކަން، އެ ބޭފުޅުން އަނެއްކާވެސް ހާމަކޮށްދެއްވާފައިވާލެއް ފުރިހަމަކަމުން، އެކަމުގެ ޝުކުރުވެސް އެ ބޭފުޅުންނަށް އަޅުގަނޑު ދަންނަވަން.

ރޭ އަޅުގަނޑު މައުރަޒަށް ކުރި ޒިޔާރަތުގައި، ބައެއް ސްޓޯލްތަކަށް ވަނުމުން، ފެނުނު ބައެއް ތަކެއްޗަކީ، ވަރަށް ރީތި، ވަރަށް ފަންނީ އަދި ވަރަށް ކަވި މަސައްކަތްތަކެއް ކުރެވިފައިވާ އެއްޗެތި. ވަރަށް ހިތްހަމަޖެހޭ ފެންވަރަކަށް، ވަރަށްމޮޅަށް ބައެއް ބޭފުޅުން ކުރައްވާފައިހުރި މަސައްކަތްތައް، ރޭ ފެނިގެން ދިޔަ. އެ މަސައްކަތްތަކުގެ ވެރިން ނުވަތަ އެ މަސައްކަތްތައް އެގޮތަށް ކުރެއްވި ބޭފުޅުންނަށް އިނާމު ލިބިވަޑައިގެންނެވި މަންޒަރުވެސް އަޅުގަނޑުމެންނަށް މިރޭ ފެނިގެން ހިނގައްޖެ. އެހެންވީމާ، އެ ބޭފުޅުން އެކުރައްވާ މަސައްކަތް އަޅުގަނޑުހިތުން ރާއްޖޭގެ މީހުން، މިކަހަލަ ކަންތައްތައް މިކުރާ ފެންވަރަށް ނުވަތަ އެހާ ފަރުވާތެރިކަމާއެކީގައި، މިހާ ކަވި މަސައްކަތްތައް ކުރާ ބަޔަކު، ހަމަ އަޅުގަނޑަށް ދަންނަވަން ޖެހެނީ ދުނިޔޭގައި ހަމަ މަދުވާނޭ. ވަރަށް ރީތިކޮށް އެކަހަލަ މަސައްކަތްތައް ކުރައްވާފައި އެ ހުންނަނީ. އެހެންވީމާ، އެކަން ދެމެހެއްޓެވުމަކީ، އަޅުގަނޑުހިތުން އަޅުގަނޑެކޭ އެއްފަދައިން ހަމަ ތިޔަބޭފުޅުންވެސް އެދިވަޑައިގަންނަވާނެ ކަމެއް.

އާދެ، މިތަކެތި ފެނުމުން، އަޅުގަނޑުގެ ހިތަށްވެރިވެގެންދިޔަ ޝުޢޫރަކީ، ދިވެހިރާއްޖޭގެ ޞިނާޢަތަކީ ފުޅާކުރުމުގެ ފުރުޞަތު އޮތް ޞިނާޢަތެކޭ. މި ޞިނާޢަތު ފުޅާކޮށްގެން، އިތުރަށް ތަކެތި އުފައްދައިގެން، އެއަށް ބާޒާރު ހޯދައިގެން، އެއީ ޙަޤީޤަތުގައިވެސް އިޤްތިޞާދީގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކުރެވިދާނެ ކަމެކޭ. އެހެންވީމާ، އެކަން އަޅުގަނޑުމެންގެ ހިތުގައި ބާއްވައިގެން ކުރިއަށް ދެވޭތޯ ބެލުމަކީ، އަޅުގަނޑުހިތުން މިކަހަލަ މައުރަޒުތައް ބޭއްވުމުގެ އެންމެ މުހިންމު އެއް މަޤްޞަދު.

