بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.

އާދެ، މިއަދު ތިޔަބޭފުޅުންގެ އަރިހަށް އަޅުގަނޑު މިއައީ 1985 ވަނަ އަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓް ހުށަހެޅުމަށްޓަކައި ޑިޕާޓްމަންޓް އޮފް ފިނޭންސްގެ އިސްވެރިޔާގެ ޙައިޘިއްޔަތުން. ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ވޭތުވެދިޔަ އަހަރު ދައުލަތަށް ލިބުނު އެއްޗަކާއި، ހިނގި ޚަރަދަކާއި އަދި ކުރިއަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓް ހުށަހެޅުމަށް. މިހާރު މި ބަޖެޓް ވާނީ، ދެންމެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ އިޝާރާތް ކުރެއްވި ފަދައިން، ތިޔަބޭފުޅުންގެ އަތްޕުޅަށް ލިބިވަޑައިގެންފައި. އަދި ބަޖެޓާމެދު މެންބަރުން ވިސްނަވައި ޚިޔާލުފުޅު ކުރައްވާފައިވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

އާދެ، ބަޖެޓާ ބެހޭގޮތުން އެއްޗެއް ދެންނެވުމުގެ ކުރިން، މީގެ ކުރީ އަހަރުތަކެކޭވެސް އެއްފަދައިން، މިއަހަރުވެސް ތިޔަބޭފުޅުންގެ ކުރިފުޅުމައްޗަށް އައުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް ކަމުގައި ދަންނަވަން. ހަމައެފަދައިން، މި ފުރުޞަތު އަޅުގަނޑަށް ލިބިދެއްވިކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި އަދި ތިޔަ އެންމެހައި ބޭފުޅުންނަށް ޝުކުރު ދަންނަވަން.

އާދެ، ޤައުމީ ބަޖެޓަކީ، ޤައުމީ ތަރައްޤީގެ ހަތިޔާރެއް. ޤައުމީ ތަރައްޤީ ގެންދަންވީ މިޞްރާބު ކަނޑައެޅުމާއި، ހަލުވިކޮށް ގެންދިޔުމާއި ނުވަތަ ކުޑަކޮށް ލަސްކޮށް ގެންދަން ބޭނުންވެއްޖެނަމަ، އެގޮތަށް ގެންދިޔުމާ، މި ހުރިހާ ކަމެއްގައި ބަޖެޓް އެހީވެދޭ. ކަން މިހެން ހުރުމާއެކު، ސަރުކާރުގެ ބަޖެޓް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާއިރު، ޤައުމުގެ އިޤްތިޞާދީ ޙާލަތު އޮތްގޮތަކާއި، ތަރައްޤީގެ ދާއިރާތަކާއި މަޝްރޫޢުތައް ރޭވިގެން ހިނގަމުންދާގޮތާއި އަދި މިކަންކަމާބެހޭ ތަފްޞީލުތައް، މަޖިލީހުގެ މެންބަރުންނަށް އެނގިވަޑައިގެންފައި އޮތުމަކީ ވަރަށް ބޭނުން ކަމެއްކަމުގައި އަޅުގަނޑު ދެކެން. އެހެންކަމާއެކު، ވޭތުވެދިޔަ ދެތިން އަހަރަކުއްސުރެ ބަޖެޓާބެހޭ އިތުރު މަޢުލޫމާތުގެ ކަރުދާސްތަކެއް އަޅުގަނޑު މިގެންދަނީ ބަޖެޓާއެކު ތިޔަބޭފުޅުންގެ އަރިހަށް ހުށަހަޅަމުން. އެގޮތުގެމަތިން، މިއަހަރުވެސް މިގޮތަށް ތައްޔާރުކުރެވިފައިވާ ކަރުދާސްތަކެއް މިހާރުވާނީ ތިޔަބޭފުޅުންގެ އަތްޕުޅަށް ލިބިވަޑައިގެންފައި.

އާދެ، ރައްޔިތުންގެ ފަރާތުން، ރައްޔިތުންގެ ތެރެއިން ހޮވިގެން، ރައްޔިތުންނަށްޓަކައި ހިންގާ ސަރުކާރެއްގެ އެންމެބޮޑު މަޤްޞަދަކަށްވާންވާނީ ރައްޔިތުންގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ޙާލަތު ރަނގަޅުކޮށް، އެއްދުވަހުން އަނެއް ދުވަހަށް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރެވޭތޯ މަސައްކަތް ކުރުން. މި އުޞޫލުން މި ސަރުކާރު ރާއްޖޭގެ ވެރިކަމާ ޙަވާލުވީއްސުރެ މިގެންދަނީ މިމަޤްޞަދު ފުރިހަމަކުރުމަށްޓަކައި އަޅަންވީ ފިޔަވަޅުތައް އެޅޭތޯ ވަރަށްބޮޑަށް މަސައްކަތް ކުރަމުން. އަދި ރާއްޖޭގެ އިޤްތިޞާދީ ޙާލަތަށް ވިސްނައި، އެވަގުތަކު ރާއްޖޭގެ އިޤްތިޞާދީ ތަނަވަސްކަން އިތުރުކުރުމަށްޓަކައި އިޤްތިޞާދީ ގޮތުން ދިމާވެފައިވާ ދަތިތައް ނައްތާލުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއްވެސް އެޅޭތޯ ބަލަމުން.

ރާއްޖެ ތަރައްޤީ ކުރުމުގައި ވޭތުވެދިޔަ ފަސްއަހަރެއްގެ ތެރޭގައި ވަރަށްގިނަ މަސައްކަތްތަކެއް ފެށިފައިވާކަން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން ގަބޫލުފުޅު ކުރައްވާނެ. މި ފުރުޞަތުގައި އެކަންތައްތަކުގެ ތަފްޞީލަކަށް ދާކަށް އަޅުގަނޑު ޤަޞްދެއްނުކުރަން. ކޮންމެއަކަސް ތަރައްޤީގެ މަގުގައި ކުރެވޭ ތަފާތު މަސައްކަތްތަކުގެތެރެއިން އެންމެބޮޑު ޚަރަދެއް ހިނގަމުންދާ ކަމަކީ، އިޖުތިމާޢީ އަދި އިޤްތިޞާދީ ދާއިރާގެ ކަންތައްތައް ތަރައްޤީކުރުމަށް ހިންގާ މަސައްކަތަށް. ވޭތުވެދިޔަ އަހަރުތަކުގައި އަދި މިހާރުވެސް ސަރުކާރުން އެންމެބޮޑު ހޭދައެއް ކުރަމުންގެންދާ ކަމަކީ މިދެންނެވީ.

އާދެ، އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ އެންމެބޮޑު އެއް ބިންގަލަކީ ތަޢުލީމު ކަމަށްވާތީ، ސަރުކާރުން މިވޭތުވެދިޔަ އަހަރުތަކުގައިވެސް އަދި ކުރިއަށް އޮތް އަހަރުވެސް އެންމެބޮޑު ހޭދައެއް ކުރަން ޤަޞްދުކުރާ އެންމެ މުހިންމު އެއް ދާއިރާއަކީ ރާއްޖޭގެ ތަޢުލީމު. އެހެންވާންޖެހޭ ސަބަބަކީ، ރާއްޖެ ތަރައްޤީ ކުރުމުގައި އަޅުގަނޑުމެންނަށް ދިމާވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ، ހިންގަން ޖެހިފައިވާ ބޮޑެތި މަޝްރޫޢުތަކަށާއި، ކުރަން ޖެހިފައިވާ ގިނަގުނަ މަސައްކަތްތަކަށް އެކަށީގެންވާ މީހުން ލިބެންނެތުން ކަމުގައިވާކަން. މިސާލަކަށް، މަސްވެރިކަމުގެ ދާއިރާއަށް ބައްލަވައިލެއްވިޔަސް، އެކަންތައް ތަރައްޤީކުރުމަށް ހޯދާ ބޯޓުތަކުގެ އިންޖިނޭރުންވަނީ ނުލިބިފައި. ހެދޭ މަސްފިނިކުރާ ތަންތަން ބަލަހައްޓާނެ އެކި ފެންވަރުގެ ޓެކްނީޝަނުން ވަނީ ނެތިފައި. ރާއްޖެތެރޭގައި ހުޅުވެމުންދާ ހަސްފަތާލުތަކާއި ޞިއްޙީ މަރުކަޒުތަކަށް ބައްލަވައިލެއްވިޔަސް، އެތަންތަނަށް ބޭނުންވާ ޑަކްޓަރުންނާއި ނަރުހުންވަނީ މަދުވެފައި. މިހެންކަމުން، ތަޢުލީމަށް ނުވަތަ އެހެން ޢިބާރާތަކުން ދަންނަވަނީނަމަ، މީހުން ބިނާކުރުމަށް ކުރެވޭ ހޭދައަކީ، ހެޔޮގޮތުގައި ކުރެވޭ ޚަރަދެއް ކަމުގައި ނޫނީ އަޅުގަނޑު ނުދެކެން.

ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، ތަޢުލީމުގެ ފުރަތަމަ ހަރުފަތް ކަމުގައިވާ އިބްތިދާއީ ތަޢުލީމު ދޭނޭ ތަންތަން މިހާރުވަނީ ސަރުކާރުގެ ފަރާތުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ހިންގަން ފަށްޓާފައި. އަދި ކުރިއަށް މިފެށޭ އަހަރު، މާލޭގައިވެސް ސަރުކާރުގެ ފަރާތުން އިބްތިދާއީ ތަޢުލީމުދޭ އިތުރު މަދަރުސާއެއް ހުޅުވުމަށްވަނީ ހަމަޖެހިފައި. މިހާރު އަޅުގަނޑުމެންނަށް ބޭނުންވަނީ މިތަންތަން އުފެއްދުމުގެ ބޭނުން ވީހާ ރަނގަޅަކަށް ޙާޞިލު ކުރެވޭނޭ ގޮތަކަށް މަސައްކަތްކުރުން. މިކަމުގައި ރައްޔިތުންގެ ސަމާލުކަމާއި އެއްބާރުލެއްވުމަކީ ކޮންމެހެން ބޭނުން ކަމެއް.

ޞިއްޙީ ރޮނގަކީވެސް ސަރުކާރުން ވަރަށްމަތީ އަހަންމިއްޔަތެއް ދެމުންގެންދާ ރޮނގެއް. އަދި ދޭންޖެހޭވެސް ރޮނގެއް. ވޭތުވެދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ ދެ ދިމާއެއްގައި ސަރަޙައްދީ ހަސްފަތާލުގެ ދެތަން އިތުރަށް ހުޅުވައިދެވުނު. އަދި 1985 ވަނަ އަހަރު އެފަދަ އިތުރު ހަސްފަތާލެއް ހުޅުވުމުގެ މަސައްކަތް ދަނީ ކުރެވެމުން.

