بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّـلام علٰـى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وأصحـابه أجمعـين.

އާދެ! މިރޭގެ މިބަރަކާތްތެރި ވަގުތު، މަސްޖިދު މަންޙަޖިލްހުދާ ހުޅުވައިދިނުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް. އާދެ، މި މިސްކިތަކީ، ދެންމެ މިތާނގައި ވާހަކަދެއްކެވި ބޭފުޅަކު އެ ވިދާޅުވިފަދައިން، މަންޙަޖިލްހުދާއިން ހިންގާ މަދަރުސާގައި ގިނަ ޢަދަދެއްގެ ކުދިން ޤުރްއާން ކިޔަވަމުންގެންދާތީ، އެބޭފުޅުން ގަސްދުކުރެއްވީ މިސްކިތެއް ޢިމާރާތް ކުރެއްވުމަށް. މި މިސްކިތް ޢިމާރާތްކުރެއްވީ އެޖަމާޢަތުގެ މަސްއޫލުވެރިޔާ. އާދެ އަލްފާޟިލް މުޙައްމަދު ވަސީމް. ފުވައްމުލަކު ވަސީމީގޭ މުޙައްމަދު ވަސީމް. އެހެންކަމުން، މިފަދަ މަތިވެރި ޢަމަލެއް ކުރެއްވިކަމަށްޓަކައި، އާދެ، މިސްކިތެއް ބިނާކޮށްދެއްވައި އަދި އެ މިސްކިތް ސަރުކާރަށް ހަދިޔާކުރައްވައި، އެ މިސްކިތުގައި ފުވައްމުލަކުގެ ރައްޔިތުން ނަމާދުކުރެވޭގޮތް ހަމަޖައްސަވައިދެއްވީތީ، އަލްފާޟިލް މުޙައްމަދު ވަސީމަށް އަޅުގަނޑުގެ އަމިއްލަ ނަމުގަޔާއި، ފުވައްމުލަކުގެ ރައްޔިތުންގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރުދަންނަވަން.

އާދެ، މިސްކިތެއް ބިނާކުރުމަކީ، މާތްވެގެންވާ އިސްލާމްދީނުގައި ވަރަށް މަތީ މަޤާމެއް ދެއްވާފައިވާ ކަމެއް. މިސްކިތަކީ އެތާނގައި ފަރުޟު ފަސް ނަމާދު ޤާއިމުކުރުމަށާއި، އެހެނިހެން ނަމާދުތައް ޤާއިމުކުރުމަށާއި، އަދި މާތްﷲ އަށް ޒިކުރުކޮށް ތަޞްބީހަ ކިޔުމަށާއި، އެކަލާނގެއަށް އިސްތިޣުފާރު ކުރުމަށާއި، ކީރިތި ޤުރްއާން ކިޔެވުމަށާއި، މިފަދަ ދީނީ މުހިންމު ކަންތައްތަކެއް އަދާކުރަން އުފެދޭ ތަނެއް. ނުވަތަ މަރުކަޒެއް.