އާދެ، ސަރުކާރުން މަސައްކަތްތެރިކަމަށް ހިތްވަރުދިނުމަށްޓަކައި އަބަދުވެސް މިގެންދަނީ މަސައްކަތް ކުރަމުން. މައުރަޒުގައި މި ހުށަހެޅޭ ތަކެއްޗަށް ބާޒާރެއް ހޯދުމަކީ، އަޅުގަނޑުހިތުން އެގޮތުން ސަރުކާރުންވެސް ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމެއް. އެއީ ޙަޤީޤަތުގައި، ދެމެހެއްޓެނިވި ގޮތެއްގައި މި ކަންތައްތައް ކުރެވޭނީ، މަސައްކަތްތެރިން އެ އުފައްދާ ތަކެތި ރަނގަޅު އަގެއްގައި ވިކޭކަމަށްވަންޏާ. އަދި އެއިން މަސައްކަތްތެރިންނަށް އެކަށީގެންވާ އާމްދަނީއެއް ލިބޭކަމަށްވަންޏާ. ހަމައެހެންމެ، ޤައުމަށް އެއިން އިޤްތިޞާދީ ފައިދާތަކެއް ކުރާކަމަށްވަންޏާ. އެހެންވީމާ، އެ ރޮނގުން ސަރުކާރުން ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށް އަޅުގަނޑު ދެކެން. އޭގެތެރެއިން، އެއްކަމެއް ކަމަށް އަޅުގަނޑަށް ޚިޔާލުކުރެވެނީ، ތަކެތި އުފައްދާ ފަރާތްތަކާއި، އެ ތަކެތި ބޭނުންވާ ފަރާތްތަކާ ދޭތެރޭގައި ކޮންމެވެސްކަހަލަ ގުޅުމެއް އޮތުން. ގުޅޭނެ އިންތިޒާމެއް އޮތުން. ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައިވެސް އެކަހަލަ އެއްޗެއް ވިދާޅުވިހެން އަޅުގަނޑަށް ހީވަނީ. އަޅުގަނޑު ހިތަށްއަރަނީ، ރާއްޖޭގެ މަސައްކަތްތެރިކަމުގެ އެކިއެކި ތަކެތި ދައްކާލެވޭކަހަލަ ދާއިމީ މަރުކަޒެއް، ކޮންމެވެސް ތަނެއްގައި ހުންނަން ވެއްޖެއޭ. އޭރުން އެތަނަށް ޒިޔާރަތްކުރާ މީހުންނަށް، އެ ލިބެންހުރި ތަކެތި އެނގޭނެ އަދި އެތާނގެ ތެރެއިން ލާފައި، އިތުރަށް ތަކެތި އުފެއްދުމަށް ހިތްވަރުދީ، އެމީހަކު ނުވަތަ އެބަޔަކު ބޭނުންވާވަރަކަށް ތަކެތި ހޯދުމުގެ ފުރުޞަތުވެސް ލިބިގެންދާނެ. އެހެންވީމާ، އަޅުގަނޑު ހިތަށްއަރަނީ، އެކަމަކީ ހަމަ ސަރުކާރުން މިހާރު ވިސްނާފައި، ޢަމަލީ ފިޔަވަޅެއް އަޅަންވެއްޖެ ކަމެކޭ.