މީގެ އިތުރަށް. ތަރައްޤީގެ ވަރަށްގިނަ މަޝްރޫޢުތަކެއްވެސް ވަނީ ސަރުކާރުން ރައްޔިތުންގެ ފައިދާއަށްޓަކައި ފަށާފައި. މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރާއި، ރާއްޖެތެރޭގައި ހަދަމުންގެންދާ ކުޑަ ދެ އެއަރޕޯޓާއި، ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން ހަދަމުންގެންދާ މިސްކިތްތަކާއި، ރަށުއޮފީސްތަކާއި، އަތޮޅުއޮފީސްފަދަ ތަންތަނަކީ، މިދެންނެވި މަޤްޞަދުގައި ފެށިފައިވާ ކަންތައްތަކެއް. އެއިން ކޮންމެ ކަމަކީވެސް ވަރަށް މަތީ ޢަދަދަކަށް ޚަރަދު ހިނގަމުންދާ ކަމެއްނަމަވެސް، އެއިން އެއްކަމެއް ހުއްޓައިލެވެން ނެތް ކަންތައްތަކެއް.

މިދެންނެވި ކަންތައްތައް މިހެން ހުރުމާއެކު، ވޭތުވެދިޔަ އަހަރުތަކުގައި ބަޖެޓުގެ ޚަރަދުވަނީ އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން ގޮސްފައި. ހަމައެފަދައިން، ސަރުކާރުން ކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ދައުލަތަށް ލިބޭ އާމްދަނީވެސް ވަނީ އަހަރެއް އަހަރަކަށް އިތުރުވަމުން އައިސްފައި. ތިޔަބޭފުޅުންގެ އަތްޕުޅުގައިވާ ބަޖެޓް މަޢުލޫމާތުގެ 4 ވަނަ ކަރުދާހުން މިކަން ސާފުވެވަޑައިގަންނަވާނެ.

އާދެ، 1983 ވަނަ އަހަރު ދައުލަތަށް ލިބުނު އެއްޗަކާއި، ހިނގި ޚަރަދަށް ބަލާއިރު، ކުރީ އަހަރުތަކަށްވުރެ ވަރަށްބޮޑުތަން، ލިބުނު އެއްޗެއްވެސް އަދި ޚަރަދުވެސް މައްޗަށް ގޮސްފައިވޭ. 1983 ވަނަ އަހަރު ޖުމްލަ ޚަރަދު ކަމުގައި ދައްކަނީ 207 މިލިޔަން ރުފިޔާ. އެއީ އޭގެ ކުރީ އަހަރު، 1982 ވަނަ އަހަރުގައި ޚަރަދުވީވަރަށްވުރެ ސަތޭކައަކުން ސާޅީސް ހަތަރަކަށްވުރެ ބޮޑު ޢަދަދެއް. މި ޚަރަދުގެ ތެރޭގައި، ބޭރުން ލޯނުގެ އެހީގެ ގޮތުގައި ލިބިގެން ކުރި ޚަރަދު އާދެ، އެއީ 43.4 މިލިޔަން ރުފިޔާ. އެ ޚަރަދުވެސް ހިމެނޭ. ބޭރުގެ ލޯނުގެ ޚަރަދު ގޮސްފައިވަނީ މަސްވެރިކަމަށް 34.1 މިލިޔަން ރުފިޔާ. ވައިގެ ދަތުރުފަތުރު ތަރައްޤީކުރުމުގެ މަޝްރޫޢުތަކަށް 1.2 މިލިޔަން ރުފިޔާ. އަދި ކަނޑުގެ ދަތުރުފަތުރު ތަރައްޤީކުރުމަށް 8.1 މިލިޔަން ރުފިޔާ.

1983 ވަނަ އަހަރު ލިބުނު އާމްދަނީ އެއީ 180.8 މިލިޔަން ރުފިޔާ. އެއީ 1982ވަނަ އަހަރު ލިބުނު 138.5 މިލިޔަން ރުފިޔާއަށްވުރެ ސަތޭކައަކުން އެއްތިރީސް މަތީ އަދަދެއް. ޕްރޮޖެކްޓް ލޯނަށް ބަލާއިރު އާދެ، އެއީ އެކިއެކި މަޝްރޫޢުތަކަށްޓަކައި އެހީގެގޮތުގައި ބޭރުގެ ފަރާތްތަކުން ސަރުކާރަށް ލިބޭ ލޯނު. ޕްރޮޖެކްޓް ލޯނަށް ބަލާއިރު، ކުރީ އަހަރަށްވުރެ، 1983 ވަނަ އަހަރު 29.5 މިލިޔަން ރުފިޔާ އިތުރަށް ލިބިފައިވާކަމަށް ދައްކާ. 1983 ވަނަ އަހަރު ލިބުނު އެއްޗަކަށްވުރެ، ކުރެވުނު ޚަރަދު ގިނަކަމުގައި ދައްކަނީ 26.1 މިލިޔަން ރުފިޔާ.

1983 ވަނަ އަހަރު ސަރުކާރަށް ލިބުނު އާމްދަނީގެ ތެރޭގައި، އެއްތަނަކުން އެންމެ ގިނައިން ލިބިފައިވަނީ، އޭގެ ކުރީ އަހަރުތަކެކޭވެސް އެއްފަދައިން ކަސްޓަމުން. އެއީ 32.2 މިލިޔަން ރުފިޔާ. އެއީ އެ އަހަރު ލޯނުތަކާއެކު، ދައުލަތަށް ލިބުނު އެއްޗެއްގެ ސަތޭކައަކުން އަށާރަ. ހަމައެކަނި އިމްޕޯޓް ޑިއުޓީއަށްވެސް 30.2 މިލިޔަން ރުފިޔާ ލިބިފައިވޭ. އެއީ އޭގެ ކުރީ އަހަރަށްވުރެ ސަތޭކައަކުން އަށާވީސް ބޮޑު ޢަދަދެއް.

ޓޫރިޒަމްގެ ދާއިރާއިން އާމްދަނީގެ ގޮތުގައި ދައްކާފައިވަނީ 23.6 މިލިޔަން ރުފިޔާ. މިއީ ދައުލަތަށް ލިބުނު ޖުމްލަ އެއްޗެއްގެ ސަތޭކައަކުން ތޭރަ އަދި ކުރީ އަހަރު އެ ދާއިރާއިން ދެއްކި ޢަދަދަށްވުރެ ފައިސާގެގޮތުން ބަލާނަމަ ސަތޭކައަކުން ފަހެއް އިތުރު ޢަދަދެއް. މިދެންނެވި ފައިސާގެ 14.8 މިލިޔަން ރުފިޔާ އެއީ، ޓޫރިޒަމް ޓެކްސްގެ ގޮތުގައި ލިބިފައިވާ ފައިސާ. އެއީ ކުރީ އަހަރު ލިބުނުވަރަށްވުރެ ސަތޭކައަކުން ސޯޅަ މަތީ ޢަދަދެއް. ރިޒޯޓުތަކުން ލިބިގެން އާމްދަނީގެ ގޮތުގައި ޖަމާކޮށްފައިވަނީ 7.7 މިލިޔަން ރުފިޔާ. ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ފައިދާއަށް ލިބިފައިވަނީ 16.3 މިލިޔަން ރުފިޔާ. އެއީ، އެ އަހަރު ދައުލަތަށް ލިބުނު އެއްޗެއްގެ ސަތޭކައަކުން ނުވައެއް. މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީން ލިބިފައިވަނީ 13.7 މިލިޔަން ރުފިޔާ. އެއީ، ކުރީ އަހަރަށްވުރެ ސަތޭކައަކުން ތިރީސް އިތުރު ޢަދަދެއް. އާދެ، ބޭރުގެ ހިލޭއެހީގެ ގޮތުގައިވަނީ 12.4 މިލިޔަން ރުފިޔާ ލިބިފައި. އެއީ، ކުރީ އަހަރަށްވުރެ ސަތޭކައަކުން ސާޅީސް ހަތެއް މަދު ޢަދަދެއް. އޯޕެކް ފަންޑުން ބެލެންސް އޮފް ޕޭމަންޓް އެހީގެ ގޮތުގައި ދިން ލޯނުގެ ކައުންޓަރޕާޓް ފަންޑުން، އާދެ، އޭގެ ދިވެހި ފައިސާއަށްވާ ބައިން 8.2 މިލިޔަން ރުފިޔާ، 1983 ވަނަ އަހަރުގެ ތެރޭގައި، އެކިއެކި ތަރައްޤީގެ މަޝްރޫޢުތަކަށް ޚަރަދު ކުރެވިފައިވޭ.

1983 ވަނަ އަހަރުގެ ޚަރަދަށް ބަލާއިރު ވަރަށްބޮޑު ޢަދަދެއް، ކާބޯތަކެއްޗާއި ބޭސް، އަގުހެޔޮ ކުރުމުގެގޮތުން ސަރުކާރުން ހޭދަކުރެވިފައިވޭ. އެއީ 7.9 މިލިޔަން ރުފިޔާ. ކާބޯތަކެތި ހެޔޮއަގުގައި ވިއްކުމަށްޓަކައި ސަރުކާރުން ފައިސާ ދޫކުރަމުން ގެންދާ އުޞޫލު، 1984 ވަނަ އަހަރު އާދެ، މިއަހަރު ވަނީ ނައްތައިލެވިފައި. ހަމައެކަނި ހިނގަމުންދަނީ ބޭހުގެ އަގުހެޔޮކުރުމަށްޓަކައި ސަރުކާރުން ދޫކުރި ފައިސާގެ ކަންތައްތައް. މުވައްޒަފުންގެ މުސާރައަށް 30.1 މިލިޔަން ރުފިޔާ ޚަރަދުވެފައިވޭ. އެއީ ކުރީއަހަރާ އަޅައިބަލާއިރު ސަތޭކައަކުން ތިރީސް ފަހެއް ބޮޑު ޢަދަދެއް.

އާދެ، މި ނުކުތާގައި އެއްޗެއް ދަންނަވާލަން ބޭނުންވޭ. އެއީ ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ކުޑަވެގެން މުވައްޒަފުންގެ ފަރާތުން އަބަދުވެސް ޝަކުވާ ލިބެމުންދޭ. ސަރުކާރުން މަސައްކަތް ކުރަނީ މުވައްޒަފުންނަށްވެސް އެކަށީގެންވާ މުސާރަދެވޭތޯ. އެހެންވީމާ، އެއް އަހަރުގެ މުސާރައަށް ޚަރަދުވިވަރަށްވުރެ، ވިދިގެން އަންނަ އަހަރު ސަތޭކައަކުން ތިރީސް ފަހެއް އިތުރަށް ޚަރަދުވެފައިވާކަން އަޅުގަނޑުހިތުން އެއީ ސަރުކާރުގެ މުވައްޒަފުންނަށް، އެމީހުންނަށް ލިބޭ އެއްޗެއް އިތުރުކޮށްދެވޭތޯ ބަލަމުންގެންދާކަމުގެ ވަރަށްބޮޑު ހެތްކެއް. އެންމެ ގިނަ ޚަރަދު 1983 ގައި ހިނގާފައިވަނީ ހިންގުމާ ބެހޭގޮތުން.