ދެންމެ އަޅުގަނޑުމެންނަށް އިވިގެން އެދިޔަ ކީރިތި ޤުރްއާނުގެ އާޔަތްތަކުގައި މާތްﷲ ވަޙީކުރައްވާފައިވާގޮތުގައި، މިސްކިތްތަކަކީ، މާތްﷲ އެތަންތަން އުފުލުމަށް އިޒުނަދެއްވާފައިވާ ގެތަކެއް. އާދެ، މާނައަކީ އެތަންތަން ޢިމާރާތްކޮށް، ރަނގަޅު ފެންވަރަކަށް ހެދުމަށް މާތްﷲ ހުއްދަދެއްވާފައިވާ ޢިމާރާތްތަކެކޭ މިސްކިތްތަކަކީ. އަދި އެ މިސްކިތްތަކުގައި މާތްﷲ އިޒުނަދެއްވާފައިވެއޭ، ﷲއަށް ޒިކުރުކުރުން، އަދި އެކަލާނގެއަށް ތަޞްބީޙަކިޔެވުން. މާނައަކީ، ނަމާދު ޤާއިމުކުރުމާއި އަދި މާތްﷲ ހަނދުމަކޮށް، އެކަލާނގެއަށް ޒިކުރުކުރުމާއި، ތަޞްބީޙަކިޔުމާއި، ދުޢާކުރުމާ، މިފަދަ ކަންތައްތައް. ހަމައެހެންމެ އެ އާޔަތުގައި އެ އަންގަވަނީ، މިފަދަ މިސްކިތްތަކުގައި ވަރަށް ގިނަ މީހުން ހެނދުނާއި ހަވީރު اللّـه سبحـانـه وتعـالٰى ގެ ޙަޟްރަތަށް ތަޞްބީޙަ ކިޔައިހަދައޭ. އާދެ، ނަމާދު ޤާއިމުކޮށް، ފަތިސްނަމާދާއި، މެންދުރުނަމާދާއި، ޢަޞުރުނަމާދާއި، މަޣުރިބުނަމާދާއި، ޢިޝާނަމާދާ، މި ނަމާދުތައް ޤާއިމުކޮށް އަދި އެނޫންވެސް ސުންނަތް ނަމާދުތައް ޤާއިމުކުރާ ތަނެކޭ. އެމީހުންނަކީ އެއްވެސް ވިޔަފާރިއެއް ނުވަތަ ގަނެވިއްކުމެއް އެމީހުން ނަމާދު ޤާއިމުކުރުމަކަށް ނުވަތަ ޒަކާތްދިނުމަކަށް ހުރަހެއްއަޅާ ބައެއްނޫނޭ. މާތްﷲ ހަނދުމަކުރުމަކަށް، އަދި ނަމާދު ޤާއިމުކުރުމަކަށް، އަދި ޒަކާތްދިނުމަކަށް އެމީހުންނަށް ހުރަސްއަޅާނެ އެއްވެސް ކަމެއްނެތޭ. އެފަދަ އިޚްލާޞްތެރި އަޅުވެރި ބައެކޭ. އެބައިމީހުންނަށް މާތްﷲ ދެއްވާ ޘަވާބުގެ ވާހަކަވެސް ދެންއޮތް އާޔަތުގައި އަންގަވާފައިވޭ. އެއީ އެބައިމީހުން އެކުރި އެންމެ ހެޔޮ ޢަމަލުގެ ޖަޒާ އެކަލާނގެ ދެއްވުމަށްޓަކައޭ. އަދި އެކަލާނގެ ފަޟްލުވަންތަވެރިކަމުން އިތުރުކޮށްދެއްވުމަށްޓަކައޭ. އެމީހުންކުރާ ޢަމަލުގެ ޖަޒާގެ އިތުރަށް، މާތްﷲގެ ފަޟްލުވަންތަވެރިކަމުން އިތުރު ޘަވާބާއި ދަރުމަ ދެއްވާނެއޭ. މާތްﷲއަކީ އެކަލާނގެ އިރާދަކުރައްވާ ކޮންމެ ފަރާތަކަށް ތަނަވަސް ރިޒްޤު ދެއްވާ މާތްރަސްކަލާނގެއޭ. އެހެންވީމާ، މިސްކިތަކީ މިފަދަ މާތް ތަނެއް. މިފަދަ މާތް ތަންތަން އުފެއްދުމަކީ ވަރަށް ޘަވާބުހުރިކަމެއް.

އަޅުގަނޑު އެދެނީ اللّـه سبحـانـه وتعـالٰى، އަލްފާޟިލް މުޙައްމަދު ވަސީމް އެކުރެއްވި މަތިވެރި ޚިދުމަތް އާދެ، އެ ބިނާކުރެއްވި މިސްކިތް ޤަބޫލުކުރައްވައި، އޭނާއަށް ދެ ދުނިޔޭގައިވެސް ބާއްޖަވެރިކަމާއި ޢާފިޔަތު ދެއްވުން. އަދި މި މިސްކިތުގައި ނަމާދުކުރުމަށް ފުވައްމުލަކުގެ ރައްޔިތުންނަށް އަޅުގަނޑު ގޮވާލަން. މިސްކިތްތައް ޢިމާރާތް ކުރެވެނީ ނަމާދުކުރުމަށް. އެންމެ މުހިންމު މަޤްޞަދަކީ އެއީ. އެހެންވީމާ، މި މިސްކިތުގެ ފުރިހަމަ ބޭނުން މިރަށުގެ ރައްޔިތުން ކުރެއްވުމަކީ، އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް.

އާދެ، އަދިވެސް އެއްފަހަރު މުޙައްމަދު ވަސީމަށް ޝުކުރު ދަންނަވަމުން، އޭނާއަށް ފުރިހަމަ ޞިއްޙަތާއި ޢާފިޔަތު ދެއްވުން އެދި، އަދި ޘަވާބާއި ދަރުމަޔާއި ރަޙްމަތްލެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދަންނަވަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން.

والسّلام عليكم ورحمـة اللّـه وبركاته.