ރޭ މައުރަޒު ބަލައިލަން ދިޔަދިއުމުގައި، މައުރަޒުން އަޅުގަނޑަށް ފެންނާނެ ކަމަށް ހީކުރި އެއްބާވަތެއް ނުފެނުނު ވާހަކަވެސް ދަންނަވާލާނަން. އާދެ، އެއީ ފަހަރެއްގައި މައުރަޒުގެ ގަވާއިދު އޮތްގޮތުންވީ ކަމަކަށްވެސް ވެދާނެ. އެކަމެއް އަޅުގަނޑަކަށް ޔަޤީނެއް ނޫން. އެހެންނަމަވެސް، އަޅުގަނޑު މި ދަންނަވާލަން އުޅޭ ވާހަކައަކީ، އިންފޮމޭޝަން ޓެކްނޮލޮޖީއަކީ މިހާރު ވަރަށް މުހިންމު އެއްޗަކަށް ވެއްޖެއޭ. ރާއްޖޭގައިވެސް އިންފޮމޭޝަން ޓެކްނޮލޮޖީއާބެހޭ މީހުން މިހާރު އެބަތިބި. ވަރަށް ގިނަ ޒުވާނުން އޭގެތެރެއަށްވަދެ، ތަޖުރިބާއާއި މަޢުލޫމާތު ހާސިލުކުރަމުން ގެންދަނީ. ރާއްޖޭގެ އުފެއްދުންތައްވެސް އެބަހުރި. އެހެންވީމާ، އަޅުގަނޑު ހިތަށްއަރަނީ، ކުރިއަށް އޮތް މައުރަޒުތަކުގައި މިކަމާބެހޭ ބައެއްވެސް އޮތުމަކީ ހަމަ މުހިންމު ކަމެކޭ. އެއީ، އަޅުގަނޑުމެންގެ ރާއްޖޭގައި މި އުފައްދާ ކޮމްޕިއުޓަރ ސޮފްޓްވެއަރ ކަހަލަ އެއްޗެއްސާއި އަދި އެނޫންވެސް މިކަމުގައި ބޭނުންކުރެވޭ ޒާތުގެ ވަސީލަތްތައް، ރާއްޖޭގެ އުފެއްދުންތައް، ރާއްޖޭގެ ޒުވާން ޓެކްނޮލޮޖީއާބެހޭ ކުދިން، އެ އުފައްދާ އުފެއްދުންތައްވެސް ފެނިގެން ދިޔުމަކީ، އަޅުގަނޑުހިތުން މި މައުރަޒުގެ ބޭނުން އަދި މިހާރަށްވުރެވެސް މުސްތަޤްބަލުގައި ބޮޑުވެދާނެ ކަމެއް ކަމަށް އަޅުގަނޑަށް ފެނޭ. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، މުސްތަޤްބަލުގައި މިބައިވެސް، ދެން ބާއްވާ މައުރަޒުތަކުގައި ހިމެނިގެންދާނެ ކަމަށް.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން އަދި އެއް ވާހަކަ ދަންނަވާލަން ބޭނުންވޭ. އެއީ، ދިވެހިންނަކީ ރާއްޖޭގެ އަތްތެރިމަސައްކަތް ވަރަށް ރަނގަޅު ފެންވަރެއްގައި، ވަރަށް ކުރިއްސުރެ ކުރަމުން އައިސްފައިވާ ބައެއް. އަޅުގަނޑުމެންގެ ރާއްޖޭގައި މި އުފައްދާ އެއްޗެތި، ވަރަށް ރަނގަޅު ފެންވަރަކަށް މޮޅަށް އުފައްދަމުން އައިސްފައިވާ ބައެއް. އަޅުގަނޑުމެންގެ އޮޑިދޯނިފަހަރަށް ބަލައިލިޔަސް، މިކަން ހާމަވެގެންދާނެ. އަޅުގަނޑުހިތުން ރާއްޖޭގައި ކުރިން އަޅުގަނޑުމެން ބޭނުންކުރަމުން މިއައި ރިޔާނަގާ ދޯނިފަހަރު ނުވަތަ އެ ނޫންވެސް އޮޑިދޯނިފަހަރު އެތަކެތި އެ ފެންވަރަށް، އެހާ ރީތިކޮށް، އެހާ މޮޅަށް ހަދާ މީހުން، ދުނިޔޭގައި މަދުވާނެއޭ އަޅުގަނޑު ހިތަށްއަރަނީ. ހަމަގައިމުވެސް، އަޅުގަނޑަކަށް ފެނިފައެއް ނެތް. އެހާ ރީތިކޮށް މޮޅަށް އެތަކެތި ހަދަމުންއައީ. ހަމައެހެންމެ، އަޅުގަނޑުމެން މި ހަދާ ލިޔެލާޖެހި އެއްޗެއްސާއި، އަދި މި ވިޔާ ކުނާތަކާ، ހަމައެހެންމެ، ނާށިންނާއި ނުވަތަ ބޮލިން ނުވަތަ ލަކުޑިން މި ހަދާ އެއްޗެއްސަކީ މިއީ، ދިވެހިވަންތަގޮތަކަށް ރާއްޖޭގައި ވަރަށް ކުރިއްސުރެ، ވަރަށް މޮޅަށް އަޅުގަނޑުމެންގެ ކާބަފައިން ކުރަމުން އައިސްފައިވާ މަސައްކަތްތަކެއް. އެ މަސައްކަތްތައް އެ ފެންވަރުގައި ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގައި ހިފެހެއްޓޭތޯ ބެލުމަކީ، އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ޤައުމަށް ލިބޭ ފަޚުރަކަށްވާނެ.