ދެން އެންމެމަތީ ޚަރަދެއް ހިނގާފައިވަނީ މަސްވެރިކަމަށް. 35 މިލިޔަން ރުފިޔާ. އެއީ މުޅި ޖުމްލަ ޚަރަދުގެ ސަތޭކައަކުން ސަތާރަ. މުޖުތަމަޢުގެ ތަރައްޤީއަށް ކުރެވޭ ޚަރަދުގެތެރެއިން ޖަމާޢަތުގެ ފައިދާއަށްޓަކައި ދެވޭ އެހެނިހެން ޚިދުމަތުގެތެރޭގައި، އެ އަހަރުގެތެރޭގައި އިސްލާމީ މަރުކަޒު ޢިމާރާތް ކުރުމަށް ހިނގި ޚަރަދާއި، ބިން ހިއްކުން ހިމެނޭ. ދެން އެންމެގިނަ ޚަރަދު ހިނގާފައިވަނީ ދަތުރުފަތުރު ތަރައްޤީ ކުރުމާބެހޭ ޚަރަދަށާއި، ތަޢުލީމަށާއި، އަމަން ޤާއިމުކުރުމަށާއި، މަސްވެރިކަމުގެ ސަރަޙައްދު ބެލެހެއްޓުމަށް. ދަރަނި އަދާކުރުމާއި، ޚިދުމަތުގެ އަގަށް ދެއްކީ 11.4 މިލިޔަން ރުފިޔާ.

ނިމެމުންދާ 1984 ވަނަ އަހަރު ސަރުކާރަށް ލިބޭ އާމްދަނީ، ކުރީ އަހަރަށްވުރެ ގާތްގަނޑަކަށް ސަތޭކައަކުން ފަހެއް އިތުރުވާނެކަމަށް ލަފާކުރެވޭ. ޚަރަދުވެސް، ކުރީ އަހަރަށްވުރެ އިތުރުވާނެކަމަށް ލަފާކުރެވޭ. ނަމަވެސް، ޚަރަދު އިތުރުވާބައި އާމްދަނީން އިތުރުވާ ބަޔަށްވުރެ ކުޑަވާނެކަމަށް ޔަޤީންކުރެވޭ. އާދެ، 1984 ވަނަ އަހަރުގެ ޖުމްލަ ޚަރަދު ހިނގާނޭ ކަމަށް ލަފާކުރެވިފައިވަނީ 208.9 މިލިޔަން ރުފިޔާ. އެއީ މި ހިނގާ 1984 ވަނަ އަހަރު ހިނގާނެ ކަމަށް މިހާރު ލަފާކުރެވޭވަރު، 208.9 މިލިޔަން ރުފިޔާ. އެހެންކަމުން، މިދެންނެވި ޢަދަދު އެއީ 1983 ވަނަ އަހަރުގެ ޚަރަދަށްވުރެ ސަތޭކައަކުން އެކެއް އިތުރު ޢަދަދެއް. ޢިއްޒަތްތެރި މެންބަރުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، މިއަހަރު އަދި ނިމުމަކަށް ނާދޭ. އެހެންކަމުން، މިދެންނެވި ޢަދަދުތަކަކީ ލަފާކޮށްފައިވާ ޢަދަދުތަކެއް. އަންނަ އަހަރުގެ ތެރޭގައި މިއަށް ބައެއް ބަދަލުއައުމަކީ އެކަށީގެންވާ ކަމެއް. މިއަހަރުގެ ތެރޭގައި، އާމްދަނީގެ ގޮތުގައި ލަފާކޮށްފައިވަނީ 189 މިލިޔަން ރުފިޔާ. މިދެންނެވީ 1984 ގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 189 މިލިޔަން ރުފިޔާއޭ. އޭގެތެރޭގައި ލިބިފައިވަނީ ކަސްޓަމުގެ އިމްޕޯޓް ޑިއުޓީއަށް. މީގެ އިތުރަށް، ޓޫރިޒަމްގެ ދާއިރާއިންނާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުންވެސް ވަރަށް މަތީ ޢަދަދެއް ލިބިފައިވޭ. އަދި ބޭރުގެ އެހީވެސް، ވޭތުވެދިޔަ އަހަރަށްވުރެ އިތުރަށް، 1984 ގައި ވަނީ ސަރުކާރަށް ލިބިފައި. އޭގެތެރޭގައި، ބުރޫނާއިން އިސްލާމީ މަރުކަޒު ޢިމާރާތް ކުރުމަށް ލިބުނު ތިން މިލިޔަން އެމެރިކާ ޑޮލަރުގެ އެހީ، ވަކިން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ. މީގެ އިތުރަށް، ބައެއް އެހެން ޤައުމުތަކުންވެސް އިސްލާމީ މަރުކަޒުގެ މަޝްރޫޢަށް އެހީ ދީފައިވޭ. އަދި މުދަލުގެ ގޮތުންވެސް ބައެއް ޤައުމުތަކުން ސަރުކާރަށް އެހީ ލިބެމުންދިޔަ.

އާދެ، 1985 ވަނަ އަހަރަށް އަންދާޒާކޮށްފައިވާ ބަޖެޓް ޚަރަދުތަކާމެދު އަޅުގަނޑަށް ދަންނަވަންޖެހެނީ، މިއަންނަ އަހަރުގެ ޚަރަދުވެސް މިހިނގާ އަހަރަށްވުރެ ބޮޑުވާނޭ ކަމުގައި. ޢިއްޒަތްތެރި މެންބަރުންގެ އަތްޕުޅަށް ލިބިފައިވާ ހިސާބުތައް ދައްކާގޮތުން، 1985 ވަނަ އަހަރުގައި ހިނގާނޭކަމަށް ލަފާކުރާ ޢާންމު ބަޖެޓުގެ އަންދާޒާ ޚަރަދުގެ ޖުމްލައަކީ، ބޭރުން ލިބޭ ލޯނުތަކާއެކު 292.1 މިލިޔަން ރުފިޔާ. މިޢަދަދުގެ ތެރޭގައި، 1985 ވަނަ އަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓް ޚަރަދުގެ ޖުމްލަ އަގަކީ 210.5 މިލިޔަން ރުފިޔާ. މީގެތެރެއިން، އަހަރު ނިމޭއިރަށް ގާތްގަނޑަކަށް ފަސް މިލިޔަން ރުފިޔާ ބާކީވާނެކަމަށް ލަފާކުރެވޭ. ކޮންމެ އަހަރަކުވެސް އެ އަހަރަށް ލަފާކުރާ އަދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓަށްވުރެ ޚަރަދު އޮންނާނީ ތަންކޮޅެއް ކުޑަކޮށް ހިނގާފައި. އެއީ ބައެއްކަހަލަ ކަންތައްތައް ހިންގުމުގައި ޚާއްޞަކޮށް، އެކިއެކި ބޮޑެތި މަސައްކަތްތައް ހިންގުމުގައި، އަޅުގަނޑުމެންގެ ޤާބިލިއްޔަތު ހުންނަވަރުން ވަކި މަސައްކަތެއް، އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޤަޞްދުކުރެވި، އެކަމަށް ކަނޑައެޅޭ ޖުމްލަ ޚަރަދު ބަޖެޓުގައި އެކުލެވިފައިވީ ކަމުގައިވިޔަސް، އެމަސައްކަތް ނުނިންމުމުގެ ސަބަބުން ޚަރަދުވެސް ނުކުރެވި ބައެއް ބާކީ އޮންނާތީ. އާދެ، ޕްރޮޖެކްޓް ލޯނު، ވާނެކަމަށް ލަފާކޮށްފައިވަނީ 86 މިލިޔަން ރުފިޔާ. 1985 ވަނަ އަހަރުގެ ބަޖެޓް ޚަރަދު، ޚާއްޞަ ބަޖެޓާއި ޕްރޮޖެކްޓް ހިމެނިގެން އަންނަ ޖުމްލަ ބެހިފައިވާ މައިގަނޑު ބައިތަކާއި، އެބައިތަކަށް ސަތޭކައަކުންޖެހޭ ޢަދަދުތައް އަޅުގަނޑު މިހާރު މިދަންނަވާލަނީ.

މުވައްޒަފުންނަށް ހިނގާ ޚަރަދު 50,103,676
އެއީ ޖުމްލަ ޚަރަދުގެ ސަތޭކައަކުން 17.2

ޕެންޝަނަށާއި ދުވަސްވީ މުވައްޒަފުންނާއި އެހެނިހެން ގޮތްގޮތުން ދައުލަތުންދޭ ފައިސާ 2,636,500
އެއީ މުޅި ބަޖެޓުގެ ސަތޭކައަކުން 0.9

ދަތުރު ޚަރަދު 6,387,619
އެއީ މުޅި ބަޖެޓުގެ ސަތޭކައަކުން 2.2

ހޯދޭ ތަކެތި 18,135,369
އެއީ ޖުމްލަ ޚަރަދުގެ ސަތޭކައަކުން 6.2

މަރާމާތު ކުރުމާއި ބެލެހެއްޓުން 8,389,411
އެއީ ބަޖެޓުގެ ސަތޭކައަކުން 2.8

ތަކެތި އުފުލުމާއި މުވާޞަލާތާއި ބޭނުންކުރެވޭ ޚިދުމަތުގެ ޚަރަދު 19,782,458
އެއީ ބަޖެޓުގެ ސަތޭކައަކުން 6.8

ޚިދުމަތުގެ ޚަރަދާއި ފައިދާއާއި ބޯނަސް 11,124,202
އެއީ ބަޖެޓުގެ ސަތޭކައަކުން 3.8

ސަރުކާރުންދޭ އެހީއާއި އިސްތިރާކް އަދި ސަބްސިޑީޒް 8,415,187
އެއީ ބަޖެޓުގެ ސަތޭކައަކުން 2.9

ހޯދާ އަގުބޮޑު ތަކެއްޗާއި، ބިންބިމަށް ހިނގާ ޚަރަދާއި ކުރެވޭ އިމާރާތް 48,960,227
އެއީ ބަޖެޓުގެ ސަތޭކައަކުން 16.8

ލޯނު އަދާކުރުމަށް، އާދެ، ލޯނު އަނބުރާ ދެއްކުން އެއީ މިއަންނަ އަހަރު ތަންކޮޅެއް ބޮޑުވާނެ ޚަރަދެއް. އެނގިވަޑައިގަންނަވާނެ ފަދައިން، ތަރައްޤީގެ މަޝްރޫޢުތަކަށް ސަރުކާރުން ލޯނު ނަގާފައިވާ ފަރާތްތަކުން ލޯނު ދޫކޮށްފައި އޮންނަނީ ވަރަށް ކުޑަކުޑަ ޚިދުމަތުގެ އަގެއް ނަގާގޮތަށް. ބައެއްފަހަރަށް ސަތޭކައަކުން 1 ނުވަތަ 1.5 ނޫނީ 2 މިހާ ކުޑަކުޑަ ޢަދަދަކަށް އިންޓްރެސްޓެއްލާފައި. ވަރަށް ދިގު މުއްދަތެއްގައި ސަރުކާރުން އަނބުރާ ދައްކާގޮތަށް. އޭގެތެރޭގައި އަނބުރާ ނުދައްކާގޮތަށް ފުރަތަމަ ބައެއް އަހަރު، މިސާލަކަށް، ފަސް އަހަރުވަރު ކަނޑައެޅިފައި ހުރޭ. ގިނަ ލޯނުތަކުގައި އޭގެފަހުން އަނބުރާ ދައްކަން ހަމަޖެހިފައިވާ ބައި ދައްކަން ހަމަޖެހިފައި އޮންނަނީވެސް ދިގު މުއްދަތެއްގެ ތެރޭގައި. 15 އަހަރު ނުވަތަ 20 އަހަރުގެ ތެރޭގައި. ބައެއް ލޯނުތައް އެބަހުރޭ 40 އަހަރު ދުވަހުގެ ތެރޭގައި ދައްކާގޮތަށްވެސް.

އެހެންވީމާ، އެކި އަހަރަށް އެ ދައްކަންޖެހޭ ޢަދަދު ޖެހެނީ އެކިވަރަށް. މިހިނގާ 1984 ވަނަ އަހަރު ސަރުކާރުން މިދެންނެވި ދަރަނި އަދާކުރުމަށް ދައްކަންޖެހޭ ވަރަށްވުރެ 1985ގައި ދަރަނި އަދާކުރުމަށް ދައްކަންޖެހޭވަރު ބޮޑުވާނެ. އަދި ޙަޤީޤަތަށް ވިސްނާއިރު އެންމެބޮޑު ބުރަ، އެއް އަހަރަކަށް، ދަރަނި އަދާކުރުމުގެގޮތުން ވާނީ ކުރިން މިދެންނެވި ލޯނުތަކުގެ އަނބުރާ ދެއްކުމުގެ ތާވަލުތައް ހަމަޖެހިފައިވާ ގޮތުން 1985 ވަނަ އަހަރު. އާދެ، 1985 ވަނަ އަހަރު ލޯނު އަނބުރާ ދެއްކުމަށް 10.6 މިލިޔަން ރުފިޔާ ޚަރަދުކުރަންޖެހޭ ކަމަށް ލަފާކުރެވިފައި މިއޮތީ. ދެން އިޤްތިޞާދީ ފައިދާއަށްޓަކައި، އެކިއެކި މަޝްރޫޢުތަކާއި މަސައްކަތްތައް ހިންގުމަށް ކުރާ ޚަރަދު. އެއީ 1985 ވަނަ އަހަރުގެ އެންމެބޮޑުބައި ހިމެނިފައިއޮތްކަމަކީ. އެކަމަށް ޚަރަދުވާނެ ކަމަށް ލަފާކުރެވެނީ 87,167,731 ރުފިޔާ. އެއީ މުޅި ބަޖެޓުގެ 29.8 ސަތޭކައަކުން. ގާތްގަނޑަކަށް ބަޖެޓުގެ ތިންބައިކުޅައެއްބައޭވެސް ދެންނެވިދާނެ.
 
އާދެ، އެއީ އިޤްތިޞާދީ ތަރައްޤީއަށް، އިޤްތިޞާދީ ފައިދާއަށް ސަރުކާރުން ހިންގަން ފަށާފައިވާ މަޝްރޫޢުތަކާއި އަދި ހިންގޭ މަޝްރޫޢުތަކަށް ޚަރަދުކުރެވޭނެ ކަމަށް ނުވަތަ ޚަރަދު ކުރަންޖެހިދާނެ ކަމަށް ލަފާކުރެވިފައިވާ ޢަދަދު. ކުރިންވެސް ދެންނެވިފަދައިން، މިޢަދަދު އެކީގައި ޚަރަދު ނުކުރެވި އޮތުމަކީ އެކަށީގެންވާ ކަމެއް. އަޅުގަނޑުމެންގެ މަސައްކަތް ހިންގުމުގެ ޤާބިލުކަން ހުރިވަރުން އެހުރިހާ މަސައްކަތް އަހަރު ނިމޭއިރު ނުނިމިދާނެތީ.
 
އާދެ، އަންނަ އަހަރުގެ ބަޖެޓް ހުށަހެޅުމުގައިވެސް، ކުރީ އަހަރެކޭ އެއްފަދައިން ޚަރަދުތައް ކުޑަކުރެވޭތޯ ސަރުކާރުން ވަރަށްބޮޑަށް މަސައްކަތް ކޮށްފައިވޭ. އެކި އޮފީސްތަކުން ވަކިވަކިން ބަލައިގެންވަނީ އުނިކުރެވިފައި. އެ އޮފީސްތަކުގެ ބަޖެޓް ކުޑަކުރެވެން އޮތް އެންމެބޮޑު ޢަދަދަކަށް ކުޑަކުރެވިފައި. ކުޑަކުރެވެން އޮތް އެންމެބޮޑު މިންވަރަކަށް ކުޑަކުރެވިފައި. އެހެންނަމަވެސް، 1985 ވަނަ އަހަރުގެ ބަޖެޓުވެސް ހުށަހަޅަން މިޖެހެނީ، ހިނގާ ޚަރަދުތައް ސަރުކާރަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއަށްވުރެ އިތުރަށް ދައްކާގޮތެއްގައި. އާދެ، އެއީ މިވޭތުވެދިޔަ ދެ އަހަރެކޭވެސް އެއްފަދައިން، މިއަންނަ އަހަރުވެސް އެހެންވާނެކަމަށް ލަފާކުރެވެނީ. އެހެންވަނީ ހަމައެކަނި އަޅުގަނޑުމެންނަކަށް ނޫން.
 
އެނގިވަޑައިގަންނަވާނެ ފަދައިން، ދުނިޔޭގެ ގިނަ ޤައުމުތަކުގައި އެކަން ދިމާވެފައި އޮންނަނީ. އެ އުޞޫލުން އަޅުގަނޑުމެން ބަލާއިރު، މިއަންނަ އަހަރުވެސް ލިބޭ އެއްޗަކަށްވުރެ ޚަރަދުވާވަރު 46.5 މިލިޔަން ރުފިޔާ އިތުރުވާނެކަމަށް ދައްކާ. އެހެންނަމަވެސް، ސަރުކާރުގެ ފަރާތުން އާމްދަނީ އިތުރުކުރުމަށްޓަކައި އަޅަން ގަސްދުކުރާ ބައެއް ފިޔަވަޅުތައް އެޅުމުން، މިހާރު ލަފާކޮށްފައިވާ ވަރަށްވުރެ އިތުރަށް، 10 މިލިޔަން ރުފިޔާ އާމްދަނީގެގޮތުގައި ސަރުކާރަށް ލިބޭނެކަމަށް އުންމީދުކުރެވޭ. އެހެންކަމުން، އިތުރަށް ޚަރަދުވާ ބައި، ކުރިން ދެންނެވި ޢަދަދަށްވުރެ ކުޑަވާނެ. ލަފާކުރެވެނީ އެބައިވާނީ ގާތްގަނޑަކަށް 36.5 މިލިޔަން ރުފިޔާ ކަމަށް.

 

ޢިއްޒަތްތެރި މެންބަރުން ހަނދުމަފުޅު ހުންނާނެފަދައިން، 1984 ވަނަ އަހަރުގެ ބަޖެޓް ހުށަހެޅުނުއިރު، ލިބޭ އެއްޗަކަށްވުރެ ޚަރަދުވާބައި 49.6 މިލިޔަން ރުފިޔާ އިތުރުވާނޭކަމަށް އޭރުވަނީ ލަފާކުރެވިފައި. އަދި އޭރު އުންމީދު ކުރެވިފައި އޮތީ ސަރުކާރުން އިތުރު ފިޔަވަޅުތައް އަޅައިގެން، އިތުރު އާމްދަނީ ލިބެނޭގޮތްތައް ހެދިއްޖެނަމަ 12.2 މިލިޔަން ރުފިޔާ އިތުރަށް ލިބޭނެކަމަށް. އަދި އެގޮތުން ލިބޭ އެއްޗަކަށްވުރެ ޚަރަދުވާބައި އިތުރުވާނީ 37.4 މިލިޔަން ރުފިޔާ ކަމަށް. އެއީ 1984 ވަނަ އަހަރަށް ބަޖެޓް ތައްޔާރުކުރިއިރު، މީގެ ބަރާބަރު އެއް އަހަރު ކުރިން މިއަހަރު ކަންތައްތައްވާނެ ކަމަށް ލަފާކުރެވުނު ގޮތް. ނަމަވެސް، އަހަރުގެ މިހާހިސާބަށް ދިޔައިރު، ހިސާބުތައް ދައްކާގޮތުން އަހަރު ނިމޭއިރު އާމްދަނީއަށްވުރެ ޚަރަދު އިތުރުވާނެކަމަށް ދައްކަނީ 20 މިލިޔަން ރުފިޔާ އެކަނި.

އާދެ، ކުރިން މިދިޔަ އަހަރު މިދުވަސްވަރު އަޅުގަނޑުމެން ލަފާކުރި އާމްދަނީއަށްވުރެ ޚަރަދު 49.6 މިލިޔަން ރުފިޔާ އިތުރުވާނެކަމަށް. އެހެންނަމަވެސް، މިއަހަރުގެ ތެރޭގައި އެޅުނު ފިޔަވަޅުތަކުންނާއި އަދި ޚަރަދު ކުޑަކުރެވޭތޯ ކުރެވުނު މަސައްކަތްތަކެއްގެ ނަތީޖާއެއްގެ ގޮތުން އެބައި ވަރަށްބޮޑުތަން ކުޑަވެގެން އައިސްފައި މިއޮތީ 49.6 މިލިޔަން ރުފިޔާގެ ބަދަލުގައި ޑެފިސިޓް މިހާރު ދައްކަނީ، ވާނީ މިހާރު ގާތްގަނޑަކަށް 20 މިލިޔަން ރުފިޔާ ކަމަށް. އެހެންވީމާ، 1985 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައިވެސް މިހާރު މިފެންނަ ވަރަށްވުރެ ރަނގަޅު ނަތީޖާއެއް އަހަރު ނިމޭއިރު ފެނުމަކީ ވަރަށް އެކަށީގެންވާ ކަމެއް.