އާދެ، އަޅުގަނޑު އެ ވާހަކަ މި ދަންނަވާލީ، ރާއްޖޭގެ ބައެއް އުފެއްދުންތައް ދުށް ބޭރުގެ މީހަކު، އަޅުގަނޑުގެ ގާތުގައި، އެތަކެތި ބަލާފައި ބުނި އެއްޗެއްގެ ސަބަބުން. އާދެ، އޭނާ އެ އެއްޗެތި ބަލައިލާފައި ބުނީ، ތިމަންނާ ދެކޭގޮތުގައި މި މަސައްކަތް ކުރި ބަޔަކު، މި މަސައްކަތް ކޮށްފައި މިވަނީ ލޯބިންނޭ. "ދޭ ހޭވް ޑަން އިޓް ވިތް ލަވް." އެ މީހުން މި މަސައްކަތްކޮށްފައި މިއޮތީ ލޯބިންނޭ. އެމީހުންގެ ހިތުގައި މިކަމަށް އޮތް ޝައުޤުވެރިކަމެއްގެ ބޮޑުކަމުންނޭ. އެހެންވީމައޭ މިހާ ރީތިކޮށް، މިހާ ފުރިހަމަކޮށް، މިހާ މޮޅަށް ތައްޔާރުކޮށްފައި މިއޮތީ.

އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، މި ލިބުނު ތާރީފު އަޅުގަނޑުމެން ހިފަހައްޓަމާތޯއޭ. އަޅުގަނޑުމެން މި އުފައްދާ ތަކެއްޗަކީ، ހަމައެކަނި އޭގެ އާމްދަނީގެ ބޭނުމުގައި ނުވަތަ އެއިން އަޅުގަނޑުމެންނަށް ލިބޭނެ ފައިދާއެއްގެ ބޭނުމުގައި ހަދާ އެއްޗަކަށްވުމުގެ އިތުރަށް، ލޯބިން އެ މަސައްކަތް ކުރަމާތޯއޭ؟ އަޅުގަނޑުމެން ހަދާ އެއްޗަކީ، އަޅުގަނޑުމެންގެ އަމިއްލަ ހިތްހަމަޖެހުމާއި، އަޅުގަނޑުމެންގެ ޤައުމަށް ފަޚުރެއް ލިބޭފަދަ މޮޅުގޮތަކަށް ރީއްޗަށް ހަދާ އެއްޗެއް ކަމުގައި ހެދޭތޯ ބަލަމާތޯއޭ؟ އަޅުގަނޑުހިތުން މި ރޫޙު ދެމެހެއްޓުމަކީ، މުސްތަޤްބަލުގައި ރާއްޖޭގެ މި މަސައްކަތްތައް ކުރިއަށް ދިޔުމަށް ވަރަށް ބޮޑު ބާރަކަށްވާނެ ކަމެއް.

އާދެ، ކޮންމެއަކަސް މިރޭ އަދި އަޅުގަނޑުގެ ވާހަކައަށްފަހުގައި އަދި ހަމައެހެންމެ މި ޖަލްސާއަށްފަހުގައި، މައުރަޒު ބައްލަވައިލެއްވުމުގެ ފުރުޞަތެއްވެސް އެބައޮތް. އެހެންވީމާ، އަޅުގަނޑުގެވާހަކަ ދެން މާ ދިގުކުރާކަށްނެތިން. އަޅުގަނޑުގެ މި ކުރު ވާހަކަކޮޅަށްފަހުގައި، މާތް ﷲގެ އިސްމުފުޅުގެ ބަރަކާތުން ދިވެހިރާއްޖޭގެ މަސައްކަތްތެރިކަމުގެ 32 ވަނަ މައުރަޒު ހުޅުވައިދިނުމުގެ އުފަލާއި ޝަރަފް، އަޅުގަނޑު ލިބިގަންނަން.

والسّـلام عليـكم ورحـمة اللّـه وبـركاتـه.