އާދެ، 1985 ވަނަ އަހަރަށް ލަފާކުރެވުނު ބަޖެޓުގައި އެންމެބޮޑު ޚަރަދެއް ހިނގާނެކަމަށް ލަފާކުރެވެނީ ހިންގުމުގެ ޚަރަދަށް. އޭގެތެރޭގައި މުވައްޒަފުންގެ މުސާރައާއި، އޮފީސްތަކަށް ހޯދާ ތަކެއްޗާއި، މަރާމާތުކޮށް ބެލެހެއްޓުންފަދަ ޚަރަދުތައް ހިމެނޭ. ދެން އެންމެ މަތީ ޚަރަދެއް ދާނޭކަމަށް ލަފާކުރެވެނީ، މަސްވެރިކަމަށާއި އަދި ދަތުރުފަތުރު ކުރުމާބެހޭ ކަންތައްތައް ތަރައްޤީ ކުރުމުގެ ޚަރަދަށް. އާދެ، އެއަރޕޯޓް ޕްރޮޖެކްޓަށް، މިދެބަޔަކީވެސް ބޭރުގެ އެހީގެ ލޯނުން ހިންގޭ ޚަރަދެއް. 1985 ވަނަ އަހަރުގެ ލަފާކުރި ބަޖެޓް ޚަރަދުގައި ޖަމާޢަތުގެ ފައިދާއަށްޓަކައި ދެވޭ އެހެނިހެން ޚިދުމަތުގެ ޚަރަދަށް 34.4 މިލިޔަން ރުފިޔާ ލަފާކުރެވިފައިވޭ. ތަޢުލީމަށް ހިނގާ ޚަރަދު މިހިނގާ އަހަރަށްވުރެ ސަތޭކައަކުން ފަންސަވީސް އިތުރުވާނެ ކަމަށް ލަފާކުރެވޭ. އެއީ ކުރިންވެސް ދެންނެވި ސަބަބުތަކަށްޓަކައި. އަދި މުޅި ބަޖެޓުގެ ގާތްގަނޑަކަށް ސަތޭކައަކުން ނުވައެއް، މިހިނގާ އަހަރެކޭ ދާދި އެއްވަރަށް ޞިއްޙަތަށް ޚަރަދުވާނެކަމަށް ލަފާކުރެވޭ. ޞިއްޙަތުގެ ޚަރަދު މާބޮޑުތަން އިތުރުވެފައިނެތީ ބޭހުގެ އަގުހެޔޮކުރުމަށް މީގެކުރިން ސަރުކާރުން ދެމުންގެންދިޔަބައި 1985ގައި ނުބާއްވާގޮތަށް ހަމަޖެއްސިފައިވާތީ. ހަމައެފަދައިން، ބައެއް މަޝްރޫޢުތައް ހިނގަމުންދާގޮތުން މިސާލަކަށް، ސަރަޙައްދީ ހަސްފަތާލުތައް ކަހަލަ ތަންތަން. އޭގެ ދެ ހަސްފަތާލު 1984 ވަނަ އަހަރު ނިމި ހުޅުވިފައިވޭ. 1984 ވަނަ އަހަރަށް އޮތީ އެއް ހަސްފަތާލު ހުޅުވުން. އެކަހަލަ ބައެއް ކެޕިޓަލް ޚަރަދުވެސް 1985 ގައި ކުޑަވެފައި އޮތުމާއެކުގައި. ޙަޤީޤަތުގައި ސަރުކާރުން ޞިއްޙަތަށް ކުރާ ޚަރަދު މައްޗަށް ނުދަނީކީ ނޫން. އެއް އަހަރުން އަނެއް އަހަރަށް ދަނީ މައްޗަށް. އެހެންނަމަވެސް، މިދެންނެވި ކަހަލަ ކަންތައް ހުރުމާ އެކީގައި 1984 ވަނަ އަހަރުގެ ޚަރަދަށްވުރެ 1985ގެ ޚަރަދު މާބޮޑުތަން އިތުރުވާނެކަމަށް ދައްކަނީ.

އާދެ، މި ހިނގާ އަހަރުގެ ބަޖެޓް ފާސްކުރަން ހުށަހެޅިއިރު ލަފާކޮށްފައިވަނީ ޚަރަދު 280.5 މިލިޔަން ރުފިޔާ ވާނެކަމަށް. އޭގެތެރޭގައި، ޕްރޮޖެކްޓް ލޯނުތަކުން ލިބިގެން 106 މިލިޔަން ރުފިޔާ ޚަރަދުކުރެވޭނެ ކަމަށް އޭރު އޮތީ އަންދާޒާ ކުރެވިފައި. އެހެންނަމަވެސް، އަހަރުގެ މިހާތަނަށް ދިޔައިރު، އަޅުގަނޑުމެންނަށް ޕްރޮޖެކްޓް ލޯނުތަކުން ލިބިގެން ޚަރަދުކުރެވޭނެ ކަމަށް މިހާރު ލަފާކުރެވެނީ 28.98 މިލިޔަން ރުފިޔާ. އެއީ އިންޓަރ އައިލެންޑް ޓްރާންސްޕޯޓަށް 6.2 މިލިޔަން ރުފިޔާއާއި، މަސްވެރިކަން ކުރިއެރުވުމަށް 15.3 މިލިޔަން ރުފިޔާއާއި، އެއަރޕޯޓު ހެދުމަށް 7.4 މިލިޔަން ރުފިޔާ. ކުރިން ލަފާކޮށްފައިވާވަރަށް ޕްރޮޖެކްޓް ލޯނުތަކުން ލިބިގެން ޚަރަދު ކުރެވުނު ބައި މަދުވަނީ، އަޅުގަނޑުމެންގެ ޤާބިލިއްޔަތު ހުރިވަރުން އަޅުގަނޑުމެންނަށް ހުރިހާ ކަމެއް، އެންމެ އެދެވޭ ހަލުވިކަމާއެކު ނުގެންދެވޭތީ.

1985 ވަނަ އަހަރަށް ޕްރޮޖެކްޓް ލޯނުން ލިބިގެން ޚަރަދުކުރެވޭނެ ކަމަށް ލަފާކޮށްފައިވާ ޢަދަދު އެއީ 86 މިލިޔަން ރުފިޔާ. މި ފައިސާ ބެހިފައިވާ ގޮތަކީ:

މަސްވެރިކަމަށް 32.1 މިލިޔަން ރުފިޔާ

ވައިގެ ދަތުރުފަތުރު ތަރައްޤީކުރުމުގެ މަޝްރޫޢުތަކަށް 25.4 މިލިޔަން ރުފިޔާ

ކަނޑުގެ ދަތުރުފަތުރު ތަރައްޤީކުރުމުގެ މަޝްރޫޢުތަކަށް 11.1 މިލިޔަން ރުފިޔާ

އިލެކްޓްރިސިޓީގެ ބަޔަށް 5.8 މިލިޔަން ރުފިޔާ

މުވާޞަލާތު 0.6 މިލިޔަން ރުފިޔާ

އިޖުތިމާޢީ ޚިދުމަތް. އެއީ، ފެނާއި ފާޚާނާއާބެހޭ މަސައްކަތަށް 10.9 މިލިޔަން ރުފިޔާ

މިއަހަރުތެރޭގައިވެސް މިހުރިހާ ޕްރޮޖެކްޓްތަކެއް އޭގެ އެންމެ ފުރިހަމަ އަމާޒާ ހަމައަށް ގެންދެވޭގޮތް ނުވުމަކީ އެކަށީގެންވާ ކަމެއް. އެހެން ދިމާވެއްޖެނަމަ ލަފާކުރެވިފައިވާ ޚަރަދަށްވުރެ ޙަޤީޤީ ޚަރަދު ކުޑަވެގެންދާނެ. މިބައިގެ އިތުރަށް، ސަރުކާރުގެ އޮފީސް އޮފީހުން ހިނގާ ޚަރަދުތައް ކުޑަކުރެވޭތޯ، މިހިނގާ އަހަރު ވަރަށްގިނަ އިތުރު ފިޔަވަޅުތައް އެޅިފައިވޭ. އޭގެތެރޭގައި، އޮފީސްތަކުގެ ބަޖެޓުގައި ހިމަނާފައިވާ ކެޕިޓަލް ޚަރަދުތަކުގެ ބަޔާއި، ތެލާއި ސްޕެއަރ ޕާރޓްސްގެ ބައި އޮފީސްތަކުގެ ބަޖެޓުން އުނިކޮށް، ވަކި ޚާއްޞަ އެކައުންޓަކަށް ބަދަލުކޮށްގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބެލުމުގެ ދަށުން ދޫކުރާގޮތަށް ހަމަޖެއްސުނު. މީގެ ނަތީޖާއެއްގެ ގޮތުން، އެ ޚަރަދުތައް ކޮންޓްރޯލް ކުރެވުނު. އަދި އެކަންކަމަށް ލަފާކުރެވުނު ވަރަށްވުރެ ޚަރަދުކުޑަވެގެންދިޔަ. އެހެންކަމުން މިލިބުނު ތަޖުރިބާގެމަތިން 1985 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނޭ، ކުރިން ދެންނެވި ބައިތަކާއި، އޭގެ އިތުރަށް، ސަރުކާރުގެ ފަރާތުން ކުރަންޖެހޭ ބޭރު ދަތުރުތަކުގެ ޚަރަދުވެސްވަނީ އޮފީސްއޮފީހުގެ ބަޖެޓުން އުނިކޮށް، ވަކިބައެއްގެ ގޮތުގައި ހަމަޖައްސާފައި. އެހެންކަމާއެކު، 1985 ވަނަ އަހަރު ހިނގާ ޚަރަދުވެސް މިހާރު މިލަފާކުރެވޭ ވަރަށްވުރެ ކުޑަވެގެންދާނެކަމަށް އުންމީދުކުރެވޭ.

އަޅުގަނޑު މި ދެންނެވި މަޢުލޫމާތުތަކުގެ އިތުރަށްވެސް ވަރަށްގިނަ ތަފްޞީލުތައް، ތިޔަބޭފުޅުންގެ އަތްޕުޅަށް މިހާރު އެރުވިފައިވާ މަޢުލޫމާތު ކަރުދާސްތަކުން ފިލާވަޑައިގަންނަވާނެ. ބަޖެޓުގެ އެކި ބައިބަޔަށް ސަތޭކައަކުންޖެހޭވަރުވެސް އެނގިވަޑައިގަންނަވާނެ. ދެން ބަޖެޓާ ބެހޭގޮތުން އިތުރު ތަފްޞީލް ބޭނުންފުޅުނަމަ، ދެންމެ އަޅުގަނޑުގެ ވާހަކަ ފެށުމުގެ ކުރިން، މަޖިލީހުގެ ޢިއްޒަތްތެރި ރައީސް އެ އިޝާރާތް ކުރެއްވިފަދައިން، މެންބަރުން ސުވާލު ކުރެއްވުމުން ޖަވާބު ދެއްވުމަށް ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ޑިރެކްޓަރ އަލްފާޟިލް އިސްމާޢީލް ފަތުޙީ މަޖިލީހުގައި އިންނަވާނެ. އޭނާއާ ސުވާލުކުރެއްވުމުން ބޭނުންފުޅުވާ ތަފްޞީލުތައް ދެއްވާނެ.

ބަޖެޓް ހުށަހަޅާއިރު ރާއްޖޭގެ އިޤްތިޞާދީ ޙާލަތާމެދު އަދި ދުނިޔޭގެ އިޤްތިޞާދީ މައްސަލަތައް ހުރިނެތްގޮތާމެދު އެއްޗެއް ދަންނަވާލުމަކީ ބޭނުންކަމެއް ކަމުގައި އަޅުގަނޑު ދެކެން. 1984 ވަނަ އަހަރަކީ އިޤްތިޞާދީ ރޮނގުގައި ރާއްޖެ ކުރިޔަށްދިޔަ އަހަރެއް ކަމުގައިވިޔަސް، އަޅުގަނޑުމެންގެ އަމިއްލަ ބާރު ނުފޯރުވޭފަދަ ސަބަބުތަކާ ގުޅިގެން އިޤްތިޞާދީ ދަތިތަކަކާ ކުރިމަތިލާންޖެހުނު އަހަރެއް. މިދެންނެވި ދަތިތަކަކީ މީގެކުރީގެ ދެތިން އަހަރަކުއްސުރެ އަޅުގަނޑުމެންނަށް ދިމާވަމުން އައިސްފައިވާ ކަންތައްތަކެއް. އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖެއަށް އާމްދަނީ ލިބޭ މައިގަނޑު ރޮނގުތަކަކީ މަސްވެރިކަމާއި، ޓޫރިޒަމާއި އަދި ބޯޓުފަހަރު ދުއްވުން. މީގެތެރެއިން މަސްވެރިކަން ކުރިއަށް ގެންދެވޭތޯ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ މިހާރުދަނީ ފެންނަމުންނޭ އަޅުގަނޑަށް ދެންނެވިދާނެ. އާދެ، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ބޭނުނު މަހުގެ ޢަދަދާއި، ރާއްޖެއިން ބޭރުކުރެވުނު މަހުގެ ޢަދަދުވަނީ ކުރީ އަހަރުތަކަށްވުރެ އެތައް ތަނެއް އިތުރުވެފައި. ރާއްޖޭގައި އުފައްދާ ދަޅުގައި ބަންދުކުރި މަހަށާއި ލޮނުމަހަށްވާނީ އެކަށީގެންވާ ބޭރުގެ މާކެޓުތައް ލިބިފައި. އެހެންނަމަވެސް، ބޭރުގެ މާކެޓުތަކުގައި މަހުގެ އަގު އަދިވެސް ރަނގަޅުނުވުމުގެ ސަބަބުން މަސްވެރިކަމުން ލިބެންޖެހޭ އާމްދަނީ އެންމެ އެކަށީގެންވާގޮތަށް އިތުރުވަމުންގޮސްފައެއް ނެތްކަމަށް ދަންނަވަންޖެހެނީ. ހަމައެހެންމެ، މަސްވެރިކަން ކުރިއެރުވުމުގެ ގޮތުން، އިތުރު ތަންތަން ހެދުމަށާއި، ބޯޓުފަހަރު ހޯދުމަށް އިންވެސްޓް ކުރެވޭ ޢަދަދުވެސް ދަނީ ގިނަވަމުން.

ޓޫރިޒަމް ދާއިރާއަށް ބަލާއިރު، 1984 ވަނަ އަހަރު ފެންނަނީ 1983 ވަނަ އަހަރަށްވުރެ ރަނގަޅު އަހަރެއް ކަމުގައި. މިދެންނެވީ ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު 1983 ވަނަ އަހަރަށްވުރެ 1984 ވަނަ އަހަރު ގިނަވެފައިވާކަމަށް މިހާތަނަށް ހިސާބުތަކުން ދައްކާ. އަދި ޓޫރިޒަމުން ސަރުކާރަށް ލިބޭ އާމްދަނީވެސް ދަނީ އިތުރުވަމުން. މި ދަނޑިވަޅުގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ސިންގަޕޯރ އެއަރލައިންގެ ބޯޓުފަހަރު ޖައްސަންޖެހުމުން، އަޅުގަނޑުމެންގެ ޓޫރިޒަމަށް އިތުރު ކުރިއެރުމެއް އައިކަން ފާހަގަކޮށްލަންޖެހޭ. މިކަންކަން މިހެން ހުރުމާއެކުވެސް، ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ސަރުކާރުގެ ފަރާތުން އަދާކުރަންޖެހޭ ކަންތައްތައް، އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން ދިޔުމާއެކު، ނުސީދާގޮތެއްގައި ސަރުކާރުން މިކަމަށް ކުރަންޖެހޭ ޚަރަދުތައްވެސް ދަނީ އިތުރުވަމުން. އަދި ރާއްޖޭގެ ކައިރީގައިވާ އޮޅުދޫކަރައިގެ ސިޔާސީ މަސްރަޙު އޮންނަގޮތުން އަޅުގަނޑުމެންގެ ޓޫރިޒަމަށް ހިސާބަކަށްނަމަވެސް ދަނީ ނުރަނގަޅު އަސަރުތަކެއް ފޯރަމުން. 1983 ވަނަ އަހަރު މިގޮތަށް ދަށަށްދިޔަދިޔުން، މިއަހަރުގެ ކުރީކޮޅުގައިވެސް ފާހަގަކުރެވިގެންދިޔަ.

ބޯޓު ދުއްވުމުގެ މަސައްކަތަށް ބަލާއިރު، ވޭތުވެދިޔަ އަހަރުވެސް ސަރުކާރަށް އެކަށީގެންވާ އާމްދަނީއެއް އެމަސައްކަތުން ލިބިފައެއް ނެތް. ސަބަބަކީ މީގެ ދެތިން އަހަރެއް ކުރިން މުޅި ދުނިޔޭގެ އިޤްތިޞާދަށް އައި ހީނަރުކަމުން ބޯޓުފަހަރުން މުދާ އުފުލުމަށް އައި އުނިކަން އަދިވެސް ހަމަޖެހެމުންނުދާކަން. ދުނިޔޭގެ އެއްތަނުން އަނެއްތަނަށް އުފުލަން ލިބޭ މުދަލަށްވުރެ ބޯޓުފަހަރު ގިނަވުމުން، މުދާ އުފުލުމުގެ ނާލުގެ އަގު ދަށްވެފައިވާކަން. މިކަންތައްތައް މިހެން ދިމާވުމުން، ސަރުކާރުގެ ބޯޓުދުއްވާ ކުންފުންޏަށް ވޭތުވެދިޔަ އަހަރުވެސް ވީ ގެއްލުން. އަދި ސަރުކާރުގެ ބޭރު ފައިސާއިން ކުރަންޖެހޭ ޚަރަދުތަކުގެ ތެރެއަށް އެކުންފުނީގެ ދަރަނީގެ ބުރަ ދިޔައީ އިތުރުވެގެން.

ކުރިން ދެންނެވި ދާއިރާތަކުގެ އިތުރަށް، ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރެވޭތޯ ސަރުކާރުން ބައެއް އިތުރު ފިޔަވަޅުތައް މިދިޔަ އަހަރުގެތެރޭގައި އަޅާފައިވޭ. އޭގެތެރޭގައި ބޭރުގެ ކުންފުނިތަކާ ގުޅިގެން ރާއްޖޭގެ މަތިންދާބޯޓު ދުއްވާ ކުންފުންޏެއް، ''މޯލްޑިވްސް އެއަރވޭޒް''ގެ ނަމުގައި އުފެދުނުކަން ފާހަގަކޮށްލެވޭ.

އަޅުގަނޑުމެންގެ ރާއްޖޭގައި އިޤްތިޞާދީ ކަންތައްތައް ހުރިގޮތުގެ މައްޗަށްބަލާއިރު، ދުނިޔޭގެ ޙާލަތު ހުރީ ކިހިނެއްތޯ ޚިޔާލުކޮށްލަންޖެހޭ. އަދި އެއާ ނިސްބަތްވާގޮތަށް އަޅުގަނޑުމެންގެ ޙާލަތު ދައްކަނީ ކޮންކަހަލަ ނިޝާންތަކެއްތޯ ވިސްނާލުންވެސް ރަނގަޅުވާނެ. އަޅުގަނޑުމެންނަކީވެސް ދުނިޔޭގެ ބައެއް. ދުނިޔޭގެ އިޤްތިޞާދީ އޮއިވަރުގެ ތެރޭގައި އަޅުގަނޑުމެންވެސް ބައެއް ޙިއްޞާކުރަންޖެހޭ. ޚާއްޞަކޮށް، އަޅުގަނޑުމެންފަދަ ޤުދުރަތީ މުއްސަނދިކަމުގެ ގިނަ ބައިތަކެއް ނެތް ޤައުމުތަކަކަށް، ދުނިޔެއަށް އަންނަ އިޤްތިޞާދީ ދަތިކަން މާބޮޑަށް މެދުވެރިވޭ. ކަން މިހެން ހުރުމާއެކުވެސް، ވޭތުވެދިޔަ އަހަރު ރާއްޖޭގައި ތަކެތީގެ އަގު މައްޗަށްދިޔުން ވަނީ އޭގެކުރީގެ އަހަރުތަކަށްވުރެ ކުޑަވެފައި. އެނގިވަޑައިގަންނަވާނެ ފަދައިން، އިންފްލޭޝަން ނުވަތަ މުދަލުގެ އަގު ބޮޑުވަމުންދިޔުން އެއީ ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކާ ކުރިމަތިވެފައިވާ ވަރަށްބޮޑު އިޤްތިޞާދީ މައްސަލައެއް. އަޅުގަނޑުމެންގެ ރާއްޖެއަށް ވިސްނާއިރު، ތަކެތީގެ އަގުބޮޑުވުން، އެހެން ތަންތަނަށްވުރެ ވަރަށްބޮޑުތަން ރަނގަޅޭ ދަންނަވަންޖެހޭ. އެއް އަހަރުން އަނެއް އަހަރަށް ތަކެތީގެ އަގު ބޮޑުވަމުންދިޔުން އަޅުގަނޑުމެންގެ ރާއްޖޭގައި ވަނީ ވަކި ދާއިރާއެއްގެ ތެރޭގައި ހިފެހެއްޓިފައި. އެނގިވަޑައިގަންނަވާނެ، އެންމެ މުހިންމު އެއްޗަކަށް އޮންނަނީ ކާޑުގެ ބާވަތްތައް. ހަނޑޫ، ހަކުރު، ފުށް. އެހެން ތަންތާނގައި އެ އެއްޗެތީގެ އަގުބޮޑުވަމުންދާ މިންވަރަކާ ގާތަކަށްވެސް ރާއްޖޭގެ ކާބޯތަކެތީގެ އަގުބޮޑުވަމުންނެއް ނުދޭ. އެހެންވީމާ، މިދެންނެވިގޮތުގެ މަތިން، އިންފްލޭޝަން، ރާއްޖޭގައި އޮންނަނީ ވަރަށް ކުޑަކުޑަ ދާއިރާއެއްގެ ތެރޭގައި ހިފެހެއްޓިފައި.

ވޭތުވެދިޔަ ދެތިން އަހަރެއްގެ ތެރޭގައި އިޤްތިޞާދިއްޔަތު މައްޗަށް ޖެހިފައިވަނީ ހަމައެކަނި ދުނިޔޭގެ ޤައުމުތަކަށް ވިސްނާއިރު އެމެރިކާގައި. އެއާއެކު މަސައްކަތް ނުލިބި ތިބި މީހުންގެ ޢަދަދުވެސް އެތާނގައި ދިޔައީ ދަށަށް. ޞިނާޢީ ޤައުމުތަކުގެ ކުރިއެރުމުގެ އެވްރެޖް ރޭޓަކީ 1983 ވަނަ އަހަރު ސަތޭކައަކުން ދޭއްބައި، 1984 ގައި މިރޭޓް ސަތޭކައަކުން ހަތަރެއް ބަޔަށް ދާނެކަމަށް އިޤްތިޞާދީ މާހިރުން ލަފާކުރޭ. އަޅުގަނޑުމެންގެ ރާއްޖެއަށް ބަލާއިރު، ރާއްޖޭގެ ކުރިއެރުމުގެ ރޭޓް، އޭގެ ހަލުވިކަން، ވޭތުވެދިޔަ ދެއަހަރުވެސް، މިދެންނެވި ރޭޓަށްވުރެ މަތިކަން ފާހަގަކުރެވޭ. ދުނިޔޭގެ ވިޔަފާރި ކުރިއެރުމުގެ ރޭޓް، 1983 ވަނަ އަހަރުގައި ދައްކާފައިވަނީ ސަތޭކައަކުން ދޭއް ކަމަށް. 1984 ގައި ސަތޭކައަކުން ފަހެއްބަޔަށް ދާނެކަމަށް މާހިރުން ބުނޭ. އެހެންނަމަވެސް، ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި މިފަދަ ކުރިއެރުމެއް އައިސްފައެއް ނެތް. ގިނަ ޤައުމުތަކަށްވަނީ ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައި. އަދި ދަރަނިވެރިވެފައި. ބައިނަލްއަޤްވާމީ އިޤްތިޞާދިއްޔަތު ދަށަށް ދިޔުމުން، އެ ޤައުމުތަކާ ދިމާވި ދަތިތަކުން ސަލާމަތްވެވުނު މަދު ޤައުމަކަށްވެސް އެކަން ކުރެވިފައިވަނީ ސިޔާސީ ނުރައްކަލެއްގެ ތެރޭގައި ތިބެގެން. ދެން ހުރި އެހެން ޤައުމުތަކުގެ ޙާލުއޮތީ ވަރަށް ނޭދެވޭ ދަރަޖައަކަށް ވެއްޓިފައި. ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި، މިދިޔަ ދެތިން އަހަރެއްގެތެރޭގައި އެއްވެސް ކުރިއެރުމެއް ނެތޭ ދެންނެވިޔަކަސް ދޮގަކަށްނުވާނެ. އިންޑިޔާއާއި ޗައިނާ ނުލާ ބަލައިފިނަމަ، ފެންނަ ނަތީޖާ އަދި މިއަށްވުރެވެސް މާދެރަ. ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ޚާއްޞަކޮށް، ދެކުނު އެމެރިކާގެ ދަރަނިވެރިވެފައިވާ ޤައުމުތަކުގައި، އެތަންތާނގެ ބޮލަކަށްޖެހޭ ޢަދަދު އާދެ، ޤައުމަށް ލިބޭ އާމްދަނީން ބޮލަކަށްޖެހޭވަރު، ވޭތުވެދިޔަ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ދިޔައީ ދަށަށް. އެވްރެޖް ގޮތެއްގައި ސަތޭކައަކުން ހައެއް ނުވަތަ ހަތެއް އޮތީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި. މިދެންނެވި ބޮލަކަށްޖެހޭ ޢަދަދު ދަށަށް ގޮސްފައި. އެއާ ޚިލާފަށް، ރާއްޖޭގައި ބޮލަކަށްޖެހޭ އާމްދަނީގެ ޢަދަދު ދިޔައީ 1983 އާއި 1984ގައި އިތުރުވަމުން.

އެފްރިކާގެ ބޮޑު ސަހާރާގެ ދެކުނުގައިވާ ޤައުމުތަކުގައި ދިރިއުޅުމުގެ ފެންވަރުވެސް ވޭތުވެދިޔަ އަހަރުތަކުގައިވަނީ ދަށަށް ގޮސްފައި. ތެޔޮނުނަގާ ތަރައްޤީވަމުން އަންނަ ޤައުމުތައް، މުދާ ބޭރުކޮށްގެން ލިބޭ އެއްޗެއްގެ ސަތޭކައަކުން އަށާރަ ބައި، ކުރީ އަހަރަށްވުރެ 1983 ގައި މަދުވެފައިވާ ކަމަށް ބައިނަލްއަޤްވާމީ ހިސާބުތަކުން ދައްކާ. އަދި މިކަމުގެ ސަބަބުން ދުނިޔޭގެ ޞިނާޢީ ޤައުމުތަކުގައި މަސައްކަތްކުރާ މީހުންގެ ސަތޭކައަކުން 8.3 އެވްރެޖް ގޮތެއްގައި މަސައްކަތް ނެތިފައި ތިބިކަމަށްވެސް ދައްކާ. އެއީ ގާތްގަނޑަކަށް 30 މިލިޔަނަށްވުރެ ގިނަ ޢަދަދެއްގެ މީހުން. ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި މިގޮތަށް ތިބި މީހުންގެ ޢަދަދު ނިސްބަތުން މިއަށްވުރެވެސް ގިނަ.

ދުނިޔޭގެ މި އޮއިވަރުގެ ތެރޭގައި އަޅުގަނޑުމެންނަށްވެސް ވަނީ އުޅެންޖެހިފައި. އަދި އަޅުގަނޑުމެންގެ ކަންތައް ހުރިގޮތުން ވަރަށްމަދު އެއްޗެއް ފިޔަވައި ހުރިހާ އެއްޗެއްވެސް ހޯދަން ޖެހިފައިވަނީ ރާއްޖެއިން ބޭރުން. ވުމާއެކު ޤައުމުގެ އިޤްތިޞާދީ ޙާލަތު ވަޒަންކުރާއިރު، ޤައުމަށް ލިބޭ ބޭރުފައިސާއާއި، އެއިން ހޭދަކުރަންޖެހޭ މިންވަރު އެއީ ވަރަށް ޚާއްޞަގޮތެއްގައި ބަލަންޖެހޭނެ އެއްޗެއް ކަމުގައިވޭ. އަދި ސަރުކާރުގެ ބަޖެޓް ހުށަހަޅާއިރު، މިދެންނެވި ބޭރުފައިސާގެ ހިސާބަށް އާދެ، ބެލެންސް އޮފް ޕޭމަންޓްގެ ހިސާބާމެދު ވިސްނާލަންޖެހޭ.

1983 ވަނަ އަހަރު އަޅުގަނޑުމެންގެ ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓް އާދެ، އެއީ އަޅުގަނޑުމެންގެ ރާއްޖެއިން ބޭރުކުރާ މުދަލާއި، ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގުގެ ނިސްބަތް. ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓް ދައްކަނީ އަޅުގަނޑުމެންނަށް ފަހިގޮތަކަށްނޫން. އަޅުގަނޑުމެންނަށް އެތެރެކުރެވުނު އެއްޗެތި، ބޭރުކުރެވުނު އެއްޗިއްސަށްވުރެ މާގިނަ. ކަރަންޓް އެކައުންޓުގެ ބާކީގައި ރާއްޖެއަށް 24.2 މިލިޔަން ޔޫ.އެސް.ޑޮލަރު އިތުރަށް ޚަރަދުކުރެވިފައިވާ ކަމަށް ދައްކާ. އެއީ 1983 ވަނަ އަހަރު ނިމުނުއިރު. އެހެންނަމަވެސް، 1984 ވަނަ އަހަރު ނިމޭއިރު، ކަރަންޓް އެކައުންޓުން ބާކީ އޮންނާނެ ކަމަށް ލަފާކުރެވެނީ، މިދެންނެވި 24.2 މިލިޔަން ޑޮލަރަށްވުރެ ކުޑަކޮށް. އާދެ، ގާތްގަނޑަކަށް 22 މިލިޔަން ޔޫ.އެސް.ޑޮލަރު. އެހެންކަމުގައިވަނީނަމަ، މިއަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް 2 މިލިޔަން ޑޮލަރުގެ ކުރިއެރުން ބެލެންސް އޮފް ޕޭމަންޓާ ބެހޭގޮތުން ލިބިފައިވާ ކަމަށް ދެންނެވިދާނެ.

ބޭރުފައިސާ ރާއްޖެއަށް ލިބޭ މައިގަނޑު ވަސީލަތްތަކަކީ، މަސްވެރިކަމާއި، ޓޫރިޒަމާއި، ބޯޓުފަހަރު ދުއްވުން ކަމުގައި މީގެކުރިންވެސް ދެންނެވިން. ބޭރުފައިސާ ހޭދަކުރަންޖެހޭ މުހިންމު ކަންތައްތަކަކީ، ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި، ތެލާއި އަދި އެ ނޫންވެސް މުދާ އިމްޕޯޓް ކުރުމާއި، ރާއްޖެ ބައިވެރިވާ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުގެ ޗަންދާ ދެއްކުމާއި، ތަރައްޤީގެ މަޝްރޫއުތަކަށް ނަގާފައިވާ ލޯނުތައް އަދާކުރުން. މި ދެންނެވި ލޯނުތަކަކީ ވަރަށް ދިގު މުއްދަތަކަށް ޚިދުމަތުގެ ކުޑަކުޑަ އަގަކާއެކު ސަރުކާރަށް ލިބިފައިވާ ލޯނުތަކެއް. މިހާތަނަށް މިގޮތުން ސަރުކާރަށް ލިބިފައިވާ ލޯނުތަކަށް ސަރުކާރަށް އަނބުރާ ދައްކަންޖެހޭ ޚިދުމަތުގެ އަގާއި، ލޯނުގެ ފައިސާ އަންނަނީ ވަގުތުން ބަރާބަރަށް ފުރިހަމައަށް ދައްކަމުން. ކުރިއަށް އޮތް އަހަރަކީ މިދެންނެވި ލޯނުތައް އަދާކުރުމުގައި، ކުރިންވެސް އިޝާރާތްކުރި ފަދައިން، އެންމެބުރަ އުފުލަންޖެހޭނެ އެއް އަހަރު. އެހެންކަމުން، ބޭރުފައިސާ އިތުރަށް ލިބޭނެ ގޮތްތައް ހޯދުމާއި، ބޭރުފައިސާ ހޭދަކުރަންޖެހޭނެ ކަންތައްތައް މަދުކުރުމަށް ފިޔަވަޅުތަކެއް އަޅަންވަނީ މަޖުބޫރުވެފައި. ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް އަދި މިހިނގާ އަހަރުގެތެރޭގައިވެސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފަރާތުންނާއި، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްގެ ފަރާތުން ވަނީ މިކަމަށްޓަކައި ފިޔަވަޅުތަކެއް އަޅުއްވާފައި. އިމްޕޯޓް ލައިސަންސް ދޫކުރުމުގެ ޤަވާޢިދު ހެއްދެވުމާއި، އެލް.ސީ. ހުޅުވައިގެން ނޫނީ މުދާ ގެނައުން މަނާކުރެއްވުންފަދަ ކަންތައްތައް ކުރައްވާފައި.

މީގެ އިތުރަށް، ބެލެންސް އޮފް ޕޭމަންޓްސްގެ ދަތިތައް ފިލުވޭތޯ ވޭތުވެދިޔަ އަހަރުގެތެރޭގައި ސަރުކާރުން ވަރަށް ޚާއްޞަ މަސައްކަތެއް ކޮށްފައިވޭ. އެއީ، ވާރލްޑް ބޭންކްގެ ލަފާގެމަތިން އަދި އެމީހުންގެ އެހީއާއެކު ރާއްޖޭގެ ތަރައްޤީއަށް އެހީވެދޭ އެކުވެރި ޤައުމުތަކަށް ހާމަކޮށްދިން ދިނުން. މިއީ މިއަދުގެ ދުނިޔޭގައި ތަރައްޤީވަމުން އަންނަ ޤައުމުތައް ޢަމަލުކުރަމުން އަންނަގޮތަށް އަޅުގަނޑުމެންގެ ރާއްޖެއިންވެސް އެޅި މުހިންމު ފިޔަވަޅެއް. މީގެ އިތުރަށް، ވޭތުވެދިޔަ އަހަރު އަޅުގަނޑު ރާއްޖެއިން ބޭރަށް ކުރި ދަތުރުތަކުގައި ޒިޔާރަތްކުރި ޤައުމުތަކުގެ ވެރިންނާ ބައްދަލުކޮށް، އަޅުގަނޑުމެންގެ ޙާލަތު ހުރިގޮތް އެބޭފުޅުންނަށް އޮޅުންފިލުވައިދީ ހެދިން. މިމަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، އެކުވެރި ބައެއް ޤައުމުތަކުން އަޅުގަނޑުމެންނަށް މިހާރުދަނީ ބެލެންސް އޮފް ޕޭމަންޓްސް މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި އެހީ ލިބެމުން. އެހެންކަމުން، 1984 ވަނަ އަހަރާއި 1985 ވަނަ އަހަރު ރާއްޖޭގެ ބެލެންސް އޮފް ޕޭމެންޓްސް މިހާރަށްވުރެ އަޅުގަނޑުމެންނަށް ފަހިގޮތެއްގައި ފެންނާނެކަމަށް ވަރަށްބޮޑަށް އުންމީދުކުރެވޭ.

އާދެ، 1985 ވަނަ އަހަރަށް ލަފާކުރި ބަޖެޓް ޚަރަދާއި، އެއާ ގުޅޭގޮތުން ބައެއް މައުލޫމާތު، އަޅުގަނޑު މިދެންނެވީ އަދި އެއާއެކު ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ހުރިގޮތާއި، ދުނިޔޭގެ ޢާންމު އިޤްތިޞާދިއްޔަތުވެސް ކުރުގޮތަކަށް ބަޔާންކުރެވޭތޯ އަޅުގަނޑު ބަލައިފިން. މި ފުރުޞަތުގައި އަޅުގަނޑު ދަންނަވާލަން އޮތް އަނެއް ވާހަކައަކީ، ކުރިމަތީގައި އޮތް 1985 ވަނަ އަހަރަކީ، ރާއްޖޭގައި ތަރައްޤީގެ މަޝްރޫޢުތަކެއް ފެށުމަށް ޤަޞްދުކޮށްފައިވާ އަހަރެއް ކަމަށް. އާދެ، އެއީ މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓްގެ ފަރާތުން ތައްޔާރު ކުރައްވާފައިވާ ރާއްޖޭގެ 3 އަހަރުގެ ޤައުމީ މަޝްރޫޢު. އަދި އެމަޝްރޫއުގައި ހިމެނިފައިވާ އެކިއެކި މަސައްކަތްތައް. އާދެ، މިދެންނެވި ރާއްޖޭގެ 3 އަހަރުގެ ޤައުމީ މަޝްރޫއުގެ ފުރަތަމަ ދެލިކޮޕީ މިހާރުވަނީ ތައްޔާރުކޮށް ނިމިފައި. އަދި އެ މަޝްރޫޢާ ބެހޭގޮތުން މަޝްވަރާ ހޯދުމަށްޓަކައި ވަނީ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅިފައި. ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ މުހިންމު ދާއިރާތަކާ ބެހޭގޮތުން ކުރިއަށް އޮތް 3 އަހަރު އަޅަން ޤަޞްދުކުރެވޭ އަދި ރޭވިފައިވާ ފިޔަވަޅުތައް ވަނީ މިދެންނެވި ޤައުމީ މަޝްރޫޢުގައި ފާހަގަކުރެވިފައި. އެހެންކަމާއެކު، ސަރުކާރުގެ ބަޖެޓް ހިންގުމުގައި ރާއްޖޭގެ މިމަޝްރޫޢާ އެއްގޮތްވާގޮތުގެ މަތިން ތަރައްޤީގެ ސިޔާސަތު ދެމެހެއްޓޭތޯ ބަލަންޖެހޭނެ. އަޅުގަނޑުމެން ރާވާފައިވާ މަޝްރޫޢެއްގައިވާ މަޤްޞަދުތައް ޙާޞިލުކުރުން އެއީ، އަޅުގަނޑުމެންގެ ލަނޑުދަނޑިއެއް ކަމުގައި ވާންވާނެ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން ދަންނަވަން. ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ސަރުކާރުގެ ޚަރަދުތައް ވީހާވެސް ކުޑަކުރެވޭތޯ. އެއާއެކު ސަރުކާރަށް ލިބޭ އާމްދަނީ އިތުރުކުރެވޭނެ މަގުތައް ހޯދޭތޯ. މިކަމަށްޓަކައި ތިޔަ ޢިއްޒަތްތެރި މެންބަރުންގެ އަރިހަށް އާދެ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭ ކަންތައްތައް، ކުރިއަށް އޮތް ތާނގައި ސަރުކާރުގެ ފަރާތުން ހުށަހަޅަމުން ގެންދާނެ.

ޙަޤީޤަތަށް ވިސްނާއިރު، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަކީ ހަމައެކަނި ސަރުކާރުގެ މަސައްކަތެކޭ ދެންނެވޭކަށް ނެތް. އެއީ ސަރުކާރުގެ އިތުރަށް، އަމިއްލަ ފަރާތްތަކާއި އަދި ރައްޔިތުންގެވެސް މަސައްކަތެއް. ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސް ރަނގަޅު ކުރުމަކީވެސް ހަމަ މިގޮތަށް އޮތް ކަމެއް. ރާއްޖެއަށް ބޭނުންނޫން ތަކެތި އެތެރެކުރުން މަދުކުރުމަށް، ރާއްޖެއަށް ބޭނުންވާވަރަށްވުރެ ގިނައިން މުދާ ނުގެނައުންފަދަ ކަންތައްތަކަކީ، ޢާންމު ވިޔަފާރިވެރިންނަށްވެސް ކުރެވެންހުރި ކަންތައްތަކެއް. ހަމައެފަދައިން، ރާއްޖޭގައި އުފެއްދެންހުރި ތަކެތި އުފެއްދުން އިތުރުކޮށް، އެފަދަ ތަކެތި ބޭރުން ގެނައުން މަދުކުރުމަށް ބާރުއެޅުމަކީ، އަޅުގަނޑުމެން އެންމެންނަށްވެސް ކުރެވިދާނެ ކަންތައްތަކެއް. ކުރިއަށް އޮތް ތާނގައި މިފަދަ ކަންތައްތައް އިޞްލާޙު ކުރުމުގެގޮތުން ސަރުކާރުން ތަފާތު ފިޔަވަޅުތައް އަޅަމުން ގެންދާނެ. ސަރުކާރުން އަބަދުވެސް މަސައްކަތްކުރަނީ ރާއްޖޭގެ އެންމެންނަށް ފައިދާހުރި ކަންތައްތައް ތަރައްޤީ ކުރެވޭތޯ. ވަކިބައެއްގެ މަޞްލަޙަތު ރައްކާތެރި ކުރުމުގެ ބަދަލުގައި، އެންމެހާ ރައްޔިތުންނަށް ރަނގަޅު ގޮތްތައް ހޯދައިދެވޭތޯ.

1985 ވަނަ އަހަރަށް ލަފާކުރި ބަޖެޓް ތިޔަބޭފުޅުންގެ އަރިހަށް ހުށަހެޅުމަށްފަހު، ތިޔަބޭފުޅުންނާ ވަކިވުމުގެ ކުރިން، ތިޔަބޭފުޅުން އަޅުގަނޑުގެ ވާހަކަތަކަށް ސަމާލުކަން ދެއްވައި އަޑުއައްސަވަން ތިއްބެވިކަމަށްޓަކައި ތިޔަ ޢިއްޒަތްތެރި މެންބަރުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އޮތްގޮތާއި، ސަރުކާރުގެ ޚަރަދުތަކާއި، އާމްދަނީގެ މައްޗަށް ފުރިހަމައަށް ވިސްނާވަޑައިގެން ތިއްބަވައިގެން، މިއަދު ސަރުކާރުން މިހުށަހެޅުނު ބަޖެޓާމެދު މަޖިލީހުގައި ޚިޔާލުކުރައްވައި މަޝްވަރާ ކުރައްވާނެ ކަމުގައި އަޅުގަނޑު ޔަޤީންކުރަން.

މި ބަޖެޓް އެކުލަވައިލެއްވުމުގައި އަދި ބަޖެޓާބެހޭ މަޢުލޫމާތު ތައްޔާރުކުރެއްވުމުގައި ވޭތުވެދިޔަ އަހަރުތަކެކޭވެސް އެއްފަދައިން، ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ޑިރެކްޓަރ އަލްފާޟިލް އިސްމާޢީލް ފަތުޙީ ކުރެއްވި ބުރަ މަސައްކަތަށްޓަކައި އަޅުގަނޑު އޭނާއަށް ޝުކުރު ދަންނަވަން. އެއާއެކު، ޑިޕާޓްމަންޓް އޮފް ފިނޭންސްގެ އެހެން މުވައްޒަފުންނަށްވެސް ޝުކުރު ދަންނަވަން. ހަމައެފަދައިން، މި މަސައްކަތުގައި ވަރަށް ޢަމަލީގޮތެއްގައި ބައިވެރިވެވަޑައިގެންދެއްވި ބަޖެޓް ކޮމިޓީގެ ހުރިހާ މެންބަރުންނަށާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެވެސް ކަމާބެހޭ ބައިގެ މުވައްޒަފުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، ރާއްޖޭގެ އިޤްތިޞާދީ ހާލަތު، އެއްދުވަހުން އަނެއްދުވަހަށް ރަނގަޅުވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ކުރިއަށް ގެންދިޔުމުގައި اللّـه تبارك وتعـالى ހެޔޮތައުފީޤު ދެއްވުން. ޞުލްޙަމަޞްލަޙަތާއި އަމަންއަމާންކަމުގައި އަޅުގަނޑުމެންގެ ދިވެހިރާއްޖެ ތަރައްޤީވަމުން ދިޔުމުގެ މަގު އެކަލާނގެ އަޅުގަނޑުމެންނަށް ފަހިކޮށްދެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.